ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު ކަމުގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އާ ސަރުކާރުގައި ވެސް މި ފެންނަނީ 'އާއިލީ ވެރިކަން'

ރައީސް މުހައްމަދު މުއިއްޒު ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވާ ގޮތާ މެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން
5 ޑިސެމްބަރު 2023
19

ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ކާމިޔާބު ކެމްޕޭނަކަށް ފަހު ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބުގެ ދެ ބުރުން ވެސް ކުރި ހޯއްދެވި ހަމައެކަނި ކެންޑިޑޭޓުގެ ގޮތުގަ އެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކާއި، ގައުމު އިސްލާހު ކުރުމަށް ކުރެއްސެވި ތަސައްވުރުގައި ކުލަ ޖެހޭނެ ކަމުގެ ފޮނި އުންމީދުގައި ތިބި ދިވެހިން 'ދިވެހީންގެ ރާއްޖެ' އަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ވެރިކަން ބަދަލުވުމުގެ އޮމާން މަރުހަލާ ނިމި، 22 މިލިއަން ރުފިޔާގެ ކުލަގަދަ ރަސްމިއްޔާތެއްގައި ޖުމްހޫރީ މައިދާނުގައި ހުރި ބޮޑު ދިދަ ދަށުގައި ވެރިކަމުގެ ހުވާ ކުރެއްވި އެވެ. ގައުމިއްޔަތުގެ ރޫހު ދިރިގެންދިޔަ އެ ޖަލްސާއަށް ފަހު، ރައީސް މުއިއްޒުއަށް މާ ބޮޑު ތާއީދެއް ނުކުރާ ދިވެހިން ވެސް ތިބީ މި ވެރިކަން ތަފާތުވާނެ ކަމަށް އުންމީދު ކޮށްގެންނެވެ.

ނަމަވެސް ވެރިކަމާ ހަވާލުވިތާ ދެ ހަފްތާ ތެރޭގައި ފާޑު ކިޔުންތައް ގިނަވެ، ރައީސް މުއިއްޒުގެ މަގުބޫލުކަން ކުޑަވާން ފެށި އެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ ސަރުކާރުގެ މަތީފަޑިއަށް އައްޔަންކުރައްވާ ބޭފުޅުންނާ ގުޅޭ ގޮތުންނެވެ.

ރައީސް މުއިއްޒު ވެސް ގެންދަވަނީ އާއިލީ ބޭފުޅުންނަށް މަގާމުތައް ދެއްވަމުންނެވެ. އެގޮތުން ރައީސްގެ ދެބެންގެ ދެދަރި ތިން ބޭފުޅަކަށް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމާއި ނައިބު ރައީސްގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފްކަން، ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ދެއްވައިފަ އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުގެ މެމްބަރުން ހުވާކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

'ދިވެހީންގެ ރާއްޖެ ބަދަލުވީ 'އަދުރޭގެ ރާއްޖެ'އަށް'

އާ ސަރުކާރުގެ ރައީސްގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް އައްޔަންކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެންމެ ވަފާތެރި ބޭފުޅާގެ ގޮތުގައި އޭރު ސިފަކުރި އަބްދުއްރަހީމް 'ކޮޅު ބަދަލުކޮށްލެއްވީ' ރައީސް މުއިއްޒުގެ ސަރުކާރުގެ ގިނަ މަގާމުތަކެއް ލިބޭ ގޮތަށް ކަމަށް އެއްބަޔަކު ތުހުމަތުކުރެ އެވެ.

އެ ތުހުމަތުތައް އަމާޒުވަނީ އަބްދުއްރަހީމްގެ އާއިލާގެ ބޭފުޅުން، ނުވަތަ އޭނާއާ ގުޅުން ހުރި  ބޭފުޅުން ސަރުކާރުގެ މަތީ މަގާމުތަކުގައި ގިނަވުމުންނެވެ. އޭގެ ތެރޭގައި:

  • 1-

    ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް (އަބްދުއްރަހީމްގެ ދަރިކަލުން)

  • 2-

    ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު (އަބްދުއްރަހީމްއާ ގުޅުން އޮންނަ ބޭފުޅެއް)

  • 3-

    ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އަހުމަދު ހިޝާމް ވަޖީހު (އަބްދުއްރަހީމްގެ ދަނބިދަރިކަލުން)

  • 4-

    ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ (އަބްދުއްރަހީމްގެ ބޭބެ)

  • 5-

    އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު (އަބްދުއްރަހީމްގެ އަންހެން ދަރިފުޅުގެ ބަފާބެ)

 ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ޕީޕީއެމް)

މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާ އެކު، 'މުޅި ސަރުކާރުގައި އޮތީ އަބްދުއްރަހީމްގެ ދެ ފައި' ކަމަށާއި، ވެރިކަން ބަދަލުވީ ރައީސް މުއިއްޒު ގެންނަން ވައުދުވެވަޑައިގެންނެވި ދިވެހީންގެ ރާއްޖޭގެ ބަދަލުގައި 'އަދުރޭގެ ރާއްޖެ'އަށް ކަމަށް އެއް ބަޔަކު ބުނެ އެވެ.

ރައީސް މުއިއްޒު އަބްދުއްރަހީމްގެ 'އަތްދަށު ވެފައި' ހުންނެވި ކަމުގެ އަޑުތައް ގަދަވަމުންދާ އިރު، ވެރިކަމާ ހަވާލުވެ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސްއަށް 'ކޮންޓްރޯލް ގެއްލިފައި'ވާ ކަމުގެ ވާހަކަ ވެސް ކޮންމެވެސް ވަރަކަށް އެބަ ދެކެވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ތުހުމަތުކުރައްވާފައިވާ ގޮތުގައި، "ޕީޕީއެމް މިހާރު އެ އޮތީ ވަކި ބަޔަކު ހައިޖެކް ކޮށްފަ" އެވެ. އެކަމުގެ ފަހަތުގައި ހުންނެވީ، އޭނާ ވިދާޅުވި ގޮތުން ނަމަ، އަބްދުއްރަހީމެވެ.

ޖަމީލުގެ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ޕީޕީއެމް އާއި ޕީއެންސީން މި ފަހުން ވަކިވެވަޑައިގެންނެވި ބައެއް މެމްބަރުން ވެސް ވާހަކަދައްކަވާފައިވެ އެވެ.

"މުއިއްޒު ހަފްތާއަކުން ފެއިލް މި ވަނީ. ކުރި އުންމީދުތައް ފެނަށް. ހަމައެކަނި ވީ ކަމަކީ އެންމެ ކައިރީގައި އުޅުނު މީހުންނަށާއި އަދުރޭގެ އާއިލާއަށް ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިނުން،" އާންމު މީހަކު 'އެކްސް'ގައި ލިއުނެވެ.

މި މަގާމުތައް ލިބިފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުން ދަނީ ރާއްޖޭގެ އެންމެ މުހިއްމު އެއް މިނިސްޓްރީ ކަމަށްވާ ޓޫރިޒަމް މިނިސްޓްރީ ހަވާލުކޮށްފައިވާ އަބްދުއްރަހީމްގެ ދަރިކަލުންނަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތް ފައިސަލްއަކީ ކެބިނެޓުގައި އިންނެވި އެންމެ ނާގާބިލު މިނިސްޓަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިއުން އަމާޒުވި އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. (ފޮޓޯ/ރައީސް އޮފީސް)

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޯޓިން އެސޯސިއޭޝަނުން ބޭއްވި ހަފްލާއެއްގައި ފައިސަލް ދެއްކެވި ވާހަކައާ އެކު، އޭނާގެ އެއްވެސް 'ފެންވަރެއް ނެތް' ކަމަށް ބުނެ، އިސްތިއުފާއަށް ވެސް ބައެއް މީހުން ގޮވި އެވެ.

ސިޓީ ކައުންސިލުން ސިޔާސީ މަގާމުތަކަށް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ރައީސް މުއިއްޒު ވެރިކަމަށް އަންނަން މަގުކޮއްޓެވީ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ޕީޕީއެމް-ޕީއެންސީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، އެ ކޯލިޝަންގެ އިސް ބައެއް ބޭފުޅުންގެ ތާއީދާއި ވަފާތެރިކަން ރައީސް ހޯއްދެވީ ސިޓީ ކައުންސިލްގެ ތެރެއިން ވަޒީފާ ދެއްވައިގެން، ނުވަތަ ވިޔަފާރީގެ ޑީލްތައް ހައްދަވައިގެންނެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު މިހާތަނަށް ސިޓީ ކައުންސިލްގެ 13 މުވައްޒަފަކު ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވުމަކީ އެ ވާހަކަތަކަށް ބާރު ލިބޭ ހެއްކެކެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން ސިޔާސީ މަގާމު ދެއްވާފައިވާ ބޭފުޅުން:

  • 1-

    ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު (ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް)

  • 2-

    ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ކުރީގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު)

  • 3-

    ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު (ކުރީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު)

  • 4-

    ރައީސްގެ ރަސްމީ ގޭގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް (ކުރީގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އަދި ރަމީޒުގެ އަނބިކަނބަލުން)

  • 5-

    ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް (ސިޓީ ކައުންސިލްގެ ކުރީގެ ބަހަވީ ހިދުމަތްތަކާ ބެހޭ ކޮންސަލްޓަންޓް)

  • 6-

    ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު (ސިޓީ ކައުންސިލްގެ ކުރީގެ އާބަން ޕްލޭނިން ކޮންސަލްޓަންޓް)

  • 7-

    ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު (ސިޓީ ކައުންސިލްގެ ކުރީގެ އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް)

  • 8-

    ޔޫތު މިނިސްޓްރީގެ ނައިބު މަރިޔަމް ޝިއުނާ (ސިޓީ ކައުންސިލްގެ ކުރީގެ މީޑިއާ އެގެޒެކެޓިވް އަދި ސްޕޯކްސްޕާސަން)

  • 9-

    ޔޫތު މިނިސްޓްރީގެ ސްޓޭޓް ނައިބު މަލްޝާ ޝަރީފް (ސިޓީ ކައުންސިލްގެ ކުރީގެ މީޑިއާ އޮފިސަރު)

  • 10-

    ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް (ސިޓީ ކައުންސިލްގެ ކުރީގެ ޕީއާރު އެސޯސިއޭޓް)

  • 11-

    ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހިމް އަބާން (ސިޓީ ކައުންސިލްގެ ކުރީގެ ޕީއާރު އޮފިސަރު)

  • 12-

    ހޯމް މިނިސްޓްރީގެ ނައިބު ހުސެއިން ޒީނީ (ސިޓީ ކައުންސިލްގެ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓް)

  • 13-

    އައިމިނަތު ނާސިހާ (ކުރީގެ ސިޓީ ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް ކޮންސަލްޓަންޓް)

ސަރުކާރު ވަޒީފާ ދީގެން ސިޓީ ކައުންސިލްގެ ވަޒީފާ ދޫކޮށްލި ހުރިހާ މުވައްޒަފުން ސިޓީ ކައުންސިލްގެ ޓްވިޓާގައި ޕޯސްޓު ކޮށްފައި އެބަ ހުއްޓެވެ. ޕީޕީއެމް-ޕީއެންސީ ސެނެޓުގައި ހިމެނިވަޑައިގަންނަވާ ބައިވަރު މެމްބަރުން ވެސް މި ލިސްޓުގައި ހިމެނެ އެވެ. 

މިދާ ރޭޓުން 700ގައި ހިފެހެއްޓިދާނެތަ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދަކީ 1،063 އެވެ. އެއީ މާ ބޮޑު އަދަދެއް ކަމަށް ވިދާޅުވެފައިވާ ރައީސް މުއިއްޒުގެ ނިންމެވުމަކީ ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރު ނުކުރުމެވެ.

ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއިއްޒު ވަނީ އެތައް ސިޔާސީ މަގާމަކަށް ބޭފުޅުން އައްޔަންކުރައްވާފަ އެވެ. އެގޮތުން:

  • މިނިސްޓަރުންގެ ފެންވަރުގައި 17 ބޭފުޅުން

  • 61 ނައިބު މިނިސްޓަރުން

  • 50 ސްޓޭޓް މިނިސްޓަރުން

ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ އެތައް މަގާމަކަށް މީހުން ކަނޑައަޅުއްވާނެ އެވެ. މީގެ އިތުރުން މިނިސްޓްރީތަަކަށް ކޯޑިނޭޓަރުންގެ ފެންވަރުގައި ވެސް ސިޔާސީ މަގާމުތައް ހިމެނޭނެކަމުގެ މައުލޫމާތު ލިބެ އެވެ. އެހެންކަމުން ރައީސް ވިދާޅުވި ގޮތަށް 700ގައި އަދަދު ހިފެހެއްޓިދާނެ ކަމާ މެދު ސުވާލު އުފެއްދި ދާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކުރައްވާ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ދަނޑިވަޅެއްގައި، ސިޔާސީ އިތުރު ވަޒީފާތައް 'އުފައްދަން' ޖެހިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ. އެއީ އެފަދަ ވަޒީފާއަކަށް ޑިމާންޑް ކުރާ މީހުންނަށް ރައީސް މުއިއްޒު އެ ފުރުސަތު ނުދެއްވައިފި ނަމަ، އެމީހުން ޔާމީންގެ ކޮޅަށް ދީލާލުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅިގެން ވެސް ސިޔާސީ މަގާމުތައް އިތުރުވުން ކައިރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ޕާޓީ، ޕީއެންއެފްއަށް ފޯމު ފުރުން ކުރިއަށް ދަނީ (ފޮޓޯ/ޕީއެންއެފް)

މީހާގެ ހުރި ގާބިލުކަމާއި ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމެއް ނެތި، ހަމައެކަނި އޮންނަ އާއިލީ ނުވަތަ އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން ގައުމުގެ ބޮޑެތި މަސްއޫލިއްޔަތުތައް ހަވާލުކުރުމަކީ ހެޔޮ ވެރިކަމެއްގެ އެންމެ މުހިއްމު އެއް ސިފަ ބޮލާލައި ޖަހައި، ސަރުކާރުގެ ބިންގާ ކައްޗަށް އެޅުމެވެ.

އެ އުސޫލުން ސިޔާސީ މަގާމުތައް ބަހާލުމަކީ ދިވެހިން އަބަދުވެސް ހަރުއަޑުން ދެކޮޅުހަދާ ކަމެކެވެ. ރައީސް މުއިއްޒުގެ ވައުދުތަކާ އެކު ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ މި ސަރުކާރުގައި އެ މަންޒަރު ނުފެންނާނެ ކަމަށެވެ. 

ރައީސް މުއިއްޒު ކެމްޕޭނުގެ ތެރޭގައި ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރާނީ ގާބިލު، ތައުލީމީ ބޭފުޅުން ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ދެއްވި އެންމެ ފަހުގެ ކެމްޕޭން ހިތާބުގައި ވެސް އެވާހަކަ ވިދާޅުވި އެވެ.

ނަމަވެސް މި ފެންނަނީ އެހެން މަންޒަރެކެވެ.

ކޮމެންޓް (19)

މުފީދު

5 ޑިސެމްބަރު 2023
އަދިކޮބާ، ސަޖިދާގެ ބޮޑުބޭބެ އާ، މުއިޒުގެ ކޮއްކޮގެ ފިރިމީހާ ވެސް ހަމަ ސަރުކާރުގެ މިނިސްޓަރު ފެންވަރުގެ މަގާމު ތަކުގަ. އަދި މުއިޒުއާއި އެކު އިނގިރޭސިވިލާތުގައި ކިޔަވަން އުޅުނު ގިނަ މީހުން ތިބީ ރައީސް އޮފީހުގަ.
9 4

އަޖައިބެއް

5 ޑިސެމްބަރު 2023
މުއިއްޒުއަށް އިތުބާރު ކުރެވޭ މިހުންނެއްނު މަގާމުތަކަށް ލާނީ؟
8 5

އަހަންމަދާ

6 ޑިސެމްބަރު 2023
@އަޖައިބެއް ތެދެއްނުން މިއީ މުއިއްޒު ސަރުކާރެއްނު. ރައްޔިތުން ދިނީ ވޯޓް އޭނަ ބޭނުންގޮތަށް ވެރިކަން ކުރަން އެހެންވީމަ ކޮން ވާހަކައެއްދައްކާކަށް ގޯސްނަމަ ބަދަލު ކުރެވޭ ނިޒާމެއްހޯދާ އެހެންވިއްޔާ
1 0

ޙެހެ

5 ޑިސެމްބަރު 2023
ކޮބާ މައްސަލަ އަކީ. މިދިޔަ ސަރުކާރުން ކުރި ހުރިހާ ކަމަކަށް އަތްޖަހަމުން ދުވި ނޫހެއް ދައުރު އަކީ. މިހާރު ގޯސް ވީ؟
8 10

ތެފައާސާ.

5 ޑިސެމްބަރު 2023
@ޙެހެ ދައުރުގެ ޓީމުން މިދިޔަ ސަރުކާރުގެ މައްސަލަތައްވެސް ރިޕޯޓު ކުރި. ޑޯންޓް ބްލޭމް ދަ މެސެންޖަރ
10 7

ޅޮލް

5 ޑިސެމްބަރު 2023
@ތެފައާސާ. އާނ އިންތިހާބުން ބަލި ވާނެކަން ޔަގީން ވީމަ
4 2

މުހްސިނާއާދަމް

5 ޑިސެމްބަރު 2023
އަދި ކަރެކްޝަންސް އަށް އައްޔަން ކުރެއްވި ޒަރީރު އަކީވެސް ސިޓީ ކައުންސިލްގެ ޕްލޭނިންގ ކޮންސަލްޓަންޓަކަށް އުޅުއްވި ބޭފުޅެއް.
7 0

ކަލޭމެންނޭ ދަންނާށެވެ

5 ޑިސެމްބަރު 2023
މިއީ ދިވެހިރާއްޖެ. މިތަން ހިނގާނީ މިހެން. ރައީސް އޮފީސް އައްޔަންކޮށްފަ މި ތިބީ ގެރޭޑް 7 ފެންވަރުވެސް ނެތް މީހުން. ކީކޭ ބުނާނީ . އެކަން އިނގޭ ޓްވީޓްތަކުންވެސް. ވަރަށް ފެންވަރު ދަށް ބޭފުޅުން. ކޮރަޕްޓް ޚަލީލް މެން ކަހަލަ
9 3

މާލޭ އަދުރޭ

5 ޑިސެމްބަރު 2023
ވަރައް އުއްމީދުކުރިން ނުހަނު ރަނގަޅު ކެބިނެޓެއް އެކުލަވާލާނެ ކަމަށް ނަމަވެސް ޓްއަރިޒަމް މިނިސްޓަރާ ހިސާބުން އެނގިއްޖެ މިސަރުކާރުގެ ފެންވަރު އަދި ރައީސްގެ ބާރުސަރުކާރުގައޮތްވަރު މިހާރު މިފެންނަ މަންޒަރުތަކުން ދޭހަވަނީ ޤައުމު އިތުރުފިޔަވަޅެއް ފަހަތައް އެޅިތަން.
7 3

އަހަންމަދާ

6 ޑިސެމްބަރު 2023
@މާލޭ އަދުރޭ ޓްއަރިޒަމް މިނިސްޓަރަކަށް އޭނައަށް އަދެވުނު ގޮތް ވިސްނާ ވަޑައިގަންނަވާ. ސަރުކާރުގެ ބޮޑުންނަށް ތިބިމީހުންގެ ބާރު ލިބޭ މީހުން މިނިސްޓަރުންވެސް އިސްކޮށްވެސް އުޅޭނީ އެގޮތަށް ކަންކުރަން ވޯޓްދީފަ މިހާރު ދެން ކޮން ވާހަކައެެއް
0 0

ތެފައާސާ.

5 ޑިސެމްބަރު 2023
17 ނޮވެންބަރުން ފަށައިގެން ކަންކަން (ކޮންމެވެސް ވަރަކަށް) ރަނގަޅު ވާނެކަމުގެ އުންމީދެއްގައި ހުރިނަމަވެސް، 17 ނޮވެންބަރަށް 2 ހަފްތާ ވެގެންދިޔައިރު ވަރަށް ބޮޑު ނާއުންމީދަކާއި މާޔޫސްކަމެއް ގެނުވައިފި. ސޯ ފާރ، ޑރ. މުއިއްޒު ހޭޒް ބީން އަ މޭޖާރ ޑިސްއެޕޮއިންޓްމެންޓް. #ސޭޑް
12 4

އިބޫ

5 ޑިސެމްބަރު 2023
@ތެފައާސާ. މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕޮޕިއުލާރިޓީ ވެެއްޓި މީހުންގެ އިތުބާރާއި ކުރި އުއްމީދުތައް ވެއްޔާ މޮޑެލި ވެރިކަމެއް ނުދެކެން. 2 ހަފްތާއިން ޏަތިއްޖާ 0. މާލެ ސިޓީ ކައުންސިލް ގެ ބާ ވަޒީފާ ގަނޑެއް ނެތްތަ؟
8 3

ސައިފަތް.

5 ޑިސެމްބަރު 2023
@ތެފައާސާ. ސަރުކާރަށް ވަގުތު ކޮޅެއްވެސް ނުދެންތަ ލޮލް. ދެ ހަފްތާ ތެރޭ ޑިސަޕޮއިންޓް ވަނީ ތި.
5 5

ބުއިން

5 ޑިސެމްބަރު 2023
@އިބޫ ދެ ހަފްތާ ތެރޭ ކޮން ކަހަލަ ނަތީޖާއެއް ނުފެނިގެން ތިއުޅެނީ؟ މުއިއްޒުއަކީ ޖާދޫގަރެއްތަ ދެ ހަފްތާ ތެރޭ ގައުމުގެ ހުރިހާ ކަމެއް ރަނގަޅުވާން؟ އިބޫ ވެރިކަމުން ފޭބީ ގައުމު އެފުއްމިފުށައް ޖަހާފަ. ދެން ދެ ހަފްތާ ތެރޭ ކުރެވޭނީ ކީއްކަން ބުނެބަލަ
6 5

ތެފައާސާ.

5 ޑިސެމްބަރު 2023
@ސައިފަތް. ސަރުކާރަށް ވަގުތު ދޭންވާނެ. ޑިސްއެޕޮއިންޓު ވެގެން މި އުޅެނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް 2 ހަފްތާއިން ރަގަޅުނުވެގެނެއް ނޫނޭ. ޑިސްއެޕޮއިންޓު ވެގެން މި އުޅެނީ މޮޅު ވާހަކަ ދައްްކާފައި އައިސް މަގާމުތަކަށް ކުފޫ ހަމަނުވާމީހުންނާ އާއިލާ މީހުން ލައިގެން އުޅޭތީ އެކަމާއޭ. ސާފު؟
4 4

ސައިފަތް

5 ޑިސެމްބަރު 2023
@ތެފައާސާ. މިއޮއް ކުޑަ ކުޑަ ރާއްޖޭގަ ހަމަ ގައިމުވެސް ތިމާގެ ނުވާނެ ބަޔަކު މަދުވާނެ. މަގާމަށް ކުފޫ ހަމަ ނުވާކަންވެސް އެގޭނީ ވަގުތު ދީގެން. މި 100 ދުވަޒް ހަމަ ވީމަ މި މީހުންނަށް ކަމެއް ނުވަންޏާ އޯކޭ އޭ ޑިސަޕޮއިންޓް ވާން.
5 2

ކެތްތެރިކަން

5 ޑިސެމްބަރު 2023
@ތެފައާސާ. އަހަންނަށް ފެންނަ ތާގަ މަގާމަށް ކުފޫ ހަމަ ނުވާ މީހެއް އަދި ނެތް. އޭޒް ފާ އޭޒް ފައިސަލް އިޒް ކޮންސާންޑް، އަހަރެން އެއްޗެއް ބުނާނީ 14 ހަފްތާ ނިމުނީމަ.
6 1

އަހަންމަދާ

6 ޑިސެމްބަރު 2023
@ތެފައާސާ. އަދި މަޑުޖައްސާބަޔަ. ވަގުތު ދީބަޔަ. އަދުރޭ ބޭރުކޮށްލެވިގެން ކަމެއް ވާނީ. އޭނަ ބޭރުވާނެ ދުވަސްކޮޅަކުން.
0 0

އަހަންމަދާ

6 ޑިސެމްބަރު 2023
@ބުއިން އިބޫ ގޯސްވެގެން ގެނައި މީހެއްނު މީ. ދެން ކޮން އިބޫވާހަކައެއް، އިބޫއާ މުއިއްޒުއާ އެއްހަމައެއް ނުވާނެ، މުއިއްޒު މަޑުކޮށްލަނީ އަދުރޭ ބޭރުކޮށްލެވެންދެން. އެކަން ވީމަ ހިނގަންފަށާނީ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް