ރާއްޖެ އައި ބިދޭސީއަކަށް އިމިގްރޭޝަނުން ހިދުމަތް ދެނީ: ރާއްޖޭގައި ވަކި ވަރަކަށް އިންވެސްޓްކޮށްގެން ވިސާ ލިބުމުގެ ފުރުސަތު އޮވޭ (ފައިލް ފޮޓޯ/ އިމިގްރޭޝަން)
ރެސިޑެންސީ ވިސާ: އޭރު އެއީ ގައުމު ވިއްކާލުން؛ މިއަދު އެއީ އިގްތިސާދު ފުޅާކުރުމުގެ އާ ފުރުސަތެއް
ރެސިޑެންސް ވިސާއަކީ ރާއްޖެއަށް އާ ކަމެއް ނޫނެވެ. އެންމެ ކުރިން މި ވިސާ ދީ އުޅުނީ ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށެވެ. ހަރުކަށި އުސޫލެއްގެ ތެރެއިން އެ ވިސާގެ ތެރޭގައި ކޯޕަރޭޓް ރެސިޑެންސް ވިސާ ހިމެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެ ވިސާއަށް ގާނޫނީ ބާރާ އެކު ލުއިތަކެއް ދިނުމުން އޭރު އިދިކޮޅުގައި އޮތް މި ސަރުކާރުގެ އިސް ބޭފުޅުންނަށް އެކަން ވީ ބޮޑު ނުރައްކަލަކަށެވެ.
އޭރު މި ސަރުކާރުގެ އިސް ބޭފުޅުންނަށް، އެ ލުއިތަކާ އެކު ރާއްޖެ އާއި ދިވެހިންނަށް ނުގެއްލޭ އެއްޗެއް ނެތެވެ. ގައުމިއްޔަތާއި ސަގާފަތް މަސްހުނިގަނޑެއްހެން މޮޑެވި، ގެއްލިގެންދާނެ އެވެ. 'ޕަބްލޯ އެސްކޯބާ' ވަރުގެ ނުރައްކާތެރި ޑުރަގްލޯޑުންނަށް ރާއްޖޭގައި ފިލައިގެން ދިރިއުޅުމުގެ ފުރުސަތު ފަހިވާނެ އެވެ. ދުނިޔޭގެ ބޮޑެތި މަހުޖަނުން އައިސް ދިވެހި ވިޔަފާރިވެރިން ބޭރުކުރާނެ އެވެ. ދިވެހިންނަށް ލިބެން ހުރި ބިންތަކުގައި ދިރިއުޅޭނީ އެ މީހުންނެވެ.
ރެސިޑެންސީ ވިސާއަށް އެމްޑީޕީ ސަރުކާރުން ގެނައި ލުއިތައް އޭރު އިދިކޮޅުގައި ތިބިއިރު ސިފަކުރީ މުޅި ގައުމު ވިއްކާލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.
ނަމަވެސް އެއީ މާޒީ އެވެ. ޑުރަގްލޯޑުން އަތުވެދާނެ ކަމަށް ބުނި ބުނުމަށް މިހާރު ކިޔަންވާނީ އިންވެސްޓްމަންޓް ފުރުސަތު ކަމަށެވެ. ސަގާފަތާއި ދިވެހިވަންތަކަމާއި ގައުމިއްޔަތު ގެއްލިގެންދިއުން ބަދަލުވަނީ، އިގްތިސާދު ޑައިވާސިފައިކުރުމަށެވެ.
ކޯޕަރޭޓް ރެސިޑެންސީ ޕްރޮގްރާމުން އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމަކަށް
އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ވެސް ރާއްޖޭގެ އިގްތިސާދު ހަމައަކަށް އަޅުވަން ބައެއް ނިންމުންތަކެއް ނިންމި އެވެ. އެ ނިންމުންތަކާ އެކު ނޫސްވެރިންގެ ކުރިމައްޗަށް ވަޑައިގެން ހަތަރު މިނިސްޓަރަކު އިތުރު ތަފްސީލު ދެއްވިއިރު އޭގެ ތެރެއިން އެއް ކަމަކީ ކޯޕަރޭޓް ރެސިޑެންސް ވިސާ ދޭ ގޮތް ބަދަލުކޮށްލުމެވެ.
"އިގްތިސާދު ޑައިވާސިފައި ކުރުމަށްޓަކައި އިންވެސްޓާ ރެސިޑެންސް ޕްރޮގްރާމެއް ތައާރަފްކުރަން މިއަދު ކެބިނެޓުން ނިންމިގެންދިޔަ. މިއީ ރައީސްގެ މެނިފެސްޓޯގެ އެންމެ ބޮޑު އެއް އަމާޒު. އެއީ ރާއްޖެ އެއް ކަމަކަށް ބަރޯސާވެގެން ނޯވެ، ޑައިވާސިފައިކޮށް، ފޮރިން ކަރެންސީ ނުވަތަ ޔޫއެސް ޑޮލަރުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ގޮތްތައް ފަހިކުރުމާ ގުޅޭ ގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް،" އެކަމުގެ ކުރު ތައާރަފެއް ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
މިހާރު ކޯޕަރޭޓް ރެސިޑެންސް ވިސާ ދޭ ގޮތް
މިހާރު މި ވިސާ ދެމުން އަންނަނީ އެންމެ ފަހުން އޮތް އެމްޑީޕީ ސަރުކާރުގައި ފާސްކުރި ގޮތަށެވެ. އެއީ:
-
މަދުވެގެން 250،000 ޑޮލަރު އިންވެސްޓުކުރާ ބޭރު މީހުންނަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް
-
އޭގެ އިތުރަށް ރާއްޖޭގެ ބޭންކެއްގައި ފިކްސްޑް ޑިޕޮސިޓު އެކައުންޓެއްގައި ފަސް އަހަރުގެ މުއްދަތަކަށް މަދުވެގެން 250،000 ޑޮލަރު ބަހައްޓަން ޖެހޭނެ
-
އިންވެސްޓު ކުރެވޭނީ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކަށް އެކަނި
-
ފުރަތަމަ ވިސާ ދޭނީ އެއް އަހަރަށް؛ އެ ހާލަތްތައް ދެމިއޮންނަ ނަމަ، ކޮންމެ ފަސް އަހަރަކުން އެ ވިސާ އާކުރަން ޖެހޭނެ
އޭގެ ކުރިން އޮތް ގޮތް
އެމްޑީޕީ ސަރުކާރުން އިސްލާހު ގެނައުމުގެ ކުރިން ވެސް ކޯޕަރޭޓް ރެސިޑެންސް ވިސާ ރާއްޖޭގައި ބިދޭސީންނަށް ލިބެ އެވެ. އެއީ، ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވާ ގޮތުގައި، ހިދުމަތެއްގެ ގޮތުގައި ކުރަމުން އައި ކަމެކެވެ.
ރައީސް މުއިއްޒު އައު މަސައްކަތެއްގެ ގޮތުގައި "އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރަން" ވިދާޅުވިއަސް؛ މި މަސައްކަތަކީ އެމްޑީޕީ ސަރުކާރުން 2020 ގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް " ކޯޕަރޭޓް ރެސިޑެންސީ ވިސާ" ގެ ނަމުގައި މުޅިން ނިންމާފަ އޮތް މަސައްކަތެއް.
— Fayyaz Ismail (@faya_i) September 1, 2024
އިތުރަށް…
އޭރު އެ ވިސާ ދިނީ ރާއްޖޭގައި 50 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓުކުރާ ނުވަތަ ރިއަލް އެސްޓޭޓު ދާއިރާގައި އެއް މިލިއަން ޑޮލަރު އިންވެސްޓުކޮށްފައިވާ ނުވަތަ ރާއްޖޭގެ ބޭންކެއްގައި އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ބަހައްޓާ ބޭރު މީހުންނަށެވެ.
އެ ވިސާއާ އެކު ޑިއުޓީ މައާފުވާ ގޮތަށް ބައެއް މުދާ ގެނައުމާއި ދާއިމީ ވިސާއެއްގައި ރާއްޖޭގައި ތިބުމުގެ ފުރުސަތު އަދި ސަރުކާރު އިދާރާތަކުން ފަސޭހަކަމާ އެކު ހިދުމަތް ހޯދުން ފަދަ ބޮޑެތި އިނާޔާތްތައް ވެސް ދިނެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ނިއުޅުވެމުންދިޔައީ ގަނޑުގަނޑަށެވެ. ސައީދުގެ ތައާރަފަށް ބައެއް އިތުރުކޮށްދެއްވައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ކުރިއަށްގެންދާނީ 2013އިން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ކޯޕަރޭޓް ރެސިޑެންސީ ޕްރޮގްރާމަށް ވުރެ މާ ފުޅާކޮށް ކަމަށެވެ.
މިކަން ކުރުމުގައި ނަމޫނާއަކަށް ބަލާނީ، އިހުސާން ވިދާޅުވި ގޮތުގައި، މިކަން ވަރަށް ފުޅާ ސްކޭލެއްގައި ހިންގާފައި ހުރި ދުބާއީ އާއި މެލޭޝިއާ ފަދަ ގައުމުތަކަށެވެ.
"އިނީޝިއަލް ސްކޭލްގައި އަޅުގަނޑުމެން މި ލަފާކުރަނީ ގާތްގަނޑަކަށް 1،500 – 2،000 ޕްރައިމަރީ އެޕްލިކެންޓުންނާއި އެމީހުންގެ ސެކަންޑްރީ އެޕްލިކެންޓުން 4،000އަށް އަރާވަރަށް އިނީޝިއަލް ވިންޑޯ، ފަސް އަހަރު ތެރޭގައި ހުޅުވާލަން،" އިހުސާން ވިދާޅުވި އެވެ.
"އެ ފަސް އަހަރު ތެރޭގައި މި ބަލަނީ ޑައިރެކްޓް އިންވެސްޓްމަންޓުގެ ގޮތުގައި 1.1 ބިލިއަން އަދި އިންޑައިރެކްޓް އިންވެސްޓްމަންޓާ އެއްކޮށްލައިގެން ހައެއްކަ ބިލިއަން ޑޮލަރާ ހަމައަށް އިންވެސްޓްމަންޓް ގެނެވޭނެ ކަމަށް."
ކުރީގެ ފާާޑުކިޔުންތައް: އެއީ ދެން 'އާންމު ބަހުސެއް'
ސައީދާއި އިހުސާންގެ ވާހަކައިން ވެސް ކުރިން ފާޑުކީ ކަމެއް އެހެން ނަމެއްގައި ކުރާ ސަބަބާއި ތަފާތުވާ ގޮތް ސާފުނުވާތީ، ބައެއް ނޫސްވެރިން ސުވާލުކުރި އެވެ.
މިއީ އަލަށް ކުރާ ކަމެއް ނޫން ކަމާއި މިކަން އެންމެ ފުރަތަމަ ކުރީ 2014ގައި ކަން ސައީދު ދެއްވި ޖަވާބުގައި އެއްބަސްވެވަޑައިގަތެވެ. އެ ސަރުކާރުގައި ވެސް ސައީދު ހުންނެވީ އިކޮނޮމިކް މިނިސްޓަރަކަށެވެ. ނަމަވެސް އެންމެ ފުރަތަމަ އެކަން ކުރި ގޮތުން، ސައީދު ވިދާޅުވީ ހީކުރި ގޮތާ ހިލާފަށް އިންވެސްޓަރުންނަށް މާ ބޮޑެތި ފަހިތަކެއް ތަނަވަސްނުވި ކަމަށެވެ.
ވިސާގެ ކަންކަން އެހެން އޮއްވައި ނިމިދިޔަ ސަރުކާރުން އިސްލާހު ގެނެސް، ވިސާއަށް އެދޭއިރު އިންވެސްޓުކުރަން ކަނޑައަޅާފައި އޮތް އަދަދު އެއް މިލިއަނުން 250،000 ޑޮލަރަށް ކުޑަކުރިއިރު، ސައީދު ވިދާޅުވީ އޭގައި އިންވެސްޓާ ރެޖީމް އެއްވެސް މިންވަރަކަށް ތަފްސީލު ނުކޮށްދޭ ކަމަށެވެ.
އޭރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ސައީދު ހުންނެވިއިރު، އޭނާ ވިދާޅުވީ އޭރު ބަހުސްކުރަމުންދިޔައީ ވެސް ދައްޕަރުގެ ކޮންމެވެސް މަސައްކަތެއް ކުރާ ވާހަކައިގައި އޭގެ ތަފްސީލު ނުދޭތީ ކަމަށެވެ. އެއީ 'ދެން ހަމަ ބަހުސެކެވެ'.
"ދެން މަޖިލީހުގައި އާންމު ބަހުސް ދާ އުސޫލުން ބަހުސް ދާނެ އިނގޭތޯ،" ސައީދު ވިދާޅުވި އެވެ.
އޭރު ކޮމެޓީ ބައްދަލުވުންތަކުގައި ރެސިޑެންސީ ވިސާގެ އިސްލާހަށް ފާޑުވިދާޅުވި ނަމަވެސް، ސައީދު ވިދާޅުވީ އޭރު ސުވާލު އުފެއްދެވީ ކަންކަން އޮޅުންފިލުވުމުގެ މަގުސަދުގައި ކަމަށެވެ.
މިފަހަރު ތަފާތުވާނީ ކޮން ކަމެއް؟
"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ދުނިޔޭގެ ނަންބަރު ވަން، ސައުދީ، ޔޫއޭއީ، ސުވިޒަލެންޑް، ސްޕެއިން ފަދަ ތަންތަނުގައި ވެސް އިންވެސްޓާ ރެސިޑެންސް ޕްރޮގްރާމް ހިންގާ ފަރާތްތައް. މާނައަކީ ހައި-އެންޑް އަޕްސްކޭލް ޕްރޮޕަޓީތައް މާކެޓުކޮށްދޭ ވަރުގަދަ ބަޔަކާ އެއްކޮށް މިކަން މި ކުރަނީ،" ކުރިން ކުރި ގޮތާ ތަފާތުވާ ގޮތް، ސައީދު އޮޅުންފިލުވައިދެއްވި އެވެ.
"މާނައަކީ ދިވެހި ސަރުކާރުން އެއްޗެއް ހޭދަކުރާކަށް ނުޖެހެޔޭ. އަނެއްކޮޅުން، އެ ބޭފުޅުން، އޮސްޓްރޭލިއާ ފަދަ ތަންތަނުގައި ވެސް އެންމެ ވަރުގަދައަށް މިކަން ކުރި މީސްމީހުން [އެއީ]."
"ކޮން ކަމެއްތޯ މި ވަނީ؟ މި ވާގޮތަކީ ސަރުކާރުން ކަނޑައަޅާ [ތަނެއްގައި]، މިސާލަކަށް ސަރުކާރުން ކަނޑައަޅަނީ ގާފަރުފަޅު ނޫނީ ފުށިދިއްގަރުގެ ކޮންމެވެސް ހިސާބެއް ނޫނީ އައްޑޫ، އެ ބުނާ ހިސާބެއްގައި ތަރައްގީކުރާ ރެސިޑެންސް އެއީ އެ ބޭނުމަށްޓަކައި ސަރުކާރުން ކަނޑައަޅާ ސަރަހައްދެއްގައި ކުރާ އިމާރާތެއް ނޫނީ ހައި-އެންޑް ބީޗް، ޓައިމްޝެއާ ނޫނީ ވެކޭޝަން އޯނަޝީޕް މޮޑެލްއަށް ހޯދިދާނޭ އެ ޕްރޮގްރާމްގެ ތެރެއިން."
'މިއީ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އާ ފިޔަވައްސެއް'
ސައީދު ވިދާޅުވާ ގޮތުގައި ރާއްޖޭގައި އަދިވެސް މި އޮންނަނީ ކޮންވެންޝަނަލް ޓޫރިޒަމެވެ. 'ސަން، ސޭންޑް އެންޑް ސީ'އިން 1972އިން ފެށިގެން ބަދަލުވަމުން އައިސް ސިއްހަތާ ވެލްނަސް ތައާރަފްވެ، މިޝެލިން ސްޓާ ލިބިފައި ހުންނަ ރެސްޓޯރެންޓުތައް ވެސް މިހާރު ރާއްޖޭގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.
"މި އަންނަނީ ޓޫރިޒަމްގެ ދެ ވަނަ، ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ވެސް މުޅިން އެހެން ފިޔަވައްސެއް. އެކަމަކު ކޮންވެންޝަނަލް ޓޫރިޒަމެއް ނޫން. މިއީ މިނިސްޓަރު [އިހުސާން] އެ ވިދާޅުވިހެން ދުބާއީ ތަންތަން ވެސް ކުރިއަރާ ގޮސްފައި ހުރި ގޮތަކީ،" ސައީދު ވިދާޅުވި އެވެ.
"އެހެންވީމަ ތި ވިދާޅުވި އާގިއުމަންޓާ މިއާ ވަރަށް ތަފާތު."
މި ސަރުކާރުން ސްޓްރާޓާ ޓައިޓަލްއަށް ގެނައި ބަދަލާ އެކު ރާއްޖޭގެ ބައެއް ރިސޯޓުތަކުން މިހާރު ވެސް އޯނަޝިޕް ދެމުން އަންނަކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ރެސިޑެންސީ ޕްރޮގްރާމުން މި ދެނީ އިތުރު ޔަގީންކަމެއް ކަމަށެވެ.
އެހެން ނޫސްވެރިޔަކު ކުރި ސުވާލަކީ މިހާރު ރެސިޑެންސީ ވިސާ ދިނުމުގައި އޮތް ފްލޯ ލިމިޓް ކަމަށްވާ 250،000 ޑޮލަރު އުވާލާނަންތޯ ނުވަތަ ދަމަހައްޓާނަންތޯ އެވެ. ސައީދު ވިދާޅުވީ އެ ސުވާލަށް ޖަވާބުދިނުން އަދި މާ އަވަސް ކަމަށެވެ.
ވިސާ ޕްރޮގްރާމް ފަރުމާކުރާނީ ރާއްޖޭގެ ހާލަތަށް
ރެސިޑެންސީ ޕްރޮގްރާމްގެ ތަފްސީލު އެންމެ ފަހުން ދެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ދުނިޔޭގެ އެހެން ގައުމުތަކުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަ ހޯދުމުގައި ބޭނުންކުރާ އެންމެ މުހިންމު ވަސީލަތެވެ.
މިކަން ކުރާނީ ދުނިޔޭގައި ވެސް މިކަން އެންމެ މޮޅަށް ކުރާ ކުންފުނިން ކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ ދެ ގައުމެއްގެ ރެސިޑެންސީ ޕްރޮގްރާމް އެއްގޮތް ނުވާނެ ކަމަށެވެ.
"އެ ގައުމެއްގެ ސެންސިޓިވިޓީޒްއަށް ބަލާފައި މި ޕްރޮގްރާމެއް ތައްޔާރުވެގެން މި އަންނަނީ. މިހާރު އޮތް ގާނޫނާއި އޭގެ ކުރިން 2016އިން އަންނަ ޕްރޮގްރާމްގައި، މީގެ އެއްވެސް އެއްޗެއްގައި ނުކުރެވި އޮތް ކަމަކީ، އެއްވެސް އެއްޗެއް ޕްރޮމޯޓް ކުރިތޯ ރާއްޖޭގައި؟ އެކަމަކު ރެސިޑެންސީ ކަންކަން ދުނިޔޭގެ އެހެން ތަންތަނުގައި ކޮށްފައި މި ހުންނަނީ އެކަމަށް ހާއްސަ ކުންފުނިތައް މެދުވެރިވެގެން ވަރަށް ބޮޑަށް ޕްރޮމޯޓުކޮށްގެން،" ޒަމީރު ވިދާޅުވި އެވެ.
"ކޮންމެ ގައުމެއްގައި ވެސް ވަކި ގޮތަކަށް މި ހުންނަނީ. އެ ގައުމަކަށް ބޭނުންވާ ގޮތަކަށް، އެ ގައުމެއްގައި ހުރި ސެންސިޓިވިޓީޒް އާއި އެ ގައުމަކަށް ދިމާވެދާނެ ބައެއް ކަންކަމަށް ވިސްނާފައި ޕްރޮގްރާމް ރާވާނީ. މިސާލަކަށް އެ ގައުމެއްގައި ދިރިއުޅޭ މީހުން ދެކޭ ގޮތް."
"އެއް ގޮތަކަށް ވެސް ފްލޯ ލިމިޓެއް އަދި ނުދެންނެވޭނެ. ފްލޯ ލިމިޓަކީ ދުނިޔޭގެ އެހެން ތަންތަނަށް ބަލައިލިޔަސް އަބަދު ބަދަލުވާ އެއްޗެއް."
އެ ބައްދަލުވުން ނިންމުމުގެ ކުރިން ތަފްސީލުގެ ތެރެއަށް އިހުސާން އިތުރުކޮށްދެއްވި ނުކުތާއަކީ، ކޯޕަރޭޓް ރެސިޑެންސީ ނުވަތަ އިންވެސްޓާ ރެސިޑެންސީ ވިޔަސް ދޭނެ މީހުންނަކީ ކޮބައި ކަމެވެ.
"މީގެ އިންޓްރެސްޓަކީ އެ ގެންނަ ފަންޑު ކަމަށްވިޔަސް، ޑިޒިޝަން މޭކިންގައި ޕްރައިމަރީ ޑިޒިޝަން ނަގާނީ އެ މީހާއަކީ ރާއްޖެއަށް ހުއްދަ ދެވޭނެ މީހެއްތޯ ނޫންތޯ ބަލާފައި،" އިހުސާން ވިދާޅުވި އެވެ.
ކޮންމެ ބަޔަކު ކުރި ކަމުގައި ވިޔަސް، އެންމެންގެ ވެސް ވާހަކައަކީ ކޯޕަރޭޓު ނުވަތަ އިންވެސްޓާ ރެސިޑެންސް ވިސާގެ މަގްސަދަކީ އިންވެސްޓަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތައް ހޯދައިދީ، އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުކޮށް، ބޭރުގެ އިންވެސްޓްމަންޓް ގެނައުމެވެ. ނަމަވެސް ރާއްޖޭގައި ވަމުން ދާ ގޮތަކީ ވަކި ބަޔަކު ކުރުމުން ގައުމިއްޔަތާއި މިނިވަންކަން ގެއްލެއޭ ބުނާބުނުމެވެ.
މިއަދު ސަރުކާރަށް އޮތް އިގުތިސާދީ ގޮންޖެހުންތައް ވަރަށް ބޮޑެވެ. އެހެންކަމުން، އިދިކޮޅުގައި ތިބިއިރު އެ ވިދާޅުވި ގައުމިއްޔަތަށް ވުރެ މި ދަނޑިވަޅުގައި މުހިންމުވީ އިހަކަށް ދުވަހު ދަށްވި ކުރެޑިޓް ރޭޓިން ފަދަ ކަންކަން ރަނގަޅުކުރުމެވެ.
ކޮމެންޓް (5)
ހަސީނާ ޔޫނިއަން
ރިނާމް
ކިލަމަންޑާ
ޙަސަނާ
ހިމާރުލްގައުމު