ރާއްޖެޓީވީ ހިންގި ތަނަށް ޕެޓްރޯލް އަޅައި ހުޅުޖެހުމާ އެކު އަލިފާންގަނޑު ރޯވެ ފެތުރިގެންދާ މަންޒަރުގެ ސްކްރީންޝޮޓެއް ސީސީޓީ ފުޓޭޖުން ނަގާފައި (ފޮޓޯ/ ރާއްޖެ.އެމްވީ)
8 އަހަރު ފަހުން އެންމެ މީހަކަށް 2 އަހަރުގެ ހުކުމެއް: ރާއްޖެޓީވީއަށް އިންސާފެއް ނޫން
ރިޔާސީ އިންތިހާބު ބާތިލްކުރި ސުޕްރީމް ކޯޓުގެ ހުކުމް ފަސްކުރަމުންގެންދިޔަ ދުވަހަށް އިރު އަރަންދިޔަ ފަތިހުގެ ވަގުތެވެ. މާލޭ ބޮޑުތަކުރުފާނުމަގުގެ، އެއާޕޯޓް ފެރީ ލަފާ/ފުރާ ހިސާބަށް ހަތަރު ސައިކަލެއްގައި ބަޔަކު ގޮސް މަޑުކުރި އެވެ. އަށެއްކަ ފިރިހެނުންނެވެ. ފަސް މީހަކު މޫނު ނިވާކޮށްގެން ތިބެ ކަތިވަޅި އާއި ދަނގަޑުބުރި ހިފައިގެން ގޮސް ވަނީ ކުރިން ހ. ކުއީން އޮފް ދަ ނައިޓް ހުރި ތަނުގައި ހަދާފައިވާ ބީކޭޓީ ބިލްޑިން އަށެވެ. އެ މީހުންގެ ތެރޭގައި، ސައިކަލުގައި އެ ތަނަށް ދިޔަ އިރު މާސްކު ނާޅާ އިން މުހައްމަދު މީއާދު ހިމެނެ އެވެ.
ސިޑިން މައްޗަށް އަރައި އެ މީހުން މަސައްކަތް ފެށީ ދަގަނޑު ދޮރެއް ހަލާކުކޮށްލެވޭތޯ އެވެ. ކަތިވަޅި އާއި ދަގަނޑުބުރިން ތަޅައިތަޅައި ތަޅު ހަލާކު ނުކުރެވިގެން އެންމެ ފަހުން އަތުން ތަޅުވަތަޅުވައިގެން އެ ދޮރު މެދުން ހުޅުވި އެވެ. ދަގަނޑު ދޮރުގެ ފަހަތުގައި ހުރި ލަކުޑި ދޮރު ހަލާކުކޮށްލީ ފައިން ޖަހަ އެވެ. ފަސް މީހުން އެތެރެއަށް ވަދެގަތް ވަގުތު ހަވަނަ މީހަކު ފިރިހެނެއްގެ ލަފުގައި ހިފައިގެން މައްޗަށް އަރައި ދޮރުމަތީގައި މަޑުކޮށްލި އެވެ.
އެއީ ރާއްޖެ ޓީވީގެ ހިދުމަތް ދޭ ތަނެވެ. ރޭގަނޑަށް ބަންދުކޮށްފައި ހުރި ސްޓޭޝަން ތެރެއަށް ވަދެގަތް މީހުން ފެށީ އެކި ތަންތަނަށް ޕެޓްރޯލް އަޅާށެވެ. އެންމެ ފަހު މީހާ ސިޑިން ފޭބުމުގެ ކުރިން ހުޅުޖެހި އެވެ. ކުއްލިއަކަށް ފަޅައިގެންދިޔަ އަލިފާނުން އޭނާ ސަލާމަތްވީ ހަނި ގޮތަކަށެވެ. ސްޓޭޝަން ތެރެއަށް މާސިންގާ އަލިފާންގަނޑު ފެތުރިގަތީ، ސީސީޓީވީ ވީޑިއޯ އިން އެ މަންޒަރު ފަހުން ބެލި މީހުން ދުވަހަކު ވެސް ދެކެފައި ނުވާ ފަދަ ބިރުވެރި ގޮތަކަށެވެ.
ބީކޭޓީ އިމާރާތުގެ މައްޗަށް އެ ގްރޫޕު އެރިތާ ފަސް ވަރަކަށް މިނިޓު ފަހުން، މަގުމަތީގައި ތިބި މީހުންނަށް، އިމާރާތުން ދުން އަރާ ތަން ފެނުނެވެ. އެތެެރެއިން ހަޅޭއްލަވާ އަޑު ވެސް އިވުނެވެ.
ހުޅުޖެހި މީހުން ވަކިވަކިން ތިރިއަށް ފައިބައި ސައިކަލުތަކުގައި އެކި ދިމަދިމާލަށް ނައްޓާލީ އެވެ. އެހީއަށް އެދެމުން އިމާރާތް ތެރެއިން ނުކުތް މީހާ ހުރީ ޒަހަމްވެފަ އެވެ. ފުލުހުންގެ ވެހިކަލެއްގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިން ބަންގްލަދޭޝްގެ ހަބީބު ބަޒްލޫ މިއާއަކީ އިމާރާތުގައި ފޯރިމަރަން ހުރި ސެކިއުރިޓީ ގާޑެވެ. ހަބީބުގެ ބުރަކަށިން ނުވަ ތަނެއް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައި ހުއްޓެވެ. ކަފައިގެން ގޮސްފައި ހުރި އެ ޒަހަމްތަކުގެ އިތުރުން އޭނާގެ ހަށިގަނޑު ބައެއް ތަންތަނާއި ބޮލުގެ އިސްތަށިގަނޑު ފިހިފައި ވެސް ވެ އެވެ.
ސީންއަށް ފުރަތަމަ ދިޔަ ފުލުހުން އެ އިމާރާތުން އަންހެންކުއްޖަކު ސަލާމަތްކުރި އެވެ.
ބީކޭޓީ ބިލްޑިންގައި އޭރު ހިންގަމުންދިޔަ ރާއްޖެ ޓީވީގައި 7 އޮކްޓޯބަރު 2013ގެ ފަތިހު 4:42 ހާއިރު ރޯކޮށްލި އަލިފާނުގެ ދުމާއި ހޫނުގެ އަސަރު އެ ތަނުގެ ހުރިހާ ފަންގިފިލައަކަށް ކުރި އެވެ. ވަރަށް ބޮޑަށް ގެދަބުޅި ބުރައި ތަކެތި ހަލާކުވި އެވެ. އެކަމަކު އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖެ ޓީވީއަށެވެ. އެ ސްޓޭޝަންގެ ކެމެރާއަކާއި ލެޕްޓޮޕަކާއި ހަބަރު ކިޔަން ބޭނުންކުރާ ސްކްރީނެއް ފިޔަވައި އެހެން ހުރިހާ ސާމާނަކާއި ތަން އެއްކޮށް އަނދައިގެންދިޔައީ އެވެ.
މިނިވަން އޮޑިޓަކާ ހަވާލާދީ ރާއްޖެ ޓީވީން ފަހުން ބުނިގޮތުގައި އެ ގެއްލުމުގެ އަގު 11 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.
ހުކުމަކާ ހަމައަށް ދާން އަށް އަހަރު
އެ އަމަލު ހިންގި މީހުންނަށް އަދަބެއް ނުލިބި އަށް އަހަރު ފާއިތުވި ފަހުން އެންމެ މީހެއްގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ވަނީ އިއްވައިފަ އެވެ.
މުހައްމަދު މީއާދު، ހ. ގަސްވާގެ މައްޗަށް ހުކުމްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ރާއްޖެ ޓީވީން ފާޅުކުރީ އިންސާފު ނުލިބޭ ކަމާއި އެކަށީގެންވާ ތަހުގީގެއް ކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުމެވެ. އަދި އެ ސްޓޭޝަން އަންދާލުމުގައި އޭރުގެ ސަރުކާރާއި ބައެއް މުއައްސަސާތަކުގެ އިސް ބައެއްގެ އަތެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.
ރާއްޖެ ޓީވީން ބުނީ "މި ބޮޑު ޓެރަރިޒަމްގެ އަމަލު ރޭވުމުގައި ހަރަކާތްތެރިވި ފަރާތްތަކާއި އެކަމުގައި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ދިން ފަރާތްތަކާއި އޭރުގެ ދައުލަތުގެ އިސް ފަރާތްތަކުގެ ތެރެއިން މިކަމަށް ހިތްވަރުދީ އެއްބާރުލުންދިން ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެވި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެ ފަރާތްތަކާ މެދު އަޅަން ޖެހޭ" ކަމަށެވެ.
ބޮޑު ގްރޫޕެއް ގޮސް ސްޓޭޝަން އަންދާލިތާ ދެ އަހަރު ފަހުން އެންމެ މީހެއްގެ މައްސަލަ ކޯޓަށް ހުށަހަޅައި، ހުށަހެޅިތާ ހަ އަހަރު ފަހުން ކުރި ހުކުމާ އެކު ރާއްޖެ ޓީވީން ބުނިގޮތުގައި މާލީ ގެއްލުމާއި އެތަކެއް މުވައްޒަފުންނަށް ލިބުނު ނަފްސާނީ އަނިޔާތަކާއި ޖިސްމާނީ އަނިޔާ ލިބުނު މީހުންގެ ހައްގު، ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކުން ނުލިބެ އެވެ.
އިސް ބަޔަކަށް އަބަދުވެސް ތުހުމަތު އޮތް
ދައުރު ހަމަނުވަނީސް ގެއްލުނު ވެރިކަން އަނބުރާ ހޯދަން އިންތިހާބަށް ނުކުމެ އޮތް އޭރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީއާ ގުޅިފައި އޮތް ރާއްޖެ ޓީވީގެ ސްޓޫޑިއޯ އަންދާލީ، ފަހުގެ ތާރީހެއްގައި ރާއްޖެ ނުދެކޭ ފަދަ ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކާއި ކުށްތައް ހިންގި ދުވަސްވަރެއްގަ އެވެ. އޭގެ އެތައް ކަމެއް އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނާއިބު ރައީސް އަހުމަދު އަދީބާ ގުޅިފައިވާ ކަމުގެ ތުހުމަތު އޮތެވެ. ރާއްޖެ ޓީވީގައި ރޯކޮށްލީ ވެސް އަދީބުގެ ރޭވުމަކަށް ކަމަށް ވިދާޅުވެ، މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް 2019ގައި ބަޔާނެއް ދެއްވާފައިވެ އެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވި ގޮތުން ނަމަ އެ ގޮތަށް ދޭހަވާ ޓެކްސްޓް މެސެޖެއް، "މިޝަން އެކޮމްޕްލިޝްޑް" ކަމަށް ލިޔުއްވައި، އަދީބު ވަނީ ރޯކޮށްލި ދުވަހު އޭރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދެވި އަދި ފަހުން ރައީސް، އަބްދުﷲ ޔާމީނަށް ފޮނުއްވައިފަ އެވެ. އެކަމަކު އެ ވާހަކަތައް ހިމެނޭ ރިޕޯޓް ރައީސް އޮފީހުން އާއްމުކުރުމާ އެކު އަދީބުގެ ފަރާތުން ނޫސް ބަޔާނެއް ނެރެ ނާޒިމްގެ ތުހުމަތު ދޮގުކުރި އެވެ.
ހުކުމާ ގުޅިގެން ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ބުނިގޮތުގައި ސްޓޭޝަން އަންދާލުމުގައި "ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުގައި މަސްއޫލިއްޔަތު އަދާކުރަން ތިބި އިސް ފަރާތްތަކެއް ބައިވެރިވެފައިވާ ކަމުގެ ހެކިތައް ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ ކަމުގެ މައުލޫމާތު" އެ ތަނަށް ލިބިފައިވެ އެވެ. ރާއްޖެ ޓީވީން ބުނީ "މިއީ ކަނޑައެޅިގެން ގަސްތުގައި ބަޔަކު ރާވައިގެން ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް ހިންގާފައިވާ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެއް" ކަމަށެވެ.
ތުހުމަތުގެ އިނގިލި އަމާޒުވި އަނެއް ބަޔަކީ ފުލުހުންނެވެ. ރޯކޮށްލީ، އެފަދަ ކަމެއް ކޮށްފާނެ ކަމަށް ޝައްކުކުރެވޭ ފަދަ މައުލޫމާތުތަކެއް ރާއްޖެ ޓީވީއަށް ލިބިގެން އެކަން ލިޔުމުން ފުލުހުންނަށް އަންގާފައި އޮއްވަ އެވެ. ރާއްޖެ ޓީވީގެ ބަޔާނުގައި ބުނިގޮތުގައި އެ މައުލޫމާތު ލިބުމުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅި ނަމަ އެ ސްޓޭޝަނަށް އެ ވަރު ބޮޑު ގެއްލުމެއް ލިބުމަކީ ނާދިރު ކަމެކެވެ.
އޭރު ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ހުސެން ވަހީދު ފަހުން ވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އެކަން ސީރިއަސްކޮށް ނެންގެވި ނަމަ ރާއްޖެ ޓީވީގައި ރޯކޮށްނުލެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ރޯކޮށްލި އިރު ފުލުހުންގެ އޮޕަރޭޝަންތަކުގެ އެންމެ އިސް އޮފިސަރަކަށް ހުންނެވީ އަދީބާ ގާތް ގުޅުމެއް އޮތް ހުސެން އެވެ. ފަހުން ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކޮށް ހައުސިން މިނިސްޓްރީއަށް ބަދަލުކުރި ހުސެން ވިދާޅުވި ގޮތުން ނަމަ ރިޔާޒަށް ރާއްޖެ ޓީވީއާ ބެހޭ ގޮތުން ދުރާލާ ލިބިވަޑައިގެންނެވި މައުލޫމާތާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅުއްވަ އެވެ. އެކަމަކު ރައްދުގައި ރިޔާޒު ވިދާޅުވެފައި ވަނީ ކޮމިޝަނަރުގެ ހައިސިއްޔަތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާފައިވާނެ ކަމަށެވެ. ރިޔާޒު ވިދާޅުވި ގޮތުން ނަމަ، ރާއްޖެ ޓީވީ ދޮށުގައި 24 ގަޑި އިރު ފޯރިމަރަން ފުލުހުންނަށް އޭނާ އެންގެވުމުން އެ އަމުރަށް ފުލުހުން ދެކޮޅުހެދީ އެވެ. އެ ފުލުހުންނާ މެދު ފިޔަވަޅު އެޅުއްވި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ރޯކޮށްލީ ދައުލަތުގެ އިހުމާލުން ކަމަށް ބުނެ ބަދަލު ހޯދަން ސިވިލް ކޯޓަށް ރާއްޖެ ޓީވީން މައްސަލަ ހުށަހެޅި ނަމަވެސް ބަލައެއް ނުގަތެވެ.
ރޯކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ނުވަ މީހެއްގެ މައްސަލަ ފުލުހުން 2015ގައި ޕީޖީ އޮފީހަށް ފޮނުވި އެވެ. އެކަމަކު ދައުވާކުރީ ބުރާސްފަތިދުވަހު ކުށް ސާބިތުވި މީއާދުގެ މައްޗަށް އެކަންޏެވެ. ރާއްޖެ ޓީވީން ވަނީ އެކަމުގައި ބައިވެރިވި އެހެން މީހުންގެ މައްސަލަތަކަށް ވީ ގޮތެއް ދައުލަތުގެ އިދާރާތަކުން ހާމަކުރަން ގޮވާލައިފަ އެވެ. އަދި އެ ވަރުގެ މައްސަލައެއްގައި އަށް އަހަރުން ނެރުނު ނަތީޖާއަށް، އެ ޗެނަލްގެ ކޯ-ފައުންޑާ އަހުމަދު ސަލީމް ފާޑުވިދާޅުވި އެވެ.
"ސްޓޭޝަން އަންދާ އަޅިއަށް ހަދާލީމަ، ބައެއްގެ ބޮޑު އިމާރާތެއް ތަޅާ ބިމާ ހަމަކުރަން މިކަމާ ހެދި ޖެހުނީމަ، އެހާ ބިރުވެރިކަމާއި ނާމާންކަން ހިތްތަކަށް ވެރިކުރީމަ ދެ އަހަރުގެ ހުކުމެއް!" ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
"ކޮބާތޯ ރޭވި މީހުން؟ ހަރަދުކުރި މީހުން؟ މިއީ އަދި އިންސާފު ކަމަށް ބަލައެއް ނުގަންނަން!"
އެންމެ 2 އަހަރުގެ ހުކުމެއް އައީ ކީއްވެ؟
ރާއްޖެ ޓީވީގެ ސްޓޫޑިއޯގައި ރޯކޮށްލުމުގައި ބައިވެރިވި މީއާދަކީ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް އޭރު ތުހުމަތުކުރި އިބްރާހީމް ޝަފާޒު، މ. ލޮނުމިދިލިގޭ، ވިޔަފާރިކޮށްދޭން އުޅެނިކޮށް 2010ގައި ފުލުހުން ހައްޔަރުކުރި މީހެކެވެ. އެ މައްސަލައިގައި ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އޮތީ، ރާއްޖެ ޓީވީގައި ރޯކޮށްލިތާ ދޮޅު މަހެއްހާ ދުވަސް ފަހުން، މީއާދުގެ ޣައިރު ހާޒިރުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ކުރީ ރާއްޖެ ޓީވީގެ މައްސަލައިގައި އޭނާ ހޯދަން ފުލުހުން ފޮޓޯ އާއްމުކޮށްގެން އުޅެނިކޮށެވެ. ރޯކޮށްލިތާ ދެ މަސް ފުރެން އުޅެނިކޮށް މީއާދު ހައްޔަރުކުރި އިރު ފިލައިގެން އުޅުނީ މާލޭގެ ގެއެއްގަ އެވެ. ރާއްޖެ ޓީވީގެ މައްސަލައިގައި އޭނާގެ އިތުރުން ވެސް ހަތް މީހަކާއި ކުޑަކުއްޖަކު ފުލުހުން ހައްޔަރުކުރި އެވެ.
ކްރިމިނަލް ކޯޓުގައި މީއާދުގެ މައްޗަށް ކުށް ސާބިތުވީ، ހުކުމުގައި ބުނެފައިވާ ގޮތުގައި، އޭނާ "ރާއްޖެ ޓީވީ ހުރި އިމާރާތުގައި އަލިފާން ރޯކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ދަލާލަތުކޮށްދޭ ގުޅިފައިވާ ވަރުގަދަ ގިނަ ގަރީނާތަކެއް މައްސަލައާ އެކު ހުށަހެޅި އެކަންކަން ފެންނަން އޮތަތީ" އެވެ. ހުކުމުގައި ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުގައި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތައް ޝަރީއަތުން ވަޒަންކޮށް ބެލި އިރު މީއާދުގެ މައްޗަށް ކުރި ދައުވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެ އެވެ.
ކޯޓަށް މައްސަލަ ހުށަހެޅީ ސްޓޭޝަން އަންދާލިތާ ދެ އަހަރު ފަހުން 11 އޮކްޓޯބަރު 2015ގަ އެވެ. މީއާދުގެ މައްޗަށް ދައުވާކުރީ އޭރު އޮތް 'ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު'ގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އޭރު 10-15 އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުމުގެ އަދަބު ދެވެން އޮތެވެ. އަދި ކުށަށް އެހީވެދިނުން ނުވަތަ ކުށުގެ މައުލޫމާތު ސިއްރުކުރި މީހަކަށް ވެސް 3-7 އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުމުގެ އަދަބެއް އެ ގާނޫނުން ކަނޑައެޅެން އޮތެވެ. އެކަމަކު މީއާދުގެ ޝަރީއަތް ނުނިމި އުޅެނިކޮށް، 2016ގައި، ޓެރަރިޒަމް މަނާކުރުމުގެ އާ ގާނޫނަކަށް އަމަލުކުރަން ފެށި އެވެ. އަލަށް އައި 'ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު'ގައި، މީއާދުގެ މައްޗަށް ތުހުމަތުކޮށްފައި އޮތް ކުށެއް ނުހިމެނެ އެވެ. އެ ކުށް މިހާރު ހިމެނެނީ ގާނޫނުލް އުގޫބާތުގަ އެވެ.
ބުރާސްފަތިދުވަހު ކުރި ހުކުމުގައި ބުނިގޮތުގައި، މީއާދު ކުރި ކުށަށާއި ކުށުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާ އިރު، އޭނާގެ އަމަލު މިހާރު ފެތެނީ ގާނޫނުލް އުގޫބާތުގެ 220 ވަނަ މާއްދާގައި ބުނާ މުދަލަށް ގެއްލުން ދިނުމުގެ ކުށަށެވެ.
ފަހުން އައި ގާނޫނުލް އުގޫބާތުގެ ދަށުން އޭނާއަށް ދެވެން އޮތީ ކުރީގެ ޓެރަރިޒަމް ގާނޫނުގައި އޮތް ވަރަށް ވުރެ ކުޑަ އަދަބެކެވެ.
-
އެނގުން މުހިއްމު - ކުށެއް ކުރުމާއި ހުކުމްކުރުމާ ދެމެދު އެ ކުށެއްގެ އަދަބަށް، ގާނޫނަކުން ގެންނަ ބަދަލަކުން ލުޔެއް ދީފައިވާ ނަމަ އެ މީހަކަށް ދޭންވާނީ ފަހުން ހެދި ގާނޫނުގައި އޮންނަ އަދަބު ކަމަށް ގާނޫނުއަސާސީ ބުނެ އެވެ.
މީއާދުގެ މައްޗަށް ދެ އަހަރުގެ ޖަލުގެ ހުކުމެއް ކަނޑައަޅަމުން ކޯޓުން ބުނިގޮތުގައި:
-
މިއީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް
-
ކުށަށް ކަނޑައެޅިފައިވާ އަދަބު ދަށްކުރާނެ ހާލަތެއް ނެތް
-
މީއާދުގެ ކުށުގެ ރެކޯޑަށް ބަލައި އަދަބު މަތިކުރާނެ ހާލަތެއް ނެތް
-
ނަމަވެސް މީއާދު މި އަމަލު ހިންގީ ގާނޫނުލް އުގޫބާތުގެ 1103 ވަނަ މާއްދާގައި ބުނާ ފަރުވާލެއް ނެތް އަނިޔާވެރިކަމެއް ދެއްކުމާ އެކުގައި ކަމަށް ވާތީ އަދަބުގެ މިންވަރު އެއް ދަރަޖަ މަތިކުރަން ޖެހޭ
-
އެގޮތުން ބަލާ އިރު މީއާދުގެ މައްޗަށް ކަނޑައެޅޭނީ ދެ އަހަރު ދުވަހުގެ ޖަލުގެ ހުކުމެއް
ހުކުމާ އެކު ރާއްޖެ ޓީވީގެ ސުވާލަކީ އިންސާފު ހޯދައިދޭން ތިބި ފަރާތްތަކުން ކުރަނީ ކޮން ކަމެއްތޯ އާއި އެ މީހުންގެ މަސައްކަތުގެ ނަތީޖާއަކީ ކޮބާތޯ އެވެ. ދިގު މުއްދަތަކަށް ދެމިގެންދިޔަ ސިޔާސީ ހަމަނުޖެހުންތަކާއި މައްސަލަ ބޮޑު ރިޔާސީ އިންތިހާބެއްގެ ތެރޭ ޓީވީ ސްޓޭޝަނެއް އަންދާލީ ބިރުވެރި، ނުރައްކާތެރި ހަމަލާއެއްގަ އެވެ. އޭގެ ފަހުން އަށް އަހަރު ފާއިތުވީ، އެކަމުގައި ބައިވެރިވި އެކަކު ފިޔަވައި އިތުރު މީހަކު ކުޑަމިނުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ވެސް ނުކުރެވި އެވެ.