މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް: އެ މިނިސްޓްރީގައި ސިޔާސީންގެ ނުފޫޒު ގަދަކުރުމާއި ހިންގުން ބޮއްސުންލާފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ސޯޝަލް މިނިސްޓްރީގެ މުވައްޒަފުން ބަންޑުންކުރި އުދާސްތަކުގެ ފަހަތުގައި ކޮން ކަމެއް؟
މުހިންމު ނުކުތާތައް
ގާތްގަނޑަކަށް 65 ސިޔާސީ މުވައްޒަފުން ތިބި މިނިސްޓްރީގެ ތެރޭގައި ތަފާތުކުރުމާއި ބާކީކޮށްލުމުގެ ސަގާފަތެއް އުފެދި ހިދުމަތްތެރި މުވައްޒަފުން ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން އެބައޮތް
ބައެއް މުވައްޒަފުން ބުނިގޮތުގައި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ބަލަން ގާނޫނުން އުފައްދާފައިވާ އިދާރާ މިހާރު ވަނީ ނުރަސްމީކޮށް އެހެން ޑިޕާޓްމަންޓަކާ އެއްކޮށްލާފައި
ސިޔާސީ މުވައްޒަފުން ފަންނީ މަސައްކަތްތަކަށް ނެރެމުންދާތީ ގާނޫނީ މައްސަލަތައް ނުކުންނަމުންދާ ކަމަށް ވެސް ބައެއް މުވައްޒަފުން ބުނޭ
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ، ނުވަތަ ކުރީގެ ނަމުން ނަމަ ޖެންޑާ މިނިސްޓްރީގައި 2007 އިން ފެށިގެން މަސައްކަތް ކުރެއްވި އައިޝަތު ޝޫޒާ، މިނިސްޓްރީން އޭނާގެ ހައްގުތައް ނިގުޅައިގަނެ، މަސައްކަތުުގެ މާހައުލުގެ ތެރޭގައި ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފައިވާ ކަމަށް ތުހުމަތުކުރައްވާ ވީޑިއޯއެއް ހުކުރު ދުވަހު ވަނީ ފެންމަތިވެފަ އެވެ.
މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ޝޫޒާ އެތަނުގެ އެތެރޭގެ ބައްދަލުވުމެއްގައި، މިނިސްޓްރީގެ އިސް އޮފިޝަލުންނަށް ރައްދުވާ ގޮތަށް، ރޮމުން ދެއްކެވި ވާހަކަތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި މިނިސްޓްރީއަށާއި މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއަށް އާންމުންގެ ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. ދިގު މުއްދަތަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ގާބިލް ސިވިލް ސާވަންޓުންގެ ހައްގުތައް، ސިޔާސީ ނުފޫޒުން ނިގުޅައިގަންނަކަމުގެ އަޑުތައް ގަދަވި އެވެ.
ޖެހިގެން އައި ދުވަހު ފެނުނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސެއިން ޝަރީފް އާއި ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ އެހެން މިނިސްޓްރީތަކަށް ބަދަލު ކުރި ތަނެވެ. އެ ބަދަލު އައީ ޝޫޒާގެ ވީޑިއޯއާ ގުޅިގެންކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
އާއްމުވި ވީޑިއޯގައި ޝޫޒާ ވިދާޅުވި ގޮތުގައި، އެފަދަ ހާލަތަކަށް އަމަލު ކުރަމުންދަނީ އޭނާއާ މެދު އެކަންޏެއް ވެސް ނޫނެެވެ. މިނިސްޓްރީގެ "ވަރަށް ގިނަ މުވައްޒަފުން" ކުރަމުންދާ ބުރަ މަސައްކަތުގެ ބަދަލުގައި މިފަދަ ބޭއިންސާފު ކަންކަން ތަހަމަލްކުރަން ޖެހޭތީ ދެރަވެ ލަދުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝޫޒާ އެ ވާހަކަތައް ދެއްކެވި އިރު ވަށައިގެން ތިބި ބައެއް އެހެން މުވައްޒަފުން ވެސް ރޮމުން ގެންދިޔަ މަންޒަރާއި މާޔޫސްވެ، އިސްދަށަށް ޖަހަގައިގެން ތިބި މަންޒަރު ފެނެ އެވެ.
ސޯޝަލް މިނިސްޓްރީގެ ބައެއް މުވައްޒަފުން 'ދައުރު' އަށް ކިޔައިދިން ގޮތުގައި އެ މިނިސްޓްރީގެ ހިންގުމުގައި އެތިކަލް، ގާނޫނީ އަދި އިދާރީ ގިނަ މައްސަލަތަކެއް އެބަހުއްޓެވެ.
އެ މުވައްޒަފުން ފާހަގަކުރި ކަންކަމާ ބެހޭ ގޮތުން މިނިސްޓަރު އައިޝަތު ޝިހާމްގެ ބަހެއް ހޯދަން ދެ ދުވަސް މަތިން 'ދައުރު'ން މަސައްކަތް ކުރީމެވެ. ނަމަވެސް ތަކުރާރުކޮށް ގުޅައި މެސެޖު ކޮށް، ތުހުމަތުތަކަށް ރައްދު ދެއްވަން ދިން ފުރުސަތުގައި މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ.
ފާހަގަކޮށްލަން ޖެހޭ ތަންކޮޅަކީ މީގެ ކުރިން އައިޝަތު ޝިހާމް މިނިސްޓަރުކަން ކުރެއްވި އެއްވެސް މިނިސްޓްރީއެއްގެ މުވައްޒަފުން އޭނާއާ މެދު އެކަހަލަ ޝަކުވާތަކެއް އާންމުކޮށްފައި ނުވާ ކަމެވެ. ކުރިން އޭނާ ފެނުނީ 'މައްސަލައެއް ނެތް' މިނިސްޓަރެއްގެ ގޮތުގަ އެވެ.
ފަންނީ މަސައްކަތުގައި ސިޔާސީން
އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ސޯޝަލް މިނިސްޓްރީގައި ގާތްގަނޑަކަށް 65 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. ސެޕްޓެމްބަރު ފެށުނު އިރު މިނިސްޓްރީގައި ތިބިކަމަށް 'ދައުރު'އަށް މައުލޫމާތު ލިބިފައިވަނީ:
-
ހަ ސްޓޭޓް މިނިސްޓަރުން
-
10 ޑެޕިއުޓީ މިނިސްޓަރުން
-
26 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން
-
23 ޕޮލިޓިކަލް ޑިރެކްޓަރުން
އާރުޓީއައިގެ ދަށުން މުސާރަތަކާ ބެހޭ ގޮތުން ހޯދި މައުލޫމާތަށް ބަލާ، އެންމެ ދަށް އަދަދުތަކުން ހިސާބު ހެދިޔަސް، ސޯޝަލް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 1.73 މިލިއަން ރުފިޔާ އަރަ އެވެ. އެއީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ އެވެ.
ގައުމުގެ މާލީ އަދި އިގްތިސޯދީ ހާލަތު ގޯސްވެ، ސިޔާސީ މުވައްޒަފުން މަދުކުރަން ސަރުކާރުން ނިންމި ނަމަވެސް، މިދިޔަ މަހު ފަހުކޮޅު ވެސް ސޯޝަލް މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން ނަގާފައިވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ. އެ މިނިސްޓްރީއަށް އިއްޔެ ވެސް އިތުރު ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަންކޮށްފައިވާކަން އެނގިފައިވެ އެވެ.
ސިޔާސީ މުވައްޒަފުން އިތުރުވުމުގެ ސަބަބުން މިނިސްޓްރީގެ ތެރޭގައި މައްސަލަ ބޮޑުވެފައިވާކަން، ނަން ނުޖަހާ ގޮތަށް، 'ދައުރު'އާ ވާހަކަ ދެއްކި މުވައްޒަފުންގެ ވާހަކަތަކުން ސާފުވެ އެވެ.
މިނިސްޓްރީގެ ބައެއް މުވައްޒަފުން އިއްތިފާގުވާ ގޮތުގައި، ދާއިރާއިން ކިޔަވައިގެން ތިބި ތަޖުރިބާކާރުން ބާކީކޮށްލުމަށް ފަހު ސިޔާސީ ބޭފުޅުން 'ހިތު ހުރިހާ ގޮތަކަށް' މިނިސްޓްރީ ހިންގުމުގެ ސަބަބުން ހައްގުތައް ގެއްލެނީ އެންމެ ބޮޑަށް މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ނިކަމެތިންގެ އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި އެއް މުވައްޒަފަކު، އެއް މައްސަލައަކަށް ނެގީ، ސިޔާސީ މުވައްޒަފުން ފަންނީ މަސައްކަތްކުރުމެވެ. ޑެޕިއުޓީ މިނިސްޓަރަކާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް ކޭސްވޯކަރުންގެ ގޮތުގައި ހަރަކާތްތެރިވެ، ފުލުހުންނަށް ބަޔާންދީ، ވުޒާރާގެ ފަންނީ މުވައްޒަފުންގެ ތަޖުރިބާއާ އެކު ތައްޔާރުކުރަން ޖެހޭ މުހިއްމު ރިޕޯޓުތައް އަމިއްލައަށް ތައްޔާރުކޮށް، ގާނޫނީ ބޮޑެތި މައްސަލަތަކެއް ނުކުންނަ ގޮތަށް ހަރަކާތްތެރިވުމެވެ.
"ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ކޭސްވޯކެއް ނުކުރެވޭނެ. ސިޔާސީ މީހެއްގެ ހައިސިއްޔަތުން ދޯ އެމީހުން ގޭގެއަށް ގޮސް އެ ވަންނަނީ. މިނިސްޓަރު ވިދާޅުވެގެން ކޭސްވޯކް ކުރިޔަސް މަގާމަކީ ސިޔާސީ މަގާމެއް. ސިޔާސީ މަގާމެއްގައި ތިބެގެން ގޮސް ހޯމް ވިޒިޓްސް ހަދާ، ބަޔާންތަކަށް ގޮސް، ކުދިންނާ އެއްކޮށްް ސެޝަން ބާއްވާ، މި ހުންނަނީ އެތިކަލް ކަންކަމެއް ނޫން ދޯ އަސްލު،" އެ މުވައްޒަފު ބުންޏެވެ.
ގާތްގަނޑަކަށް 40 ކޭސްގައި ސިޔާސީ މީހުން މަސައްކަތްކުރަމުން އަންނަ އިރު އެކަމުގެ ސަބަބުން އާހިރުގައި ނުކުންނާނެ އެންމެ ބޮޑު އެއް މައްސަލައަކީ، އޭނާ ބުނި ގޮތުގައި، އަނިޔާ ލިބޭ ފަރާތަށް ކޯޓު މަރުހަލާގައި ހުރަސްއެޅުމެވެ.
"... އެއީ ޖިންސީ އަނިޔާގެ މައްސަލައެއް ނޫނީ ގެވެށި އަނިޔާގެ މައްސަލައެއް ނޫނީ އެހެން މައްސަލައެއް ވިޔަސް، އެ މައްސަލަ ކޯޓާ ހަމައަށް ދާ ހިސާބުން ޑިފެންސް އެޓާނީ ނަގާނެ އެންމެ ފުރަތަމަ އެއް ޕޮއިންޓަކީ، ކީއްވެހޭ ސިޔާސީ މީހަކު ބަޔާނުގައި މީނީ. ޕޮލިޓިކަލީ މޯޓިވޭޓެޑް މައްސަލައެއްގެ ގޮތުގައި އެ މީހުން ބަލާނީ،" އޭނާ ފާހަގަކުރި އެވެ.
"ކްލައެންޓެއް ނޫން ކޭސްވޯކާ ޗޫޒް ކުރަނީ. އެހެންވީމާ ކްލައެންޓެއްގެ ހައްގު އެ ގެއްލެނީ މިތަނުގެ ޕޮލިޓިކަލް މީހުން ނެގި ޑިޒިޝަންއަކާ ހުރެ."
މި ކަންބޮޑުވުންތަކުގެ ސަބަބުން މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ގާނޫނީ ފަރާތްތަކުގެ މަޝްވަރާ ހޯދައިފަ އެވެ. މުވައްޒަފު ބުނި ގޮތުގައި:
-
ގާނޫނީ މާހިރުން ވެސް ވިދާޅުވަނީ ސިޔާސީ މުވައްޒަފުން ލައްވާ ކޭސްވޯކް ނުކުރެވޭނެ ކަމަށް
-
ކޮންމެހެން އެ މީހުން ލައްވާ ކޭސްވޯކް ކުރުވަން ބޭނުން ނަމަ، އެކަން ކުރެވޭނީ އެ މުވައްޒަފުންގެ ވަޒީފާގެ ބަޔާނަށް އެ މަސްއޫލިއްޔަތުތައް އިތުރުކޮށް، ތަމްރީންކޮށް، އެކަމަށް ބޭނުންވާ ލައިންސަންސް ވެސް ލިބިގެން؛ މިކަން މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެ
-
އެކަމަކު މިނިސްޓްރީން ގެންދަނީ އެއިން އެއްވެސް ކަމެއް ނުކޮށް، ސިޔާސީ މުވައްޒަފުން ލައްވާ އަދިވެސް ކޭސްވޯކް ކުރުވަމުން
"އެމީހުން [ސިޔާސީ މުވައްޒަފުން] ވެސް އަސްލު ބޭނުމެއް ނުވޭ އެ މަސައްކަތް ކުރާކަށް. އެކަމަކު މިނިސްޓަރު ބުނީމަ ކުރަނީ،" މުވައްޒަފު ބުންޏެވެ.
މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ މީހުންނާއި ކުދިން ދެނެގަންނަން މިނިސްޓްރީން ދޮރުން ދޮރަށް ހިނގައިގެން ކުރިއަށްގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމްގެ ދަށުން ގޭގެއަށް ގޮސް މައުލޫމާތު ސާފުކުރަނީ ވެސް ސިޔާސީ މުވައްޒަފުންނެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން މުވައްޒަފު ބުނި ގޮތުގައި:
-
ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ މީހުންގެ ގޭގެއަށް ތަމްރީނެއް އަދި ތަޖުރިބާއެއް ނެތި ސިޔާސީ މުވައްޒަފުން ގޮސް ހަރަކާތްތެރިވުމުގެ ސަބަބުން އިތުރު މައްސަލަތައް ފެންމަތިވޭ
-
ބައެއް ހާލަތްތަކުގައި މިނިސްޓްރީގެ ފަރާތުން ދާ ބޭފުޅުން ނުފުއްދޭ ވައުދުތައް ވޭ؛ އެކަމުގެ ސަބަބުން އާންމުންގެ މެދުގައި މިނިސްޓްރީއަށް އޮތް އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތް
ކުޑަކުދިންނަށް ހިދުމަތްދޭ ސީއެފްޕީއެސް 'މިހާރު ވުޖޫދުގައެއް ނެތް'
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެންމެ މުހިއްމު އެއް އިދާރާ އަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އެވެ. ގާނޫނުގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި ހިންގަން މެންޑޭޓުކޮށްފައިވާ މި އިދާރާ މިހާރު ވަނީ މިނިސްޓަރުގެ އެންގެވުމުގެ މަތިން، 18 އަހަރުން މަތީގެ މީހުންގެ ކޭސްތައް ހަވާލުކޮށްފައިވާ ސޯޝަލް ސާވިސް ޑިޕާޓްމަންޓް (އެސްއެސްޑީ)އާ އެއްކޮށްލައިފަ އެވެ.
މި އަހަރުގެ މާޗު މަހު ދެ އިދާރާ އެއްކޮށްލައި ސީއެފްޕީއެސް އުވާލި އިރު، އެ ނިންމުން އަދި އަދަށްދާންދެން ވެސް ރަސްމީ ލިޔެކިޔުމުން ފެންނާކަށް ނެތް ކަމަށްވެ އެވެ. ކުރިން ވާހަކަދެއްކި މުވައްޒަފު ބުނި ގޮތުގައި، ގާނޫނާ ހިލާފު އެ ނިންމުން ލިޔުމުން ފެންނާކަށް މިނިސްޓަރު އައިޝަތު ޝިހާމް ބޭނުންފުޅެއް ނުވެ އެވެ.
"ޓެކްނިކަލީ އަދިވެސް ސީއެފްޕީއެސް ސްޓާފުން ބަލަނީ ސީއެފްޕީއެސްގެ ސްޓާފުންގެ ގޮތުގައި. އެކަމަކު ޓެކްނިކަލީ ސީއެފްޕީއެސް މިހާރު ވުޖޫދުގައެއް ނެތް،" ލިޔުމުން އެކަން ފެންނަން ނެތުމުން އިދާރީ ގޮތުން އޮޅުން އަރަމުންދާކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
ދެ އިދާރާގެ މުވައްޒަފުންގެ ނުރުހުމުގައި ސީއެފްޕީއެސް އާއި އެސްއެސްޑީ އެއްކޮށްލި އިރު، އެކަމުގެ ސަބަބުން ގާނޫނީ އަދި ފަންނީ ގިނަ މައްސަލަތަކެއް ވެސް ދަނީ ނުކުންނަމުންނެވެ. އެ ބަދަލާ އެކު މުވައްޒަފުން އިތުރުވެ މަސައްކަތްތައް ފަސޭހަވާނެ ކަމަށް މިނިސްޓްރީގެ އިސް ވެރިން ބުނި ނަމަވެސް، މުވައްޒަފުން ދެކޭގޮތުގައި ކުރިއަށް ވުރެ ހުރިހާ ގޮތަކުން ވެސް ގޮންޖެހުންތައް ވީ ބޮޑެވެ.
"ސްޓާފުންގެ އަދަދެއް ވެސް އިތުރެއް ނުވޭ، ކޭސް ލޯޑެއް ވެސް ކުޑައެއް ނުވޭ. ދެބައި އެއްކޮށްލާފައި އެންމެންގެ މެދުގައި ކޭސްތައް ބަހާލީމައި އެސްއެސްޑީ ސްޓާފުންގެ ކޭސް ލޯޑު ޑަބަލްވީ،" ކުރިން ވާހަކަދެއްކި މުވައްޒަފު ބުންޏެވެ.
ކުޑަކުދިންނާ އެކު މަސައްކަތް ކުރަންވާނީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ މުވައްޒަފުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވާއިރު، ދެ ޑިޕާޓްމަންޓް އެއްކޮށްލުމުން، ބޮޑެތި މީހުންގެ ކޭސްތަކުގައި މަސައްކަތް ކުރާ ކޭސްވޯކަރުން އިތުރު އެއްވެސް ތަމްރީނަކާ ނުލާ ކުޑަކުދިންގެ ކޭސްތަކުގައި ވެސް މަސައްކަތްކުރެ އެވެ.
"މިހާރު މަސައްކަތް މި ކުރަނީ ސީދާ ޗައިލްޑް ޕްރޮޓެކްޝަން ގާނޫނާ ހިލާފަށް. މިކަން [ޗިލްޑްރަންސް] އޮމްބަޑްސްޕާސަން[ގެ އޮފީސް] އަށް ވެސް އެނގޭނެ،" އެ މުވައްޒަފު ބުންޏެވެ.
މިދަނީ ސީއެފްޕީއެސް އޮޑިޓް ކުރަމުން: އޮމްބަޑްސްޕާސަން
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން، ސޯޝަލް މިނިސްޓްރީ ފަދަ ދައުލަތުގެ އިދާރާތަކުން ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަކީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތެކެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު 'ދައުރު'އަށް ވިދާޅުވީ އެ މާއްދާގެ ދަށުން، ޕްލޭންކޮށްގެން، އިދާރާތަކުގެ އޮޑިޓްތައް، އޮމްބަޑްސްޕާސަންގެ އޮފީހުން ހަދަމުން އަންނަ ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެން މިދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ސީއެފްޕީއެސް އޮޑިޓް ކުރަމުން. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ) މުއާހަދާއާ ހިލާފުވާ އެއްވެސް ކަމެއް އޮޑިޓުން ފާހަގަކުރެވިއްޖެ ނަމަ، ހިލާފުވެފައިވާ މާއްދާ ނުވަތަ ގަވައިދާ ހަވާލާދީ، އެކަން އެ އިދާރާގެ ސަމާލުކަމަށް ގެނެސް، ރަނގަޅު ކުރަންވީ ކަންކަމުގެ ލަފާ އަރުވާނެ،" އޭނާ ވިދާޅުވި އެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހުގެ ކޮމްޕްލަޔަންސް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓުން 'ދައުރު'އަށް ބުނި ގޮތުގައި:
-
އެނުއަލް ވޯކްޕްލޭންގެ ދަށުން ހަދާ އޮޑިޓްތަކުގެ ތެރެއިން މިދިޔަ އަހަރު އޮގަސްޓު މަހު ސޯޝަލް މިނިސްޓްރީގެ އޮޑިޓެއް ވެސް ވަނީ ހަދަން ފަށާފައި
-
ނަމަވެސް އޮޑިޓް ނިންމުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އޮޑިޓް ނިމޭނެ ތާރީހަކާ މެދު އެއްޗެއް ބުނެވޭކަށް ނެތް
-
އޮޑިޓް ކުރިއަށްދާތީ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކުރަން އެ ޑިޕާޓްމަންޓުން އުޒުރުވެރިވި
ނަމަވެސް އޮމްބަޑްސްޕާސަންސް އޮފީހުގެ އިތުބާރު ހުރި މަސްދަރަކުން، ސީއެފްޕީއެސް އާއި އެސްއެސްޑީ އެއްކޮށްލި މައްސަލަ އެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ. އެ މައްސަލައާ ގުޅިގެން ސޯޝަލް މިނިސްޓްރީއާ އެކު އެ އޮފީހުން ބައެއް ބައްދަލުވުންތައް ވެސް ބާއްވާފައިވާކަން 'ދައުރު'އަށް އެނގެ އެވެ. އެކަމަކު އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަމެއް އަދި ސާފެއް ނުވެ އެވެ.
'މުވައްޒަފުންގެ ބަސް އިއްވާނެ ފުރުސަތެއް ނުލިބޭ'
މަސައްކަތުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ގާބިލް މުވައްޒަފުންގެ ބަސް ސިޔާސީ ބޭފުޅުންގެ ކުރިމަތީގައި އެއްވެސް ވަރަކަށް ނުވިކުމާއި "ކޭސްތަކުގައި ނިންމުންތައް ނިންމާއިރު ޓެކްނިކަލް ސްޓާފުން ބުނާ އެއްޗެއް އެއްވެސް ވަރަކަށް ބަލައިނުގަންނަ" ކަމުގެ ޝަކުވާ ވެސް ސޯޝަލް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ވަނީ ބޮޑުވެފަ އެވެ.
"އަހަރެމެން މި މަސައްކަތް ކުރަނީ އިމޯޝަނަލް ވެގެނެއް ނޫން. އަހަރެމެން މި މަސައްކަތް ކުރަނީ ކްލައެންޓުންނަށް ބަޔަސްވެގެނެއް ނޫން. އަހަރެމެން ފޮލޯކުރާ މެނުއަލްތަކާ އެއްޗިހި ހުރޭ،" އެ ހުރިހާ ކަމަކަށް ބަލާފައި ފަންނީ މުވައްޒަފުން ދައްކާ ވާހަކަ ސިޔާސީ ވެރިން ބަލައިގަންނަން ޖެހޭނެކަން ފާހަގަކުރަމުން، މުވައްޒަފު ބުންޏެވެ.
ގާބިލް މުވައްޒަފުން މަދުވުމުގެ ސަބަބުން ކޮންމެ ކޭސްވޯކަރެއް ވެސް ގިނަ އަދަދެއްގެ ކޭސްތަކާ ހަވާލުވާން ޖެހެ އެވެ. އެހެންކަމުން އެ މަސައްކަތުގެ މައްޗަށް މިފަދަ ދަތިތަކެއް ހުރުމުން ބުރަ އިހުސާސްކުރެވޭ ވަރު އިންތިހާއަށް ގޮސްފައިވާކަމަށް ވެސް ބައެއް ޓެކްނިކަލް މުވައްޒަފުން ބުންޏެވެ.
"ގިނަ މީހުންގެ އަތުގައި 100އާ ގާތްކުރާ އަދަދަކަށް ކޭސް ހުންނާނެ،" އެކަކު ބުންޏެވެ.
އެކަމަކު އެ އަދަދު 65 އަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ކަމާބެހޭ އިދާރާތަކާއި މާހިރުން އިއްތިފާގުވެ އެވެ.
ކޭސް ލޯޑު ބޮޑުވުމުގެ ޝަކުވާއާ އެކު، ސިޔާސީ ވެރިން އަންގަނީ މައްސަލަތައް ނިންމާލަން ކަމަށްވެ އެވެ. ނަމަވެސް، މުވައްޒަފު ބުނި ގޮތުގައި، އެއީ ވެސް އެތިކަލް ކަމެއް ނޫނެވެ. މައްސަލައެއް ފައިލް ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ހުރެ އެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތާ އެކަމުގައި މަޝްވަރާކުރަން ކޭސް ކްލޯޒިން ފޯމުގައި ވެސް އޮންނަކަން އޭނާ ފާހަގަކުރި އެވެ.
"މިސާލަކަށް މީހަކު މައްސަލައެއް ލާފައި ތިން ހަތަރު އަހަރު ފަހުން ވެސް ގުޅާފާނެ ދޯ ކޭސްގެ އަޕްޑޭޓެއް ހޯދަން. ގުޅީމަ [މިނިސްޓްރީން] މިބުނަނީ ކްލޯޒް ކޮށްލައިފީމޭ. އެކަމަކު މައްސަލަ ހުށަހެޅި މީހާއަކަށް ނޭނގޭ ކްލޯޒް ކުރި ކަމެއް ވެސް. ދެން މީހުން ކިހާ ރުޅިއަންނާނެ؟" އޭނާ ބުންޏެވެ.
މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި ކޭސްތައް ކްލޯޒްކުރަން މިނިސްޓްރީން ޕްރެޝަރުކުރާ އެންމެ ބޮޑު އެއް ސަބަބަކީ، ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުން މާ ގިނަ ކޭސްތައް ނިންމާފައި ހުރި ކަމަށް ދެއްކުމެވެ. އާއްމުންގެ ހައްގުތައް ގެއްލޭ ގޮތަށެވެ.
"އަބަދުވެސް ކޭސްތަކަށް ކޮންމެވެސް ވަރަކަށް ސިޔާސީ ނުފޫޒު ފޯރާ. އެއީ އަބަދުވެސް އޮންނަ މައްސަލައެއް. އެކަމަކު މިހާރު އެކަން ކުރިއަށްވުރެ މާ ބޮޑު ވެއްޖެ،" މުވައްޒަފު ބުންޏެވެ.
ބާކީކޮށްލުމުގެ ތެރެއިން ގާބިލް މުވައްޒަފުން ގެއްލެނީ؟
މުވައްޒަފުން ބުނާ ގޮތުގައި މިނިސްޓްރީގެ ހިންގުމުގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރާ މުވައްޒަފުންނާ މެދު ތަފާތުކުރުމުގެ ބޮޑު ސަގާފަތެއް އޮފީސް ތެރޭގައި ވަނީ އުފެދިފަ އެވެ. ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުވެރިކަން އުފެދި، ފުރުސަތު ގެއްލި، މަސައްކަތުގައި ޑީމޯޓިވޭޓްވެ، ނަފްސާނީ ގޮތުން ވެސް މުވައްޒަފުންނަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް މުވައްޒަފުން ހެކިވެ އެވެ.
އެއްވެސް ސަބަބެއް ނެތި ވެސް މިނިސްޓްރީގެ އިސް ވެރިން ބައެއް މުވައްޒަފުންނާ "ޖައްސާލާ" އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރާ ކަމަށް މުވައްޒަފުން ބުނެ އެވެ. މަގާމު ދަށްނުކުރި ނަމަވެސް ބައެއް މުވައްޒަފުންގެ އަތުން އެ މީހުންގެ މަސްއޫލިއްޔަތުތައް އަތުލައި ހަވާސާކޮށް، ބައްދަލުވުންތަކުން ބޭރުކުރުން ފަދަ ކަންކަން ކުރާ ކަމަށްވެ އެވެ.
ޝޫޒާ ވެސް ސިފަކުރައްވާފައިވަނީ ހަމަ މިފަދަ ކަންތައްތަކެކެވެ. އޭނާގެ އިތުރުން ވެސް އެހެން މުވައްޒަފުންނަށް އެފަދަ ފިއްތުުންތައް ކުރިމަތިވަމުންދާ ކަމަށް ބުންޏެވެ. "ޝޫޒާއަށް ހެދިހެން ހަދާފާނެތީ" އެހެން ބައެއް މުވައްޒަފުން ވެސް ތިބީ ބިރުވެރިކަމެއްގަ އެވެ.
My issue is about the injustices, bullying and harassment I had to face at the Ministry since November 2023.
— Shooza (@AishathShooza) October 4, 2024
Kindly please refrain from politicizing this and taking the focus away from the actual issue. Thank you.
އޮފީހުގެ އެތެރޭގެ ހާލަތުގެ ސަބަބުން ތައުލީމީ، ގާބިލު މުވައްޒަފުންތަކެއް މިހާރު ވެސް ކެނޑިއްޖެ އެވެ. ނުވަތަ މިނިސްޓްރީން އެމީހުން ކަނޑާލައިފި އެވެ. ނުވަތަ އެހެން މިނިސްޓްރީތަކަށް ބަދަލުކޮށްފި އެވެ.
ސޯޝަލް މިނިސްޓްރީގައި އެތެރޭގެ މައްސަލަތައް ފުނިޖެހި ބަންޑުންވަމުން ދާއިރު، އެއިން އެއްވެސް ކަމަކާ މެދު މުވައްޒަފުން ކަންބޮޑުވުން ފާޅުކުރާ ހިސާބުން، އެ މުވައްޒަފުންނަށް އަންގަނީ "މަސައްކަތް ކުރަން ބޭނުންނުވަންޏާ ކެނޑޭ"ށޭ ކަމަށް، ބައެއް މީހުން ބުންޏެވެ. އެކަމަކު އެއީ ދިރިއުޅުމުގެ ހާލަތުގެ ގޮތުން ގިނަ މުވައްޒަފުންނަށް ނެތް އިހުތިޔާރެކެވެ. ބަލަމުންދާ ކޭސްތަކާއި ކްލައެންޓުން ދޫކޮށްލާފައި ދާކަށް ވެސް ގިނަ ކޭސްވޯކަރުން ބޭނުމެއް ނުވެ އެވެ.
ސޯޝަލް މިނިސްޓްރީއަކީ، ޝޫޒާ ވިދާޅުވި ގޮތަށް، އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނިކަމެތިންގެ ހައްގުތައް ހޯދަން އުފައްދާފައިވާ އިދާރާއެކެވެ. މުޖުތަމައުގައި އެންމެ ހާލުގައި ޖެހިފައިވާ، އެންމެ އެހީތެރިކަން ބޭނުންވާ، އެންމެ އަނިޔާ ލިބިފައިވާ ފަރާތްތަކަށް ރައްކާތެރި ހިޔާވައްސަކަށް ވާން ޖެހޭ ތަނެވެ. އާންމުންގެ އިތުބާރު އޮންނަން ޖެހޭ އިދާރާއެއް ވެސް މެ އެވެ.
ނަމަވެސް މިނިސްޓްރީގެ އެއް މުވައްޒަފެއްގެ ބަހުން ނަމަ، މިނިސްޓްރީ ހިންގަން ތިއްބެވި ބޭފުޅުން "އެއްވެސް ކަމެއްގެ ޒިންމާ ނަގާކަށް ބޭނުމެއް ނުވެ" އެވެ. "ހުރިހާ ކަމެއް އޮތީ ބޮއްސުންލައިފަ" އެވެ. ވުޒާރާއަށް ނުތަކާވަރަށް ކަންކަން ސިޔާސީވެ، ވަކި ބަޔަކު ބޭނުންހާ ގޮތަކަށް ކަންކަން ބަދަލުކޮށް، ނިންމުންތައް ނިންމާ ތަނަކަށް ވެފަ އެވެ. މުޅި ވުޒާރާގެ މަގުސަދު އޮޅިފަ އެވެ.
އެ ކަންބޮޑުވުންތައް 'ދައުރު' އަށް ކިޔައިދިނުމާ އެކު، އެއް މުވައްޒަފަކު އުފެއްދީ މުހިއްމު ސުވާލެކެވެ.
"[އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން] ބޭނުންވާ ބަދަލުތައް އެބަ ގެނެވޭ ކުޑަ މިނެޓުކޮޅެއް ތެރޭގައި. އެހެންވެއްޖެއްޔާ ކީއްވެހޭ އެއްވެސް ޕޮޒިޓިވް ބަދަލެއް ނުގެނެވެނީ؟"
ކޮމެންޓް (9)
ޏަމީން
ނަން
ކުރުސި
ކޭސް ވޯކަރު
ފޫހި
ޙެލްތަށް ފޮނުވާލި ގުރޫޕް
ސިކުނޑި
ސަމަރު
ރޯނު އެދުދު