
އަގުބޮޑުކޮށް ވިކުނު މައިކަލް ޖޯޑަންގެ ޖޯޒީ (ފޮޓޯ/ރޮއިޓާސް)
ބާސްކެޓް ލެޖެންޑު މައިކަލް ޖޯޑަންގެ ޖޯޒީއެއް 10 މިލިއަން ޑޮލަރަށް ވިކިއްޖެ
އެމެރިކާގެ ބާސްކެޓްބޯޅަ ލެޖެންޑު މައިކަލް ޖޯޑަން މީގެ 24 އަހަރު ކުރިން ކުޅުނު މުބާރާތެއްގައި ލީ ޖޯޒީއެއް، 10.1 މިލިޔަން ޑޮލަރަށް ވިކިއްޖެ އެވެ.
ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލާފައިވަނީ 1998 ވަނަ އަހަރުގެ އެންބީއޭ ފައިނަލްސްގެ ފުރަތަމަ މެޗުގައި ޖޯޑަން ލީ ޖޯޒީ އެވެ. މިއީ މިހާތަނަށް ކުޅިވަރުގެ ހަނދާނެއް ވިކުނު އެންމެ ބޮޑު އަގެވެ.
އެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ޖޯޑަންގެ ޝިކާގޯ ބުލްސް، ޔޫޓާ ޖޭޒް އަތުން ބަލިވުމަށް ފަހު ޖެހިގެން އައި ތިން މެޗުން މޮޅުވި އެވެ. އެކަމަކު ދެން ކުޅުނު މެޗު އަނެއްކާވެސް ޔޫޓާ ޖޭޒް ދެ ޕޮއިންޓުން ކާމިޔާބުކުރި އެވެ. ނަމަވެސް ހަވަނަ މެޗުގައި ޖޯޑަން ވަނީ މެޗު ނިމެން އެންމެ 5.2 ސިކުންތަށް ވެފައި ވަނިކޮށް 86-87 އިން ޝިކާގޯ ބުލްސްއަށް ކުރި ހޯދައިދީ އޭނާގެ އެންމެ ފަހު އެންބީއޭ ޓައިޓްލް ކަށަވަރުކޮށްފަ އެވެ.
ޖޯޑަން ފަހަތުން އަރައި ހޯދި އެ ކާމިޔާބީއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބާސްކެޓްބޯޅައިގެ ފޭނުންގެ ތަރުހީބު ލިބިފައިވެ އެވެ.
ނީލަމުގައި ތަކެތި ވިއްކާ ސޮދަބީޒް އިން ބުނިގޮތުގައި ބޮޑު ތަރުހީބެއް ލިބުނު މި ޖާޒީ ގަންނަން 20 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެ މީހުން އެ ޖާޒީ ދުށީ، ތާރީހީ އަގުބޮޑު ތަރިކައެއްގެ ގޮތުގަ އެވެ.

މީގެ ކުރިން އެންމެ ބޮޑު އަގުގައި ވިކިފައިވަނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފުޓުބޯޅަ ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ ލީ ޖޯޒީ އެވެ. އެއީ 9.28 މިލިޔަން ޑޮލަރަށެވެ.
ގިނަ މީހުން ޖޯޑަން ދެކެނީ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭނާގެ ކެރިއަރުގައި ގިނައިން ކުޅެފައިވަނީ ޝިކާގޯ ބުލްސް އަށެވެ. އޭނާ ވަނީ ހަތް ފަހަރު ސްކޯރިން ޓައިޓަލް ހޯދައި، ޖެހިޖެހިގެން ތިން އަހަރު، ޝިކާގޯ ބުލްސްއަށް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
މިހާރު އުމުރުން 59 އަހަރުގެ ޖޯޑަން ބާސްކެޓުން ރިޓަޔާ ކުރީ، ނޯތު ކެރޮލައިނާގައި އޭނާގެ ބައްޕަ މަރާލި ހާދިސާއަށް ފަހު، 2003 ވަނަ އަހަރު އެވެ.