ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ރާއްޖެއަށް އިންޑިއާ ދޫކޮށްލެވޭނީ ކިހިނެއް؟

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއާ އެކު ގުޅުން ރަނގަޅުކުރަން މިހާރު ކުރަމުން އަންނަ މަސައްކަތް ވަރަށް މުހިންމު
11 އޯގަސްޓު 2024
1

'އިންޑިއާ މިލިޓަރީ އައުޓް' އޭގެ ފަހުން 'އިންޑިއާ އައުޓް'، މި ހުރިހާ ނަންތަކުގައި ޕީޕީއެމް/ޕީއެންސީން ކުރިން ބޭއްވި މުޒާހަރާތަކާއި އަޑުއުފުލުންތަކުގެ ދުވަސްވަރު އިންޑިއާގެ ޑިޕްލޮމެޓަކު ވިދާޅުވި އެވެ: 'އިންޑިއާ އައުޓް' ގޮވީމާ އެ ދެން މުޅި އިންޑިއާގެ ރައްޔިތުންނަށް އަމާޒުވަނީ. އެގޮތަށް އަޅުގަނޑުމެން ވިސްނަނީ. އެއީ ގޯހެއް."

އެކަމަކު އެއީ ގޯހެއް ކަމަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަހަށް ހެއްލިގެން އޭރު ރޭވި މަގުމަތީ ހަރަކާތްތަކާއި އެއްވުންތަކާއި ޖަލްސާތަކުގެ ބައިވެރިން ގަބޫލެއްނުކުރި އެވެ. އެ ގަބޫލުނުކުރުން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އާ ސަރުކާރު ގާއިމްކުރުމާ ހަމައަށް ވެސް އޮތެވެ. ސަރުކާރަށް ނިސްބަތްވާ ގިނަ މީހުން ތިބީ އިންޑިއާއާ ނުލައި ރާއްޖެއަށް ހުރިހާ ގޮތަކުން ވެސް ފަސޭހަވާނެކަމަށް ބަލައި، އެގޮތަށް ވާހަކަ ދެއްކުމުގަ އެވެ.

"އިންޑިއާއާ ދުރުވެގެން އަޅުގަނޑުމެންނަށް ކިހާ ދުވަހަކު އުޅެވިދާނެ؟" ރާއްޖޭގެ ހާރިޖީ ދާއިރާގެ ބައެއް ތަޖުރިބާކާރުންނާ އަޅުގަނޑު މި ސުވާލުކުރީމެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ހިންގި މަޝްރޫއުތައް ރާއްޖެ ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ބައެއް ބޭފުޅުން ވިދާޅުވީ 'އެކަން ބިނާވާނީ ރާއްޖޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކާ' ކަމަށެވެ. އެންމެ އަވަށްޓެރި އަދި ދުނިޔޭގެ އިގުތިސާދުގެ ވެސް ބޮޑު ބާރެއްގެ ގޮތުގައި މިހާރު ބެލެވޭ ގައުމެއްގެ ފަރާތުން އެހީއަކަށް އެދެން ޖެހޭ ހާލަތެއް އަވަހަށް ނޫނީ ފަހުން ނަމަވެސް އައުމެވެ. އެހާ ހިސާބުން ދެން އަނެއްކާވެސް ދިވެހިންނަށް އޮންނާނީ އިންޑިއާގެ އެހީއަށް އެދުންކަން، އެ ބޭފުޅުން ވިދާޅުވި އެވެ.

މާ ގިނަ ދުވަހެއް ނުވެ މިހާރު މި އޮތީ އެ ހާލަތަށް ރާއްޖެ ވެއްޓިފަ އެވެ. ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތަކީ އިންޑިއާއާ ގުޅުން ރަނގަޅުކޮށް، ކުރިން ވެސް އޮތް ފަދަ އަމާން މަގަކުން ދެ ގައުމު އެކުގައި ކުރިއަށް ދިއުމުގެ ވާހަކަތަކެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވާ ދަތުރަކީ އޭގެ މުހިންމު ބައެކެވެ.

"އިންޑިއާއަކީ އަބަދުވެސް އަޅުގަނޑުމެންގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި އަގުނުކުރެވޭ ފަދަ އެއް ގައުމު،" އިއްޔެ ރައީސް އޮފީހުގައި ޖައިޝަންކަރުއާ އެކު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ރަސްމީ ފަރިއްކޮޅުގައި ރައީސް މުއިއްޒު ބައިވެެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ވަކި ގޮތެއް ބެލުމެއް ނެތި އިންޑިއާއަށް ފާޑުކީ ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތެރިންނަށް ދުނިޔެ ހިނގަނީ ކިހިނެއްކަން މިހާރު އެނގޭނެ އެވެ. އެކަމަކު އެ ހަރަކާތްތެރިންގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް މިހާތަނަށް މަދުވެގެން 200 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަން، ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ. ޔާމީންގެ މައްޗަށް އުފުލަމުން ދިޔަ ދައުވާތަކުގެ ވާހަކަ ސަޕޯޓަރުންގެ މެދުގައި އޮއްބާލުމުގެ މަގުސަދުގައި ފެއްޓެވި ހަރަކާތް ގަބޫލުކުރި އެތައް ބަޔަކު އިންޑިއާއަށް ކުރި މަލާމާތުގެ ސަބަބުން އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ވަނީ %50 ދަށަށް ގޮސްފަ އެވެ.

ސިިޔާސީ ހަަރަކާތްތެރިން ސޯޝަލް މީޑިއާގައި ކީފާޑުކިއުންތަކުގެ ސަބަބުން ރާއްޖޭގެ ތާރީހުގައި ވެސް މިހާ ބޮޑު އިގުތިސާދީ ގެއްލުމެއް ކުރިމަތިވެފައެއް ނުވެ އެވެ. މިއީ ސޯޝަލް މީޑިއާގެ ޒަމާންކަމުން ކަމެއް ހިލުވާލަން މާ ގިނަ ވަގުތެއް ނުނަގަ އެވެ. އެހެން ގައުމެއްގެ އާންމުން ވަގުތުން ވަގުތަށް ރުޅިއަރުވާލެވެ އެވެ. އެކަމަކު އޭގެ ގެއްލުން ބޮޑީ ރާއްޖެއަށެވެ.

ސަރުކާރުން މިހާރު އަންނަނީ އިންޑިއާގައި ވެސް ޓޫރިޒަމްއަށް ހާއްސަ ހަރަކާތްތައް ހިންގަމުންނެވެ. ރާއްޖެއަކީ އިންޑިއާގެ އެންމެ އަވަށްޓެރި ގައުމަށް ވެފައި، ރާއްޖޭގެ ޓޫރިޒަމް ދެކެ ލޯބިވާ އެތައް މިލިއަން ބަޔަކު އުޅޭ ތަނަކަށް ވުމުން، އޭގެ އެޑްވާންޓޭޖް ދޫކޮށްލުމަކީ އެންމެ މޮޔަ އަމަލެވެ. 

އިންޑިއާގެ ޓޫރިސްޓުން ގިނަކުރުމުގެ މަސައްކަތް ފަށައިގެން އެދަނީ ކުރިއަށެވެ. އަނެއްކޮޅުން ދެ ސަރުކާރުން އެއަށް ވުރެ މަތީ ލެވެލްއެއްގައި ދެ ގައުމުގެ ގުޅުމުގެ ވާހަކަތައް އަންނަނީ ދައްކަމުންނެވެ. އެހެންކަމުން މިއީ މާޒީގެ ތަޖުރިބާރިން ފިލާވަޅު ހޯދައިގެން މިސްރާބު ބަދަލުކުރުމުގެ މަރުހަލާ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އިންޑިއާގައި ބޭއްވި ޓޫރިޒަމްގެ ހަރަކާތްތަކަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރައީސްގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ދޭ އެހީތެރިކަން ފާހަގަކުރެއްވީ ކުރިމަގުގައި އަނެއްކާވެސް ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމުގެ އަޒުމުގަ އެވެ. ރާއްޖޭގެ ބޭރުގެ ދަރަންޏާ އެކު އިގުތިސާދަށް އައިސްފައިވާ ލޮޅުމުން ސަލާމަތްކުރުމުގެ ޒިންމާ ނަންގަވައިގެން ހުންނެވީ އެމަނިކުފާނެވެ. އެހެންކަމުން މި ދަނޑިވަޅުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ކިހާ މުހިންމުކަން ސަރުކާރަށް އެނގެ އެވެ.

ސަރުކާރުން ރަނގަޅު މިސްރާބަށް ދަތުރު ފަށާފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އެނގިވަޑައިގަނެ އެވެ. އެމަނިކުފާނު އެކަން ގަބޫލު ވެސް ކުރައްވަ އެވެ. ކުރީގެ ޕާޓީ އެމްޑީޕީގެ ލީޑަޝިޕަށް އިއްޔެ އެކްސްގައި ދެއްވި ރައްދަކީ އޭގެ މިސާލެކެވެ. ސަރުކާރުން އިންޑިއާއާ ގުޅުން ރަނގަޅު ކުރަމުން އަންނަ ދަނޑިވަޅެއްގައި އެކަމަށް މަލާމާތް ރައްދުވާ ގޮތަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކުން ވާނީ ގެއްލުންކަން ނަޝީދަށް ވިސްނެ އެވެ.

"ބަދަހި އިންޑިއާ-ރާއްޖޭގެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔައި، ކުރިން ކަން ވެފައި އޮތް ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމަތްކުރާ ނަމަ އެކަމުން ދޭހަވަނީ އިންޑިއާ-ރާއްޖެ ގުޅުމަށް ނޭދޭކަން،" ނަޝީދު ލިއުއްވި އެވެ.

"ބޭނުންވަނީ ސިޔާސީ ޕޮއިންޓް ހޯދުން. އުސޫލުގައި ނުހިފެހެއްޓޭކަން."

އެމްޑީޕީއަށް ވެސް އެންމެ ފަހުން ޖެހުނީ އިންޑިއާ އާއި ސަރުކާރުގެ ގުޅުމަށް މަރުހަބާ ކިޔާށެވެ. ޖައިޝަންކަރާ އެކު އެމްޑީޕީގެ ލީޑަޝިޕުން ބޭއްވި ބައްދަލުވުމުގައި އެކަން އެގޮތަށް ކުރި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެެމެދު އޮންނަ ގުޅުމަށް ބޮޑު ގެއްލުމެއް ލިބޭ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމުން ގައުމީ މަސްލަހަތަށް ވެސް ބުރޫއަރާނެ ކަމަށް، ހާރިޖީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"ކިހާ ބޮޑު ނަސީބެއްތޯ އިންޑިއާ ކަހަލަ ބޮޑު ގައުމެއްގެ އަވަށްޓެރިއެއްގެ ގޮތުގައި އޮތުމަކީ،" އެއް ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"އިންޑިއާއާ އެކު ވީހާވެސް ކައިރި ގުޅުމެއް އޮތުމަކީ ގައުމުގެ މިނިވަންކަން ގެއްލުމެއް ނޫން. އެގޮތަށް ވިސްނުމަކީ ވެސް ގޯހެއް. މިނިވަންކަމަށް ބުރޫނާރާނެހެން އެ ގުޅުންތައް ކުރިއަށް ގެންދެވޭނެ. އޭގެ ފައިދާ އޮންނާނީ ރާއްޖެއަށް."

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ޖައިޝަންކަރު އިއްޔެ ބްރިޖް ސަރަހައްދުގައި (ފޮޓޯ/އެކްސް، ޖައިޝަންކަރު)

ސަރުކާރުގެ ސިޔާސަތަށް މި އައި ބަދަލަކީ ދެ ގައުމަށް ވެސް އޮތް ހިތްހަމަޖަހުމެއް ކަމަށް ބަލަން ޖެހެ އެވެ. ދިރިއުޅުމުގައި އަބަދުވެސް އެންމެ ގާތް ބަޔަކީ އަވަށްޓެރިންނެވެ. ހަމަ އެގޮތަށް ގައުމުތަކުގެ މެދުގައި ވެސް އެ އަވަށްޓެރިކަމުގެ ލޯބި ކުރިއަށް ގެންދެވެ އެވެ.

އެއް ތަޖުރިބާކާރަކު ވިދާޅުވި އެވެ: ރާއްޖެއަށް އޮތީ ބިޔަ އަަވަށްޓެރިޔާގެ ފަރާތުން ލިބެން އޮތް ފައިދާއެއް ވިއްޔާ ލިބިގަތުމެވެ. އަވަށްޓެރިޔާ ރުޅިނޭރުވުމެވެ. އަވަށްޓެރިޔާއާ ދުރަށް ނުދިއުމެވެ. ގާތްކަން ދެއްކުމެވެ. މެހެމާންދާރީ އަދާކުރުމެވެ. މަލާމާތުގެ ބަސްތަކުން ދުރުވުމެވެ.

"އަޅުގަނޑަށް ބެހެއްޓެވި މެހެމާންދާރީ އާއި ބޭނުންކުރެއްވި ބަސްފުޅުތަކަށް ރައީސް މުއިއްޒުއަށް ޝުކުރު ދަންނަވަމެވެ،" ރައީސްއާ އެކު އޮތް ބައްދަލުކުރެއްވުމަށް ފަހު އެކްސްގައި ލިއުއްވަމުން ޖައިޝަންކަރު ވިދާޅުވި އެވެ.

"ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި ދެމިހުރީމެވެ."

ކޮމެންޓް (1)

ޙަސަނާ

11 އޯގަސްޓު 2024
މަލްށާ އާ ޝިއުނާ ކިޔާލަން ރަގަޅު ލިޔުމެއް
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް