ދިވެހި ބަހުގެ ކުރިމަގާ ބެހޭ ގޮތުން ޑރ. އަލީ ޝަމީމް 'ދައުރު'ގެ ހާއްސަ ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދިވެހި ބަސް

ތިޔައީ ދިވެއްސެއްތަ؟ ދިވެހި ބަސް އެނގޭތަ؟

ބޮޑެތި ވަމުން އަންނަ ކުދިންގެ މެދުގައި ދިވެހި ބަހަށް ވުރެ އިނގިރޭސި ބަސް އާންމުވަމުން ދާ ކަމުގެ ކަންބޮޑުވުން އެބަ އޮތް. ޑރ. އަލީ ޝަމީމް ވިދާޅުވަނީ މާދަރީ ބަސް އެނގުމަކީ ކުދިންގެ ވިސްނުން ވެސް ތޫނުވާ ކަމެއް ކަމަށް
22 ޖުލައި 2024
2

މުހިންމު ނުކުތާތައް

ދިވެހިންގެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް ގެންގުޅުމަކީ ބޭރުގެ އިލްމުވެރިންނަށް ވެސް ހައިރާންކަމެއް

ދުނިޔޭގެ ވަރަށް މަދު ގައުމެއްގައި ނޫނީ އަމިއްލަ އަކުރެއް ނުގެންގުޅޭ. އެހެންކަމުން ތާނަ އަކުރަކީ ވަރަށް ތަފާތު އެއްޗެއް

ދިވެހި ބަހުން ކުށަކާ ނުލައި ވާހަކަ ދައްކާ ލިޔަން އެނގުމަކީ ދިވެއްސެއްގެ ހާއްސަ ސިފައެއް

އިއްތިފާގަކުން އެ ދެ އާއިލާއަށް ވަދެވުނީ އެއް ރެސްޓޯރެންޓަކަށް، ގާތްގަނޑަކަށް އެއް ވަގުތެއްގަ އެވެ. ދެ އާއިލާ ގޮސް އިށީނީ ކައިރިކައިރީގައި ހުރި ދެ މޭޒުގަ އެވެ. ދެ އާއިލާގެ ވެސް ތިބީ އުމުރުން ތިން އަހަރުގެ ދެ ފިރިހެން ކުދިންނެވެ.

ދެބައި މީހުން ދައްކާ ވާހަކަ އެއް ބަޔަކު އަނެއް ބަޔަކަށް އިވެ އެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ބުނާ އެއްޗެއް ބުނީ އިނގިރޭސި ބަހުންނެވެ. އަނެއް އާއިލާގެ ކުއްޖާ ބޭނުންވާ އެއްޗެއް މައިންބަފައިން ކައިރީ އަހަމުން، ބުނަމުން ދިޔައީ ދިވެހި ބަހުންނެވެ.

"ހާދަ ރީތިކޮށޭ އިނގިރޭސިން އެ ވާހަކަ ދައްކަނީ އެ ކުއްޖާ،" ފިރިމީހާ ކައިރީ މަޑުމަޑުން އަންހެނުން އެހި އެވެ.

އޭނާގެ ދަރިފުޅަށް އެގޮތަށް އިނގިރޭސިން ވާހަކަ ދައްކަން އަދި ނޭނގޭތީ މަންމަ ހުރީ ދެރަވެފަ އެވެ. އެއީ ބޭބީ ނާސަރީގައި އުޅެމުން އަންނަ ދަރިފުޅުގެ އުނި ކަމެއް ކަމަށް އޭނާއަށް ބެލެވުނެވެ.

ނަމަވެސް ބަހުގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ބުނާ ގޮތުގައި މާދަރީ ބަސް ދޫކޮށް ބޭރު ބަހަކަށް އިސްކަން ދިނުމުން އަސްލު ކުދިން މޮޅުވަނީކީ ނޫނެވެ. އެ އެޅެނީ އެއް ފިޔަވަޅު ފަހަތަށް ކަމަށް އެ މީހުން ބުނެ އެވެ.

ރަސްމީ ހަފުލާއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދަރިވަރުންތަކަކާ ސަލާންކުރައްވަނީ: ދިވެހި ބަހަށް ދޭން ޖެހޭ ސަމާލުކަން ބޮޑުކުރަން ޖެހޭ (ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ)

ރާއްޖޭގެ ޒަމާނީ ވަރަށް ގިނަ ބެލެނިވެރިން ދިވެހި ބަހުން ވާހަކަ ދެއްކުމުގެ ބަދަލުގައި ދަރިންނަށް ފުރަތަމަ ވެސް އިނގިރޭސި ބަސް ދަސްކޮށްދޭން ބޭނުންވެ އެވެ. ބޮޑެތި ވަމުން އަންނަ ކުދިންނަށް، އޭގެ ސަބަބުން، އަމިއްލަ ބަސް ރަނގަޅަށް ނޭނގުމުގެ ކަންބޮޑުވުން ވެސް ދަނީ މައްޗަށެވެ. އިނގިރޭސި ބަހުން ވާހަކަ ދެއްކުމަކީ ޒަމާނީ ސިފައަކަށް ވެ، މާދަރީ ބަހާ ދިވެހިން ދުރަށް ދެވޭކަން، ކުޑަކުދިންނާ ބައްދަލުވާ ކޮންމެ ތަނަކުން ވެސް އެނގޭނެ އެވެ.

'ދައުރު'ގެ ޕޮޑްކާސްޓް 'މޫސާ ލަތީފް'ގެ މި ހަފުތާގެ ޝޯގައި ދިވެހި ބަހުގެ ކުރިމަގާ ބެހޭ ސުވާލުތައް ދެންނެވީ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ދާއިރާއިން، ނިއު ޒީލެންޑްގައި ޕީއެޗު.ޑީ ނަންގަވާފައިވާ އަލީ ޝަމީމް (އެލިޝް)އާ އެވެ. ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައި މިހާރު ހުންނެވި އިލްމުވެރިޔާގެ ޒުވާން އުމުރުގެ ގިނަ އަހަރުތައް ހޭދަކުރެއްވީ ކެނެޑާ އާއި ނިއު ޒީލެންޑްގައި، މަތީ ތައުލީމް ހާސިލްކުރައްވާށެވެ. އެކަމަކު ދިވެހި ބަހަށް އޮތް ލޯބި އޭނާގެ ކިބައިން ފޮހެވިގެންނެއް ނުދިޔަ އެވެ. ބޭރުގައި އުޅުއްވި އިރު ގޭތެރޭގައި ދަރިން ވެސް ވާހަކަ ދައްކާ ހެދީ ދިވެހި ބަހުންނެވެ.

"ދިވެހި ބަހަށް އަހުލުވެރިނުވެ ދިވެއްސެކޭ ބުނުމަކީ ލަދުވެތިކަމެއް. ގައުމިއްޔަތުގެ އެންމެ ބޮޑު އަސާސަކަށް ވާން، އަމިއްލަ އެއްޗަކަށް ވާން މި އޮތީ ދިވެހި ބަސް،" ޝަމީމް ވިދާޅުވި އެވެ.

"އެހެންވީމާ ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގުމާއި ކުށްނުލާ އިބާރާތްކުރަން އެނގުމަކީ ވަރަށް ބޭންތެރިކަމެއް."

ދިވެހި ބަހަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް ފަހުރެއް

ބަހާ ބެހޭ ގޮތުން ޝަމީމްގެ ތަޖުރިބާ ވަރަށް ގިނަ އެވެ. ދިވެހި ބަހަށް ބޭރު މީހުންގެ ފަރާތުން ލިބުނު ތަރުހީބު ކައިރިން ދެކެވަޑައިގަތެވެ. އަމިއްލަ ބަހަކާއި އެ ބަހުން ލިއަން އަމިއްލަ އަކުރުތަކެއް އުފެއްދުމަކީ ދުނިޔޭގައި އާންމު ކަމަކަށް ނުވާތީ އެ ރޮނގުން ދިވެހިން ކުރިއަރާފައިވާ މިންވަރު އެނގިވަޑައިގަނެ އެވެ.

ނިއު ޒީލެންޑްގައި ޕީއެޗު.ޑީ ހެއްދެވި އިރު އޭނާގެ ޔުނިވަސިޓީން ފާހަގަކުރި ދުވަހެއްގައި ދިވެހި ދަރިވަރުންގެ ސްޓޯލް ހާއްސަކުރީ ދިވެހި ބަހަށެވެ. އޭރު ރާއްޖޭގައި ނެރުނު ގިނަ މަޖައްލާތަކާއި ދުވަހު ނޫސްތަކުން މޭޒު ފުރާލި އެވެ.

ރާއްޖޭގައި ކުރިން ނެރުނު އެންމެ ބޮޑު ނޫސް 'ހަވީރު'ގެ ސަފުހާއެއް: ތާނަ އަކުރަކީ ވަރަށް ހާއްސަ އެއްޗެއް

"އެއީ އެންމެ ގިނަ މީހުން ޒިޔާރަތްކުރި ސްޓޯލް. ހައިރާންވި އެމީހުން. ނިއު ޒީލެންޑަކީ ޕެސިފިކްގެ ހަބް. ޕެސިފިކްގެ އެއްވެސް ގައުމެއްގައި އަމިއްލަ ބަހެއް، އަކުރުތަކެއް ނޯވޭ،" ޝަމީމް ވިދާޅުވި އެވެ.

"ބައި މިލިއަން މީހުން ވެސް ހަމަނުވާ ގައުމެއްގައި ތި ހުރިހާ ނޫސްތައް ކިޔާ މީހުން އުޅޭހޭ، [ތިޔަ އެއްޗެހި] ހިނގާހޭ [ސުވާލުކުރި]. އަޅުގަނޑު ދެންނެވިން އާއެނކޭ، ގަވާއިދުން ނެރޭ މަޖައްލާތަކޭ، އަގުތަކޭ ޖަހާފައި އެހުރީ. އެމީހުން ހަމަ ހައިރާންވި. އެ ސިޓީގައި ނެރޭ ބޮޑު ނޫހުގައި އިންޓަނޭޝަނަލް ޑޭ ކަވަރޭޖް ދިންއިރު ޖަޕާނާއި މޯލްޑިވްސް ސްޓޯލް ރަނގަޅުވެގެން ދެ ގައުމުގެ ވާހަކަ ލިއުނު."

ދިވެހި ބަހުގެ ހާއްސަކަމުގެ މިސާލު ދެން އޭނާ ނެންގެވީ އދ. ޖަމާއަތުންނެވެ. އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ އަދަދު 200އާ ކައިރިކުރާއިރު، ޝަމީމް ވިދާޅުވި ގޮތުގައި، އަމިއްލަ ބަހަކާއި އަކުރުތަކެއް ގެންގުޅެނީ ގާތްގަނޑަކަށް 60 ގައުމެއްގަ އެވެ. އދ.ގެ ތެރޭގައި ހިމެނޭ ރާއްޖެ ފަދަ ކުދި ގައުމުތައް އެކުލެވޭ ސްމޯލް އައިލެންޑްސް ޑިވެލޮޕިން ސްޓޭޓްސްގައި ގާތްގަނޑަކަށް 53 ގައުމު އޮންނަ އިރު އޭގެ ތެރޭގައި އަމިއްލަ ބަހަކުން ވާހަކަ ދައްކާ އަދި އެ ބަހުގައި އަމިއްލަ އަކުރުތަކެއް ބޭނުންކުރާ ގައުމެއް، ރާއްޖެ ނޫނީ، ނެތެވެ. މިއީ ދިވެހިން ފަހުރުވެރިވާން ޖެހޭ ފަދަ ގައުމީވަންތަކަމުގެ ތަފާތު ސިފައެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ރަށެއްގައި ބަޔަކު ރާޒުވާ ކުޅެނީ: ދިވެހި ބަހަކީ ދިވެހިންގެ ވަރަށް މޮޅު އުފެއްދުމެއް

"ޕެސިފިކަށް ބެލިޔަސް މުޅިން ވެސް އިނގިރޭސި ބަސް ބޭނުންކުރާނީ. ލިއުމަށް ބޭނުންކުރާނީ އޭބީސީ،" ޝަމީމް ވިދާޅުވި އެވެ.

"ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިންޑޮނީޝިއާ ނޫނީ މެލޭޝިއާގައި ވެސް ނެތެއް ނޫންތޯ އަމިއްލަ އަކުރެއް. އެމީހުން ވެސް [ލިޔާއިރު] އޭބީސީ މި ބޭނުންކުރަނީ."

ޔުނެސްކޯއިން މާދަރީ ބަސްތަކާ ބެހޭ ފޮތެއް 1991ގައި އދ. ގައި ނެރުނެވެ. އޭރު އދ. ގައި ރާއްޖެ ތަމްސީލްކުރެއްވީ އަލްމަރުހޫމް އަހުމަދު ޒަކީ އެވެ. އެ ފޮތުގެ ބޭރުގަނޑުގައި، ޒަކީގެ އަތްޕުޅުން ލިއުއްވި 'ސުލްހަ' މި ލަފުޒު ހިމެނި އެވެ. 

އެ ފެނިފައި "އަޅުގަނޑު ވަރަށް އުފާވި. ހިތަށްއެރި ކުޑަކުޑަ ދިވެހި ރާއްޖޭގައި ވެސް އެބަ ހުއްޓޭ ފަހުރުވެރިވުން ހައްގު ކަންކަން،" ޝަމީމް ވިދާޅުވި އެވެ.

ފެންނަނީ އުފާވެރި މަންޒަރުތަކެއް

ގައުމީ ނަޒަރަކުން ވިސްނާލާ ނަމަ މި މިސާލުތަކުން ހިތަށް ލިބޭނީ އުފާވެރިކަމެވެ.  އެކަމަކު މިއަދު އިނގިރޭސި ބަސް ދިވެހިންގެ ސިކުނޑިއަށް ވަންނަލެއް ފަސޭހަކަމާ އެކު އަމިއްލަ ބަހަށް ނުފަރިތަ ޖީލެއް ދަނީ އުފެދެމުންނެވެ. ބައެއް ސްކޫލްތަކުގެ ހުރިހާ ރަސްމިއްޔާތެއްގައި ބޭނުންކުރަނީ އިނގިރޭސި ބަހެވެ. މާދަރީ ބަހުގެ ދުވަސް ފާހަަގަކުރާ އިރު ވެސް ބައެއް ސްކޫލްތަކުން ފެންނަނީ ދިވެހި ބަހަށް ވުރެ އިނގިރޭސި ބަހަށް އިސްކަންދޭ ތަނެވެ.

އެކަމަކު ޝަމީމަކީ ނާއުއްމީދަށް ވުރެ އުއްމީދީ ނަޒަރަކުން ކަންކަމާ މެދު ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ކުރިއެރުމެއް އޮތީ އިނގިރޭސި ބަހަށް މޮޅުވީމައޭ ގަބޫލުކުރާ ބަޔަކު އުޅެ އެވެ. އެކަމަކު ހަމައެކަނި އިނގިރޭސި އެނގުމަކީ، އޭނާ ވިދާޅުވި ގޮތުގައި، "މީހެއްގެ ތޫނުފިލިކަމަށް ވެސް، ބަސްކޮށާރަށް ވެސް ފަގީރު ކަމެކެ"ވެ. 

ދިވެހި ތައުލީމީ ޒުވާނުން: އަމިއްލަ ބަހުން ވާހަކަ ދެއްކުން ދޫނުކޮށް ކުރިއަށް ދިއުމަކީ މޮޅު ކަމެއް

ދިވެހި ބަހުގެ ކުރިމަގާ މެދު ސުވާލު އުފެދޭ ނުވަތަ ކަންބޮޑުވާ މީހުންނަށް ޝަމީމްގެ އޮތީ ޖަމާލުއްދީން ސްކޫލަށް އޭނާ ކުރެއްވި ޒިޔާރަތެއްގެ ހަނދާންތަކެވެ. އެއީ ގްރޭޑް 1-3އާ ދެމެދުގެ ކުދިންގެ ވާހަކަ ދެއްކުމުގެ މުބާރާތެއްގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެކެވެ.

"މުޅި ހޯލް ފުރިފައި އޮތީ ބެލެނިވެރިންތަކުން. ވަރަށް ފަށުއިކޮށް ތުއްތުކުދިން ދިވެހި ބަހުން ވާހަކަދައްކަމުން ގެންދިޔައީ، އެކި މައުލޫއުތަކަށް،" އޭނާ ވިދާޅުވި އެވެ.

"އެ ހިސާބުން އެނގިއްޖެ މިއަދުގެ ބެލެނިވެރިން ދިވެހި ބަހަށް އިސްކަން އެެބަ ދޭކަން،" ޝަމީމް ވިދާޅުވި އެވެ.

ދެން އޭނާގެ އޮތީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއަށް ދިވެހި ބަސް ވައްދައި، އޭގެ ފަސޭހަތައް ހޯދައިދޭ ޒުވާނުންގެ ވާހަކަ އެވެ. މިފަހުން ދިވެހި ޗެޓްޖީޕީޓީ ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ. މިއީ އަދި އޭގެ ފެށުން ކަމަށް ވާތީ، އިނގިރޭސި ޗެޓްޖީޕީޓީއާ އެއްވަރު ނުވެދާނެ އެވެ. ނަމަވެސް ދިވެހި ޒުވާނުންތަކެއްގެ މަސައްކަތުން އާޓިފިޝަލް އިންޓެލިޖެންސް ދެނެގަންނަ އެއްޗަކަށް ދިވެހި ބަހާއި އަކުރުތައް ހެދުމަކީ، ގައުމީ ތަރިކައަށް ލިބުނު އިތުރު ހިމާޔަތެކެވެ.

މިދިއަ ރޯދަމަހު އުރީދޫން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި ބަހުސްކުރުމުގެ މުބާރާތުގެ ޓީމެއް: ދިވެހި ބަހަކީ ސާދާ އެކަމަކު މޮޅަށް ބޭނުންކުރެވިދާނެ ބަހެއް --ފޮޓޯ/އުރީދޫ

ޝަމީމް ވިދާޅުވި ގޮތުގައި، ޗެޓްޖީޕީޓީ ފަދަ ކުރިއެރުންތަކާ އެކު، ދިވެހި ބަސް ދެން އުވިގެންނެއް ނުދާނެ އެވެ. އެކަމަކު އަދިވެސް ގިނަ ކުޑަކުދިން އަމިއްލަ ބަހަށް ވުރެ އިނގިރޭސި ބަހަށް ދޭ އިސްކަން ބަލަން ޖެހޭނީ ބަހުގެ ކުރިމަގަށް އޮތް ގޮންޖެހުމެއްގެ ގޮތަށެވެ. ސްކޫލެއްގައި އޮންނަ ވާހަކަ ދެއްކުމުގެ މުބާރާތެއްގެ ތެރެއިން ފެންނަ ތަރުހީބަކީ އަދި އޭގެ ހަގީގަތް ކަމަށް ބެލޭކަށް ނެތެވެ. ދަރިވަރު ސްޓޭޖުން ފައިބައިގެން ގޮސް ދެން ވަންނަ މާހައުލުގައި އަމިއްލަ ބަހަށް ވުރެ އިނގިރޭސި ބަހަށް ދޭ ސަމާލުކަން ބޮޑުވެއްޖެ ނަމަ ނަތީޖާއަކަށް ވާނީ ކުރިމަގުގެ ޖީލަށް ގައުމުގެ އެންމެ މުހިންމު ތަރިކައާ ދުރަށް ދެވުމެވެ.

ދިވެހި ބަހަކީ ދިވެހިންގެ ވަރަށް ހާއްސަ ސިފައެކެވެ. އެއާ މެދު ފަހުރުވެރިވުން ހައްގު އަމިއްލަ އުފެއްދުމެކެވެ. އޭގެ ޅެންބަހުރުވަ އެހާމެ ރީއްޗެވެ. ސާދާ އެކަމަކު ނަލަކޮށް ލިއެލެވެ އެވެ. މިވަރުގެ ތަފާތު ވަންތަކަމެއް ގައުމަކަށް ލިބުމަކީ ގައުމީ ޝަރަފެއް ވެސް މެ އެވެ. އެހެން ގިނަ އާބާދީތަކަށް ވުރެ ދިވެހިންގެ އުފެއްދުންތެރި ވިސްނުން މޮޅުކަން ވެސް ދައްކައިދެ އެވެ.

"ހަގީގަތުގައި ދިވެއްސަކަށް ފުރިހަމަޔަކަށް ނުވެވޭނެ އޭނާގެ އެންމެ މާދަރީ، ފަހުރާއި  ޝަރަަފެއް ކަމަށްވާ ދިވެހިންގެ އަމިއްލަވަންތަ ދިވެހި ބަހާއި އަދި ތާނަ އަކުރުން ލިޔަންކިޔަން ނޭނގޭ މީހަކަށް،" ޝަމީމް ވިދާޅުވި އެވެ. 

މި ރިޕޯޓް ފެށުމުގައި ދެއްކި މިސާލަށް ޖެހިލަމާ ހިނގާށެވެ. ތިން އަހަރުގެ ދަރިފުޅަށް  ފުރަތަމަ ދިވެހި ބަސް ދަސްކޮށްދޭ އާއިލާ އެ ދަނީ ރަނގަޅު މަގުންނެވެ. އެއީ ކުއްޖާގެ ތޫނުފިލިކަން ވެސް ބޮޑުކޮށްދޭނެ ކަމެކެވެ. ކުއްޖާ ބޮޑުވާއިރު އަމިއްލަ ނަފުސަށް ވެސް ފަހުރުވެރިވެވޭ ފަދަ ސިފައެއް އޮންނާނީ އަށަގެންފަ އެވެ.

އަމިއްލަ ބަސް ދޫނުކޮށް އޭގައި ހިފެހެއްޓުމުން ލިބޭނެ ގެއްލުމެއް ނެތެވެ. އެ ވާނީ އިތުރު ކުރިއެރުމަކަށެވެ.

ކޮމެންޓް (2)

ބަސްދޮންބެ

22 ޖުލައި 2024
ބަހާއި ސަގާފަތާއި ދީން ކުރިއަރުވަންޖެހޭ ބަޔަކީ މިއިލްމުގެ އަހުލުވެރިން.ކަލޭމެންގެ ވާޖިބު އަދާނުކުރުމުގެ ހެކި މިއަދު ފެނިގެން މިދަނީ.ދޭތެރެއަކުން އަރާ މޮޅެތި ވާހަކަ ނުދައްކާ ޒިންމާވެބަލަ މިކަންތަކާ.
1 1

ޢައްޕަ

22 ޖުލައި 2024
ސިވިލް ސާރވިސް ވަޒީފާތަކަށް މީހުންނަގާ އިރުވެސް ދިވެހިބަހުން ވާހަކަ ދައްކަން ޖެހޭ ބަސްދީގަތުމެއްގައި ،ދިވެހި ލަފުޒެއް އޮއްވައި އިނގިރޭސި ބޭނުން ކޮއްފިނަމަ ޕޮއިންޓް ކަނޑަން ޖެހޭނެ
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް