އެސްޓަން ވިލާ އާއި އާޖެންޓީނާގެ ގޯލު ކީޕަރު އެމީ މާޓިނޭޒް

ފުޓްބޯޅަ

ވޯލްޑް ކަޕްގައި ހުތުރުކޮށް އުޅުނު މާޓިނޭޒަށް ލަނޑު ލިބިއްޖެ

އެސްޓަން ވިލާ ކޮޅަށް އިއްޔެ އާސެނަލްއިން ހަތަރު ވަނަ ލަނޑު ޖެހީ ކޯނަރަކަށް މާޓިނޭޒް ކުރިއަށް އަރާ، އާސެނަލްގެ ގޯލު އޭރިޔާ ތެރޭގައި ހުއްޓާ
19 ފެބްރުއަރީ 2023

ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ އެވޯޑް ހިފައިގެން ހުރެ ހުތުރު ގޮތަކަށް އުޅުނު އާޖެންޓީނާގެ ގޯލުކީޕަރު އެމީ މާޓިނޭޒްއަށް ރޭ، އާސެނަލްގެ މެޗުގައި ލަނޑެއް ލިބިއްޖެ އެވެ.

އެސްޓަން ވިލާ އާއި އާސެނަލް 2-2 އިން އެއްވަރުވެފައި އޮއްވާ އާސެނަލް މޮޅުކޮށްދިން ލަނޑު ވަނީ އާދަޔާ ހިލާފު ގޮތަކަށް މާޓިނޭޒްގެ ބޮލުގައި ޖެހިފަ އެވެ. އޭރިޔާގެ ބޭރުން އާސެނަލްގެ ޖޯޖީނިއޯ ފޮނުވާލި ބާރު ބޯޅަ މަތަކުރަން އޭނާ ޑައިވްއެއް ޖެހި އެވެ. ބޯޅަ ގޮސް ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތެވެ. އެ ބޯޅައިގެ އަމާޒަކަށް ވީ ވެއްޓިފައި އޮތް މާޓިނޭޒްގެ ބޮލުގެ ފުއްކިބަ އެވެ. ބޮލުގައި ޖެހިފައި ވަނީ ގޯލަށެވެ.

އެއީ މެޗުގެ އިތުރު ވަގުތެވެ. ދެން އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ވިލާއަށް ލިބުނު ކޯނަރަކަށް މާޓިނޭޒް ގޮސް ހުރީ އާސެނަލްގެ ގޯލު އޭރިޔާ ތެރޭގަ އެވެ. އެ ކޯނަރު ދިފާއުކޮށް، މެދުތެރެއިން ފެބިއޯ ވިއެރާއަށް ލިބުނު ބޯޅަ، ހުސްކޮށްލާފައި ދިނީ ގެބްރީލް މާޓިނެއްލީއަށެވެ. ހަލުއި ކުޅުންތެރިޔާ އެކަނިމާއެކަނި ގޮސް، ހުސްކޮށް އޮތް ގޯލަށް ވައްދާލި އެވެ.

މެޗަށް ފަހު ވިލާގެ ކޯޗު އުނާއީ އެމިރީ ވަނީ މާޓިނޭޒަށް ފިލާވަޅެއް ލިބޭނެ ގޮތަކަށް ވާހަކަ ދައްކައިފަ އެވެ. ފުރަތަމަ އޭނާ ބުނީ ކޯނަރަށް ކުރިއަށް އަރަން މާޓިނޭޒަށް އިރުޝާދު ދީފައިނުވާނެ ކަމަށެވެ. އެގޮތަށް ކީޕަރު ކަންތައް ކުރީ އަމިއްލައަށް ކަމަށް ވެސް ބުންޏެވެ.

"އެ ލަނޑުން އަހަރެން ވަރަށް ލަދުގެންފި،" އެމިރީ ބުންޏެވެ.

"އެއީ އޭނާގެ އަމިއްލަ ނިންމުމެއް. މިހާރު [އޭގެ ނަތީޖާ] އޭނާއަށް އެނގޭނެ."

ވޯލްޑް ކަޕްގައި މާޓިނޭޒަށް ދެ ސަބަބާ ހުރެ އެތައް ބައެއްގެ ފާޑުކިއުމާއި ހިތްހަމަނުޖެހުން އަމާޒުވި އެވެ. ފުރަތަމަ ކަމަކީ 3-3 އިން އެއްވަރުވި ފައިނަލް މެޗު ޕެނެލްޓީ ޖަހައިގެން އާޖެންޓީނާ ކާމިޔާބުކޮށް، އެންމެ މޮޅު ކީޕަރުގެ އެވޯޑާ ހަވާލުވެ، އޭނާ ޖެއްސި ހުތުރު ވައްތަރެވެ. ދެވަނަ ސަބަބަކީ މުބާރާތުގެ ތެރޭގަ އާއި މުބާރާތުގެ ފަހުން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއާ މާ ބޮޑަށް ޖައްސާލައިގެން އުޅުމެވެ.

ވޯލްޑް ކަޕް ތައްޓާ އެކު އާޖެންޓީނާއަށް ގޮސް އޮތް ބަސް ބުރުގައި މާޓިނޭޒް ހިފަހައްޓާލައިގެން ހުރީ އެމްބާޕޭގެ ސިފައަށް ހަދާފައި އޮތް ކުޑަކުއްޖެއްގެ ބުދެކެވެ. ބޭނުމަކީ އެމްބާޕޭއަކީ ކުޑަކުޑަ ކުއްޖެއްކަން ދައްކާލުމެވެ.

ފައިނަލް މެޗުގައި އެމްބާޕޭ ވަނީ މާޓިނޭޒްގެ ގޯލަށް ތިން ލަނޑު ޖަހައި، 1966ގެ ފަހުން ވޯލްޑް ކަޕްގެ ފައިނަލެއްގައި ހެދި ފުރަތަމަ ހެޓްރިކް ކާމިޔާބުކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް