އިޝްތިހާރު

މަޝްހޫރު ކެއްކުންތެރިޔާ ސޯލްޓް ބައި، ވޯލްޑް ކަޕް ތައްޓާ އެކު ދަނޑުގައި: މި މައްސަލަ ފީފާ އިން އަންނަނީ ބަލަމުން

ސޯލްޓް ބައި: ވޯލްޑް ކަޕް ތަށި އޭނާގެ އަތަށް ލިބުނު ގޮތް ފީފާއިން ބަލަނީ

ފީފާގެ އުސޫލުތައް ބުނާ ގޮތުން ވަރަށް މަދު ބަޔަކަށް ނޫނީ ވޯލްޑް ކަޕްގެ ތަށީގައި އަތްލުމުގެ ފުރުސަތު ނުލިބޭ
24 ޑިސެމްބަރު 2022

މީހަކު ރުޅިއެއް ނާންނާނެ ހެއްޔެވެ؟ ވޯލްޑް ކަޕްގެ ތަށި ހިފައިގެން އެ ހުރީ ސޯލްޓް ބައި އެވެ. އޭނާގެ ރެސްޓޯރެންޓްތައް މަޝްހޫރު ނަމަވެސް އަދި ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ މީހަކަށް ވިޔަސް، ގަތަރު ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު ދަނޑަށް އަރައި، އާޖެންޓީނާގެ ކުޅުންތެރިންގެ އަތުން ތަށި އަތުލައިގެން އެ އުޅުނު ގޮތުން އެތައް ބަޔަކު ރުޅިއަތުވެއްޖެ އެވެ.

މިއީ މީގެ ކުރިން ފެނުނު މަންޒަރެއް ނޫނެވެ. ވޯލްޑް ކަޕްގެ ތަށީގައި އަތް ލުމާއި އެއާ ހަމައަށް ދެވުމުގެ ފުުރުސަތު ލިބެނީ މަދު ބަޔަކަށެވެ. ވަރުގަދަ، އަދި އެހާމެ މޮޅު ފައިނަލް މެޗުގައި ބަލިވި ފްރާންސް ކުޅުންތެރިން ރިހި މެޑެލް ހިފައިގެން ދިޔަ އިރު ވެސް އެ ތަށި ކައިރީގައި ހުއްޓެވެ. އެކަމަކު އޭގައި އަތް ލައި، އެއާ އެކު ފޮޓޯއެއް ނުނަގަ އެވެ. ސަބަބަކީ އެއީ އާޖެންޓީނާ ކުޅުންތެރިންގެ ހައްގަކަށް ވުމާއި އެ ކުޅުންތެރިންގެ ކާމިޔާބީގެ އުފަލުގެ ތެރެއަށް ނުވަނުމެވެ.

މިހާ އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދާ ކަމެއްގައި މަޝްހޫރު ކެއްކުންތެރިޔާ ސޯލްޓް ބައިއަށް، ދަނޑަށް އެރި އަދި ތަށި ހިފައިގެން އުޅެވުނީ ކީއްވެގެން ހެއްޔެވެ؟

ފީފާ އިން ބުނާ ގޮތުގައި އޭނާއަށް ދަނޑަށް އެރުނު ގޮތް އަންނަނީ ތަހުގީގުކުރަމުންނެވެ.

ފީފާގެ ގަވާއިދު ބުނާ ގޮތުން ވޯލްޑް ކަޕް ތަށިގައި އަތްލުމުގެ ފުރުސަތު ލިބޭނީ ވަރަށް މަދު ބަޔަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުބާރާތް ކާމިޔާބުކުރާ ޓީމާއި ފީފާއިގެ އޮފިޝަލުންގެ އިތުރުން ގައުމުތަކުގެ ވެރިންނަށެވެ.

ސޯލްޓް ބައިގެ މައްސަލަ ފެންމަތިވުމުން ފީފާއިން ބުނީ "ލޫސައިލް ސްޓޭޑިއަމްގެ ދަނޑަށް ބައެއް މީހުންނަށް އެރުނު ގޮތް ތަހުގީގު ކުރަމުން އަންނަ" ކަމަށެވެ.

"އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ އެވެ،" ބީބީސީއަށް ފީފާއިން ފޮނުވި ބަޔާނެއްގައި ބުންޏެވެ.

ސޯލްޓް ބައި އަކީ ގެރިމަހުގެ ހާއްސަ ކެއުންތައް އުފެއްދުމުގައި ދުނިޔޭގެ ސަމާލުކަން ހޯދި މީހެކެވެ. އޭނާގެ ރެސްޓޯރެންޓްތައް ދުނިޔޭގެ އެކި ގައުމުތަކުގައި އަންނަނީ ހިންގަމުންނެވެ.

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ އަދި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ލިއޮނެލް މެސީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިން ވެސް އޭނާގެ ރެސްޓޯރެންޓަށް ޒިޔާރަތްކުރި މަންޒަރުތައް ކުރިން ފެނުނެވެ. ނަމަވެސް އާޖެންޓީނާގެ ކާމިޔާބީގެ އުފަލުގެ ތެރޭގައި ސޯލްޓް ބައި ދަނޑަށް އަރާ މެސީއާ އެކު ފުރުސަތު ހޯދަން އުޅުނު ނަމަވެސް މެސީ މާ ބޮޑަށް އަޅައެއް ނުލި އެވެ.

ވޯލްޑް ކަޕްގެ ތެރޭގައި ހާއްސަ މެހެމާނެއްގެ ގޮތުން މެޗުތަކަށް ސޯލްޓް ބައި ހާޒިރުވި އެވެ. އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ސަލާންކުރާ ތަނުގެ ވީޑިއޯއެއް ނޮވެމްބަރު މަހު އޭނާ އާންމުކުރި އެވެ. އޭގެ އިތުރުން ވީއައިޕީގެ ހާއްސަ ގޮނޑިތަކުގައި ތިބި، ބްރެޒިލްގެ ތަރިން ކަމަށްވާ ރޮނާލްޑޯ އާއި ކާފޫ އަދި ރޮބާޓޯ ކާލޯސްއާ އެކު ނެގި ފޮޓޯތައް ވެސް ފެނުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް