މޮރިޝަސްގެ އަގަލަގާ އައިލެންޑް

މޮރިޝަސް

މޮރިޝަސްގެ މި ކުޑަކުޑަ ރަށަކީ ސިއްރު ޖާސޫސީ ސްޓޭޝަނެއް؟

މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި އެ ގައުމުގެ ކޯސްޓްގާޑް ވެރިޔާ އަދި ފުލުހުންގެ ހެލިކޮޕްޓަރު ސްކޮޑްރަންގެ ވެރިޔާގެ އިތުރުން، އެކްސްޓާނަލް އިންޓެލިޖެންސް އެޖެންސީ، ނޭވީ އަދި އެއާފޯސްގައި ހަރަކާތްތެރިވާ މީހުންނަކީ އިންޑިއާ މީހުންނާއި އޮފިސަރުން

އަރުނައުދު ޕައުލޭ ދުވަހަކު ވެސް އިންޑިއާ ކަނޑުގެ ކުޑަ ރަށް، އަގަލޭގާ ދޫކޮށްދިއުމަށް ބޭނުމެއް ނުވި އެވެ. ނަމަވެސް މި އަހަރު އޭނާ ކޮތަޅު ކޮތަޅަށް އެތިކޮޅު އަޅައިގެން ފުރައިގެން ދިޔައީ އޭނާގެ ރަށް އަސްކަރީ ކުރުމުން ބަރު ހިތަކައިގެންނެވެ. 

ދާދި ފަހަކާ ޖެހެންދެން އަގަލެގާގައި 350 މީހުން ދިރިއުޅުނެވެ. އެ މީހުން ދިރިއުޅުމަށް ކުރި މަސައްކަތަކީ ރުއް ހެއްދުމާއި މަހަށް ދިއުމެވެ. އެ ނޫން ކާބޯތަކެތީގެ ބާވަތްތައް އަހަރަކު ހަތަރު ފަހަރު ގެންދަނީ، ދެކުނުން 680 މޭލު ދުރުގައި އޮންނަ ވެރިރަށުންނެވެ. ރަށުގައި އޮންނަ ކުޑަ ވައިގެ ބަނދަރު ބޭނުންކުރަނީ، ބައްޔެއް މެދުވެރިވުމުން ވަރަށް މަދު ހާލަތެއްގަ އެވެ.

ނަމަވެސް، 2015 ވަނަ އަހަރު އަގަލޭގާއި 3،000 މީޓަރުގެ ބޮޑު ރަންވޭއަކާއި އެ ތަނުގައި ބޮޑު އާ ފާލަމެއް އެޅުމުގެ އެއްބަސްވުމެއްގައި މޮރިޝަސް އިން ވަނީ އިންޑިއާއާ އެކު ސޮއިކޮށްފަ އެވެ. އެއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން ދެ ގައުމުން އިތުރަށް ގުޅުން ބަދަހިކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ.

ނަމަވެސް އަގަލެގަންގެ ބައެއް މީހުން ބިރުގަންނަނީ އެ ރަށް ފުރިހަމަ އަސްކަރީ ތަނަކަށް ބަދަލުކޮށްފާނެތީ އެވެ. 

ޕައުލޭ ،44، ވަނީ އެ މަޝްރޫއުއާ ދެކޮޅަށް ކެމްޕެއިނެއް ހިންގައިފަ އެވެ.

"އަހަރެން އަހަރެންގެ ރަށް ދެކެ ލޯބިވޭ. އަހަރެންގެ ރަށް އަހަރެން ދެކެ ލޯބިވޭ،" އޭނާ ބުންޏެވެ.

"އެކަމަކު އެ ބޭސް އިފްތިތާހު ކުރުމުން އަހަރެންނަށް އެނގުނީ އަހަރެން ދާން ޖެހޭކަން."

އަރުނައުދު ޕައުލޭ އަކީ އިންޑިއާ އިން ގާއިމު ކުރާ މަރުކަޒުތަކަށް ވަރަށް ފާޑު ކިޔާ މީހެއް.

އަގަލޭގާއަށް ކުއްލިއަކަށް އައި ބަދަލު

އަގަލެގާ ވެގެންދާނީ ކަނޑުގެ ޓްރެފިކް ބެލެހެއްޓުމަށް އިންޑިއާއަށް އެންމެ މުހިންމު ތަނަށެވެ. އަދި 2019 ވަނަ އަހަރުގެ ސެޓެލައިޓް ފޮޓޯތަކާއި މިދިޔަ ޖުލައި މަހު ނެގި ފޮޓޯތަކާ އަޅާބެލުމުން އެނގެނީ ކިހާ ވަރެއްގެ ބަދަލެއް އައިސްފައިވާ ކަމެވެ.

އަގަލޭގާ

ރުއްތަކުގެ ކާޕެޓެއް ހެން މަލަމަތި ފެންނަ ރަށް ވަނީ ހަނަފަސް ރަންވޭއަކަށް މަގު ފަހިކޮށްދީފަ އެވެ. އެއީ މައި ދެ އަވަށުގެ ދެމެދުގައި ދަމާލެވިފައިވާ ދިގު ރަންވޭއެކެވެ. 

އޮސްޓްރޭލިއާގެ ނޭޝަނަލް ޔުނިވާސިޓީގެ ޕީއެޗްޑީ ސްކޮލަރު ސެމިއުލް ބެޝްފީލްޑް ވިދާޅުވީ 60 މީޓަރު ފުޅާ ދެ އިމާރާތެއް އޭޕްރަންގައި ހުންނަ ތަން ފެންނަ ކަމަށާއި އޭގެ ތެރެއިން މަދުވެގެން އެއް އިމާރާތަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ޕީ-8އައި މަތިންދާބޯޓަށް ހިދުމަތްދޭ ހެންގަރަކަށް ވެދާނެ ކަމަށެވެ.

ޕީ-8އައި އަކީ ސަބްމެރިންތައް ދެނެގަނެ، ހަމަލާ ދިނުމަށް ބަދަލުކޮށްފައިވާ ބޮއިން 737 މަރުކާގެ ބޯޓެކެވެ. އަދި މެރިޓައިމް ކޮމިއުނިކޭޝަންތައް ބެލޭނެ އުޅަނދެކެވެ. އެ ރަށުގެ ރައްޔިތުން މިހާރު ވެސް ވަނީ ރަންވޭމަތީގައި ހުރި މަތިންދާބޯޓުގެ ފޮޓޯ ނަގައިފަ އެވެ.

ހުޅަނގު އުތުރުފަރާތުގައި އަޅާފައިވާ ފާލަން އޮތީ ކަނޑާ ހަމައަށް ދަމާލައިފަ އެވެ. ބަޝްފީލްޑް ވިދާޅުވާ ގޮތުގައި، މިއީ އިންޑިއާގެ ކަނޑުމަތީގެ ޕެޓްރޯލް އުޅަނދުތަކަށާއި އަގަލެގާއަށް ބޭނުންވާ ސާމާނު ގެންދާ އުޅަނދުތަކަށް ވެސް ބޭނުން ކުރެވިދާނެ ފާލަމެކެވެ.

"އާ ސެޓެލައިޓް ފޮޓޯތައް ލިބެން ފެށުމުން އިންޑިއާ ކަނޑުގެ މުއާސަލާތީ ކަންކަމުގައި އަގަލޭގާގެ ދައުރު މާ ރަނގަޅަށް ވިސްނޭނެ،" އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީޒްއިން މި ފެސިލިޓީ ސިފަކުރަނީ "ސަވައިލަންސް ސްޓޭޝަނެއް"ގެ ގޮތުގަ އެވެ. އަދި މޮރިޝަސްގެ އެހެން ހިސާބުތަކުގައި އިންޑިއާއިން ގާއިމުކޮށްފައިވާ އާލާތްތަކާ އެއްގޮތަށް ކޯސްޓަލް ރާޑަރު ސަވައިލަންސް ސިސްޓަމެއް ހުންނާނެ ކަމަށް ބެލެވެ އެވެ.

އަގަލެގާގެ އާ ރަންވޭގައި އިންޑިއަން ނޭވީގެ ޕީ-8އައި މަތިންދާ ބޯޓެއް.

އިންޑިއާ ސަރުކާރުން ވަނީ އަގަލެގާއާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދޭން ދެކޮޅު ހަދައި ބީބީސީގެ ވެބްސައިޓުގައި ކުރިން ދެއްކި ވާހަކަތަކަށް ރައްދު ދީފަ އެވެ. 

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާ އާއި މޮރިޝަސްއަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ "ގުދުރަތީ ބައިވެރިން" ކަމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގަދީމީ އަދީ ގަދީމީ ނޫން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދެ ގައުމު ކަމަށެވެ.

މީގެ 50 ވަރަކަށް އަހަރު ކުރިން، 1970ގެ އަހަރުތަކުން ފެށިގެން ދެ ގައުމުގެ ދިފާއީ ގުޅުމަކީ ވަރަށް ގާތް ގުޅުމެކެވެ. މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި އެ ގައުމުގެ ކޯސްޓްގާޑް ޗީފް އަދި ފުލުހުންގެ ހެލިކޮޕްޓަރު ސްކޮޑްރަންގެ އެންމެ އިސްވެރިޔާގެ އިތުރުން، އެކްސްޓާނަލް އިންޓެލިޖެންސް އެޖެންސީ، ނޭވީ އަދި އެއާފޯސްގައި ހަރަކާތްތެރިވާ މީހުންނަކީ އިންޑިއާ މީހުންނާއި އޮފިސަރުންނެވެ.

ލަންޑަންގެ ކިންގްސް ކޮލެޖްގެ އިންޑިއާ އިންސްޓިޓިއުޓްގެ ޕްރޮފެސަރު ހަރްޝް ޕަންޓް ވިދާޅުވި ގޮތުގައި، ދެ ފަރާތުން ވެސް އެދޭނީ އެ ފެސިލިޓީ އަކީ "އަސްކަރީ ބޭނުންތަކަށް ވުރެ ބޮޑަށް ކެޕޭސިޓީ ބިލްޑިންގެ ގޮތުގައި" ދުށުމަށެވެ.

ނަމަވެސް އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ގަދަވަމުންދާތީ އިންޑިއާ އާއި ހުޅަނގުގެ ބައިވެރިން ކަންބޮޑުވާކަން އެއީ ސިއްރެއް ނޫނެވެ.

ބޮޑު ގައުމަކުން ކުޑަ އެކުވެރިއެއްގެ ސަރަހައްދުގައި އަސްކަރީ އައުޓްޕޯސްޓެއް ގާއިމުކުރުމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. ނަމަވެސް އަގަލެގާގެ އިމާރާތް ކުރުމުގެ މަސައްކަތުގެ ސަބަބުން ރަށުގެ ބައެއް ރައްޔިތުންނަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

ރަށުގެ ބައެއް ރުއް ދަނޑުތައް ހިމެނޭ ގޮތަށް ގިނަ ސަރަހައްދުތަކެއް މިހާރު ވެސް ވަނީ ގޮނޑުދަށާ އެކު ބަންދުކޮށްފައި ކަމަށް އެ ރަށުގެ ރައްޔިތުން ބުނެ އެވެ. މީގެ އިތުރުން، ލާ ފޯޗޭ އަވަށުގެ ވަށައިގެން ގާއިމުކޮށްފައިވާ އިންޑިއާގެ އިންފްރާސްޓްރަކްޗާގެ ސަބަބުން އެ މީހުން ވަޒަނުން ނެރެލާނެ ކަމުގެ އަޑުތައް ވެސް ދަނީ ފެތުރެމުންނެވެ. އެ ސަރަހައްދުގައި 10 އާއިލާއެއް ދިރިއުޅެ އެވެ.

"މިއީ މުޅިން ވެސް އިންޑިއާ މީހުންނަށް އެކަނި ވަދެވޭ ސަރަހައްދަކަށް ވެގެންދާނެ،" އެސޯސިއޭޝަން އޮފް ފްރެންޑްސް އޮފް އަގަލެގާގެ ރައީސް ލަވަލް ސޫޕްރަމަނިއެން ވިދާޅުވި އެވެ.

އަގަލޭގާއަށް ޗާގޯސްގެ ރަށްތަކަށްވީ ގޮތް ވެދާނެތީ އޭނާ ބިރުގަނެ އެވެ. އަގަލެގަންގެ ދަރިއަކާއި ޗަގޯސް ރަށްތަކުން ބޭރުކުރި އަންހެނެއްގެ 26 އަހަރުގެ ފިރިހެން ދަރި ބިލީ ހެންރީގެ އެ ކަންބޮޑުވުމުގައި ބައިވެރިވި އެވެ.

"މަންމައަށް މަންމަގެ ރަށް [ގެއްލުނީ]،" ހެންރީ ބުންޏެވެ. 

"ދެން އެ ދަތުރު ކުރަން އޮތީ އަހަރެންގެ ބައްޕަ."

އަގަލޭގާގެ ވެރިރަށް ވިންގްޓް-ސިންކް.

އަގަލޭގާގެ ގިނަ ރައްޔިތުންނަކީ 1965 ވަނަ އަހަރު އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ތަންތަން ކަމަށް ކަނޑައަޅައި އެންމެ ބޮޑު ރަށް، ޑިއޭގޯ ގާސިއާގައި ކޮމިއުނިކޭޝަން ސްޓޭޝަނެއް ގާއިމު ކުރުމުގެ ހުއްދަ އެމެރިކާއަށް ދިނުމުން ޗާގޯސްގެ ރަށްތަކުން ހިޖުރަ ކުރި އާއިލާތަކުގެ މީހުންނެވެ. އެ ތަން މަޑުމަޑުން އެންމެ ފުރިހަމަ އަސްކަރީ މަރުކަޒަކަށް ބަދަލުވި އެވެ.

ހެންރީ ބިރުގަންނަނީ އަގަލެގާގެ ހުރިހާ ބިމެއްގެ މިލްކިއްޔާތު އަދި ހަމައެކަނި ވަޒީފާ ދޭ ފަރާތް، މޮރިޝަސް ސަރުކާރުން ހާލަތެއް މެދުވެރިކޮށް އެންމެން ނުކުންނާނެ ފަދަ ކަމެއް މެދުވެރި ކުރުމަށް މަސައްކަތް ކުރާތީ އެވެ.

އެގޮތުން، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި ހުރި މައްސަލަތަކާއި ރަށުގެ އިގްތިސާދުގައި އިންވެސްޓްކުރުން މަދުވުމާއި ވަޒީފާގެ ފުރުސަތުތައް ނުލިބުމާއި އަމިއްލަ ވިޔަފާރިތައް ހުޅުވުން މަނާކުރުން ހިމެނެ އެވެ.

މޮރިޝަސް ސަރުކާރުގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވީ އެއްވެސް މީހަކު އެ ތަނުން ނުކުތުމަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި އެއާޕޯޓާއި ބަނދަރަށް އާންމުން ވަނުމަށް މަނާކޮށްފައިވަނީ ކަނޑުފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަގަލެގާގައި އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް މޮރިޝަސް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. ސަރުކާރުން ބުނީ އެ ރަށުގެ ފުރިހަމަ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށާއި އެ ތަން ބަލަހައްޓަނީ މޮރިޝަސްގެ ފުލުހުން ކަމަށެވެ. ނަމަވެސް އިންޑިއާގެ ހަރަދުގައި އިމާރާތްކުރި އާ ފެސިލިޓީތައް "ބެލެހެއްޓުމާއި ހިންގުމުގައި" އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މޮރިޝަސް އާއި އިންޑިއާ ސަރުކާރުން ބުނަނީ ކަނޑުދަތުރުފަތުރާއި ވައިގެ ދަތުރުފަތުރަށް ގެނެވުނު ކުރިއެރުންތަކަކީ ޖަޒީރާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ފަރުމާކޮށްފައިވާ އަދި ފަގީރުކަމުން އަރައިގަތުމަށް އެހީތެރިވެދޭ ގޮތަށް ފަރުމާކޮށްފައިވާ ކަންތައްތަކެއް ކަމަށެވެ.

ނަމަވެސް އެ ރަށުގެ ރައްޔިތުން ބުނަނީ އެކަން އެ މަގުން ނުހިނގާ ކަމަށެވެ. އަދި މޮރިޝަސްގެ މައި ރަށަށް އަދިވެސް އޮންނަނީ ކޮންމެ އަހަރަކު އެންމެ ހަތަރު ފެރީ ކަމަށާއި އެއްވެސް ފަސިންޖަރު ފްލައިޓެއް ނޯންނަ ކަމަށެވެ.

އަގަލެގާގެ އުތުރު ފަރާތުން ފެންނަނީ ފުޅާ ދާއިރާއެއްގައި ގާއިމުކޮށްފައި ތަންތަނާއި ޖެޓީގެ ބޮޑުމިނާއި ބަނދަރު ކުރެވޭނެ އުޅަނދުތައް

މޮރިޝަސް ސަރުކާރުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ހޮސްޕިޓަލްގައި އޮޕަރޭޝަން ތިއޭޓަރުތަކާއި އެކްސްރޭ މެޝިނާއި ދަތަށް ފަރުވާދޭ ސާމާނު ހުންނާނެ ކަމަށެވެ. ނަމަވެސް އަގަލެގަންސް އިން ބުނަނީ އިންޑިއާ އިން އަލަށް އިމާރާތްކޮށްފައިވާ ހޮސްޕިޓަލަށް އެ މީހުންނަށް ވަނުން މަނާކޮށްފައިވާ ކަމަށެވެ.

ހެންރީ ބުނި ގޮތުގައި، އުތުރު ރަށުގެ ސިއްހީ މަރުކަޒުން ލިބޭ ވަރަށް ވުރެ ބޮޑު އެހީތެރިކަން ބޭނުންވި، ކައްކާ ތެލުން ފިހުނު ކުއްޖަކަށް މިދިޔަ އޮކްޓޫބަރު މަހު އެ ހޮސްޕިޓަލަށް ވަނުމަށް ދެކޮޅު ހެދި އެވެ.

"އެ ތަނުން ހިދުމަތް ދެނީ މުޅިން ވެސް އިންޑިއާ މީހުންނަށް،" އޭނާ ބުންޏެވެ.

އޭގެ ބަދަލުގައި، ޒަހަމްވި ކުއްޖާ އާއި އޭނާގެ މައިންބަފައިން ވަނީ މޮރިޝަސްގެ މައި ރަށަށް ގެންގޮސްފަ އެވެ. ސޫޕްރަމަނިއެން ބުނީ އެ ކުއްޖާ އަދިވެސް އޮތީ އެ ތަނުގެ ހޮސްޕިޓަލުގައި ކަމަށާއި ޖެހިގެން އަންނަ ބޯޓު އަގަލެގާއަށް ފުރަންދެން އާއިލާ ތިބޭނީ މައި ރަށުގައި ކަމަށެވެ.

ފިހުނު ކުއްޖާގެ ހާލާ ގުޅޭ ގޮތުން މޮރިޝަސް ސަރުކާރުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އަދި އެކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ދާދި ފަހުން މޮރިޝަސްގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރުގައި ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވިދާޅުވީ އަގަލޭގާގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަކީ އޭނާގެ ސަރުކާރުގެ އެޖެންޑާގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ތަނެއް ކަމަށެވެ.

ރަށުގެ ރައްޔިތުންނަށް ސިއްހީ އަދި ތައުލީމާއި ދަތުރުފަތުރުގެ ގުޅުމާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހަރުދަނާކުރުމަށް "މާސްޓާ ޕްލޭން" އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމާއި ކާށީގެ އުފެއްދުންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އިތުބާރު ގެއްލެނީ 2015 ވަނަ އަހަރުގެ އެއްބަސްވުމުގެ ތަފްސީލް އިންޑިއާ އާއި މޮރިޝަސް އިން ވެސް ހާމަކޮށްފައި ނުވާތީ މުސްތަގުބަލަށް އެ މީހުން ރާވާފައިވާ ޕްލޭންތައް ނޭނގޭތީ އެވެ.

ނޯޓު: މައުލޫމާތު ނަގާފައި ވަނީ ބީބީސީން

އިތުރު އާޓިކަލް

އިތުރު އާޓިކަލް