ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުން ރޭ، ހަކީމަތު ގުރުއާން ހިތުދަސްކުރުމުގެ ތާޖު އަޅުއްވައި، ސަނަދާ ހަވާލުވަނީ
އުމުރުން 71 އަހަރު؛ ސާބިތުކޮށްދިނީ ގުރުއާން ހިތުދަސްކުރަން އުމުރެއް ނެތްކަން
ހާފިޒާއަކަށް ވުމަކީ ހަކީމަތު މުހައްމަދުގެ ހަޔާތުގައި އެންމެ ބޮޑު އުއްމީދެވެ. ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތަށް އެތައް އަހަރެއްވެ، އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެންމެ ފަހުން އޭނާ ވަނީ އެކަން ކޮށްފަ އެވެ. އުމުރުން 71 އަހަރުގައި މި އަހަރު އޭނާ ގުރުއާން ހިތުދަސްކޮށް، ހާފިޒާކަމުގެ ތާޖު ބޮލުގައި އެޅިއިރު، ހަކީމަތު ސާބިތުކޮށްދިނީ އުމުރަކީ އެކަމަށް އޮތް ހުރަހެއް ނޫންކަމެވެ.
"ގަދައަޅައި މަސައްކަތްކޮށްފިއްޔާ 90 އަހަރުގައި ވެސް ގުރުއާން ހިތުދަސްކުރެވިދާނެ،" ފުވައްމުލަަކަށް އުފަން ހަކީމަތު ބުންޏެވެ.
ފަސް ކުދިންގެ މަންމަ ބުނި ގޮތުގައި، ގުރުއާން ހިތުދަސްކުރުމަށް އޭނާ އަޒުމު ކަނޑައެޅީ، ކުދިން ބޮޑެތިވެ، ގޭގައި ގިނަ ވަގުތުތަކެއް ހުސްކޮށް އިންނަން ޖެހުމުންނެވެ. އޭރު އޭނާގެ އުމުރުން 50 އަށް ވުރެ މަތިވެއްޖެ އެވެ. ރަށުގެ މިސްކިތެއްގައި ހިންގި ގުރުއާން ކްލާހެއްގައި ބައިވެރިވެގެން ތިން އަހަރާއި ބައިގެ ތެރޭގައި ހަކީމަތު ގުރުއާން އެއްކޮށް ހިތުދަސްކޮށް ނިންމާލައިފި އެވެ. އެކަމަކު ސަނަދު ނުނެގި އުޅެނިކޮށް ދެން ޖެހުނީ އަނެއްކާވެސް މައެއްގެ ޒިންމާ ނަގާށެވެ.
ހަކީމަތު ބުނި ގޮތުގައި، ރަށު ސްކޫލުގެ ވަޒީފާގައި އުޅޭ އޭނާގެ ދޮށީ އަންހެންދަރިފުޅަށް ރާއްޖޭން ބޭރުގައި ކިޔެވުމުގެ ފުުރުސަތު ލިބުމުން، މާމަ ދަރިން ބެލުމުގެ ޒިންމާ ނެގީ އޭނާ އެވެ. އޭރު 6 އަހަރާއި 7 އަހަރުގެ ދެ ކުދިންގެ ހުރިހާ ކަމަކީ އަމާނާތެއްގެ ގޮތުގައި ދެކިގެން އޭނާ ހަވާލުވި އެވެ.
"އަޅުގަނޑުގެ ދަރިފުޅު ބުނި މަންމަގެ ކިޔެވެއްޔަށް ކިހިނެއްހޭ ހަދާނީ. އަޅުގަނޑު ބުނިން ކުދިންނަށް ކުރިއެރުން ލިބޭނީ މައިންބަފައިންގެ އެއްބާރުލުން ލިބިގެންނޭ. މަންމަގެ ކަމަކާ ނުވިސްނައި ދަރިފުޅު ކިޔަވައި ނިންމައިގެން އަންނާށޭ،" ހަކީމަތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ހަތަރު އަހަރެއްހާ ފަހުން ދަރިފުޅު ކިޔެވުން ފުރިހަމަކޮށްފައި އައިއިރު އޭނާ ވާނީ މާމަ ދަރިންނަށް "ލިޔަންކިޔާށާއި އަދަދު އެއްކޮށް ގުނަކުރަން" ދަސްކޮށްދީފަ އެވެ.
ގުރުއާން ހިތުދަސްކުރުމުގެ ދަތުރު އަނެއްކާވެސް އޭނާ ފެށީ އެހާ ހިސާބުންނެވެ. ގަވައިދުން މުރާޖައާ ނުކުރެވޭތީ އޭރު އޭނާއަށް ޖެހުނީ އަނެއްކާވެސް ގުރުއާން ކިޔެވުން އަލުން ފަށާށެވެ. އެކަމަކު ފަސް ފޮތް ދަސްކުރެވުނުތަނާ ހަގު އަންހެން ދަރިފުޅު ވެސް ރާއްޖޭން ބޭރަށް ކިޔަވަން ދާން ފުރުސަތު ލިބި، އޭނާގެ ދޮޅު އަހަރުގެ ދަރިފުޅު ބަލަން ޖެހުނެވެ.
ހަކީމަތު ބުނި ގޮތުގައި، ކުޑަކުއްޖަކު ބަލަމުން، ގޭގެ ހުރިހާ ކަމެއް ކުރަމުން ފިރިމީހާގެ ޒިންމާ ނެގުމަކީ އެ އުމުރުގައި ފަސޭހަކަމެއް ނޫނެވެ. އެކަމަކު އޭރު އޭނާގެ ހުރިހާ ވެސް އުއްމީދަކަށްވެފައި އޮތީ، ދަރިންނަށް ފެހި މުސްތަގްބަލެއް ދައްކައި އެކަމަށް މަގުފަހިކޮށްދިނުމެވެ.
"އެކަމަކު ހަގު ދަރިފުޅު ޗައިނާއިން އައީމަ އަޅުގަނޑު ބުނެފިން ދެން މަންމަ ދޫކޮށްލާށޭ. ދެ ކުދިންނަށް ވެސް މަންމައަށް އެހީތެރިވެވިއްޖެއެއް ނޫންހޭ،" ހަކީމަތު ބުންޏެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ހިންގާ ގުރުއާން ކްލާސްތަކުގައި އޭނާ ބައިވެރިވެ، ތިން ވަނަ ފަހަރަށް ގުރުއާން ހިތުދަސްކުރަން ފެށީ އެހާ ހަމައިންނެވެ. މުޅި ގުރުއާން ހިތުދަސްކޮށް، އޭނާއަށް ސަނަދު ހާސިލް ކުރެވުނީ ފަސް އަހަރުންނެވެ.
ހަކީމަތު ބުނި ގޮތުގައި، އޭނާ އެންމެ ބޮޑަށް ގުރުއާން ހިތުދަސްކުރަނީ ދަންވަރުގެ ވަގުތުގަ އެވެ. ދަންވަރު 2 ޖަހާއިރު ހޭލާފައި، ދަމު ނަމާދަށް ފަހު ގުރުއާން ކިޔަވަން ފަށަނީ 3 ޖަހާއިރު އެވެ. އެގޮތަށް އޭނާ ފަތިސްވާންދެން އިނދެ އެވެ. ފަތިސް ނަމާދަށް ފަހު ކިޔެވުން ފަށާ ގޮތަށް ހެނދުނު 7:30 ވަންދެން އޭނާ އެގޮތުގައި އިނދެ އެވެ.
"7:30 ވުމުން އަޅުގަނޑު އިރުކޮޅަކު ނިދާލަނީ. ދެން ތެދުވެ ގޭތެރޭގެ މަސައްކަތްކޮށް، ކައްކާ، ގޭދޮށް ކުނިކަހާ ހެދުމަށް ފަހު އަނެއްކާވެސް މެންދުރު ފަހުން ކިޔަވަން ފަށަނީ،" ހަކީމަތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ގުރުއާން ހިތުދަސްކުރުމަށް އޮތް ޝައުގެއްގެ ބޮޑުކަމުން ރޭގަނޑު ނިދާހޭލެވޭ އިރު ވެސް ދޫމަތީގައި އޮންނަނީ ކޮންމެވެސް އާޔަތެކެވެ. ގޭދޮށް ކުނި ކަހަން ހުރެވެނީ ވެސް ހިތުން ގުރުއާން ކިޔަވާލަ ކިޔަވާލާ ކަމަށް ބުންޏެވެ.
"މިކަމަށް ވަރަށް ގޮންޖެހުންތައް ކުރިމަތިވި. އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ މިކަމެއް ނުވާނެއޭ. ސިކުނޑި އަބަދުވެސް ބުނޭ ވާނެއޭ، މިކަން ކުރާށޭ،" ހަކީމަތު ބުންޏެވެ.
އޭނާއަށް ގުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ތާޖު ބޮލުގައި މި އަޅާލެވުނީ އެކަން ފެށިތާ ވިއްސަކަށް އަހަރު ފަހުންނެވެ. އެކަމަކު ހިތްވަރު ދޫނުކޮށް، ސާބިތުވެ ހުރުމުގެ ނަތީޖާއަކަށްވީ، މިފަހުން ގުރުއާން ހިތުދަސްކުރި އެންމެ ދޮށީ މީހާގެ ވެސް ލަގަބު އޭނާއަށް ލިބުމެވެ.
މިއަދު އޭނާއަކީ ޒިންމާދާރު ވަޒީފާތަކުގައި އުޅޭ ހަތަރު ދަރިންގެ މަންމަ އެކެވެ. ފަސް ކުދިންގެ ލޯބިވެތި މާމަ އެކެވެ. މިހާރު މިވަގުތު ވެސް، ފިރިމީހާއަށް ހޭހަންކުރަންއިން އޯގާތެރި އަތްނބެކެވެ. އެއަށް ވުރެ ބޮޑަށް، ގުރުއާން ހިތުދަސްކޮށްގެން އިން ހާފިޒާ އެކެވެ.
"އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގިފައި މި އިންނަނީ،" ހަކީމަތު ބުންޏެވެ.
ކޮމެންޓް (9)
ހަމީދު
ބަޗީ
ނާނު
ޚާދިމުކުމް
ދަރިއެއް
ސަނައްޓޭ
އެދުރު ބެ
ޙުސައިން
ޔުމް