އިރުއޮއްސެމުން ދިޔަ ވަގުތު ރަށެއްގެ ގޮނޑުދަށުގައި ކުޑަކުއްޖަކާއި މަންމައަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަންހެނުން

ދަރިން ގޮވައިގެން ސަލާން ޖަހަން ނުކުތް މަންމައަކު ދެއްކި ހިތްވަރު

އަނިޔާވެރި ކައިވެނިން ސަލާމަތްވެ، ތިން ކުދިންނާ އެކު ޒީނާ މިހާރު ދިރިއުޅެމުން އަންނަނީ، އަށް ފޫޓު ހަމަނުވާ ކޮޓަރިގަނޑެއްގައި. އެކަމަކު މިއިން ދުވަހަކު ނުލިބޭހާ ރައްކާތެރިކަން އެތަނުން ލިބޭ ކަމަށް އޭނާ ބުނި
7 އޮކްޓޯބަރު 2024

ކުޑައިރު ނިދާފައި އޮތް އިރު، މީހަކު ގެއަށް ވަދެ ގޯނާކުރި އެވެ. ފެންވަރަން ހުއްޓާ އެ މީހާ ވީޑިއޯކޮށް، ބިރުދެއްކި އެވެ. ތިން މީހަކާ އިނދެ، އެތައް އަނިޔާއަކާއި ހިތްދަތިކަން ތަހައްމަލުކުރި އެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ތެރެއިން، އަޅާލާނެ މީހަކު ނެތި، ހައިބަނޑާ ތިބި ދަރިން ގޮވައިގެން މަގުމައްޗަށް ސަލާން ޖަހަން ނުކުތް ދުވަހަކީ، ޒީނާ (ފުރިހަމަ ނަން އުނިކޮށްފައި)ގެ ހަޔާތުން އެންމެ ހިތްދަތިވި ދުވަސްތަކެވެ. ނަމަވެސް އެ ހުރިހާ ކަމަކާ ކުރިމަތިލައި، ދަރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އޭނާ އެޅި ކޮންމެ ފިޔަވަޅެއް ވެސް ވެފައިވަނީ މިސާލަކަށެވެ.

ޒީނާގެ މި ވާހަކަ ކިޔައިދިނީ، ހާލުގައި އުޅެމުން އަންނަ މި ފަދަ މައިންނަށް އެހީތެރިވާ ޖަމިއްޔާ، 'މަމްސް އެއިޑް'އަށެވެ. އެ ޖަމިއްޔާއަށް އޭނާ ކިޔައިދިން ގޮތުގައި އުމުރުން 18 އަހަރުގައި އޭނާ ކައިވެނިކޮށް، އެހެން ރަށަކަށް ހިޖުރަކުރީ، މަގުމަތިންނާއި ގެއަށް ވަދެ މީހަކު ކުރަމުން ދިޔަ ގޯނާތަކަށް ނިމުމެއް ނައުމުންނެވެ. މަގްސަދަކަށްވީ، ކުޑައިރުއްސުރެ އަޅާލުންތަކުން މަހުރޫމްވެފައިވާތީ ރައްކާތެރިކަން ހޯދުމެވެ. އެކަމަކު ކައިވެންޏަށް ދަރިން ނުލިބި ދިގުލައިގެން ދިޔުމާ އެކު، ފިރިމީހާ އެހެން އަންހެނަކާ އެކު ގުޅުން ބާއްވާކަން ފަޅާއެރުމުން އެ ކައިވެނީގައި ސިއްކަ ޖެހުނީ އެވެ.

ޒީނާ ދިރިއުޅެމުންދާ ގޭގެ ހާލަތު
ޒީނާ ދިރިއުޅެމުންދާ ގޭގެ ހާލަތު

އަނެއްކާވެސް ރަށަށް ބަދަލުވެ، އެހެން މީހަކާ ކައިވެނިކޮށް އަލުން ދިރިއުޅުން ހަމައަކަށް އެޅުވޭތޯ ޒީނާ ބެލި އެވެ. ނަމަވެސް އެ ގުޅުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ޒީނާ ބުނިގޮތުގައި، ކައިވެންޏަށް ދެ މަސް ނުވަނީސް ބަލިވެ އިނުމުން ފިރިމީހާ އެކަމާ ހިތްހަމަނުޖެހުމެވެ. އެހިސާބުން ފިރިމީހާގެ އޯގާތެރިކަމާއި އަޅާލުން އޭނާއަށް ގެއްލުނެވެ.

"ބަލިވެ އިނީއްސުރެ އަޅުގަނޑު އޮތީ ބެޑްރެސްޓުގައި. އަބަދުވެސް ގަބޫލުކުރީ ކޮންމެވެސް ދުވަހަކުން ފިރިމީހާގެ އަޅާލުން ލިބޭނެ ކަމަށް. އެކަމަކު އެ ހުރިހާ އުއްމީދެއް ފުނޑުފުނޑުވީ އޭނާ މަސްތުވާތަކެތި ބޭނުންކުރާކަން އެނގުމުން،" ޒީނާ ކިޔައިދިނެވެ.

ޒީނާ ވިހެއީ، ބަނޑުގައި އަޅާވޭނަށް ކެތްނުކުރެވިގެން، ކުޑަކުޑަ ދޯނިގަނޑެއްގައި، އަތޮޅު ހޮސްޕިޓަލަށް ދިޔުމުގެ މަގުމަތީގައި ކަނޑުމަތީގަ އެވެ. ހަތް މަހުގެ އެ ފުރާނަ އޮތް ގޮތް ފެނުމުން، ފުރަތަމަ ވެސް އޭނާ ހޭނެތުނީ އެވެ. ކައިރީގައި އިން ފިރިމީހާގެ ހެޔެއް ވެސް އޭރު ނެތެވެ. އެކަމަކު މަސްތުވެގެންނެވެ.

ދުވަސްނުފުރާ ވިހޭ އެ ކުއްޖާގެ ހާލު ގޯސްވުމުން، ޒީނާމެން ވަރަށް ގިނައިން މާލެ ދާން ޖެހެ އެވެ. އޭރު ހުރިހާ ހަރަދެއް ކުރަމުން ދިޔައީ، އޭނާ ބުނިގޮތުގައި، ފިރިމީހާގެ މަންމަ އެވެ. މާލެ ދާ ކޮންމެ ފަހަރަކު އޭނާ އުޅެން ޖެހެނީ އެހާމެ ހާލުގަ އެވެ. ކޮޓަރިއެއް ކުއްޔަށް ނެގޭވަރު ނުވިއްޔާ، ހަމަޖައްސާލަނީ ހޮސްޕިޓަލުގައި ނިދައިގެން، ދުވާލަކު އެއް ފަހަރު ނޫނީ ދެ ފަހަރު ކައިގެންނެވެ. ހެޔޮ އެދޭ މީހަކު ލާރިއެއް ދިއްކޮށްލިޔަސް، ފިރިމީހާ އެ ވަގަށް ނަގަނީ އެވެ. އެންމެ ފަހުން، ދަރިފުޅުގެ ކިރުދަޅާއި ނެޕީ ނުގަނެވިގެން، ސަލާން ޖަހަން އޭނާ ނުކުންނަން ޖެހުނީ މަގުމައްޗަށެވެ.

"އެއީ ދުވަހަކު ވެސް ހަނދާން ނެތޭނެ ދުވަސްތަކެއް ނޫން. އެފަދަ ހާލެއްގައި ދެ އަހަރު އުޅުނިން،" ޒީނާ ކިޔައިދިނެވެ.

އެހާލަށް ކެތްނުކުރެވިގެން، ފިރިމީހާ ކައިރިން ވަރިވެ، ދެން އޭނާ ބަދަލުވީ ރަށަަށެވެ. އެއްބަނޑު މީހުންނަކީ ވެސް އެ މީހެއްގެ ހާލައިގެން އުޅޭ މީހެއް ކަމަށްވުމުން، އެހީތެރިކަމެއް ފޯރުކޮށްދޭނެ މީހަކު ނުވެ އެވެ. އަމިއްލަ ގެދޮރެއް ނެތެވެ. ކުޑަދަރިފުޅާ އެކު މަގުމަތި ނުވާންވެގެން އޭނާ އުޅެމުން ދިޔައީ، ފަޅުގެތައް ސާފުކޮށް އެތަންތަނުގަ އެވެ. އޭރު އޭނާއަށް އެހީއެއް ފޯރުކޮށްދޭ ހަމައެކަނި މީހަކަށް ހުރީ ސްކޫލު ދައުރުގެ ރަހުމަތްތެރިއެކެވެ.

ރަހުމަތްތެރިޔާ ދިއްކޮށްލި އަތުގައި ހިފައިގެން އޭނާއާ އެކު އާ ހަޔާތެއް ފެށޭތޯ، ޒީނާ އަނެއްކާވެސް ބެލި އެވެ. އެއީ، އޭނާގެ ތިން ވަނަ ކައިވެންޏަށް ވުމުން، އެ ގުޅުން ދެމެހެއްޓޭތޯ އޭނާ ބެލި އެވެ. އެކަމަކު ކައިވެންޏަށް އިތުރު ދަރިއަކު ލިބުމާ އެކު، އެ ފިރިމީހާ ވެސް މަސްތުވާތަކެތީގެ އަޅުގައި ޖެހުނެވެ. މަސްތުގެ ހާލުގައި ފިރިމީހާގެ ބަދުބަސްތަކާއި އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ދެ ކުދިން ގޮވައިގެން ދެން ގޮސް ވަންނާނެ ތަނެއް ނުހުންނާނެތީ، އެ އަނިޔާވެރިކަމަށް އޭނާ ކެތްކުރީ އެވެ.

"އެއް ދުވަހު ބަދިގޭގައި އިންދާ އޭނާ ގޮވި އަޑު ނީވުމުން، ރުޅި އައިސްގެން އައިސް، އުނދުންމަތީ އޮތް ހޫނު ތަވާގައި ގަދަކަމުން އަތް ބާއްވާފައި ފިތްތާލީ. ވީތަދާއި ދިލައިން އަޑުގެ ނެތްތަނަށް ރޯން ފެށިން. އެކަމަކު އަހަރެންގެ އަޑު އަހާނެ މީހަކު ނުވި،' ޒީނާ ކިޔައިދިނެވެ.

ފިހުނު އެ އަތް ރަނގަޅުވާން ވަރަށް ގިނަ ދުވަސް ނެގި އެވެ. ކުޑަ ދެ ކުދިން ގޮވައިގެން އުޅެމުން، އަތުގައި ފެން ނުޖައްސާ ނޫޅެވޭތީ، ފާރުގަނޑު ފަސޭހަ ނުވެ ދިގުލައިގެން ދިޔައީ އެވެ.

ޒީނާ ބުނިގޮތުގައި ފިރިމީހާ އޭނާގެ ބޭނުން އޭރު ހަމައެކަނި ހިފަމުން ދިޔައީ ޖިންސީ ގޮތުން އެކަންޏެވެ. ކައިވެނިކޮށްގެން އުޅުނު ކަމުގައި ވިޔަސް، އެތައް ފަހަރު، އެތައް ގޮތަކުން ޖިންސީ އަނިޔާތައް ދިނެވެ. ތިން ވަނަ ކުއްޖާއަށް ބަނޑުބޮޑުވެފައި ހުއްޓާ، ގަދަކަމުން ގުޅުން ހިންގަން އުޅުމުން އިންތިހާއަށް ލޭ ބޭރުވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނެވެ.

އެ އަނިޔާތަކަށް އިތުރަށް ކެތްކުރަން ބޭނުން ނުވެގެން، ތިން ވަނަ ކައިވެނި އޭނާ ރޫޅާލީ ދެން ކޮންމެ ގޮތަކަށް އުޅެން ޖެހުނު ކަމުގައި ވިޔަސް ފަރުވާލެއް ނެތް ކަމަށް ބަލައިގެންނެވެ. މިހާރު އޭނާ ދިރިއުޅެމުން އަންނަނީ، މާމަގެ ވީރާނާވެފައިވާ މުސްކުޅި ގޭގަ އެވެ. ތިން ކުދިންނާ އެކު، އަށް ފޫޓު ވެސް ހަމަނުވާ އެ ކޮޓަރިގަނޑުން، މިއިން ދުވަހަކު ވެސް ނުލިބޭ ފަދަ ރައްކާތެރިކަމެއް ލިބިފައިވާ ކަމަށް ޒީނާ ގަބޫލުކުރެ އެވެ.

ޒީނާ ދިރިއުޅެމުންދާ ގޭގެ ހާލަތު
ޒީނާ ދިރިއުޅެމުންދާ ގޭގެ ހާލަތު

އެކަމަކު އަދިވެސް އެއީ ނިކަމެތި ދިރިއުޅުމެކެވެ. ނިދާ ކޮޓަރީގައި، ގެންގުޅޭ ހުރިހާ ސާމާނެއް ތަރުތީބުން ބެހެއްޓޭނެ ގޮތް ނެތުމުން އެއްޗެހިތައް ހުރީ، އެކި ދިމަދިމާލުގައި ފޮށިތަކުގަ އެވެ. ކުދިން ނިދަމުން އަންނަނީ، ބާވެ ހަލާކުވެފައި ހުރި ގޮދަނޑި އާއި ބާލީހުގަ އެވެ.

މަމްސް އެއިޑުން ހުރީ، މި އާއިލާއަށް އެހީވާން ތައްޔާރަށެވެ. ޒީނާގެ އާއިލާއަށް އެހީވުމަށް ފަންޑްރެއިޒް ކުރަން ފަށާފައިވާއިރު އެ ޖަމިއްޔާގެ އަމާޒަކީ، އެ ހަތަރުމައިންނަށް ބޭނުންވާ ނަފްސާނީ ފަރުވާ އާއި އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމެވެ. އަދި އެއް އަހަރު ދުވަހަށް ވާވަރަށް، ކާބޯތަކެތި ހޯދައިދިނުމެވެ. އޭގެ ސަބަބުން ޒީނާއަށް މިހާރު ލިބޭ އާމްދަނީ ރައްކާކުރެވި، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވިދާނެ ކަމަށް ގަބޫލުކުރެވެ އެވެ.

އޭގެ އިތުރުން އެއް އަހަރު ދުވަހަށް ވާވަރަށް ކުދިންގެ އިންޓަވަލް އާއި ކުދިންގެ އަންނައުނުގެ އިތުރުން، ހަ މަސް ދުވަހަށް ވާވަރަށް އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާތަކެތި ހޯދުން ކަމަށް ބުންޏެވެ. އެއީ ޖުމްލަ، 107،000އެއްހާ ރުފިޔާ އެވެ.

އެކަމަށް އާއްމުންގެ އެހީތެރިކަމަށް މަމްސް އެއިޑުން އެދެ އެވެ.

އެހީދިނުމަށް:

  • 7730000562469 ރުފިޔާ

  • 7730000562470 ޑޮލަރު

  • އިތުރު މައުލޫމާތު: 7349392/7349393

އެނގުން މުހިއްމު- މަމްސް އެއިޑުން އިސް ނަގައިގެން، ހާލުގައި ޖެހިފައިވާ އާއިލާއަކަށް، އާއްމުންގެ އެހީގައި މިދިޔަ ހަފުތާގައި ރީތި ގެއެއް ވަނީ ހަދިޔާކޮށްފަ އެވެ. މިއީ މިގޮތަށް މި ޖަމިއްޔާއިން އަޅައިދިން ހަތަރު ވަނަ ގެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް