ރޭގެ މެޗުގައި އިންޑިއާއިން ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އިންޑިއާ ފެނުނީ ކުރިން ވެސް ހީކުރި ގޮތަށް މާ ވަރުގަދަކޮށް

އިންޑިއާއަކީ ސައުދީ އާއި ކުވޭތު ވެސް ހިމެނޭ ގްރޫޕުން ކޮލިފައިވާނެ ފަދަ ފެންވަރުގެ ޓީމެއް
4 އޮކްޓޯބަރު 2022

އޭޝިއާގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވާން ސައުދީ އަރަބިއްޔާގައި މިހާރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރޭ ރާއްޖެއަށް އިންޑިއާ ވެސް ފެނުނީ، ކުރިން ހީކުރި ގޮތަށް، މާ ވަރުގަދަކޮށެވެ.

ގްރޫޕް ޑީގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗު، އަދި އިންޑިއާގެ ފުރަތަމަ މެޗުން ސަރަހައްދީ ބޮޑު ބާރު މޮޅުވީ 5-0 އިންނެވެ.

ރާއްޖެ ވަނީ ފުރަތަމަ މެޗުގައި އޭޝިއާގެ ފުޓްބޯޅައިގެ ކުރީގައި އުޅޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުވޭތު އަތުން 6-0 އިން ބަލިވެފަ އެވެ. އެހެންކަމުން ރާއްޖޭގެ ކުޑަކުދިންގެ ޓީމު ކޮޅަށް ދެ މެޗުން މި ވަނީ 11 ލަނޑު ވަދެފަ އެވެ. ފަސް ޓީމު ވާދަކުރާ ގްރޫޕްގައި ރާއްޖެ އޮތީ އެންމެ ފުލުގަ އެވެ.

އިއްޔެ ކުވޭތާއި މިޔަންމާ ބައްދަލުކުރި މެޗުން މިޔަންމާ ބަލިވީ 1-0 އިންނެވެ. ފުރަތަމަ މެޗުގައި މިޔަންމާ އަތުން ސައުދީ ވެސް މޮޅުވީ 6-0 އިންނެވެ. އެކަމަކު ދެ ވަނަ މެޗުގައި މިޔަންމާގެ ޓީމު ދިފާއު ވަރުގަދަކޮށް، ލަނޑު އެ ވަނީ މަދުކޮށްފަ އެވެ.

އިއްޔެ މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ދެ ލަނޑު އަދި ފަހު ހާފުގައި ތިން ލަނޑު ޖެހި އެވެ.

އިންޑިއާއަކީ މި ގްރޫޕުން މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އޮތް ޓީމެކެވެ. ކޮލިފައިން މެޗުތަކަށް އައުމުގެ ކުރިން މެދުއިރުމަތީގެ ގައުމެއް ކަމަށްވާ އޮމާންއާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުން 3-1 އިން މޮޅުވުމަކީ، ގްރޫޕް ޑީގައި ސައުދި އާއި ކުވޭތަށް ވެސް އިންޑިއާ ފަސޭހަ ނުވާނެކަން އެނގޭ ހެއްކެކެވެ.

ރާއްޖޭގެ ޓީމުގެ އޮފިޝަލަކު ބުނީ ރާއްޖެއާ އަޅާބަލާއިރު ހުރިހާ ގޮތަކުން ވެސް އިންޑިއާ މޮޅު ކަމަށެވެ.

"އިންޑިއާ ޓީމު އެކި ފޯމޭޝަނަށް ވަރަށް ރަނގަޅަށް ކުޅޭ، ވަރަށް އެނގިގެން ކުޅެނީ،" އޮފިޝަލް ވިދާޅުވި އެވެ.

"ރާއްޖޭގެ ޓީމަށް އޮތީ އެކަށީގެންވާ ވަރަށް ޕްރެކްޓިސް މެޗު ނުލިބުމުން އުނިވާ ބައި. ދެން އެ ފެންވަރުގެ މެޗުތައް ނުކުޅޭތީ ބިރުގަންނަ ތަންކޮޅު ވެސް އޮވޭ."

އުމުރު ފުރައިގެ މުބާރާތްތަކުގައި ރާއްޖެ އަބަދުވެސް އުޅެނީ ސަރަހައްދީ ފެންވަރުން ވެސް ދަށުގަ އެވެ. މިހާތަަނަށް އެކަމަށް ހޯދުނު އެއްވެސް ހައްލެއް ނެތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް