އެންމެ ފަހުން މި އޮތީ ބޫޓާން ދެކެ ވެސް ބިރުގަންނަ ހިސާބުގައި
މުހިންމު ނުކުތާތައް
ދިވެހި ފުޓްބޯޅައަށް މި ވެއްޓުން އަންނާނެކަން މީގެ 15 އަހަރު ކުރިން ވެސް ބައެއް މީހުން ލަފާކުރި
ފަރިޔާޒު ބުނީ އެފްއޭއެމްގެ އިންތިހާބުތަކުގައި އޮންނަނީ ވޯޓު ވިއްކުން ކަމަށް
ގަލޮޅު ދަނޑުގައި ރަސްމީ ފުޓްބޯޅަ މެޗެއް ނުކުޅޭތާ އަހަރެއް ވެދާނެ ކަމަށް ހީކުރާނީ ކާކުބާ؟
"މިއަދުގެ ހާލަތަކީ ބޫޓާނާ ކުޅެން ވެސް އަޅުގަނޑުމެން ބިރުގަނޭ...ބޫޓާން މިއީ ކޮން ގައުމެއްތޯ؟ ކުޅިވަރުގެ ސިފާގައި އަޅުގަނޑުމެން ކިޔަންޏާ ވަރަށް ދަށް ލެވެލްގައި ރޭންކްކުރަނީ [ބޫޓާން]."
މިއީ އާންމު މީހެއްގެ ހިޔާލެއް ނޫނެވެ. މިއީ މިވަގުތު ރާއްޖޭގައި ހުރި ކުޅިވަރުގެ އެންމެ ތަޖުރިބާކާރު ނޫސްވެރިޔާ ޕީއެސްއެމްގެ ޕްރެޒެންޓަރު ހުސެއިން ފަރިޔާޒުގެ ވާހަކަ އެވެ.
އޭނާގެ އެ ކަންބޮޑުވުން އައީ ބޫޓާން ދަށްކޮށްލުމުގެ ގޮތަކުންނެއް ނޫނެވެ. އޭނާގެ ވާހަކައިގެ އަމާޒަކީ ފުޓްބޯޅައިގެ މައި އިދާރާ މިހާރު ވެއްޓިފައި އޮތް ހަލާކާއި އޭގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ކުރަމުންދާ ނުރަނގަޅު އަސަރުތަކެވެ.
ޕީއެސްއެމް ސްޕޯޓްސްްގެ އެންމެ އިސް ނޫސްވެރިޔާ ވަނީ މިދިއަ 15 އަހަރުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރަށް، ހާއްސަކޮށް ފުޓްބޯޅަ އާއި ވޮލީއަށް އައި އުފާވެރި ދުވަސްތަކާއި ވެއްޓުނު ވަޅުގަނޑުތަކުން ކުރި ހިތާމައިގެ އަސަރުތައް ތަޖުރިބާކޮށްފަ އެވެ. ޓީމުތަކާ އެކު ބޭރުގެ މުބާރާތްތައް ކަވަރުކުރަން ދަތުރުކުރި އެވެ. ކޯޗުންނާއި އޮފިޝަލުންނާއި ކުޅުންތެރިންނާ ގާތް ގުޅުމެއް ބާއްވަ އެވެ.
15 އަހަރު ކުރިން ވެސް ލަފާކުރެވުނު
ފަރިޔާޒް، 41، ބުނި ގޮތުގައި ރަނގަޅު، ބުރަ މަސައްކަތްތަކެއް ނުކޮށްފި ނަމަ ފުޓްބޯޅައިގެ ހާލަތު ދަށަށް ދާނެކަން މީގެ 15 ވަރަކަށް އަހަރު ކުރިންސުރެ ބައެއް މީހުން ދިޔައީ ބުނަމުންނެވެ. މިސާލަކަށް ސަރަހައްދުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަަރަށް 2008ގައި ރާއްޖެ ހޯދުމާ އެކު، ދެން އޮތީ ބުރަ މަސައްކަތެއްކަމަށް އޭރު ބައެއް ތަޖުރިބާކާރުން ދެއްކި ވާހަކަތައް އޭނާގެ ހަނދާނުގައި އެބަ ހުއްޓެވެ.
ނަމަވެސް އެފްއޭއެމްގެ ފުރަތަމަ އިންތިހާބަށް ފަހު އަލީ އާޒިމްގެ ދައުރު ނިމުމާ އެކު އެފްއޭއެމްގެ ހިންގުމުގެ ބައި ދިޔައީ އަޑިއަށް ކަމަށް، ފަރިޔާޒު ގަބޫލުކުރެ އެވެ. އެފްއޭއެމްގެ އިންތިހާބުތަކަށް ފައިސާގެ ނުފޫޒު ފޯރުން ބޮޑުވެ، ކްލަބްތަކުން އެ ދަހިވެތިކަމުގެ ތެރެއަށް ވަދެ ނިމުނީ އެވެ. ވޯޓު ވިއްކުމަކީ ކްލަބްތަކުގެ ވެރިންގެ އާދައަކަށް ވެދިޔައީ އެވެ.
"މި ހާލަތަށް ދިޔައީ ހަމަ އަޅުގަނޑުމެންގެ ކުޅިވަރުގެ އާއިލާ، ފުޓްބޯޅަ އާއިލާ ވީ އިހުމާލުގެ ސަބަބުން،" ފަރިޔާޒު ބުންޏެވެ.
އޭނާގެ ތަޖުރިބާއިން ބުނެވެން އޮތީ އެފްއޭއެމްގެ އިންތިހާބުތައް ކާމިޔާބުކުރާ މީހަކަށް އެ ކާމިޔާބު ހާސިލްކުރެވެނީ ކްލަބްތަކުން ވޯޓު 'ވިއްކައިގެން' ކަމެވެ.
"އެންމެންނަށް ވެސް އެނގޭ އިންތިހާބު ވަނީ ވޯޓު ގަނެގެންކަން ކްލަބްތައް އަތުން. ރަނގަޅު މީހާ ހޮވަނީކީއެއް ނޫން. ހަމަ ކޮންމެވެސް ކްލަބަކަށް ލާރި ދީގެން [ވޯޓު ހޯދަނީ]، ފަރިިޔާޒު ބުންޏެވެ.
އެފްއޭއެމްގެ މިދިއަ ދެ ދައުރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ބެލުމުގެ ދަށުން އެސޯސިއޭޝަނަށް ވީ ގޮތް ނޭނގޭ މީހަކު މިހާރު ނުހުންނާނެ އެވެ. ފީފާއިން އެފްއޭއެމްއަށް ދިން 1.9 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ)ގެ ލޯނު ބޭނުންކުރެއްވީ ހުޅުމާލެއިން ދެ ޕެންޓްހައުސް ބައްލަވައިގަންނަވަންކަން، ފުލުހުންގެ ތަހުގީގުތަކުން އޮތީ އެނގިފަ އެވެ. އެ ދެ އެޕާޓްމަންޓް މިރޭ 12ގެ ކުރިން ހަވާލުކުރަން އޭނާއަށް ފުލުހުން ވަނީ އަންގައިފަ އެވެ.
އެފްއޭއެމްގެ ތެރޭގައި އޮތީ އަމިއްލަ ފައިދާއަށް ހަމައެކަނި އެ 1.9 މިލިއަން ޑޮލަރު ހޭދަކުރުމުގެ މައްސަލަ އެކަންޏެއް ނޫނެވެ. އެފްއޭއެމްއަށް ސަރުކާރުން ދިން ބިންތައް ބޭނުންކުރި ގޮތާއި ފައިސާގެ އެހެން މުއާމަލާތްތަކުގައި ވެސް އޮތީ ހިޔާނާތުގެ އަމަލްތައް ކަމަށް، ތުހުމަތުކުރެ އެވެ.
މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު ރާއްޖޭގެ އެއްވަނަ ޑިވިޒަންގެ ކްލަބްތަކުގެ ވެރިން ތިބީ ކުޅިބަލާށެވެ. އެފްއޭއެމްގެ މެނޭޖްމަންޓަށް އެހީތެރިވާށެވެ. ކުށްތައް ފޮރުވައިދީ، ދެން ވެސް ބައްސާމް އިންތިހާބުކުރަން ނުކުމެ އެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކްލަބްތައް ވެސް ހިންގަނީ ދާދި އެކަހަލަ ގޮތަކަށް ކަމަށް ފަރިޔާޒު ބުންޏެވެ. ކްލަބް/ޖަމިއްޔާ ހިންގަން ކަނޑައަޅާފައި އޮންނަ އުސޫލުތަކާ ހިލާފުވެ އެވެ.
"ކްލަބްގެ ވެރިމީހާއަށް އެކަނި އެނގެނީ ކްލަބް ހިންގާ ގޮތް. ބޯޑު މެމްބަރުންނަށް [އެކަން] ވާ ގޮތެއް ނޭނގޭ. ކްލަބްގެ އިންތިހާބު ބާއްވަނީ ވެސް [އެފްއޭއެމްގެ އިންތިހާބު]ގެ ވޯޓަށް ކައިރިވީމާ. އެ ވެސް ބޯޑު ބަދަލުކުރަން. އެކަހަލަ ހާލަތެއްގައި ކްލަބްތައް އޮތީ ވެސް،" ފަރިޔާޒު ބުންޏެވެ.
ދިވެހިންނަކީ ހުނަރުން ފުރިފައި ތިބި ބައެއް
ގައުމީ ޓީމުތަކާ އެކު ބޭރަށް ކުރި ދަތުރުތަކުގައި ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅަ ކަހަލަ ކުޅިވަރުތަކުން ފަރިޔާޒަށް ފެނުނު ބައެއް މަންޒަރުތަކަކީ، އޭނާގެ ނޫސްވެރިކަމުގެ ހަޔާތުގެ އުފާވެރި ދުވަސްތަކެވެ. އެ މާޒީ އަލުން ނުގެނެވޭނެ ކަމަކަށް އޭނާ ގަބޫލެއްނުކުރެ އެވެ. އެކަމަކު މިހާރު ރާއްޖޭގެ ކުޅިވަރު ހިންގުން އޮތް މަގުން ގޮސްގެން އެކަމެއް ދެން ނުވާނެ އެވެ.
ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ނޭޕާލްގައި ކުޅުނު މުބާރާތެއްގައި ނޭޕާލުގެ ސަޕޯޓަރުން ދިވެހި ކުޅުންތެރިންނަށް ސަޕޯޓްކުރި ހަނދާން ފަރިޔާޒްގެ ސިކުނޑީގައި އަދިވެސް ހުރީ ތާޒާކޮށެވެ. އޭނާ ބުނި ގޮތުގައި އެއީ ދިވެހި ކުޅުންތެރިން ހަމަ މޮޅުކަމުން، މޮޅު ކުޅުންތެރިންނަށް ކުރި ސަޕޯޓެވެ.
"ނޭޕާލުގެ ސަޕޯޓަރުން އަޅުގަނޑުމެންގެ ގައުމީ ޓީމަށް ސަޕޯޓްކުރާ ހާލަތުގައި [ވޮލީ ވެސް އޮތީ އޭރު]. އެތަން ފެނިފައި އަޅުގަނޑުމެން ކަރުނަ އާދޭ،" ފަރިޔާޒް ބުންޏެވެ.
"ކުޅުންތެރިން މޮޅުވީމާ މޮޅު މީހުންނަށް ސަޕޯޓްކުރަނީ. ރާއްޖެ އާއި ނާޕާލު ކުޅޭއިރު ނޭޕާލުގެ ސަޕޯޓަރުން ރާއްޖެއަށް ސަޕޯޓްކުރޭ. އެހާ ވެސް އަޅުގަނޑުމެންގެ ކުޅުން މޮޅު."
އެކަމަކު އޭނާ ބުނި ގޮތުގައި ދިވެހި ކުޅުންތެރިން އެ ފެންވަރުގައި ކުޅުނީ ރާއްޖޭގައި ވޮލީއަށް މާ ގިނަ ވަސީލަތްތަކެއް ވެސް ހުރެގެންނެއް ނޫނެވެ. އިންޑޯ ކޯޓެއްގައި ޕްރެކްޓިސްކުރަން ވެސް ގިނަ ފަހަރު ނުލިބެ އެވެ. ސޯޝަލް ސެންޓަރު ނޫން އެހެން އިންޑޯ ހޯލެއް އަދިވެސް ނުހެދެ އެވެ.
އެކަމަކު ސަރަހައްދުގެ ބައެއް ގައުމުތަކާ ވާދަކުރެވޭ ފެންވަރަށް ކުޅުންތެރިންގެ ހުނަރު ހުރެ އެވެ.
ދިވެހިންނަކީ، ފަރިޔާޒް ބުނި ގޮތުގައި، ކުޅިވަރުގެ ހުނަރު ހުރި ބައެކެވެ. ބޭނުންވަނީ ރަނގަޅު އިންތިޒާމެއްގެ ދަށުން އެ ހުނަރު ތަރައްގީކޮށް، ފުރުސަތު ހޯދައިދީ ކުރިއަށް ގެންދާށެވެ.
ނުވެގެން އުޅެނީ އެކަމެވެ. ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅަ އެސޯސިއޭޝަން ވެސް ތަޖުރިބާކުރަމުން ދަނީ ހަލާކުގެ ދުވަސްތަކެކެވެ. އަބަދުވެސް އޮންނަނީ ހިޔާލު ތަފާތުވުމާއި ޒާތީ ހަސަދަ އާއި ޖެއްސުންކުރުމެވެ.
ގަލޮޅު ދަނޑުގައި މެޗެއް ނުކުޅޭތާ އެއް އަހަރު
ފުޓްބޯޅަ ސީޒަން ރަނގަޅަށް ކުރިއަށް ދާ ނަމަ މިއަދު ވެސް ފަރިޔާޒް އިނީހީ ގަލޮޅު ދަނޑުގެ ކޮމެންޓަރީ ބޮކްސްގައި މެޗެއްގެ ވާހަކަ ގެނެސްދޭށެވެ. އެކަމަކު ހިތާމަ ހުއްޓެވެ. ގަލޮޅު ދަނޑުގައި ރަސްމީ ފުޓްބޯޅަ މެޗެއް ނުކުޅޭތާ މިހާރު އަހަރެއް ވަނީ އެވެ. މިއީ ރާއްޖޭގައި މީގެ ކުރިން ދުވަހަކު ވެސް ވީ ގޮތެއް ނޫނެވެ.
"ކާކުތޯ ހިތަށްއަރާނީ އަހަރެެމެން އެންމެ ލޯބިވާ ކުޅިވަރު، އެންމެ ބަލާ ހިތްވާ ކުޅިވަރު ގަލޮޅު ދަނޑުގައި މެޗެއް ކުޅޭތަން ނުފެނި އެއް އަހަރު ވާނެ ކަމަށް. ކާކުތޯ ހީކުރާނީ؟ އެކަމަކު އެއް އަހަރު ވެގެން މި އޮތް ދަނީ،" ފަރިޔާޒް ބުންޏެވެ.
ނޯމަލައިޒޭޝަން ކޮމިޓީއަކަށް އެފްއޭއެމްގެ ހިންގުން ފީފާއިން ހަވާލުކުރުމާ އެކު މިވަގުތު ކުރިއަށް ދަނީ އެ އެސޯސިއޭޝަންގެ އެތެރޭގެ މައުލޫމާތު ހޯދުމުގެ ބަ އެވެ. އެ ކޮމިޓީގެ ރައީސް އަހުމަދު ޒުހޫރު، މި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެފްއޭއެމް ސިފަކުރެއްވީ މިހެންނެވެ:
"އޮގަނައިޒޭޝަނެއް ހިންގަން ބޭނުންވެފައިވާ ހުރިހާ ވަސީލަތަކެއް މިވަނީ ފެއިލްވެފައި. މިއީ ހަގީގަތަކީ. އެފްއޭއެމްގެ ގަވާނަންސް ވަނީ ފެއިލްވެފައި. އެފްއޭއެމްގެ އެޑްމިނިސްޓްރޭޓިވް ސްޓްރަކްޗާ ވަނީ ފެއިލްވެފައި. [މާލީ ކަންކަމުގައި] އޮންނަން ޖެހޭ އުސޫލުތައް ގާއިމްވެފަ[އެއް] ނެތް."
މި ހާލަތުގައި އޮތް އެސޯސިއޭޝަނަކަށް އެހާ އަވަހަށް މުބާރާތްތައް އިންތިޒާމްކުރެވިދާނެ ކަމަކަށް ނުފެނެ އެވެ. އެހެންކަމުން ގަލޮޅު ދަނޑުގައި މެޗެއް ނުކުޅޭތާ އަހަރެއް ވުމަކުން، އެއްގޮތަކުން ބަލާއިރު، ހައިރާންވާކަށް ނުޖެހެ އެވެ. މިއީ މިއަދު ދިވެހި ފުޓްބޯޅަ އޮތް ދަށް ހާލަތެވެ.
އެކަމަކު ފަރިޔާޒް ގަބޫލުކުރަނީ އަދިވެސް މަސައްކަތްކޮށްގެން ފުޓްބޯޅަ ކޮޅަށް ޖެހިދާނެ ކަމަށެވެ. ސަރަހައްދީ ފެންވަރުގައި، ކުރިއެކޭ އެއްގޮތަށް، އެހެން ގައުމުތައް ބިރު ގަންނަ ފެންވަރުގެ ޓީމުތަކެއް ނެރެވިދާނެ ކަމެވެ. އެއީ މީގެ 15 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ފުޓްބޯޅަ އޮތް ފެންވަރެވެ. ސަރަހައްދުގެ އެންމެ ބޮޑު ބާރު، ވަސީލަތްތަކުގެ ގޮތުން އެންމެ ތަނަވަސް ގައުމު އަދި ފައިސާގެ ގޮތުން އެންމެ މުއްސަނދި އިންޑިއާގެ ގައުމީ ޓީމުގެ އިތުރުން ކްލަބްތައް ވެސް ރާއްޖެއާ ވާދަކުރަން ޖެހިލުންވި ފެންވަރެވެ.
އެ ދުވަސް އަލުން ގެންނަން ފުރަތަމަ ޖެހޭނީ އެފްއޭއެމް މިހާރު އޮތް ހަލާކުގެ ތެރެއިން ނެރެ އިންތިޒާމްކުރާށެވެ. އޭގެ ފަހުން ފުޓްބޯޅައިގެ އާ ދިރުމެއްގެ ދަތުރު ފަށާށެވެ. އެކަމަކު އެ މަންޒަރު ފެންނާނީ އެތައް އަހަރަކަށް ދެމިގެންދާނެ، ތަރުތީބު ރަނގަޅު މަސައްކަތްތަކެއްގެ ތެރެއިންނެވެ.
އޭގެ ކުރިން ފަރިޔާޒަަށް ވެސް، އަޅުގަނޑަށް ވެސް އަދި އެހެން ދިވެހިންނަށް ވެސް އޮތީ އުއްމީދާ އެކު އިންތިޒާރުކުރުމެވެ. ބޫޓާން އަތުން ވެސް ބަލިވެދާނެކަމުގެ ބިރާ އެކު އެވެ.