ކަރެކްޝަނަލް ސާވިސްގެ އޭސީޕީ މުހައްމަދު އާސިފް: ޕްރިޒަންސް ކްލަބްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި މައްސަލަ އަންނަނީ ބަލަމުން

ބައެއް މުވައްޒަފުން ބުނަނީ އޭސީޕީ އާސިފްއަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަ 'އޮއްބާލަން އުޅޭ' ކަމަށް

ކަރެކްޝަނަލް ސާވިސްގައި އޮންނަ ޕްރިޒަންސް ކްލަބްގެ ފައިސާގެ ތެރެއިން 200،000ރ އަށް ވުރެ ބޮޑު އަދަދެއްގައި އާސިފް ޖެހިފައިވާ ކަމަށް ތުހުމަތުކުރެވޭ

މުހިންމު ނުކުތާތައް

އާސިފްގެ މަސްލަހަތު އޮންނަ އެކައުންޓްތަކަށް އެކި ފަހަރު މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށް ބެލެވޭ

ކޮމިޝަނަރު ހަސަން ޒަރީރު ވިދާޅުވީ ފިޔަވަޅު އަޅަން ޖެހޭ ނަމަ ކޮންމެ މީހަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް

ބައެއް މުވައްޒަފުން ބުނަނީ އާސިފްއާ މިހާރު ވެސް ގިނަ ޒިންމާތަކެއް ހަވާލުކޮށްފައިވާ ކަމަށް. ނަމަވެސް އެވާހަކަ ޒަރީރު ދޮގުކުރައްވާ

މިދިޔަ ޖުލައި މަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތެރެއިން ފެންމަތިވީ މީގެ ކުރިން އެ ތަނުން އެތެރޭގައި ހިނގާފައިނުވާ ފަދަ ހިޔާނާތުގެ މައްސަލައެކެވެ؛ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000ރ.އަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލަ އެވެ. މި ހިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް ތުހުމަތު ވަނީ، ކުލަބުގެ ރައީސް އަދި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް އަށެވެ.

މި ހިޔާނާތާ ގުޅޭ ބައެއް މައުލޫމާތާއި ގުޅުން ހުރި ލިޔެކިޔުންތަކެއް އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

ހިޔާނާތުގެ އެ މައްސަލައާ ގުޅިގެން މިދިޔަ އޮގަސްޓު މަހު އެތަނުގެ 35 އޮފިސަރުން ސޮއިކޮށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެ ޕެޓިޝަނަށް ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކމަށެވެ.

މުވައްޒަފުންގެ ކަންބޮޑުވުމަކީ، މިހާ ދުވަސް ވީއިރު ވެސް މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލައިގެން ދިއުމެވެ.

އާސިފަށް ތުހުމަތުމަތު ވަނީ ޕްރިޒަންސް ކްލަބްގެ ރައީސަކަށް ހުންނަވައިގެން މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް އެ ކްލަބުގެ އެކައުންޓުން 200،823ރ. އޭނާގެ މަސްލަހަތު އޮންނަ ބައެއް އެކައުންޓްތަކަށާއި އެހެން ބައެއް އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރެއްވިކަމަށް ތުހުމަތުކުރެވެ އެވެ.

އޮކްޓޯބަރު 2022ގައި ކްލަބުގެ ރައީސްކަމާ އާސިފް ހަވާލުވިއިރު، އެ އެކައުންޓްގައި 500،000އެއްހާ ރުފިޔާ ހުރި ކަމަށް ކަމުގެ މައުލޫމާތު އެނގޭ މީހަކު 'ދައުރު'އަށް ކިޔައިދިނެވެ. ނަމަވެސް މި ހިޔާނާތަށް ފަހު، އެކައުންޓުގައި ހުރީ 8،700 ރުފިޔާ އެވެ.

"މައްސަލަ ފެންމަަތިވުމުން އޭނާ ވަނީ ދެ ޓްރާންސެކްޝަނަކުން 70،000އެއްހާ ރުފިޔާ އަލުން އެކައުންޓަށް ވައްދާފައި. އެއީ ކިހިނެއް އެކައުންޓަށް ޖަމާވި ފައިސާއެއް ކަމެއް ވެސް ނޭނގޭ،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި އެ އިދާރާގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޕްރިޒަންސް ކްލަބަށް ފައިސާ ވަންނަ އެއް ގޮތަކީ، ކޮންމެ މުވައްޒަފެއްގެ އަތުން މަހަކު ނަގާ 50ރ.ގެ ޗަންދާ އެވެ. އެހެންކަމުން ގާތްގަނޑަކަށް މަހެއްހެ މައްޗަށް 30،000ރ. އާއި 40،000ރ.އާ ދެމެދުގެ އަދަދެއް އެ އެކައުންޓަށް ވަދެ އެވެ.

'ދައުރު'އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި:

  • މި ހިޔާނާތުގައި 25އަށް ވުރެ ގިނަ ޓްރާންސެކްޝަން އެކި އެކައުންޓްތަކަށް ހިންގާފައިވޭ

  • އާސިފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 'ވަލޯ' ކުންފުނީގެ އެކައުންޓަށް 29،000އަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި. އަށް ފަހަރެއްގެ މަތިން އެ އެކައުންޓަށް އެކި އަދަދުތަކުން ފައިސާ ޖަމާކުރި

  • އެެއް ފަހަރާ އެންމެ ގިނަ އަދަދަކަށް ޖަމާކުރީ 50،000ރ. އެއީ 'ރިއަލް އައިކޮން' ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް

  • ޖަލުން ދޫކޮށްފައި ހުރި ގައިދީއެއްގެ އެކައުންޓަށް 35،000ރ. ޖަމާކުރި

"މިކަން ސީޕީ [ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު]ގެ ސަމާލުކަމަށް ގެނައުމުން އެންމެ ފުރަތަމަ ވަރަށް ލޮނު މަޑުކޮށް ނެނގީ. ކުލަބުގެ ބޯޑު އެއްކޮށްފައި [ސީޕީ] ބުނީ ކުލަބް ތެރެއިން ހައްލުކުރާށޭ،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

އޭގެ ފަހުން ކުލަބުގެ ބޯޑުން މި މައްސަލަ ބަލައިދިނުމަށް ޕްރިޒަންސްގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސްއަށް ފޮނުވި އެވެ.

"އޭރުވެސް އެއްވެސް ފިޔަވަޅެއް ނާޅާ. އޭސީޕީ އާސިފް ހުރީ ހަމަ އޭނާގެ ބާރާއި ނުފޫޒުގައި. އޭރުވެސް އޭނާއަކީ ގިނަ ޑިޕާޓްމަންޓްތަކެއްގެ އިސް ވެރިޔާ. އޭގެ ތެރޭގައި މާފުށީ ޖަލުގެ ޑިރެކްޓަރު ކަމާއި އިމަޖެންސީ ސަޕޯޓު ގްރޫޕުގެ ކޮމާންޑިން އޮފިސަރު ކަމާއި ޑިސިޕްލިނަރީ ބޯޑުގެ ޗެއާޕާސަން އަދި މޮނިޓަރިން ކޮމިޓީގެ ޗެއާ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އިސް މުވައްޒަފު ވިދާޅުވި އެވެ.

އެ ހުރިހާ މަސްއޫލިއްޔަތެއްގައި ހުންނަވައިގެން މައްސަލަ އިންސާފުވެރިކަމާ އެކު ބެލޭނެ ކަމުގެ އުންމީދެއް މި ރިޕޯޓަށް ވާހަކަދެއްކި މުވައްޒަފުންނަކަށް ނެތެވެ. އެންމެ ފަހުން މުވައްޒަފުންގެ ތެރޭގައި މި ނުތަނަވަސްކަން ބޮޑުވެ، ކަރެކްޝަންސްގެ އޮފީސް ތެރެއަށް އެކަމާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތަކެއް މިދިޔަ މަހު އެޅި ކަމަށް، އެ މުވައްޒަފުން ބުންޏެވެ.

އަސިފަށް ތުހުމަތުވާ ހިޔާނާތް ނުބަލާ ކަމަށް ބުނެ، މުވައްޒަފުން ކަރެކްޝަންސްގެ އޮފީހަށް މިދިޔަ މަހު އެޅި ކަރުދާސްތަކުގެ ތެރެއިން ކަރުދާހެއް: ކަރުދާސް އެޅުމުން މިހާރު އިތުރު ކެމެރާ އޮފީހުގައި ހަރުކޮށްފައިވާ ކަމަށް މުވައްޒަފަކު ކިޔައިދިން

މި މައްސަލަ ހިނގަމުން ދަނިކޮށް މިދިޔަ މަހު ފަހުކޮޅު ސިންގަޕޫރުގައި އޮތް ކޮންފަރެންސަކަށް ކަރެކްޝަންސްގެ ފަރާތުން ދިޔަ ވަފުދުގައި ވެސް އާސިފް ހިމެނެ އެވެ. އެހެންވެ މި މައްސަލަ ބެލުމުގެ ހެޔޮ ނިޔަތެއް ކަރެކްޝަންސްގެ އިސް ވެރިންގެ ނެތް ކަމަށް 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުންޏެވެ.

"މުވައްޒަފުން ބިރު ވެސް ގަނެފައި ތިބެނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކައިގެން ފިޔަވަޅެއް އައިސްދާނެތީ،" އެހެން މުވައްޒަފަކު ބުންޏެވެ.

ޒަރީރަށް ހުށައެޅި 35 އޮޮފިސަރުންގެ ޕެޓިޝަންގައި ތިން ކަމެއް ކަށަވަރުކޮށްދިނުމަށް އެދުނެވެ. އެއީ:

  • ކުލަބުގެ އެކައުންޓަށް ވަންނަ ފައިސާއަކީ، އޮފިސަރުންނާއި މުވައްްޒަފުންގެ އަތުން ނެގޭ ފައިސާއަށް ވުމުން، އެ ފައިސާ ކުލަބުގެ އެއްވެސް މީހެއްގެ އަމިއްލަ ބޭނުމަކަށް ބޭނުންކޮށްފައި ނުވާކަން

  • ކުލަބު އެކައުންޓް ބަލަހައްޓާ އެއްވެސް މުވައްޒަފަކު އަމިއްލަ ބޭނުމަށް ކުލަބުގެ ފައިސާ ބޭނުންކޮށްފައިވާ ނަމަ، އެކަމެއް އިންސާފުވެރިކަމާ އެކު ތަހްގީގު ކުރެވޭނެ މަގު ތަނަވަސްކުރުން

  • ތަހްގީގުން އެއްވެސް މުވައްޒަފަކު ކުލަބުގެ ފައިސާއަށް އިހުމާލުވެފައިވާ ނަމަ، އުސޫލުތަކުގެ ތެރެއިން އެ ފައިސާ ހޯދައިދީ އެ މުވައްޒަފަކާ ނުވަތަ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅޭނެކަން

އެ ޕެޓިޝަނާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ޒަރީރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އާސިފް ހިންގެވި ކަމަށް ބުނާ ޓްރާންސެކްޝަންތަކުގެ މައުލޫމާތު އޭނާއަށް ނުރަސްމީކޮށް  މީގެ ކުރިން ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ޕެޓިޝަން ފޮނުވުމުގެ ކުރިން ވެސް "އެކަންކަން އިޖުރާއަތުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެކަމުގެ އިންކުއަރީއެއް ހިންގުމަށް އޮގަސްޓު 15 ވަނަ ދުވަހު ކޮމިޓީއެއް ވަނީ އެކުލަވާފައި" ކަމަށް ވެސް އެ ސިޓީގައި އޭނާ ވިދާޅުވި އެވެ.

"އަދި އެ ކޮމިޓީގެ މަސައްކަތް އުސޫލުތަކުގެ ތެރެއިން ފެށިފައިވާ ވާހަކަ ދަންނަވަމެވެ،"  ސިޓީގައި ޒަރީރު ވިދާޅުވި އެވެ.

މި ހިޔާނާތާ ގުޅިގެން އާސިފްއާ 'ދައުރު'ން ސުވާލުކުރުމުން ޖަވާބެއް ދެއްވަން އިއުތިޒާރު ކުރެއްވި އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ބަލަމުން އަންނަ މައްސަލައަކަށް ވުމާއި އޮފިސަރަކަށް ވުމުން އަމަލުކުރަން ޖެހޭ ވަކި އުސޫލުތަކެއް އޮތުމެވެ. މީޑިއާއާ ވާހަކަ ދެއްކެވުމަކީ މަނާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލަ ބަލައި ފިޔަަވަޅު އަޅާނެ: ޒަރީރު

މައްސަލަ އޮއްބާލަން އުޅުއްވާ ކަމަށް މުވައްޒަފުން ކުރާ ތުހުމަތު ޒަރީރު ދޮގުކުރެއްވި އެވެ. މި މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ދެއްވި ކަށަވަރު ކަމަކީ މައްސަލަ ބަލަމުން އަންނަ ކަމަށާއި ކުށްވެރިވާ ނަމަ ފިޔަވަޅު އަޅަން ފަހަތަށް ނުޖެހޭނެ ކަމެވެ.

"ފުރަތަމަ ދުވަހުން ފެށިގެން އޮންނަ އިޖުރާއަތުގެ ދަށުން އަޅުގަނޑުމެންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން މައްސަލަ ދަނީ ބަލަމުން. އޭތި އެބަ ހިނގާ ބަރާބަރަށް،" ޒަރީރު ވިދާޅުވި އެވެ.

ބޮޑު ތުހުމަތެއް އޮއްވައި، މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ކަރެކްޝަންސްގެ ސިންގަޕޫރު ދަތުރުގައި އާސިފް ބައިވެރިކުރި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވ، އެއީ އެ ތުހުމަތުތައް އަމާޒުވުމުގެ "މާ ކުރިން އެމެރިކާގެ އެއިޑެއްގެ ދަށުން ހަމަޖެހިފައި އޮތް ދަތުރެއް" ކަމަށެވެ. 

ކަރެކްޝަންސްގެ ބައްދަލުވުމެއްގެ ތެރެއިން ކޮމިޝަނަރު ޒަރީރު(ކ) އަދި އޭނާގެ އަރިހުގައި އޭސީޕީ އާސިފް ބައިވެރިވެވަޑައިގަންނަވަނީ

ޒިންމާތަކުން އާސިފް އެކަހެރި ނުކުރާ ވާހަކަ ވެސް ޒަރީރު ދޮގުކުރެއްވި އެވެ.

"ޒިންމާތަކުން އޭނާ ވަނީ އެކަހެރި ކޮށްފައި. އެއީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމު ފިޔަވައި އެހެން ހުރިހާ މަސްއޫލިއްޔަތުތަކުން ވަނީ އެކަހެރިކޮށްފައި. ޕްރޮފެޝަނަލް ސްޓޭންޑާޑުން އެދުނު ހުރިހާ ފިޔަވަޅެއް މިހާރު ވާނީ އަޅާފައި،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް 'ދައުރު'އާ ވާހަކަ ދެއްކި މުވައްޒަފުން ބުނި ގޮތުގައި ބައެއް މަސްއޫލިއްޔަތުތަކުން އާސިފް އެކަހެރިއެއް ނުކުރެ އެވެ. އޭނާއަކީ އަދިވެސް އިމަޖެންސީ ސަޕޯޓު ގްރޫޕުގެ ކޮމާންޑިން އޮފިސަރު ކަމަށް، އެ މުވައްޒަފުން ބުންޏެވެ.

"އެސިސްޓެންޓް ކޮމިޝަނަރު މަގާމުގައި އޭނާ ބަހައްޓައިގެން ކިހިނެއް އިންސާފުވެރި  ތަހުގީގެއް ކުރާނީ؟ މީގެ ކުރިން ވެސް އޮފިސަރެއްގެ މައްސަލައެއް ޖެހުމުން ސަސްޕެންޑް ކުރޭ މައްސަލަ ބަލަމުންދަންޏާ. މައްސަލަ ބަލައި ނިންމުމަށް ފަހު، ސަސްޕެންޝަން އުވާލާ. މި ކަމުގައި ކީއްވެ ތަފާތުވާންވީ؟" މުވައްޒަފަކު ސުވާލުކުރި އެވެ.

މަގާމުން ސަސްޕެންޑް ނުކުރާ ސަބަބާ ގުޅޭ ގޮތުން ޒަރީރު ވިދާޅުވީ އެފަދަ ހާލަތްތައް ކަރެކްޝަންސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ ހިސާބަށް ދިޔުމުން އެކަން ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހާ ހިސާބަށް [ސަސްޕެންޑް ކުރަން ޖެހޭ ހާލަތަށް] އައިމާ އަޅަން ޖެހޭ ފިޔަަވަޅުތައް އަޅުގަނޑުމެން އަޅާނެ. އޭގައި ވަކި މީހަކު ނުހުންނާނެ. ފިޔަވަޅު އަޅަން ޖެހޭ ކޮންމެ މީހަކާ މެދު ވިޔަސް ފިޔަވަޅު އަޅާނެ. އަޅުގަނޑުމެން ހިމާޔަތްކުރަން ޖެހޭ އެއްވެސް މަސްލަހަތެއް ނޯންނާނެ. އާސިފަކީ އަޅުގަނޑު މިތަނަށް އައިއިރު ދަންނަ މީހެއް ވެސް ނޫން،" ޒަރީރު ވިދާޅުވި އެވެ.

ކޮމެންޓް (15)

profile-image-placeholder

ނިލާޒު

28 ސެޕްޓެމްބަރު 2024
މެޑެލް އަރާފަ ހުންނަ ދައުލަތުގެ ޔުނީފޯރމް ލައިގެން ތިބޭ މުވައްޒަފުންގެ ކިބައިގައި އެންމެ ކުޑަމިނުން އެޔުނީފޯރމްގެ ޤަދަރާއި ޢިއްޒަތް ހިފެހެއްޓުމުގެ އަޚްލާޤީ ސިފަ ހުންނަން ޖެހޭނެ ކަމަށް ދެކެމެވެ. އެވަރު ނުވާނަމަ ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލި ތިބެ އެޔުނީފޯރމް ލައިގެން އެފަދަ ވަޒީފާގައި ތިބުމުގެ ބޭނުމެއް ނެތެވެ.

އޮފިސަރު

27 ސެޕްޓެމްބަރު 2024
އާސިފް އެބަހުރި ޖަލުން ޕެރޯލްގެ ދަށުން ދޫކޮށްލި ގައިދީއެއްގެ އެކައުންޓަށްވެސް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފަ. މި މައްސަލަ ނުބަލާނެ. ފިޔަވަޅެއްވެސް ނާޅާނެކަން ޔަގީން.

ށަމަދު

27 ސެޕްޓެމްބަރު 2024
ތިޔަ ލިޔުން ތަކަކީ ދައުލަތުގެ ސިއްރު މައްސަލަ ބަލަމުން ދަނިކޮށް ތި ލިޔުންތައް މީޑިއާއަށްް ލާ ހެދީމަ މި އެގެނީ އަސްލު މައްސަލަ އަށް ނުފޫޒް ފޯރުވަން އުޅެނީ މިމީހުންކަން. މިމީހުން ބޭނުންވާގޮތް ނުވެގެން މިއުޅެނީ. ޅިޔުންތަށް ލީކުރި މައްސަލަ ބަލާ މިބައިމީހިންނަށް ފިޔަވަޅު އަޅަން ސީޕީ އަރިހުން އެދެން.

ޒަރީިރު

26 ސެޕްޓެމްބަރު 2024
ތިތަނުގަ އޮންނަނީ އެކަކު އަނެކަކު ބޮލަށް ފައިން އެރުން ތިއުޅެނީ މަގާމުގެ ދަހިވެތިކަނުގަ ތި މައުލޫމާތު ނޫހަށް ދީގެން ތިއުޅެނީ ކަރެކްޝަންގަ އުޅޭ އެންމެ މީހުންނާ ޒާތީ މީހުން.

ޕީނަޓް

26 ސެޕްޓެމްބަރު 2024
މިމައްސަލަ ބަލަން ކެރޭނެބާ..ބަލަން ކިޔާ މީހަކު މިހެންނެއް ނޫޅޭނެ. މިހާރު ކޮންދުވަހެއް މިކަމެއްވެގެން އުޅޭތާ.

ާހައްމަދު

26 ސެޕްޓެމްބަރު 2024
@ޕީނަޓް މި މައްސަލަ އެބަ ބަލާ މި ކަން ކުރަނީ ވެސް އުސޫލުގެ ތެތެއިން. ޢެކަމަކު އެކަން ގަބޫލު ނުކުރާ ޒާތީ ބަޔަކު މިއުޅެނީ އުސޫލުތަސް ފުޑާލާ މީހުންގެ އަބުރު ކަތިލަން

ޙާލޭ

28 ސެޕްޓެމްބަރު 2024
@ާހައްމަދު ހަބަރުގަ ހަގީގަތް ހާމަކުރުމަކީ އަބުރު ކަތިލުންތައް. އާސިފް އައް އެގޭނެ ހަބަރުގަ ޖަހަނީ ކީއްވެގެނކަން

ޤައްޒާަ

26 ސެޕްޓެމްބަރު 2024
ޤައްޒާ ފަންޑު މުވައްޒަފުންގެ 15 ދުވަހުގެ ލާރި ކާލިއިރު ކޮބާ ތި ހައްގު ހޯދަން ނޫޅެވުނީ ކީއްވެބާ. 9 ޤައިދީން އޮޅިގެން ދޫކޮއްލި މައްސަލަ ފިޔަވަޅު ނޭޅުނީމަ އުދަގޫ ނުވޭތޯ. ބޭހުން ކަޓުނެގީމަ ޔޯ . ޕްރިސްކޯ ދަރުވާލި މައްސަލަ. ؟؟ ހުސް އެއްކަހަލަ މީހުން

ހާޝިމް

26 ސެޕްޓެމްބަރު 2024
އާސިފް އާ ކްލަބު ހަވާލުވި އިރު ކުރީގެ ދައުރުގެ މީހުން ހިނަގާފަ ހުރި ޖަރީމާވެސް ތިނޫހުގަ ޖަހާލިނަމަ އާސިފް ނޫނިއްޔާ ތިތާނެތް އަސްލު މަސައްކަތް ކުރާމީހެއް ތިމީހުންގެ ހުރިހާވެސް ފޯކަސް އަކީ އެކަކު ދުއްވާލާފަ އަނެކަކު މަގާމަށް އައުން.

ނަޑޭ

26 ސެޕްޓެމްބަރު 2024
@ހާޝިމް ކުރީ ދައުރުގަ ވައްކަމެއް ކޮށްފަ އޮތިއްޔާ އަޅެ ލިޔެލަބަލަ

އިބްރާހިމް

26 ސެޕްޓެމްބަރު 2024
މީ ވަރަށް ޒާތީ ލިޔުމެއް ތި ނޫހަށް ތިޔަ މައުލޫމާތު ދެއްވި ބޭފުޅުންނަކީ ކަރެކްޝަންގެ ކޮންބައެއްކަން ކަރެކްޝަންގެ މުވައްޒަފުންނަށް އެގޭނެ. އާސިފް ކްލަބާއި ހަވާލުވެ ކިރިޔާ ކްލަބް ހިގަން ފެއްޓީ ފާއިތުވި ދޮޅު އަހަރު ދުވަހު ކްލަބުން ނުލާހިކު ގިނަ ކަންކަން ކޮއްފަ އެތައް މުބާރާތެއްގައި ބައިވެރިވެ މުވައްޒަފުންނަށް އެތައް މުބާރާތެއް ހިންގާފަ. އެކަން ހަޖަމް ނުވާބަޔަކު މިއުޅެނީ އާސިފްގެ އަގުވައްޓާލަން ހިގީގަތަކީ ތި ފައިސާއަކީ ހަމަ ކްލަބުގެ އެކި ކަންކަމަށް ޚަރަދު ކުރި ފައިސާ މީހެއްގެ އަގުވައްޓާލަން ވީމަ ހަމަ ހައްދެއް ނެތްކަން މިއިން މިއެގުނީ

ނާޝިދު

26 ސެޕްޓެމްބަރު 2024
@އިބްރާހިމް ކޮން އާ ކަމެެއް އާސިފް ކޮށްގެން ތިއުޅެނީ . ހަވާލުވިއިރު ހުރި ރުފިޔާ ކޮޅު ތަޅާލަން މެލޭޟިޔާ ދިޔަ ވާހަކަތަ ތިކިޔަނީ. ދެން ހުރި ރުފިޔާ ކޮޅު ވަގައް ނެގީ އެއީ ކުރި އާ ކަމަކީ

ޢަލީ

27 ސެޕްޓެމްބަރު 2024
@އިބްރާހިމް ޢެހެންވެގެންތޯ އަމިއްލަމީހާގެ ކުންފުނި އެކައުންޓއް ލޜި ޖަމާކޮއްފަ އެހުރީ ޖަލުގެ ގައިދީން ގެ އެކައުންޓައް ޓްރާންފާކޮއްފަ އެހުރީ

އަމީތާބު

26 ސެޕްޓެމްބަރު 2024
އޮފިސަރަކަށް ވުމުން ބޭނުން ވަރަކަށް ވައްކަން ކުރެވޭ ގޮތައްތޯ އުސޫލު އޮންނަނީ ؟ ނޫހައް މައުލޫމާތު އެކަނިތޯ ނުދެވެނީ؟

ޢަންވަރު

26 ސެޕްޓެމްބަރު 2024
@އަމީތާބު ތި އަދި ކޯއްޗެއް 200ކޭ .ކޮބާ ޤައްޒާ ފަންޑައް ޖަމާކުރި ސްޓާފުންގެ 15 ދުވަހުގެ ސެލެރީ އެލާރި ގަނޑު ވެސް ކެއީމަ އަޅާނުލި ވެރިންތަކެެއް. މާ ސްޓާފުންގެ ހައްގުވެގެން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް