އުތުރު ގާޒާގެ ސަރަހައްދެއް އިޒްރޭލްގެ ހަމަލާތަކުގައި ބިމާ ހަމަވެފައި. މިހާރު އިޒްރޭލުން ބޭނުންވަނީ ފަލަސްތީން ރައްޔިތުން ވެސް އެ ހިސާބުން ބާލަން

ޔަހޫދީ ދައުލަތުން އެ ބުނަނީ 'އަމާން ދީ، ނުވަތަ ބަނޑަށް ޖެހޭށޭ'

އުތުރު ގާޒާއިން މީހުން ބޭރުވާން އަންގައި އިޒްރޭލުން ނެރުނު އިންޒާރަކީ ކުރީގެ ޖެނެރަލުންތަކެއް ހެދި ޕްލޭނެއްގެ ބައެއް. އޭގެ ބޭނުމަކީ އުތުރު ގާޒާއިން ފަލަސްތީނު ރައްޔިތުން މުޅިން ހުސްކޮށްލުން
13 އޮކްޓޯބަރު 2024

ގާޒާގެ ރައްޔިތުންނަށް ކުޑަ ވެސް އަމާންްކަމެއް، އަރާމެއް، އުއްމީދެއް ނެތެވެ.

އެފަހަރަކު ޖެހުނު އެއްޗެއް ހިފައިގެން އެއް ތަނުން ނުކުމެ އަނެއް ތަނަށް ދުވެދުވެ އަހަރެއް ވެއްޖެ އެވެ. ކުޑަކުދިންގެ ގުދު ބިނދޭހާ ބަރު ސާމާނާ އެކު ހުސް ފައިގައި ތެޅިތެޅި ވަރުބަލިވެއްޖެ އެވެ.

ޖެހިގެން އޮތް ޔަހޫދީ ދައުލަތް، އިޒްރޭލުގެ ރަހުމެއް ނެތް ހަމަލާތައް ނިމޭނެ ދުވަހެއް ފެންނާކަށް އަދި ނެތެވެ. ކުޑަ ހިމާޔަތެއް ލިބޭނެ ކަމަށް އިއްޔެ ބެލި ސަރަހައްދަށް މިއަދު ބޮން އަޅާފާނެ އެވެ. އާންމުން ވެސް އަމާޒު ފަތްގަނޑަކަށް ހަދާލަނީ، ހަމާސްގެ ހަނގުރާމަވެރިން ކަަމަށް ބުނެ އެވެ.

އިއްޔެ އިޒްރޭލުން އަނެއްކާވެސް އުތުރު ގާޒާގެ ވަކި ސަރަހައްދަކަށް އިންޒާރު އެ ނެރުނީ އެވެ. އިޒްރޭލް ސިފައިން ހަދާފައި އޮތް ގާޒާގެ ޗާޓުގައި ހިމެނޭ އެއް ގޮޅިއަކީ ޑީ5 އެވެ. މި ގޮޅީގައި އެތައް ސަަރަހައްދެއް ހިމެނެ އެވެ.

"އައިޑީއެފްއިން މި އަންނަނީ ޓެރަރިސްޓް ޖަމާއަތްތަކަށް އަމާޒުކޮށް ހުރިހާ ބާރެއް ބޭނުންކުރަމުންނެވެ. އެކަން ދިގު މުއްދަތަކަށް ކުރިއަށް ދާނެ އެވެ. ފާހަގަކޮށްފައި މި އޮތް ސަރަހައްދު މިހާރު ބަލާނީ އެތަނުގައި ހުރި ވަގުތީ ހިޔާވަހިތައް ވެސް ހިމެނޭ ގޮތަށް، ހަނގުރާމައިގެ ނުރައްކާތެރި ޒޯންތަކެއް ކަމަށެވެ. މި ހިސާބުތައް ވަގުތުން ހުސްކުރަން އަންގަމެވެ،" އާންމުން ދާންވާ ދިމާ ވެސް ބުނެދީ އަރަބި ބަހުން ނެރުނު މެސެޖްގައި ބުންޏެވެ.

އުތުރު ގާޒާގެ ސަރަހައްދެއް ދޫކޮށް ބަޔަކު ދަނީ

ބީބީސީގެ ދިރާސާވެރިއެއް ކަމަށްވާ ޖެރެމީ ބޯވެން ސިފަކުރި ގޮތުގައި އިޒްރޭލް ސިފައިން އެ އަންގަނީ 'އެހާ އަވަހަށް އެނބުރި އެ ސަރަހައްދަށް އާދެވިދާނެ ކަމަށް ހީނުކުރުމަށެ'ވެ.

ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ގާޒާގެ މުޅި ރައްޔިތުންގެ ދިރިއުޅުން ފުނޑުކޮށްލުގެ ސިޔާސަތު ގެންގުޅެމުން އަންނަ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ވިސްނުން އެހާމެ އަނިޔާވެރި އެވެ.

އިޒްރޭލުން އިއްޔެ ދިން މެސެޖް ރައްދުވަނީ 7 އޮކްޓޯބަރު 2023ގައި ހަނގުރާމަ ފެށި ފަހުން އުތުރު ގާޒާ ދޫނުކޮށް ތިބި 400،000 މީހުންނަށެވެ. ކުރިން ނަމަ އެއީ ގާޒާގެ އެންމެ ހަރަކާތްތެރި ހިސާބެވެ.

ހަމާސްއިން ބުނަނީ ގާޒާގެ ދެކުނު ސަރަހައްދު ވެސް ވަކި އަމާން ނޫން ކަމަށެވެ. އެހެންވެ އިޒްރޭލުން އެންގިޔަސް އުތުރު ގާޒާއިން އެންމެން ފައިބައިގެން ނުދާން ހަމާސްއިން އެދެ އެވެ. އޭގެ ސަބަބެއް ކަމަށް ބުނަނީ ފަލަސްތީންގެ ރައްޔިތުންނަށް ދެން އެނބުރި އެ ސަރަހައްދަށް ވަންނަން އިޒްރޭލް ސިފައިން ފުރުސަތު ނުދޭނެ ކަމެވެ.

އިޒްރޭލުން އަލަށް މި ފެށި އަނިޔާވެރިކަން ބިނާވަނީ ޔަހޫދީ ދައުލަތުގެ ސިފައިންގެ ކުރީގެ ޖެނެރަލުންތަކެއް ތައްޔާރުކުރި އުތުރު ގާޒާއިން އެންމެން ބޭލުމުގެ ޕްލޭނަށެވެ. ގާާޒާގެ ރައްޔިތުންނާއި ގާޒާއަށް އެހީ ފޯރުކޮށްދޭ އދ.ގެ ޖަމާއަތްތަކުން ވެސް ލަފާކުރަނީ އެގޮތަށެވެ.

މި ޕްލޭން ތައްޔާރުކުރުމުގައި އިސްކޮށް ހުރީ ޖިއޮރާ އިލޭންޑް ނަމަކަށް ކިޔާ ކުރީގެ ޖެނެރަލްއެކެވެ.

'ޖެނެރަލްސް ޕްލޭން'ގެ މައިގަނޑު ވިސްނުމަކީ އުތުރު ގާޒާއިން ފަލަސްތީން ރައްޔިތުން ބޭރުކޮށް، އިޒްރޭލަށް އެއްވެސް ނުރައްކަލެއް ނާންނާނެ ގޮތަށް ތަން ސާފުކުރުމެވެ. މި ޕްލޭން ތައްޔާރުކުރި މީހުން ދެކެނީ، ބީބީސީގެ ބޯވެން ގަބޫލުކުރާ ގޮތުގައި، ވަކި ހިސާބަކުން ހަމާސް އަމާންދީ ހުރިހާ ރަހީނުން ދޫކޮށްލާނެ ކަމަށެވެ.

އިޒްރޭލުން ކުރިން ދިން ހަމަލާއެއްގައި ގާޒާގެ ސްކޫލެއް އޮތް ހާލު. ގާޒާގެ އެއްވެސް ހިސާބެއް އަމާނެއް ނޫން

އުތުރު ގާޒާގެ ސަރަހައްދުތައް ހުސްކުރަން އިޒްރޭލް ސިފައިން ދޭ އިންޒާރަށް ތަބާއަނުވެ ތިބޭ މީހުންނަކީ ހަމާސްގެ ބައިވެރިން ކަމަށް، އެ ޕްލޭންގައި، ކަނޑައަޅަ އެވެ. ސަރަހައްދު ދޫކުރަން ދޭ ވަގުތުގައި ނުގޮސް ތިބޭ މީހުންނާ ހަމައަށް ފެނާއި ކާނާ އާއި ބޭސް ފަދަ އެއްވެސް އެއްޗެއް ފޯރުވައިނުދީ މުޅި ހިސާބުގަނޑު އިޒްރޭލް ސިފައިން ބައްދާލަ އެވެ.

އެއީ 'އަމާން ދިނުން ނުވަތަ ބަނޑަށް ޖެހުން' ގޮތަށް ސިފަކުރަނީ އެހެންވެ އެވެ.

ޕްލޭން ތައްޔާރުކުރި މީހުން ގަބޫލުކުރަނީ ގާޒާގެ މުޅި އުތުރުގެ އާބާދީގެ މައްޗަށް އެވަރުގެ ޕްރެޝަރެއް ޖެއްސުމުން އަމާންދޭން ހަމާސް އާއި އެ ޖަމާއަތުގެ ލީޑަރު ޔަހުޔާ ސިންވާރަށް މަޖުބޫރުވާނެ ކަމަށެވެ.

އިލޭންޑް ބުނީ ހުރިހާ ރަހީނުން މިނިވަންކުރަން އިޒްރޭލަށް މާ ކުރިން ވެސް އަމަލްކުރެވެން އޮތް ކަމަށެވެ. އެއީ ގާޒާއިން އިޒްރޭލްގެ ހުރިހާ ސިފައިން ފައިބައިގެން ނަމަވެސް ކުރެވެން އޮތް ކަމެއް ކަމަށް އޭނާ ދެކެ އެވެ.

ނަމަވެސް އެކަން ނުވެ އަހަރެއް ވުމުން ދެން އެހެން އުކުޅުތައް ބޭނުންކުރަން ޖެހޭނެ ކަމަށް އިލޭންޑް ބުންޏެވެ.

އިޒްރޭލްގެ ސަރުކާރުގައި ހިމެނޭ ހަރުކަށި ވިސްނުމުގެ ބައެއް މިނިސްޓަރުން އުތުރު ގާޒާގައި ޔަހޫދީން ވަޒަންވެރިކުރުވަން ގޮވާލަ އެވެ. އެ ސަރަހައްދު ދޫކޮށް ނުދާން ހަމާސްއިން އާންމުންގެ ކިބައިން އެދެނީ އެހެންވެ އެވެ.

އިޒްރޭލުން އިއްޔެ ފޮނުވި މެސެޖަކީ ގާޒާގައި ހިންގަމުން އަންނަ އަނިޔާވެރިކަމުގެ އެހެން މަރުހަލާއެކެވެ. ފަލަސްތީންގެ ނިކަމެތި ރައްޔިތުންގެ ގެދޮރު ގެއްލި، ވަޒަން ވެސް އަތުން ބީވެގެން ހިނގައިދާނެ ފަދަ ފެށުމެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް