މަޓީގެ އަހަރީ އާންމު ޖަލްސާއެއްގައި ޓޫރިޒަމްގެ ބާނީން ކަމަށްވާ އަފީފް (ވ) އާއި މަނިކު: އެ ބޭފުޅުންގެ ވިސްނުމުގައި ޓޫރިޒަމް ކުރިއަރުވަންވީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސާފުކަން ދަމަހައްޓައިގެން (ފޮޓޯ/މަޓީ)

ޓޫރިޒަމް

މަހުޖަނުން ވެސް ހަމަ ބޭނުން ވަނީ ރީތި، ސާފު ރާއްޖެއެއް

ވަރަށް ގިނަ ދިވެހިންގެ ވިސްނުމުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑެތި ބޭފުޅުން ބޭނުން ވަނީ ވެށި ހަލާކުކޮށްލައިގެން ވެސް ޓޫރިޒަމް ތަރައްގީކުރަން. އެކަމަކު އެއީ ކުށް ހީއެއް
18 އޮކްޓޯބަރު 2024

ވަރަށް ގިނަ މީހުން ބުނެ އެވެ؛ ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި ތިބި ބޮޑެތި މަހުޖަނުން ބޭނުން ވަނީ ވެށި ހަލާކުކޮށްގެން ވެސް އެ މީހުންގެ ވިޔަފާރި ކުރިއަށް ގެންދާށެވެ. އެއީ ވިލުތަކާއި ފަޅުތަކާއި ފަރުތައް ހިއްކައިގެން ކަމުގައި ވިޔަސްހެވެ. އެއީ ދިވެހިންގެ ގިނަ ބައެއްގެ ވިސްނުމުގައި އޮންނަ ގޮތެވެ. 

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމްއިއްޔާ މަޓީ އާއި ޕީއެސްއެމް ގުޅިގެން މިފަހުން ގެނެސްދިން ޕެނަލް ޑިސްކަޝަންއެއްގައި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ރާއްޖޭގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ދެއްކެވީ އާންމުން އެ ބޭފުޅުންނާ މެދު ދެކޭ ގޮތާ މުޅިން ތަފާތު ވާހަކައެކެވެ.

އަފީފް ގަބޫލުކުރައްވާ ގޮތުގައި މިވަގުތު ރާއްޖޭގެ ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގުދުރަތީ ގޮތުން ރީތި ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ. ރާއްޖޭގެ ރީތިކަމާއި ސާފުކަން ގެއްލިގެންދާކަމުގެ އިހުސާސް ކުރެއްވި، އަފީފް ހުންނެވީ އެކަމުން ޓޫރިޒަމަށް ހިޔަނި އެޅިދާނެތީ ނުހަނު ކަންބޮޑުވެވަޑައިގެންނެވެ. 

"ރާއްޖެ އޮތް ރީތިކަމުުގައި އަޅުގަނޑުމެން ހިނގާށޭ ރާއްޖެ ބާއްވަން. މިހާރު އެންމެ ބޮޑު އޮބްސްޓެކަލަކީ އެއީ. ބޭރުގެ މީހުން ކުރިމަތީގައި އަޅުގަނޑުމެންގެ ރާއްޖެ ހަޑިއޭ، ކުނި އުކާފައޭ އޮންނަނީ މުޅިތާ، އަނެކެއްޗެކޭ ކީމާ އެއީ ވަރަށް ނުބައި ރެޕިއުޓޭޝަނެއް. އެއަށް ވެސް ވަރަށް ބޮޑު ފޯކަސްއެއް ދޭންވީ،" މަޓީގެ ވައިސް ޗެއާކަން ވެސް ކުރައްވާ އަފީފް ވިދާޅުވި އެވެ. 

ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންތަކެއް އިރުއޮއްސޭ މަންޒަރު ބަލަނީ: ގުދުރަތީ މި ރީތިކަން ޓޫރިޒަމަށްޓަކައި ވެސް ދެމެހެއްޓުން މުހިންމު (ފޮޓޯ/އަންސްޕްލޭޝް)

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ޓޫރިޒަމްގައި 50އަށް ވުރެ ގިނަ އަހަރުވެފައިވާއިރު މިހާރު ބަލަންވީ ހެދިފައި ހުރި ގޯސްތައް ދެނެގަނެ އެކަންކަން ތަކުރާރުނުކޮށް ކުރިއަށް ދިޔުމަށެވެ. އަފީފް ވިދާޅުވީ ރާއްޖޭގެ ވެށި ހިމާޔަތްކޮށްގެން ޓޫރިޒަމް ކުރިއަށް ގެންދިޔުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ހެދިފައި ހުރި ގޯސްތައް ތަކުރާރުކުރާ ނަމަ، "އަޅުގަނޑުމެންނަކީ ކަމުދާ ބަޔަކަށް ނުވާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މިހާރު ވެސް ސޯޝަލް މީޑިއާގައި، އެތަންމިތާނގައި މީހުން ލިޔެފައި ހުންނަ އެއްޗިއްސާއި އެއްޗިހި. އެއީ ދެން ވަރަށް މަދު ބަޔަކު ލިޔާ އެއްޗިހި. ނޫނީ އެއީ ވަރަށް ކުޑަކުޑަ ތަންކޮޅެއް ފެނިގެން ލިޔެފައި ހުންނަ އެއްޗިހި. މިދުވަސްވަރު ނުވަތަ މި ޒަމާނުގައި އެހެންވީމާ އެއީ ވަރަށް ދެރަކަމެއް. ރާއްޖޭގެ ހުރިހާ ބޭފުޅުން ވެސް ހުރިހާ ރައްޔިތުން ވެސް އެއްވެގެން ރާއްޖެއަކީ ރީތި ރާއްޖެއެއް ގޮތުގައި ބޭއްވޭތޯ މަސައްކަތްކުރަން ހިނގާށޭ. އެއީ އަޅުގަނޑުގެ އެދުމަކީ،" އަފީފް ވިދާޅުވި އެވެ. 

ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: ފަޅުތައް ހިއްކައިގެން ރިސޯޓްތައް ހެދުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ގުދުރަތީ ވެއްޓަށް ވަރަށް ބޮޑު (ފޮޓޯ/ރައީސް އޮފީސް)

މީގެ ދުވަސްކޮޅެއްގެ ކުރިން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރުއާ ދިމާވެ ދެކެވުނު ވާހަކަތަކެއްގައި، އޭނާ ވެސް ކަންބޮޑުވުން ފާޅުކުރެއްވީ ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގައި ރާއްޖޭގެ ގުދުރަތީ ވެއްޓާއި ރީތިކަމަށް ކުރާ އަސަރު ބޮޑުވަމުން ދާތީ އެވެ. އަދި މޫސުމީ ބަދަލުތަކަކީ ވެސް އޭނާގެ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ. 

ނަޒީރު އެ ދުވަހު ފާހަގަކުރެއްވި ގޮތުގައި، ފަޅުތައް ހިއްކައިގެން ރިސޯޓް ހެދުން ފަދަ ކަންކަމަށް މިހާރު ކޮންމެވެސް ވަރަކަށް ހުއްޓުމެއް އަންނަން ޖެހެ އެވެ. އެހެން ނޫނީ ޓޫރިސްޓުން އެންމެ ދެކެން ބޭނުންވާ އަދި ރާއްޖެ އަންނަ ބޮޑު ސަބަބު ކަމަށްވާ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ވެށި ހަލާކުވެދާނެ އެވެ. 

"ޓޫރިޒަމް ކުރިއެރުވުމުގައި، މި އޮތް ގުދުރަތީ ރީތިކަމަށް މުސްތަގުބަލުގައި ބޮޑު އަސަރެއް ކުރާނެ ކަންކަމަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ މިހާރު،" ނަޒީރު ވިދާޅުވި އެވެ. 

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ދައުރު ފޮޓޯ/އަޒްމީ)

މޫސުމީ ބަދަލުތަކުގެ ކަންބޮޑުވުމާ ގުޅޭ ގޮތުން ނަޒީރު އެ ދުވަހު ވިދާޅުވީ ރަށްގިރުން ފަދަ ކަންކަމާ ހުރެ ރިސޯޓްތަކުން ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށެވެ. ގޮނޑުދޮށް ގިރައިގެން ދާތީ ބޮޑު ހަރަދުކޮށް ވެލި އަޅައިގެން ނޫނީ ރިސޯޓްތަކުގެ ގޮނޑުދޮށުގެ ރީތިކަން ދަމަހައްޓަން މިހާރު އުނދަގުލެވެ.

"ހަތަރު ފަރާތުން ތޮށިލާން ޖެހޭ. އަބަދު ސޭންޑް ޕަމްޕް ބަހައްޓައިގެން ވެލިއަޅަން ޖެހޭ. އެއާ އެކު ހިންގުމުގެ ހަރަދު ބޮޑުވޭ. މޫސުމީ ބަދަލުތަކާއި ވެށި ހިމާޔަތްކުރުން އެއީ މިހާރު ސީރިއަސްކޮށް އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް،" ނަޒީރު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ބާނީންގެ ގޮތުގައި ތިއްބެވި ބޭފުޅުން ނުވަތަ އާންމުން ސިފަކުރާ ރާއްޖޭގެ ބޮޑެތި މަހުޖަނުން ތިއްބެވީ ވެށި ހަލާކުވެ ރާއްޖޭގެ ރީތިކަން ގެއްލިގެންދާ މައްސަލައާ މެދު އާންމު ރައްޔިތުންނެކޭ އެއްގޮތަށް ކަންބޮޑުވެވަޑައިގެންފަ އެވެ. 

ކުނިން ފަޅެއް ތެރެ ގޮނޑުވެފައި: މިފަދަ ކަންކަމުން ރީތި ރާއްޖޭގެ ބްރޭންޑަށް ހުރަސް އެޅޭ 

ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވެސް ވިދާޅުވި ގޮތުގައި އޭނާވެސް ބޭނުންވަނީ ކުރިއަށް އޮތް ޖީލުތަކަށް ޓޫރިޒަމް ކުރިއަށްދާތަން ފެނުމެވެ. ރީތި ސާފު ގުދުރަތީ ރާއްޖެއެއް ދެމެހެއްޓުމަކީ އެކަމަށް ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތެވެ.

"އަޅުގަނޑުގެ އެދުމަކީ މިކަމާ މުސްތަގުބަލުގައި ހަވާލުވާން ތިއްބެވި ބޭފުޅުން މިކަން ކުރިއަށް ގެންދެވުން. މި ޓޫރިޒަމް ކުރިއަށް ގެންދެވުން،" އުމަރު މަނިކު ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް