އެމްއެންޔޫ އާއި ވިލާ ކޮލެޖް އާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުން 'ދުސްތޫރީ ވައުދުތަކާއި ހަގީގަތްތައް'ގެ ނަމުގައި ބޭއްވި މަޝްވަރާ ސެޝަންގައި ޑރ. ޝަމްސުލް ފަލާހް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
'މައްސަލައަކީ ގާނޫނުއަސާސީއެއް ނޫން، ނަޒާހާތްތެރިކަން ނެތުން'
އިއްޔެ 16 އަހަރު ފުރުން ފާހަގަކުރި ގާނޫނުއަސާސީން ވަކިކުރި ތިން ބާރާއި ރައްޔިތުންނަށް ލިބިދިން ހައްގުތަކުގެ ހަގީގީ ރާހަތެއް ރައްޔިތުންނަށް ކޮށްފައިވޭތޯ މިއީ އާންމުންގެ ތެރެއިން ގިނަ ބަޔަކު ކުރިމަތިކޮށްފައިވާ ސުވާލެކެވެ. ގައުމެއްގެ ގޮތުގައި އަހަރެމެން 'ޑިމޮކްރަސީ' ހޯދުމަށް ފަހު ކުރިއަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި ހެއްޔެވެ؟ ނުވަތަ ދިޔައީ ފަހަތަށް ހެއްޔެވެ؟
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ވިލާ ކޮލެޖާއި ބާ ކައުންސިލް ގުޅިގެން އަންގާރަ ދުވަހުގެ ރޭ ބޭއްވި 'ދުސްތޫރީ ވައުދުތަކާއި ހަގީގަތްތައް' ސެޝަންގައި ކީނޯޓް ސްޕީކަރުގެ ގޮތުގައި ވާހަކަދައްކަވަމުން، ރާއްޖޭގެ ގާނޫނުއަސާސީ ދިރާސާކުރައްވާ ޝަރުއީ ދާއިރާގެ ތަޖުރިބާކާރު ޑރ. ޝަމްސުލް ފަލާހު ވަނީ، އާ ގާނޫނުއަސާސީއާ އެކު ރާއްޖެ މިއަދާ ހަމައަށް ކޮށްފައިވާ ދުސްތޫރީ ދަތުރުގެ އުސްއަލިތަކަށް އަލިއަޅުވާލައި، ކުރިމަގުގައި ރަނގަޅު ކުރަން ޖެހޭ ބައެއް ކަންކަން ވެސް ފާހަގަކުރައްވާފަ އެވެ.
ތިން ބާރުގެ 'ތަޅާފޮޅުން'
ރާއްޖޭގައި އާ ގާނޫނުއަސާސީއެއް ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކަށް ވެފައި އޮތީ، މަސްހުނިވެފައި އޮތް ވެރިކަން ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ވަކިކުރުމެވެ.
"ރައްޔިތުންނަށް، އޭރުގެ ސިޔާސީ ފަރާތްތަކަށް ގަބޫލުކުރެވެމުން ދިޔައީ ދިވެހިރާއްޖޭގައި މަސްހުނި ނިޒާމެއް އޮތުމުގެ ސަބަބުން، ނުވަތަ ވެރިކަން ހިންގާ ފަރާތައް ވެރިކަން ހިންގުމުގެ ދެން ހުރި ބާރުތަކަށް، ޝަރުއީ ނިޒާމަށް ނުވަތަ ގާނޫނު ހަދާ ބާރަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތަތީ އެއީ އެއްގޮތަކަށް ވެސް ކަމުދާ ގޮތެއް ނޫން ކަމަށް،" ޝަމްސުލް ފަލާހް ފާހަގަކުރެއްވި އެވެ.
އެއާއެކު އޭނާ ފާހަގަކުރެއްވީ ތައާރަފްކުރި ފެހި ގާނޫނުއަސާސީން އަދި ރާއްޖޭގެ އެންމެ މަތީ ކޯޓުން ވެސް ބާރުތައް ވަކިކުރި ނަމަވެސް ތިން ބާރުގެ މެދުގައި ފުށޫއެރުންތަކަކާއި މައްސަލަތަކެއް ކުރިމަތިވެފައިވާކަމެވެ. އޭގެ ތެރޭގައި ސަރުކާރުން ޖުޑީޝަރީގެ މައްޗަށް ނުފޫޒު ފޯރުވުން ހިމެނެ އެވެ. ބައެއް މައްސަލަތަކުގެ ތެރޭގައި ޝަމްސުލް ފަލާހް ފާހަގަކުރެއްވީ:
-
2010ގައި ރިޔާސީ ގަރާރެއް ނެރެ ސުޕްރީމް ކޯޓުގައި ތަޅުއެޅުވުން
-
2012ގައި ކްރިމިނަަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުން
-
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު މެމްބަރުންނާއި ސިޔާސީ ކުށްވެރިން ދޫކޮށްލަން ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި 2018ގައި ހުކުމްކުރުން
"ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގެ އެންމެ ގްރޮސް ވަޔަލޭޝަން ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ ހުކުމް. އެއީ އޭގެން ދުސްތޫރީ އުސޫލުތަކަށް ގޮންޖެހި މިންވަރާއި ދުސްތޫރީ އުސޫލުތަކާ ހިލާފުވި މިންވަރާއި ގާނޫނުއަސާސީއާ ހިލާފަށް އުސޫލުތައް މާނަކުރި މިންވަރަށް ބަލާއިރު އަޅުގަނޑަށް ދެންނެވޭނީ އެއީ ބޮޑު ގައިރުދުސްތޫރީ އެއް ނިންމުން ކަަމަށް ބެލެން އެބައޮތޭ،" އެ ދުވަހުގެ އަމުރަކީ ފެއިލްވެފައިވާ ޖުޑީޝަލް ބަގާވާތެއްގެ ގޮތުގައި ސިފަކުރައްވަމުން ޝަމްސުލް ފަލާހް ވިދާޅުވި އެވެ.
ދެން އޭނާ ފާހަގަކުރެއްވީ، ސުޕްރީމް ކޯޓުން 'ސުއޯ މޯޓޯ'ގެ ދަށުން (އެއްވެސް ބަޔަކު މައްސަލަ ހުށަހެޅުމަކާ ނުލާ ކޯޓުގެ އަމިއްލަ އިސްނެގުމާ އެކު) ގިނަ އަދަދެއްގެ މައްސަލަ ބެލި ދުވަސްވަރެއް ދިޔުމެވެ. އެގޮތުން އެ ކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މައްސަލަތައް ބަލައި އެ މުއައްސަސާތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަން ފާހަގަކުރައްވާ، އެއީ އެންމެ އެދެވޭ ގޮތުގައި އެ ބާރުގެ ބޭނުންކޮށްގެން އެޅި ފިޔަވަޅުތަކެއްތޯ ސުވާލު އުފެދޭ ކަމަށް ޝަމްސުލް ފަލާހް ވިދާޅުވި އެވެ.
"ސުއޯ މޯޓޯ އަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫން. ވަޅިން ކޮށޭނެތާ ފިޔާ ވެސް. ނޫނީ އެ ނޫން ގޮތަކަށް ވެސް ވަޅި ބޭނުންކުރެވިދާނެ. ފާހަގަކުރެވޭ ގޮތުގައި މިހާތަނަށް ސުއޯ މޯޓޯ ބޭނުންކޮށްފައި ހުރީ ވަރަށް ކޮންޓެންޝަސް ކޮށް، ވަރަށް ކޮންޓްރޮވާސީ ޓްރިގާވާ ގޮތަށް ސުޕްރީމް ކޯޓުން،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދެން އޭނާ ފާހަގަކުރެއްވީ، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް މީގެ ކުރިން ސުޕްރީމް ކޯޓު ބޭނުންކޮށްފައިވާ ގޮތެވެ. ނަމަވެސް، މިހާރުގެ ސުޕްރީމް ކޯޓަކީ އެއިރާ ހިލާފަށް ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތަށް ވާން ބޭނުންވާ ސުޕްރީމް ކޯޓެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ދުވަސްވަރެއް ފާހަގަކުރެވިގެން ދިޔަ، އެކްސްޕާޓޭ ކޮށް (ވަކި ފަރާތެއްގެ މަސްލަހަތު ހިމެނޭ ގޮތަށް ނުވަތަ ވަކި ފަރާތަކުން ބޭނުންވާ ގޮތަށް) މި ހުށަހެޅޭ މައްސަލަ، މީގެ ބޮޑު ފޯވައްސެއް ފެށިގެން ދިޔަ. ސަރުކާރު ހިންގާ ފަރާތުން ކަމެއް ބޭނުންވީމަ އެ ފަރާތުން މައްސަލަ ބަންޑާރަ ނައިބަށް މި ހުށަހަޅަނީ. ހުށަހެޅީމަ، ހަމަ އެއަށް ފަރުވާދީ، ސުޕްރީމް ކޯޓުން ހަމަ [ސަރުކާރުން] ވަރަށް ބޮޑަށް ބޭނުންވާ ގޮތަށް ހުކުމެއް މި ކުރަނީ،" ޝަމްސުލް ފަލާހް ވިދާޅުވި އެވެ.
އެގޮތުން އޭނާ ނެންގެވި މިސާލުތަކަކީ:
-
2017ގައި ކެބިނެޓް މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ ހުށަހެޅުމުން، އެއާ ގުޅިގެން ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން ނެރުނު ހުކުމް
-
މާޗު 2017ގައި މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި؛ ވެރިކަން ކުރާ ކޯލިޝަނުން އެ މައްސަލައިގެ ބާރު ކަނޑުވާލީ މަޖިލިސް ތެރެއަށް އަސްކަރިއްޔާ ވައްދައި މެމްބަރުން މަޖިލީހަށް ވަނަނުދީ، މައްސަލަ ހުއްޓުވާލައިގެން
-
ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅީމައި، އެފަދަ މައްސަލައެއް ހުށަހެޅުމަށް ބޭނުންވާ ސޮއިގެ އަދަދު މަތިކުރި؛ ސަރުކާރު ހިންގާ ފަރާތަށް ސުޕަ-މެޖޯރިޓީ އޮތީމަ ބޭނުން ގޮތަކަށް މަޖިލިސް ތެރެއިން ނިންމުންތައް ދިޔައީ ފާސްކުރަމުން
-
ޖުލައި 2017ގައި އެންޓި-ޑިފެކްޝަން ރޫލިންއަކަށް އެދި ބަންޑާރަ ނައިބު ކޯޓަށް ވަޑައިގެންނެވި
-
އަދި 2010 އަކުން ފެށިގެން 'ވަކި ގޮތަކަށް އުޅޭ މެމްބަރުން' ހައްޔަރު ކުރެވޭ ގޮތަށް އޮތުމުން ސިޔާސީ ގޮތުން ނުފޫޒުގަދަ ގިނަ ބަޔަކު ހައްޔަރު ކުރި
"ސޯޅަ އަހަރުން އަޅުގަނޑުމެންނަށް ފެނުނީ ސަރުކާރު ހިންގާ ފަރާތުގެ މެޖޯރިޓީ ގާނޫނު ހަދާ މަޖިލީހުގައި ނެތް ކަމަށްވާ ނަމަ ދެން މަޖިލީހުގެ އެންގުންތަކަށް ސަރުކާރު ހިންގާ ފަރާތުން ތަބާ ނުވާތަން،" އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން، މަޖިލިސް އިންތިހާބަށް ވޯޓު ހޯއްދަވަން ސިޔާސީ ލީޑަރުން ރައްޔިތުން ކައިރީ އާދޭސް ކުރަނީ، އެއިރަކު ވެރިކަމުގައި އޮންނަ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ދީގެން ނޫނީ ގައުމުގެ ކަންކަން ނުހިންގޭނެތީ، ގައުމަށް ހެޔޮ އެދޭނަމަ "ސަރުކާރު ކެންޑިޑޭޓުން" ހޮވައިދިނުން އެދި އެވެ. އެ ނޫން ގޮތެއް ހަމަ ނެތީތޯ ރޭގެ ސެޝަންގައި އާންމު ރައްޔިތަކު ވެސް ސުވާލު އުފެއްދި އެވެ.
"ވަރަށް ގިނަ ފަރާތްތަކުން ގާނޫނުއަސާސީ ހެދި އިރު ސިކުނޑީގައި އިނީ 30 އަހަރު ވެރިކަން ކުރި ރައީސެއް. އެހެންވީމަ ވަރަށް ގިނަ މާއްދާތަކާއި ސިފަތައް ގާނޫނުއަސާސީއަށް ލުމުގައި އެ ނުފޫޒު އޮތް ކަމަކަށް އެކަން ވެގެން ދިޔަ. އެހެންވީމަ އެ މީހާގެ ބާރު ކުޑަވާނެ ހުރިހާ ގޮތަކަށް ގާނޫނުއަސާސީގެ ވަރަށް ގިނަ މާއްދާތައް ބައްޓަން ކުރެވުނު،" ޝަމްސުލް ފަލާހު ވިދާޅުވި އެވެ. އެހެންކަމުން، އޭނާ ވިދާޅުވީ:
-
ވެރިކަން ބަދަލުވުމުން، ވެރިކަމުގައި ހުރި މީހާއަށް އުނދަގޫ ވާގޮތަށް މަޖިލީހުގައި މަރުތަޅު އެޅޭ ގޮތަށް ހުރި މާއްދާތައް ޖެހުނީ އަމިއްލައަށް ތަޖުރިބާކުރަން؛ އެއީ ވަރަށް ދެރަކޮށް ވީ ކަމެއް
-
ރައްޔިތުން ރިޔާސީ ނިޒާމަކަށް ގައުމު ހިންގަން ނިންމި ނަމަވެސް، ބައެއް ކަހަލަ ބަރުލަމާނީ ސިފަތައް ގާނޫނުއަސާސީގައި ހުރި؛ އެއީ ކުރިން އޮތް ގާނޫނުއަސާސީގައި ވެސް ހުރި ބައެއް ކަންކަން
އިގްތިސޯދީ އަނދަވަޅަކަށް ވެއްޓުނީ ގާނޫނުއަސާސީ އޮތް ގޮތުންތަ؟
ކޮންމެ އަހަރެއްގެ ބަޖެޓާއި ޑެފިސިޓް ބޮޑުވަމުންދާ އިރު، އަދި ގައުމުގެ ދަރަނި ބޮޑުވެ އިގްތިސޯދީ ގޮތުން އަނދަވަޅަކަށް ވެއްޓިދާނެ ކަމުގެ އިންޒާރުގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި، އާންމުން ދެން އުފައްދާ އެންމެ ބޮޑު އަނެއް ސުވާލަކީ، މިހާރު އޮތް ގާނޫނުއަސާސީ އަކީ އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި ގާނޫނުއަސާސީއެއްތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި ޝަމްސުލް ފަލާހް ވިދާޅުވީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް ގާނޫނުއަސާސީގައި ބައެއް ކަންކަން ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ:
-
ކައުންސިލަރުންގެ އަދަދު ގިނަވުން
-
ގައުމުގެ ނިސްބަތުން ވަކިވަކި ގާނޫނުތަކުގެ ދަށުން ވަރަށް ގިނަ މުއައްސަސާތައް ހަދައި އެފަދަ ބައެއް މުއައްސަސާތަކުގައި މާ ގިނަ އަދަދަކަށް މެމްބަރުން ތިއްބެވުން
-
ތަފާސްހިސާބަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ބަދަލުގައި، އިގްތިސޯދީ ގޮތުން ހަދަންޖެހޭ ދިރާސާތައް ހަދައި އެކަމަށް ރިއާޔަތް ނުކޮށް ބައެއް ކަހަލަ އޮނިގަނޑުތައް އެކުލަވާލާފައިވުން
"ދެހާސް އަށެއްގައި އޭރުގައި ވެރިކަން ނިމުނު އިރުގައި ދިވެހިރާއްޖޭގެ މީހުންގެ ހިތްތަކުގައި، ބަޔަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކިގެން ގައުމު ބަނގުރޫޓުވެދާނެކަމުގެ ބިރުވެރިކަމެއް ނެތް" ނަމަވެސް، 16 އަހަރު ފަހުން މި ގައުމު ބަނގުރޫޓު ވެދާނެ ކަމުގެ ވާހަކަ، ނުވަތަ ދަރަންޏާ ހެދި މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ވާހަކަ ދައްކަން މި ޖެހުނީ ކީއްވެތޯ އަދި ގޯސްކޮށް ދިޔައީ ކޮން ކަމެއްތޯ ސެޝަންގައި ބައިވެރިވި އަލީ ހުސައިން ސުވާލު އުފެއްދި އެވެ.
"އިގްތިސޯދީ ގޮތުން ދަތިތަކެއް ހުރި ނަމަ، އެކަންކަމަށް ރިއާޔަތްކޮށްފައި [ގާނޫނުއަސާސީއަށް] ބަދަލުތަކެއް ގެންނަން ރަނގަޅުތޯ ނުވަތަ ނޫންތޯ ދިރާސާކުރުން ރަނގަޅު،" ޝަމްސުލް ފަލާހް ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީ މިހާރު އޮތް ގޮތަށް ބަދަލު ގެންނަން ޖެހޭ ނަމަ، އެ ދިރާސާތަކުގެ އަލީގައި ބަދަލު ގެންނަން ރަނގަޅުކަން ފާހަގަކުރެއްވި އެވެ.
ސިޔާސީ ކޮރަޕްޝަނާއި 'ނެޕޮޓިޒަމް' ބޮޑު؛ ނަޒާހާތްތެރިވާން ޖެހޭ
ޝަރުއީ ދާއިރާގެ ތަޖުރިބާކާރު ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގައި ބާރުތައް ފުށުއެރުމުގެ މައްސަލަ ބޮޑުވާން ދިމާވާ ސަބަބުތަކަކީ:
-
މައްސަލަ ބޮޑު ޕާޓީ ނިޒާމެއް ރާއްޖޭގައި އޮވެ، އެ ސަގާފަތް ބަދަލުވަމުން ނުދިޔުން
-
ޕާޓީތަކުގެ ތެރޭގައި ފެކްޝަން އުފެދި އެއް ބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅުން
-
ސިޔާސީ މައިދާނުގައި ކޮރަޕްޝަނާއި ނެޕޮޓިޒަމް ނުވަތަ 'އާއިލީ ވެރިކަމުގެ' ސަގާފަތެއް އޮތުން
ރާއްޖެ އަކީ ކުޑަ ގައުމަކަށް ވުމުން، މަގާމަށް ގާބިލް، ކުފޫ ހަމަވާ މީހަކާ އާއިލީ ގުޅުމެއް އޮވެދާނެ ކަމާއި އެފަދަ ހާލަތެއްގައި އެމީހަކަށް މަގާމު ދިނުމަކީ މައްސަލައެއް ނޫންކަން ޝަމްސުލް ފަލާހް ފާހަގަކުރެއްވި އެވެ.
"އެކަމަކު، އޭގެ އަޅުގަނޑުމެންގެ މިންގަނޑު ވެގެން ނުވާނެ، އެންމެ ކުރުކޮށް ބުނަންޏާ، ވަޒީރަކު ވަކި ދާއިރާއެއްގެ ވަޒީރުކަމަށް އައުމުގެ ޝަރުތަކީ ނުވަތަ އާދެވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ބޭފުޅާ ޑިގްރީގައި އެ ދާއިރާއާ ގުޅޭގޮތުން އެސައިންމެންޓެއް ހެދުން ކަމަށް،" އޭނާ ވިދާޅުވި އެވެ.
ނާގާބިލް ނުވަތަ ނަޒާހާތްތެރިކަން ނެތް މީހުން ދައުލަތުގެ އިސް މަގާމުތަކަށް އައްޔަންކުރުމާއި އިންތިހާބު ކުރުން ވެސް މި ވާހަކައާ ގުޅިގެން ދެ އެވެ. އެގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލާފައިވާ ގޮތާއި ބަންޑާރަ ނައިބު އައްޔަން ކުރާ ގޮތުގެ ސަބަބުން ތިން ބާރު މަސްހުނިވުމަށް މަގުފަހިވޭތޯ ސެޝަންގެ ބައިވެރިން ސުވާލު އުފެއްދި އެވެ.
ޝަމްސުލް ފަލާހް ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގައި އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ކުޑަވަނީ، މާޒީގައި ފެނިފައިވާ މަންޒަރުތަކުންނެވެ. އަދި، އިހުލާސްތެރިކަމާ އެކު، ގާނޫނުއަސާސީގައި އޮންނަ ގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުން މަގާމުތަކުގައި ތިއްބަވާ ނަމަ، މިހާރު އޮތް ގޮތަށް އެކަން އޮތަސް ރައްޔިތުންނަށް ހިދުމަތްކުރުމުގައި އެއްވެސް މައްސަލައެއް ނުކުމެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލާ މީހުންގެ ނަޒާހަތްތެރިކަން ރަނގަޅަށް ހިފަހައްޓާލެވިއްޖެއްޔާ [ކޮމްޕޮޒިޝަން އެއީ މައްސަލައެއް ނޫން]. ނަމަވެސް ފެންނަ މަންޒަރަކީ، މަޖިލީހުގެ މެޖޯރިޓީ ލިބޭ ހިސާބުން ކޮންޓްރޯލް ކުރެވޭ، [ޖޭއެސްސީގެ] ވަރަށް ގިނަ އަދަދެއްގެ ސްލޮޓްތައް،" ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ވާހަކަ ދެކެވެނީ، މާޒީގައި ވެފައިވާ ކަންކަމުގެ ސަބަބުން ވީހާ ވެސް އެ ފުރުސަތު ކުޑަކުރަން ކަމަށް ބެލެވޭކަން ފާހަގަކުރައްވައި ޝަމްސުލް ފަލާހް ވިދާޅުވި އެވެ.
ބަންޑާރަ ނައިބުން އައްޔަން ކުރުމާ މެދު ވެސް އޭނާ ގަބޫލުކުރައްވަނީ ހަމަ އެގޮތަށެވެ. ގާނޫނުއަސާސީގައި، ބަންޑާރަ ނައިބު ނަޒާހާތްތެރިވާން ވާނެ ކަމަށް ލާޒިމްކޮށްފައި އޮންނަ އިރު، ރައީސް އެ މަގާމަށް މީހަކު އައްޔަންކުރެއްވުމަކީ، މަގާމުގައި ހުންނަވާ އިރު އޭނާއަށް ނުފޫޒު ފޯރަން ޖެހޭނެ ސަބަބެއް ނޫން ކަމަށް ޝަމްސުލް ފަލާހް ގަބޫލުކުރައްވަ އެވެ.
ހޭލުންތެރިވާން ޖެހޭ
"ގައުމެއްގެ ގާނޫނުއަސާސީއަކުން އެންމެ އެދެވޭ ގޮތުގައި ނަތީޖާ ލިބުމަށްޓަކައި އެތައް އަހަރެއް ބައެއް ފަހަރު ބޭނުންވޭ. އެތައް ދަހަރެއް ބޭނުންވޭ. ދެތިން ދަހަރު ވެސް ވެދާނެ. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ ގާނޫނުއަސާސީއަކީ ޖާދުލެއް ކަމަށް އޭގެ ޒާތުގައި. އެއަށް ބޭނުންވާ އެހެން ބައިވަރު ކަންތައްތަކެއް ހުރޭ،" ޝަމްސުލް ފަލާހް ވިދާޅުވި އެވެ.
"ކިތަންމެ މޮޅު ގާނޫނުއަސާސީއެއް ތަނެއްގައި ހެދިޔަސް ވެސް އެހެނިހެން ނިޒާމު ނުވަތަ އިގްތިސޯދު ނުވަތަ އެހެނިހެން ބައިވަރު ކަންކަމަށް ރިއާޔަތްކުރަން ޖެހޭ. އެ ކަންތައްތަކަށް ވެސް ހައްލު އައިސް، މަޑުމަޑުން ނިޒާމެއް ފުރިހަމަ ވެގެން މި ދަނީ."
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ދުސްތޫރީ ދާއިރާ ކުރިއެރުވުމަށް މިވަގުތު އެންމެ މުހިއްމީ ހޭލުންތެރިކަމެވެ. ރަނގަޅު ޕާޓީ ނިިޒާމެއް އައިސް ތަސައްރަފު ފުދިފައިވާ ނިޒާމެއް އުފެދޭނީ، ގާނޫނީ ކަންކަމާއި ވެރިކަން ކުރާ ނިޒާމުތަކާއި ޖުޑިޝަރީގެ މަފްހޫމްތަކަށް އާންމުންނާއި ކައުންސިލަރުންނާއި ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ބޭފުޅުން ވެސް ހޭލުންތެރި ވެގެންނެވެ. އެހެން ނޫން ނަމަ އެތަނެއްގައި ދުސްތޫރީ ސަގާފަތެއް އެންމެ އެކަށީގެންވާ ގޮތެއްގައި އަށައެއް ނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"... ވަރަށް ގިނަ ކަންތައްތަކަކީ ވަރަށް ރަނގަޅު ސްޓޭންޑަޑްތަކެއް ގެނައުމަށް ފަހު، އަނެއްކާވެސް އެ ސްޓޭންޑަޑްތައް ތަންކޮޅެއް ތިރިކޮށްލާ ނުވަތަ ބަދަލުކުރެވިގެން ދިޔަ ސިޔާސީ އަދި އެހެން ސަބަބުތަކާ ވެސް އެކުގައި،" ޝަމްސުލް ފަލާހް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގައި ވަރަށް ނޭދެވޭ ގޮތަކަށް ހިނގާ ކަމެކެވެ.
"ވަކި ކަމެއް ވަކި ގޮތަކަށް ހިނގާ ހިނގުމަކީ އެއީ ގާނޫނުއަސާސީގެ މައްސަލައެއް ކަމަށް ބަޔާންކުރެވިގެން ނުވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ދުސްތޫރީ ނިޒާމުގައި، ދައުލަތް ހިންގުމުގެ ނިޒާމުގައި ފެންނަ ކޮންމެ ނޭދެވޭ ކަމަކީ ގާނޫނުއަސާސީގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބެލެވިގެން ނުވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ."
ގާނޫނުއަސާސީއަށް އަމަލުކޮށް، ތަންފީޒުކުރަން ތިބެނީ އަހަރެމެން އިންސާނުންނެވެ. ގާނޫނުއަސާސީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހެޔޮ ނިޔަތުގައި ތަންފީޒު ކުރުމުގެ ވިސްނުން ގެންގުޅޭ ނަމަ ރާއްޖެއިން މިހާތަނަށް ފެނިފައިވާ ބޮޑެތި މައްސަލަތައް ނުފެނުނީހެވެ. އެހެންކަމުން، ހާލަތު ގޯސްވުމުން ގާނޫނުއަސާސީ ގޯސްކުރެވޭކަށް ނެތެވެ. ޝަމްސުލް ފަލާހު ދެއްވި އެންމެ މުހިއްމު އެއް މެސެޖަކީ އެއީ އެވެ.
ކޮމެންޓް (2)
ޙަސަންތަކުރުބެ
ގާދިރު