ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމް 'ދައުރު'ގެ މޫސާ ލަތީފް ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެމްޑީޕީ ރޫޅުން ވެސް، ވެރިކަން ގެއްލުން ވެސް އާޒިމްއަށް ހިތާމައަކަށް ނުވޭ
މުހިންމު ނުކުތާތައް
ދަ ޑިމޮކްރެޓްސްގެ ކާމިޔާބީއަކީ ސޯލިހަށް ދެވަނަ ދައުރެއް ނުދިނުން
އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދުގެ މިސްރާބު ހުރީ މުޅިން ނުބައި ދިމާލަކަށް
އާޒިމް ގަބޫލުކުރައްވަނީ ވެރިކަން ކުރެއްވުމުގެ ފުރުސަތެއް ނަޝީދަށް އަދިވެސް ދޭން ޖެހޭ ކަމަށް
ރައްޔިތުންގެ މަޖިލިހުގައި ޖެހިޖެހިގެން ތިން ދައުރު މާލޭގެ ގޮނޑިއެއް ފުރުއްވި ތިން ބޭފުޅުން ކަމަށްވާ، އަލީ އާޒިމް، އީވާ އަބްދުﷲ އަދި އިމްތިޔާޒް ފަހުމީ (އިންތި)އަށް މިދިއަ އިންތިހާބު ގެއްލުމުގެ މައިގަނޑު އެއް ސަބަބަކީ އެމްޑީޕީގެ އެތެރޭގެ ރޫޅުންގަނޑެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ޓިކެޓް ހޯއްދަވަން އުޅުއްވި ހިސާބުން ފެށިގެން އުފެދުނު ހިޔާލު ތަފާތުވުމުގައި މި ތިން ބޭފުޅުން ޖެހިވަޑައިގަތީ ނަޝީދުގެ ފަޅިއަށެވެ. އުފެއްދެވީ ދަ ޑިމޮކްރެޓްސް އެވެ. ނުކުންނެވީ އެމްޑީޕީއާ ދެކޮޅަށެވެ. އެންމެ ފަހުގެ ނަތީޖާއަކީ، އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން ފެށި ފަހުން ފުރަތަމަ ފަހަރަށް އިންތިހާބަކުން ބަލިވެ، ސިޔާސީ ރަސްމީ ނުފޫޒުން ބޭރުވުމެވެ.
އެކަމަކު ގޮނޑި ގެއްލުމަކީ އާޒިމްއަށް މާ ބޮޑު މައްސަލައެއް ނޫނެވެ. އޭނާގެ ހިތުގައި އަދިވެސް އޮތީ ސޯލިހާ ދެކޮޅަށް އެ ހިންގި ހުރިހާ ކަމަކީ ވެސް ރަނގަޅު މަގުސަދެއްގައި، ރާއްޖޭގެ މިސްރާބު ރަނގަޅު ދިމާލަކަށް ގެންދެވޭތޯ ކުރެއްވި ހިތްވަރެވެ.
އާޒިމްގެ ބަހުން ނަމަ، މިހާތަނަށް ރާއްޖޭގެ ވެރިކަން ހުދުމުހުތާރުކަމާ ދިމާލަށް ދާން ފެށި ކޮންމެ ފަހަރަކު އޭނާ ހުންނެވީ އެކަމާ ދެކޮޅަށް ނުކުންނަވަ އެވެ. މިސާލު ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުންނެވެ. އާޒިމް މިހާރު ވެސް ގަބޫލުކުރައްވަނީ ނަޝީދުގެ ވެރިކަން 2012ގައި ވެއްޓުނީ ވަހީދު ގެންނެވި 'ބަގާވާތުން' ކަމެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ކާމިޔާބީއަކީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ބައްޓަންކުރާ ކޮންމެ ފަހަރަކު އަޅުގަނޑު ހުންނާނީ ނުކުމެ،" އާޒިމް ވިދާޅުވި އެވެ.
"ޑރ. ވަހީދުގެ ބަގާވާތަކުން އައި ވެރިކަމުގެ ތެރެއިން، [އޭގެ ފަހުން] ޔާމީންގެ ވެރިކަން. ރައްޔިތުންގެ މެދުގައި ފުދޭވަރެއްގެ ހުދުމުހުތާރު ވެރިކަމެއް ކުރައްވަމުން ވަޑައިގެންނެވި ބޭފުޅެއް ޔާމީނަކީ.
"އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެދިމާލަށް ޖަހާތަން [ފެނުނީ]. ހުރިހާ މީޑިއާއެއް ކޮންޓްރޯލްކުރާ ތަން. ކުންފުނިތައް ކޮންޓްރޯލްކުރަނީ."
އެއީ ގާތް މީހުންނަށް ވަޒީފާ ދިނުމާއި ފަސޭހަކޮށް ވެރިކަން ކުރުމުގެ ސަގާފަތެއް އުފެއްދުން ކަމަށް އާޒިމް ދެކެވަޑައިގަނެ އެވެ. އެހެންކަމުން ދެވަނަ ދައުރެއް ސޯލިހަށް ދިނުމަކީ އޭނާގެ ވިސްނުމެއް ނޫންކަމާއި ނަޝީދު ފަޅިޔަަށް ދިޔައީ އެހެންވެ ކަމަށް، ވިދާޅުވި އެވެ.
އާޒިމް އެހެން ވިދާޅުވި ނަމަވެސް ސޯލިހުގެ ވެރިކަމުގައި މީޑިއާ ކުރިއަށް ދިޔައީ ވަރަށް މިނިވަންކޮށެވެ. ސަރުކާރުގެ ސްޕޮންސަ ގިނަ މީޑިއާތަކަކަށް ލިބުނެވެ. ކޮވިޑް-19ގެ އިގުތިސާދީ ވެއްޓުމުގައި މީޑިއާތަކަށް ކުރިމަތިވާނެ އުނދަގޫތަކުން ސަލާމަތްކުރަން، އެ މީޑިއާއެއްގެ މާލީ ބާރުހުރި މިންވަރަކުން ސަރުކާރުން ލޯނު ވެސް ދިނެވެ.
މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމަކީ، އެ ހިންގަން ތިބޭ ބައެއްގެ ޒިންމާއެކެވެ. އެ މިނިވަންކަން ބޭނުންކުރި މީޑިއާތަކާ ދެކޮޅަށް ސޯލިހު ސަރުކާރުގައި ފިޔަވަޅު އަޅާފައެއް ވެސް ނުވެ އެވެ.
ހުދުމުުހުތާރު ވެރިކަމެއްގެ އެއް ސިފައަކީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ގެންގޮސް ޖަލަށް ލައި، އެކި ތުހުމަތުތަކުގައި ޝަރުއީ ހުކުމް އައުމެވެ. ސޯލިހުގެ ވެރިކަމުގައި އިދިކޮޅު ޕީޕީއެމުން ސިޔާސީ ބޮޑެތި އެތައް މުޒާހަރާއެއް ބޭއްވި އިރު އެންމެ މީހެއްގެ މައްސަލަ ވެސް ޝަރީއަތަށް ފޮނުވާފައެއް ނުވެ އެވެ. ފުލުހުންގެ ބަންދަށް ގެންދިޔަސް ދޫކޮށްލަ އެވެ.
އެހެންކަމުން ސޯލިހުގެ ވެރިކަން ހުދުމުހުތާރުވުމަކީ ކޮބައިތޯ ދެންނެވުމުން އާޒިމް ވިދާޅުވީ "ހަމަ ޔަގީން މޫސައަށް ވުރެ ކައިރިން އަޅުގަނޑަށް ކަންކަން [ފެނިފައި] ހުންނާނެ" ކަމަށެވެ.
"ދެ ބޭފުޅުން ކައިރީގައި ވެސް، ނޫނީ ސިޔާސީ ފަރަތްތަކާ އެކު އަޅުގަނޑަށް މަސައްކަތްކުރެވިފައި ހުރީ،" އާޒިމް ވިދާޅުވި އެވެ.
ސޯލިހާ ދެކޮޅަށް އެމްޑީޕީގެ ތެރޭގައި އަދި ފަހުން ދަ ޑިމޮކްރެޓްސްގައި މަސައްކަތްކުރެއްވުމުގެ އެއް ސަބަބެއްގެ ގޮތުގައި ތަކުރާރުކޮށް ވެސް އާޒިމް ވިދާޅުވީ އެމްޑީޕީގެ އަސްލު ފިކުރާ ދުރަށް ސޯލިހުގެ ވެރިކަން ދާން ފެށުމެވެ. އަދި އިތުރުފުޅު ހެއްދެވުމަކީ ވެސް، އާޒިމަށް ގަބޫލުކުރެއްވޭނެ ސިފައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ސޯލިހު "ދައްކަވާ ވާހަކަތައް މާ ބޮޑަށް ދިމާނުވެ ދާން ފެށީމާ އެހުރީ އެހެން ވިސްނުމެއް. އެދަނީ ނުބައި މަގުން...އެއީ އަޅުގަނޑު މި ބުނާ ހުދުމުހުތާރު ވެރިކަމާ ދިމާލަށް މިސްރަބު ޖެހިއްޔޭ."
އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުމުގައި ނަޝީދުގެ ފެކްޝަން ނުކުމެ ދަ ޑިމޮކްރެޓްސް ހެދި ނަމަވެސް އިންތިހާބުތަކުގައި އެ ޕާޓީއަށް ކާމިޔާބީއެއް ނުލިބެ އެވެ. އެކަމަކު ސޯލިހަށް ރިޔާސީ އިންތިހާބު ގެއްލުނީ، ޔަގީނުން ވެސް، އެ ބައިބައިވުމާ ހެދި އެވެ. އެހެންކަމުން އެއީ ރަނގަޅެއް ކަމަށް އާޒިމް ގަބޫލުކުރައްވަ އެވެ.
"ދެވަނަ ޓާމެއްގައި ވެރިކަން ކުރަން ލިބިއްޖެއްޔާ ވަރަށް ހުދުމުހުތާރުވާނޭ، އެ ބިރު އަޅުގަނޑު ގަތީ،" އާޒިމް ވިދާޅުވި އެވެ.
"ކާމިޔާބީއަކީ [ސޯލިހަށް] ދެވަނަ ދައުރެއް ލިބުނު ނަމަ ކަންކަން ވާނެ ގޮތް އަޅުގަނޑަށް އިހުސާސްކުރެވުން. ތަންކޮޅެއް ދުރުގައި ތިބި މީހުންނަށް އެ އިހުސާސްނުކުރެވިދާނެ."
އޭނާ ވިދާޅުވި ގޮތުގައި ސޯލިހުގެ ވެރިކަމުގައި އިގުތިސާދީ ގޮތުން ރާއްޖެ އޮތީ "ވަރަށް ނުބައި ދިމާލަކަށް" ގޮސްފަ އެވެ. އެ ވެރިކަން ނިމުނު އިރު އެމްއެމްއޭގައި ހުރި ބޭނުންކުރެވޭ ރިޒާވް 100 މިލިއަން ޑޮލަރަށް ވެއްޓުނުކަން، އޭގެ އެއް ސަބަބަކަށް ދެއްކެވި އެވެ.
"އަޅުގަނޑުމެން ކީން ކިތައްމެ ކަމެއް ނުކުރަން. ނޫނީ ކުރިމަގަށް ލިބިދާނެ ގެއްލުމުގެ ވާހަކަ ދެއްކިން. އޭގެ އެއްވެސް ވާހަކައެއް އަޑެއްނޭއްސެވި،" އާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ ވެރިކަމުގައި ތިބި ނަމަ މިއަދު މި ތިބި ހާލަތަށް ވުރެ ނުބައި ހާލަތަކަށް ހިނގައިދާނެ އިގުތިސާދު."
އަދިވެސް ނަޝީދަށް ފުރުސަތެއް ދޭން ޖެހޭ
ސޯލިހާ މެދު އާޒިމްގެ ހިތްޕުޅުގައި އުއްމީދެއް ނެތް ނަމަވެސް ނަޝީދަކީ އޭނާގެ ލީޑަރެވެ. ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގައި ޑީއާރުޕީގައި ހުންނަވައިގެން ފުރަތަމަ މސައްކަތްކުރެއްވީ ނަޝީދާ އިދިކޮޅަށެވެ. އެކަމަކު އާޒިމް ވިދާޅުވި ގޮތުގައި އޭރުވެސް ރައްޔިތުންނަށް ނަޝީދު ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަން އެނގިވަޑައިގަނެ އެވެ.
ދަރިވަރުންނަށް ފޮތް ފަންސުރު ހިލޭ ދޭން ފެށުނީ ނަޝީދުގެ ސަބަބުންނެވެ. ހިލޭ ބޭސްކުރެވޭނެ ގޮތް ވީ ނަޝީދުގެ ސަބަބުންނެވެ. ޓެކްސް ނަގަން ފެށީ ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ސަބަބުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވި އެވެ.
އާޒިމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަމިއްލަ އެދުން އެންމެ ކުޑައީ ނަޝީދު ކަމަށެވެ.
"ރައީސް ނަޝީދު ވެސް އަމިއްލަ އެދުން ހުންނާނެ. އަމިއްލަ އެދުމެއް ނެތް މީހަކު އިންސާނުންގެ ތެރޭގައި ނުލައްވާނެ. އެހެންނަމަވެސް އަމިއްލަ އެދުން އެންމެ ކުޑަކޮށް އަޅުގަނޑަށް ފެނުނީ [ނަޝީދު]. ވެރިކަމަށް އަންނަ މީހުންގެ ކަންތަކަށް ބަލާއިރު އަނެއް މީހާއަށް ކަމެއް ކޮށްދިނުމުގެ ހިސާބަށް ބަލާއިރު އަޅުގަނޑަކަށް ނުފެނޭ ރައީސް ނަޝީދު ނޫން ބޭފުޅެއް،" އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ނަޝީދަކީ މި ވަގުތު ރާއްޖެ މި އޮތް ހާލަތަށް ބަލާއިރު ވެރިކަން ކުރައްވަން ވެސް ޖެހިވަޑައިގަންނަވާ ބޭފުޅެއް. އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދަށް ފަސް އަހަރުގެ ދައުރެއް ލިބުނު ނަމަ މި ގައުމުގެ އިގުތިސާދަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައީސް."
ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ވެއްޓުމުގެ އަސަރުތައް އަދިވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ނުފިލާކަން އާޒިމް ގަބޫލުކުރައްވަ އެވެ. މިހާރު ވެސް މި ފެންނަނީ އެ ދުވަހުގެ "ފާލުން ނެއްޓުން ރަނގަޅު ނުކުރެވިގެން އުޅޭ ތަން" ކަމަށް ދެކެވަޑައިގަނެ އެވެ.
"ރައީސް ނަޝީދުގެ އޮތް ވަރަށް ބޮޑު ހިޔާލެއް، ފިކުރެއް. އެ ފިކުރާއި ހިޔާލު ތަސައްވުރަކަށް ހަދައިގެން ރައްޔިތުންނާ ހިސާބަށް ފޯރުކޮށެއް ނުދެވުނު،" އާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ ފޯރުކޮށްދޭން ފުރުސަތު ދިނުމަކީ ދިވެހި ރައްޔިތުންނަށް އޮތް ވަރަށް ރަނގަޅު ކަމަކަށް ވެދާނެ."
ސިޔާސީ މާ ބޮޑު މަސައްކަތެއް މިހާރު އާޒިމްގެ ނެތެވެ. ދަ ޑިމޮކްރެޓްސް ބޮޑުވުމުގެ ބަދަލުގައި އޭރު ފެށި ގޮތަށް އަދި އޮތީ ހުއްޓިފަ އެވެ. ނަމަވެސް އެމްޑީޕީ ދެ ފަޅިވުމަކީ ގޯހެއް ކަމަކަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ. އަދި އެ ހިޔާލު ތަފާތުވުންތަކުގައި އޭނާއަށް ކުރެއްވުނު އެއްވެސް މަސައްކަތަކާ މެދު ހިތާމަކުރެއްވުމެއް ވެސް ނެތެވެ.
"އަޅުގަނޑު ތަންކޮޅެއް ދުރަށް ބަލާފައި، ވިސްނާފައި އެ މަސައްކަތެއް ކުރާނީ. ނޫނީ އެ ދިމާލަކަށް ދާން،" އާޒިމް ވިދާޅުވި އެވެ.
"ދެރަވޭ މިއަދުވެސް އެމްޑީޕީގެ ވެރިކަމެއް ނެތީތީވެ. އެހެންނަމަވެސް ހަމައެކަނި އެމްޑީޕީގެ ވެރިކަމެއް އޮތުމަކީ އެމްޑީޕީއޭ ކިޔާފައި ވެރިކަމެއް އޮތުމެއް ނޫން. އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި ހަމަތައް ގަބޫލުކުރާ ވެރިކަމެއް. އެ ނެތް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅަށް އައިހެން."
ކޮމެންޓް (1)
މަނިކު