އިއްޔެ ފުލުހުން ނޫސްވެރިންނަށް ދައްކާލި ޕާޓީ ޑްރަގްސްގެ ފޮޓޯތައް: މި ތަކެތި ރާއްޖެ އެތެރެ ކުރަނީ ހީވެސް ނުކުރާހާ ވަގުކޮށް. (ދައުރު ފޮޓޯ)

ޕާޓީ ޑްރަގު: ކޫލެއް ނޫން، އެތައް ފުރާނައެއް ނުރައްކަލަކަށް

މިދިޔަ ތިން އަހަރު ތެރޭ އޯވާޑޯސްގެ 21 މައްސަލައެއް

ޕާޓީ ޑްރަގުގައި ރާއްޖޭގެ ޒުވާނުން ޖެހި، އެކަން ފުޅާވެފައިވާ އޮތްކަން އާންމުންނަށް އެނގުންވީ ހުޅުމާލޭގައި 2017 ވަނަ ސެޕްޓެމްބަރުގައި އެކުވެރިންތަކެއް ބޭއްވި އުފަންދުވަހުގެ ޕާޓީއެއްގައި ދެ ލޯބިވެރިއަކު އޯވާޑޯސްވެގެން މަރުވި ހަބަރުންނެވެ. އޭގެ ފަހުން، ހަތަރު އަހަރު ފާއިތުވީއިރު، އޭގެ ނުރައްކާ މި މުޖުތަމައުގައި އޮތީ ހީނުކުރާހާ ވަރަށް ވަކި ހިއްޕާލާފަ އެވެ.

ފުލުހުންގެ ޑޮކްޓަރު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ޑރ. ހަސަން އުމަރު ވިދާޅުވި ގޮތުގައި ޕާޓީ ޑްރަގުގެ ނުރައްކާތެރިކަން ނޭނގި ތިބެ އެތަށް ޒުވާނުންނެއް ދަނީ އޭގެ ތެރެއަށް ވަންނަމުންނެެވެ. އާންމުންނަށް ނޭގުނަސް އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ޑުރަގު އާންމުވުމާ އެކު އޯވަޑޯޒް ވެގެން ހޮސްޕިޓަލްތަކުގައި ފަރުވާދޭން ޖެހޭ ކޭސްތައް ދަނީ އިތުރުވަމުންނެވެ.

"އޯވާޑޯސް ކޭސްތައް އަޅުގަނޑުމެން ތެރެއަށް އަންނަ މިންވަރު އިތުރުވެގެން އެބަދޭ. އެކަމަކު ހަގީގަތުގައި މީޑީއާގައި ރިޕޯޓު މި ކުރެވެނީ ވަރަށް މަދު މިންވަރެއް. އެއީ މީޑީއާގައި ގިނަފަހަރަށް ރިޕޯޓު މި ކުރަނީ މީހަކު މަރުވެގެން،" އިއްޔެ ފުލުހުން ބޭއްވި މީޑީއާ އިވެންޓްގައި ޕާޓީ ޑްރަގުގެ ނުރައްކަލުގެ ވާހަކަ ފައްޓަވަމުން ޑރ. ހަސަން ވިދާޅުވި އެވެ.

"އެކަމަކު އެއަށްވުރެ މާ ގިނައިން ހޮސްޕިޓަލްތަކަށް އެބަ ގެންދެވޭ އޯވާ ޑޯޒް ވެގެން. ހޮސްޕިޓަލުތަކުގައި ގާތްގަނޑަކަށް ޑެއިލީހެން ކޭސްސަސް ހޭންޑަލް ކުރަން އެބަޖެހޭ އޯވާޑޯޒް ވެގެން. އޯވާޑޯޒް ނޫނީ ކްލޯސް ޓު އޮވާޑޯޒް."

ޕާޓީ ޑްރަގްސް އަކީ، ރާއްޖޭގައި މަސްތުވަތަކެތީގެ ވިޔަފާރީގެ އިތުރު ލެވެލްއަކަށް، އިތުރު ހަރުފަތަކަށް ޖެހިފައިވާ ވިޔަފާރިއެއް.

ސަބް އިންސްޕެކްޓާ އަބްދުﷲ ސިނާން

އޮވާޑޯޒްގެ 21 ކޭސްއެއް؛ ގޮތް ނޭނގި ފުރާނަ ނުރަކަލަކަށް

ފުލުހުންގެ ތަފާސްހިސާބުތަައް ދައްކާ ގޮތުން 2019އިން ފެށިގެން މިހާތަނަށް އައިރު، ޕާޓީ ޑްރަގްސް ބޭނުންކޮށްގެން އޯވާޑޯޒް ވުމުގެ 21 ކޭސްއެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އޯވާޑޯޒް ވަނީ އެމީހަކާ ނުބައްދަލު ވަރަށް ޑުރަގެއް ބޭނުން ކުރުމުންނެވެ. ގޮތް ނޭނގޭ ކެމިކަލްތަކުން ހަދާފައި ހުންނަ މި ޑްރަގު ކޮންމެ ކޮންމެ މީހަކާ ނުގުޅިދާނެ އެވެ. 

ޑރ. ހަސަން ވިދާޅުވީ، "ކުޑަ ކުޑަ މިންވަރަކުންވެސް އޯވާޑޯޒް ވުމުގެ ފުރުސަތު އޮވެ" އެވެ. ގިނަ ފަހަރަށް އޯވާޑޯޒް ވުމުގެ ހާލަތްތައް މެދުވެރިވަނީ އަލަށް ބޭނުން ކުރާ މީހުންނަށެވެ.

"އޭގެ އެއް ކޭސްއް، އެއީ އެ ކޭސްގައި ބޮޑީ ޑިޓެކްޓް ކުރި މިންވަރު މަދުވީމަ ސުވާލު އުފެދުނީ ކީއްވެގެންތޯ އޯވާޑޯޒްވާން ދިމާވީ. އިތުރަށް ބެލިއިރު، ހަގީގަތުގައި ދިމާވާ މައްސަލައަކީ، މޮސްޓް ލައިކްލީ ޕޮސިޓިލިޓީއަކީ އެ ޑްރަގު ފުރަތަމަ ފަހަރަށް ބޭނުން ކުރީ،" އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ފަހަރަށް ބޭނުން ކުރާ މީހާ އޯވާޑޯޒްވުމުގެ އެބަ އާދޭ ގާތްގަނޑަކަށް ނޯމަލް ޔޫސާއެއްގެ 10-20 ޕޮއިންޓް މަދުން ބޭނުން ކުރިޔަސް އޭނާ އޯވާޑޯޒް ވާ ހާލަތް އެބަ އާދޭ."

ޑރ. ހަސަން އުމަރު ޕާޓީ ޑްރަގާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. (ދައުރު ފޮޓޯ)

ގިނަ ފަހަރަށް އާންމު މީހާއަކަށް ނޭނގޭ، ޔަންގް ޖެނެރޭޝަންއަކަށް ނޭނގޭ މީގެ ނުރައްކާތެރިކަމެއް. ނޭނގެ ކިހާ މިންވަރެއްގެ ނުރައްކާތެރި އެއްޗެއް ކަމެއް ތިމަންނަ މި ޓެސްޓް ކުރަނީ، ވަރަށް ކުޑަ ކުޑަ މިންވަރަކުންވެސް މީހާގެ ފުރާނައަށް ނުރައްކާތެރިކަން ހުރި އެއްޗެއްކަން.

ޑރ. ހަސަން އުމަރު

ނޭގި ތިބެ ޒުވާން ޖީލެއް ވެއްޓެން މިދަނީ ނުރައްކާތެރި އަނދަވަޅަކަށެވެ. ޑރ. ހަސަން ދޭ މެސެޖަކީ، އެ އަނދަވަޅަށް ދިވެހި ޒުވާނުން ނުވެއްޓުމެވެެ؛ ޓެސްޓު ކުރަންވެސް އެކަން ނުކުރަމަށެވެ.

"އެހެންވީމަ އަސްލު ހަގީގަތުގައި މިއީ އޭގެ ނުރައްކާތެރިކަން ވަަރަށް ބޮޑު އެއްޗެއް، ވަރަށް ބޮޑު ރިސްކެއް. ޕާޓީ ކުރާއިރު އަދި ހާއްސަކޮށް އަލަށް މީތި ބޭނުން ކުރާއިރު މި ހާަލަތްތައް މި ދިމާވަނީ [އޯވާޑޯޒްވުން]،" ޑރ. ހަސަން ވިދާޅުވި އެވެ.

ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް ޕާޓީ ޑްރަގްސްތަކެއް: މި ތަކެތީގެ އަގު 800ރ. އާއި 2،000ރ.އަށް ދިވެހިން ގަނޭ.

"ގިނަ ފަހަރަށް އާންމު މީހާއަކަށް ނޭނގޭ، ޔަންގް ޖެނެރޭޝަންއަކަށް ނޭނގޭ މީގެ ނުރައްކާތެރިކަމެއް. ނޭނގެ ކިހާ މިންވަރެއްގެ ނުރައްކާތެރި އެއްޗެއް ކަމެއް ތިމަންނަ މި ޓެސްޓް ކުރަނީ، ވަރަށް ކުޑަ ކުޑަ މިންވަރަކުންވެސް މީހާގެ ފުރާނައަށް ނުރައްކާތެރިކަން ހުރި އެއްޗެއްކަން،" ޑރ. ހަސަން ވިދާޅުވި އެވެ.

ޑްރަގުން ދުރު ރާސްތާ އަދި ވަގުތުން ލިބޭ ބައެއް ގެއްލުންތައް:

 • އެ ޑްރަގަށް ދެވިހިފުން ނުވަތަ އެއަށް ބަރޯސާވުން

 • ހަދާން ބަލިވުން

 • ބިރުގަތުން

 • ސިނކުޑި މަސައްކަތް ކުރާ ގޮތަށް ނޭދެވޭ އަސަރު ކުރުން

 • ޕެނިކް އެޓޭކް

 • ކަންކަމާމެދު ކަންބޮޑުވެ މާ ބޮޑަށް ފިކުރުކުރުން

 • ހިތުގެ ވިންދު އަވަސްވުން

 • މެއަށް ނަދުވުން

އެތެރެ ކުރުން އެހާވެސް ވަގު؛ މި ވިޔަފާރި އެހެން ހަރުފަތެއްގައި

ފުލުހުންގެ ސަބް އިންސްޕެކްޓާ އަބްދުﷲ ސިނާން މިކަން ސިފަ ކުރެއްވީ، މިއީ "ޖީލެއް ނެތި ދިޔުން" ކަމަށެވެ. މި ނުރައްކާތެރިކަން މޫލާފައި ވަނީ، ހީވެސް ނުކުރާހާ މަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީ ޑްރަގްސް އަކީ، ރާއްޖޭގައި މަސްތުވަތަކެތީގެ ވިޔަފާރި އިތުރު ލެވެލްއަކަށް، އިތުރު ހަރުފަތަކަށް ޖެހިފައިވާ ވިޔަފާރިއެއް،" ސިނާން ވިދާޅުވި އެވެ.

ސިނާން ޕާޓީ ޑްރަގާ ގުޅޭ ގޮތުން ނޫސްވެރިންނަށް ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެނީ. (ދައުރު ފޮޓޯ)

ސިނާން ވަނީ މި އެއްޗެއް ރާއްޖެއަށް އެތެރެ ކުރާ ގޮތްވެސް ނޫސްވެރިންނަށް އޮޅުންފިލުއްވައި ދެއްވާފަ އެވެ. މިފަދަ ތަކެތި ރާއްކެ ގެންނަނީ ޑާކް ވެބް ނުވަތަ ޓްރޭސް ނުކުރެވޭ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެންނެވެ. ނުވަތަ ބޭރުގައި ހުންނަ އެމީހެއްގެ ވިޔަފާރީގެ ޕާޓްނަރަކު މެދުވެރިކޮށް އޮންލައިންކޮށެވެ. އެއަށްފަހު، އެތަކެތި ޕޯސްޓްގެ ޒަރިއްޔާއިން ފޮނުވަނީ އާދައިގެ ސްކޭން މެޝިންތަކަށް ދެނެ ނުގަނެވޭ ވަރުގަދަ ސެކިއުރިޓީއާއެކު އެވެ.

ބޭރުން ގެންނަ މިތަކެތީގެ ޕެކިންގެ މިސާލެއްވެސް އޭނާ ދެއްކި އެވެ. މޭޒު މަތީގައި ހުރީ ޓޮމާޓޯ ދަނޅު ނުވަތަ މަސްދަނޅު އަޅާފަދަ، ހުސް ހަތަރެސްކަން ކަރުދާސް ފޮއްޓެކެވެ. އެ ބަލައިލުމުން އެތެރެއިން އެއްޗެއް ނުދައްކަ އެވެ. ފޮށިގަނޑުގެ އެއް ފަރާތުން ކާޑު ބޯޑު އެއް ފަރާތް ވިދާލުމުން ދެން ފެނުނީ "ބޭސް ގުޅަ"ތަކެވެ. އެތަކެތި ހުރީ ވަރަށް ރަނގަޅަށް ރަބަރު ޕެކެޓަށް އަޅާ ބަންދުކޮށްފަ އެވެ.

ޕާޓީ ޑްރަގު ރާއްޖެ ގެންނަ ޕެކިންއެއް ސިނާން ދައްކާލަނީ

އާންމު ގޮތެއްގައި މި ވިޔަފާރިން މަދު އެތިކޮޅަކުން ލިބޭ ފައިދާ މަސްތުވަތާކެތީގެ ވިޔަަފާރި އަށްވުރެ ބޮޑެވެ. އެގޮތުން މީގެ ގުޅައެއް އުޅެނީ 800ރ. އާއި 2،000ރ. އާ ދެމެދުގަ އެވެ. ޑިމާންޑްވެސް އެހާ ބޮޑެވެ.

"މަސްތުވާތަކެތީގެ ގްރާމެއް ވިއްކާލުމުން އެ ލިބޭ ޕްރޮފިޓް މާޖިންއަށް ވުރެން މީގެ ގުޅައެއް ވިއްކާލުމުން ފައިދާ އެތައް ގުނައެއް ބޮޑުވޭ. މި ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭ އިންސެންޓިވްއެއް މިއީ އެހާ ސެކިއުރިޓީ ހައިކޮށް ޕޯސްޓުގެ ޒަރީއާއިން ގެއާ ހަމައަށް ފޮނުވައިދިނުމަކީ ވެސް،" ސިނާން ވިދާޅުވި އެވެ.

ރާއްޖެއަށް ޕާޓީ ޑްރަގް ގެންނަ ޕެކިންގެ ނަމޫނާއެއް ދައްކާލަނީ. (ދައުރު ފޮޓޯ)

މި ތަކެތި އިސްތިހާރު ކުރަނީވެސް ހާސްކަން ފިލުވާލަން ބޭނުން ކުރާ ޑްރަގެއްގެ ގޮތުގަ އެވެ. ނަމަވެސް މި ތަކެތި ބޭނުންކުރަން ފެށުމުން ދެން ދިމާވާ މައްސަލަތައް އެހާ ބޮޑެވެ. މިފަދަ ޑުރަގު ވިއްކުމަށް އާންމު ގޮތެއްގައި ޓާގެޓް ކުރަނީ ވަޒީފާގައި އުޅޭ މީހުންނަށް ކަމަށް ސިނާން ވިދާޅުވި އެވެ.

އާންމުކޮށް ރާއްޖޭގައި ބޭނުން ކުރަމުންދާ ޕާޓީ ޑްރަގްސް:

 • މެފްޑްރޯން މިއޯ މިއޯ

 • ކްރިސްޓަލް މެތް

 • ޔަބާ ޕިލް

 • އެކްޓަސީ ޕައުޑާ

 • އެކްޓަސީ ޕިލް

 • އެލްއެސްޑީ ސްޓިކާ

ސައުތް އޭޝިއާ ގައުމުތަކުން ޕާޓީ ޑްރަގްސް ރާއްޖެ ގެންނަނީ ވައިގެ މަގުންނެވެ. ޔޫރަޕްގެ ގައުމުތަކުން މި ތަކެތި ގެންނަނީ ޕޯސްޓުގެ ޒަރިއްޔާއިންނެވެ. އޭގެ ތެރެއިން އަންމުކޮށް މި ތަކެތި ގެންނަ 10 ގައުމަކީ:

 • ބަންގްލަދޭޝް

 • ބެލްޖިއަން 

 • މެލޭޝިއާ

 • ތުރުކީ

 • ގްރީސް

 • ނެތަލޭންޑްސް

 • ނައިޖީރިއާ

 • ޖަރުމަނު

 • އިނގިރޭސީވިލާތް

 • ތައިލެންޑް

ކޮވިޑުގެ ކުރިން ޕޯސްޓުން 15،000 އަށްވުރެ ގިނަ ޕާރިސަލް ރާއްޖެ އެތެރެ ކުރެ އެވެ. މިހާރު އެ އަދަދު ވަނީ 5،000 އަށް އަރާފަ އެވެ. ޕޯސްޓުން މި ގެންނަ ތަކެތި ރަނގަޅަށް ސްކޭން ކުރުމުގެ ވަސީލަތާއި ޖާގަ އިދާރާތަކުގައި ނެތް ކަން ފުލުހުން ފާހަގަ ކުރެ އެވެ. އެހެންވެ ޝައްކުވާ ގައުމުތަކުން ގެންނަ ތަކެތި އިތުރަށް ބަލާ ހަދާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ އިލްތިމާސަކީ، މިކަމުގެ ތެރެއަށް ޒުވާނުންނާއި އާންމުން ނުވަނުމެވެ. ޖީލެއް ނެތިޔުމުގެ ބިރު އޮތް މި ވަބާގައި ގަރަގުވެގެން ނުދިޔުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް