ބާލިން މެރެތަންގައި ދުވެ ރާއްޖޭގެ ގައުމީ ރެކޯޑް ހެދި ސަމްހާ އަހުމަދު، ރޭހުގެ ބިބް ދައްކާލަނީ.

ސަމްހާ އަހުމަދު

ސަމްހާ އެހެން ލެވެލްްއެއް، ތިން ގަޑިއިރު ބުރޭކް ނުކުރެވުނީ ކިރިޔާ

ބާލިން މެރެތަންގައި ސަމްހާ ގައުމީ ރެކޯޑް ހެދީ 20 މިނިޓަށް ވުރެ އަވަހަށް ދުވެ
25 ސެޕްޓެމްބަރު 2022
1

މުހިންމު ނުކުތާތައް

ކުރީގެ ރެކޯޑް އޮތް މަރީ ވެސް ވަނީ މިއަދުގެ ރޭހުގައި ވަރަށް ބޮޑުތަން އަވަސްކޮށްފައި

މަގުމަތީ ރޭސްތަކުގެ ދިވެހި އަންހެނުންގެ ހުރިހާ ރެކޯޑް މިހާރު އޮތީ ސަމްހާ އަތުގައި

އޭނާއަކީ ކުރިން ރާއްޖެ ދުށް އެންމެ ބާރު ސްޕްރިންޓް ދުވުންތެރިޔާ

ރާއްޖޭގެ ކުރީގެ އެއްވަނަ އަންހެން ސްޕްރިންޓް ދުވުންތެރިޔާ ސަމްހާ އަހުމަދު ދިގު ދުވުމަށް ހާއްސަވެ މިއަދު ބާލިން މެރެތަންގައި ދުވެ، ގައުމީ ރެކޯޑް ބޮޑު ތަނުން މުގުރާލައިފި އެވެ. މި ރޭހުގައި އޭނާ ތިން ގަޑިއިރަށް ވުރެ އަވަހަށް ނުދުވެވުނީ ވެސް ހަމަ ކިރިޔާ އެވެ.

މި މަހު 17 ވަނަ ދުވަހު އޮސްލޯގައި ދުވެ ރާއްޖޭގެ އަންހެނުންގެ ހަތަރު ރެކޯޑް މުގުރާލި ދުވުންތެރިޔާ ބާލިންގައި މެރެތަން ނިންމީ، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، 3 ގަޑި 02 މިނިޓް 41 ސިކުންތުންނެވެ. މިއީ ކުރީގެ ރެކޯޑަށް ވުރެ ގާތްގަނޑަކަށް 20 މިނިޓް އަވަސް މިނެކެވެ.

އެކަމަކު މި ވަގުތު ރަސްމީ ވާނީ އެތުލެޓިކްސް އެސޯސިއޭޝަނުން އެގޮތަށް ނިންމުމުންނެވެ.

ކުރިން ރާއްޖޭގެ އަންހެނުންގެ މެރެތަން ރެކޯޑް އޮތް މަރިޔަމް އަބްދުލް ކަރީމް 2019ގެ ސާފް ގޭމްސްގައި ރެކޯޑް ހެދީ 3:21.54 އިން ދުވެގެންނެވެ.

މިއަދުގެ ރޭހުގައި މަރީ ވެސް ވަނީ ވަރަށް ބޮޑުތަން ކުރިއަށް ޖައްސައިފަ އެވެ. އެގޮތުން އޭނާ ރޭސް ނިންމީ 3 ގަޑި 09 މިނިޓުންނެވެ. މި ވަގުތު ވެސް ރަސްމީ ވާނީ އެސޯސިއޭޝަނުން ނަތީޖާ ނެރުމުންނެވެ.

މަގުމަތީގެ ދިގު ދުވުމުގައި ދިވެހި އަންހެނުންގެ ހުރިހާ ރެކޯޑެއް މިހާރު އޮތީ ސަމްހާ އަތުގަ އެވެ. އެގޮތުން 5 ކިލޯމީޓަރު، 10 ކިލޯމީޓަރު، 15 ކިލޯމީޓަރު، 20،000 ކިލޯމީޓަރު އަދި ހާފް މެރެތަން ހިމެނެ އެވެ.

މީގެ ތެރެއިން 5 ކިލޯމީޓަރު ނޫން އެހެން ހުރިހާ ދުވުމެއްގެ ރެކޯޑް މުގުރާލީ އޮސްލޯގައި މިދިއަ އާދިއްތަ ދުވަހު އެވެ.

ސަމްހާއަކީ 1990ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 2000ގެ އަހަރުތަކުގެ ކުރިކޮޅާ ހަމައަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އެވެ. އަންހެނުންގެ 100 މީޓަރާއި 200 މީޓަރުގެ ރެކޯޑް ވަރަށް ގިނަ ދުވަސް ވަންދެން އޮތީ އޭނާގެ އަތުގަ އެވެ. އޭގެ ތެރެއިން 2001ގެ ވޯލްޑް ޗެމްޕިއަންޝިޕްގައި 12.27 ސިކުންތުން ދުވެގެން ހެދި 100 މީޓަރުގެ ރެކޯޑް އެހެން ދުވުންތެރިޔަކަށް މުގުރާ ލެވުނީ 21 އަހަރު ފަހުން މި އަހަރު އެވެ. 

ކޮމެންޓް (1)

ފާތުން

25 ސެޕްޓެމްބަރު 2022
ޝަމްހާވަރެއް ނެތް! ހިތްވަރުގައަންހެނެއް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް