ގެވެށި އަނިޔާ

އަނިޔާއާ ކުރިމަތިލައި، ދަރިންނަށް މި މަންމަ ހޯދައިދިނީ ނިދާނެ އެނދެއް؛ ގެނެސްދިނީ އުފާވެރިކަން

ފިރިމީހާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް މި މަންމަ ދެ ފަހަރަށް ފިލި. އެންމެ ފަހުން ތިމާގެ މީހެއްގެ ގޭގެ ސިޓިންރޫމުގައި ދެ ދަރިން ގޮވައިގެން އުޅެމުން އާ ދިރިއުޅުމެއް ވަނީ ހޯދައިދީފައި

ވާހަކަ ކިޔައިދޭން ފެށުމުގެ ކުރިން އޭނާ އެންމެން ކައިރިން ވެސް އެދުނީ، އޭނާގެ އެ 'ކުޑަކުޑަ' އުފަލާ މެދު ހެޔޮހިތުން އުފާކޮށްލަ ދިނުމަށެވެ. މިއީ ވަރަށް އާދައިގެ ކުޑަކުޑަ ކަމެކޭ ހީވިޔަސް، އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލަ ދިން ކަމަކަށް ވުމުން އެ ވާހަކަ މީހަކަށް ކިޔައި ނުދީ ނުހުރެވުނީ އެވެ.

"ވަންނާނެ ބޯހިޔާވަހިކަމެއް ނެތި، ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު އުޅުމަށް ފަހު އަހަރެންނާއި އަހަރެންގެ ދެ ދަރިންނަށް އެންމެ ފަހުން ގެއެއް ލިބިއްޖެ،" އެތައް ހާސް މަންމައިން އުޅޭ 'މަމްސްއެއިޑް' ފޭސްބުކް ގުރޫޕުގައި އެ ޒުވާން މަންމަ ލިޔުނެވެ.

"މިދިޔަ ދެ އަހަރެއްހާ ދުވަހު އަހަރެމެން އުޅުނީ ތިމާގެ މީހެއްގެ ގޭގެ ސިޓިންރޫމުގައި. ނިދަނީ އެތަނުގައި ގޮދަނޑި އަޅައިގެން. ހެދުންތަކާއި ސާމާނުތައް ބެހެއްޓީ ލަގެޖު ފޮއްޓެއްގައި. އެކަމަކު މިއަދު އެ ކުދިންނަށް ނިދާނެ އެނދެއް ހޯދައިދެވިއްޖެ."

އުމުރުން ހަތަރު އަހަރާއި ހަތް އަހަރުގެ ދެ ދަރިން ގޮވައިގެން އުޅޭ މަންމަ ބުނިގޮތުގައި ކުޑަކުޑަ ކުދިންތަކަކާ އެކު އެއީ އުނދަގޫ ދިރިއުޅުމެކެވެ. ގޭގެ މީހުން ހޭލައިގެން،  ސިޓިންރޫމަށް ނުކުތުމުގެ ކުރިން އެ މީހުން ތެދުވެ އެވެ. ކޮންމެ ދުވަހަކު ވެސް ފަހެއް ޖަހާއިރު އެ މީހުން ހޭލައި، ބިންމަތިން ގޮދަނޑި ނަގަ އެވެ. ހުރުމުގެ ބަދަލެއްގެ ގޮތުން ގޭގެ މަސައްކަތް ކުރުމާއި ކެއްކުމަކީ އެ މަންމަގެ ޒިންމާއެކެވެ.

އިރުއޮއްސެމުން ދިޔަ ވަގުތު ރާއްޖޭގެ ރަށެއްގެ ގޮނޑުދަށުގައި ކުޑަކުއްޖަކާއި މަންމައަކު މަޑުކޮށްލައިގެން: ބައެއް އާއިލާތައް އުޅެނީ އުފަލުން މަހުރޫމްވެގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) 

ދަރިން އެހާ އުނދަގޫ ދިރިއުޅުމަކަށް ވައްޓާލިކަމުގެ އިހުސާސް އާއި ރިހުން އޭނާގެ ހިތުގައި އަބަދުވެސް އޮވެ އެވެ. އެހެންވެ، ޕާޓްޓައިމް ވަޒީފާއެއް އަދާކޮށް، ލިބޭ ހުރިހާ ފައިސާއެއް އޭނާ ރައްކާކުރީ، ކުދިން ދިރިއުޅޭނެ ތަނެއް ހޯދައިދިނުމަށެވެ. ކުޑަމިނުން ނިދާލާނެ އަމިއްލަ އެނދަކާއި ކުޅެލާނެ ތަންކޮޅެކެވެ. އެ އުއްމީދު މިއަދު އޭނާއަށް ހާސިލްވީ އެވެ.

"އެ މީހުންނަށް ނިދާލާނެ އެނދެއް ފެނުމުން މޫނަށް ވާގޮތް ބަލައިލަން ކެތްމަދުވެފައި މި ހުރީ،" އުފަލާ އެކު އޭނާ ލިޔުނެވެ.

އެފަދަ އުނދަގޫ ދިރިއުޅުމަށް އެ މަންމަ ދިޔައީ އެއަށް ވުރެ ހިތްދަތިކަން ތަޖުރިބާ ކުރުމަށް ފަހު އެވެ. އޭނާ ކިޔައިދިން ގޮތުގައި ހަތް އަހަރުގެ ކައިވެނި ރޫޅާލީ އެ ނޫން ގޮތެއް ނެތިގެންނެވެ. ކައިވެނީގެ އެންމެ ކުރީކޮޅުން ފެށިގެން ދިރިއުޅުމުގެ ކޮންޓްރޯލް އޮތީ ފިރިމީހާގެ އަތްމަތީގަ އެވެ. ދަރިއެއް ނެތް އިރު ވެސް ވަޒީފާއެއް އަދާކުރުމުގެ ހުއްދައެއް ނުދެ އެވެ. އަޅާ ކޮންމެ ފިޔަވަޅަކަށް ފާރަލަ އެވެ. ގާތް މީހުންނާއި އެކުވެރިންނާ ދުރުކުރުވި އެވެ. އޭގެ ސަބަބުން އަމިއްލަ އާއިލާ ވެސް އޭނާއާ ވާހަކަ ދެއްކުން ހުއްޓާލި އެވެ.

މި ހުރިހާ ކަމެއް ކުރިމަތިވާން ފެށީ، އެ މަންމަ ކިޔައިދިން ގޮތުގައި، ފިރިމީހާ މަސްތުވާތަކެތީގެ އަޅަކަށްވީ ފަހުންނެވެ. ފިރިމީހާ ކޮންޓްރޯލް ކުރަމުން ދިޔަ މި ދިރިއުޅުން ސަލާމަތް ކުރެވޭތޯ، ބަހުންނާއި އަތުން ހަމަލާ ދިނުމާ ހަމައަށް އޭނާ ކެތްކުރި އެވެ. އެކަމަކު ހުތުރު ނަންނަމުން މުހާތަބުކޮށް، އެއްޗެހިކިޔައި އަނިޔާކުރަން ފެށުމުން އޭނާ ބޭނުންވީ އެ ދިރިއުޅުމުން ދުރަށް ދާށެވެ.

"އޭރު ފުރަތަމަ ދަރިފުޅު ލިބިއްޖެ. އެކަމަކު ވަރިވާން ނިންމުމުން މަންމަ ބުނެފި އަހަރެންނަކަށް އެ ގެއަކުން ޖާގައެއް ނެތޭ،" ދަރިންގެ ހައްގުގައި، ނަން ސިއްރުކުރަމުން، ޒުވާން މަންމަ ކިޔައިދިނެވެ.

މައިމީހާގެ މި ޖަވާބުން އޭނާގެ ހިތް މަރާލި އެވެ. ދެން މަސައްކަތްކުރީ، ދަރިފުޅަށް ތިން އަހަރު ވާންދެން ފިރިމީހާއާ އެކު ދިރިއުޅެވޭތޯ އެވެ. އެކަމަކު އެކަން އޭނާއަށް ފަޅާއެރުމުން، ކަސްތޮޅު އަޅުވަނީ ކަމަށް ބުުނެ އަނެއްކާވެސް ބަލިވެ ބޭންދީ ކަމަށް އެ މަންމަ ބުންޏެވެ. މާބަނޑު ހާލަތުގައި ކުޑަކުޑަ ދަރިއަކާ އެކު ވަންނާނެ ތަނެއް ނުލިބޭނެ ކަމަށް ބުނަމުންނެވެ.

ދެން ވެސް އޭނާ ކެތްކުރީ އެވެ. އެކަމަކު ކުޑަ ދަރިފުޅަށް މަހެއް ނުވަނީސް އަނެއްކާވެސް ފިރިމީހާގެ އަނިޔާވެރިކަން އިތުރަށް ބޮޑުވި އެވެ. އެ އަނިޔާއިން ސަލާމަތްވާން އޭނާއަށް ޖެހުނީ، ރަހުމަތްތެރިއެއްގެ އެހީގައި ކުޑަކުޑަ ދެ ކުދިން ގޮވައިގެން ފިލާށެވެ.

"އެކަމަކު  އޭނާއަށް އަހަރުމެން ތިބި ރަހުމަތްތެރިޔާގެ ގެ އެނގި، ގޭގެ މީހުންނަށް ބިރުދައްކަން އޭނާ ދިޔައީ ވަޅި ހިފައިގެން... އެންމެ ފަހުން ރަހުމަތްތެރިޔާ ވެސް ބިރުން އެދުނީ އަހަރެމެން އެތަނުން ނުކުންނަން،" އޭނާ ކިޔައިދިނެވެ.

ތުއްތު ދެ ކުދިން ގޮވައިގެން ވަންނާނެ އެހެން ތަނެއް ނެތުމުން ދެން އަނެއްކާވެސް އޭނާއަށް ޖެހުނީ އެނބުރި ފިރިމީހާގެ ކައިރިއަށް ދާށެވެ؛ އަނެއްކާވެސް ވަންނަން ޖެހުނީ އަނިޔާވެރި ހާއްޔަކަށެވެ.

އެ މަންމަ ކިޔައިދިން ގޮތުގައި ކުޑަ ދަރިފުޅަށް ދެ އަހަރު ވީއިރު، ފިރިމީހާގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނަ އަޅައިފަ އެވެ. ފަސް އަހަރުގެ ދޮށީ ދަރިފުޅަށް އެ މަންޒަރުތައް ފެނެ އެވެ. ބިރުން އެ ކުއްޖާ ރޮއެ ހަދަ އެވެ. ނިދަން އުނދަގޫވެ، ޕެނިކް އެޓޭކް ޖެހެ އެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އޭނާ ދަރިފުޅަށް ތަސައްލީއެއް ހޯދައިދިނީ،  ފަހުން އަދި ރަނގަޅުވާނެ ކަމަށާއި މިވަގުތު ދާނެ އެހެން ތަނެއް ނެތް ކަމަށް ބުނަމުންނެވެ.

"އެކަމަކު އޭރު ފިރިމީހާ ހެލުސިނޭޓްވާ ޑްރަގް ވެސް ނަގަން ފަށައިފި. އެއްވެސް ކަމެއް އޭނާގެ ކޮންޓްރޯލެއްގައި ނުހުރޭ. އެއް ރެއަކު އަހަންނަށް ހީވީ މި ކަހަލަ ދަނޑިވަޅެއްގައި އޭނާ އަހަރެން މަރާލާނެއޭ. އެހެންވެ، އަނެއްކާވެސް ނިންމީ ފިލަން،" އެ މަންމަ ކިޔައިދިނެވެ.

އޭނާ އަތުގައި، ގެއިން ނުކުމެ އެހެން ތަނަކަށް ދާނެ ވަރަށް ލާރިއެއް ނެތެވެ. ދަރިއަކަށް ކާންދޭނެ ވަރު ވެސް ނެތީ އެވެ. އެހެންވެ، ދެން ފެށީ ފިރިމީހާ ބަހައްޓާފައި ހުންނަ ފައިސާ، އޭނާއަށް ސިއްރުން ނަގާށެވެ. އޭނާއަށް ޝައްކުނުވާނެ ވަރަށް މަދުމަދުންނެވެ. ދެން ގޭގެ ބައެއް ތަކެތި ހެޔޮއަގުގައި ވިއްކައިގެން ލާރި ހޯދަން ފެށި އެވެ. ދަރިންނަށް ދުވަސްކޮޅަކު ކާނެ ވަރަށް ލާރި އެއްކުރެވުމުން، ރަހުމަތްތެރިއެއްގެ އެހީގައި އަނެއްކާވެސް ފިލި އެވެ.

ރަހުމަތްތެރިޔާގެ ގޭގައި އޭނާ ހުރި ދުވަސްކޮޅުގައި ދަރިފުޅު ސްކޫލަށް ވެސް ނުފޮނުވަ އެވެ. އެއިން ތަނަކަށް ފިރިމީހާ ގޮސް، ދަރިން އަތުލަފާނެ ކަމުގެ ބިރަށެވެ. އެކަމަކު އެގެއިން ވެސް އޭނާ ނުކުންނަން ޖެހުނީ، ރަހުމަތްތެރިޔާގެ ފިރިމީހާ އޭނާއަށް ޖިންސީ ގޮތުން އުނދަގޫކުރަން ފެށުމުންނެވެ. އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް އެގޭގައި ހުންނަންވެގެން އޭރު ވަނީ ދީފަ އެވެ. 

"އެކަމަކު އޭރު ހިތަށް އެރީ ދަރިންތައް ގޮވައިގެން މަގުމައްޗަށް ނުކުންނަން ޖެހުނަސް، ފިރިމީހާގެ އަނިޔާވެރިކަމުގެ ތެރެއަކަށް ދެނެއް ނުދާނަމޭ. އެހެން ހިތާ އަނެއްކާވެސް ގުޅީ މަންމައަށް،" އޭނާ ކިޔައިދިނެވެ.

"އެކަމަކު މަންމަ ބުނީ މަށަށް ހެވޭ އުޅޭނެ ތަނެއް ނެތަސް، މަސްތުވާތަކެތި ބޯ މީހެއްގެ ދަރިން ތިމަންނަގެ ގެއަކަށް ނުވައްދާނަމޭ."

ވަންނާނެ ތަނެއް ނެތި ދަރިން ގޮވައިގެން މަގުމަތިވެފައި ހުއްޓާ އެ ދުވަހު އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ތިމާގެ މީހެކެވެ. އެ ގޭގެ ސިޓިންރޫމުގައި ނިދޭނެ ކަމަށް ބުނެ އެތަނުން ޖާގަ ދެއްކި އެވެ. އެކަމަކު އެތަނުގައި، އެގޭގެ މީހުން ނިދަން ކޮޓަރިއަށް ވަނީމައި ނޫނީ ނުނިދެ އެވެ. އެންމެން ހޭލުމުގެ ކުރިން، އެ މީހުން ހިނގާބިނގާވެ އުޅެން ފަތިހު ފަހެއް ޖަހާއިރު ހޭލަ އެވެ. އެއީ އެ މީހުން ބުނެގެން ކުރާ ކަމަކަށް ނުވިޔަސް، އެ ގެއިން ވެސް ނުކުންނަން ޖެހިދާނެ ކަމުގެ ބިރު އޮންނާތީ އުނދަގުލަކަށް ވާން ބޭނުން ނުވަނީ އެވެ.

އިރުއޮއްސެމުން ދިޔަ ވަގުތު ރާއްޖޭގެ ރަށެއްގެ ގޮނޑުދަށުގައި ކުޑަކުއްޖަކާއި މަންމައަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) 

ވޭތުވެ ދިޔަ ދެ އަހަރު އެ އާއިލާ އުޅުނީ އެހެންނެވެ. ނިދާނެ ކޮޓަރިއެއް، އެނދެއް ނެތުމުން، ފުރަތަމަކޮޅު، ދޮށީ ދަރިފުޅު އޭނާގެ ބައްޕަ ކައިރިއަށް އެނބުރި ދާން އެދުނެވެ. އެކަމަކު ދަރިފުޅަށް ކެތްތެރިވާން ދަސްކޮށްދީ، ހިންދެމިނުލާ އޭނާ މަސައްކަތްކުރީ އެއަށް ވުރެ ފަސޭހަ ގޮތެއް ކުދިންނަށް ހޯދައިދޭށެވެ. ގޮތެއް ފެންނަން ނެތުމުން، މުސައްލަ މަތީ އިނދެ ކިތަންމެ ދުވަހަކު އޭނާ ދުއާކޮށް ރޮއެ ހެދި އެވެ. އޭނާ ހިތްވަރު ހޯދީ ދުއާއިންނެވެ. ދެން ދަރިންގެ މޫނުމަތީގެ އުފާވެރިކަމާއި އުޖާލާކަމުންނެވެ.

"މިއަދު ކުލި ދެއްކޭނެ ފަދަ ވަޒީފާއެއް ލިބިއްޖެ. ހަގު ކުއްޖާ ޑޭކެއާއަށް ލާފައި، ދޮށީ ކުއްޖާ ސްކޫލަށް ފޮނުވާފައި ވަޒީފާއަށް ދާނެ މަގުފަހިވެއްޖެ،" އޭނާ ކިޔައިދިނެވެ.

"އެކަމަކު އެންމެ އުފާވަނީ މިއަދު ދަރިން ނިދާލާނެ ކޮޓަރިއެއް، އެ ކުދިންނަށް އެނދެއް ހޯދައިދެވުމުން. އެ ރައްކާތެރިކަން ހޯދައިދެވުމުން."

އެ މަންމަ މިހާރު އުޅެނީ ކުއްޔަށް ތަނެއް ހިފައިގެން އަމިއްލައަށެވެ. އޭނާގެ މި ވާހަކަ ހިއްސާކުރީ، އަނިޔާވެރި ދިރިއުޅުމެއްގައި ތާށިވެފައި ތިބި އެހެން މައިންނަށް ހިތްވަރެއް ދިނުމުގެ ގޮތުންނެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް އުއްމީދެއް ދިނުމުގެ ގޮތުންނެވެ.

އެ މަންމަގެ ދިރިއުޅުން ފަސޭހައެއް ނޫނެވެ. އެކަމަކު ދަރިންނަށްޓަކައި، ކަށިން ހިތްވަރުނެރެގެން އުފާވެރި ދިރިއުޅުމެއް ހޯދައިދޭން އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް (3)

ސޭނޯޓުޕާޓޭސް

1 ޖުލައި 2024
ޒުވާން އަންހެން ކުދިން މިކަހަލަ ވާހަކަތަކުން އިބުރަތް ހާސިލުކޮށް ޕާޓޭންނާ ރަށްޓެހިވެ އިނުން ހުއްޓާލާނެކަމަށް އުންމީދުކުރަން
8 0

މަ.ކާލާ

30 ޖޫން 2024
މަންމައާ ދެކޮޅަށްގޮސް ޑްރަގް ނަގާ މީހަކާ އިނދެގެން ލިބުނު އުފާވެރިކަމެއް ދުވަހަކުވެސް ނުދެކެން.
5 6

ޙަސަނާ

3 ޖުލައި 2024
@މަ.ކާލާ އަމާ ހިތުގެ ކުލުނެތް ނެތްކަން އިނގެނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް