އިންސްޓަގްރާމްގައި މިހާރު އެންމެ ގިނަ ލައިކް ލިބިފައިވާ މެސީގެ ފޮޓޯ އާއި ކުރިން އެ ރިކޯޑު ދެމެހެއްޓި ބިހުގެ ފޮޓޯ.
ބިސް ތެޅިއްޖެ: އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް މެސީގެ ވޯލްޑް ކަޕް ގެލަރީއަށް
ފުޓުބޯޅައިގައި ލިއޮނެލް މެސީގެ އަތުގައި ނެތް ޝަރަފެއް މަދެވެ. ރިކޯޑަކަށް ފަހު ރިކޯޑެއް މުގުރައިފި އެވެ. އޭނާ އެންމެ ބޭނުންވި ކަމަކީ ވޯލްޑް ކަޕްގެ ތަށި އުފުލައިލުމެވެ. އެކަން ވެސް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ގަތަރު ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާއާ އެކު ފްރާންސްގެ މައްޗަށް ކުރި ހޯދުމަށް ފަހު އޭނާ ކޮށްފި އެވެ. އެ ތަށްޓާ އެކު އޭނާ މުގުރައިލީ ފުޓުބޯޅައިގެ ރިކޯޑުތަކެއް އެކަންޏެއް ނޫނެވެ. އިންސްޓަގްރާމްގައި މިހާރު އެންމެ މަގުބޫލު ނުވަތަ އެންމެ ގިނަ ލައިކްސް ލިބިފައިވަނީ ވެސް، އެ ތަށި އުފުލާލައިގެން ހުރި ފޮޓޯ ހިމެނޭ ގޮތަށް މެސީ ޝާއިއުކުރި ގެލަރީއަށެވެ.
މެސީ އާދީއްތަ ދުވަހުގެ ރޭ އިންސްޓަގްރާމަށް ލާފައިވާ ގެލަރީގެ ކެޕްޝަންގައި އާޖެންޓީނާ ބަހުން ޖަހާފައި އޮތީ "ދުނިޔޭގެ ޗެމްޕިއަނުން" މި ގޮތަށެވެ. އޭގެ ތިރީގައި، އޭނާ އެ ޓްރޮފީ ބޭނުންވެފައި ހުރި މިންވަރާއި އެ ކަމަށް ކުރި ދިގު އިންތިޒާރުގެ ވާހަކަ ބަޔާންކޮށްފައި އޮތެވެ.
މި ހަބަރު ޖެހުމާ ހަމައަށް އެ ޕޯސްޓަށް 63.5 މިލިއަނަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފަ އެވެ. އެއީ އިންސްޓަގްރާމްގެ އައު ރިކޯޑެކެވެ.
އޭގެ ކުރިން، މިއަދާ ހަމައަށް އެ ރެކޯޑު ދަމަހައްޓަމުން އައީ އޮރެންޖު ކުލައިގެ ބިހެއްގެ، ވަރަށް އާދައިގެ ފޮޓޯއަކުންނެވެ.
ކޮން ބިހެއް؟
އެއީ ފަހަތުގައި ބިޔަ ބޮޑު ފޮލޮވަރުންގެ ބޭސްއެއް އޮތް ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތެއް ނުވަތަ ސެލެބްރިޓީއެއް ލީ ފޮޓޯއެއް ވެސް ނޫނެވެ. އެއީ 'ވޯލްޑް_ރެކޯޑް_އެގް' ނަމަކަށް ކިޔާ އެކައުންޓަކުން ޝާއިއުކުރި ޕޯސްޓެކެވެ. އެ އެކައުންޓުގެ ޕޭޖުގައި އިތުރު އެއްވެސް ޕޯސްޓެއް ނެތެވެ. އެއްވެސް މީހަކަށް ފޮލޯ ނުކުރާ އެ އެކައުންޓުގައި 4.8 މިލިއަން ފޮލޮވަރުން އެބަ ތިއްބެވެ. އެއީ ބޮޑު އަދަދެއް ނަމަވެސް، މެސީގެ 404 މިލިއަން ފޮލޮވަރުންނާ އަޅާބަލާއިރު މާ މަދެވެ.
މި ބިހުގެ ފޮޓޯއަށް 56.9 މިލިއަން ލައިކްސް ވަނީ ލިބިފަ އެވެ. ފޮޓޯގައި ހާއްސަ އެއްވެސް ކަމެއް، ސިފައެއް ނެތަސް، މިއަދާ ހަމައަށް އިންސްޓަގްރާމްގައި އެންމެެ ގިނަ ލައިކްސް ލިބުނު ފޮޓޯ އަކީ އެއީ އެވެ. އެ ފޮޓޯ އާއި ފޮޓޯ ލީ އެކައުންޓު އުފެއްދުމުގެ މަގްސަދަކީ ވެސް އެއީ އެވެ.
އެ ފޮޓޯ، 4 ޖެނުއަރީ 2019 ވަނަ ދުވަހު އިންސްޓަގްރާމަށް ލީ ސަބަބު، ކެޕްޝަންގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮވެ އެވެ. އެއީ އެހާތަނަށް އިންސްޓަގްރާމްގެ އެންމެ ގިނަ ލައިކްސް ލިބިފައިވާ ފޮޓޯގެ ރިކޯޑު މުގުރައިލުމެވެ. އޭރު އެ ރިކޯޑު އޮތީ އެމެރިކާގެ އެންމެ މަގުބޫލު އެއް ސެލެބްރިޓީގެ އިތުރުން ވިޔަފާރިވެރިއެއް ކަމަށްވާ ކައިލީ ޖެނާގެ އަތުގަ އެވެ. އެއީ ކައިލީގެ ދަރިފުޅު ސްޓޯމީގެ ފޮޓޯއެކެވެ. އެ ފޮޓޯއިން 18 މިލިއަން ލައިކްސްއާ އެކު ދަމަހައްޓަމުން ދިޔަ ރިކޯޑު، ބިހުގެ ފޮޓޯއިން މުގުރާލައި، އޭގެ ދެގުނަ އިތުރަށް ލައިކްސް ހޯދީ 10 ގަޑިއިރުގެ ތެރޭގަ އެވެ.
މެސީގެ ވޯލްޑް ކަޕް ގެލަރީއަށް އިންސްޓަގްރާމްގެ އެންމެ ގިނަ ލައިކްސް ލިބުނީ، ބިހުގެ ފޮޓޯއިން އެ ރިކޯޑު ދަމަހައްޓަމުން އަންނަތާ ހަތަރު އަހަރު ވާން މަހަކަށް ވުރެ ވެސް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. މިހާރު އެންމެ ގިނަ ލައިކްސް ލިބިފައިވާ ފަސް ޕޯސްޓު ތަރުތީބުވާ ގޮތަކީ:
-
1-
މެސީގެ ވޯލްޑް ކަޕް ގެލަރީ (63.3 މިލިއަން ލައިކްސް)
-
2-
ބިހުގެ ފޮޓޯ (56.9 މިލިއަން ލައިކްސް)
-
3-
ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯސްޓްކުރި، އޭނާ އާއި މެސީ ރާޒުވާ ކުޅެން ތިބި އިޝްތިހާރު (42.1 މިލިއަން ލައިކްސް)
-
4-
މެސީ ވޯލްޑް ކަޕް ތަށްޓާ އެއްކޮށް ނަގާފައިވާ ފޮޓޯއެއް (37 މިލިއަން ލައިކްސް)
-
5-
ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ، އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިންކަން އިއުލާންކުރި ފޮޓޯ (32.6 މިލިއަން ލައިކްސް)
ކޮމެންޓް (1)
މުޙައްމަދު