އަނިޔާ ލިބުނު މީހުންގެ އިންތިޒާރަށް ނިމުމެއް ނެތް

މަދަނީ ހައްގުތައް ހޯދައިދޭން މި ސަރުކާރުން ވެސް އުފެއްދީ އޮފީހެއް؛ މި އޮފީހުގެ ކިއޫގައި ވެސް ގިނައީ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިގެން އިންސާފު ނުލިބުނު މައްސަލަތައް

މުހިންމު ނުކުތާތައް

އާ އޮފީހެއް އުފައްދައިގެން މައްސަލަތަކަށް އިންސާފު ލިބޭކަން ކަށަވަރުކުރަން ރިޕޯޓުގައި ރައީސްއަށް ލަފާދިން

އުންމީދުތަކެއް ދީގެން ބަޔާންތަކެއް ނެގުމަކީ އަނެއްކާވެސް އަނިޔާއެއް ކަމަށް އެތައް ބަޔަކު ގަބޫލުކުރޭ

އޭޖީ އޮފީހުން ބުނަނީ އިންސާފު ހޯދައިދޭން އާ ސަރުކާރަށް ވެސް ދަތިވެގެން އުޅެނީ ކަން ކުރަންވީ ގޮތުގެ އިންތިޒާމުތަކެއް ނެތުމުން ކަމަށް

ނިޒާމީ ސިފައެއްގައި ރޭވިގެން، 1953 އިން ފެށިގެން 17 ނޮވެމްބަރު 2018އާ ހަމަޔަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކުރަން އިންތިގާލީ އިންސާފުގެ އޮފީހެއް 2020ގައި އުފެއްދި އެވެ. މިއީ އަނިޔާ  ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެއްގެ މައްޗަށް އުފެއްދެވި އޮފީހެކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހަށް މި މައްސަލަތައް ނިންމަން ދޭނެ މުއްދަތެއްގެ ގޮތުގައި ގާނޫނުގައި ކަނޑައެޅީ ދެ އަހަރެވެ. އެކަމަކު އެ މުއްދަތު ހަމަވިއިރު އެއިން މައްސަލައެއްގެ ތަހުގީގު ވެސް ނުނިމުނެވެ.

އެ މުއްދަތު ފަސް އަހަރަށް ދަންމާލައިގެން ވެސް، ބަލަން ފެށި ބައެއް މައްސަލަތައް މިއަދާ ހަމަޔަށް އެ ހުރީ ނުނިމި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި ސަރުކާރު ބަދަލުވުމާ އެކު، ގާނޫނީ މުއްދަތު ހަމަވެ، އެ އޮފީސް އުވުނީ އެވެ.

އިންސާފު ހޯދަން އުޅުނު މީހުން މިއަދު އެތިބީ އުންމީދު ގެއްލިފަ އެވެ.

ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު، އެޓާނީ ޖެނަރަލްގެ އޮފީހަށް އެތައް ބައިވަރު ބަޔަކު އައިސް އެ ޝަކުވާ އެބަކުރޭ. ތިމަންނާމެން އިންސާފު ހޯދުމަށް އެމްބޮޑްސްޕާސަން އޮފީހަށް ހުށަހެޅި މައްސަލަތަކަށް ދެން ކިހިނެއްހޭ ހަދާނީ؟،

ބަންޑާރަ ނައިބު އަހުމަދު އުޝާމް

މައްސަލަތައް ބެލުމުގެ އިންތިޒާމެއް، ނިޔަތެއް ނެތް 

މި ސަރުކާރުގެ ބަންޑާރަ ނައިބުކަމާ އަހުމަދު އުޝާމް ހަވާލުވުމަށް ފަހު މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުން، އެ މީހުންނަށް އިންސާފު ހޯދައިދޭން އާ ސަރުކާރަށް ވެސް ދަތިވެގެން އުޅެނީ، އެ އޮފީސް އުވުނުއިރު، މިދިޔަ ސަރުކާރުން އެ މައްސަލަތަކުގައި ދެން ކަން ކުރަންވީ ގޮތުގެ އިންތިޒާމުތަކެއް ހަމަޖައްސާފައި ނެތުމުންނެވެ.

ނިންމާފައިވާ މައްސަލަތައް ކަމަށް ބުނެ އަވަސް އަރުވާލައިގެން އެއް ދުވަހުގެ ތެރޭގައި އިންތިގާލީ އިންސާފުގެ އޮފީހުން، ބަންޑާރަ ނައިބު އޮފީހަށް ފޮނުވާފައި ހުރި ބަދަލު ހޯދުމުގެ މައްސަލަތަކުގައި ވެސް މައްސަލައިގެ ނަންބަރު ފިޔަވައި އިތުރު މައުލޫމާތެއް ނެތް ކަމަށް އުޝާމު ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވުމާ އެކު، މިހާރުގެ ސަރުކާރުން ވެސް މަދަނީ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި އަނެއްކާވެސް އުފެއްދީ އޮފީހެކެވެ. އިންތިގާލީ އިންސާފުގެ އޮފީހުން، އިންސާފު ހޯދަން ހެދި ކިއޫ މިހާރު އޮތީ އެ އޮފީސް ދަށުގަ އެވެ. ސިވިލް ރައިޓްސް ނަމުގައި މި ސަރުކާރުން އުފެއްދި އެ އޮފީހަކީ ވެސް މަދަނީ ހައްގުތައް ލިބިދިނުމުގައި ގެންގުޅޭ ތަފާތުކުރުންތަކާއި، މަދަނީ ހައްގުތައް ލިބިނުދީ ހިފެހެއްޓުމާ ގުޅޭ ޝަކުވާތައް ބަލަން، އުފެއްދި އޮފީހެކެވެ.

އުޝާމު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ސިވިލް ރައިޓްސް އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވެސް އެންމެ ގިނައީ އިންތިގާލީ އޮފީހުން އިންސާފު ނުލިބިގެން ހުށަހެޅި މައްސަލަތަކެވެ.

އެ މައްސަލަތަކާ ގުޅިގެން ބެލިބެލުމުން ފާހަގަކުރެވުނު ކަންކަމުގެ ގޮތުގައި އުޝާމު އޭރު ވިދާޅުވީ:

  • އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި 489 މައްސަލައިގެ ތެެރެއިން ތަހުގީގުކުރަން އެ އޮފީހުން ނިންމީ 460 މައްސަލަ 

  • އެ މައްސަލަތަކުގެ ތެރެއިން 453 މައްސަލަ ބަލާ ނިންމާފައި އޮތް ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފައިވޭ

  • ބަލާ ނިންމާފައި ހުރި މައްސަލަތަކުގެ ތެރެއިން ބަދަލު ހޯދުމަށް އެދި އޭޖީ އޮފީހަށް 30 މައްސަލައެއް އެ އޮފީހުގެ ފަރާތުން ހުށަހެޅި؛ މި 30 މައްސަލަ ހުށަހަޅާފައިވަނީ އެ އޮފީސް އުވެން އޮތް ދުވަހު

  • ބަދަލު ހޯދަން އެދި އޭޖީ އޮފީހަށް ހުށަހެޅި 30 މައްސަލައިގައި ވެސް  ކޭސްގެ ނަންބަރު ފިޔަވައި މައްސަލައިގެ އިތުރު ލިޔެކިއުމެއް އަދި ތަފްސީލެއް ހިއްސާކޮށްފައެއް ނުވޭ

  • އެ 30 މައްސަލައިގެ ތަފްސީލާއި، އިންތިގާލީ އޮފީހަށް ހުށަހަޅާފައި ހުރި ހުރިހާ މައްސަލައެއްގެ ލިޔެކިއުންތައް ހޯދަން ފިނޭންސް މިނިސްޓްރީގައި މިދިޔަ ޑިސެމްބަރުގައި އެދިފައިވާނެ

"ފިނޭންސުން ހިއްސާކުރި އެ ލިޔެކިއުންތައް ހިމެނޭ ސާވާ ބެލުމުން ފާހަގަވީ ލިޔެކިއުންތައް އިންތިގާލީ އިންސާފުގެ އޮފީހުން ބަލަހައްޓާފައިވަނީ އެއްވެސް އުސޫލެއް، ތަރުތީބެއް ނެތި ކަން. އެހެންވެ ލިޔެކިއުންތައް ވަކިވަކިން ބެލުމުގައި ދަތިތަކެއް ކުރިމަތިވެފައިވޭ،" އުޝާމު ވިދާޅުވި އެވެ.

އެކަމަކު އިންތިގާލީ އޮފީހަށް ހުށަހެޅީ ވަރަށް ގިނަ ބައެއްގެ ވަރަށް ބޮޑު ހައްގުތަކެއް ގެއްލުނު ކަމަށް ބުނާ މައްސަލަތަކަކަށް ވުމުން، އެ މައްސަލަތައް "މި ސަރުކާރާ ބެހޭ ކަމެއް ނޫނޭ" ކިޔާ ދޫކޮށްލަން ބޭނުން ނުވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އިންތިގާލީ އޮފީހަށް ހުށަހެޅި މައްސަލަަތައް ނުނިމި ހުރި ނަމަ، އެ އޮފީހުގެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން، އެ މައްސަލަތަކާ މެދު އަމަލުކުރަން ޖެހޭނެ ގޮތުގެ އިންތިޒާމެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮވެ އެވެ.

އުޝާމު އެދުވަހު ވިދާޅުވި ގޮތުން މިހާރުގެ ސަރުކާރަށް އެ މައްސަލަތަކަށް ހައްލު ހޯދައިދޭން ދަތިވެގެން އުޅެނީ އެ އޮފީހުގެ މުއްދަތު ހަމަވިއިރު އެ އިންތިޒާމުތައް ކުރީގެ ސަރުކާރުން ހަމަޖައްސައިދީފައި ނުވާތީ އެވެ.

"ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު، އެޓާނީ ޖެނަރަލްގެ އޮފީހަށް އެތައް ބައިވަރު ބަޔަކު އައިސް އެ ޝަކުވާ އެބަ ކުރޭ. ތިމަންނާމެން އިންސާފު ހޯދުމަށް އެމްބޮޑްސްޕާސަން އޮފީހަށް ހުށަހެޅި މައްސަލަތަކަށް ދެން ކިހިނެއްހޭ ހަދާނީ؟،" ޖޫންމަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމު ވިދާޅުވި އެވެ.

"އެހެންވީމާ މި މައްސަލައަށް ގާނޫނީ ގޮތުން ވެސް ހައްލުތަކެއް ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ ޖެހޭ. އެޓާނީ ޖެނަރަލްގެ އޮފީހުން ހަމަ ވަކި ޓީމެއް ނަގައިގެން ވަރަށް ބުރަކޮށް މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ."

އޭގެ ފަހުން މިއަދަށް ހަތަރު މަސް ވެއްޖެ އެވެ. އެއީ މި މައްސަލައާ ބެހޭ ގޮތުން މި ސަރުކާރުން އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން މިހާތަނަށް ބަންޑާރަ ނައިބު އޮފީހުން އަމަލުކުރަމުން އަންނަ ގޮތެއް ނުވަތަ އެ މައްސަލަތައް އޮތް ހިސާބެއް، ލިބިފައިވާ ކުރިއެރުމެއް، ކުރެވިފައިވާ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ބުނާ ގޮތުން އެމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތް ފުރިހަމަވެ ނިމުމުން، އެ އޮފީހުން ބެލި މައްސަލަތަކާ ގުޅޭ ތަފްސީލީ ރިޕޯޓެއް ރައީސްއަށް ހުށަހަޅަންވާނެ އެވެ.

މި ރިޕޯޓު ރަައީސްއަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭ ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ވާނެ ކަމަށް ގާނޫނު ބުނެ އެވެ. ނަމަވެސް މިހާތަނަށް އެ ރިޕޯޓު ވެސް އާންމުކޮށްފައެއް ނުވެ އެވެ. 

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހާއި، ބަންޑާރަ ނައިބު އޮފީހުން ވެސް 'ދައުރު'އަށް މި ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ.

މިހާރުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށްދަނީ (ފޮޓޯ/ރައީސް އޮފީސް)

އިންސާފަށް އުންމީދެއް ނެތް، މިއީ އިހާނެތި އަނިޔާއެއް

އިންތިގާލީ އިންސާފުގެ އޮފީސް އުފެދުނީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު އޮތް، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެއްގެ ގޮތުގަ އެވެ. 

އެތަނުން ބަލާ މައްސަލައެއްގައި އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ ނަމަ، ފިޔަވަޅު އެޅުމުގެ އިހްތިސާސް ލިބިދިނެވެ. އެކަން ކުރަންވީ ގޮތުގެ އިންތިޒާމުތައް އެ ގާނޫނުގައި ކަނޑައެޅި އެވެ.

އެ އޮފީހުން ބަލަން ނިންމި ފާހަގަކޮށްލެވޭ މައްސަލަތަކަކީ: 

  • ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962ގައި ގދ. ތިނަދޫން މީހުން ބޭލި ހާދިސާ

  • ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ މައްޗަށް ނުހައްގުން ކުރި ހުކުމް

  • ޖަލުތަކުގައި އަނިޔާ ލިބުނު މީހުންގެ މައްސަލަތައް

އިންތިގާލީ އިންސާފުގެ އޮފީހުން އާންމުކޮށް ހުޅުވާލައިގެން ޓީވީން ދުރަށް ދައްކާ ގޮތަށް ތިނަދޫގެ މައްސަލާގައި މީހުންގެ ބަޔާންތައް ނެގި އެވެ. އެ ފުރުސަތުގައި އެތައް ބަޔަކު އަނިޔާތަކުގެ ވާހަކަތައް ކިޔައިދިނެވެ. އެއްބަޔަކު އެ ވާހަކަތައް ކިޔައިދިނީ ރޮމުންނެވެ. ނަމަވެސް ނުހަނު ފޮނި އުންމީދުތަކަކާ ވެސް އެކު އެވެ.

އެދުވަހު ބަޔާންދިން އެކަކަކީ ރަޝީދާ އެވެ. ވަރަށް ޅައުމުރުގައި ބައްޕަ ނިޔާވީ ރަށުން މީހުން ބޭލުވި އެ ހާދިސާގަ އެވެ. އުމުރުން 30 އަހަރުގެ ބައްޕަ މަރުވީ ޖަލުގައި އެތައް ދުވަހަކު ދިން އަނިޔާތަކުގަ އެވެ. ކާފަ ވެސް، ބޮޑުބޭބެ ވެސް މަރުވީ ޖަލުގައި ދިން އަނިޔާތަކުގައި ކަމަށް އޭނާ ބުނެ އެވެ. ރަޝީދާގެ މަންމަ އާއި އަންހެންވެރިން ރަށުން ބޭރުކޮށްލައި އެއް ރަށުން އަނެއް ރަށަށް ސަލާންޖެހުމުގައި ދުވަސްތައް ހޭދަކުރަން މަޖުބޫރުކުރުވީ އެވެ.

ރަޝީދާ ދެކޭގޮތުގައި އެ އަނިޔާތަކަށް ދެވޭނެ ފަރުވާއެއް، ދެވޭނެ ބަދަލެއް ވެސް ނެތެވެ. އެކަމަކު އެ ވާހަކަތައް އެދުވަހު މުޅި ރާއްޖެއަށް އިއްވީ ކުޑަ ނަމަވެސް އިންސާފެއް މުޅި ރަށަށް ލިބޭނެ ކަމުގެ އުންމީދުގަ އެވެ. އެކަމަކު އެ ހަނދާންތަކުން އަނެއްކާވެސް އޭނާ ރޮއްވާލުން ނޫން އެހެން ކަމެއް ނުވި އެވެ. ރަޝީދާ ގަބޫލުކުރަނީ އެކަމުގެ ސަބަބުން ހިތްދަތި އަސަރުތަކެއް ތާޒާވެ މިއަދު އަނެއްކާވެސް ލިބުނީ އަނިޔާތަކެއް ކަމަށެވެ. 

"އެތައް ޒަމާނެއް ވެފައި ހުރި އެތައް އިހުސާސްތަކެއް މި ނަގަނީ. އެ ހަނދާންތައް ވަޅުޖެހިފައި ހުއްޓައި ކޮންމެ ފަހަރަކު ވެސް ނަގައިގެން އެ ވާހަކަދައްކާ ހަނދާންކޮށްދިނީމާ އެ ހަނދާންތަކާއި އެ ކަރުނަތަކާއި އެ ހުރިހާ އަސަރެއް އަނެއްކާވެސް އާވޭ،" 'ދައުރު'އާ ވާހަކަ ދައްކަމުން ރަޝީދާ އަސަރާ އެކު ބުންޏެވެ.

"ކިތައް މީހުން އެތަނަށް ގޮސް ދިގު ބަޔާންތަކެއް ދީފައި އައިސް މިތިބީ. ލިބުނު އިންސާފެއް ނެތް. އެއަށް ވީ ގޮތެއް ވެސް ނޭނގޭ. އެއީީ ސަރުކާރުން ވަރަށް އިހާނެތިކޮށް ކުރާ ކަމެއް." 

އެ ވާހަކަތައް ދައްކާކަށް އޭނާ މިހާރު ބޭނުމެއް ނުވެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީހުން ކުރި ހަމައެކަނި ކަމަކީ މުޅި ރާއްޖެއަށް ދައްކައިގެން ބަޔަކު ގެންގޮސް ދިގު ބަޔާންތަކެއް ނަގުވައި، ވަޅުޖެހިފައި ހުރި ޒަމާނެއްވީ ވޭންތަކެއް އަލުން އާކުރުވުން އެކަންޏެވެ. އޭނާ ހުށަހެޅި މައްސަލައަށް ވީ ގޮތެއް އެ އޮފީހުން މިއަދާ ހަމަޔަށް ވެސް އަންގާފައެއް ނުވެ އެވެ.

"ދެން އެ ރުއިން ރޯކަށް މިހާރު ބޭނުމެއް ނުވޭ. އެވާހަކަ އެއްގޮތަކަށް ވެސް މިހާރު ދައްކާކަށް ވެސް ބޭނުމެއް ނުވޭ. ބަދަލެއް ވެސް ނުދެވޭނެ ލިބުނު ނަފްސާނީ ގެއްލުންތަކަށް. ބޭނުމެއް ވެސް ނޫން،" ރަޝީދާ ބުންޏެވެ.

"އެކަމަކު އަޅުގަނޑުގެ ސުވާލަކީ އިންސާފު ހޯދައިދޭށޭ ކިޔައިގެން ދެން ކީއްކުރަންހޭ އެ ވާހަކަތައް ސަރުކާރުތަކުން އަޅުގަނޑުމެން ލައްވާ ތަކުރާރުކޮށް މި ކިޔުއްވަނީ. އެ ހަނދާންތައް އާކުރުވާ މި ރޮއްވަނީ. މުޅި ރާއްޖެއަށް ފެންނަ ގޮތަށް ޓީވީން ދުރަށް ދައްކައިގެން ބަޔަކު ލައްވާ އެ ވާހަކަތައް ކިޔުއްވާފައި، އެ ހަނދާންތަކުގައި ރޮއްވާފައި މި ސަކާރާތް މި ޖެހީ ކީއްކުރަންހޭ؟ އުންމީދު ގެއްލިފައި ތިއްބާ، އާ އުންމީދުތަކެއް ދީގެން ބައެއްގެ ހިތުގައި މި ޖެއްސީ ކީއްކުރަންހޭ އަލުން؟"

ތިނަދޫން މީހުން ބޭލި ހާދިސާގައި މުޅި އެރަށް ވަނީ ސުންނާފަތި ވެފައި؛ އެރަށް ފަޅުކުރީ މީގެ 60 އަހަރު ކުރިން

ބަދަލު ހޯދުމަށް އެދި ބޮޑެތި މައްސަލަތަކެއް ހުށަހަޅާފައިވާ އަނެއް ފަރާތަކީ އައްނަބީލާ ފާތިމަތު ފަރީދު އެވެ. ރަސްމަތި ބޭފުޅެކެވެ. ރާއްޖޭގައި ރަސްކަން ކުރެއްވި މުހައްމަދު ފަރީދުގެ ކޮއްކޯފުޅަކީ ފާތިމަތު ފަރީދުގެ ބައްޕާފުޅެވެ.

ބައްޕާފުޅު އައްނަބީލު އިބްރާހިމް ފަރީދު ދީދީގެ ފުށުން ވާރުތަވެފައިވާ މ. މާފަންނު ގޭގެ މައްސަލާގައި އިބްރާހިމް ނާސިރުގެ ދައުރުން ފެށިގެން މިއަދާ ހަމަޔަށް ވެސް ކުރިމަތިވަމުން އަންނަ އުނދަގޫތަކާއި، ނިގުޅައިގެންފައިވާ އިންސާނީ ހައްގުތަކަށް އިންސާފު ހޯދަން އޭނާގެ ފަރާތުން ހުށަހެޅި ތިން މައްސަލައެއް އޮތެވެ. އެ މައްސަލަތަކުގައި އޭނާގެ ފަރާތުން ދިގު ބަޔާންތަކެއް އަނގަ ބަހުންނާއި ލިއުމުން ހުށަހެޅި އެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުވުމާ ހަމަޔަށް އެ މައްސަލާގައި ވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. އެ މައްސަލަތަކަށް އިންސާފު ނުލިބި އޮއްވާ ފާތިމަތު ފަރީދު ވަނީ އަވަހާރަވެފަ އެވެ. އޭނާ އަވަހާރަވީ މުޅި އުމުރު ތަހަންމަލު ކުރަން ޖެހުނު އެ އުނދަގޫތަކާއި އަނިޔާތަކުގައި ނަފްސާނީވެ، އެ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށެވެ.

މި މައްސަލަތަކަށް ގޮތެއް ނިމި ބަދަލު ލިބޭނެ ކަމުގެ އުންމީދުގައި ފާތިމަތު ފަރީދާގެ ފިރިކަލުން އިބްރާހިމް ޝަފީގު (އެމްވީކޭ ޝަފީގު) އަދިވެސް އެ ދަނީ މުއައްސަސާތަކުގެ ދޮރުގައި ޓަކި ޖައްސަވަމުންނެވެ. އެކަމަކު މިހާތަނަށް އެ މައްސަލާގައި އޭނާއަށް އަންގާފައި އޮތީ އޭޖީ އޮފީހުގައި މައްސަލަ އޮތްކަން އެކަންޏެވެ. މި ރިޕޯޓަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހުން އެ މައްސަލަތަކުގައި ނިންމި ގޮތުގެ ރިޕޯޓެއް އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އެ މައްސަލަ އޮތް ހިސާބެއް ސާފުކުރަން އޭޖީ އޮފީހަށް ވަޑައިގަތުމުން ކުރިއެރުމެއް ނުލިބި އޮތް ސަބަބެއް ކަމަށް ޝަފީގަށް އޭޖީ އޮފީހުން އެންގީ ރިޕޯޓުތަކުގެ ފައިލްތައް ރައްކާކޮށްގެން އުޅުނު އޮންލައިން ޕޯޓަލްގެ އެކްސެސް އެ އޮފީހަށް ލިބިފައި ނުވުމެވެ.

އޭނާ ވެސް މިއަދު ގަބޫލުކުރައްވާ ގޮތުގައި އަނބިކަނބަލުންނާއި، ދަރިންނަށް ލިބިވަޑައިގެންނެވި ނަފްސާނީ ގެއްލުންތަކުގެ ބަދަލަކީ ދެވޭނެ ބަދަލެއް ނޫނެވެ. އެކަމަށް މިއަދު އުންމީދެއް ވެސް ނެތެވެ. އެކަމަކު ހިތްވަރުކޮށްފައި ހައްގުތައް ހޯއްދަވަން ކުރެއްވުނު ކަމެއް ކުރުން ނޫން ގޮތެއް ނެތީ އެވެ.

އޮފީސް އުވެން އެއް ދުވަހަށް ވީއިރު ވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ނުލިބިގެން އިންތިގާލީ އޮފީހަށް ބައެއް މީހުން ވަދެ ޑިމާންޑްކުރަނީ

ހައްގުތައް ހޯދައިދޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ

އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގާ އޮތުމަށް ފަހު، ދައުރު ނިމެން ދެ ހަފްތާއަށް ވެފައި ވަނިކޮށް، މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދާއި އުސޫލުތަކާ ހިލާފަށް އަވަސް އަރުވާލައިގެން މައްސަލަތައް ނިންމަން އުޅުމާއި ކުރީގެ ނިންމުންތައް ބަދަލުކުރާ ކަމުގެ ތުހުމަތާ އެކު، އެ އޮފީހުގެ އެމްބަޑްސްޕާސަން ޖިހާދާ އަނީސް އިސްތިއުފާ ދެއްވި އެވެ.

ހަމަ އެ ދަނޑިވަޅު ލިޔެކިއުންތައް ބަދަލުކުރުމުގެ މައްސަލަތަކަކާ ގުޅޭ ތަހުގީގެއް ފަށައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވެސް އެ އޮފީހަށް ވަނެވެ. އެ ފާސްކުރުމުގައި އޮފީހުގައި ހުރި ބައެއް ތަކެތި އޭސީސީގެ ބެލުމުގެ ދަށަށް ނެގި އެވެ. އޮފީސް އުވުމާ އެކު އެ އޮފީހުގެ ލިޔެކިއުންތަކާއި ހަރުމުދާ ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އެ އޮފީހުގެ އޭރުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް މި ރިޕޯޓަށް ވާހަކަދައްކަވަމުން ވިދާޅުވީ މައްސަލަަ ނިންމާ ގޮތުގެ ރިޕޯޓު މައްސަލަ ހުށަހެޅި ފަރާތަށް ހަވާލުކުރަން ގާނޫނުން ލާޒިމުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އޮފީހުގެ މުއްދަތުގެ ތެރޭގައި އެ ރިޕޯޓުތައް ހަވާލުކުރެވޭތޯ ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބައެއް ފަރާތްތަަކަށް ރިޕޯޓު ހަވާލުކުރެވިފައި ނުވަނީ ކުރިމަތިވި އިދާރީ ދަތިތަކެއްގެ ސަަބަބުންކަން ފާހަގަކުރެއްވި އެވެ. 

އޭނާ ވިދާޅުވީ އެ އޮފީހުން ބެލި މައްސަލަތަކާ ގުޅޭ ތަފްސީލް ރިޕޯޓް އެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތާ ގުޅޭ ހުށަހެޅުންތަކާ އެކު ރައީސް އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ. 

"އެ ރިޕޯޓުގައި ފާހަގަކޮށްފައި ވާނެ ދެން އެ މައްސަލަތަކުގައި އަމަލުކުރަން ޖެހޭނެ ގޮތްތަކަކީ ކޮބައިކަން. ދެން އެއާ ގުޅޭ ގޮތުން ރައީސް ނިންމަވާ ނިންމުމެއް އެނގުނީމާ ކުރިއަށްދާން ފަސޭހަވާނީ،" ސަލާމް ވިދާޅުވި އެވެ.

އިންތިގާލީ އޮފީސް އުވިފައި އޮތް ނަމަވެސް ނުނިމި ހުރި ބައެއް މައްސަލަތައް ނިންމުމަށާއި، މިހާރު ނިމިފައި ހުރި މައްސަލަތަކުގައި ކުރިއަށްދާނެ ގޮތެއް ކަނޑައަޅައި ތަންފީޒުކުރަމުން ދޭތޯ ބަލަން އޮފީހެއް އުފައްދައިގެން އަދިވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ރައީސް އޮފީހަށް ފޮނުވި ރިޕޯޓުގައި އެފަދަ އޮފީހެއް އުފައްދައިގެން ކުރިއަށް ދާން ހުށަހަޅާފައި އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނުން ކަންކުރަން ލާޒިމުކޮށްފައި އޮތް ގޮތުގެ މަތިން ފައިނަލް ރިޕޯޓުގައި އަޅުގަނޑުމެން ފާހަގަކޮށްފައި އޮތް ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އެކަންކަން ތަންފީޒުވެގެން ދާނެ ގޮތަކަށް އެކަމަށް ހާއްސަ އޮފީހެއްގެ ތެރެއިން ހުރިހާ ކަމެއް ބެލޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ސަރުކާރުން،" ސަލާމް ވިދާޅުވި އެވެ.

ކުރީގެ ޗީފް އެމްބޮޑްސްމަން އަބްދުއްސަލާމް އާރިފް (ފޮޓޯ/އިންތިގާލީ އިންސާފްގެ އޮފީސް)

އިންތިގާލީ އިންސާފުގެ އޮފީހުން މައްސަލަތައް ބެލުމުގައި ކޮށްފައިވަނީ އިންތިޒާމެއް ނެތި ކަމަކަށް ސަލާމް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލަތައް ދައުރު ހަމަވީއިރު ނިމޭ ގޮތްނުވީ އެކި ފަހަރުމަތިން ދިމާވި އިދާރީ ދަތިތަކަކާ ހުރެ ކަމަށެވެ.

ބައެއްގެ ހައްގުތައް ހޯދަން ފެށި އެ މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަކަށް ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. 

"އަޅުގަނޑު ގަބޫލެއް ނުކުރަން ނާކާމިޔާބު ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ މައްސަލަތައް ބެލުމުން ދައުލަތުން އަޅަން ޖެހޭ ފިޔަވަޅުތަކެއް އެބަ ހުއްޓޭ. އެކަންކަން ފުރިހަމަކުރީމާ ވަރަށް ބޮޑު ކާމިޔާބެއް ލިބިގެން އަންނާނޭ،" ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އޮފީހަށް ހުށަހެޅި 460 މައްސަލައިގެ ތެރެއިން 453 މައްސަލަ ބަލައި ނިންމާފައިވުމަކީ ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށެވެ. ނަމަވެސް އެމައްސަލަތަކުގައި ބަދަލު ހޯދަން އެދޭ ފަރާތްތަކަށް ބަދަލު ދިނުމާ ބެހޭ ކަންކަން އެކަށީގެންވާ އަވަސް މިނެއްގައި ނުގޮސް އޮތް ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވީ ދެން އެ މަސައްކަތް ކުރުމުގެ ޒިންމާއާ ހަވާލުވެފައިވަނީ މި ސަރުކާރުން ކަމަށެވެ.

އެކަމަކު އަނިޔާތައް ތަހައްމަލްކުރި މީހުންނަށް އުއްމީދެއް ނެތެވެ. އެ މީހުންގެ އިންޒާރުތައް ދިގުދެމިގެން ދިއުން ނޫން ގޮތެއް ނުފެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް