ލޯކަލް މާރުކޭޓް ސަރަހައްދުގައި ބިދޭސީން ހަރަކާތްތެރިވަނީ: މިއީ ބިދޭސީންގެ ސީދާ ކޮންޓްރޯލް އޮތް ވިޔަފާރިއެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާރުކޭޓުގެ އެތެރެ އާއި ބޭރުގައި ވެސް އޮތީ ބިދޭސީންގެ ބާރު

ބައެއް ގޮޅިތައް ހިންގާ ދިވެހިން ބުނާ ގޮތުގައި ރަށްރަށުން ގެންނަ އެއްޗެހި ދިވެހިންނަށް ލިބެނީ ބިދޭސީންނަށް ވުރެ މާ ބޮޑު އަގުގައި

"މިތާ ދިވެހިންނަށް އެއްޗެއް ލިބޭނީ ބޭރު މީހުން ތިބޭ ގޮޅިތަކަށް އެއްޗެހި ވިއްކާފައި ދެން ބާކީ އޮންނަ އެއްޗެއް."

މިއީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުން ދިމާވި ޕިކަޕް ޑްރައިވަރެއްގެ ވާހަކަ އެވެ.

އެއީ ދަނޑުވެރިކަމުގައި ބިދޭސީންގެ ބާރު ފެށޭ ހިސާބެއް ނޫނެވެ. އޭނާ ބުނި ގޮތުގައި މިހާރު ދަނޑުތަކުގެ ބާރު އޮންނަނީ ވެސް އެ މީހުންގެ އަތުގަ އެވެ. ތަރުކާރީ އާއި މޭވާގެ ބާވަތްތައް މާލެ ގެންނަ ދޯނިފަހަރުގައި ވެސް އެ މީހުންނެވެ. މާލޭގެ ބަނދަރުން އެ އެއްޗެހި ވިއްކަނީ ވެސް އެމީހުންނަށެވެ.

"ބަނދަރުމަތީ މި އުޅޭ ބިދޭސީންގެ ކަންތައް ރަނގަޅަށް ބަލަން އެބަ ޖެހޭ." 

އޭނާގެ ޕިކަޕުގައި ދިވެހި ވިޔަފާރިވެރިން މުދާ އުފުލަ އެވެ. އެހެންވެ އެމީހުންގެ ހުރި ކަންބޮޑުވުންތައް ކޮންމެ ދުވަހަކު ވެސް އިވެ އެވެ. ދުވާލަކު ދެތިން ހަތަރުފަހަރު  ދަތުރުވެރިންގެ މާރުކޭޓަށް ވަދެ އަރުތެރެ ތެންމާލަނީ ކުރުނބަލަކުންނެވެ. 

ދިވެއްސެއްގެ ހައިސިއްޔަތުން އޭނާ އެންމެ ކަންބޮޑުވަނީ ރާއްޖޭގައި ދިވެހިންނަށް ވުރެ ބިދޭސީންގެ ބާރު، ބައެއް ފަހަރު، ގަދަވާތީ އެވެ. އެ ފުރުސަތު އެމީހުންނަށް ދެނީ ވެސް ދިވެހިންނެވެ. އެކަންތައް ރެގިޔުލޭޓުކޮށް ބަލަހައްޓާނެ ބަޔަކު ތިބި ނަމަވެސް ތަންފީޒެއް ނުކުރެވެ އެވެ.

ލޯކަލް މާރުކޭޓުން މީހަކު ވިޔަފާރިކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެކަމަކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ފިޔަވަޅު އަޅަން އިމިގްރޭޝަނާއި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ހިންގަ އެވެ. ވަރަށް ގިނަ ބަޔަކު އަނބުރާ ފޮނުވާލައިފި އެވެ. ޑިޕޯޓް ވެސް ކޮށްފި އެވެ.

އެންެ ފުރަތަމަ އެ ހަރަކާތް ފެށިއިރު މާލޭގެ ބައެއް ހިސާބުތަކުގައި ހިންގި ކުދިކުދި 'ލޯކަޕް މާރުކޭޓްތައް' ބަންދުކުރަން ޖެހުނެވެ. އެތަންތަނުގައި ގިނައިން ތިބެނީ ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން ކަމުން، އެ މީހުން އަތުލީ އެވެ. ނުވަތަ އަތުލުމުގެ ކުރިން ތަން ދޫކޮށް ދިޔައި އެވެ.

އެކަމަކު މާލޭގެ އެންމެ ބޮޑު ލޯކަލް މާރުކޭޓުން އަދިވެސް ބިދޭސީންގެ ބާރެއް ނުކެނޑެ އެވެ. ގޮޅިތަައް ދެނީ ދިވެހިންނަށެވެ. އެކަމަކު އެ ދިވެހިން އެތަންތަން ބޮޑު އަގުގައި ބިދޭސީންނަށް ދޫކުރެ އެވެ. މިހާރު ވެސް މާރުކޭޓުތަކުގެ ބައެއް ގޮޅިތައް ހިންގަނީ އެހެންނެވެ.

އޭގެ އިތުރުން މާރުކޭޓު ކޮންމެ ގޮޅިއެއްގައި ބިދޭސީއަކު ގެންގުޅެން ކޯޓާ ލިބެ އެވެ. ކޯޓާގެ ބޭރުން ވެސް އެތައް ބަޔަކު ގޮޅިތަކުގައި އެބަ ތިއްބެވެ. 

ބިދޭސިންނާ ނުލާ ގޮޅިތައް ހިންގާ ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް މި އެވެ: ދިވެހިންނަށް ވުރެ އެ މީހުންގެ ބާރު ގަދަވުމެވެ.

މާލެއަށް އުފަން އާދަމް މޫސާ ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިއެއް ހިންގާތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެއްޖެ އެވެ. އޭނާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަރުކާރީ އާއި އެނޫން ވެސް އުފެއްދުންތައް ގަންނަން ލިބޭ އަގު ބޮޑުވުމެވެ. އޭގެ ސަބަބަކީ ދަނޑުވެރިކަން ބިދޭސީންގެ އަތްދަށުގައި އޮތުމެވެ. 

ގޮޅިތައް ލިބެނީ ދިވެހިންނަށް. ބައެއް މީހުން އެތަންތަން ބިދޭސީންނަށް ދޫކުރޭ (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

"ބޭރުމީހުން، މި ގަންނަނީ ހަމަ އެމީހުންގެ މީހުން އަތުން. އަހަރެމެންނަށް [ދިވެހިންނަށް] މި ވިއްކަނީ އަގުބޮޑުކޮށް. މިސާލަކަށް އަހަރެމެންނަށް މި ވިއްކަނީ 20ރ އަށް ކުރުނބައެއް. އެމީހުންނަށް [ބިދޭސިންނަށް] ވިއްކާނެ 12ރ އަށް،" އާދަމް މޫސާ ބުންޏެވެ.

"މިރުސް ވެސް މި ވަނީ އެހެން. ބޭރުމީހުންނަށް އެބަ ލިބޭ 100ރ އަށް ކިލޯ. އަހަރެމެންނަށް 150ރ އަށް. އަހަރެމެން ގަންނަން މި ޖެހެނީ ބިދޭސީންގެ އަތުން. ރަށްރަށުން ތަރުކާރީ ހިފައިގެން އަންނަ ބޯޓުތަކުގައި ތިބެނީ ބިދޭސީން، ދަނޑު ހައްދަނީ އެމީހުން."

އޭނާ ފާހަގަކުރި ގޮތުން ރަށްރަށުން ތަރުކާރީ އާއި މޭވާ ހިފައިގެން މާލެ އައިސް އެ އެއްޗެހި ބަނދަރު މައްޗަށް ބާލާ ގަޑީގައި ރަނގަޅަށް މޮނީޓާކުރަން ޖެހެ އެވެ. އެކަމަކު އުޅަނދެއް ކައިރިކޮށްލުމާ އެކު މާލޭގައި ތިބޭ ބިދޭސީންގެ ބާރު ގަދަކޮށްލަ އެވެ. 

އާދަމް މުސާ ބުނީ މާރުކޭޓުތަކުގައި ބިދޭސީން ގެންގުޅެން ކޯޓާ ދިނުން ހުއްޓާލައިގެން ނޫނީ މި މައްސަލައަށް ކުޑަ ވެސް ހައްލެއް އަންނާނެ ކަމަށެވެ.

"މައްސަލައަކީ ކޯޓާ ދޫކުރުން. ދިވެހިން އާދޭ މަސައްކަތް ހޯދަން. މަސައްކަތް ކުރާނެ ދިވެހިން ވާނެ. އަހަރެން ވެސް ބޭނުމެއް ނުވޭ ބިދޭސީއަކު ލައިގެން މި ކަން ކުރާކަށް. ހަތަރު އަހަރު މި ވަނީ މިތާ އެކަނި މަސައްކަތް ކުރާތާ. ހަމަ އެބަ ކުރެވޭ،" އޭނާ ބުންޏެވެ.

ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް މާރުކޭޓަށް ވިއްކަނީ ބިދޭސީން މެދުވެރިވެގެން (ދައުރު ފޮޓޯ)

މާރުކޭޓުގައި ގޮޅިއެއް ހިންގާތާ 15 ވަރަކަށް އަހަރު ވީ މީހަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުނީ މާރުކޭޓަށް ވުރެ ބިދޭސީންގެ ބާރު ގަދައީ މާރުކޭޓު ބޭރުން ތޮށިގަނޑުމަތީގައި ކަމަށެވެ.

"އެތަނުން އެމީހުން ނަގައިގެން އަޅުގަނޑުމެންނަށް މި ވިއްކަނީ. މީގެ އެންމެ ގޯސް ކަމަކީ އެމީހުން މި ނަގަނީ ބޯޓުފަހަރުން. ބޯޓުފަހަރުން އަންނަ މީހުން އެމީހުންނަށް މި ދެނީ. ދެން އެމީހުން އަޅުގަނޑުމެންނަށް މި ވިއްކަނީ،" އޭނާ ބުންޏެވެ.

ވަކި ބައެއްގެ ބާރުގެ ދަށުގައި މޭވާ އާއި ތަރުކާރީގެ ސަޕްލައި އޮންނަ އޮތުން ބަދަލުވާން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އިމިގްރޭޝަންގެ ހާއްސަ އޮޕަރޭޝަނާ އެކު އާންމު ގިނަ މީހުންނަށް ހީވީ މާރުކޭޓް ސަރަހައްދު ދިވެހިންގެ އަތްދަށަށް ގެނެވުނީ ކަމަށެވެ. މާރުކޭޓްގެ އަސްލު ހާލަތު ނޭނގޭ މީހުން، އިމިގްރޭޝަނާއި ފުލުހުންގެ އޮޕަރޭޝަނަށް ތައުރީފް އޮއްސާލި އެވެ. އެކަމަކު ގޮޅިތައް ނަގައިގެން އުޅޭ ބައެއް ދިވެހިން އެތަންތަން ނުހިންގާ ދެނީ ބިދޭސީއަކަށެވެ.

މާރުކޭޓުގައި ގޮޅިއެއް ހިންގަމުން ރިސޯޓު ސަޕްލައިގައި ވެސް އުޅޭ މުހައްމަދު އިރުފާން، 32، ވެސް ނެގީ އެ މައްސަލަ އެވެ.

އޭނާ ބުނިގޮތުގައި ބިދޭސީންގެ ބާރު ގަދަވަނީ ދިވެހިންގެ ފަރުވާކުޑަކަމުންނެވެ. މާރުކޭޓު ގޮޅި ބޮޑު އަގުގައި ބިދޭސީންނަށް ކުއްޔަށް ދެނީ ދިވެހިންނެވެ.

"މި މައްސަލަ ހައްލުވާނީ ބިދޭސީންނަށް އެ ފުރުސަތު ދިވެހިން ނުދޭންވީ. އަނެއްކާ އިމިގްރޭޝަނާއި ޕޮލިހާއި ސިޓީ ކައުންސިލާ މި ތިން ބައި ގުޅިގެން ވެސް ކުރެވޭނެ ކަންތައް. މިސާލަކަށް ބޯޓުތަކުން މުދާ ބާލާ ގަޑީގައި އެ ތަން ކޮންޓްރޯލު ކުރެވޭނެ،" އޭނާ ބުންޏެވެ.

ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ ދިވެހިން ވެސް، އޭނާ ދެކޭ ގޮތުގައި، މަދެއް ނޫނެވެ.

"މިސާލަކަށް އަހަންނަކީ ރަށެއްގައި ދަނޑު ހައްދާ މީހެއް. އެކަމަށް ބައިވަރު ކޯޓާ ހުރޭ. އެމީހުން މި ކުރާ ކަމަކީ ކޯޓާ ނުލިބޭ މީހުންނަށް މި ވިއްކަނީ ކޯޓާ ބޮޑު އަގުގައި 30،000ރ. އަށް ނޫނީ 40،000ރ އަށް. އެހެންވުމުގެ ސަބަބުން އެ ބިދޭސީންނަށް އެބަ ލިބޭ ފުރުސަތު މަސައްކަތް ކުރަން. ކޯޓާ ވިއްކައިގެން ގަވައިދަށް އެބަ ފެތޭތާ ކޮންމެވެސް ގޮތަކުން. އެގޮތަށް އެތައް ބަޔަކު އެބަ އުޅޭ މި ސަރަހައްދުުގައި މަސައްކަތް ކުރަން،" އިރުފާނު ބުންޏެވެ.

"މިސާލަކަށް އަހަރެން 2-3 ކޯޓާ ވިއްކައިގެން ބައިވަރު ލާރި އެބަ ލިބޭ. އެކަން ވެސް އެއީ ހުއްޓުވަން ޖެހޭ ކަމެއް. އެކަން ހުއްޓުވާފައި ދިވެހިން ވީ ގޮޅިތައް ބިދޭސީންނަށް ކުއްޔަށް ނުދޭން. މަގޭ ނަމުގައި ވިޔަފާރި އޮވެފައި ބިދޭސީ މީހާ ތަން ހިންގާ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ޖެހޭ."

އެކަމަކު މާރުކޭޓުގައި ގޮޅިއެއް ހިންގާ އަލީ ވަހީދުގެ ތަޖުރިބާ އަދި ތަފާތެވެ. އޭނާ ދެކޭ ގޮތުގައި މާރުކޭޓްގައި ބިދޭސީންގެ ބާރު ވަކި ގަދައެއް ނޫނެވެ. އޭނާ ގަބޫލުކުރަނީ މަސައްކަތް ކުރާނެ ދިވެހިންނެއް ނުލިބޭ ކަމަށެވެ. މުދާ އުފުލައިދިނުން ފަދަ ކަންކަން ކުރާނެ ބިދޭސީން ހޯދަން ޖެހެނީ އެހެންވެ އެވެ.

އޭނާ ބުނީ މާރުކޭޓުން ގޮޅި ކުއްޔަށް ނަގާ ދިވެހި މީހާ އެތަން ބިދޭސީންނަށް ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމަށެވެ.

އަލީ ވަހީދަށް ފާހަގަކުރެވެނީ މާރުކޭޓުތަކުގައި މަސައްކަތް ކުރާނެ ހިތްވަރެއް ދިވެހިންގެ ނެތްކަމެވެ. މަސައްކަތުގެ އަހުލާގު ވެސް ނެތް ކަމެވެ. މީހުންނަށް އިހުތިރާމުކުރުން ފަދަ އާދަތައް ވެސް ނެތެވެ. 

މާލޭގެ ލޯކަލް މާރުކޭޓުގައި ދިވެހިން ވިޔަފާރިކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާރުކޭޓް ސަރަހައްދުގައި ބިދޭސީންގެ ބާރު އޮތުމަކީ ރާއްޖޭގެ ދަނޑުވެރިކަން ކޮންޓްރޯލް ކުރަނީ އެމީހުންކަން އެނގޭ އެއް ސަބަބެވެ. ބިދޭސީންގެ އަތުން އެ ބާރު ހޯދަން ބައެއް ދިވެހިން އުޅުނަސް އެކަން ނުވަނީ އެހެން ދިވެހިންގެ 'ކަންނެތްކަމާ ހެދި' އެވެ. 

ލޯކަލް މާރުކޭޓްގައި މަސައްކަތަށް ހުސްވެގެން ތިބި ދިވެހިން ބޭނުންވަނީ ބިދޭސީންގެ ބާރު ފޮހެލާށެވެ. ރަށްރަށުން ތަރުކާރީ އާއި މޭވާ ގެންނަ އިރު އޭގެ ކޮންޓްރޯލް ވެސް ބިދޭސީންނަށް ނުލިބޭ ގޮތް ހަދާށެވެ.

ކޮމެންޓް (4)

ސިކުނޑި

29 އޮކްޓޯބަރު 2024
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ހިންގި އޮޕަރޭޝަނަކީ "ސްކޭމް"އެއް! ސިކުނޑި އެންމެ ފުރަތަމަވެސް ބުނީ އެހެން! އަދިވެސް ބުނާނަން! އެކަމުގައި ކަމާބެހޭ ފަރާތްތަކުގެ އިޚުލާސްތެރި ކަމެއްނެތް!
0 0

ދޮން އަލީ

22 އޮކްޓޯބަރު 2024
މާރުކޭޓުގައި އުޅޭ ދިވެހިންވެސް ބޭނުމެއް ނުވޭ ބިދޭސީން އެތަނުން ބޭރުކުރާކަށް.އަހަރެން މާރުކޭޓުގަ ހުއްޓާ އިމިގްރޭޝަން ރެއިޑް ޖެހި ދުވަހަކު ބިދޭސީންތައް ގެންގޮސްގެން އެތާ ގޮޅި ހިންގާ ދިވެހިން ސަރުކާރަށާ ސިޓީ ކައުންސިލަށް ވަރަށް އެއްޗެހި ގޮވި.އެމީހުން ގެންގޮސްގެން ނުވާނެނޫންހޭ ތިމަންނަމެންގެ ވިޔަފާރި ހުއްޓުނީއޭ ގޮވި. ރާއްޖޭގަ ވާގޮތަކީ ގާނޫނާ ގަވާއިދު ތަންފީޒުކުރަންޖެހެނީ އޮބި އަޅައިގެން. ކެފޭތަކުގައި ސިގިރޭޓް ބޯން އިންދާ ފުލުހުން އައިސް އެމީހަކު ޖޫރިމަނާ ނުކުރާތީ އެތަންތަނުގައި ސިގިރޭޓް ވެސް ބޮނީ.
1 0

ހެ11

21 އޮކްޓޯބަރު 2024
މައްސަލަ ހައްލުވާނީ ދިވެހިން މަސައްކަތަށް ނުކުތުމުން! ދިވެހިން ބޭނުންވަނީ ފަައިސާ އެކަނި. އެމީހުންގެ އަތުގަ ދަނޑުތަކުގެ ބާރު އޮތުމުން އެ ހައްދަނީ ކޮންކޮން ކެމިކަލެއް އަޅައިގެން ކަމެއްވެސް ނޭނގޭ! ރާއްޖޭގައި ގިނަވަމުން އަންނަ ހުރިހާ ނުރައްކާތެރި ބައްޔެއްގެ އަސްލަކީ ދިވެހިންނަށް ގަންނަން ލިބޭ ކާބޯތަކެތި! ރާއްޖޭގައި އުފައްދާ އަދި ބޭރުން ގެންނަ ތަރުކާރީގެ ފެންވަރު ބަލާ މުއައްސަސާއެއް އޮވޭތަ؟ ހުރިހާކަމެއްވެސް ދިވެހީންގެ އަތްމަތީގައި... ގެއްލުންލިބޭނީވެސް އަހަރުމެންނަށް!
2 1

އަލީ ވަހީދު

21 އޮކްޓޯބަރު 2024
ތިޔަކަން ހައްލުވާނީ ހަމަޑީޕޯރޓް ކޮއްގެން ވިޔަފާރި ކުރަން އުޅޭ އެއްވެސް. މީހަކައް ދެވަނަ ފުރުސަތު ދޭނެ ކަމެއްނެތް. ވިޔަފާރީގަ ބައިވެރިވާ އެންމެން ރައްރަށުން މާލެ ފޮނުވަން އޮޑިއައް މުދާ ގެނަނަ މީހާ ބޯޓްގަ ހުންނަ މީހާ މާލެއިން ގަންނަ މީހާ ގޮޅީގަ ހުންނަ މީހާ .މި އެންމެން ޑީޕޯރޓް ކުރަން ޖެހެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް