
ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ރެހެންދި ސްކޫލްގެ ޓީމު ތައްޓާ އެކު އުފާ ފާޅުކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ރެހެންދި ސްކޫލްގެ އުފާވެރި ވަގުތުކޮޅު
ފުޓްބޯޅައިގެ ތަފާތު މާހައުލެކެވެ. ރާއްޖޭގެ އެންމެ މަތީ ލީގާއި އެންމެ މަތީ ފުޓްބޯޅަ މުބާރާތްތަކުގެ ފޯރިއެއް ނެތް އިރު، ރޭ ގަލޮޅު ދަނޑުގައި، ކަލާފާނު ސްކޫލް އާއި ހުޅުމާލޭ ރެހެންދި ސްކޫލްގެ ވާދަކުރުން ނިމުނީ، ފުޓްބޯޅައިގެ ކުރީގެ ފޯރި ނެރެދީފަ އެވެ.
މިއީ އެފްއޭއެމްއިން ބާއްވާ ސްކޫލްތަކުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗެވެ. ގަލޮޅު ސްޓޭޑިއަމްގެ އުތުރު ގޮނޑި ބަރި އޮތީ ކަލާފާނުގެ ފެހި ޔުނީފޯމްގެ ދަރިވަރުންނާއި ބެލެނިވެރިން ވަދެ، ފުރާލައިފަ އެވެ. ދެކުނު ކޮޅު ސިޑިބަރީގައި، ރެހެންދި ސްކޫލްގެ މަޑު ނޫ ކުލައިގެ ޔުނީފޯމްގައި ތިބި ދަރިވަރުންނާއި ބެލެނިވެރިންނެވެ.
މަޖީދީ މަގަށް ވާ ގޮތަށް ހުރި ސިޑިބަރި އާއި ގަލޮޅު ސަހަރާއާ ދިމާލަށް ހުންނަ ސިޑި ބަރީގައި އާންމުންގެ އެތައް ބަޔަކު ވެސް، ހުނަރުވެރި ދެ ޓީމުގެ ގޮތްދޫނުކުރުމުގެ ވާދައަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ.


ދަރިވަރުންގެ ހަޅޭއްކާއި ހިތްވަރުދިނުމުގެ ގޮވުންތަކުން ދަނޑު އޮތީ ގުގުމައިފަ އެވެ. ފޯރިގަދަ ވަގުތުތަކުގައި، އެ އަޑުތަކުން ރެފްރީގެ ކަށިގަނޑުގެ އަޑު ވެސް އިވޭވަރެއް ނޫނެވެ. ދަނޑު ބޭރުގައި އެހާ ފޯރި އެރުވި އިރު، ދަނޑު މަތީގައި ދެ ޓީމުގެ ހުނަރުވެރި ކުޅުންތެރިން، ދޭތެރެ ދޭތެރެއިން ވަރަށް ހިތްގައިމު ކުޅުން ކުޅެލި އެވެ.

މިއީ ވަރަށް ވާދަވެރި، ދާދި އެއްހަމައެއްގެ ކުޅުން ފެނުނު މެޗެކެވެ. އަދި މިއީ ގްރޫޕް ސްޓޭޖްގައި 5-2 އިން ރެހެންދި އަތުން ބަލިވި ކަލާފާނު ސްކޫލުން ދެއްކި ކުރިއެރުމެއް ވެސް މެ އެވެ. ރެހެންދި ޓީމުގެ ހުރިހާ ދިމާލަކުން ވެސް ތަފާތު ކުޅުންތެރިންތަކެއް ފެނުނު އިރު، އެ ކުޅުންތެރިން މައިތިރިކުރަން ކަލާފާނު ޓީމު ކުޅުނީ، ފައިނަލުން ޖާގަ ހޯދުމަކީ ހައްގު މަގާމެއްކަން ސާބިތުވާ ވަރަށެވެ. ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެފައި އޮއްވަ އެވެ.

ހާފެއްގައި 35 މިނިޓް ހިމެނޭ މި މެޗުގެ ދެ ވަނަ ހާފުގެ ބޮޑު ބައިގައި ރެހެންދި މެޗު ކޮންޓްރޯލްކުރި އެވެ. އޭގެ ނަތީޖާއަކީ 41 ވަނަ މިނިޓްގައި އަބްދުލް އައްވަލު މައުރޫފްގެ ރީތި ލަނޑުން ކުރި އަތުލުމެވެ. މިއީ ރެހެންދީގެ އެންމެ އުފާވެރި އެއް ވަގުތުކޮޅެވެ.
އެކަމަކު އެހާ ހިސާބުން ވެސް ކަލާފާނުގެ ހިތްވަރެއް ނޭލެ އެވެ. ފަހު 10 މިނިޓްގައި، ކަލާފާނު ކުޅުންތެރިން ވަރަށް ނުރައްކާކުރި އެވެ. ފޮނުވާލި ބޯޅަތައް ރެހެންދީގެ ގޯލަށް ނުވަދެ ދިޔައީ، ކިރިޔަކިރިޔާ ބޭރަށް ގޮސްގެންނާއި ދަނޑީގައި ޖެހިގެންނެވެ. އެ ދިހަ ވަރަކަށް މިނިޓް، ކަލާފާނުގެ ސަޕޯޓަރުންގެ އުއްމީދު އާކޮށްލައި، ހަޅޭއްކުގެ އަޑު ގަދަވި އެވެ. އަދި ކަލާފާނުގެ ނާކާމިޔާބު ކޮންމެ ބޯޅައަކާ އެކު ރެހެންދީގެ ދަރިވަރުން ތިބި ހިސާބުގަނޑު ކެކިގަނެ އެވެ.



ފަހުގެ ނަތީޖާއަކީ 2-1 އިން ރެހެންދި މޮޅުވުމެވެ. މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، ތަށި އުފުލާލުމުގެ ފުރުސަތު ހޯދައިގެންނެވެ. ފުޓްބޯޅާގައި 17 އަހަރުން ދަށުމުގެ އުމުރު ފުރަައިން، ރާއްޖޭގައި އެއަށް ވުރެ މޮޅު ޓީމެއް ނެތްކަން ސާބިތުކޮށްދިނީ އެވެ.



