މަޓީގެ އަހަރީ އާންމު ޖަލްސާއެއްގައި ޓޫރިޒަމްގެ ބާނީން ކަމަށްވާ އަފީފް އާއި މަނިކު: ޑޮލަރު މާރުކުރަން މަޖުބޫރުކުރާ އާ ގަވައިދާ އެބޭފުޅުން ދެކޮޅު ހައްދަވަނީ ހަގީގީ ކަންބޮޑުވުންތަކެއް ހުރުމުން (ފޮޓޯ/ދައުރު)

ރިސޯޓް ވެރިންގެ ޝަކުވާގައި އޮތީ ހަގީގަތް؛ މި ބުރަ ނުއުފުލޭނެ

ރިސޯޓްތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރާ އާ ގަވައިދުން އާންމުންނަށް ލިބޭ ޑޮލަރު އިތުރުވެ ކަޅު ބާޒާރަށް ނިމުން އަންނާނެ ކަމަށް މަރުކަޒީ ބޭންކާއި ސަރުކާރުން ބުނެދިނަސް އެއީ ހަގީގަތާ ވަރަށް ދުރު އޮޅުވާލާފައިވާ ނުބައި ތަސައްވުރެއް
18 ނޮވެމްބަރު 2024
35

ޑޮލަރުގެ މުއާމަލާތް ކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިފަހުން ތައާރަފްކުރި ހަރުކަށި ގަވައިދާ އެކު ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެންމެ ބޮޑު ދެކޮޅު ހެދުމަކަށް އޮތީ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ކޮށްފައި އޮންނަ މަޖުބޫރެވެ.

ޓޫރިޒަމް ދާއިރާގެ 50އަށް ވުރެ ގިނަ ރިސޯޓުން އެމްއެމްއޭގެ އެ އުސޫލާ ދެކޮޅު ހަދާފައިވާއިރު، އާންމުންގެ ބައެއް މީހުން ބުނަނީ ރިސޯޓް ވެރިން އެކަމާ ދެކޮޅު ހަދަނީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކައިގެން ނަގަމުން އައި ބޮޑު މަންފާ އެ މީހުންނަށް ދެން ނުނެގޭނެތީ ކަމަށެވެ. އާންމުންގެ ވަރަށް ގިނަ މީހުންގެ ހިތުން މިއީ ކަން އޮތް ގޮތެވެ. 

މި އުޅެނީ އަސްލު ވެސް އެހެން ވެގެން ހެއްޔެވެ؟ ނޫނީ ހަގީގީ ކަންބޮޑުވުންތަކެއް ވެސް މިކަމުގައި ހުރީ ހެއްޔެވެ؟ 

މަޓީގެ ޖަލްސާއެއްގައި ޓޫރިޒަމް ދާއިރާގެ ފަރާތްތައް (ފޮޓޯ/ދައުރު)

500 ޑޮލަރު ސިނާއަތުގެ ހަގީގަތާ ދުރު 

ރިސޯޓް ވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބޭރުގެ ފަރާތަކާ ހަވާލުކޮށްގެން ހަދައި ސަރުކާރާއި އެމްއެމްއޭއާ ވެސް ހިއްސާކޮށްފައިވާ ދިރާސާ ރިޕޯޓެއެްގައިވާ ތަފާސްހިސާބުތަކާއި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ އެވްރެޖް އަގު ނުވަތަ އޭޑީއާރު ރެއެއްގެ މައްޗަށް އުޅެނީ 500 ޑޮލަރުގަ އެވެ. އެއީ ވަރަށް އަގުބޮޑުކޮށް ވިއްކާ މަދު ރިސޯޓްތަކެއް ލުމުން އެ އަދަދު އަރާވަރެވެ. އެ ރިސޯޓްތައް އުނިކުރާ ނަމަ އެ އަދަދު ދަށްވާނެ އެވެ. 

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ރިސޯޓްތަކާއި މެދު ފަންތީގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު ލިބުމަކީ ނާދިރު ކަމެކެވެ. އެހެންވުމުން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރެވޭ ވަރަށް ގިނަ ރިސޯޓްތަކަށް ބޭރު ފައިސާއެއް ނުވަންނާނެ އެވެ. އަދި އެފަދަ ހާލަތެއްގައި ދެން ޖެހޭނީ ގަވައިދުގައި ބުނާ ވަރަށް ޑޮލަރު މާރުކުރަން ކަޅު ބާޒާރުން ނަމަވެސް ޑޮލަރު ހޯދާށެވެ. 

މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާއަށް މީހަކު ވަންނަނީ: އެމްއެމްއޭގެ ހަރުކަށި ގަވައިދާ އެކު ޑޮލަރު މާރުކުރަން ވަނީ ރިސޯޓްތަކަށް މަޖުބޫރުކުރުވާފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދް)

އެމްއެމްއޭގެ ގަވައިދުގައި ޑޮލަރު މާރުކުރުން އިސްތިސްނާ ކުރެވޭނެ ހާލަތްތަކެއް ހުރެ އެވެ. އެއީ، ގާނޫނީ ގޮތުން ބޭރު ފައިސާއިން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމަށް ފަހު އެ އަދަދަށް ޑޮލަރު ނެތް ނަމަ އެކަން އެމްއެމްއޭއަށް އެންގުމެވެ. އަދި އެމްއެމްއޭއަށް ފެނިއްޖެ ނަމަ އެ އިސްތިސްނާ ދެވޭނެ ކަމަށް ވެސް ބުނެ އެވެ.

ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ގަވައިދުގައި އެހެން އޮތް ނަމަވެސް ކޮންމެ ތިން މަހުން އެއް ފަހަރު އެ އިސްތިސްނާތަކަށް އެދުމަކީ ޕްރެކްޓިކަލީ ކުރަން އުނދަގޫ ކަމެކެވެ. އަދި ގާނޫނީ ޒިންމާތައް ނޫން ނަމަވެސް ރިސޯޓްތަކުގެ ވަރަށް ގިނަ ބިލްތައް ދައްކަނީ ޑޮލަރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބޭރު ފަރާތްތަކަށް ލޯނު ދެއްކުން ނޫން ހަރަދުތައްކޮށްފައި ވެސް ގަވައިދުގައި ބުނާ އަދަދަށް ޑޮލަރު ބާކީ ވުމަކީ ވަރަށް މަދު ރިސޯޓެއްގައި ނޫނީ ނުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހަރަދުތައް ނިންމާއިރު މާރުކުރަން ގިނަ ފަހަރަށް އިންނާނީ ވަރަށް ކުޑަ އެއްޗެއް. އަނެއްކާ އަޅުގަނޑުމެން އިތުރަށް އެބަ ޖެހޭ މިކަންކަމަށް މީޓްކުރަން އިތުރު ހަރަދުތައް ކުރަން. މިއަދަދު ކަނޑައެޅީ ކޮން ފޯމިއުލާއަކަށް ކޮން ހިސާބުތަކަކަށް ބަލައިގެން ކަމެއް ވެސް ނޭނގޭ،" ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

ޓޫރިޒަމް ވިޔަފާރި ހިނގާ ގޮތުން ފީސިބިލް ގަވައިދެއް ނޫން މިއީ. މި ވިއްކަނީ އެނދު. ބެޑް ނައިޓްސްއަށް ބަލަން ޖެހޭނީ. ދެ މީހަކު އަޔަސް އެނދަށް މި ޗާޖް ކުރަނީ ކޮންމެ ރެއަކަށް. ކޮންމެ މީހަކަށް ނޫން. އެހެންވީމާ، ރަނގަޅު ގޮތަކީ ޖުމްލަ އާމްދަނީން ސަރަންޑާ ކުރާނެ ޑޮލަރުގެ އަދަދު ނިންމުން.

ކުރީގެ ޓޫރިޒަމް މިނިސްޓަރެއް

އަހަރުގެ އެކި ދުވަސްވަރު ރިސޯޓްތަކުގެ ރޭޓްތައް ބަދަލުވާއިރު އަދި އެކި ފަންތީގެ ރިސޯޓްތަކާއި ގެސްޓްހައުސާއި ސިޓީ ހޮޓާތައް އަދި ސަފާރީތައް ހުރިއިރު 500 ޑޮލަރު ކަނޑައެޅި އިރު މިއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ. 

މަޓީގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި، ކޮންމެ ތިން މަހަކުން އެމްއެމްއޭއަށް ރިޕޯޓްތައް ހުށަހަޅައި ޑޮލަރު މާރުކުރަން ޖެހޭއިރު އެކަމަށް އިތުރު އިދާރީ މުވައްޒަފުން އަދި ފައިސާ ބަލަހައްޓާ ސިސްޓަމްތަކާއި އިތުރު އެކައުންޓެންޓުން އެކަމަށް ބޭނުންވާނެ އެވެ. އެއީ ރިސޯޓްތަކަށް އިތުރު ހަރަދެކެވެ. އެކަމުން ވެސް ރިސޯޓްތަކުގެ އޮޕަރޭޝަނަލް ކޮސްޓް ނުވަތަ ހިންގުމުގެ ހަރަދުތައް އިތުރަށް ބޮޑުވާނެ އެވެ. އެހެންވެ، ދިރާސާ ރިޕޯޓުގައި ބުނަނީ ވަގުތު ނުދީ މިކަހަލަ ހަރުކަށި އުސޫލެއް ގެނައުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރާނޭ ކަމަށެވެ.

"މިކަމުގެ ސަބަބުން ރިސޯޓްތައް ހިންގުމުގެ ހަރަދު ބޮޑުވެ ރިޓާން އޮން އިންވެސްޓްމަންޓުގެ މުއްދަތު މިހާރަށް ވުރެ ދިގުވާނެ. އަދި ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓްކުރުމަށް އިންވެސްޓަރުންގެ ހުންނަ ޝައުގުވެރިކަމަށް %36ގެ ވެއްޓުމެއް އަންނާނެ ކަމަށް ލަފާކުރެވޭ،" ދިރާސާ ރިޕޯޓްގައި ބުނެފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިންޔަކެއް (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް) 

މަޓީގެ ދިރާސާ ރިޕޯޓުގައި ފާހަގަކުރި ގޮތުން ރިސޯޓްތަކުން މިހާރު ޕެކޭޖްތައް ވިއްކާ ގޮތުން ތުއްތު ކުދިންނަށް ރިސޯޓުގައި ތިބެވެނީ ހިލެ އެވެ. އަދި ފޭމް ޓްރިޕްތަކަށް އަންނަ މީހުން ވެސް ބައިތިއްބަނީ ހިލެ އެވެ. އަދި ކުރު މުއްދަތަކަށް މަޑުކޮށްލާ އެއާލައިން ކްރޫއިން އަދި ޓްރާންސިޓް ފަތުރުވެރިންގެ އަތުން ރިސޯޓް އަދި ހޮޓާތަކަށް ލިބޭނީ ވަރަށް ކުޑަ އެއްޗެކެވެ. ހާއްސަކޮށް ސިޓީ ހޮޓާ އަދި މާލެއާ ކައިރީގައި ހިންގާ ރިސޯޓްތައް ފަދަ ތަންތަނަށް މި މައްސަލަ ކުރިމަތިވާލެއް ބޮޑުވާނެ އެވެ.

ޓޫރިޒަމް މިނިސްޓަރުކަން ކުރިން ކުރެއްވި އަދި ރިސޯޓް ދާއިރާގެ ތަޖުރިބާ ވެސް ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި، ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ވިޔަފާރީގައި ވިއްކަނީ ރެއަކާ ދުވާލަށް އެނދެވެ. ރިސޯޓްތަކަށް ޗެކިންވާ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ފައިސާއެއް ނުނަގަ އެވެ. އެހެންވާއިރު ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ބޮޑު އަދަދެއް މާރުކުރަން ޖެއްސުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް ވިޔަފާރި ހިނގާ ގޮތުން ފީސިބިލް ގަވައިދެއް ނޫން އެއީ. މި ވިއްކަނީ އެނދު. ބެޑް ނައިޓްސްއަށް ބަލަން ޖެހޭނީ. ދެ މީހަކު އަޔަސް އެނދަށް މި ޗާޖް ކުރަނީ ކޮންމެ ރެއަކަށް. ކޮންމެ މީހަކަށް ނޫން. އެހެންވީމާ، ރަނގަޅު ގޮތަކީ ޖުމްލަ އާމްދަނީން ސަރަންޑާ ކުރާނެ ޑޮލަރުގެ އަދަދު ނިންމުން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ. 

މާލޭގައި ހުރި ބޭރު ފައިސާ ގަނެ ވިއްކާ ތަނެއް: ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވަނީ 18ރ. އިން މައްޗަށް އަރާފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކަޅު ބާޒާރު ނައްތާ ނުލެވޭ؛ އާންމުންނަށް ގެއްލުން

އެމްއެމްއޭއިން ގަވައިދު ނެރެމުން ބުނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ ބޮޑު ބައެއް މާރުކުރުމުން އޭގެ ހެޔޮ އަސަރު އާންމުންނަށް ކުރަން ފަށާނެ ކަމަށެވެ. ބޭންކުތަކުން ޑޮލަރު ލިބޭވަރު ގިނަވާނެ އެވެ. ކާޑް ލިމިޓްތައް އިތުރުވާނެ އެވެ. 

އެހެން ނަމަވެސް، މަޓީގެ ދިރާސާއިން ދައްކަނީ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު ނެގި ނަމަވެސް އޭގެއިން ކުރު މުއްދަތުގެ އަސަރުތަކެއް ފެނުނަސް މެދު އަދި ދިގު މުއްދަތުގައި އާންމު ރައްޔިތުންނަށް ކުރާނީ ގެއްލުމެވެ. އަދި ފުރަތަމަ އަހަރުގެ ތެރޭ ކާޑް ލިމިޓްތައް ކޮންމެވެސް ވަރަކަށް މަތިކުރަން އެމްއެމްއޭއަށް ޖާގަ ލިބުނު ނަމަވެސް މިހާރުގެ ގަވައިދު މިހެން އޮވެއްޖެ ނަމަ ދެވަނަ އަހަރުގެ ތެރޭ ކާޑް ލިމިޓްތައް އަނެއްކާ ވެސް ދަށްކުރަން ބޭންކުތަކަށް މަޖުބޫރުވާނެ އެވެ.

އެ ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި އާ ގަވައިދުން ފުރަތަމަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް 442 މިލިއަން ޑޮލަރަށް އުފުލޭނެ އެވެ. އަދި ދެވަނަ އަހަރު 476 މިލިއަން ޑޮލަރަށް ރިޒާވް އުފުލޭނެ އެވެ.

މިހާރު އޮތް ގަވައިދު ދަމަހައްޓާ ނަމަ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދެ އަހަރު ތެރޭ 21.7ރ. އަށް އުފުލިގެންދާނެ. އަދި ކުރު މުއްދަތު ނުވަތަ ފުރަތަމަ އަހަރުގައި 19.27ރ. އަށް ޑޮލަރުގެ އަގު އަރާނެ ކަމަށް ލަފާކުރެވޭ.

މަޓީގެ ދިރާސާ ރިޕޯޓް

އެކަމަކު، ރިސޯޓްތަކުން ހޯދާ އާ ޑޮލަރުގެ ބޮޑު ބަޔަކީ އެމްއެެމްއޭއަށް އެތެރޭގެ ބާޒާރަށް ދޫކުރެވޭނެ ފައިސާއެއް ނޫނެވެ. ރިޒާވަށް އެ ފައިސާ ޖަމާވުމަށް ފަހު ބޭރުގެ ލޯނުތަކާއި ބޭރަށް ދައްކަން ޖެހޭ ބިލްތައް ދެއްކުމަށް ސަރުކާރަށް އެ ފައިސާ ބޭނުން ކުރަން ޖެހޭނެ އެވެ. 

އެ ދިރާސާގެ ހޯދުންތަކުގައި ބުނެފައި ވަނީ މިހާރު އޮތް ގަވައިދު ދަމަހައްޓާ ނަމަ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މެދު ރާސްތާއެއްގައި 21.7ރ.އަށް އުފުލިގެންދާނެ ކަމަށެވެ. އަދި އެ ރިޕޯޓްގައި ލަފާކުރި ގޮތަށް ކުރު މުއްދަތުގައި ޑޮލަރުގެ އަގު މިހާރު ވެސް ވަނީ 19.27ރ.އަށް އަރާފަ އެވެ. ޑޮލަރުގެ ކަޅު ބާޒާރު މިކަމުގެ ސަބަބުން ނައްތައެއް ނުލެވެ އެވެ. 

އެހެން ދީމާވާ ސަބަބެއްގެ ގޮތުގައި އެ ދިރާސާގައި ފާހަގަކުރަނީ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމާއި ބައެއް ދިވެހި ކުންފުނިތަކަށް މިހާރު ދައްކާ ޑޮލަރުން ދައްކާ ފައިސާ ރުފިޔާއިން ދޭން ފެށުމުން އިގްތިސާދުގައި އެނބުރޭ ޑޮލަރުގެ އަދަދު މަދުވުމެވެ. އަދި އެކަމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރު މަދުވެ އަގުބޮޑުވުމެވެ. ނަތީޖާއަކީ ތަކެތީގެ އަގުތައް އުފުލުމެވެ.

މީހަކު ޑޮލަރުތަކެއް ގުނަނީ 

ރިޕޯޓުގައި ފާހަގަކުރި ގޮތުގައި، އެމްއެމްއޭގެ ފިޔަވަޅާ ގުޅިގެން ފުރަތަމަ އަހަރު %5.88އަށް ރާއްޖޭގެ އިންފްލޭޝަން ދާނެ އެވެ. އަދި ދެވަނަ އަހަރު %6.45އަށް މައްޗަށް ދާނެ އެވެ. 

"މިވަގުތަށް މި އުޅޭ ރިޒާވްގެ މައްސަލައަށް ހައްލެއް ލިބިދާނެ. އެކަމަކު މިއީ ދިގު މުއްދަތުގައި ރާއްޖޭގައި މި އޮތް ޑޮލަރު ޝޯޓޭޖަށް ހައްލު ލިބޭނޭ ކަމެއް ނޫން. މަލަން އަޅާލުމެއް މިއީ. އަދި އާންމު ރައްޔިތުންނަށް މީގެ މާ ބޮޑު ހެޔޮ ބަދަލެއް ނުފެންނާނެ،" ކުރީގެ ޓޫރިޒަމް މިނިސްޓަރަކު ވިދާޅުވި އެވެ. 

ޓޫރިޒަމް ދާއިރާގެ އަނެއް ކަންބޮޑުވުމަކީ އެ މީހުންނަށް ލިބޭ ބޭރު ފައިސާ އާމްދަނީގެ ބޮޑު ބައެއް ސަރުކާރަށް މާރުކޮށް އެކައުންޓްތަކުގައި ރުފިޔާ ބެހެއްޓުމުން ބޭރު ފައިސާއިން ބިލެއް ދައްކަން ޖެހޭ ވަގުތު ބޭންކުތަކުން އެ ވަރަށް ބޭނުންވާ އަދަދަށް ބޭރު ފައިސާ ނުލިބުމުގެ ކަންބޮޑުވުމެވެ. އެ ޔަގީންކަން ބޭންކުތަކަށް އަދި ސަރުކާރަށް ނުދެވޭއިރު ބޭރު ފައިސާ މާރުކުރުން ވާނީ އުނދަގޫ ނިންމުމަކަށެވެ. އަދި އެކަންކުރަން އިތުބާރެއް ވެސް ހޯދައެއް ނުދެވޭނެ އެވެ. 

ބޭންކެއްގެ  އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޓީޓީ ކުރުމާއި އެހެނިހެން ބޭނުންތަކަށް ވިޔަފާރިވެރިން ޑޮލަރު ބޭނުންވާއިރު އެވަރަށް ޑޮލަރު ދިނުމަކީ ބޭންކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ މިހާރު އެމްއެމްއޭން ހަދާފައިވާ އާ ގަވައިދުގެ ދަށުން ބޭންކުތަކަށް ޑޮލަރު ސީދާ ލިބޭ ގޮތް ނުވުމެވެ. އެ ޑޮލަރު އެމްއެމްއޭއަށް ނެގުމަކީ މީގެ އަސްލު މައްސަލަ އެވެ. 

ބޭންކުތަކުގައި ބަހައްޓާ ޑޮލަރު މަދުވަނީ ކީއްވެ؟

އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ ރިސޯޓްތަކަށް ވަންނަ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް މާރުކުރާވަރު އަންނަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. އެކަމަކު ރިސޯޓްތަކުގެ އާމްދަނީ ވަނީ އިތުރެވެ. 

ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ރިސޯޓްތަކުން ބޭންކުތަކުގައި ބަހައްޓާ ޑޮލަރު މަދުވާ ކަމަށް ދައްކަނީ އެމްޑީޕީގެ ސަރުކާރުގައި ޓޫރިޒަމް ބައެއް ޓެކްސްތައް ބޮޑުކުރުމުން އެ ފައިސާ މީރާއަށް ދައްކަން ޖެހުމުންނެވެ. އަދި ޑޮލަރުން ދައްކާ ޓީޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބޮޑު ބައެއް ރާއްޖެއިން ބޭރު ވަނީ އެވެ. އެއީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތަކާއި ސަރުކާރުގެ ބޭރުގެ ބިލްތައް ދެއްކުމަށް ހޭދަވާ ފައިސާއެކެވެ. އެހެންވީއިރު ރިސޯޓް އާމްދަނީ އިތުރުވާތަން ދެއްކިއަސް ބޭންކަށް އެ ފައިސާ މާރުކުރަން ފުރުސަތެއް ނުލިބެ އެވެ.

ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު): ޑޮލަރުގެ ގަވައިދުން ރާއްޖޭގެ އިގްތިސާދާއި އާންމުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެތީ އެ ގަވައިދު އުވާލަ ދިނުމަށް ވަނީ އެދިވަޑައިގެންފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ރިސޯޓް ވެރިންގެ މައްސަލައަކީ ވެސް މިހާރު ވެސް ބޮޑު ޓެކްސް ދެއްކުމަށް ފަހު އެވަރުން ވެސް ސަރުކާރުގެ ހަރަދުތައް ފަރު ނުޖެއްސިގެން އިތުރު ގޮތްތަކެއް އަބަދުވެސް ސަރުކާރުން ހޯދަން ޖެހުމެވެ. ސަރުކާރުތަކުގެ ހަރަދު ބޮޑުވެ ކޮންމެ އަހަރަކު ވެސް ލިބޭ އާމްދަނީއަށް ވުރެ އެތައް ތަނެއް ހަރަދު ބޮޑުވުމަކީ އޮތް ކަންބޮޑުވުމެކެވެ.

"މިހާރު ވެސް އެންމެ ބޮޑު ޓެކްސް ކޮންޓްރިބިއުޓަރުން އަޅުގަނޑުމެންނަކީ. އެކަމަކު އެ ފައިސާ ބޭނުން މި ކުރަނީ އެންމެ ޒިންމާދާރު ގޮތުގައެއް ނޫން. ބޭކާރު ހަރަދު ސަރުކާރުތަކުން އިތުރުކޮށްފައި ކޮންމެ ސަރުކާރަކުން ވެސް އަހަރުން އަހަރަށް ޓެކްސް ބޮޑުކުރަނީ. ބަޖެޓްގެ މި ޑަބަލް ޑެފިސިޓް އޮންނަހާ ހިނދަކު އަޅުގަނޑުމެންގެ އަތުގައި މިހިރަ ފައިސާއެއް ނެގިއަސް މި ރާއްޖޭގޭ މާލީ ހާލަތު ރަނގަޅެއް ނުވާނެ،" ކުރިން ވެސް ވާހަކަ ދެއްކެވި ޓޫރިޒަމް ސިނާއަތުގެ ބޭފުޅާ ވިދާޅުވި އެވެ. 

"ކޮންމެ އަހަރަކު ޑަބަލް ޑިޖިޓް ބަަޖެޓް ޑެފިސިޓެއް އޮންނައިރު މީހުންގެ މުސާރަ ބޮޑުކޮށްފައި އިތުރު މުވައްޒަފުން ނަގާފައި އިސްރާފު ބޮޑުކުރީމާ ހަމަ އެއީ އިގްތިސާދަށް ނިކުންނަ އިތުރު ރުފިޔާ. އެ ރުފިޔާ ޑޮލަރު ފަހާ ދުވީމާ ޑޮލަރުގެ އަގު ހަމަ ބޮޑުވާނެ. މިއީ އަޅުގަނޑުމެންނާ ހެދި ވެގެން އުޅޭ ކަމެއް ނޫން."

ރިސޯޓްތަކަށް ވަންނަ ބޭރު ފައިސާގެ ބޮޑު ބައެއް ރާއްޖޭގައި ނުބަހައްޓާ ބޭރަށް ގެންދާ ކަންބޮޑުވުން އާންމުންގެ ތެރޭގައި ބޮޑެވެ. އެ ކަންބޮޑުވުންތަކާ މެދު ވިޔަފާރި އާއި އިގްތިސާދީ ނަޒަރަކުން ވިސްނާއިރު އެހެން ވާން ޖެހޭ ސަބަބުތަކެއް އެބަ ހުއްޓެވެ. މަޓީގެ ދިރާސާ ރިޕޯޓުން އެ ސަބަބުތަކަށް އިތުރަށް ބާރުލިބެ އެވެ. އެގޮތުން: 

  • ރާއްޖޭގެ ރިސޯޓްތަކަށް ލިބޭ ހުރިހާ ޑޮލަރެއް ރާއްޖޭގައި މާރުކުރުމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކަށް ބޭރުގެ ބޭންކުތަކުން ލޯން ހޯދަން ޖެހޭއިރު އެ ފައިސާގެ އެއްވެސް ބައެއް ބޭރުގެ ބޭންކުތަކަށް ޖަމާނުކުރާ ނަމަ ލޯން ލިބުން ފަދަ ކަންކަމަށް ދަތިވުން 

  • ރިސޯޓްތައް ހެދުމާއި މަރާމާތަށް އަދި ވިޔަފާރިކުރިއަރުވަން ބޭރުގެ ބޭންކުތަކުން ނަގާފައި ހުރި ލޯންތަކުގެ ސަބަބުން ރިސޯޓަށް ލިބޭ އާމްދަނީ އެ ލޯނެއް ނަގާފައިވާ ބޭންކަކަށް ޖަމާކުރަން އެގްރިމަންޓްތައް ހެދިފައިވުމުން އެމްއެމްއޭގެ ގަވައިދަށް އަމަލުނުކުރެވުން 

މި މައްސަލަތަކުގެ އަސްލަކީ ރާއްޖޭގެ މާލީ ނިޒާމުގައި އެކަށީގެންވާ ހަކަތަ ނެތުމެވެ. ރާއްޖޭގެ ބޭންކަކުން ރިސޯޓަކަށް އިންވެސްޓްކުރަން ބޭނުންވާ ރަނގަޅު އަދަދެއްގެ ފައިސާއެއް ނުލިބެ އެވެ. އެހެންވެ، ފުރަތަމަ އިތުބާރު ހޯދައިދޭން ޖެހެނީ ރާއްޖޭގެ މާލީ ނިޒާމަށެވެ. އަދި ރާއްޖޭގެ ބޭންކުތަކުން ޓޫރިޒަމް އިންވެސްޓްމަންޓްތަކަށް ދޫކުރާ ލޯންތައް އިތުރުކުރެވޭނެ މަގެއް ނުހޯދޭހާ ހިނދަކު ޓޫރިޒަމްގެ އާމްދަނީ ރާއްޖެއިން ބޭރަށް ދާ ދިޔުމަށް ހައްލުވުން އޮތީ ދުރުގަ އެވެ.

ކޮންމެ އަހަރަކު ޑަބަލް ޑިޖިޓް ބަަޖެޓް ޑެފިސިޓެއް އޮންނައިރު މީހުންގެ މުސާރަ ބޮޑުކޮށްފައި އިތުރު މުވައްޒަފުން ނަގާފައި އިސްރާފު ބޮޑުކުރީމާ ހަމަ އެއީ އިގްތިސާދަށް ނިކުންނަ އިތުރު ރުފިޔާ. އެ ރުފިޔާ ޑޮލަރު ފަހާ ދުވީމާ ޑޮލަރުގެ އަގު ހަމަ ބޮޑުވާނެ. މިއީ އަޅުގަނޑުމެންނާ ހެދި ވެގެން އުޅޭ ކަމެއް ނޫން.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިއެއް

ޑޮލަރު މާރުކުރަން ސިނާއަތުގެ ވެރިން ދެކޮޅެއް ނޫން

އެމްއެމްއޭއިން ބުނަމުން އަންނަނީ ބޭރު ފައިސާ މާރުކުރުމުގެ އާ ގަވައިދުގައި ހުރި އަދަދުތައް ކަނޑައެޅީ ރިސޯޓް ވެރިންނާ އެކު ކުރި މަޝްވަރާތަކުން އަލި މަގެއް ނުފެނުމުން ކަމަށެވެ. ނަމަވެސް 'ދައުރު'އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެމްއެމްއޭގެ ވާހަކައަށް ބާރެއް ނުލިބެ އެވެ.

މަޓީން 13 އޮކްޓޯބަރުގައި ރައީސް މުހައްމަދު މުއިއްޒު އަދި އެމްއެމްއޭގެ ގަވަރުނަރަށް ކޮޕީކޮށް ފޮނުވި ސިޓީއެއްގައި މެދުމިނުގެ ހައްލުތަކެއް ޓޫރިޒަމް ސިނާއަތުން ހުށަހެޅި އެވެ. އެ ސިޓީގައި ޓޫރިޒަމް ސިނާއަތުން ހުށަހެޅި ފުރަތަމަ ހައްލަކީ:

  • ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %10 މާރުކުރަން މަޖުބޫރުކުރުން

އެގޮތަށް އެއްބަސް ނުވެވޭ ނަމަ ދެން ހުށަހަޅާ ހައްލުތަކަކީ: 

  • ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް މާރުކުރަން މަޖުބޫރުކުރާ އަދަދު 150 ޑޮލަރަށް ހެދުން

  • ޓޫރިޒަމް ސިނާއަތުގެ އެހެން ސެކްޓާތައް، ގެސްޓްހައުސް، ސިޓީ ހޮޓަލް އަދި ސަފާރީތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 15ޑޮލަރު މާުރުކުރަން މަޖުބޫރުކުރުން 

މަޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ސިޓީއަށް ރައީސް އޮފީހުން ވެސް އަދި އެމްއެމްއޭއިން ވެސް ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގައި ބޭނުންވީ މިހާރު އޮތް ގޮތަށް ހަރުކަށި ގަވައިދު ދަމަހައްޓާށެވެ. 

ބަޖެޓު ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ޑޮލަރު މާރުކުރަން ރިސޯޓްވެރިން މުޅިން ދެކޮޅު ކަމަށް ވިދާޅުވިއިރު އެމްއެމްއޭ އާއި ސަރުކާރަށް ރިސޯޓްވެރިން ގޮތްތަކެއް ހުށަހެޅި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މީގެ އިތުރަށް ރިސޯޓް ވެރިން އެހެން ރަނގަޅު ހައްލެއް ވެސް ހުށަހެޅުއްވި އެވެ. އެއީ ޑޮލަރުން އިންވެސްޓްކުރެވޭނޭ މާލީ އިސްޓްރޫމަންޓްތަކެއް ރާއްޖޭގެ ބޭންކުތަކުން ތައާރަފްކުރުމެވެ. މިސާލަކަށް ބޭންކުތަކުގައި ބޭރު ފައިސާ ބަހައްޓަން ރަނގަޅު އިންޓަރެސްޓަކާ އެކު ފިކްސްޑް ޑިޕޮސިޓް ފެސިލިޓީތައް ތައާރަފްކުރުމަކީ ވެސް ރިސޯޓް ވިޔަފާރިވެރިން ހުށަހެޅި ހައްލެކެވެ. އެ ބޭފުޅުން ތިއްބެވީ އެފަދަ ފެސިލިޓީތަކަށް އިންވެސްޓްކޮށް ބޭންކުތަކަށް އިތުރު ޑޮލަރު ދޭން ތައްޔާރަށެވެ. އެކަމަކު ސަރުކާރާއި އެމްއެމްއޭން ހިޔާރުކުރީ އެންމެ މުރަނަ ގޮތެވެ. 

ޓޫރިޒަމުން ސަރުކާރަށް ލިބޭ އާމްދަނީ ދަށަށް ހިނގައިދާނެ

މަޓީގެ ރިޕޯޓްގައި ދެން ފާހަގަ ކުރި އަނެއް ކަންބޮޑުވުމަކީ ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ރިސޯޓްތައެް ހިންގުމަށް ކުރަން ޖެހޭ ހަރަދާއި އިންވެސްޓްމަންޓުން ފައިދާ ލިބެން ނަގާ މުއްދަތު ދިގުވުމުން ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމުގެ ކަންބޮޑުވުމެވެ.

ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު މިހާރުގެ ގަވައިދާ އެކު ރިސޯޓް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރުވާ މިންވަރު %7.7 އިން %5.56އަށް ދަށަށް ދާނެ އެވެ. ސަބަބަކީ ރިސޯޓްތަކުގެ ފައިދާ ދަށްވުމެވެ. އަދި ރިސޯޓްތަކުން ފައިދާ ލިބެން ނަގާ މުއްދަތަށް ހަ އަހަރަށް އިތުރުވާނެ އެވެ. 

ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކުރުމަށް އޮންނަ ޝައުގުވެރިކަން އިތުރަށް ދަށްވެގެން ދާނެ އެވެ. އަދި މިއީ ރާއްޖެއާ ދުރަށް އިންވެސްޓަރުން ގެންދާނޭ ކަމެކެެވެ. އެކަމަކު މިވަގުތަކީ އިންވެސްޓަރުން ރާއްޖެއަށް ގެނެސް އިގްތިސާދުގައި އެނބުރޭ ބޭރު ފައިސާ އިތުރުކުރަންވީ ވަގުތެވެ. 

ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓްގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ވަރަށް ނުރައްކާ ކަމެއް މިގޮތަށް މާކެޓް ފިކްސްކުރަން އުޅުމަކީ. ވިޔަފާރިއަކުން ޓެކްސް ދައްކާ ކަންކަންކޮށްފައި ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބޭ ފައިސާއަކީ އެ މީހުންގެ އަމިއްލަ އެއްޗެއް. އެއަށް ސަރުކާރުން ގޮތްކިޔައި މާކެޓް ފިކްސްކުރަން އުޅުނީމާ އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އިންވެސްޓަރުންގެ މިއޮތް އިތުބާރު އެ ގެއްލެނީ،" މިނިސްޓަރުކަން ކުރެއްވުމަށް ފަހު މިހާރު ރާއްޖެއިން ބޭރުގެ ކުންފުންޏެއްގައި ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.

"ބަލަންވީ މި ތަނަށް އިންވެސްޓަރުން ގެންނަން. އެކަމަކު މިކަހަލަ ކަންކަން ކުރީމާ އިންވެސްޓަރުންގެ ޝައުގުވެރިކަން ގެއްލެނީ." 

ޓޫރިޒަމް ސިނާއަތުގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ޑޮލަރުން މުސާރަ ދިނުމަށް ފަހު ރުފިޔާއިން މުސާރަ ދޭ ގޮތަށް ބަދަލުކުރަން މުވައްޒަފުންނާ މަޝްވަރާކުރުމުން އެ މީހުން ބޭނުންވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުންނަ ރޭޓުގައި ރުފިޔާއިން އެ މީހުންގެ މުސާރަ ދޭށެވެ. އަދި އެހެން ވެއްޖެ ނަމަ މުސާރަތަކަށް ކުރާ ހަރަދު ރިސޯޓްތަކުގައި ބޮޑުވާނެ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

"500 ޑޮލަރު މުސާރައަށް މިދެނީ ސީދާ ޑޮލަރުން. މިހާރު މުވައްޒަފުން ބުނަނީ 18-19ރ.ގެ ރޭޓުގައޭ ރުފިޔާއިން ދެންޔާ އެ ކަލްކިއުލޭޝަން ހަދަން ޖެހޭނީ. މިއީ އަނެއްކާ އަޅުގަނޑުމެންނަށް އިތުރު ހަރަދެއް،" އެބޭފުޅާ ވިދާޅުވި އެވެ. 

ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެމްއެމްއޭގެ ހަރުކަށި ގަވައިދާ އެކު އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް އުނދަގޫ އަހަރަކަށް ވާނެ ކަމަށް ދާއިރާގެ ވިޔަފާރިވެރިން ލަފާކުރައްވަ އެވެ. ސަބަބަކީ އަންނަ އަހަރު ޓީޖީއެސްޓީ އިތުރަށް ބޮޑުވުމާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސްތައް ބޮޑުވުމުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ އަގު ބޮޑުވުމެވެ. އަދި ދުނިޔޭގެ ޓޫރިޒަމް ވާދަވެރިވެ، ރާއްޖެއާ ވާދަކުރާ އެތައް އާ މަންޒިލްތަކެއް އެބަހުއްޓެވެ. 

"މިދިޔަ އަހަރުތަކުގައި ޓޫރިޒަމް ސިނާއަތް ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ މާ ބޮޑު ހިފެހެއްޓުންތަކެއް ނެތް. ނަމަވެސް މިއަޅަން ފެށި ފިޔަވަޅުތަކުގެ ސަބަބުން ރިސޯޓްތަކުގެ ހިންގުމުގެ ހަރަދުތައް މައްޗަށް ޖެހޭ ވަރަށް، ދެން ރިސޯޓްތަކަށް މަޖުބޫރުވާނެ ރިސޯޓް ސްޓޭގެ އަގުތައް ބޮޑުކުރަން. އަނެއްކާ ޓެކްސްތައް މި ބޮޑުވަނީ. އެއާ އެކު ރާއްޖެ އިތުރަށް އަގުބޮޑުވެ ރާއްޖޭގައި ޗުއްޓީ ހޭދަކުރުން ޝައުގުވެރިކަން ކުޑަވުމުގެ ކަންބޮޑުވުންތައް ވެސް މިވަގުތަށް އެބަހުރި،" ޓޫރިޒަމް ދާއިރާގެ ބޭފުޅާ ވިދާޅުވި އެވެ. 

އެމްއެމްއޭގެ އާ ގަވައިދުން ވަށާ ޖެހޭ ހައްލެއް ލިބުމުގެ ބަދަލުގައި މައްސަލަ އިތުރު ނާޒުކުވުމުގެ ފުރުސަތު ބޮޑެވެ. ހަގީގަތަކީ މި ބަދަލުތަކުން އިތުރު ޑޮލަރު ހޯދިއަސް ރާއްޖޭގެ ބޭރުގެ ދަރަނި ދައްކަން ހައްލެއް ނުހޯދޭ ކަމެވެ. މިއަހަރު 500 މިލިއަން ޑޮލަރު އަންނަ އަހަރު 700 މިލިއަން ޑޮލަރު އަދި 2026ގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މިފަދަ ހާލަތެއްގައި އޮތްއިރު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް އެ ފުށް މި ފުށަށް ޖަހައި ލޮޅުން ގެނެސްގެން އެ ސިނާއަތް އިތުރަށް ހީނަރުކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. 

ކޮމެންޓް (35)

profile-image-placeholder

ވޯލް

21 ނޮވެމްބަރު 2024
މި އާޓިަކލް ކިޔާލުމުން ފާހަގަވި ވަރަށް މުހިންމު 2 ކަމެއް. - ލިޔުމަށް މައުލޫމާތި ދިން މީހުންނަކީ ކޮބާކަން ބުނަން އެފަރާތްތައް ޖެހުލުންވާކަން، އޭގެ ސަބަބަކީ މިނިވަންކާއެކު ހިޔާލުފާޅު ކުރެވިދާނެ މާހައުލެއް ނެތްކަން ޤަބޫލު ކުރޭތީ. - މިފަދަ ކަމެއް ކުރާނީ ކެބިނެޓްގައިވެސް މަޝްވަރާކުރެވިގެން އެހެނީ މިހާރުގެ ގަވަރުނަރަކީ ރައީސް ސްޓޭޓް މިނިސްޓަރުކަމުގައި ހުރެފައި އެ މަޤާމަށް ދިޔަ މީހެއް. އެހެންކަމުން، ކެބިނެޓްގެ މެމްބަރުންނަށް ކަންރަގަޅަށް ނޭންގޭ ކަމާ ޓޫރިޒަމް ސިނާއަތް ނޭގޭކަން އެބަ ފެނޭ .މީގެ އަސްލު އެއް ސަބަބަކަށް ވުންގާތީ ޓޫެޒރިޒަމް ސިނާއަތް ހަވާލުވެގެން ހުރި މިނިސްޓަރުގެ ކިބާގައި އެކަމުގެ ތަޖުރިބާ ނެތުމާއި ސިނާއަތުގެ ސްޓޭކް ހޯލްޓާރުންނާ މަޝްވަރާކޮށް އެމީހުނބްގެ ހާޤީގީ ކަންބޮޑުވުން ކެބިނެޓާހަމއަށް ގެނެސްްދޭން މިއަދު ޓޫރިޒަމް މިނިސްޓަރު ފިޓް ނޫންކަން.

ރީނާސް

20 ނޮވެމްބަރު 2024
ޑޮލަރު މާރުކުރަން މިއުޅެނީ. މާރުކުރާ އަދަދަށް ޖެހޭ ފައިސާ އެމްއެމްއޭ އިން ރިސޯޓަށް ދޭގޮތަށް ކުރާކަމެއް މާރުކުރުމަކީ. މިއަދަދު އެއްއަހަރު ވަންދެން ނަގަންވީ މާރު ކުރުން އުވާލާފަ. އޭރުން އަހަރެއްތެރޭ ގައުމުގެ ދަރަނި ދެއްކުމުގެ ގާބިލްކަން އިތުރުވާނެ

ކިނާތީސް

20 ނޮވެމްބަރު 2024
ސިޔާސީ މަގާމުތައް މަދުކުރިތަނެއް ނުފެނޭ. ސަރުކާރުގެ ސިޔާސީންގެ އަދަދު މަދުކުރަން ރައްޔިތުން ނިކުންނަންވީ

ވާނުވާ

20 ނޮވެމްބަރު 2024
@ކިނާތީސް ވަރަށްވެސް ރަނގަޅު ވާހަކަ އެއް. ހަރަދު ކުޑަކުރަން ސިޔާސީ މުވައްޒަފުން މަދު ކުރީމަ ނިމުނީނުން. އެ މީހުން ތިބެގެން ރައްޔިތުންނަށް ވާ އެއްވެސް ފައިދާއެއް އޮތީ އެއް ނޫން.

ބާބޫ އަލް އަނގޮޅިތީމީ / ކާޅުހާލި

19 ނޮވެމްބަރު 2024
ވާނުވާ ރިޕޯޓެއް. ރިޕޯޓް ލިޔުނު ގޮލަޔަށް ދިނީ ކިހާވަރެއްތޯ ސާފުކޮށްލަދެއްވާ! މިކޮޅިގަވެސް ލާރި އެބަހުރި ފަކީރާ އިން ގޯނިން ވެސް ދެވިދާނެ. ދިވެހިރާއްޖޭގެ ސުންދުރަ ލޮބުވެރި ޣާޒީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުލް ވަށަފަރީއަށް ކުޅެން ހިތައްވެސް ނާރުވާތި. ސައިޒުގަ ތިބޭނީ.

ވާނުވާ

19 ނޮވެމްބަރު 2024
ވަރަށް ބޮޑު އޮޅުވާލުމެއް. ގަވައިދަކު ނެތް ކޮންމެ ރެޔަކަށް 500 ދައްކަން ޖެހޭ ކަމަކަށް. ރާއްޖޭގެ އެންމެ އަގު ހެޔޮ ރޫމްތައް ވެސް އުޅެނީ 300 ހިސާބުގަ. މި ރޭޓް ގަ މީހަކު 6 ރޭ ހޭދަ ކުރިޔަސް 2400 ޑޮލަރަު ލިބޭނެ ހަމަ އެކަނި ހުރުމަށް. އަދި ކޮބާ އެހެން ޚަރަދު ތައް؟ މި ރާތް ގަ ރީމް ހުއްޓަސް ހަގީގަތަކީ ކޮންމެ ރިސޯޓެއް ގަވެސް 0 އިން ފެށިގެން ލައްކަ އާއި ހަމަޔަށް ވެސް އަގުތައް ހުންނަކަން. މި އަގުގަ ހުންނަ ރިސޯތް ތަކުން ވެސް ހަމަ މާރު ކުރަން މި ޖެހެނީ 500 . އަނެއްކާ ލޯނު ދައްކަން ޖެހޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް އޮތީ. ެިސޯތް ހިންގާ ތާ 50 އަހަރު ވީއިރު ވެސް ލޯނު ދަައްކާ ނުނިމޭ ނަމަ ތިަޔއް ވުރެ ގެއްލުން ބޮޑު ދާއިރާ އެއް ނެތް،، އަވަހަށް ރަށް ތައް ދޫ ކޯށްލާ މަސްކައްކަން އުޅޭ

ވާނުވާ

20 ނޮވެމްބަރު 2024
@ވާނުވާ ބުރޯ 300$ ދީފަ ތިބެނީ ކިތަށް މީހުން ކަން އެނގޭތަ؟ ބެޑަކަށް ނޫން 500$ ދައްކަން ޖެހެނީ އެއް. 300$ ދީފަ 2 މީހުން އަދި ކުޑަ 2 ކުދިން ތިބޭ އިރު މީހަކަށް 500$ ދައްކަން ޖެހުނީމަ 2000$ އެވަނީ ކުޑަ ކުދިން ނަށް %98 ރިސޯޓުގައި އެއްވެސް ޗާރޖެއް ނުކުރާނެ.

އާންމު މީހާ

18 ނޮވެމްބަރު 2024
ނާފިއު ތި ބުނަނީ ރައްޔިތުން ހަމަ އަބަދުވެސް ކަޅު ބާޒާރުން ޑޮލަރު ގަންނާށޭތަ، ހާލަތު މިގޮތަށް އޮންނަތާ ކިތައް އަހަރު، މަހުޖަނުންނަށް ކީއް، އެ މީހުން މި އެއްވެސް ވާހަކައެއް ދެއްކިތަ؟ ކަހާތަން ހިރުވާވެސް ނުލާ، އަހަރެމެން މިޔޮއްހާ ޒަމާނުގައި ޑޮލަރު މި ގަންނަން ޖެހެނީ ކަޅު ބާޒާރުން، އެކަން މަހުޖަނުން ނުދަނެތިބެފައި ސަރުކާރުން އާންމު މީހުންގެ ހައްގުގައި ނިންމުމެއް ނިންމީމާ ..ޅޮލޭ ކީމާ މާ ރީއްޗެއް ނޫން ދޯ

ވާނުވާ

20 ނޮވެމްބަރު 2024
@އާންމު މީހާ ސަރުކާރަށް ދައްކާ ޓެކްސް މަދީތަ؟ ރިސޯޓު ތަކުން ސަރުކާރަށް ހުރިހާ ޓެކުހަކާއި ލޭންޑް ރެންޓް މިހާރު ވެސް ދައްކަނީ ޔޫއެސް ޑޮލަރުން. ސިޔާސީ މުވައްޒަފުން މަދު ކޮއްފަ ހަރަދު ކުޑަ ކުރުމެއް ނޯވޭތަ؟

އައްސަލާމް މުހައްމަދު

18 ނޮވެމްބަރު 2024
ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް މުޅި ދަތުރަށް 250 ނުވަތަ 500 ޑޮލަރު ނަގަން ބުނެފަ އޮތީ. ކޮންމެ ރެއަކަށް ނަގާ ވާހަކައެއް ނެތް. ބޮޑެތި ރިޕޯޓުތައް ވެސް ބިނާވެފައި މިއޮށްނަނީ ދެކޮޅު ނުބަލާ. ޓޫރިސްޓެއް ރާއްޖޭގެ ހޭދަކުރޭ އެވްރެޖްކޮށް 6 ދުވަސް. ރިސޯޓަކަށް ޓޫރިސްޓެއް އަތުން އެ 7 ދުވަސް ތެރޭ 250 ނުވަންނާނެ ގޮތެއް ނެތް؟ އެޔަށް ވުރެ 10 ގުނަ އިތުރަށް ވަންނާނެ އެންމެ އަގު ދަށް ރިސޯޓު ތަކުގައި ވެސް.

ބާބޫ / ބޮޑުބުޅާ މަރުވިތަން

18 ނޮވެމްބަރު 2024
މީ އެއްކޮޅަށް ގޮސް ހުސްވެފަ އޮތް ރިޕޯޓެއް. މި ރިޕޯޓް ފެލާލާފަ ހިއްކަން އަޅާވަރު ރިޕޯޓެއް ލިޔެފާނަން މަވެސް. މަހުޖަނުން ޖެހޭނީ ޤާނޫނަށް ބޯލަނބަން. ހިތްހަަމަ ނުޖެހޭކަމެއް ވާއިރަށް ފައިސާ އަޅައިގެން ވެރިކަން ފޮރޮޅާލަން އުޅުނު ބާބު ނިމުނީ. ރ. މުޢިއްޒަކީ އެއަށްވުރެ ކުޅަނދު ހަމަ ބޭފުޅެއްކަން ދަންނާތި.

ޑޮލަރު ގޯނި

18 ނޮވެމްބަރު 2024
އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ރިސޯޓްތަކާއި މެދު ފަންތީގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު ލިބުމަކީ ނާދިރު ކަމެކެވެ. މީ ދޮގެއް. އެންމެ އާދައިގެ ރިސޯޓަކުންވެސް ރެޔަކަށް 300 ނަގާނެ. ކެޔުމާ އެކުގައި 500 ނާރާ ނުދާނެ. އެއަށްވުރެ ބޮޑުވާނެ. އާއްމު ކޮށް ޓުއަރިސްޓެއް ހަތަރު ފަސް ދުވަސް ހޭދަކުރޭ މަދުވެގެން 3000 ޑޮލަރު ނާރާނެ އެއްވެސް ގޮތެއް ނޯންނާނޭ. އޭގެން 500 ވީމަ އެއީ އެންމެ 20 ޕަސެންޓް ސަރުކާރުން ބުނަނީ ބޮލަކަށް 500 ނަގަން. ރެޔަކަށް ނޫން.

ގޮހޮޑާ

18 ނޮވެމްބަރު 2024
ބޮޑު ރިޕޯޓެއް ލިޔެ އެ ނިންމާލީ މައިގަނޑު ގޮތެއްގައި އެންމެ ރިޕޯޓެއްގެ މައްޗަށް ބަލާފަ. އެވެސް ޓޫރިޒަމް ދާއިރާއިން ތައްޔާރުކޮށްފައި އޮތް ރިޕޯޓެއް. މިކަހަލަ ރިޕޯޓްތައް ލިޔަންވާނީ ހުރިހާ އެންގަލްއަކުން ބަލާފަ. އެމް.އެމް.އޭއިން އެ ރޭޓް ކަނޑައެޅި ގޮތެއް ވެސް އޮންނާނެ. އެވެސް ބަލާލުން މުހިންމު. ރާއްޖޭގެ ލީގަލް ޓެންޑަރއަކީ ދިވެހި ރުފިޔާކަމަށް ވާއިރު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނީމާ އެ ވެސް ނުކުންނަނީ ބްލެކް މާކެޓަށް. ޑޮލަރުން މުސާރަ ލިބޭ ގާތް ރައްޓެއްސެއްގެ އަތުން ޑޮލަރު ގަންނަން ޖެހުނަސް ވިއްކަނީ ބްލެކް މާކެޓް ރޭޓުުން

ފަންކަ

18 ނޮވެމްބަރު 2024
ބުކިން ޑޮޓު ކޮމް އަށް ވަދެ ސާޗެއް ކޮށްލީމަ ފެނޭ ރިސޯޓު ތަކުގެ ފަގީރުކަން. ނާއިފު ކަލޭ މިކަހަލަ ރިޕޯޓު ހަދާލަ ދީބަލަ މިދިޔަ 40 އަހަރުގަ ޑޮލަރަށް ސަލާންޖަހައިގެން އުޅުނު ނިކަމެތި ރައްޔިތުންގެ ހާލަތު.

ޥާނުވާ ފަންކާ

18 ނޮވެމްބަރު 2024
@ފަންކަ ސާރޗު ކުރީ ޑިސެމްބަރ 31 އަށް ދޯ

ފެންފެން

18 ނޮވެމްބަރު 2024
އިސްތިސްނާތަކަށް އެދުމަކީ ޕްރެކްޓިކަލް ކަމެއް. އެކަމަކު އެކަން ކުރަން ބޭނުން ނުވަނީ ކަލޭމެން ޖަހާ މަކަރު ރައްޔިތުންނަށް ފަޅާ އަރާނެތީ. ލިޔެކިޔުންތައް ހާމަ ކުރަން ބޭނުމެއް ނުވޭ.

އަލީ

18 ނޮވެމްބަރު 2024
"ހަރަދުތައް ނިންމާއިރު މާރުކުރަން ގިނަ ފަހަރަށް އިންނާނީ ވަރަށް ކުޑަ އެއްޗެއް" ބްރޯ ޑޮލަރު މާރު ކުރަން މިއުޅެނީ ހަރަދު ކުރަން! ރިފިޔާއިން ހަރަދުކުރަން! މިހާރުވެސް ތިޔަ ޞފުޅުން ޑޮލަރު މާރުކުރަން ނޫންތޯ! އެގޮތަށް ބޭންކް މެދުވެރިކޮށް މާރުކަން! ތިބޭފުޅުން މިހާރު ޑިވެހި ވިޔާފާރިވެރިންނަށްވެސް ލާރި ދައްކަނީ ރުފިޔާއިން! އެހެން ކަމަށް ވާނަމަ ދިވެހި ރުފިޔާ ބޭނުން ވޭ ނޫންތޯ!

ބާބޫ ވައިބެއެނދު

18 ނޮވެމްބަރު 2024
މަހުޖަނުން ނޫސްތަކަށް ލާރިދީގެން އެމީހުން ދިފާޢު ކުރަން ލިޔުނަސް ތިޔަ މީހުންގެ ބަޚީލުކަމާއި ލަނގޮޑީގައި ނާށި ލާފައިވާ ވަރު ޢާއްމުންނަށް ސާފުވޭ. ތިޔަ މީހުން މުއްސަނދިވީ ސަރުކާރުތަކުގެ ކަޓުތަކާއި ދިވެހި މާލިއްޔާ ފެލާ ދަވާލައިގެންކަން އެންމެން ދަނޭ......

ޢަބްދުﷲ

18 ނޮވެމްބަރު 2024
ތީގެ ރިޕޯޓެއް ނެރެފާނަން މަވެސް ބޭރު ސޮރަކަށް ލާރިކޮޅެއް ދީގެން، ރިޕޯޓު ހަދާދިން ބައެއްގެ ވަނަވަރު ހާމަނުކުރަނީ ކީއްވެ؟ ޕަސެންޓޭޖެއް ނަގަން ކިޔާއިރު ކުރީގެ ރައިސްވެސް އެވިދާޅުވީ ވެރިކަން ނިމުނު އިރުވެސް އެމީހުން ހިތްހަމަޖެހޭ ވަރެއް ނުވިކަން، ދެން އޮތީ މިގޮތް އެކަނި

ޗަންޕާ

18 ނޮވެމްބަރު 2024
މަޓީން މިއޮތީ މަޓީގެ ދިރާސާއެއް ކޮށްފަ. ރައްޔިތު މީހާއަށް މި ދިރާސާގައި މިއޮތީ އަދިވެސް ހާމަހާއި ކަށިކޮޅާ!! ކީއްކުރާނީ ދޯ؟ ނަން ހާމަ ނުކޮށް ކުރީގެ ޓްއަރިޒަމް މިނިސްޓަރު "މިސްޓަރ ޕައުންޑް" ވެސް ހާދަ ދާޑަކަށް، ފިލާ ހުރެގެން!! އައްޑޫ ރައްޔިތުން އެބަ ހޯދާ ތީނަ!!!

ހުސޭނު

18 ނޮވެމްބަރު 2024
ފޮނުވި ކޮމެންޓް ޝާއިއު ނުކުރުމުން ދޭހަކޮށްދެނީ މައްސަލައިގެ ދެކޮޅުގެ ހަގީގީ މަންޒަރު ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ބަދަލުގައި، މި އާޓިކަލްތަކުގެ ބޭނުމަކީ މައްސަލައިގެ އެއްކޮޅު ކަމުގައިވާ ރިޒޯޓްވެރިން ބޭނުންވާ މަޤްޞަދު ޙާޞިލްކޮށްދިނުމަށް މަސައްކަތް ކުރުން ކަމެވެ. އެހެންކަމުން އެއީ އެންމެ ރަގަޅުގޮތް ކަމުގައި ނުދެކެމެވެ. މޫސާ ލަތީފްމެންފަދަ ސީނިއަރ ނޫސްވެރިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ މާގިނަގިނައިން ދައްކަވަނީ ކީއްކުރައްވަންތޯއެވެ.

މީހުން

18 ނޮވެމްބަރު 2024
@ހުސޭނު ސާބަހޭ ހުސޭނާ

ނުތަނަވަސް

18 ނޮވެމްބަރު 2024
ސަރުކާރުން މިލިޔުމަށް ރައްދެއްދިނުން ފެނޭ. ސަރުކާރުގެ ޑީޓެއިލް ހިސާބުތައް ހިއްސާކުރުން އެދެން. ރާއްޖޭގެ އާންމު މީހާ ހަލާކުގެ ތެރެއައް ވެއްޓޭތަން ފެންނާކަށް ބޭނުމެއްނޫން. ސަރުކާރުގެ ފުރިހަމަ އަންދާޒާތަކާއި ޕްލޭން ރައްޔިތުންގެ ފަޅީގައި އޮތް ސަރުކާރު ރައްޔިތުންނަށް ވީހާ އަވަހަކަށް އަނަގައިދީ.

ހިމާރުލްގައުމު

18 ނޮވެމްބަރު 2024
ޗަމްޕާމެން ކޮލިގޭ މީހުންނަށް ވުރެ މަލްޝާމެން ޝިއުނާމެން ލޫކަސްމެން މާ މޮޅުވާނެ އިގްތިސާދާ ޓުއަރިޒަމްގެ ވާހަކަ ދައްކަން. އެހެންވީމަ މުއިއްޒު އަހާނީ އެމީހުންގެ ބަސް.

އަލީ

18 ނޮވެމްބަރު 2024
މިނޫހަށް ރިސޯޓްވެރިން ކިހާވަރެއް ދީގެން ކަމެއް ނޭގެ ޑޮލަރުގެ މިމައްސަލަ އާއި ދެކޮޅަށް މިހާ ގިނަ އާޓިކަލް މިލިޔަނީ. ރާއްޖޭގެ އެންމެ އާދައިގެ ގެސްޓް ހައުސްއަކަށް އަންނަ މީހާވެސް 500 ޑޮލަރަށްވުރެ ގިނައިން ހޭދަކޮށްފައި ދަނީ . ކޮންބަޔަކަށް އޮޅުވަލަންތަ ތިއުޅެނީ

ޙަސަނާ

18 ނޮވެމްބަރު 2024
@އަލީ ހާދަ ގަމާރޭ. ޙަހަހަ

ޢަލި

18 ނޮވެމްބަރު 2024
@ޙަސަނާ ގަމާރު ނޫން ހަސަނު ދައްކަބަލަ މިތަނަށް ޗުއްޓީއަށް އަންނަ ގެސްޓަކު ގެންނަނީ 250 ޑޮލަރުތޯ؟

ހުސޭނު

18 ނޮވެމްބަރު 2024
ނޫސްތަކުން މިދުވަސްކޮޅު ފެންނަނީ ޑޮލަރު މާރުކުރުމުގެ ގަވާއިދާއި ގުޅިގެން ރިޒޯޓުތަކަށް އެކަމުން ލިބޭނެ ގެއްލުންތަކުގެ ވާހަކައެވެ. އަދި އެކަމަކީ ކުރެވޭނެކަމެއް ނޫންކަމުގެ ވާހަކަތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ ތަނެވެ. ނޫސްވެރިން މި މައްސަލައިގެ ދެކޮޅު ހާމަކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. އެގޮތުން ހަމައެކަނި އެއްފަރާތުގެ ވާހަކަތަކުގެ މައްޗަށް ރިޕޯރޓްތައް ހެދުމުގެ ބަދަލުގައި ކަންބޮޑުވުންހުރި ރިޒޯޓްތަކަށް މަހަކު އަންނަ ޓުއަރިސްޓުންގެ ޢަދަދާއި މަހަކަށް ލިބޭ ޢާމްދަނީއާއި މި ހިސާބުތައް ރަގަޅަށް ދިރާސާކޮށް ރިޕޯޓްތައް ޢާއްމުކުރުމަކީ ހަގީގީ މަންޒަރު ސާފުވާނެ ކަމަކެވެ. އޭރުން ރިޒޯޓްތަކުގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަން ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމަށް ފެނެއެވެ. މައްސަލައިގެ ދެކޮޅުގެ މައްޗަށް ޢިލްމީ ދިރާސާ ހަދާ ޝާއިއުކުރުން ވަރަށް މުހިންމު ކަމުގައި ދެކެމެވެ.

ޙަސަން

18 ނޮވެމްބަރު 2024
ރިސޯޓު ތަކުން، އެކުއިޒިޝަންގެ ގޮތުގައި ބޮޑު އެއްޗެއް ދައްކާފަ، ރަށް ނަގައިގެން، ރަށް ހަދަން ބޭރުގެ ބޭންކު ތަކުން ބޮޑެތި ލޯން ނަގައިގެން ހުޅުވާ ދުވަހުން ފެށިގެން އައިލެންޑް ރެންޓު ދައްކާފަ އޭގެ އިތުރަށް ހުރިހާ ޓެކްސް ދައްކަން ޖެހެއެވެ. މި ހުރިހާ އެއްޗެއް ދައްކަނީ ވެސް ހަމަ ޑޮލަރުންނެވެ. ސަރުކާރުގެ ޚަރަދުތައް ކުރަން ޖެހޭނީ ލިބޭ މިންވަރު ދަނެގެންނެވެ.

އަލް

18 ނޮވެމްބަރު 2024
@ޙަސަން ބަލަ ކޮއެފުޅާ އެހެން ވެގެން ދޯ އިސްތިސްނާތައް ހިމަނާފަ އެހެރީ

އަލި

18 ނޮވެމްބަރު 2024
@ޙަސަން ވާނުވާ ނުބަލާ ކޮމެންޓް ތިކުރަނީ ތިހުރިހާ ކަމެއް ޖަސްޓިފައި ކޮއްފައި ވެލިޑް ރިޕޯޓް ހުށަައެޅީމަ ސަރުކާރުން ލުއި ދޭގޮތަށް އިންނަނީ .
މޫސަގެ  ދަރި Avatar

މޫސަގެ ދަރި

18 ނޮވެމްބަރު 2024
މީ ރިޒޯޓް އޯނަރުން ފައިސާ ދީގެން ޖަހާފަ އޮތް ލިޔުމެއް! އެވްރެޖް 500 ޑޮލަރަށް ވުރެ މާމަތި !

ހިރިގާ

18 ނޮވެމްބަރު 2024
މަށަށް ހީވަނީ ޖުމްލަ އާމްދަނީގެ ނިސްބަތުން ޑޮލަރު މާރުކުރަން ބުނެފިއްޔާ އާމްދަނީ ލިބޭ ކަމަކަށް ނުހަދާނެހެން. ހުރިހާ ގެސްޓުން ވެސް ހިލޭ ތިބޭކަމަށް ވާނީ. ގެސްޓުންގެ އަދަދަށް ގަވައިދު ހެދީމާ އިމިގްރޭޝަނުން ފެންނާނެއްނު ވަންނަ މީހުންގެ އަދަދު. އުނދަގޫވާނެތާ އޮޅުވާލަން

ހިރިގާރީ

18 ނޮވެމްބަރު 2024
ނޫސްވެރިން ވެސް މަހުޖަނުން އަތުން ލާރި ނަގައިގެން ދޯ މި އުޅެނީ. ބަލަ އަހަރުމެން އަޑު އަހަމުން އައީ ރާއްޖޭގެ ރިސޯޓު ތަކަކީ ލަގްޒަރީ ރިސޯޓުތަކޭ އަގު ބޮޑޭ. ޑޮލަރު ބޭންކަށް ލާން ވީމާ މި ރިސޯޓު ތައް މިހާރު މިވަނީ ކިއްލި ވިއްކާ ތަންތަނަށްތަ؟ ކޮންމެ ގެސްޓަކަށް 500 ޑޮލަރު ހަރަދު ނުކޮށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރޭތަ؟ ގެސްޓުން އަންނަނީ އެންމެ ރެއަކަށްތަ. ކުރިން ކިޔަމުން އައީ އެވްރެޖްކޮށް 8 ދުވަހު ރާއްޖޭގައި ގެސްޓުން ތިބެޔޭ. ރެއަކަށް ކޮޓަރިއަކަށް 500 ޑޮލަރު ލިބުނަސް 4000 ޑޮލަރު ވާނެއްނު؟ އޭގެ ތެރެއިން މީހަކަށް 500 ޑޮލަރުގެ ނިސްބަތުން ބޭންކަށް ލާށޭ މި ކިޔަނީ. 500 ޑޮލަރު ހިލޭ ދޭށެކޭ ނޫން ދޯ ކިޔަނީ. ހަރަދެކޭ ތި ކިޔަނީ. ޑޮލަރު ބޮޑު އަގުގައި ވިއްކައިގެން ހޯދާ ފައިސާ ގެއްލޭތީ ދައްކާ ބަހަނާ ހަމަ.

ފޯދު

18 ނޮވެމްބަރު 2024
@ހިރިގާރީ ވެބްސައިޓައް ވަދެ ބަލާލަބެލަ ރޭޓްތައް

އިތުރު އާޓިކަލް

އިތުރު އާޓިކަލް