ދިވެހި ޒުވާނުން މަތީ ތައުލީމު ނިންމައި، ސެޓްފިކެޓް ހާސިލްކުރަން ގޮސް (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޔޫރަޕްގެ ޖެން-ޒީގެ މި މައްސަލަތަކުން ދިވެހިންނަށް ވެސް ލިބޭނީ އިބުރަތެއް
ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. ފާޑުކިޔުން ބަލައިގަންނަން އުނދަގޫވެ އެވެ. އެއްޗެކޭ ބުނެފިއްޔާ ރުޅިއިސްކުރުން ބޮޑެވެ. މުވައްޒަފުންނާ ދެމެދު އޮންނަން ޖެހޭ ގުޅުމެއް ނޭނގެ އެވެ. ފަރުވާކުޑަ އެވެ. ވަގުތަށް ކަމޭހިތުމެއް ނޯވެ އެވެ.
މިއީ މި ފަހުން ޔޫރަޕްގައި ކުރި ސާވޭއަކުން ޖެނެރޭޝަން ޒީ ނުވަތަ ޖެން-ޒީގެ ޒުވާނުންނާ މެދު ފެނުނު އުނި ސިފަތަކެވެ. މި ސިފަތަކާ ހެދި ކުރިއަށް އޮތް ތަނުގައި އެ ޒުވާނުންނަށް ވަޒީފާތަކުގައި ހިފެހެއްޓޭނީ ކިހިނެއްކަމާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.
ޖެން-ޒީގެ ޒުވާނުން ކަމަށް ބަލަނީ 1997 އިން 2010ގެ އަހަރުތަކުގެ ކުރީކޮޅާ ދެމެދު އުފަންވި ކުދިންނަށެވެ. މި ކުދިންގެ އުމުރު މިހާރު އުޅޭނީ 18 އަހަރާއި 27 އަހަރާ ދެމެދުގަ އެވެ.
މި އުމުރުފުރައިގެ ޒުވާނުން ރާއްޖޭގައި ވެސް ވަޒީފާތަކަށް ފަރުވާކުޑަވުމުގެ ޝަކުވާތައް ބޮޑެވެ. ޔޫރަޕްގައި ހެދި ކަހަލަ ތަފުސީލީ ސާވޭއެއް ރާއްޖޭގައި ހަދާފައި ނެތް ނަމަވެސް 18-30 އަހަރާ ދެމެދުގެ ޒުވާނުން ވަޒީފާތަކުގައި ގެންގުޅެން އުނދަގޫ ކަމަށް، ބައެއް ކުންފުނިތަކުގެ ވެރިން ވިދާޅުވެ އެވެ.
ޔޫރަޕްގެ ސާވޭއިން ދެއްކި ގޮތުގައި ޖެން-ޒީގެ ޒުވާނުން ވަޒީފާއަށް ނުނަގަން ވެސް ބައެއް ކުންފުނިތަކުން ވިސްނަ އެވެ. މި ދިރާސާ ބިނާކުރީ ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ޒިންމާ އުފުލާ ގާތްގަނޑަކަށް ހާހެއްހާ މެނޭޖަރުންނަށެވެ.
ޖެން-ޒީގެ ޒުވާނުން ވަޒީފާތަކަށް ނުނެގުމުގެ މައިގަނޑު ސަބަބުތަކެއް ކަމަށް ކޮންމެ ހަ މެނޭޖަރުންގެ ތެރެއިން އެކަކު ބުނަނީ ހުރިހާ ކަމެއް ކޮށްދޭން ޖެހޭނެ ކަމަށް ގަބޫލުކުރުމާއި މާ އަވަހަށް ރުޅިއައުމާއި ހިތްހަމަނުޖެހުމެވެ.
ސުވާލުކުރި މެނޭޖަރުންގެ ދެބައި ކުޅަ އެއްބައި މީހުން ފާހަގަކުރީ ޖެން-ޒީގެ ޒުވާނުން ވަޒީފާގެ މާހައުލަށް ތައްޔާރުވެފައި ނުވާ ކަމެވެ. އެގޮތުން ވަޒީފާގެ އަހުލާގު ދަށްވުމާއި މުއާމަލާތްކުރަން ނޭނގުމާއި ދޭ އިރުޝާދަށް އަމަލްނުކުރުން، އެ ޒުވާނުންގެ މެދުގައި ބޮޑެވެ.
މި މައްސަލަތަކާ ހެދި ކުންފުނިތަކަށް އޮންނަނީ އެ ޒުވާނުން ވަޒީފާއިން ވަކިކުރުމެވެ. ސާވޭގައި ބައިވެރިވި ކޮންމެ 10 ކުންފުންޏަކުން ހަ ކުންފުނިން ވަނީ މި އަހަރު ވަޒީފާ ދިން ޖެން-ޒީގެ ޒުވާނުންގެ ތެރެއިން މަދުވެގެން އެކަކު ވަކިކޮށްފަ އެވެ.
އެ ފިޔަވަޅު އެޅި މައިގަނޑު ސަބަބުތަކަކީ ވަޒީފާގެ އަަހުލާގު ނެތުމާއި ޝައުގުވެރިކަން ކުޑަވުމާއި މުއާމަލާތްކުރަން ނޭނގުމެވެ.
މި ދައްކަނީ އާދައިގެ ޒުވާނުންގެ ވާހަކައެއް ނޫނެވެ. މިއީ ޔުނިވަސިޓީ ޑިގްރީ ނަގައިގެން ތިބި މީހުންނެވެ. އެހެންކަމުން ބައެއް މެނޭޖަރުން ފާހަގަކުރި ގޮތުގައި އެ ޒުވާނުންގެ ތައުލީމީ ހަޔާތް ނިންމާލާފައި އެވަނީ ވަޒީފާގެ ބާޒާރަށް ރަނގަޅަށް ތަމްރީންނުކޮށެވެ.
ޑިގްރީ ނަގައިގެން ވަޒީފާއަށް ނުކުންނަ ޒުވާނުންގެ މައިގަނޑު މައްސަލަތައް
-
50%: އިސްނުނެގުމާއި ޝައުގުވެރިކަން ނެތުން
-
46%: މަސައްކަތުގެ އަހުލާގު ނެތުން
-
42%: ރޭވުންތެރިކަމުގެ ހުނަރު ދަށްވުން
-
39%: މުއާމަލާތްކުރަން ނޭނގުން
-
38%: ކަންކަން ރަނގަޅުކުރަން އިރުޝާދު ދިނުމުން ޗެލެންޖްކުރުން
-
34%: ކަންކަން އަމިއްލައަށް ހައްލުކުރަން ނޭނގުން
-
30%: ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން އުނދަގޫވުން
މި ކަންކަމަށް ވިސްނާލާއިރު ރާއްޖޭގެ ގިނަ ޒުވާނުންގެ ވެސް މި މައްސަލަތައް ގިނަ އެވެ. ބައެއް ކުންފުނިތަކުން ބިދޭސީން ގެންނަން ޖެހެނީ ދިވެހި ޒުވާނުންގެ މަސައްކަތުގެ އަހުލާގު ދަށްވުމުންނެވެ. ހާއްސަކޮށް ފަރުވާކުޑަކުރުމުގެ ނުބައި ސިފަ ދިވެހި ޒުވާނުންގެ ބޮޑުކަން، ބައެއް ކުންފުނިތަކުގެ ވެރިން ފާހަގަކުރައްވަ އެވެ.
"ތިއަރީ ގޮތުން ބަލާ ނަމަ މި ޒުވާނުންގެ މައުލޫމާތު މުއްސަންޖެވެ. އެކަމަކު އަމަލީ މައިދާނުގައި ދިމާވާނެ ކަންކަމާއި ހަގީގީ ދުނިޔޭގެ ތަޖުރިބާތަކާއި ވަޒީފާގެ މާހައުލުގައި ކާމިޔާބުކުރަން ބޭނުންވާ އާދައިގެ ހުނަރުތައް އެ މީހުންގެ ނެތެވެ،" ސާވޭ ތައްޔާރުކުރި އިންޓެލިޖެންޓްގެ ތަޖުރިބާކާރެއް ކަމަށްވާ ހުއީ ނުގުޔެން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
މިއީ ޖެން-ޒީގެ ހުރިހާ ޒުވާނުންގެ މައްސަލައެއް ނޫނެވެ. މިހާރު ވެސް %25 މުވައްޒަފުންނަކީ އެ އުމުރުގެ ޒުވާނުންނެވެ. އެހެންކަމުން މަސައްކަތުގެ މާހައުލަށް ފެތި، ކުރިއަށް ދާން އުޅޭ ޒުވާނުން ވެސް ފެނެ އެވެ.
އެކަމަކު ޖެން-ޒީގެ ގިނަ އަދަދެއްގެ ޒުވާނުންނަށް މަސައްކަތު މާހައުލުގައި ނާކާމިޔާބުވާ ނަމަ އެއީ ކުރި މަގުގައި ކުރިމަތިވާނެ ބޮޑެތި ގޮންޖެހުންތަކެވެ. ތަޖުރިބާކާރުން ބުނަނީ ވަޒީފާގެ ތަަމްރީންތައް މިހާރަށް ވުރެ ބޮޑަށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ޖެން-ޒީގެ މި މައްސަލަތަކަށް ވިސްނައިގެން ހައްލެއް ހޯދިދާނެ އެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އެއީ ލަސްނުކޮށް އަވަސްކުރަން ޖެހޭ މަސައްކަތެކެވެ. އެހެން ނޫނީ ޑިގްރީ ނިންމާ ދަރިވަރުންގެ އަދަދު ކިތައްމެ ގިނަވިޔަސް ވަޒީފާގެ ބާޒާރުގައި ހުރި ޖާގަތައް ފުލްއެއް ނުކުރެވޭނެ އެވެ.
ތާކުންތާކު ނުޖެހޭ ކަންކަމުގައި ވަގުތު ހޭދަކޮށް ހަޔާތުގެ މުހިންމު އަހަރުތަކެއް ބޭކާރުކޮށްލުމުގެ މަގުގައި ތިބި ޒުވާނުން ސަލާމަތްކުރަން ނުނިކުމެ ތިބެން ހެޔޮނުވާނެ އެވެ.
ކޮމެންޓް (2)
ބަރާ
ޙާނިމް