އޮމަދޫ ހުޅަނގު ފަރާތުގައި ކުނި އަންދަނީ: ރަށުގައި ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ގާއިމްކޮށްދޭން އެދި އާދޭސްކުރޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޮމަދޫގެ ހާލަތު ކިޔައިދެނީ މި އަލިފާންގަނޑާއި އަޅި ފުނިތަކުން

އަޮމަދުއަކީ ސާފުތާހިރު ކަމުން 'ފެހި ފަތް' އެވޯޑް ލިބިފައިވާ ރަށެއް ނަމަވެސް، ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތް

މުހިންމު ނުކުތާތައް

އެއްވެސް ސަރުކާރަކުން ތަރައްގީގެ ބޮޑު މަޝްރޫއުއެއް ހިންގާފައެއް ނުވޭ

ރަށުގެ ފަޅު ފުންކުރަން ސަރުކާރުން ފެށި މަސައްކަތް ނިންމީ ރައްޔިތުން

ތަރައްގީގެ މަޝްރޫއުތައް ނިމެނީ ސަރުކާރުގެ މިނިސްޓްރީތަކާ ހިސާބުން

އދ. އޮމަދޫ- ރަށުގެ އެންމެ ހުޅަނގު ފަރާތަށް ނުދެވެނީސް، މަގުގެ ކޮޅުން ފެންނަން ފެށީ ބޮޑު ދުންގަނޑެކެވެ. ރަށުގެ ރީތި އަތިރިމައްޗަށް ދެވެން އޮތީ އެ ދުންގަނޑު ހުރަސްކޮށްފައި ކަމުން އެނބުރި ދާކަށް ބޭނުމެއް ނުވި އެވެ. އެކަމަކު އެހާ ހަމައަށް ދިޔުމުން، އަތިރި މަތި ބަލައިލުމަށް ވުރެ ޝައުގުވެރިކަން ބޮޑުވީ، އެ ދުން އަރަނީ ކޮން ތަނަކުންތޯ އާއި ކީއްވެތޯ އޮޅުންފިލުވާށެވެ.

އެ ސަރަހައްދަށް ދެވުނު އިރު، ދެތިން އަންހެނަކު ވަޅުގަނޑަކަށް ކުނިތަކެއް އަޅައިގެން ރޯކުރާތަން ފެނުނެވެ. ބިންމަތީގައި ސިމެންތިން ހަދާފައިވާ ބޮޑު އެ ވަޅުގަނޑުގައި އަނދަމުން ދިޔަ ކުނިތައް، ދިގު ދަނޑިއަކުން އަންހެނަކު ހާވައި، އަންދަމުން ދިޔައިރު، އޭނާއާ މާ ދުރު ނޫން ހިސާބެއްގައި، ގޮނޑުދޮށުގައި ދެ ކުއްޖަކު ކުޅެން ތިއްބެވެ.

އޮމަދޫ ހުޅަނގު ފަރާތުގައި ކުނި އަންދާއިރު، ދުން އަރަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެތަނުގައި އިތުރު އެހެން ކުންޏެއް ނެތެވެ. ދެތިން އަންހެނުން އަންދަން ފެށި ކުނިތައް ގާތްގަނޑަކަށް ހުލިވާން ފެށިއިރު، ކައިރިން ފެންނަން ހުރީ ބޮޑު އަޅި ފުންޏެކެވެ. އެތައް އަހަރެއް ވަންދެން މި އަޅިތައް އެތަނަށް އެއްކޮށްފައި ހުރުމުން، އުފެދިފައިވާ އަޅީގެ 'ފަރުބަދަ'މަތީގައި ހުރީ ބޯކޮށް ގަސް ވެސް ހެދިފަ އެވެ. 

އެތަނުގައި ހިނގަމުން ދިޔަ ކަންކަން ކިޔައިދިނީ، އައިޝަތު މޫސާ، 65، އެވެ. އޭނާ ބުނާ ގޮތުން އޮމަދޫގައި ކުނި އަޅާނެ ގޮނޑެއް ނެތެވެ. ވަކި އުސޫލެއްގެ ތެރެއިން، ކޮންމެ މީހަކު ވެސް، އެ މީހެއްގެ ގޭގެ ކުނި އެ ސަރަހައްދަށް ގެންގޮސް  ވަޅުގަނޑަށް އަޅާލުމަށް ފަހު އަންދާލަނީ އެވެ. ކުނި އުކާލަން ހަފުތާގެ ވަކި ދުވަސްތަކެއް ކަނޑައަޅާފައި އޮންނައިރު، އެ ދުވަސްތަކެއްގައި އެތަނުގެ އަލިފާންގަނޑެއް ނުނިވޭނެ އެވެ. ކޮންމެ މީހަކު ވެސް އަނބުރާ ގެއަށް ދަނީ ގެއިން ގެންނަ ކުނިތައް އަނދަވަޅުގައި އަންދާ ހުލިކޮށް، އަޅިއަށް ހެދުމަށް ފަހު އެވެ.

އޮމަދޫގައި ބަޔަކު ކުނި އަންދަނީ: ކުނި ނައްތާލާނެ ރަނގަޅު ވަސީލާތްތަކެއް އެ ރަށުގައި ނެތް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

މިއީ އޮމަދޫގައި ކުނި ނައްތާލާ ގޮތެވެ. އެކަމަކު ސާފުތާހިރުކަމުން، 1999ގައި ތިމާވެށީގެ 'ފެހި ފަތް' ލިބިފައިވާ އޮމަދޫ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ އެމީހުންނަށް ހައްގު މިންވަރެއް ނޫނެވެ.

އެ މީހުންގެ ޝަކުވާތައް ގިނަ އެވެ. އެންމެ ބޮޑު ކަމަކަށް، ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށް ގައުމީ ފެންވަރުގެ ބޮޑު އެވޯޑެއް ލިބިފައިވާ ރަށުގެ ކުނި ނައްތާލަން ރަނގަޅު މެކޭނިޒަމްއެއް ގާއިމު ކުރެވިފައި ނެތުމެވެ. ކުނި ނައްތާލުމުގެ ކަންކަން އޮތީ ހަމަ މީގެ 23 އަހަރު ކުރިން ވެސް އޮތް ގޮތަށެވެ.

އަޅުގަނޑުމެންނަކީ އަޑުގަދަ ބައެއް ނޫން. މުޒާހަރާތައްކޮށް، ދެކޮޅުވެރިކަމެއް ނުދައްކަން.

އިބްރާހިމް އާދިލް، އޮމަދޫ ކައުންސިލްގެ ރައީސް

އެކަމަކު ކައިރި ރަށްރަށުގައި ކުނި ނައްތާލާނެ ތަންތަން ގާއިމުކޮށް، އެ ތަންތަނަށް ބޭނުންވާނެ ވެހިކަލްތައް ސަރުކާރުން ހޯދައިދޭތަން އެ މީހުންނަށް ފެނެ އެވެ. ކުނި ރީސައިކަލް ކުރާނެ ގޮތާއި ބަދިގެއިން އުކާލާ ކުނި ދެ ވަނަ ފަހަރަށް ބޭނުންކުރެވޭނެ ގޮތްތައް ސަރުކާރުން ފަހިކޮށްދޭތަން ވެސް ފެނެ އެވެ. އެކަމަކު ސާފުތާހިރުކަމުގެ ރޮނގުން ރާއްޖެއަށް ނަމޫނާ ދައްކައިގެން ލިބުނު 'ފެހި ފަތާ' އެކު އޮމަދުއަށް އައި ކުރިއެރުމެއް ނެތެވެ.

އޮމަދޫގައި ކުނި ނައްތާލާ ސަރަހައްދު: އެ ރަށުގައި ކުނި ނައްތާލަނީ އަންދާލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ކުނިތައް އެންދުމަށް ފަހު ބާކީވާ އަޅިފުނި މަތީގައި ގަސްތައް ހެދިފައި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"ފެހި ފަތް ލިބުނީމައި  ހީކުރީ އަޅުގަނޑުމެންގެ މި މަސައްކަތް ސަރުކާރުން ބަލައިގެންފިއޭ. އެއާ އެކު އަޅުގަނޑުމެން އުއްމީދުކުރީ، ކުނި ނައްތާލުމުގައި މިގޮތުގައި ކުރިއަށް ދިޔުމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ،" އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވި އެވެ.

"އެކަމަކު އާދޭސްކޮށްކޮށް ވެސް އެކަމެއް ނުވި."

އޭނާ ވިދާޅުވި ގޮތުގައި އޮމަދޫގައި ކުނި ނައްތާލަނީ އެންމެ ރައްކާތެރިކޮށެއް ނޫނެވެ. ގެތަކުން ގެންދާ ކުނި، އެ މީހަކު އަމިއްލައަށް އަންދާއިރު، އެ ކުނީގެ ތެރެއިން ހަމައެކަނި ވަކިކުރަނީ ދަގަނޑު ފަދަ ނުއަނދާނެ ތަކެއްޗެވެ. ޕްލާސްޓިކް ތަކެތި ވަކިކުރަން ބޭނުން ވިޔަސް، އެއަށް ހަދާނެ އިތުރު ގޮތެއް ނެތެވެ.

ކުނިތަކުގެ ތެރެއިން ނަގާ ދަގަނޑު ފަދަ ތަކެތި އެއްކޮށް، އެއް ފުންޏަކަށް ޖަހާފައި ހުންނައިރު، ރަށުގެ ރައްޔިތުންނަށް އުނދަގޫވާ ހިސާބަށް ދިއުމުން ހަދާ ގޮތަކީ މާލެ ދާ ކަންނެލި ދޯނިތަކަށް ލައިގެން ތިލަފުއްޓަށް ގެންގޮސް އެ އުކާލުމެވެ. 

އޮމަދޫގެ ފާލަން ކޮޅަށް ޑަސްބިން އުކާލާފައި އަންހެނަކު އެނބުރި ދާއިރު، ކުނި އުކާލަން އިތުރު ބަޔަކު އަންނަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
އޮމަދޫ ފާލަން: ރަށު ރައްޔިތުން ބޭނުންވަނީ ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ބަދިގެއިން ނެރޭ، ކުނިވާ ޒާތުގެ ކުނި ގެންގޮސް އުކާލަނީ، އެ ރަށުގައި އޮންނަ ދިގު ފާލަމުގެ ކޮޅަށެވެ. ރީތި ފަރަކާ ހަމައަށް އޮންނަ އެ ފާލަމުގެ ކޮޅަށް އުކާލާ ކުނިން، ފަރުގެ އެ ސަރަހައްދު އޮންނަނީ ހަލާކުވެފަ އެވެ. އެކަމަކު އާދިލް ވިދާޅުވާ ގޮތުން، ރައްޔިތުންނަށް އެ ނޫން ގޮތެއް ނެތެވެ.

"ކޮންމެ މީހަކު ވެސް އެބަ އަމިއްލައަށް ކުނި މެނޭޖްކުރޭ. އެއީ ދެން ނަސީބެއް،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ބަސް އަހައިގެން، ކިޔަމަންތެރިކަމާ އެކީ އުޅޭތީ ކަންނޭނގެ ސަރުކާރަށް ނުފެންނަނީ

އިބްރާހިމް އާދިލް، އޮމަދޫ ކައުންސިލްގެ ރައީސް

ރައްކާތެރި ގޮތުގައި ކުނި ނައްތާލާނެ ގޮތެއް ހޯދައިދިނުމަށް، ވޭތުވެ ދިޔަ 23 އަހަރު އެތައް ފަހަރަކު ސަރުކާރަށް ވަނީ ހުށަހަޅާފަ އެވެ. ގާތްގަނޑަކަށް 1،100 މީހުންގެ އާބާދީއެއް އޮންނަ މި ރަށަށް ކޮށްދޭން ބުނާ ކޮންމެ މަޝްރޫއެއް ނިމެނީ، އާތިފް ވިދާޅުވި ގޮތުގައި، އެންވަރަމެންޓް މިނިސްޓްރީން ޕްލޭނިން މިނިސްޓްރީއާ ހަމައަށެވެ. އެކަމަކު ވަށައިގެން ހުރި އާބާދީ މަދު ރަށްތަކުގައި ވެސް އެ މަޝްރޫއުތައް ސަރުކާރުން ހިންގަމުން ދާތީ، މި ރަށު ރައްޔިތުންނަށް ލިބެނީ އިތުރު މާޔޫސްކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޮމަދޫގެ ދިގު ފާލަން: ކުނިވާ ޒާތުގެ އެއްޗެހި އުކާލަނީ އެ ފާލަމުގެ ކޮޅަށް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޮމަދޫގައި މިހާރު ކުނި ނައްތާލަނީ ރަށުގެ ދެކޮޅުގައި ހަދާފައި ހުންނަ ބޮޑު ދެ ވަޅުގަނޑުގަ އެވެ. އެ ވަޅުގަނޑު ބެލެހެއްޓުން ހަވާލުކޮށްފައި އޮންނަނީ ކޮންމެ 15 ދުވަހަކުން، ރަށުގެ ކޮންމެވެސް ގެއަކާ އެވެ. ވަޅުގަނޑަށް ކުނި އަޅާތޯ އާއި އެތަނަށް އަޅާ ކުނި އަންދާތޯ، އެ ގެއަކުން ބަލަހައްޓަ އެވެ. ފަނަރަ ދުވަސް ހަމަވުމުން، އެ މަސްއޫލިއްޔަތު ޖެހިގެން ހުންނަ ގެއާ ހަވާލުކުރެ އެވެ.

ހަފުތާގެ ކޮންމެވެސް ތިން ދުވަހެއްގައި ކުނި ނައްތާލާއިރު، ގާޑިޔާ ފަދަ ތަކެތީގައި މީހުން ކުނި ގެންގޮސް އެ ވަޅުގަނޑަށް އަޅައި ކުނިތައް އަންދާލަ އެވެ.

'ބާކީވީ ސިޔާސީ ބާރެއް ނެތުމުން'

އޮމަދޫ ކައުންސިލުން ބުނިގޮތުގައި ސަރުކާރުން ހަމައެކަނި އެ ރަށަށް ގެނެސް ނުދިނީ ކުނި ނައްތާލާ ނިޒާމެއް ނޫނެވެ. މިދިޔަ 23 އަހަރުގެ ތެރޭގައި، އެއްވެސް ސަރުކާރަކުން ތަރައްގީގެ ބޮޑު އެއްވެސް މަޝްރޫއެއް ރަށުގައި ހިންގާފައެއް ނެތެވެ.

ސަރުކާރުން 1999 ގައި ރަށުގެ ބަނދަރު ކޮނެ ދިނުމުން، އެ މަސައްކަތް ނިންމީ ރައްޔިތުން އަމިއްލައަށެވެ. ވިއްސާރަ އާއި ސުނާމީގައި ބަނދަރުގެ ބޮޑު ބައެއް ހަލާކުވި ނަމަވެސް، މިއަދާ ހަމައަށް އެއްވެސް މަރާމާތެއް ކޮށްފައެއް ނެތެވެ. އޮމަދުއަކީ އަތޮޅު ފެންވަރުގައި މޮޅަށް ކުޅިވަރު ކުޅޭ މީހުން ގިނަ ރަށެއް ނަމަވެސް، ރަށުގައި ރަނގަޅު ދަނޑެއް ވެސް ނާޅަ އެވެ.

އޮމަދޫގެ މަގަކުން ބަޔަކު ހިނގާފައި އަންނަނީ: ސަރުކާރުން އެ ރަށް ބާކީކޮށްލާފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކުކުރޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ހުރީ މީގެ އެތައް އަހަރެއް ކުރިން ބޭނުން ކުރަމުން އައި، ހަލާކުވެފައިވާ ދަނޑެކެވެ. މި ސަރުކާރުން އެޅި ފުޓްސަލް ދަނޑު ވެސް، ނުހުޅުވެނީސް ހަލާކުވެއްޖެ އެވެ. މީގެ ތިން އަހަރު ކުރިން އަޅަން ފެށި ނަރުދަމާގެ މަޝްރޫއު އަދިވެސް ނުނިމެ އެވެ. ތަރައްގީގެ މަޝްރޫއުތައް ނިމެނީ، ކައުންސިލުން ދެކޭގޮތުގައި، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއާ ހަމައަށެވެ.

ރަށުގައި މިއިން އެއްވެސް މަޝްރޫއެއް ނުހިނގާ ސަބަބެއް ކަމަށް ކައުންސިލުން ގަބޫލުކުރަނީ، ސިޔާސީ ބާރެއް ނެތުމެވެ. ވެރިންނާ ހަމައަށް އެ ވާހަކަތައް ގެންގޮސްދޭނެ ސިޔާސީ ނުފޫޒެއް ނެތުމެވެ.

އޮމަދުއަށް ނިސްބަތްވާ  މިނިސްޓަރެއް، ސްޓޭޓް މިނިސްޓަރެއް ނޫނީ ސިޔާސީ މަގާމެއްގައި ވެސް މީހަކު ނެތެވެ. އެހެންވެ، ރައްޔިތުންނަށް ހުރި ދަތިތަކާއި އުނދަގޫތައް ސަރުކާރާ ހަމައަށް ގެންދިޔުން ވެފައިވަނީ ގޮންޖެހުމަކަށެވެ. އެއަށް ވުރެ ބޮޑަށް ސަރުކާރުން އެ ރަށާ މެދު އަޅާނުލަނީ، އާދިލްގެ ނަޒަރުގައި، އެ ރަށުގެ މީހުން ކިޔަމަންތެރިވުމުންނެވެ.

"އަޅުގަނޑުމެންނަކީ އަޑުގަދަ ބައެއް ނޫން. މުޒާހަރާތައްކޮށް، ދެކޮޅުވެރިކަމެއް ނުދައްކަން،" އާދިލް ވިދާޅުވި އެވެ.

"މި ރަށުގެ މީހުންނަކީ ވެރިންނަށް ކިިޔަމަންވާ، ބަސްއަހާ ބައެއް." 

ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް، 'ފެހި ފަތާ'އެކު ކައުންސިލްގެ އިދާރާގައި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެއިން ލިބުނު ނަތީޖާ އޭނާ ނެންގެވީ، އިހުގައި މީހުން ބޭނުންކޮށް އުޅޭ މިސާލު ބަހަކުންނެވެ. 'ބަސްނާހާ ކުއްޖާއަށް ލިބޭނީ ހަޑި މުންޑޭ' ބުނެ އުޅުނު ކަމުގައި ވިޔަސް 'މިހާރު ބަސް ނާހާ ކުއްޖާއަށް ލިބެނީ ރީތި މުންޑު' ކަމަށް އާދިލް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބަސް އަހައިގެން، ކިޔަމަންތެރިކަމާ އެކީ އުޅޭތީ ކަންނޭނގެ ސަރުކާރަށް ނުފެންނަނީ،" އޭނާގެ ހިޔާލު ފާޅުކުރެއްވި އެވެ.

އާދިލް ވިދާޅުވީ މަޝްރޫއުތައް ހޯދަން އެދި ބައެއް މިނިސްޓްރީތަކަށް ދިޔުމުން، ސިޔާސީ ގޮތުން ވިސްނުން ހުރި ގޮތް އަހާ ކަމަށެވެ. އެކަމަކު އެއީ ކަން އޮންނަން ޖެހޭ އުސޫލު ކަމަކަށް ކައުންސިލްގެ ރައީސް ގަބޫލެއް ނުކުރައްވަ އެވެ.

އޮމަދޫގެ މަގުމަތީގައި އަންހެނުންތަކެއް ފަންގިވިޔެ، ރޯނު ވަށަން ލީލި ދަމަން އިން އިރު، ރަށުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެ މަގުން ހިނގާފައި އަންނަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
އޮމަދޫގެ މަގެއް: ސާފުތާހިރުކަމުގެ ގޮތުން ނަމޫނާ ރަށެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޭނާ 'ދައުރު'ގެ ނޫސްވެރިންނާ ބައްދަލުކުރެއްވީ ކައުންސިލްގެ އިދާރާގަ އެވެ. އެއީ ރަށު އޮފީސް ހިންގި ޒަމާނުގައި ހުންނަ ފަދަ ދުވަސް ވީ އިމާރާތެކެވެ. ކައުންސިލްގެ ރައީސް އާއި އެހެން މެމްބަރުން ތިއްބަވަނީ 12 ފޫޓު ވެސް ހަމަނުވާ، ކުޑަ ކޮޓަރިއެއްގަ އެވެ.

އެކަމަކު އެތަން އާދިލް ދެއްކެވީ ރަށު ރައްޔިތުންގެ ހުރި ޝަކުވާތަކާއި އުނދަގޫތަކުން ކުޑަ މިސާލެއްގެ ގޮތުގަ އެވެ. 

އޮމަދުއަކީ މަދުން ނޫނީ ނުފެންނަ ފަދަ ސާފުތާހިރު، ރީތި ރަށެކެވެ. މަގުމަތިން ދިމާވާ މީހުން، ހިތްހެޔޮކަމާ އެކު ވާހަކަ ދައްކަ އެވެ. މަގުތައް ސާފުވެފައި، އަތިރިމަތިން ވެސް ކުންޏެއް ފެންނާކަށް ނުހުރެ އެވެ. އެކަމަކު ކުރިން އެންމެ ސާފުތާހިރު ރަށުގެ ގޮތުގައި އެވޯޑުތަކެއް ހޯދި ރަށުގެ ރައްޔިތުން މިހާރު ތިބީ މާޔޫސްވެފަ އެވެ. އެފަދަ އެވޯޑުތަކަށް ވުރެ އެ މީހުން ބޭނުންވަނީ، ސަރުކާރުގެ ސަމާލުކަމާއި ކަންކަން ކުރެވޭނެ މަގެކެވެ.

ކޮމެންޓް (6)

ާއައިޝާ

28 މޭ 2022
ވަށައިގެންވާ ކޮން ރަށްރަށަކަށްބާ ކަންކަން ކޮށްދެނީ ޔަގީނަށްވެސް އަހަރެމެން ރަށަކަށް ތިބުނާ ވަރަކަށް ކަންކަމެއް ނުކޮށްދޭ އެއްވެސް ސަރުކާރަކުން
0 0

އަމަދު

29 މޭ 2022
@ާއައިޝާ މަމިނގިއްޔަ
0 0

ޟަމިރ

28 މޭ 2022
އަތޮލުގެ 3 ވަނަ އެންމެ ގިނަ މިހުން އުލެ ރަސުގެ ހަލަތު
0 0

މޮަޔަސޮރު

28 މޭ 2022
ތަންކޮޅެއް ރަގަޅަށް މައުލޫމާތުދީ : ހުސް ދޮގު ކަންނެލި ދޯނީ ތިލަފުއްޓައްގެންދިޔުން ބޮއްކުރާ އޮޑި ދޯނި ފަހަރު ގައި ގެންގޮސް ދެފަރާތު ތިލަ މައްޗައް ކަނޑައް އެޅުން
0 0

ނަދީމާ

28 މޭ 2022
މި ލިޔުމުންވެސް ދޭހަވޭ އޮމަދޫ މީހުން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ ބަދަލުގައި އެހެން ބަޔަކަށް ކުރިއެރުން ލިބޭތީވެ ހަސަދަވެރިވާކަން. އަދި ކިޔަމަންތެރީއޭ ބުނާއިރު ސަރުކާރުގެ އިދާރާތަކަށް އެންމެ ގިނަ ޝަކުވާ ހުށަހަޅާ ރަށް އޮމަދޫއަކީ. އަމިއްލައަށް އިސްވެ ކަންތައް ކުރުމަށް ވުރެ އެހެން މީހުންގެ ބޮލަށް ކަންތައް ޖަހައި ދެކޮޅުވެރިވުމުގެ ނަތީޖާ ތި ފެންނަނީ. ގިނަ މީހުން އެހާ އަޑި ނުބައިވާނެ
0 2

އޮމަދޫ ސޮރު

28 މޭ 2022
މިހެންވަނީ އަހަރެމެންނަށް ކަންތައްވެސް ކުރެވޭ ގޮތުން. ކެމްޕެއިން ދުވަސްވަރު ވޯޓުހޯދުމަށް މިރަށަށް އަރަން ޖެހެނީ ބޮޑު ލާރިދަބަހެއް ހިފައިގެން ކަމަށްވަނީ. އެންމެފަހުން އިންތިޚާބަށް ފަހު ރައްޔިތުން މަޖިލިސް މެންބަރާއި ބައްދަލު ކުރުމުން "ތިމަންނާ އިންތިޚާބުވީ ތިމީހުން އަތުން ވޯޓު ގަނެގެންނޭ، ކޮއްދޭންޖެހޭ އިތުރުކަމެއް ނޯންނާނޭ" ބުނާކަމަށް ވަނީ. މީ އަދުގެ ޙާލަތު. އިޚްލާޞްތެރި ކަން ހުރި މީހުން މަދީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް