މާލޭގައި ޕީސީއާރު ޓެސްޓަށް ސާމްޕަލް ނަގަނީ: ރާއްޖޭގެ ހުރިހާ ސަރަހައްދެއގައި ވެސް ކޮވިޑް ދަނީ ފެތުރެމުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑް-19

ދެން އަރާނީ 3،000 އަށް، މިސްރާބު ހުރީ އެޗުޕީއޭގެ ލަފާކުރުންތަކާ ދިމާލަށް

މާލެ އާއި އަތޮޅު ތެރޭގައި ޕޮޒިޓިވިޓީ ރޭޓް ހުރީ %35 އިން މަތީގައި
31 ޖެނުއަރީ 2022

"އެޗުޕީއޭ އިން ހަދާ ހިސާބުތައް ދިމައެއް ނުވޭ،" ކޮފީގައި އިން ވިޔަފާރިވެރިޔާ ލަފައެއްކޮށްލާފައި ބުންޏެވެ.

"މިއަދު ބުނެފާނެ 6،000 އަށް އަރާނޭ، މާދަމާ ބުނެފާނެ 2،000 އަށް އަރާފާނެއޭ. މިއީ ކިހިނެއް ޖަހާ ހިސާބެއް؟"

އޮމިކްރޮން ވޭރިއަންޓްގެ ރާޅުގައި ރާއްޖޭގައި ދުވާލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިއަދު ނޫނީ މާދަމާ، 3،000 އަށް އެރުން އެކަށީގެންވެ އެވެ. އިއްޔެގެ 24 ގަޑިއިރު ނިމުނު އިރު އަހަރެމެން މި ތިބީ 2،800 އިން މަތީގަ އެވެ. މިއީ ކޮވިޑްގައި ރާއްޖޭގައި ދުވާލަކަށް މިހާތަނަށް ޕޮޒިޓިވް ވި އެންމެ މަތީ އަދަދެވެ.

އާންމު ސިއްހަތުގެ ތަޖުރިބާކާރުންނާއި ބަލިމަޑުކަމުގެ މިސްރާބު ދެނެގަތުމުގެ ދާއިރާގެ ތަޖުރިބާކާރުން ހަދާ ހިސާބުތަކަކީ، ވިޔަފާރިވެރިޔާއަށް ނޭނގުނަސް، އިލްމީ މަސައްކަތެކެވެ. އަހަރެމެންގެ އާންމު ދިރިއުޅުމަށް އުނދަގޫތައް ކުރިމަތިވެދާނެ ފިޔަވަޅުތަކެއް އަޅަން ޖެހުނަސް، މުޅި ހާލަތުގެ އެންމެ ގޯސް ގޮތާއި މެދު މިންވަރާއި ދަށް މިންވަރުގެ ލަފާކުރުންތައް ގެނެސްދެނީ އެ ތަޖުރިބާކާރުންގެ ފޯމިއުލާތަކުންނެވެ. 

ކޮވިޑް-19ގެ އެންމެ ފުރަތަމަ ރާޅުގައި ވެސް އަދި ދެން ކުރިމަތިވި ބޮޑެތި ދުވަސްތަކުގައި ވެސް އެޗުޕީއޭގެ ތަޖުރިބާކާރުންގެ ލަފާކުރުންތައް ބިނާކުރީ، އެންމެ ގޯސް ވެދާނެ ހާލަތާއި މެދު މިނެއްގެ ގޯސް އަދަދުތަކާއި އާދައިގެ ހިފެހެއްޓުމެއްގައި ފެނިދާނެ މަންޒަރެވެ. އެންމެ ގޯސްވާ ހިސާބަށް ދާނީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ވެސް އަދި އާންމުން ވެސް ފިޔަވަޅުތައް ނާޅާ ނަމަ އެވެ. ރާއްޖޭގައި ފިޔަވަޅުތައް އަޅާތީ ދުވާލަކު 6،000 އަށް ވެސް އަރާފާނެ ކަމަށް މިހާރު ކޮށްފައިވާ ލަފައާ އެއްވަރަށް ހާލަތު ގޯސްވުން އެކަށީގެންނެއް ނުވެ އެވެ. 

އެކަމަކު ކޮވިޑަކީ، މިދިއަ ދެ އަހަރުގެ ތަޖުރިބާއަށް ބަލާއިރު، ގޮތް ނޭނގޭ މިސްރާބެއް ހުރި ބަލިމަޑުކަމެކެވެ. މުޅި ދުނިޔެ ފުރަތަމަ ގަތް ބިރު މިހާރު ނުގަނެ އެވެ. އަދި ހާލަތާ ކުރިމަތިލެވޭ ވަރަށް ވެކްސިން އާއި ބޭސް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނާތީ، ތަޖުރިބާކާރުން ބުނާ ގޮތުގައި، ހައްލަކާ ހަމައަށް، ފަހުން ނަމަވެސް، ދިއުން ކައިރި އެވެ. މިހާރު ވެސް ދުނިޔޭގެ ގިނަ ބަޔަކަށް ވެކްސިން ދެވިއްޖެ ނަމަ، އާދައިގެ ރޯގާއެއްގެ ގޮތަށް ބަލި ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. 

ރާއްޖޭގައި ކޮވިޑް-19 ގެ ޕޮޒިޓިވިޓީ ރޭޓް އިއްޔެއާ ހަމައަށް ހުރި ގޮތް ދައްކައިދޭ ޗާޓެއް

އެކަމަކު ވައިރަސް ބަދަލުވަމުން އަންނަ ގޮތް އަވަސްކަމުން، އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ކުރިއަށް ގެންދަން އާންމުންގެ ކިބައިން، ތަޖުރިބާކާރުން އެދެ އެވެ. މާސްކް އެޅުމާއި އަތް ދޮވުމާއި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ނޫޅުމެވެ. 

ރާއްޖެ މިހާރު މިދާ މިސްރާބަށް އެޅުމުގެ ދެ މަސް ކުރިން، މިދިއަ ނޮވެމްބަރު މަހު، އެޗުޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް އެދިވަޑައިގަތީ މާސްކް އެޅުން ދޫކޮށްނުލުމަށެވެ. އޭރު ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އޮތީ ވަރަށް މަދުވެފަ އެވެ. މިސާލަކަށް މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނީ ދުވާލަކ ު25 އިން ދަށުގަ އެވެ.

"ވަރަށް މުހިންމު ކަމެއް، ބޭރު ތެރޭ އުޅޭ ހުރިހާ ވަގުތެއްގައި ވެސް މާސްކު އެޅުން. މާސްކު އެޅުމަކީ، މި ބަލިން ރައްކާތެރިވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅު. އެކަން އަދިވެސް ދޫކޮށްލާ ހިސާބަކަށް އަޅުގަނޑުމެންގެ ހާލަތު އަދި ނުދޭ،" 24 ނޮވެމްބަރު 2021 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިރުޝާދަކީ، މާސްކު އަޅާށޭ. އަދި އަޅާއިރު ވެސް ރަނގަޅަށް އަަޅާށޭ."

މި ބަލި ޖައްސާ ވައިރަސްގެ ބަދަލުވުންތައް އަންނަ ގޮތުން ލަފާކުރުންތަކާ ދިމާނުވާ ފަހަރު ކުރިމަތިވެ އެވެ. މިސާލަކަށް މިދިއަ އޮކްޓޯބަރު މަހު ރާއްޖޭގެ ކޭސްތައް ހުރި ގޮތުން ޑރ. އަފްޒަލް ވެސް ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ލަފާނުކުރެއްވޭ ކަމަށެވެ. ނަމަވެސް އޭރު އޮމިކްރޮން ވޭރިއަންޓްގެ ހަބަރެއް ނެތެވެ. ސައިންސްވެރިން ހައިރާންވާ ފަދަ ބަލުތަކެއް ހުރި މި ވޭރިއަންޓް، އޭގެ ކުރިން ދުނިޔެއިން ކޮންޓްރޯލްކުރަމުން އައި ބަލިމަޑުކަން އިތުރު ބޮޑު ގޯހަކަށް ހަދާލީ އެވެ.

ޖެނުއަރީ 16-30 އަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދުތައް

ރާއްޖޭގައި މިހާރު މި އޮތީ މިދިއަ އޮކްޓޯބަރާއި ނޮވެމްބަރު މަހުގެ ވެސް ހާލަތެއް ނޫނެވެ. އެއަށް ވުރެ ގޯސްވެފަ އެވެ. އޮމިކްރޮން ވޭރިއަންޓްގެ އަވަސް އަދި ފަސޭހަ ފެތުރުން ރާއްޖެ ވެސް ހިފީ އެވެ. އެހެންކަމުން އެޗުޕީއޭ އިން މިހާރު ލަފާކުރަނީ، ދުވާލަކު ޕޮޒިޓިވްވާ އަދަދު "4،000 އިން 6،000 އަށް ވެސް އަރާފާނެ" ކަމަށެވެ.

އެންމެ ފަހުން މި މަހު 23 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި "އަޅުގަނޑުމެންގެ އުއްމީދަކީ، އަދި މަސައްކަތްކުރަނީ އެހާ ހިސާބަށް ކޭސް ލޯޑްނުގޮސް ހިފެހެއްޓުމެ"ވެ. އޭނާގެ އެ ވާހަކައިގެ އެއް ބަޔަކީ، އާންމުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ފަސޭހަކޮށްނުލުމެވެ.

މިހާރު މިސްރާބު ހުރި ގޮތުން 3،000 އިން މައްޗަށް ދިއުން ވަރަށް އެކަށީގެންވެ އެވެ. މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ %35 އާއި %38 އާ ދެމެދުގަ އެވެ. އަތޮޅު ތެރޭގައި %38 ޕަސެންޓްގަ އެވެ. އެހެންކަމުން އެޗުޕީއޭގެ ތަޖުރިބާކާރުން ލަފާކުރި ގޮތަށް، އޮމިކްރޮން ވޭރިއަންޓްގައި ރާއްޖޭގެ ދުވާލެއްގެ ކޭސް ލޯޑް، 4،000 އިން މައްޗަށް ޖެހިލުން ވެސް ކައިރި އެވެ. ފެބްރުއަރީ ފަހުކޮޅާ ހަމައަށް މި ރާޅު ދެމިގެން ދިއުމުގެ ފުރުސަތު އޮތުމާއި ކޭސްތައް މިހާރު ފެންނަ ނިސްބަތުން އެއީ ވުން އެކަށީގެންވާ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް