ފާލަން މަތީގައި އޮމަދޫގެ ބައެއް މީހުން މަސް ބާނަނީ. މިއީ ބަލާލަން ހިތްގައިމު މަންޒަރެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އދ. އަތޮޅު

އޮމަދޫގެ ފާލަންމަތިން ފެނުނު އުފާވެރި މަންޒަރު

އޮމަދޫގެ ދެކުނު ފަރާތުގައި އޮންނަ ފާލަން މައްޗަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު މަސް ބާނަން ދޭ. ދެ ޖިންސުގެ އެކި އުމުރުގެ މީހުން އެ ތަނުގައި މަސް ބާނަން ތިބޭއިރު، ކުޑަކުދިން ފާލަން މަތީގައި ކުޅެން އުޅޭ މަންޒަރު ހިތްގައިމު

އދ. އޮމަދޫ - ކުޑައިރު ރަށުގެ އަތިރިމަތީގައި ނޫނީ ފާލަންމަތީގައި މަސް ބާނަން ގޮސް ތިބޭ ހަނދާން މިއަދު ވަނީ ކިތައް މީހުން ހެއްޔެވެ؟ މިއީ މާޒީގެ ސަފުހާއަކަށް ގިނަ މީހުންނަށް މިހާރު ވީ ނަމަވެސް، މި އުފާވެރިކަމުގައި ބައެއް ދިވެހިން އަދިވެސް އުޅެ އެވެ.

އދ. އޮމަދޫން ކޮންމެ ދުވަހަކު ވެސް މި މަންޒަރު ފެންނާނެ އެވެ. ރަށުގެ ދެކުނު ފަރާތުގައި އޮންނަ ދިގު ފާލަމުގެ ކޮޅުގައި، ދެ ޖިންސުގެ އެކި އުމުރުގެ މީހުން، ހެނދުނާއި ހަވީރު އަދި ރޭގަނޑުގެ އިރާކޮޅުގެ ވަގުތުގައި މަސް ބާނަން ތިބެ އެވެ. ބޮޑެތި މީހުން މަސް ބާނަން ތިބޭއިރު، އެ ފާލަންމަތީގައި، އެ މީހުންގެ ދަރިން ކުޅެން ތިބެ އެވެ. ނޫނީ މަސް ބޭނުމުގައި މަންމަ އާއި ބައްޕައަށް އެހީވެ އެވެ. މޫދުން ފެންނަ މަސްތަކަށް ބަލައި، ހީ ސަކަރާތް ޖަހަ އެވެ.

ފާލަން މަތީގައި ގިނަ ބަޔަކު މަސް ބާނަން ތިބި އިރު، ކައިރީގައި ކުޑަކުދިން ކުޅެން ތިބޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ފާލަން މަތީގައި މަސް ބާނަން ތިބޭ މަންޒަރު ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޮމަދުއަށް ކުރި ދަތުރު ނިންމާލުމުގެ ކުރިން ރަށުތެރެ ބަލާލުމަށް ނުކުމެ އުޅެނިކޮށް ފެނުނު މި މަންޒަރު ވަރަށް ހިތްގައިމުވި އެވެ. މިއީ މިހާރު ރާއްޖޭގެ ރަށަކުން މަދުން ފެންނާނެ ފަދަ އުފާވެރި މަންޒަރެކެވެ.

ރަށުގެ ބަނދަރު ހެދުމުގެ ކުރިން، އަރާފޭބުމަށް ބޭނުން ކުރި އެ ފާލަން ގޮސް ނިމެނީ ކަނޑުއޮޅި ނޫނީ ހޭފަށް ކައިރި އަށެވެ. ވަށައިގެން އޮންނަ ބޮޑު ފަރުމަތިން އެކި ކުލަކުލައިގެ މަސްތައް ހުސްނުވެ އެވެ. ކަނޑުގައި އުޅޭ ލައްޓި ފަދަ މަސްތައް ވެސް، ބައެއް މޫސުންތަކުގައި ފާލަން ކައިރިން ގިނައިން ފެނެ އެވެ. 

އޮމަދޫގެ ފާލަން މަތީގައި، އެ ރަށުގެ ބައެއް މީހުން މަސް ބާނަނީ: އެ ރަށުގެ ގިނަ ބަޔަކު އެ ތަނަށް މަސް ބާނަން ދޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އުމުރުން 50ހަކަށް އަހަރުގެ އައިމިނަތު ނާސިރާ ވެސް، އިއްޔެ ފާލަންކޮޅުގައި މަސް ބާނަން އިނީ، އޭނާގެ ދެ ދަރިންނާއި ފިރިމީހާއާ އެކުގަ އެވެ. ފިރިމީހާ އިރުއިރުކޮޅާ ކޮންމެވެސް ކަހަލަ މަހެއް ބާނައި، ފާލަން މަތީގައި ހުރި ބާލިދީއަކަށް ވައްޓާލަ އެވެ. އެތަނާ މާދުރު ނޫން ހިސާބެއްގައި، އޭނާގެ ޒުވާން އަންހެން ދަރިފުޅު ވެސް އިނީ ނަނު ދޫކޮށްގެންނެވެ. ހަވީރުގެ ފިނި ޖެހިފައިވާ އެ ވަގުތުގައި ބޮޑު ދެ މާކަނާ ވެސް، ފާލަން މަތީގައި އިށީނދެ އިނދެ، މަހަށް ފާރަލަމުން ދިޔަ އެވެ.

ނާސިރާގެ ބުޅީގައި އެންކޮޅު ހަރުކޮށްދޭން، 6 އަހަރުގެ އަންހެން ދަރިފުޅު އޭނާގެ ކައިރީގައި އިށީނދެ އިނެވެ. އިރުކޮޅަކުން ހަމަ އެ އުމުރުގެ ކުދިންތަކެއް އެ ތަނަށް ދިޔުމުން، އެ ކުދިންނާ އެކު، މޫދުގައި އުޅޭ މަސްތައް ބަލަން ކުޑަކުއްޖާ އަވަސްވެގަތެވެ.

އައިމިނަތު ނާސިރާ އޭނާގެ ދަރިފުޅާ އެކު މަސް ބާނަނީ. އާއިލާއާ އެކު ގިނައިން އޭނާ އެ ތަނަށް މަސް ބާނަން ދޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ފާލަން މަތީގައި މަސް ބާނަން ހުރި މީހަކު، އޭނާ ބޭނި އިލިގަނޑު މަހެއް ބާލިދީއަށް ވައްޓާލަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"މިއީ ހާދަ ހިތްހަމަޖެހޭ ކަމެކޭ،" ފާލަން ކޮޅުގައި އިށީނދެ އިދެގެން މަސް ބާނަމުން ދިޔަ ނާސިރާ ބުންޏެވެ.

"ހިތްހަމަޖައްސާލަން ވެސް ނޫނީ ގޭގައި ލައިގެން ކާނޭ އެއްޗެއް ނެތިގެން ވެސް އަޅުގަނޑުމެން އަންނަން މި ތަނަށް މަސް ބާނަން."

ހަފުތާބަންދުގަ އާއި ދަރިން ދުވާލު ސްކޫލު ނިމުމުން، އެ ކުދިން ގޮވައިގެން ނާސިރާ ގަވައިދުން މަސް ބާނަން ދެ އެވެ. އޭނާ ބުނިގޮތުގައި ފާލަން މަތިން ފަސޭހައިން މަސް ގަނެ އެވެ. އެމުގެ ގޮތުގައި އާއްމު ގޮތެއްގައި ބޭނުން ކުރަނީ ބަރަވެއްޔާއި މޮޑެފައިވާ ފުއް ނަމަވެސް އެ މީހުން މިހާރު ރޮށި ފަދަ ތަކެތި ވެސް ބޭނުން ކުރާ ކަމަށް ބުންޏެވެ.

އޮމަދޫގެ ފާލަން މަތީގައި ދެ މީހަކު މަސް ބާނަން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ނަނު ދޫކޮށްގެންނާއި ދޮށިން ވެސް މީހުން މަސް ބާނަ އެވެ. ބައެއް ދުވަސްވަރު ލައްޓި އަދި އާއްމުކޮށް ރަތްމަހާއި ފަނިހަންޖާއި ގިއުޅު ފަދަ މަސްތައް އެ ތަނުން ގިނައިން ބާނަ އެވެ.

އަހަރެމެންނަށް އެ ސަރަހައްދަށް ދެވުނު އިރު، އެކި އުމުރުގެ 15 ވަރަކަށް މީހުން ފާލަން މަތީގައި މަސް ބާނަން ތިއްބެވެ. ބައެއް މީހުން ބޭނި މަސްކޮޅު ބާލިދީއަށް އަޅައިގެން ފާލަމުން ފައިބަމުން ދިޔަ އެވެ.

ރޭގަނޑުގެ ވަގުތުގައި ވެސް އެތަނުގެ މަސްވެރިކަން ރަނގަޅެވެ. އެކަމަކު އެކަމަށް އެންމެ ބޮޑަށް ހުރަސް އަޅަނީ ފާލަން ކައިރިއަށް އަންނަ ބޮޑެތި މިޔަރުތަކެވެ. ފާލަމުގެ މެދުގައި ހުންނަ ވަރުގަދަ ބައްތީގެ އައްޔަށް، ބޮޑެތި މިޔަރާއި މަޑި ގިނައިން އެ ތަނަށް އާދެ އެވެ.

ޒުވާން އަންހެނަކު ފާލަން މަތީގައި މަސް ބާނަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެންމެ ރަނގަޅު ކަމަކަށް ނުވިޔަސް، މިއީ ކުދިވެރިންނަށް ދައްކާލަން ޝައުގުވެރި މަންޒަރަކަށް ވުމުން، ބައެއް މީހުން ކުޑަކުދިން ގޮވައިގެން ވެސް ރޭގަނޑު ފާލަން މައްޗަށް ދެ އެވެ.

އޮމަދޫގައި ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތުމުން، މި ރަށުގެ އެންމެން ވެސް ބަދިގެއިން ނެރޭ، ނުބައިވާ ޒާތުގެ ކުނި އުކާލަނީ ފާލަން ކޮޅަށެވެ.

"އަޅުގަނޑުގެ އަންހެނުން ޑަސްބިން ބަހައްޓާނީ ރޭގަނޑު އުކާލަން ދާން. އޭރުން ކުދިވެރިން ގޮވައިގެން ގޮސް، އެ މީހުންނަށް މިޔަރުތަކާ މަޑިތައް ދައްކާލެވޭނެތީ،" އޮމަދޫގެ މީހަކު ބުންޏެވެ.

"ވަރަށް ގިނަ މީހުން ހަދާނެ އެހެން. ކުދިން ވަރަށް ޝައުގުވެރިވޭ އެ މަންޒަރު ބެލުމަށް."

މީހަކު ބޭނި މަހެއް، އޭނާގެ ދަރިފުޅަށް ދައްކާލަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ހާހެއްހާ މީހުން ދިރިއުޅޭ އޮމަދޫން ކުުރީގައި ރަށްރަށުން ފެންނަ ފަދަ ހިތްގައިމުކަން އަހަރެމެންނަށް ފެނުނެވެ. ފާލަން މަތީގައި މީހުން މަސް ބާނަން އުޅޭއިރު އެ މަންޒަރު ބަލަން ނޫނީ ފިނިކޮށްލަން އުމުރުން ދުވަސްވީ މީހުން އަތިރިމަތީގެ ގަސްތައް ދޮށުގައި ހުރި ޖޯލިތަކުގައި މަޑުކޮށްލައިގެން ތިއްބެވެ. ބައެއް އަންހެނުން ފަންގި ވިންނަން ނޫނީ ރޯނު ވަށަން ވެސް އެތަނުގައި ތިއްބެވެ. ކުޑަކުދިން ގޮނޑުދޮށުގައި ދުވެ ކުޅެން އުޅެ އެވެ. މުޅި ހިސާބަށް ފެތުރިފައިވަނީ އެ ކުދިންގެ ހަޅޭކާއި ހުނުމުގެ އަޑެވެ.

އޮމަދޫގެ އަތިރިމަތީގައި ހުރި ޖޯލިތަކެއްގައި ފިރިހެން ކުދިންތަކެއް އިށީނދެލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
އޮމަދޫގެ ފާލަން މަތިން ބަޔަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

މިއީ ބަލާ ފޫހިނުވާނެ މަންޒަރެކެވެ.

ކޮމެންޓް (2)

މުހައްމަދު

29 މޭ 2022
ކިޔާލަންވެސް ސަޅިވެފަ އުފާވެރިކަން ގެނެސްދޭ
2 0

ނަކަތް

29 މޭ 2022
މޮޅު ލިޔުއްވުމެއް. ހުސެން އަކީ ތިދާއިރާގެ ތަޖުރިބާކާރެއް އަދި ވަރަށް ގިނަ ބައެއްގެ އިތުބާރު ހޯއްދަވައިވާ ބޭފުޅެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް