ސިފައިންގެ މީހަކު މަގުމަތީގައި ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފު ޖުނައިދު)
ސިފައިންގެއަށް ވަންްނަން ލާޒިމުވާ 'ދަށް ނަތީޖާ' އަކީ ކޮބާ؟
އަނެއްކާ ވެސް އަނެއް ބަހުސް ފެށުނީ އެވެ.
ތައުލީމީ ގޮތުން ދަށް ނަތީޖާ ލިބިގެން، ވަޒީފާއެއް ނުލިބި ތިބި ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސިފައިންގެ ހިދުމަތަށް ވަންނަން މަޖުބޫރުވާ ގޮތަށް ޕްރޮގްރާމެއް ފަށާނެ ކަމަށް، ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމާ އެކު އެކަމާ ގުޅޭ ގޮތުން ހިޔާލު ދެ ބައި ވެއްޖެ އެވެ. އެއް ބަޔަކު ދެކޭގޮތުގައި އެއީ ހަމަ އެންމެ ރަނގަޅު ނިންމުމެކެވެ. ތައުލީމީ ހަޔާތުން މޮޅު ނަތީޖާއެއް ނުހޯދި، ދެން ކުރިއަށް ދާނެ ގިނަ ކުދިންތަކަކަށް އެ ދައްކައިދިނީ ހަރުދަނާ މަގެކެވެ. އޭރުން ގައުމަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާ އާއި ކުށުގެ ވެށިން ކުދިންތަކެއް ސަލާމަތް ކުރެވިދާނެ އެވެ.
އެކަމަކު އަނެއް ބައެއްގެ ނަޒަރުގައި އެއީ ސުވާލު އުފެދޭ، އަދި 'އޮއްޓަރެއް ނެތް' ނިންމުމެެކެވެ. އެ މީހުންގެ އެންމެ ބޮޑު ސުވާލަކީ މިއެވެ؛ ސްކޫލު ނިންމާ ގޮތަށް ސިފައިންގެއަށް ވަންނަން ލާޒިމުވާ ފަދަ 'ދަށް ނަތީޖާ'އަކީ ކޮބައި ހެއްޔެވެ؟.
"މިސާލަަކަށް އަޅުގަނޑުގެ ދަރިފުޅު ފަސް މާއްދާއަކުން ފާހެއް ނުވެޔޯ. އެކަމަކު އޭނާއަކީ އިންތިހާއަށް ހުނަރުވެރި ކުރަހާ ކުއްޖެއް. އޭނާ ބޭނުންވަނީ ފުރުސަތެއް ލިބިއްޖެ ނަމަ އެ ދާއިރާއިން ކުރިއަށް ދާން،" ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.
"އެކަމަކު ދެން މިހާރު މިވާ ގޮތުން އެ ކުއްޖާއަށް ދެން ޖެހޭނީ ސްކޫލު ނިންމާ ގޮތަށް ސިފައިންގެއަށް ވަންނަންތާ."
ރައީސްގެ ވިސްނުންފުޅަކީ އުމުރުން 16 އަހަރު ވުމަށް ފަހު، އޯ ލެވެލް ނިންމާފައި ނޫނީ ތައުލީމު ހާސިލް ކުރެވުނު ހިސާބަކުން، ދެން އިތުރަށް ކިޔަވަން ފުރުސަތު ނުލިބޭ ކުދިން ސިފައިންގެއާ ގުޅުމެވެ. އެކަން ކުރައްވާނީ، ރައީސް ވިދާޅުވި ގޮތުގައި، ގާނޫނަކުން ބާރު ލިބިގެންނެވެ. އޭގެ މާނައަކީ އިތުރަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްވެފައި ނުވާ ކުދިން، ސިފައިން ގެއަށް ވަނުމަށް މަޖުބޫރުވުމެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި 'ނެޝަނަލް ސާވިސް'ގެ ނަމުގައި އަސްކަރީގައި ވަކި މުއްދަތެއްގައި އުޅެން ޒުވާނުންނަށް މަޖުބޫރުވެ އެވެ. އޭގެ ތެރޭގައި ސައުތު ކޮރެޔާ އާއި ސިންގަޕޫރު ހިމެނެ އެވެ.
އެކި ގައުމުތަކުގައި ނެޝަނަލް ސާވިސް ހިންގަނީ އެކި މަގުސަދުގަ އެވެ. ބައެއް ގައުމުތަކުގައި ހަނގުރާމައެއް ޖެހިދާނެ ކަމަށް، ވީހާވެސް ގިނަ ބަޔަކަށް އަސްކަރީ ތަމްރީން ދިނުމެވެ. އަނެއް ބައި ގައުމުތަކުގައި މުޖުތަމައުގެ އެކި ނަސްލުގެ މީހުންނާ އެކު އޮންނަން ޖެހޭ ގުޅުން ކިޔައިދީ، އެއްބައިވަންތަކަމުގެ މަގުސަދުގަ އެވެ.
ރާއްޖޭގައި ވެސް ކުރިން ސަރުކާރުން ބޭނުން ނަމަ ސިފައިންގެއަށް ވަންނަން މަޖުބޫރުވެ އެވެ. އެ މަޖުބޫރުކުރުން އުވާލީ 1990ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ 2000ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ. އޭރު މަޖުބޫރުވަނީ އޯ ލެވެލް ނިމުމާ އެކު ސަރުކާރުން ހޮވާލާ ވަކި ކުދިންތަކަކަށެވެ.
ރާއްޖޭގައި އާއްމުކޮށް ކޮންމެ އަހަރަކު ވެސް 7،000އަށް ވުރެ ގިނަ ކުދިން އޯ ލެވެލް އިމްތިހާން ހަދަ އެވެ. އޭގެ ތެރެއިން، ދެ ބައިކުޅަ އެއްބައި ކުދިން ފަސް މާއްދާއިން ފާހެއް ނުވެ އެވެ. އޯ ލެވެލްއަށް ފަހު ދެން އިތުރަށް ކިޔަވާ ނިސްބަތް ވެސް ދަށެވެ. ދެން ހަދާނެ ގޮތެއް، ކުރިއަށް ދާނެ މަގެއް ނޭނގި މުޖުތަމައުގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް ސަރުކާރުން މި ދައްކައިދޭން އެ އުޅެނީ ސިފައިންގެއަށް ވަދެ ގައުމަށް ހިދުމަތް ކުރުމެވެ.
އެކަމަކު ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ސިފަކުރެއްވި ގޮތުގައި 'ދަށް ކުދިން' އެއީ ކިޔަން އުނދަގޫ ލަފްޒުތަކެކެވެ. އޭނާގެ ނަޒަރުގައި، އެކި މާމަލުގެ ސިފަ ތަފާތުވާ ގޮތަށް ކޮންމެ ދަރިވަރަކީ ވެސް ތަފާތު ނަފްސެކެވެ. އެކި ކުދިން، ތަބީއީ ގޮތުން މޮޅުންވަނީ އެކި ކަންކަމަށެވެ.
"ބައެއް ކުދިން ސައިންސަށް، އަނެއް ބައި ކުދިން ދުވުމަށް، ފުންމުމަށް، ބައެއް ކުދިން ވޮލީއަށް ނުވަތަ ފުޓުބޯޅައަށް، އަނެއް ބައިކުދިން [މޮޅީ] ވެލްޑިން ކުރުމަށެވެ. ކޮންމެ ކަމަކީ ވެސް ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ހަމަ އެންމެ ރަނގަޅު ކަންތައްތަކެވެ،" ފޭސްބުކްގައި، އައިޝަތު އަލީ ވިދާޅުވި އެވެ.
"ކޮންމެ ދަރިވަރަކީ ވެސް އެކުއްޖެއްގެ ގޮތުގައި ރަނގަޅު ދަރިވަރެކެވެ."
އޭނާ ވިދާޅުވީ ޓީޗަރުން ނަރުގިސް ގަހެއްގައި ކަރަންކާ މަލެއް އަޅުވަން އުޅުމަކީ ބޭކާރު ކަމެއް ކަމަށާއި މަސައްކަތް ކުރަންވީ، ކޮންމެ ގަހެއްގައި އަޅާ އޭގެ ތަބީއީ މާ، އެދެވޭ ގޮތެއްގައި ފަރިކުރަން ކަމަށެވެ. އެއީ ކޮންމެ ކުއްޖެއްގެ ކިބައިގައި ހުންނަ ތަބީއީ ގާބިލްކަން ފާހަގަކޮށް، އެކަން ކުރިއެރުވުން ކަމަށް ވިދާޅުވި އެވެ.
"މި ކަމަށް މަސައްކަތް ނުކޮށް، ދަރިވަރު ހަދާ އިމްތިހާނެއްގެ ނަތީޖާއަށް ބިނާކޮށް ދަރިވަރު ގައިގައި 'ދަށް' މި ލޭބަލް އަޅުވާ އެކުދިން ސަފުން ބާކީ ކޮށްލުމަކީ ހައުދަހާވާ ހިތާމަވެރި ކަމެކެވެ،" އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖްގެ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީން، ޑރ. އިބްރާހިމް ލަތީފް ވެސް ސަރުކާރުގެ މި ނިންމުމަށް ފާޑުވިދާޅުވި އެވެ.
އޭނާގެ މައިގަނޑު ކަންބޮޑުވުމަކީ، ފުލުހާއި ސިފައިންގެ ދާއިރާ 'ތަރައްގީކުރުމު'ގެ ގޮތުން، އޯ ލެވެލް އިން ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން އެތަނަށް ވަންނަން މަޖުބޫރުކުރުވުމެވެ. އޭނާގެ ނަޒަރުގައި އެކަން ވާން ޖެހޭނީ އޭގެ އިދިކޮޅަށެވެ. އެކަން ލަތީފް ގުޅުވާލެއްވީ، ރަނގަޅު އަދި ގިނަ ޓީޗަރުން އުފެއްދުމުގެ ގޮތުން، ޓީޗަރުންގެ ކޯހަށް ވަންނަން އޮންނަ ކްރައިޓީރިއާ ދަށްކުރި ގޮތަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އޯ ލެވެލްގައި ކުދިން ދަތިތަކާ ކުރިމަތިލާން ޖެހެނީ ތައުލީމީ ނިޒާމު ތަރައްގީ ނުވެ އޮތުމުންނެވެ. އެކަން އެގޮތަށް އޮތްއިރު، ޅަ އުމުރުގެ ކުދިންތަކެއް ވަކި ދާއިރާތަކަކަށް ވަންނަން މަޖުބޫރުކުރުވުމަކީ އެ ކުދިންގެ ހައްގުތަކަށް އަރައިގަތުމެއް ކަމަށް ލަތީފް ވިދާޅުވި އެވެ.
"މައިންބަފައިން މިކަމަށް ރުހި ގަބޫލުކުރާ މިންވަރަކީ ވެސް ހައިރާންވާ ވަރުގެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ތައުލީމީ ތަޖުރިބާކާރު ވިދާޅުވީ ރަނގަޅު ތައުލީމީ އަސާސެއް ނެތްއިރު އޯ ލެވެލްގެ ގަދަ ދިހައަކަށް އައުމަކީ ވެސް ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށެވެ. ރާއްޖޭގެ ތައުލީމު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ޒަމާނާ ނުގުޅޭ އުސޫލުތަކެއްގެ މައްޗަށް ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ސަރުކާރުގެ މި ނިންމުމަށް ބަހުސްކޮށް، ފާޑުކިޔާ މީހުންގެ ނަޒަރުގައި ފާސްނުވާ ކުދިން ވަކި ދާއިރާއަކަށް ވަންނަން މަޖުބޫރުކުރުވުމުގައި ދައްކައިދޭންވީ، އެ ކުދިންގެ ހުނަރު ތަރައްގީ ކުރާނެ ގޮތްތަކެކެވެ.
އެކި ކުދިންގެ ކިބާގައި ހުންނާނީ އެކި ހުނަރުކަން ފާހަގަކުރައްވައި، ކުރީގެ އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ، އެ ކުއްޖެއްގެ ކިބައިގައި ހުންނަ ފަންނެއް ނުވަތަ ހުނަރެއް ކުރިއެރުވޭނެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. ފަންނުވެރިކަމުގެ ދާއިރާ އާއި ކުޅިވަރު ނުވަތަ ޓެކްނޮލޮޖީގެ ދާއިރާއިން ވިޔަސް، މަތީ ތައުލީމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން މާ އައުލާކަން ބޮޑުކަން ޔުމްނާ ފާހަގަކުރެއްވި އެވެ.
"އުފެއްދުންތެރި އިގްތިސާދެއް ބިނާކުރެވޭނީ މިފަދަ ކުދިންނަށް ފުރުސަތު ހޯދައިދީގެން. ދަށް ކުދިން ގޮތުގައި ލޭބަލްކޮށް، 16 އަހަރުގައި، މަޖްބޫރުކޮށްގެން ޕޮލިހަށް ނުވަތަ ސިފައިންގެއަށް ވެއްދުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މިކަމާ ބަހުސްކުރާ ބައެއް މީހުންގެ ނަޒަރުގައި، ޒުވާނުންނަށް ކުރިމަތިވެފައިވާ ވަޒީފާގެ ދަތިކަމާއި މަސްތުވާތަކެއްޗާއި އިޖްތިމާއީ މައްސަލަތައް ގުޅިފައިވަނީ އިގްތިސޯދީ ދަތިކަމާ އެވެ. އެކަން އެގޮތަށް އޮތްއިރު، ޒުވާނުން ކުރިއަށް ދާނެ މަގު ދައްކައިނުދީ، މިލިޓަރީ ހިދުމަތަށް ނުކުންނަން އެންގުމަކީ އެ އިގްތިސޯދީ އަނދަވަޅު އިތުރަށް ފުންވާނެ ކަމެއް ކަމަށް ދެކެ އެވެ.
އެ މީހުންގެ ނަޒަރުގައި މިލިޓަރީ އަދި ފުލުހުންގެ ހިދުމަތަކީ، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ނުވަތަ އިގްތިސާދީ ކުރިއެރުމަށް ސީދާ ގޮތެއްގައި ހިއްސާކުރާ ދާއިރާއެއް ނޫނެވެ. މިފަދަ ދާއިރާތަކަށް ވަނުމަށް މަޖުބޫރު ކުރުމުން، ކުދިންގެ އަސްލު ހުނަރު ވަޅުޖެހި، ގެއްލިދާނެ އެވެ. އޭގެ ބަދަލުގައި، އެއް ފަހަރާ އެއް ހާސް ކުދިން ސިފައިން ގެއަށް ވެއްދުމަށް ދާ ހަރަދުން، ހުނަރު ބޭނުންވާ ދާއިރާތައް ތަރައްގީކުރުން މާ އައުލާކަން ބޮޑުކަމަށް އެ މީހުން ދެކެ އެވެ.
ރައީސް މުއިއްޒު އަދި އަޅުއްވާލެއްވީ ސުރުހީއެކެވެ. އޭގެ ތަފުސީލުތައް ލިބޭނީ އެކަމަށް ހާއްސަކުރާ ގާނޫނުގެ ބިލުންނެވެ.
އެކަމަކު މިހާރު މި އޮތީ އެ މައުލޫގައި ބަހުސް ފެށިފަ އެވެ. އެއް ބަޔަކަށް ކަމުދާ ކަމަކަށްވި އިރު، އަނެއް ބައެއްގެ ނަޒަރުގައި މިއީ ސަރުކާރުން އަލުން ވިސްނަން ޖެހޭ މައްސަލައެކެވެ.
ކޮމެންޓް