ވުލްވްސް ކޮޅަށް ދެ ލަނޑު ޖަހައި މާޓިން އޮޑެގާޑް އުފާ ފާޅުކުރަނީ: މި މޮޅާ އެކު އާސެނަލް ވަނީ ފަސް ޕޮއިންޓްގެ ކުރިއެރުމެއް ހޯދާފައި

ފުޓްބޯޅަ

އާސެނަލް، ބަޔާން މިޔުނިކް، ބާސެލޯނާ، ނަޕޯލީ އެކެއްގައި

ވޯލްޑް ކަޕަށް ޔޫރަޕްގެ ހުރިހާ ލީގެއް ވެސް މިއަދު ކުޅޭ މެޗުތަކަށް ފަހު މެދުކަނޑާލާނެ
13 ނޮވެމްބަރު 2022

ވޯލްޑް ކަޕަށް ޔޫރަޕްގެ ލީގުތަކުގެ ކުޅުން މިރެއަށް ފަހު މެދުކަނޑާލާ އިރު އާސެނަލް އާއި ބަޔާން މިޔުނިކާއި ބާސެލޯނާ އަދި ނަޕޯލީ، ބޮޑެތި ލީގުތަކުގެ އެއް ވަނަ ދަމަހައްޓައިފި އެވެ.

ރޭ ވުލްވްސް ކޮޅަށް ކެޕްޓަން މާޓިން އޮޑެގާޑު ޖެހި ދެ ލަނޑުން މޮޅުވެ، ޕްރިމިއަ ލީގުގައި އާސެނަލް ވަނީ ދެ ވަނާގައި އޮތް މެންޗެސްޓަ ސިޓީއަށް ވުރެ ފަސް ޕޮއިންޓްގެ ތަފާތެއް ހޯދައި، 35 ޕޮއިންޓަށް އަރުވައިފަ އެވެ.

ޖަރުމަންގެ ބުންޑަސްލީގާގައި ބަޔާން އެއްވަނާގައި އޮތީ، ދެ ވަނާގައި އޮތް އާރުބީ ލިޕްޒިގްއަށް ވުރެ ހަ ޕޮއިންޓް ތަފާތުކޮށް، 34 ޕޮއިންޓާ އެކުގަ އެވެ.

ސްޕެއިންގެ ލަ ލީގާގައި ޗެމްޕިއަން ރެއާލް މެޑްރިޑާ ވާދަކުރަމުން އަންނަ ބާސެލޯނާ، ވޯލްޑް ކަޕްގެ ކުރިން ވަނީ ދެ ޕޮއިންޓްގެ ތަފާތަކުން ތާވަލްގެ އެއްވަނަ ދަމަހައްޓައިފަ އެވެ. ބާސެލޯނާއަށް 37 ޕޮއިންޓް އަދި ރެއާލްއަށް 35 ޕޮއިންޓެވެ.

އިޓާލިއަން ލީގުގައި ނަޕޯލީ އުޅެނީ ދެވަނާގައި އޮތް ލާޒިއޯ އާއި އޭސީ މިލާނަށް ވުރެ 11 ޕޮއިންޓް ކުރީގަ އެވެ. ނަޕޯލީއަށް 41 ޕޮއިންޓް ލިބުނު އަނެއް ދެ ޓީމުގެ އަދަދަކީ 30 ޕޮއިންޓެވެ.

ދުނިޔޭގެ އެންމެ ބޮޑު ލީގު، އިނގިރޭސި ޕްރިމިއަ ލީގުގައި އިއްޔެ ހައިރާންކުރުވަނިވި ގޮތަކަށް ސިޓީ ވަނީ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން 2-1 އިން ބަލިވެފަ އެވެ. ބްރެންޓްފޯޑްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އިވާން ޓޮނީ އެވެ. މޮޅުވި ލަނޑު އައީ އިތުރު ވަގުތުގެ އަށް ވަނަ މިނިޓްގަ އެވެ.

ފުރަތަމަ ހާފުގައި ބްރެންޓްފޯޑުން ލީޑު ނަގާފައި އޮއްވާ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ސިޓީއަށް އެއްވަރުކޮށްދިނީ ފިލް ފޯޑެން އެވެ.

ސިޓީގެ މި ބައްޔާއި އާސެނަލްގެ މެޗުން ވުލްވްސްގެ މައްޗަށް ހޯދި ކާމިޔާބީއާ އެކު ލީގު މެދު ކަނޑާލި އިރު ލަންޑަންގެ ބޮޑު ކްލަބް ތާވަލްގެ އެއް ވަނާގައި ދެމިއޮތުމަކީ 2007ގެ ފަހުން ކްރިސްމަސްއާ ހަމައަށް ދާ އިރު އެ މަގާމު އަތުލެވުނު ފުރަތަމަ ފަހަރެވެ.

ގަތަރުގައި އޮންނަ ވޯލްޑް ކަޕް ފަށާނީ މި މަހު 20ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް