ރ. މީދޫ އިރުމަތީ އަވަށުން އީދަށް ތައްޔާރު ކުރި ނައުކޮޅު. ގިނަ ބައެއްގެ ތައުރީފް މި ނަަވަށް ލިބުނު (ފޮޓޯ/މީދޫ ފޭސްބުކް ޕޭޖް)

އީދު

އީދުގެ ތެރެއިން: މީދޫގެ ރީތި ނަވާއި ކިނޮޅަހު ފަޅުން ހޯދި މާވަހަރު

ކޮންމެ އަހަރެއްގައި ވެސް މި ރަށްތަކުގައި އީދު ހަރަކާތްތައް ކުރިއަށް ގެންދިޔަޔަސް، ތަފާތުކަން ފެނޭ

މި އީދުގައި ވެސް ރ. އަތޮޅުގައި ވަރަށް ފޯރި ގަދަ އެވެ؛ ހާއްސަކޮށް، މީދު އާއި ކިނޮޅަސްގެ އީދު ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

'ނައުކޮޅު' ހަރަކާތްތަކީ ކޮންމެ އީދެއްގައިހެން މީދޫގައި ކުރިއަށް ގެންދާ ކުޅިވަރެކެވެ. އާދައިގެ ކުޑަ މަސްދޯންޏެއް، ފަނުންނާއި ފަންތޮށި ފަދަ އެއްޗެހިން 90 ވަރަކަށް ފޫޓު ބޮޑު ނަވަކަށް ބަދަލުކޮށްލައި، އެއިން އެ މީހުންގެ ހުނަރުވެރިކަން ދައްކާލަ އެވެ. މި ކުޅިވަރު އެ ރަށުގައި ކުޅޭތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް، ކޮންމެ އަހަރަކު ވެސް މީހުން އާޝޯހުކޮށްލާ ފަދަ ހުނަރުވެރިން ފެނެ އެވެ.

ރ. މީދޫ އިރުމަތީ އަވަށުން އީދަށް ތައްޔާރު ކުރި ނައުކޮޅު. ގިނަ ބައެއްގެ ތައުރީފް މި ނަަވަށް ލިބުނު (ފޮޓޯ/ފޭސްބުކް ހުއްރޭ)
ރ. މީދޫ އިރުމަތީ އަވަށުން އީދަށް ތައްޔާރު ކުރި ނައުކޮޅު. ގިނަ ބައެއްގެ ތައުރީފް މި ނަަވަށް ލިބުނު (ފޮޓޯ/ފޭސްބުކް)

އެހެން ރަށްރަށާ ހިލާފަށް، މީދޫގައި އީދު ކުޅިވަރުތައް ކުރިއަށް ގެންދަނީ އެ ރަށުގެ އޮންނަ ދެ އަވަށުގައި ވަކިންނެވެ. އެހެންވެ، ކޮންމެ އަހަރަކު ވެސް އެ ރަށުގެ އިރުމަތީ އަވަށާއި ހުޅަނގު އަވަށުން ދެ ނައު ނެރެ އެވެ.

މީދޫގެ މި ކުޅިވަރުގެ ކޮންސެޕްޓް ކިޔައިދިނީ، ހުޅަނގު އަވަށު އެކުވެރި ކްލަބްގެ ރައީސް، އަހުމަދު ނާޒިމެވެ.

"މިއީ އަރަބިކަރައިގެ ރަށަކުން އަންނަ ނަވެއް. ވަރަށް ޗާލު ބައްތެއްޔެއް،" އޭނާ ބުންޏެވެ.

"ފަތިހު އެ ނަވަށް މީހުން އަރައިގެން ކަނޑަށް ނުކުންނާނެ. އެންމެން ވެސް ތިބޭނީ ހުދު ޔުނީފޯމުގައި. އެއީ އަރަބިކަރައިގެ އިއްޒަތްތެރިއަކު ވަޑައިގަންނަވާ ނަވަކަށް ވީމާ ބޮޑީގާޑުން ވެސް ތިބޭނެ."

މީދޫގެ ދެ އަވަށުން ހެދި ދެ ނައު ރަށްބޭރުގައި މަޑުކޮށްލައިގެން (ފޮޓޯ/އީމާން)
މީދޫ ހުޅަނގު އަވަށުން އީދަށް ހެދި ނައުކޮޅު

ރަށް ކައިރީގައި ދުއްވާލުމަށް ފަހު ނައު ރަށާ ގާތްކުރާއިރު، ރަށުގެ ގިނަ ބަޔަކު އޭގެ އިސްތިގްބާލުގައި ބަނދަރު މައްޗަށް އެއްވެ ތިބެ އެވެ. ބައެއް އަންހެންވެރިން މަރުހަބާ ކިޔުމުގެ ގޮތުން ސަގާފީ ނެށުމެއް ހުށަހަޅައިދެ އެވެ.

ނައުގެ މެހެމާނުން ދެން ދާނީ ރަށުގެ އެކި ގެތަކަށެވެ. ކޮންމެ ގެއަކުން ވެސް އެ މީހުންނަށް ކެއުމާއި ބުއިންތައް ދެ އެވެ. ނާކޮޅުގެ އެއްވެސް މީހަކު ދިވެހި ބަހަކުން ވާހަކައެއް ނުދައްކަ އެވެ.

އާދަޔާހިލާފު މި ނައު ރަށަށް އައުމާ އެކު ތަފާތު ކަންތައްތަކެއް ހިނގަ އެވެ. އެކި އަހަރު މި ކަންތައްތައް މީދޫ މީހުން ހުށަހަޅައިދެނީ އެކި ގޮތަށެވެ. ރަށަށް ޓެރަރިސްޓުން އެރުމާއި އެ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމާއި ނަވުން އަންނަ މީހުން އެއްޗެހި ވިއްކުން ފަދަ ކަންކަން، ބަނދަރުމަތިން ފެނެ އެވެ.

ރ. މީދޫ ހުޅަނގު އަވަށު ނައުކޮޅުން ފޭބި މީހުން ރަށުތެރެއަށް އަރަނީ
ރ. މީދޫ ހުޅަނގު އަވަށު ނައުކޮޅު ހަރަކާތުގެ ތެރެއިން

ސޯޝަލް މީޑިއާއިން އީދު ކުޅިވަރުތައް ބަލާ މީހުންނަށް އެންމެ ކަމުދިޔައީ މީދޫ މީހުން ހަދާ ނަވެވެ. ހާއްސަކޮށް އިރުމަތީ އަވަށުގެ ނަވަށް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ. ނައު ހަދާފައި އޮތް ގޮތާއި ދިދަ ނަގާފައި އޮތްގޮތުން، އަސްލު އެއްޗަކާ މާބޮޑު ތަފާތެއް ނެތެވެ.

މީދު އެކޭ އެއްގޮތަށް ކިނޮޅަހުގައި ވެސް ހަމަ މި ފަދަ ތާރީހީ ކުޅިވަރުތައް ކުޅެ އެވެ. އެ ރަށުގައި އެންމެ ފާހަގަކޮށްލެވެނީ، އީދުގެ ހުރިހާ ކުޅިވަރުތަކަކާއި ހަރަކާތްތައް ވެސް އެއް ކަމަކާ އަނެއް ކަމެއް ގުޅުވާލާފައި އޮންނަ ގޮތެވެ. އަދި ހުރިހާ ކުޅިވަރެއް ވެސް ދެ ޖިންސު ވަކިން ކުރިއަށް ގެންދާތީ އެވެ.

ބޮޑު ސަަޔަކުން ފަށާ އީދު ނިންމާލަނީ ޖާފަތަކުންނެވެ. ބޮޑު މަހުގެ ކުޅިވަރުތައް ކުޅޭއިރު، ދެން އަންނަ ކޮންމެ ހަރަކާތެއް ވެސް ގުޅުވާލާފައި އޮންނަނީ ބޮޑުމަހުގެ ވާހަކައާ އެވެ.

އިއްޔެ އެ ރަށުގެ ގިނަ ފިރިހެންވެރިން، ފަޅުތެރެއަށް ފީނައިގެން، މާވަހަރެއް ހޯދަން އުޅޭ މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ހަގީގަތުގައި އެއީ، އޭގެ ކުރީރޭ އެ ރަށުން ނެރުނު ބޮޑުމަހުގެ ކުޅިވަރުން ގެއްލުނު އެއްޗެކެވެ.

ކިނޮޅަހުގައި މާވަހަރު ހޯދުމުގެ ހަރަކާތުގެ ތެރެއިން

"ބޮޑުމަސް ބާނައި އެއިން ނެގި މާވަހަރު ދޯންޏަށް މި ނަގަނީ. އެކަމަކު ދޯންޏަށް އަރާ ވިގަންޏެއް އެ މާވަހަރު ގެންދަނީ. އެންމެ ފަހުން މިކަން ކޯޓު ކޭސްއަކަށް ބަދަލު، ކޯޓުން ހުކުމް ކުރަނީ ރައްޔިތުން ނުކުމެ އެ މާވަހަރު ހޯދަން،" ކިނޮޅު ކައުންސިލްގެ ރައީސް އަހުމަދު ހުސެން ވިދާޅުވި އެވެ.

އެ ހިސާބުން، ޖެހިގެން އަންނަ ދުވަހު އެ ހަރަކާތް ދެން ބަދަލުވަނީ މާލީގެ ކުޅިވަރަށެވެ. ހާއްސަ ނަވެއްގައި ރަށަށް އަރާ 'ގުދުބެ' މާވަހަރު ހޯދަން ހުއްދައަށް އެދި ރަށުގެ އެކި ގެތަކަށް ދެ އެވެ. ގުދުބެއާ އެކު ތަފާތު މާލިތައް މަގުތައް މަތީގައި އުޅެ އެވެ. އެ ހުއްދަ އެންމެ ފަހުން ލިބެނީ ކައުންސިލްގެ ރައީސްގެ އަރިހުންނެވެ.

މާވަހަރު ހޯދުމުގައި، ކޯޓުން ރައްޔިތުންގެ މައްޗަށް ހުކުމް ކުރީ 48 ގަޑިއިރުގެ ތެރޭގައި ފަޅުތެރެއިން އެ ހޯދުމަށެވެ. މާވަހަރު އޮންނާނެ ސަރަހައްދު ވެސް ކިޔައިދެ އެވެ. އެއީ ވަކި ބައްޓަމަށް، ވަކި ސައިޒަކަށް އޮންނަ ގާކޮޅެވެ. މާވަހަރު ފެނިއްޖެ ނަމަ، އިނާމެއް ލިބެ އެވެ. އަދި  ރަށުގެ ފިރިހެނުން އެ ރަށުގެ ހުރިހާ އެންމެންނަށް ޖާފަތެއް ވެސް ދޭން ޖެހެ އެވެ.

ކިނޮޅަހުގައި މާވަހަރު ހޯދުމަށް ކައުންސިލުން ކޮށްފައިވާ އިއުލާނާއި އޭގެ މައުލޫމާތު
ކިނޮޅަހުގައި މާވަހަރު ހޯދުމަށް މަސައްކަތް ކުރަނީ

މާވަހަރު ހޯދުމަށް މީދޫގެ ކުދިބޮޑު ހުރިހާ ފިރިހެނުންހެން ނުކުތް ނަމަވެސް އެއްވެސް މީހަކަށް އެ ނުފެނުނެވެ. އެންމެ ފަހުން ޖެހުނީ، އީދު ހަރަކާތް ރާވާ ހިންގާ، ސްޓިއަރިން ކޮމެޓީއިން އެ ހޯދާށެވެ. މާވަހަރު ހޯދާ މަންޒަރު ވީޑިއޯ ކޮށްފައި އޮތް އިރު އެއިން ފެންނަނީ، މެމްބަރަކު ފީނާފައި ގޮސް ހަތަރު އިންޗީގެ އެ ގާކޮޅު ނަގާ މަންޒަރެވެ. 

"ވަރަށް ފޯރި ގަދަ ކުޅިވަރަކަށް މިކަން ވެސްވީ. އެކަމަކު ރަށުގެ ފިރިހެނުންނަށް މާވަހަރު ނުފެނުމުން މި މަޝްވަރާ ކުރަނީ، ޖާފަތް ދޭނެ ގޮތަކާ މެދުގައި،" ރައީސް ވިދާޅުވި އެވެ.

ކިނޮޅަހުގައި ކުރިއަށް ގެންދިޔަ އީދު ހަރަކާތެއްގައި އަންހެނުންތަކެއް ބައިވެރިވަނީ

މި އީދުގައި ވެސް އެ ރަށުގައި ވެދުމާ ގޮސް، ކޮލި ލައި ހެދުން ފަދަ ކަންކަން ކުރެ އެވެ. އެކަމަކު ކިތަންމެ ފޯރި ގަދަޔަސް، އެއްވެސް ކުޅިވަރެއް ދެ ޖިންސު އެއްކޮށެއް ނުކުޅެ އެވެ. ފިރިހެންވެރިންގެ ކުޅިވަރުތައް ކުޅޭއިރު، ރަށުގެ ވަކި ސަރަހައްދުތަކުގައި އަންހެނުން ވެސް އެ މީހުންނަށް ހާއްސަކޮށްފައިވާ ކުޅިވަރުތައް ކުޅެ އެވެ.

ކިނޮޅަހުގައި ކުރިއަށް ގެންދިޔަ އީދު ހަރަކާތެއްގައި މާލިތަކެއް ބައިވެރިވަނީ

މި އަހަރުގެ ބޮޑު އީދު ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް ފާހަގަ ކުރަމުން ދާއިރު، ގިނަ މީހުންނަށް މި އީދުވެފައިވަނީ އެންމެ މަޖާ އެއް އީދުގެ ގޮތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް