
ދެ ވަނަ ހާފުގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ކީލިއަން އެމްބާޕޭ. އިންޓަވަލް ގަޑީގައި ވަރުގަދައަށް ވާހަކަ ދެއްކި
އިންޓަވަލް ގަޑީގައި އެމްބާޕޭ މުޅި ޓީމަށް: "އޮތީ މޮޔައިންގެ ގޮތަށް ކުޅެން ތިބުން ނޫނީ ހުރިހާ ކަމެއް ބަދަލުކޮށްލުން"
ވޯލްޑް ކަޕް ނިމި، އާޖެންޓީނާގެ ސަޕޯޓަރުން އުފާ ފާޅުކުރަމުން އަންނަ އިރު ބަލިވި ފްރާންސްގެ ސަޕޯޓަރުންނަށް ލިބުނު މާޔޫސްކަން ފިލައިދާން އަދި ކައިރި ވެސް ނުވެ އެވެ.
ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ މޮޅު ފައިނަލް މެޗު ކަމަށް ތަޖުރިބާކާރުން ވެސް ގަބޫލުކުރާ އެ މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ 'މެޗު ނިންމާލައިފި' ކަމަށް ޔަގީންވާ ފަދަ މޮޅަށް ކުޅުނެވެ. ނަތީޖާއަކީ އެ ހާފު ނިމުނު އިރު 2-0ގެ ލީޑެއް ނެގުމެވެ.
ފްރާންސްގެ ޗޭންޖިން ރޫމްގައި ކޯޗު ހެސްކިޔާފައި ކަންކަން ބުނެދޭނެކަން އެނގެ އެވެ. ކުޅުންތެރިން ވެސް އެކި ހިޔާލު ފާޅުކުރާނެ އެވެ. އެ ހުރިހާ އަޑެއްގެ ތެރެއިން ވެސް ފާހަގަވީ، ޒުވާން ފޯވަޑް ކީލިއަން އެމްބާޕޭގެ ވާހަކަ އެވެ. އިންޓަވަލް ގަޑީގެ އެ ހާލަތު ފްރާންސްގެ ޓީވީ ޓީއެފް1 އިން ދެއްކި އެވެ. ހުރިހާ ވެސް މީހަކީ ޒުވާން ފޯވަޑެވެ.

"އަހަރެމެން އެނބުރި ދަނޑަށް އަރަން ޖެހިފައި މި އޮތީ. އެއް ގޮތަކީ އަހަރެމެންނަކީ މޮޔައިން ގޮތަށް ކުޅެކުޅެ ތިބުން، ނޫނީ މ މެޗަށް އިތުރު ވަރުގަދަކަމެއް ގެނެސް، މީހަކަށް މީހަކު ނަގައިގެން، ހުރިހާ ކަމެއް ބަދަލުކޮށްލުން،" އެންމެންގެ އަޑަށް ވުރެ ބާރަށް ވާހަކަ ދައްކަމުން އެމްބާޕޭ ބުންޏެވެ.
ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ކެޕްޓަން ހޫގޯ ލޮރިސް އާއި ޑިފެންޑަރު ރަފޭލް ވަރޭންގެ އިތުރުން ކޯޗު ޑިޑިއޭ ޑިޝޯމްޕްގެ އަޑަށް ވުރެ ވެސް އެމްބާޕޭގެ އަޑު ގަދަ އެވެ.
"އޭ އެންމެންނޭ، މިއީ ވޯލްޑް ކަޕް. މިއީ މުޅި ހަޔާތުގެ މެޗު. ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ ހާފުގައި އަހަރެމެން މި ކުރި ކަމަށް ވުރެ ވަކި ގޯސް ކަމެއް ދެނެއް ނުކުރެވޭނެ،" އޭރު އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވޯލްޑް ކަޕް ފައިނަލެއްގެ ފުރަތަމަ ހާފުގައި "އަހަރެމެން މި އޮތީ 2-0 އިން ދަށުގަ" އެވެ.
"އަހަރެމެންނަށް އެނބުރި އާދެވޭނެ. މި ކަހަލަ ކަމެއް އަހަރެމެންނަށް މި ދިމާވަނީ ކޮންމެ ހަތަރަ އަހަރަކުން އެއް ފަހަރު،" އެމްބާޕޭ ބުންޏެވެ.
އޭނާގެ މޮޅު ކުޅުމާ އެކު ފްރާންސް އެނބުރި އަ އެވެ. ދެ ފަހަރަށް އާޖެންޓީނާއާ އެއްވަރުކުރި އެވެ. ފަހަތުން އަރާ 2-2 އަދި 3-3 އިންނެވެ. ފްރާންސް ބަލިވީ ޕެނެލްޓީ ޖަހައިގެން 4-2 އިންނެވެ.
ވޯލްޑް ކަޕްގެ ފައިނަލެއް ހެޓްރިކެއް ހެދި ދެވަނަ ކުޅުންތެރިޔާއަށް އެމްބާޕޭ ވި އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ހޯދި އެވެ.
އެކަމަކު އެ މެޗުގެ މީހަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޕީއެސްޖީގައި އެމްބާޕޭގެ ޕާޓްނަރެވެ.