ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ރާއްޖޭގައި ނައިބު ރައީސުންނާ މެދު ގެންގުޅޭ ހަމަ ރަނގަޅެއް ނޫން

ނައިބު ރައީސް

ނައިބު ރައީސުން ދެކެ މިހާ ރުޅިއަންނަން ޖެހޭތަ؟

ދައުލަތުގެ ބޮޑެތި މަގާމުތަކުގެ އެތައް ވެރިންނަކަށް ހިމާޔަތާއި މާލީ އެހީތެރިކަން ލިބޭ އިރު ނައިބު ރައީސުން އެކަހެރިކުރުމަކީ ލަދުވެތިކަމެއް. އޭގެ ފަހަތުގައި އޮތީ ސިޔާސީ ނަފުރަތު
9 ޖުލައި 2024
11

މުހިންމު ނުކުތާތައް

ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ބޭނުންކުރަން އެމްޑީޕީއަށް އޭރު ފެނުނު އެންމެ މުހިންމު ބޭފުޅަކީ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް

އެކަމަކު އެމްޑީޕީގެ ވެރިކަމުގައި ޖަމީލްގެ އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ވިސްނުމެއް ވެސް ނުގެންގުޅުނު

ކުރީގެ ނައިބު ރައީސުންނަށް ކުޑަވެގެން ރައްކާތެރިކަމާއި ވީއައިޕީގެ ހިދުމަތް ދެވޭވަރު ކުރެވެން ޖެހޭނެ

ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުން އެ އުޅުއްވަނީ ދައުލަތުން ދޭ އެތައް މިލިއަން ރުފިޔާއެއްގެ އެހީތެރިކަމުގަ އެވެ.

ސުޕްރީމް ކޯޓާއި ހައި ކޯޓު އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ވެސް، ވަޒީފާއިން މުސްކުޅިކުރުން ނުވަތަ އަމިއްލައަށް 'މުސްކުޅިވުމުން' އިނާޔަތް ލިބެ އެވެ.

ސިފައިންނާއި ފުލުހުންގެ ވެރިންނަށް ވެސް އެފަދަ އިނާޔަތްތަކެވެ.

ނަމަވެސް ރާއްޖޭގެ ނައިބު ރައީސުންނަށް އޮތީ މިއަދު މަގާމުގެ މުއްދަތު ހަމަވުމާ އެކު އަނެއް ދުވަހު، ދައުލަތުން ބާކީކޮށް 'މަގުމަތިކޮށްލުމެ'ވެ. އެ ބޭފުޅުންގެ އެއްވެސް ކަމަކަށް ދައުލަތުގެ އެއްވެސް އެހީތެރިކަމެއް ނެތެވެ.

ނައިބު ރައީސުންނަށް ކުރިމަތިވާ މި ނިކަމެތިކަމުގެ ފަހަތުގައި އޮތީ، ދެވަނަ އެހެން ސަބަބެއް ނޫނެވެ؛ ސިޔާސީ ހަސަދަވެރިކަމެވެ. މި ހަސަދަވެރިކަން ފެށުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ނުކުންނެވި ކަމަށް ބުނާ ހިސާބުންނެވެ. އޭގެ ފަހުން އެ ވެރިކަން މަގުމަތިން ބަދަލުވެ، ރައީސްކަމުގެ ބާކީ މުއްދަތާ ވަހީދު ހަވާލުވެވަޑައިގަތުމުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މެމްބަރުން ނައިބު ރައީސުންނާ މެދު ދެކެން ފެށީ ނަފުރަތުގެ ލޮލަކުންނެވެ.

ދެން އައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް މުހައްމަދު ޖަމީލްއާ މެދު އުފެދުނު ހިތްހަމަނުޖެހުމެވެ. ވެރިކަމުގެ ކުރީކޮޅު ޔާމީނަށް ފިއްލަވައިގެން ރާއްޖެ ދޫކޮށް އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުންނަން ޖެހޭ ވަރަށް ސިޔާސީ ނަފުރަތު އޮތެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން، އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އެހީތެރިކަމާ އެކު ނައިބު ރައީސްކަމުން ޖަމީލް ވަކިކުރި އެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް 'ދައުރު'އަށް އިންޓަވިއު ދެއްވަނީ: އެމްޑީޕީން އެމަނިކުފާނުގެ ސިޔާސީ ބޭނުން ހިފުމަށް ފަހު އޭގެ އަގުވަޒަނެއް ނުކުރި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ދެން ނައިބު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އަހުމަދު އަދީބު ދިމާކުރެއްވީ ޔާމީންގެ މައްޗަށް ގަދަވެގަންނާށެވެ. ކަންކަން ނިމުނު ގޮތުގެ ހަނދާންތައް ދިވެހިންގެ ސިކުނޑިން ފޮހެން އަދި ކައިރި ވެސް ނުވެ އެވެ.

ރައީސް އާއި ނައިބު ރައީސްއާ ދެމެދު މައްސަލައެއް ނުޖެހި ފުރިހަމަ ދައުރެއް ނިމުނީ މިދިއަ ނޮވެމްބަރު ފަސް އަހަރު ހަމަވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސް އެވެ. އެކަމަކު ސޯލިހުއަށް ސެކިއުރިޓީ އާއި މަހަކު އެތައް ލައްކަ ރުފިޔާއެއް ލިބިވަޑައިގަންނަވާ އިިރު، ފައިސަލް އެ ހުންނެވީ ތަނަކަށް ވަޑައިގަންނަވާ އިރު އެންމެ ކުޑަވެގެން، ހަށިފާރަވެރިއެއް ވެސް ނެތި އެވެ.

މި ފަހުން ސޯޝަލް މީޑިއާގައި ފައިސަލްގެ ވީޑިއޯއެއް އާންމުވި އެވެ. އޭގައި ފެންނަނީ އެއާޕޯޓުގެ އާންމު ސެކިއުރިޓީ ޗެކިން ނިންމަވާފައި ކަމަރު އަޅުއްވާތަނެވެ. ފައިސަލްގެ ގާތް މީހުންނާއި އެހެން ބައެއް މީހުން އެކަމާ ހަމްދަރުދީ ފާޅުކުރި އެވެ. ނަމަވެސް ގިނަ މީހުންނަށް ނެގުނީ މުޅިން އެހެން މާނައެކެވެ.

އެ ވީޑިއޯ ޕޯސްޓްކުރީ ނައިބު ރައީސަކަށް ފައިސަލް ހުންނެވި އިރު އެމަނިކުފާނުގެ ރަސްމީ ފޮޓޯގްރާފަރު މުހައްމަދު ޝަރުހާން އެވެ. އަމިއްލަ މަސްލަހަތު އޮތް ކަމަކަށް ވިޔަސް އޭނާ އުފެއްދީ ބަހުސެކެވެ.

"މީތޯ ދިވެހިރާއްޖޭގައި ނައިބު ރައީސްކަން ކުރި މީހަކަށް ހައްގު ވާ މިންވަރަކީ؟ ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނަށް އިނާޔަތްތަކާއި ހިދުމަތް ދެމުން ގެންދާއިރު ގައުމުގެ ނައިބު ރައީސްކަމުގެ [ފަސް] އަހަރުގެ ދައުރެއް ފުރިހަމަކޮށް ނިންމި ހަމައެކަނި ނައިބު ރައީސްއަކީ ފައިސަލް ނަސީމް. މިއަދު ފައިސަލްއާ މެދު މިގޮތަށް ކަންކަން ކުރުމަކީ ގަބޫލުކުރެވޭ ފަދަ ކަމެއް ނޫން،" ވީޑިއޯއާ އެކު ޝަރުހާން ލިއުނެވެ.

އެމްޑީޕީގެ ސަޕޯޓަރުން ކެމްޕޭން ހަރަކާތެއްގައި: ނައިބު ރައީސުންނާ މެދު ހަސަދަވެރިކަން އުފެދުނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރި ތަޖުރިބާތަކުން (ފޮޓޯ/އެމްޑީޕީ)

އެކަމަކު އެ ޕޯސްޓަށް 140 އަށް ވުރެ ގިނަ ކޮމެންޓް ލިބުނު އިރު، ގިނަ މީހުން ދުށީ އޭނާ އެ ދެއްކި ވާހަކައާ ތަފާތު ގޮތަކަށެވެ. އެއާޕޯޓްގެ ސެކިއުރިޓީ އިންތައް ދޫކޮށް އެއްވެސް މީހަކަށް ދެވިގެން ނުވާނެ ކަމެވެ. އެއާޕޯޓްގެ މުވައްޒަފުން އެންމެންނާ މެދު ވެސް ކަންތައް ކުރަން ޖެހޭނީ އެއް ހަމައަކުން ކަމެވެ. ނައިބު ރައީސުންނަކީ 'މަތިން ފައިބައިގެން އުޅޭ ބައެއް ނޫން' ކަމެވެ. ދައުރު ނިމުނީމާ ކޮންމެހެން އިތުރު އެއްޗެއް ދައުލަތުން ދޭން ނުޖެހޭ ކަމެވެ.

އެކަމަކު އަސްލު މައްސަލަ، ގައުމުގެ އެހެން ވެރިންނާއި އިއްޒަތްތެރިންނަށް ބަލާއިރު، ތަފާތެވެ. ކުރީގެ ނައިބު ރައީސުންނަށް ބޮޑެތި އިނާޔަތްތަކެއް ދިނުމުގެ ބަހުސް މުހިންމެއް ނޫނެވެ. މުހިންމު ސުވާލަކީ އެންމެ ކުޑަވެގެން ވީއައިޕީގެ ހިދުމަތްތައް ދޭން ނުޖެހޭ، ނުވަތަ ހައްގު ނުވާ ވަރުގެ ބަޔަކަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސުން ވަނީ ހެއްޔެވެ؟  ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވެސް ވީއައިޕީގެ ހިދުމަތް ލިބެ އެވެ. ސަރުކާރުގެ ވަކި ފެންވަރެއްގެ މީހުންނަށް ވެސް އެ ހިދުމަތް އޮވެ އެވެ.

މަގާމުގައި ތިއްބަވާ އިރު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އުފުއްލަވަން ޖެހޭ ހާލަތްތަކެއް ވެސް ނައިބު ރައީސުންނަށް އޮވެ އެވެ. އެހެންކަމުން އެއީ ދައުލަތުގެ މަގާމުތައް ތަރުތީބުކުރާ އިރު ކިހާ ބޮޑު ޒިންމާއެއްކަން ގާނޫނުއަސާސީއަށް ބަލައިލުމުން އެނގެ އެވެ. 

މި ރިޕޯޓަށް ވާހަކަ ދައްކަވާތޯ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލަށް އަޅުގަނޑު ގުޅީމެވެ. އެމަނިކުފާނުގެ މަސްލަހަތު އޮންނަ ކަމަކަށް ވާތީ ވާހަކަ ދައްކަވަން ދެކޮޅުހެއްދެވި އެވެ. ފައިސަލް ވެސް ހަމައެހެންނެވެ. 

ޖަމީލުގެ ސިޔާސީ މާޒީއަށް ބަލާއިރު ފެންނަ މަންޒަރު ތަފާތެވެ. ސިޔާސީ މަންފާއަށް އެމްޑީޕީން އެކި މީހުންގެ ބޭނުންތައް ހިފާ ގޮތާއި އޭގެ ފަހުން ދެން އަމަލްތައް ހުންނަ ނުބައި ގޮތް ޖަމީލުގެ އެ މާޒީން ފެނެ އެވެ. މިސާލަކަށް ޔާމީންއާ ދެކޮޅު އިއްތިހާދު ލަންޑަންގައި އުފެއްދިއިރު އޭގެ ލީޑަރަކަށް ޖަމީލް ހަމަޖެއްސީ ސިޔާސީ ބޭނުމެއްގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އޭރު ވިސްނިވަޑައިގަތީ ޔާމީނާ ދެކޮޅަށް އެވަގުތު އަޑުއުފުއްލެވުމުގައި އިސްކޮށް ހުންނަވަން އެކަށީގެންވަނީ، ޔާމީންގެ ފުރަތަމަ ނައިބު ރައީސްކަމެވެ. އެހެންކަމުން 1 ޖޫން 2016ގައި، އެ އިއްތިހާދު ރަސްމީކޮށް އުފެދި، ލަންޑަންގައި މީޑިއާގެ ކުރިމައްޗަށް ނެރުނީ ޖަމީލެވެ.

ޖަމީލް ސިޔާސީ ޕޯޑިއަމެއްގައި ވާހަކަދައްކަވަނީ: އެމަނިކުފާނަކީ ސިޔާސީ ގޮތުން އަދިވެސް ހަރަކާތްތެރި ބޭފުޅެއް

ދެން އައި ދެ އަހަރު ހުއްޓުމެއް ނެތި ޖަމީލްގެ ފާޑުކިޔުން އަމާޒުކުރެއްވީ ޔާމީނަށެވެ. އެމަނިކުފާނުގެ ވެރިކަން 2018ގައި ބަދަލުވަންދެން ވެސް އިދިކޮޅުގެ އެންމެ އަޑުގަދަ އެއް ބޭފުޅަކީ ޖަމީލެވެ. ނަމަވެސް އެމްޑީޕީ ވެރިކަމަށް އައުމާ އެކު ޖަމީލްގެ އެ މަސައްކަތުގެ އެއްވެސް އަގެއް، އެމްޑީޕީއަކަށް ނުފެނުނެވެ. ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އިރު ނައިބު ރައީސުންނާ ގުޅޭ ބިލް އިސްލާހުކޮށް، ގާނޫނަކަށް ނުހެދުމަކީ އޭގެ ހެއްކެކެވެ.

ކުރީގެ ނައިބު ރައީސުންގެ މައްސަލާގައި އާންމުންގެ ވިސްނުން ތަފާތުވަނީ މާ ބޮޑެތި މާލީ އިނާޔަތްތަކެއް ދޭން ޖެހޭނެއޭ ހީކުރެވޭތީ އެވެ. އެހެންކަމުން މާލީ އިނާޔަތްތަކުގެ ވާހަކަ ނުދައްކަމާ ހިނގާށެވެ. ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް އެއްވެސް ހަރަދެއް ކުރާނެ ކަމެއް ނެތެވެ. އެކަމަކު ދައުލަތުގެ އެހާ މަތީ މަގާމެއް ފުރުއްވި ބޭފުޅުންނަށް ވާތީ، އެއީ މަގުމަތިކޮށްލެވޭނެ ބަޔަކަށް ވެސް ވެގެން ނުވާނެ އެވެ. ހާއްސަކޮށް ސިޔާސީ ހަސަދަވެރިކަމެއްގައި ދައުލަތުގެ ވަކި މަގާމެއްގެ މުހިންމުކަން ކުޑަވުމަކީ މައްސަލައެކެވެ. 

ޔާމީންގެ ވެރިކަން ނިމުމާއި އާ ރައްޔިތުންގެ މަޖިލިސް 2019ގައި އުފެއްދުމާ ދެމެދު ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުރެއްވި އެވެ. އެ ދުވަސްވަރު ނައިބު ރައީސުންނަށް މަހަކު 35،000ރ.ގެ އިނާޔަތަކާއި ސަލާމަތީ ހިދުމަތް ފަދަ އެހެން ކަންކަން ހިމަނާފައި އޮތް ބިލެއް ފާސްކުރި އެވެ. ނަމަވެސް އޭގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވިދާޅުވެ އޭރުގެ ރައީސް ސޯލިހު އެ ތަސްދީގުނުކުރައްވައި މަޖިލިހަށް އަނބުރާ ފޮނުވާލެއްވި އެވެ.

އެ ބިލް އޮތް ގޮތް ފުރިހަައެއް ނޫނެވެ. މިސާލަކަށް އެންމެ ދުވަހަކު ނައިބު ރައީސްކަން ކުރައްވާ ބޭފުޅަކަށް ވެސް، ކުށެއް ނެތި މަގާމުން ވަކިވެއްޖެ ނަމަ، އިނާޔަތް ލިބިވަޑައިގަނެ އެވެ. އެއީ ރަނގަޅު އުސޫލެއް ކަމަކަށް ގަބޫލެއްނުކުރެވެ އެވެ. އެ ބިލް އިސްލާހުކޮށް ގާނޫނަކަށް ހެދުމުގެ ބާރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހަށް ލިބުނެވެ. ނަމަވެސް، ޖަމީލާ މެދު އޮތް ރުޅިވެރިކަމެއްގައި، އެކަމެއް ނުކުރި އެވެ.

ފައިސަލްއަކީ ވަރަށް ތެދުވެރިކަމާ އެކު ނައިބު ރައީސްކަން ކުރެއްވި އަދި އެމްޑީޕީގެ ބޭފުޅެއް ވެސް  މެއެވެ. ނަމަވެސް އެމްޑީޕީއަށް އެތަނެއް ވެސް ނުފެނުނެވެ.

"ދައުރު ނިމުމަށް ފަހު ދައުލަތުން ބަލަދުއެރުމަކީ ރައްޔިތުންގެ މާލިއްޔަތަށް ލިބޭ ވަރަށް ވެސް ބޮޑު ބުރައެއް ކަމުގައި ދެކެން. މަގާމުން ދުރުވުމުން އާއްމު ރައްޔިތު މީހެކޭ ވެރިކަން ކުރި މީހެކޭ އެއްވަރުވާނީ. ތަފާތު ނުކުރެވޭނެ،" ޝަރުހާންގެ ޕޯސްޓަށް ހިޔާލު ފާޅުކުރި މީހަކު ލިއުނެވެ.

މާލިއްޔަތަށް ބުރައަކަށް ނުވާނެ ގޮތަށް ނައިބު ރައީސުންނާ މެދު އަމަލްކުރެވޭނެ ކިތައްމެ ގޮތެއް ހުންނާނެ އެވެ. އެކަމަކު ހަނދާންކުރަންވީ ކަމަކީ ނައިބު ރައީސްގެ ދައުރު ފުރިހަމަކުރައްވައި މިއަދު ގެއަށް ވަޑައިގަންނަވާ ބޭފުޅާ އެހާ ހިސާބުން އަޅުގަނޑު ކަހަލަ އާންމު ރައްޔިތަކަށް މުޅިން ބަދަލުނުވާނެ ކަމެވެ. އޭނާއަށް ރައްކާތެރިކަން ދޭން ޖެހޭ ސަބަބުތައް ހުންނާނެ ކަމެވެ. އޭނާއަށް ވީއައިޕީގެ ތެރެއިން ދަތުރުކުރެއްވޭނެ ފުރުސަތު އޮންނަންވާނެ ކަމެވެ. ދައުލަތަށް އެވަރު ނުކުރެވޭ ނަމަ، މަތީ އެހެން މަގާމުތަކުން މުސްކުޅިވާ ބޭފުޅުންނަށް ވެސް ހާއްސަ ގޮތްތަކެއް ގެންގުޅެން ނުވާނެ އެވެ.

ސިޔާސީ ހަސަދަވެރިކަމުން ދުރުވެ ތިބެ ވިސްނާލައިފި ނަމަ، އެހެން މަގާމުތަކުގެ އެތައް ބަޔަކާ މެދު ދައުލަތުން އަމަލްކުރާ ގޮތާއި ކުރީގެ ނައިބު ރައީސުންނާ މެދު ގެންގުޅޭ ބޭއިންސާފު ވަރަށް ރަނގަޅަށް އިހުސާސްކުރެވޭނެ އެވެ.

ރުޅި އިސްނުކޮށް އަދި އެއްފަހަރު މި ވާހަކައާ މެދު ވިސްނާލާށެވެ.

ކޮމެންޓް (11)

އައްޔަ

10 ޖުލައި 2024
ފައިސަލް ކުރިން ލިބުނު މަންފާތައް މާބޮޑަށް މިސްވާހެން ހީވަނީ
4 2

ހަސަން

10 ޖުލައި 2024
ހާދަ ވަރުގަދަ ކެމްޕެއިނެއް ފަށައިގެން ފައިސަލް މިއުޅެނީ!! ފައިސަލް ނައިބު ރައީސަކަށް ވުމުގެ ކުރިން ނުބަލަންދޯ ވެރިކަމުގައި ހުންނަ އިރާއި ނިމުނީމަ ލިބޭނީ ކޮން ފައިދާ އެއް ނުވަތަ މަންފާއެއް ތޯ!! ވަޒީފާ ހޯދާ އިރު ރަގަޅަށް ބެނެފިޓް ޕެކޭޖް ބަލާފަ ވަޒީފާ ގަބޫލުކުރާނަމަ ފަހުން ނާއުއްމީދުވެ މިކަހަލަ ކެމްޕެއިންތައް ފައްޓާކަށް ނުޖެހޭނެ
3 3

ނުން

10 ޖުލައި 2024
ދޭނެ ކަމެއް ނެތް. ދެންތިބި މީހުންނަށް ވެސް ދޭ އެއްޗެއް އަތުލީމާ ވީ.
5 1

ދެލޯ

9 ޖުލައި 2024
ވަރަށްވެސް ރަނގަޅު ވާހަކައެއް.
3 1

ޭައައްޒުވީ

9 ޖުލައި 2024
ދިވެހިރާއްޖޭގައި ނުހުރޭ ނާއިބު ރައީސެއް. ހުންނަނީ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބެއް.
7 3

ކާމާން

9 ޖުލައި 2024
ނައިބު ރައީސްގެ މަގާމަށް ނަފުރަތު އުފެއްދީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަންމަނިކު.
12 6

ޢަލިފު

9 ޖުލައި 2024
މިހާރުވެސް ރާއްޖޭގެ ކުރީގެ ރައީސުން ވީއަޕީ އިން ދަތުރުކުރަނީ ލާރި ދައްކާފަ ކަމުގައި ދަންނަވާލަން.
5 2

ނާއިބޭ

9 ޖުލައި 2024
ކަލޯ ހާދަލޯތްބެކޭ ތިވަނީ ނައިބުން ދެކެ. ވަރަށް ސަލާން
5 2

ހުވޭ

9 ޖުލައި 2024
ލާރިދެއްކީމަ ވީއައިޕީތެރެއިން ދަތުރުކުރެވޭނެ.
6 3

ކިލަމަން

9 ޖުލައި 2024
ރައީސުންނަށްދޭ އިނާޔަތް 20،000 ރުފިޔާއަށް ބަދަލުކޮށް ނައިބުންނަށް 10،000 ދިނީމަ ނިމުނީ. ލައްކައިން ކޮންމެ މަހަކުރައީސްކަންކުރިޔެ ކިޔާފަދޭނެކަމެއް ނެތް
21 3

ސިކުނޑި

9 ޖުލައި 2024
ރާއްޖޭގެ ސިޔާސީ މަސްރަހު ހީނުކުރާވަރަށް ކިލަނބުވެފައި ނާއިންސާފު! ސިޔާސީ ސަފުގައި އުޅޭ މީހުންނަކީ، ޒާތީ ތައައްސުބުން ފުރިގެންވާ އަމިއްލައެދުން ބޮޑު، ވިސްނުމުގައި "ކަސްބީ" އުސޫލުތަކެއް ގެންގުޅޭ ބައެއް!
15 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް