ޒުވާން ގާނޫނީ ވަކީލެއް ކަަމަށްވާ އިޖްލާޒް އަބްދުއްރަޝީދު: އޭނާ ވަނީ ޒުވާނެއްގެ ގޮތުން ގައުމުގެ ބައެއް މައްސަލަތަކާ މެދު ވާހަކަ ދައްކާފައި
ޒުވާނެއްގެ ވާހަކަ: ރާއްޖޭގެ ނިޒާމް އޮތީ އުއްމީދެއް ލިބޭ ގޮތަކަށެއް ނޫން
މުހިންމު ނުކުތާތައް
އޮފީހަށް ގަޑިޖެހުމާއި ސަލާން ބުނުމަކީ މި ޒަމާނަށް ބަލާ ނަމަ މައްސަލައެއް ނޫން
ގިނަ ދިވެހިން ގަބޫލުކުރަނީ އިންތިހާބުތަކުގައި ވޯޓު ލާން ލިބިފައި އޮންނަނީ އެންމެ ދެ އިހުތިޔާރު ކަމަށް
ޒުވާނުން ފައިސާއަށް ވޯޓު ވިއްކަނީ ކޮންމެ މީހަކު ހޮވިޔަސް އެމީހުންނަށް ކުރާނެ ފައިދާއެއް ނެތުމުން
ކިތައްމެ ވަރަކަށް ވެސް ޒުވާނުންނާ ދިމާއަށް އެއްޗެހިކީދާނެ އެވެ. ކިތައްމެ ވަރަކަށް ވެސް ޒުވާނުން ގޯސްކޮށްގެން ވާހަކަ ދެއްކިދާނެ އެވެ. އެކަމަކު ދިވެހި ޒުވާނުންނަށް ކުރިމަތިވެފައި ހުރި މައްސަލަތައް އެމީހުން ކައިރިން އަހާ އޮޅުންފިލުވުމުން ފެންނަ މަންޒަަރު މުޅިން ތަފާތެވެ. އެހެންކަމުން ޒުވާނުންނާ ގުުޅުވައިގެން ދެކެވޭ ބައެއް ވާހަކަތަކަކީ ދެ ޖީލެއްގެ ދެމެދުގައި ހުރި ބޮޑު ފަރަގު ކަމަށް ބުނަމާ ހިނގާށެވެ.
އެ ފަރަގު ވަރަށް ތަފާތެވެ. މިސާލަކަށް އޮފީހަށް ގަޑިޖެހިގެން ދިއުމާއި ސަލާން ބުނުމާ މެދު އުމުރުން ދޮށީ މީހުން ދެކޭ ގޮތާއި މިހާރުގެ ޒުވާނުން ގަބޫލުކުރާ ގޮތެވެ. މި ދެ ބައިގެ ވިސްނުމާއި އާދަތައް ރާއްޖޭގައި މި އޮތީ ބަދަލުވެފަ އެވެ. އަޅުގަނޑު ކަހަލަ ބައްޕައަކު އޮފީހުގެ ގަޑިއަށް ދޭ ސަމާލުކަން ވަޒީފާ އަދާކުރުމުގެ އެންމެ ފުރަތަމަ ރުކުނަށް ހެދިޔަސް 25 އަހަރުގެ ޒުވާނުން، ފަހަރެއްގައި، ނުވަތަ ގިނަ ފަހަރު، އެކަމަށް ޖަހާލުން ގާތީ ހިނިގަނޑެކެވެ.
ސިޔާސީ ގޮތުން ރާއްޖެއަށް އައި ބަދަލާ އެކު ކުރިއަށް ދާން ޖެހިފައި މި އޮތީ ކެތްތެރިކަމާ އެކު ކަމަށް އަޅުގަނޑު ކަހަލަ 50ގެ އަހަރުތައް ގުނަމުން ދާ މީހަކަށް ވިސްނުނަސް ޒުވާނުންނަށް އެ ބަދަލުތަކުން ފެންނަނީ މާޔޫސްކަމެވެ. އުއްމީދެއް ނެތް ތަނެވެ.
އަޅުގަނޑުގެ ޕޮޑްކާސްޓަށް އިޖްލާޒް އަބްދުއްރަޝީދު (އިޖޫ)އަށް ދައުވަތު ދިނީ ގައުމުގެ ކަންކަމާ މެދު ޒުވާނުން ދެކޭ ގޮތް ބަލައިލާށެވެ. މެލޭޝިއާއިން ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލްކޮށްގެން އަމިއްލަ ލޯ ފާމެއްގައި މިހާރު މަސައްކަތް ކުރަމުން އަންނަ 28 އަހަރުގެ އިޖުލާޒް ގައުމުގެ ކަންކަމާ މެދު ވިސްނަ އެވެ. އޭނާއަކީ ކަންކަމާ ބަސް ބުނަން ކެރޭ، ފާޑުކިޔަން ބޭނުން އަދި ޒުވާނުންނަށާއި ގައުމަށް ރަނގަޅު ގޮތްވުމަށް އެދިއެދި ހުރި ޒުވާނެކެވެ.
ނަމަވެސް އިޖުލާޒަށް ކަންކަން ފެންނަނީ ނާއުއްމީދީ ގޮތަކަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޒުވާނުންނަށް އަންނަ ގިނަ ފާޑުކިއުންތައް ބިނާވެފައި ހުރީ ހަގީގަތުގެ މައްޗަކަށް ނޫނެވެ. އެއީ ދެ ޖީލެއްގެ ދެމެދު ހުރި ތަފާތެކެވެ.
ގަޑި ޖެހުމާއި ސަލާން ބުނުމަކީ މައްސަލައެއް ނޫން
މި ފަހުން ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވަޒީފާތަކަށް ބޭރު މީހުން ގެންނަން ޖެހެނީ ދިވެހި ޒުވާނުންގެ ޒިންމާދާރުކަން ކުޑަވުމުންނެވެ.
"މިއަދު އަޅުގަނޑުމެންނަށް ވަޒީފާއަދާކުރާ ހުރިހާ ތަނަކުން ވެސް އިވެނީ ފަރުވާކުޑަކަން. ޒިންމާ އަދާނުކުރެވޭކަން. 8:30 އަށް އޮފީހަށް އައިއްސަ ނުވައެއް ޖަހާއިރު ކޮފީއަށް، އަނެއްކާ 10 ޖަހާއިރު ކޮންމެވެސް ރައްޓެއްސަކާ ބައްދަލުކޮށްލަން. އެެހެން އަށް ގަޑިއިރު މަސައްކަތްކުރާ އިރު ހަގީގަތުގައި ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ގިނަ ބޭފުޅުން ހޭދަކުރަނީ އަށް ގަޑިއިރުގެ ތެރެއިން ތިން ގަޑިއިރު،" ޒަރީރު ވިދާޅުވި އެވެ.
އެކަމަކު އޭނާ އެ މައްސަލާގައި ހަމައެކަނި ގޯސްކުރެއްވީ ޒުވާނުންނެއް ނޫނެވެ. ރާއްޖޭގެ ތައުލީމީ ނިޒާމެވެ. ޒިންމާދާރު، މަސައްކަތްތެރި ބަޔަކު އުފެއްދޭ ފަދަ ގޮތަކަށް ތައުލީމީ ނިޒާމް ބަދަލުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޖްލާޒް ދެކޭ ގޮތުގައި، އެއް ކަމަކަށް، ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް ތަނަވަހެއް ނޫނެވެ. އެގޮތަށް އޭނާ ބުނީ ވަޒީފާއަކީ ހަމައެކަނި މާލޭ ސަރަހައްދުގައި ތިޔާގިވާން ޖެހޭ ކަމަކަށް ނުވާތީ އެވެ.
"ދިވެހިރާއްޖޭގައި ވަޒީފާގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ލިބެން ނެތުމަކީ އަދިވެސް އޮތް މައްސަލައެއް. ހާއްސަކޮށް އަތޮޅުތެރޭގައި ނަމަ ފުރުސަތު މި އޮންނަނީ ރިސޯޓްތަކުން ވަޒީފާ ހޯދެން. އެނޫން ވަޒީފާއެއް ހޯދާކަމަށް ވާ ނަމަ މަޖުބޫރުވެގެން މި އަންނަނީ މާލެއަށް،" އޭނާ ބުންޏެވެ.
މުޅި ރާއްޖެއިން މާލެއަށް ހިޖުރަކޮށް ވެރިރަށް އޮތީ، އިޖްލާޒްގެ ބަހުން ނަމަ، 'ދިރިއުޅެން އެކަށީގެންނުވާ ތަނަކަށް' ބަދަލުވެފަ އެވެ. އެކަމަކު ރިސޯޓަށް ދާން ބޭނުންނުވާ ޒުވާނާއަށް ދެން ރަނގަޅު ވަޒީފާއެއް ލިބެން އޮތީ މާލޭގައި ކަމުން އޭނާ ވެސް މިސްރާބު ޖަހަން މި ޖެހެނީ، ފުރިބާރުވެފައި އޮތް އާބާދީއެއްގެ ތެރެއަށެވެ.
ކުލި ދައްކައިގެން އުޅެވޭވަރުގެ މުސާރައެއް ނުލިބޭ ނަމަ މާލޭގައި ޒުވާނުންނަށް އަމިއްލަ ކެރިއާއެއް ބިނާނުކުރެވޭނެ ކަމަށް، އިޖްލާޒް ދެކެ އެވެ. އެހެންކަމުން ވަޒީފާގެ މައްސަލަ މި އޮތީ ހަމަައެކަނި ޒުވާނުން ގޯސްކޮށްފައި، ސިޔާސީ މީހުންނަށް އެއާ ދުރަށް ދެވިދާނެ ހާލަތެއްގައެއް ނޫނެވެ.
ވަޒީފާއަށް ނުކުންނަ ގިނަ ޒުވާނުންގެ އަހުލާގީ އެހެން މައްސަލަތަކެއް ހުރެ އެވެ. މިސާލަކަށް އާންމުކޮށް ގަޑިޖެހުމާއި ފަސޭހައިން ސަލާން ބުނުމެވެ. ކުރީގައި ނަމަ ގަޑިޖެހުމަކީ ހުތުރު އާދައެކެވެ. ސަލާން ބުނުމަކީ ނެތް އާދައެކެވެ. ނަމަވެސް މިއީ އިޖްލާޒްގެ ނަޒަރުގައި ދެ ޖީލެއްގެ ދެމެދު އޮތް ވިސްނުމުގެ ތަފާތެކެވެ. ނުވަތަ 'މުސްކުޅި ވިސްނުމެކެ'ވެ.
"ސަލާން ބުނުމަކުން އޭގެ ޒާތުގައި ގޯހެއް ނެތް. ގަޑި ޖެހުމުން އޭގެ ޒާތުގައި ގޯހެއް ނެތް. ބޭނުންވަނީ އެމީހެއްގެ ފަރާތުން ކޮލިޓީ ފެނުން. އޭނާ ކުރާ މަސައްކަތުގައި އެ ކޮލިޓީ ހުރުން. އޭނާ މަސައްކަތުގައި ދޭން ޖެހޭ ފަރުވާތެރިކަން ދެވިގެންދިއުން،" އިޖްލާޒް ބުންޏެވެ.
"ގަޑިޖެހިގެން ދާ މީހަކީ މަސައްކަތްކުރާ ވަގުތުކޮޅުގެ ތެރޭގައި އެކަމަށް ސަމާލުކަން ދީގެން ފަރުވާތެރިކަމާ އެކު ހުރިހާ އެއްޗެއް ނިންމާ މީހަކަށް ވެދާނެ. އަނެއްކޮޅުން މިސާލަކަށް ގަޑި ނުޖެހި ދާ މީހާ އުޅެދާނެ ދުވާލުދާ ހަތަރުދަމު އެއްވެސް މަސައްކަތެއް ނުކޮށް ވެސް."
މީގައި އޮތް ހައްލަކީ، އޭނާ ބުނި ގޮތުގައި، މަސައްކަތަށް ސަމާލުކަން ދީ، ރަނގަޅު ފެންވަރަށް މަސްއޫލިއްޔަތު އަދާކުރާ ނަމަ، ގަޑިޖެހުން މައްސަލައެއްގެ ގޮތުގައި ނުނެގުމެވެ.
"ގަޑިއަށް ދިއުމާއި ސަލާން ނުބުނުމަކީ އެންމެން ވެސް ވަރަަށް ފަހުރުވެރިކަމާ އެކު މެޑެލް ޖަހާނެ ކަންކަން،" އިޖްލާޒް ބުންޏެވެ.
"އެކަމަކު އަޅުގަނޑަކަށް ހިއެއްނުވޭ އެއީ އަޅުގަނޑުމެން ޖެެނެރޭޝަންއަށް އެހާ މުހިންމު ކަމެއްހެން، ސަލާން ނުބުނެ، ގަޑި ނުޖެހި އޮފީހަށް ދާ މީހެކޭ ބުނުން."
ގައުމުގެ ކުރިމަގާ މެދު މާ ބޮޑު އުއްމީދެއް ނެތް
އަޅުގަނޑުމެން ދެ މީހުން ގާތްގަނޑަކަށް ބައިގަޑިއިރު ވަންދެން ވާހަކަ ދެއްކީމެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ އިޖްލާޒްމެން ކަހަަލަ ޒުވާނުންނަށް ގައުމުގެ ކުރިމަގާ މެދު މާ ބޮޑު އުއްމީދެއް ނެތުމެވެ. ހިތާމަހުއްޓެވެ. ގައުމުގެ ކުރިމަގަކީ މިއަދުގެ ޒުވާނުން ކަމަށް ސިޔާސީ ލީޑަރުންނާއި ދޮށީ އުމުރުގެ މީހުން މިދަނީ ބުނަމުންނެވެ. ނަމަވެސް އެ ޒުވާނުންނަށް މި ފެންނަނީ މުޅިން އެހެން ދުނިޔެއެކެވެ.
އިޖްލާޒް ބުނި ގޮތުގައި ސިޔާސީ ގޮތުން ރާއްޖެއަށް ބަދަލުތައް އަންނަން ފެށިއިރު އޭނާގެ އުމުރަކީ އެންމެ 12 އަހަރެވެ. އޭގެ ފަހުން 16 އަހަރު މާޒީވި އިރު ވެސް މި ފެންނަނީ، ޒުވާނާގެ ބަހުން ނަމަ، 'އޯލްޑް ގާޑެ'ވެ. ނުވަތަ 'މުސްކުޅި ހިޔާލު'ގެ ވެރިންނެވެ.
އެ ވާހަކައަށް މުޅިން އެއްބަސްވެވޭކަށް ނެތެވެ. ނަމަވެސް އިޖްލާޒްގެ މައިގަނޑު ޕޮއިންޓަށް ބަލާ ނަމަ އެކަމާ ދެކޮޅެއް ވެސް ނުހެދޭނެ އެވެ.
ތެދެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައިފި އެވެ. ވެރިކަންކުރާ މީހުންނަށް ފާޑުކިޔާނެ އިދިކޮޅު ހަރަކާތްތައް ވެސް ހިންގަ އެވެ. މިނިވަން މުއައްސަސާތަކުގެ ނަމުގައި އިދާރާތަކެއް ވެސް އެބަ ހުއްޓެވެ. ނަމަވެސް ގައުމަށް ވީ ކޮން ކަމެއް ހެއްޔެވެ؟ ކޮރަޕްޝަން އޮތީ ހައްދުން ނެއްޓިފަ އެވެ. އާއިލާގެ މީހުންނާއި ގާތް މީހުންނަށް ވަޒީފާތައް ބަހާލަނީ އެވެ.
އިޖްލާޒް ބުނާ ގޮތުގައި ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުން ބަދަލުކުރަނީ ކުލަ އެވެ. ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުން ގަބޫލުކުރަނީ އޮތީ ދެ އިހުތިޔާރު ކަމެވެ. އެމްޑީޕީ ނޫނީ ޑީއާރުޕީ (2008)، ޕީޕީއެމް ނޫނީ އެމްޑީޕީ (2013)، އެމްޑީޕީ ނޫނީ ޕީޕީއެމް 2018) އަދި ޕީޕީއެމް/ޕީއެންސީ ނޫނީ އެމްޑީޕީ (2023) އެވެ.
"ބައިވަރު ޕާޓީތައް ވާދަކުރިޔަސް ބައިނަރީ ޗޮއިސްއެއް ވީމާ މި ވާ ގޮތަކީ ރައްޔިތުންގެ ޕާސެޕްޝަނެއް ތިމަންނަމެން ކުޑަ ޕާޓީއަކުން ލާ މީހާއަށް ވޯޓު ދިނުމަކީ ބޭކާރުވެގެންދާ ވޯޓެކޭ،" އިޖްލާޒް ބުންޏެވެ.
"ވޯޓު މި ލާން ޖެހެނީ އެންމެ ގަދަ ދެ ޕާޓީގެ ތެރެއިން ކޮންމެވެސް އެއް ޕާޓީއެއްގެ މީހަކަށް."
ދެން މިހާރު އޮތް މައްސަލައަކީ، އޭނާ ބުނި ގޮތުގައި، ކުރިއަށް ވުރެ މާ ބޮޑަށް އިންތިހާބުތަކަށް ފައިސާގެ ނުފޫޒު ވަނުމެވެ. އެންމެ ރަނގަޅު ކެންޑިޑޭޓް ހޮވޭނެ ގޮތެއް ނެތުމުން ޒުވާނުން ވެސް ވަގުތުގެ ފައިދާ ނަގައި، ރިޝްވަތު ގަބޫލުކުރަނީ އެވެ. ސިޔާސީ މީހުންނަށް ޒުވާނުން ފެންނަނީ އިންތިހާބެއް ބޯމަތިވުމުން ކަމަށް ވާތީ، ގިނަ ޒުވާނުން ވެސް އެ ފަހަރު ލިބެން އޮތް އެއްޗެއް ބޭނުންކުރަނީ އެވެ. އެއީ ގޯސް ކަމަކަށް ވިޔަސް އުއްމީދެއް ނެތުމުން އެ މަގުން ހިނގެނީ އެވެ.
"ތިމަންނަމެން ކޮންމެ މީހަކަށް ވޯޓު ދިނަސް ތިމަންނަމެންނަށް ވާނެ ފައިދާއެއް ނެތޭ، ހަމަ އެއްކަމެކޭ ވާނީ. އެހެންވީމާ މި ވަގުތު ތިމަންނަމެންނަށް ލިބޭ އެއްޗެއް ނަގާނަމޭ، ހެވޭ ކޮންމެ މީހަކު ހޮވުނަސް،" ވޯޓު ލާއިރު ޒުވާނުން ގެންގުޅޭ ވިސްނުމާ ބެހޭ ގޮތުން އިޖްލާޒް ބުންޏެވެ.
އޭނާ ގަބޫލުކުރަނީ ރާއްޖޭގެ ނިޒާމް މިހާރު ބައްޓަންވެފައި އޮތީ ޒުވާނުންނަށް ވެސް އުއްމީދެއް ލިބޭ ގޮތަކަށެއް ނޫނެވެ.
ގައުމާ މެދު ޒުވާނުންގެ އުއްމީދު ގެއްލޭ ނަމަ އެއީ ބޮޑު މައްސަލައެކެވެ. އެކަމަކު ދައުލަތް ހިންގުމުގެ ނިޒާމް ބަދަލުކުރީ ފޮނި އުއްމީދުތަކާ އެކު އެވެ. އެ އުއްމީދުތައް ފުރިހަމަނުވާ ނަމަ ދެން އޮތީ ސިޔާސީ ދާއިރާއިން 'އޯލްޑް ގާޑް' ބޭރުކުރުމެވެ. ނަމަވެސް އެއީ ދެ ޕާޓީއެއްގެ ނުފޫޒު އޮތް އިންތިހާބީ މާހައުލެއްގައި ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
އެެހެންކަމަށް ވާ ނަމަ އިޖްލާޒްމެން ކަހަލަ ޒުވާނުންނަށް ދެން އޮތީ ކޮން ކަމެއް ހެއްޔެވެ؟
ބަލަން ތިބުމެވެ.
ކޮމެންޓް (4)
ޒޫބެ
ރޭސިންގްބޯއީ
ބާދލްޖީ
ސިކުނޑި