ސަމްހާ އަހުމަދު، ނޯވޭގެ އޮސްލޯ މެރެތަންގެ ބިބް ނަންބަރު ހިފައިގެން: އޭނާ މިހާރު ހުރީ ވަރަށް ރަނގަޅު ފެންވަރެއްގައި

ސަމްހާ އަހުމަދު

ސަމްހާ، ދިގު ދިގު ދުވުމުގައި ގައުމީ ހަތަރު ރެކޯޑް ހަދައިފި

ހާފު މެރެތަންގެ އިތުރުން އޭނާ ހެދީ 10 ކިލޯމީޓަރު 15 ކިލޯމީޓަރު އަދި 20 ކިލޯމީޓަރުގެ ރެކޯޑް
18 ސެޕްޓެމްބަރު 2022

ރާއްޖޭގެ ކުރީގެ އަންހެން އެއްވަނަ ސްޕްރިންޓް ދުވުންތެރިޔާ އަދި މިހާރު ދިގު ދުވުމަށް ހާއްސަވެގެން ތަމްރީން ހަދަމުން އަންނަ ސަމްހާ އަހުމަދު، ނޯވޭގެ ވެރިރަށް އޮސްލޯގެ މެރެތަންގައި އިއްޔެ ގައުމީ ހަތަރު ރެކޯޑެއް ހަދައިފި އެވެ.

މި ރޭސް ފުރިހަމަކޮށް އަންހެނުން ހާފް މެރެތަން ރެކޯޑް 1 ގަޑި 27 މިނިޓް 25 ސިކުންތުން ހެދި އިރު، މި ދުވުމުގައި އޭނާ 10 ކިލޯމީޓަރާޢި 15 ކިލޯމީޓަރު އަދި 20 ކިލޯމީޓަރުން ވެސް ރާއްޖޭގެ އަންހެނުންގެ ކުރީގެ ރެކޯޑްތައް މުގުރާލި އެވެ.

ހާފް މެރެތަންގައި ސަމްހާ ،40، އާ ރެކޯޑް ހެދީ މި އަހަރުގެ ފެބްރުއަރީ މަހު މަރިޔަމް އަބްދުއްކަރީމް 1 ގަޑި 30 މިނިޓް 51 ސިކުންތުން ހެދި ރެކޯޑް މުގުރާލައިފަ އެވެ. އެއީ ގާތްގަނޑަކަށް ތިން މިނިޓުގެ އަވަސް މިނެވެ.

ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ސަމްހާ އަހުމަދު، އޭނާގެ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)އާ އެކު މާލޭގެ ދުވާ ޓްރެކްގައި. ސަމްހާއަކީ ކުރީގެ އެއްވަނަ ސްޕްރިންޓް ދުވުންތެރިޔާ

ޖަރުމަންގައި ދިރިއުޅެމުން އަންނަ ސަމްހާ އިއްޔެ 10 ކިލޯމީޓަރުގެ ދުވުން 40 މިނިޓަށް ވުރެ އަވަހަށް ނުޖެހުނީ ވެސް ކިރިޔާ އެވެ. އޭނާ 10ކިލޯމީޓަރު ހުރަސް ކުރީ 40 މިނިޓް 39 ސިކުންތުންނެވެ. ދިވެހި އަންހެނުންގެ 15 ކިލޯމީޓަރުގެ އާ ރެކޯޑް ހެދީ 1 ގަޑި 01 މިނިޓް 18 ސިކުންތުން ދުވެ އެވެ. އަދި ހާފު މެރެތަންގެ 21 ކިލޯމީޓަރު ހުރަސްކުރުމުގެ ކުރިން ރާއްޖޭގެ އަންހެނުންގެ 20 ކިލޯމީޓަރުގެ ރެކޯޑް މުގުރާލީ 1 ގަޑި 22 މިނިޓް 40 ސިކުންތުން ދުވެގެންނެވެ.

މަރިޔަމްގެ އަތުގައި ކުރިން އޮތް މި ހުރިހާ ރެކޯޑް އޭނާ ހެދީ 21 ފެބްރުއަރީ 2020 ގައި ޔޫއޭއީގެ ރަސް އަލް ހައިމާ ހާފް މެރެތަން ރޭހުގަ އެވެ. އެފަހަރު މަރިޔަމް ރެކޯޑްތައް ހެދީ 10 ކިލޯމީޓަރު 43 މިނިޓުން، 15 ކިލޯމީޓަރު 1 ގަޑި 05 މިނިޓް 23 ސިކުންތުން، އަދި 20 ކިލޯމީޓަރު 1 ގަޑި 28 މިނިޓް 11 ސިކުތުންނެވެ.

ހާފު މެރެތަންގެ ރެކޯޑް 1 ގަޑި 30 މިނިޓް 51 ސިކުންތުން ނިންމައިގެން އޭނާ ހެދީ ވެސް އެ ރޭޙުގަ އެވެ.

މެރެތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު)ގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ސަމްހާ އަސްލު ތައްޔާރުވަމުން އަންނަނީ މި މަހު އޮންނަ މަޝްހޫރު ބާލިން މެރެތަންއަށެވެ. މިހާރު އެ ހުރި ފެންވަރުން ރާއްޖޭގެ އަންހެނުންގެ މެރެތަން ރެކޯޑް ވެސް އާކުރުން ވަރަށް އެކަށީގެންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް