ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ހުސައިން 'ދައުރު'ގެ ޕޮޑްކާސްޓްއަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މުސާރަ

ެމެމްބަރުން ވެސް މަހުގެ މެދަކާ ހަމައިން 'ބަނގުރޫޓުވޭ'

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ ބޮޑު ނޫން ކަމަށް. މައްސަލައަކަށް ވެގެން އުޅެނީ އާންމު އެހެން މީހުންގެ މުސާރަ މާ ކުޑަވުން
15 ޖުލައި 2024
8

މުހިންމު ނުކުތާތައް

ބައެއް މެމްބަރުންގެ މުސާރައިން އަމިއްލަ ހަރަދުތަކަށް ގިނަ މަސްމަހު 50،000ރ. ވެސް ނުލިބޭ

މެމްބަރުންގެ އެހީތެރިކަން ރައްޔިތުން ހޯދަނީ ހަގީގަތުގައި ވެސް ހާލުގައި ޖެހިގެން

ދައުލަތުގައި މުސާރަ ބޮޑު އެހެން މީހުންގެ ވާހަކަ ނުދައްކާ މެމްބަރުންގެ ވާހަކަ ދައްކަނީ އެއީ ރައްޔިތުން ހޮވާ ބަޔަކަށް ވާތީ

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މަހަކު ލިބޭ 82،500ރ.ގެ މުސާރަ ބޮޑުކުރަން އުޅޭ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އާންމުން އަރަނީ ރަތަށެވެ. އެހާ ހިސާބުން ރައްޔިތުންގެ މަޖިލިހުގެ ހައިބަތު ވެސް ގެއްލި، އޮންނާނީ މެމްބަރުންނަށް ފާޑުކިޔުމާއި އަގުވައްޓާލުމެވެ.

މި ފަހުން ރައްޔިތުންގެ މަޖިލިހުގައި އެ ބަހުސް ފެށުމުން ވެސް ސޯޝަލް މީޑިއާ ފުރުނީ މެމްބަރުންނަށް ޖެހި ހަޖޫތަކުންނެވެ. ތެދެކެވެ. މަހަކު 82،500ރ.ގެ އާމްދަނީއަކީ ރާއްޖޭގެ ނިސްބަތުން ބޮޑު އެއްޗެކެވެ. ނަމަވެސް މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ 'ލިބޭ މުސާރަ ކުޑަ' ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އައިމަ އެނގިވަޑައިގަންނަވާނެ މަޖިލީހުގެ މެންބަރުންގެ ޒިންމާތަކަކީ ކޮބައިކަން. ރައްޔިތުންނާ ގާތުން ހިދުމަތްކުރާ މެންބަރަކު އަތަކު ނޯންނާނެ ލޯ ލާރިއެއް ވެސް،" 2 ޖުލައިގައި އޮތް ބަހުސްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރުކަން 2014 އިން 2024އަށް ކުރެއްވިއިރު އަލީ ހުސެއިންގެ ތަޖުރިބާތައް ވެސް ބޮޑަށް އޮތީ ޝުޖާއު އެ ވިދާޅުވި ގޮތަށެވެ. މިއަދު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލިހުން ބޭރުގައި، އެފަދަ ބަހުސްތައް އަޑުއައްސަވާށެވެ. މަޖިލިސް މެމްބަރުންގެ މުސާރައާ މެދު އާންމުންގެ ފާޑުކިޔުން އަމާޒުވަނީ، އަލީ ގަބޫލުކުރައްވާ ގޮތުގައި، އެ މުސާރަ ބޮޑުވުމަށް ވުރެ އާންމު ގިނަ މީހުންގެ މުސާރަ ކުޑަވުމާ އެކު އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މެމްބަރުންގެ މުސާރަ ކަނޑައަޅަނީ އަމިއްލައަށް (ފޮޓޯ/ މަޖިލިސް)

'ދައުރު'ން އަލަށް ފަށާ 'މޫސާ ލަތިީފް' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އަލީ ވަނީ މަޖިލިހުގެ މެމްބަރުންގެ މުސާރަ އާއި އާންމު ގިނަ މީހުންގެ އާމްދަނީއާ ހުރި ފަރަގު ބޮޑުވުމުގެ މައްސަލައަށް ވަރަށް ތަފުސީލުކޮށް ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑު ގަބޫލެއްނުކުރަން އެއީ [މެމްބަރުންނަށް ލިބެނީ] ބޮޑު މުސާރައެއް ކަމަކަށެއްއެހެން ނަމަވެސް ނިސްބީ ގޮތުން އެހެން ބަޔަކާ [އަޅާބަލައިފި] ކަމަށް ވާ ނަމަ އެއީ  ބޮޑު މުސާރައެކޭ ބުނެވިދާނެ،" މަޖިލިހުގެ މެމްބަރުންގެ މިހާރުގެ މުސާރަ ހަމަޖެއްސި ފަހުން ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އިންފްލޭޝަނަށް އައި ބަދަލާއި ތަކެތީގެ އަގަށް އައި ބަދަލުތަކަށް ނިސްބަތްކުރައްވާ އަލީ ވިދާޅުވި އެވެ.

"އެހެންވީމާ ހަގީގަތުގައި ދިމާވެގެން މި އުޅޭ މައްސަލައަކީ މުސާރައިގެ ފަރަގު ބޮޑީ. އެއީ ދައުލަތަށް މަސައްކަތްކުރާ މީހުންގެ [މެދުގައި] މުސާރައިގެ ފަރަގު މާ ބޮޑީ. އޭގެ މާނައަކީ ދަށް ފަންތީގެ މީހުންނަށް ލިބޭ މުސާރަ މާ ކުޑައީ."

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރައަށް ތާރީހީ ނަޒަރެއް

  • 1980: 260ރ

  • 1983: 400ރ

  • 1988: 525ރ

  • 1990: 2،000ރ

  • 1999: 4،700ރ

  • 2005: 7،200ރ

  • 2006: 19،000ރ

  • 2008: 42،500ރ

  • 2011 :82،500ރ (މުސާރަ: 42،500ރ. ލިވިން އެލަވަންސް: 40،000ރ. ކޮމިޓީ އެލަވަންސް: 20،000ރ)

އާންމުން ކިތައްމެ ހިތްހަމަނުޖެހުނަސް ޝުޖާއުގެ ބައެއް ވާހަކަތަކުގައި ހަގީގަތްތަކެއް އެބަ ހުއްޓެވެ. 'ރައްޔިތުންނާ ގާތުން ހިދުމަތްކުރާ މެންބަރުގެ އަތަކު ލޯ ލާރިއެއް ވެސް' ނޯންނާނެ ކަމަށް ވިދާޅުވި ވާހަކައަކީ ތެދެކެވެ. މެމްބަރުންގެ އަތުން ކޮންމެ މަހަކު ވެސް އެހީގެ ގޮތުގައި އެތައް ހާސް ރުފިޔާއެއް ހޭދަކުރަން ޖެހެ އެވެ.

މިދިއަ 10 އަހަރުގެ ތެރޭގައި އަލީއަށް ކުރެއްވުނު ތަޖުރިބާގައި، 82،500ރ.ގެ ތެރެއިން އޭނާގެ އަމިއްލަ ބޭނުމަށް ހޭދަކުރައްވަން ލިބިވަޑައިގަތީ ކިހާ ވަރެއްތޯ ސުވާލު ދެންނެވުމުން ވިދާޅުވީ ގިނަ މަސްމަހު 'އަމިއްލައަށް ހަރަދުކޮށްލަން 50،000ރ. ވެސް ނުލިބޭ' ކަމަށެވެ.

"މަހުގެ 15 ނޫނީ 20 ހިސާބަށް އަންނަ އިރުގައި، ޑީޓައިލަަށް، ތަފުސީލަށް ދިއުމުގެ ބޭނުމެއް ނެތް، ހަގީގަތުގައި މީހާ އިންނަނީ ބަނގުރޫޓްވެފައި. ހަމަ އާދައިގެ މީހާއަށް ވާ ގޮތަށް،" އަލީ ވިދާޅުވި އެވެ. 

އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ޕީއެންސީން ބޭއްވި ހިނގާލުން (ފޮޓޯ/ ޕީޕީއެމް)

މުސާރައިގެ ބޮޑު ބައެއް އެކި މީހުންގެ އެކި ކަންކަމަށް ހޭދަކުރެއްވުމަކީ، ގިނަ މެމްބަރުންގެ އާދައަކަށް އޮންނަނީ ވެފަ އެވެ. އެކި ކަންކަމުގައި މެމްބަރުން ކައިރިއަށް އާންމު މީހުން ދަނީ، ގިނަ ފަހަރަށް، ހަމަ ގޮތެއް ނެތިގެންނެވެ. ޝުޖާއު އެ ވިދާޅުވާ 'ގާތް ގުޅުން' ބާއްވާ މެމްބަރުން ދީލަތި ވެސް މެ އެވެ. އަލީ ވެސް އެކަމަށް އެއްބަސްވެވަޑައިގަނެ އެވެ. އެހީއަށް އެދި މީހުން ދާނީ އެ ގުޅުން އޮތީމަ އެވެ. އެހެންކަމުން ހާލުގައި ޖެހިގެން މެމްބަރު ކައިރިއަށް ދާ މީހާއަށް އެއްޗެއް ދިއްކޮށްލައްވާ މެމްބަރު، އެއީ މަހުޖަނެއް ނޫން ނަމަ، މަހުގެ މެދާ ހިސާބުން 'ބަނގުރޫޓުނުވެ' ނުހުންނާނެ އެވެ.

އާންމު މީހާ "މާލެއަށް އައިސް ބޭސްފަރުވާއަށް ދެތިން ދުވަހު މަޑުކޮށްލަން ޖެހުނަސް ހަގީގަތުގައި އެމީހުންގެ އަތުގައި ނޯންނާނެ އަމިއްލައަށް ސާވްކޮށްފައި މާލޭގައި ހަތަރު ދުވަހު ނޫނީ ހަފުތާއެއް ވަންދެން ބޭސްފަރުވާ ކޮށްލަން ހޭދަކުރެވޭ ވަރުގެ އެއްޗެއް ރައްކާކުރެވިފައެއް،" އަލީ ވިދާޅުވި އެވެ.

"ސވިލް ސާވިސްގައި މަސައްކަތްކުރާ މީހެއް ނޫނީ މަހަށް ދާ މީހެއްގެ އަތުގައި ވެސް [ނޯންނާނެ]. މިއީ ހަގީގަތް."

އަސްލު މައްސަލަ އޮތީ އޮތް ތަނުގައި

ރާއްޖޭގެ ހުރިހާ ހިސާބަކުން ރައްޔިތުން މާލެއަށް އަންނަން މިޖެހެނީ، އަލީ ގަބޫލުކުރައްވާ ގޮތުގައި، މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން ވެސް އަސްލު މައްސަލައަށް ހައްލެއް ހޯއްދަވަން ނޫޅުއްވުމުންނެވެ. އަސްލު މައްސަލައަކީ މާލެ ތޮއްޖެއްސުމެވެ. ހުރިހާ ކަމެއް މާލޭގައި ކުރެވޭނެ ގޮތަށް ގައުމުގެ މައިގަނޑު ސިޔާސަތު ކަނޑައެޅި، އެގޮތަށް ހިނގަމުން ދިއުމެވެ.

އަލީގެ ބަހުން ނަމަ 'މިދިއަ 50 އަހަރު މާލެ ތޮއްޖެއްސީ' އެވެ. މި ތޮއްޖެއްސުމާ އެކު މާލެ ސަރަހައްދުގައި ހުރިހާ އެއްޗެއްގެ އަގު ވެސް އެހާމެ ބޮޑެވެ. މިސާލު ދައްކަވަމުން އަލީ ނެންގެވީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ހެދި ސާވޭއެއްގެ ނަތީޖާ އެވެ. އެ ސާވޭއިން  ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އުޅޭ އާއިލާއަކުން މަހަކު މަދުވެގެން 45،000ރ. ހޭދަކުރެ އެވެ. ތިން ކޮޓަރި އެ އަންނަނީ އާއިލާއެއްގައި އާންމުކޮށް މަދުވެގެން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރެފައި، ދެމަފިރިންނަށް ވަކި ކޮޓަރިއެއް ބޭނުންވާނެ ކަަމަށް ބަލައިގެންނެވެ. އެކަމަކު އެއަށް ވުރެ މާ ހާލުގައި ވެސް އެތައް ބަޔަކު އުޅެ އެވެ.

މާލެއަށް ތޮއްޖެއްސުމުގެ ސިޔާސަތަށް އެއްވެސް އިރަކު ބަދަލެއް ނާދޭ (ފޮޓޯ/ގޫގަލް)

"އެ ހަރަދު ފޫނުބެއްދޭ ކަމަށް ވަންޏާމު ދެން ހިނގާނީ ގޯސް ކަންތައް. އެ ވަރިހަމަ ޔުނީފޯމް އެޅި ބޮޑީއެއްގައި މަސައްކަތް ކުރާ މީހަކަށް ވިޔަސް، އެ ވަރިހަމަ ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހަކަށް ވިޔަސް. ބައިވަރު މައްސަލަތަކެއް އެއިން ނުކުންނާނީ 45,000ރ. ނުލިބޭ ކަމަށް ވަންޏާ،" ކޮރަޕްޝަނާއި ނާޖާއިޒް ފައިދާ ނެގުމުގެ މައްޗަށް އިޝާރަތްކުރައްވާ އަލީ ވިދާޅުވި އެވެ.

އެކަމަކު މާލެ ތޮއްޖެސުމުގެ ސިޔާސަތުތައް އަދިވެސް އޮތީ ދިރި އެވެ. އެއީ މަރާލެވޭނެ ކަމެއް ނޫންކަން ވެސް އެނގެ އެވެ.

މެމްބަރުންނަށް އޮތީ ދެ ކޮޅުން ވެސް ފިތުން

ބޮޑު އާމްދަނީއެއް ލިބެނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އެކަންޏެއް ނޫނެވެ. މިނިސްޓަރުންނާއި ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިންނާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މުސާރަ ވެސް އެހާމެ ބޮޑެވެ. ނަމަވެސް މިއިން އެއްވެސް ބައެއްގެ ވާހަކައެއް ނުދައްކަ އެވެ. އާންމުންގެ ޝަކުވާއެއް ވެސް ނޯވެ އެވެ. އެހެންވަނީ، އަލީ ވިދާޅުވި ގޮތުގައި، މަޖިލިހުގެ މެމްބަރުންނަކީ އާންމުން ވޯޓު ލައިގެން އަންނަ ބަޔަކަށް ވާތީ އެވެ. އާންމުންނާ އަބަދުވެސް ގުޅިފައި ތިބޭނީ އެ މީހުންނެވެ.

މެމްބަރުންނާ މެދު އާންމުންގެ ނުރުހުމާއި ޝަކުވާ ބޮޑަސް ހަގީގަތުގައި އެ މެމްބަރުން ތިއްބަވަނީ ދެ ފަރާތުން ވެސް ތާށިވެފަ އެވެ. އެއް ފަރާތުގައި އަބަދުވެސް އެހީއަށް އެދެމުން އަންނަ ރައްޔިތުންނެވެ. އަނެއް ފަރާތުގައި އެ މެމްބަރުންގެ އެއް ބާރުލުން ނުލިބި ތަރައްގީގެ މަސައްކަތްތައް ނުކުރެވޭނެ ކަމަށް އަބަދުވެސް ބުނަމުން ދާ އޭރަކު އޮންނަ ސަރުކާރެވެ.

އަލީ ވާހަކަ ދެއްކެވީ ވަކި ސަރުކާރަކަށް ނިސްބަތްކުރައްވާފައެއް ނޫނެވެ. އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު ކޮންމެ ސަރުކާރަކުން ވެސް، އޭރަކު އޮންނަ މަޖިލިހުގެ މެމްބަރުންނާ މެދު ގެންގުޅެނީ އެއް ސިޔާސަތެކެވެ. ރަށަކަށް ބޭނުންވާ ނަރުދަމާ/ފެނުގެ ނިޒާމް ނޫނީ ސިއްހީ ހިދުމަތް ތަރައްގީކުރުން ފަދަ ކަންކަމަށް ހުރަސް އެޅެނީ މެމްބަރުންގެ އެހީތެރިކަން ނުލިބޭތީ ކަމަށް ސަރުކާރުން ބުނާބުނުން ރައްޔިތުންނަށް އޮންނަނީ ފާޑަކަށް ގަބޫލުކުރެވިފަ އެވެ. އެހެންވެ 2009ގެ އިންތިހާބުގެ ފަހުން އޮތް ރައްޔިތުންގެ މަޖިލިހުގެ ކޮންމެ އިންތިހާބެއްގައި މެޖޯރިޓީ ދިނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށެވެ. ހާއްސަކޮށް ނިމިދިއަ އެމްޑީޕީގެ ސަރުކާރާއި މިހާރު ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް މަޖިލިހުގައި އޮތީ ސުޕަ މެޖޯރިޓީ އެވެ.

ރަށެއްގެ މަގެއް ތާރު އަޅައިގެން ހަދަނީ: ހުރިހާ ސަރުކާރަކުން ވެސް ތަރައްގީ ގުޅުވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އެއްބާރުލުމާ (ދައުރު ފޮޓޯ)

މެމްބަރުން ވެސް އޭގެ ނާޖާއިޒު ފައިދާ ނަންގަވަ އެވެ. ސަރުކާރު ތެރެއިން މަޝްރޫއުތަކާއި ކައިރި މީހުންނަށް ވަޒީފާ ހޯދައިދިނުމަކީ ވެސް، މާލީ ގޮތުން ބައެއް މެމްބަރުން ދެއްވާ އެހީތަކުގެ އިތުރުން، ފެންނަ ކަންކަމެވެ.

"ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކީ މެންދުރު ކުރީގައި ސަރުކާރު ޖަވާބުދާރީކުރުވާފައި، މެންދުރުފަހު މިނިސްޓަރުންނަށް ގުޅާފައި ވަޒީފާ ހޯދާފައި، ޕްްރޮޖެކްޓް ހޯދާފައި، ނޫނީ މިގޮތަށް މިނިސްޓަރު ނޫނީ ރައީސުލްޖުމްހޫރިއްޔާއަށް ގުޅައި މަސައްކަތްކުރާ މީހެއް،" މެމްބަރުން ފިތޭފިތުމާ ބެހޭ ގޮތުން އަލީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މުސާރަ ހޭދަކުރެއްވުމުގައި ގިނަ މެމްބަރުން އެއްގޮތެވެ. އެހީއަށް އެދޭ މީހުންނަށް އެ މަހެއްގެ ހާލަތު ހުރި ވަރަކުން އެހީ ދެއްވަ އެވެ. ގިނަ މެމްބަރުންނަށް އެ މިންވަރަކީ މުސާރައިގެ ބޮޑު ބައެއް އެކަމަށް ހޭދަކުރެއްވުމެވެ.

މަޖިލިހުގެ މެމްބަރުންގެ މުސާރަ އަދިވެސް ކުޑައޭ، މެމްބަރުން އެ ވިދާޅުވަނީ އެހެންވެގެންނެވެ. އަދަދު ބޮޑެވެ. ނަމަވެސް އަމިއްލަ ހަރަދަށް އޭގެ ތެރެއިން ލިބެނީ ދެބައި ކުޅަ އެއްބައި ކުޑަ މިންވަރެކެވެ.

ސަލާން ނުޖަހާ އުޅެވޭވަރުގެ މުސާރައެއް ގިނަ ރައްޔިތުންނަށް ނުލިބޭހާ ހިނދަކު އެކަން އޮންނާނީ އެހެންނެވެ. އެކަމަކު މި ނޫން ދުވަހެއް ކައިރި މުސްތަގުބަލެއްގައި ރާއްޖެއިން ފެނުން އެކަށީގެންނެއް ވެސް ނުވެ އެވެ. އެހެންކަމުން މަޖިލިހުގެ މެމްބަރުން އަމިއްލައަށް އެ ބޭފުޅުންގެ މުސާރަ ކަނޑައެޅުމުގެ އިހުތިޔާރުގެ ދަށުން އެވާހަކަ ދައްކާ ކޮންމެ ފަހަރަކު، އާންމުންގެ ނުރުހުމާއި ފާޑުކިޔުން ކުރިމަތިވާނެ އެވެ.

ކޮމެންޓް (8)

ދައިގަންނަގުރާ

18 ޖުލައި 2024
މުސާރަކުޑައޭ މަސް ދެބައިވާއިރު 'ބަނގުރޫޓު' ވެޔޭ މި ކިޔަނީ އެއްވެސް ދެކޮޅު ޖެހޭ ވާހަކައެއް ނޫން. ބަލަގަ އިންފްލޭޝަނުން އަސަރު ކުރަނީ މެމްބަރުންނަށް އެކަނި ތަ؟ މެމްބަރުންތަ ދާއިރާތަކުގެ އެންމެނަށް ދޮންކެޔޮ ގަނެދެނީ؟ ދާއިރާ މީހުން ތިބެނީ ހުސްއަތާ؟ ތެދެއް. މި ގްރޭޓާ މާލެ އޭރިޔާގަ ދިރިއުޅުމަކީ އަގުބޮޑު ކަމެއް. ލިބޭ ޚިދުމަތްތަކުގެ ފެންވަރު އެހާ ދެރަ. އެހާ އަގުބޮޑު. މިނިމަމް ވޭޖުހަދާ މީހުން ކަނޑައެޅި އަދަދަކީ އެއީ ކޮންހަމަ އަކުންތޯ ސުވާލުކޮށްބަލަ. ޒިންމާ އަދާ ކޮށްބަލަ. ސަރުކާރުގެ އެހެން އިދާރާތަކުގައި މުހިއްމު މަސައްކަތްތަށް އަދާ ކުރާ މީހުންނަށް ހަމަ މުސާރަ ދީބަލަ (އެ ޤަވާއިދު ވާހަކަ). ސިވިލް ސާރވިސްގަ އިޢުލާން ކުރާ ވަޒީފާތަކުގަ މާސްޓަރސް ހަދައިފާ ހުއްޓަސް އެލަވަންސްތަކާ އެކުވެސް މިލިބެނީ (ދާއިމީ ވަޒީފާއެއް ނަމަ) 12،000 އާއި 15،000 ދޭތެރެ. ސަރުކާރުގެ ވުޒާރާތައް ހަރުދަނާ ކުރުވަބަލަ. ތި ފިނޭންސް މިނިސްޓްރީވެސް މީހުންނަށް ދޭންޖެހޭ ޕޭމަންޓުތައް ހިފަހައްޓަނީ ކީއްވެގެންތޯ ސުވާލު ކޮށްބަލަ! މިހިރަ މިހިރަ ކަންކަން ކޮށްބަލަ، މުސާރަ ކުޑައޭ ނުކިޔާ. މުއްސަންތި ވާކަށް ނޫން ތި ގޮނޑި ދިނީ.
1 0

ވާނުވާ

15 ޖުލައި 2024
ބޭފުޅާމެން ތިިޔަ މުސާަރަައިން ކުރަނީ ކޮންކަމެއް ތޯ... ތިހާ ވަރަކަށް ދެކޮޅު ނުޖެހޭ ވާހަކަ ތިދައްކަނީ
7 2

އިއްޒަތްތެރިޔާ

15 ޖުލައި 2024
ދައުލަތުގެ ފުއްދުންތެރިކަމެއް ނެތް ކޮންމެ މީހަކަށް 45000 ރުފިޔާ ދޭކަށް. މި ކަން ދަނެގެން ނޫންތަ އުޅެން ޖެހޭނީ. ނޫނީ ޖެހޭނީ ޓެކްސް ބޮޑުކުރަން. އާމްދަނީ ނުލިބުނަސް މުސާރަ ބޮޑުކުރަން ޖެހޭ. ދައުލަތުގެ ޚަރަދު ކުޑަކުރަން ޖެހޭ. ދަރަނި ކުޑަކުރަންޖެހޭ. ޚިދުމަތް ފުޅާ ކުރަން ޖެހޭ. ސަބްސިޑީ ދޭން ޖެހޭ. ޓެކްސް ނަގައިގެން ނުވޭ. މިއީ މެންބަރުކަން ކޮށްފައި ދައުލަތުގެ އެތެރެއާއި ބޭރުވެސް ދަންނަ ބޭފުޅުން ތަންދޮރު ދަންނަ މިންވަރަކީ. މުޅި މީހާގެ ވިސްނުން އިންޓާނަލީ ކޮންސިސްޓަންޓް ނުވިޔަސް ހެޔޮ.
7 1

ތާހިރު ދިިރިއުޅުމެއް

15 ޖުލައި 2024
މެންބަރު މިއީ ދާއިރާ މީހުންގެ ވެލްފެއަރ ނިޒާމުތޯ. އަދިވެސް އެކަން ދަމަހައްޓަން ވާހަކަ މި ދެކެވެނީ. މެންބަރު ކައިރިއަށް ސަލާން ޖެހުން މަދުކުރެވޭނީ ސިވިލް ސަރވަންޓުގެ މުސާރަ ބޮޑުކޮށް މެންބަރުގެ މުސާރަ ކުޑަކޮށްގެން ނޫންތޯ؟
16 1

ހަސަނުލް ބުލްގިޔާ

15 ޖުލައި 2024
" އެ ހަރަދު ފޫނުބެއްދޭ ކަމަށް ވަންޏާމު ދެން ހިނގާނީ ގޯސް ކަންތައް. އެ ވަރިހަމަ ޔުނީފޯމް އެޅި ބޮޑީއެއްގައި މަސައްކަތް ކުރާ މީހަކަށް ވިޔަސް، އެ ވަރިހަމަ ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހަކަށް ވިޔަސް. ބައިވަރު މައްސަލަތަކެއް އެއިން ނުކުންނާނީ 45,000ރ. ނުލިބޭ ކަމަށް ވަންޏާ". މިއީ އަސްލު މައްސަލަ. މިކަން ހައްލުނުވެއެއް ރާއްޖޭގެ ޑްރަގުގެ މައްސަލައެއްވެސް ހަށިވިއްކުމެއްވެސް މިހާރުގެ ޖުވާ ޓްރެންޑެއްވެސް އެއްވެސް ކަމެއް ނުހުއްޓުވޭނެ. ކޮންމެ މީހަކުވެސް ބޭނުން ޑީސެންޓް ލައިފެއް އުޅެން. އެކަމަކު ފަނަރަ ވިހިހާސް ލިބިގެން ކިހިނެއް އުޅޭނީ. ދެން މިވާގޮތަކީ އެ މަދުވާ ބައި ހޯދަން ހަލާލެއް ހަރާމެއް ނުބަލާ ގިނައިން ލިބޭނެ ކޮންމެ ކަމެއްވެސް ކުރަނީ،
6 0

މުސާރަވެރިޔާ

15 ޖުލައި 2024
މިހާރު ހަދަންވީ ގޮތް އެގިއްޖެ. މެންބަރަށް އަތް ނުލެވޭގޮތަށް މުސާރައިގެ އިތުރުން 40000.00 ރ. ކޮންމެ މަހަކުއޭނާގެ އެކައުންޓަށް ޖަމާކުރަންވީ. އެއިރުން މެންބަރުން ބަންގުރޫޓު ނުވާނެ.
4 1

ސަނައްޓޭ

15 ޖުލައި 2024
ހުވާ މަ ބުނަން ހުރި އެއްޗެހި ގިނަ ކަމުން އެއްޗެއް ނުބުނަން ނިންމައިފިން. ﷲ ދެނެވޮޑިގަންނަވާނެ ތި ހަދަނީ ތެދުކަން ނުވަތަ ނޫންކަން
9 1

މެމްބަރު

15 ޖުލައި 2024
އަޅެ އަހަންނަކަށް ނުވިސްނޭ ދެން މިމީހުން އާދައިގެ ސިވިލް ސާރވަންޓުންގެ މުސާރައަށް 10 ހާސް މިދެނީ ކޯނޗެއް ހިތަށް އަރައިގެން ކަމެއް. ޑިގްރީ ނަގައިގެން ވެސް އެންމެ ބޮޑުވެގެން މިލިބެނީ 12 ހާސް ރުފިޔާ ފަޅައިގެން ދާ ވަރަށް އޯޓީ ޖައްސައިގެންވެސް 15 ހާސް ނުލިބޭ.. އަހަރުމެން ހަރަދުތައް ދެކޮޅު ޖައްސާނީ ކިހިނެތް.. ނޭނގެ ދެން ދުވަސް ކޮޅަކުން މީގެން ބައެއް އަދި ދާއިރާގެ މެމްބަރަށް ދޭން ނުޖެހޭނެ ކަމެއްވެސް އެހާ ހާލުގައި އެމީހުން އުޅެނީ
10 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް