މައުމޫންގެ އިސްލާހީ އެޖެންޑާއަށް 20 އަހަރު: އެއީ މިހާތަނަށް ރާއްޖެ ދުށް އެންމެ ބޮޑު ބަދަލުގެ ފެށުން

9 ޖޫން 2004ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާންކުރެއްވި އިސްލާހީ އެޖެންޑާއާ އެކު ދެން ފެނުނީ އޭގެ ކުރިން ރާއްޖެ ނުދެކޭ ފަދަ ދުވަސްތަކެއް

މުހިންމު ނުކުތާތައް

ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު ވިދާޅުވީ މައުމޫންގެ ފިޔަވަޅު ސިޔާސީ ގޮތުން މޮޅު ކަމަށް

އިސްލާހީ އެޖެންޑާ އިއުލާންކުރައްވާފައި އެއާ ފުށުއަރާ ގިނަ ކަންތައްތަކެއް ވެސް ތަޖުރިބާކުރެއްވުނު ކަމަށް ހަސަން ވިދާޅުވި

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މައުމޫން އެ އިސްލާހީ އެޖެންޑާ އިއުލާންކުރެއްވީ ރަނގަޅު ނިޔަތެއް އޮވެގެން ކަމަށް

ފޯނުތަކަށް ސިޔާސީ އެސްއެމްއެސްއެއް ފެތުރުނެވެ. އޭގައި އެދުނީ ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދަން ގޮވާލާށެވެ. ސިޔާސީ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ދުވަސްވަރެއްގައި އެއީ ބިރުވެރި މެސެޖެއް ވެސް މެ އެވެ. 

އެ މެސެޖް ފެތުރުނު 9 ޖޫން 2004 ވީ ބުދަދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހި ރައްޔިތުންނާ ނުރަސްމީކޮށް ބައްދަލުކުރެއްވުމެއް ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ. އެއީ ރާއްޖޭގެ ސިޔާސީ ކުރިމަގާ ބެހޭ ބޮޑު ކަމެއް އިއުލާންކުރެއްވުންކަން، އެންމެންނަށް ވެސް އެނގެ އެވެ. އެހެންކަމުން އެ އެސްއެމްސްއަކީ ސިޔާސީ ޕާޓީތައް އުފައްދަން މައުމޫނަށް ގޮވާލަން ރައްޔިތުންގެ ކިބައިން ބަޔަކު އެދުނު އެދުމެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 9 ޖޫން 2004ގައި އިސްލާހީ އެޖެންޑާ އިއުލާންކުރައްވައި ދެއްކެވި ވާހަކަފުޅު އަޑުއަހަން ދިޔަ އެކި ފެންވަރުގެ މީހުންތަކުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް ފުރިފައި

އެރޭ މައުމޫންގެ ވާހަކަފުޅުގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ބައި ވެސް ހިމެނުއްވި އެވެ. 

"އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެ އެސްއެމްއެސް ފޮނުވީ އަޅުގަނޑެއް ނޫނޭ،" އެމަނިކުފާނުގެ ވިސްނުންފުޅުގައި ސިޔާސީ ޕާޓީ ހުއްދަކުރުން ހިމެނޭ ކަމަށް ވިދާޅުވުމަށް ފަހު، އެސްއެމްއެސްއަށް އިޝާރަތްކުރައްވައި، ސަމާސާ ރާގެއްގައި މައުމޫން ވިދާޅުވި އެވެ.

އެއީ ރާއްޖޭގައި މިހާތަނަށް ރައީސަކު އިއުލާންކުރެއްވި އެންމެ ބޮޑު ސިޔާސީ އިސްލާހީ އެޖެންޑާ އެވެ. އެކަމަކު އެރޭ މައުމޫންގެ ވާހަކަފުޅު ކުރިއަށް ގެންދެވީ، އެ މާހައުލުގެ ސީރިއަސްކަމަށް ވުރެ މަޖާކޮށް، އެހާމެ ސަމާސާ ރާގެއްގަ އެވެ. މިސާލަކަށް ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ މީހަކު ދައްކާ ވާހަކައެއް އަޑުއަހަން ޝައުގުވެރިކަމާ އެކު ތިބޭނީ އެންމެ 30 ސިކުންތު ވަންދެން ކަމަށެވެ. އެ 30 ސިކުންތުގެ ތެރޭގައި ވާހަކަފުޅު ނިންމާލެއްވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވީ ޕޯޑިއަމްގައި އޮތް އަތުކުރީ ގަޑިއެއް ދައްކާލައްވަމުންނެވެ. އެރޭ އެމަނިކުފާނު ކުރައްވަން އުޅުއްވާ ކަމެއްގެ މައި ސުރުހީ އަޅުއްވާފައި ގަޑިއަށް ބައްލަވާލެއްވި އެވެ. ވިދާޅުވީ މިހާރު 22 ސިކުންތު ހިނގައިފި ކަމަށެވެ. އެ ބަސްފުޅުން ހޯލްގައި ތިބި އެންމެން ގާތަށް ވެސް ހިނިއަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 9 ޖޫން 2004ގައި އިސްލާހީ އެޖެންޑާ، އިސްލާމީ މަރުކަޒުގައި، އިއުލާންކުރައްވަނީ. މިއީ މިހާރުގެ ޑިމޮކްރަސީއަށް ރާއްޖެ ގެންދިއުމުގެ ދަތުރު ރަސްމީކޮށް ފެށުނު ދުވަސް.

އެކަމަކު ދެން ރާއްޖެއިން ފެންނަން ފެށީ ހިނިތުންވުމާއި ސަމާސާގެ ދުވަސްތަކެއް ނޫނެވެ. އެ ވަދެވުނީ ސިޔާސީ ބޮޑު ބަދަލުތަކުގެ ބަހުސްތަކާއި އެއްވުންތަކާއި މުޒާހަރާތަކާއި  ސިފައިންނާއި އާންމުންގެ ކުރިމަތިލުންތަކަށް ވެސް މެ އެވެ. މައުމޫންގެ އިސްލާހީ އެޖެންޑާ އިއުލާންކުރައްވާފައި ވިދާޅުވީ އެކަންކަމާ މެދު އާންމުން ހުރިހާ ތަނެއްގައި ވެސް ބަހުސްކުރަންވީ ކަމަށެވެ. އެ ވިދާޅުވުމާ އެކު މާލޭގައި 'މިނިވަން ބަހުސް'ގެ ނަމުގައި ޖަލްސާތައް ބާއްވަން ފެށި އެވެ. ފުރަތަމަ ފަހަރަށް އާންމުންގެ އެއްވުމެއްގައި މައުމޫންގެ އިސްތިއުފާއަށް ވެސް ގޮވީ އެވެ. 

މައުމޫންގެ ނިޔަތާ މެދު ސުވާލު އުފެދުނު

އޭރު ހަ ވަނަ ދައުރަކަށް މައުމޫން ހުވާކުރެއްވިތާ ހަ މަސް ވީ އެވެ. ރިޔާސީ އިންތިހާބުގެ ކުރިން 19 ސެޕްޓެމްބަރު 2003ގައި މާފުށީ ޖަލުގައި ސިފައިން ހިންގި އަނިޔާވެރި މާރާމާރީއެއްގައި އީވާން ނަސީމް މަރުވުމާއި އެއާ ގުޅިގެން 20 ސެޕްޓެމްބަރުގައި ޖަލު ފަޅާލައިގެން ގައިދީން ނުކުންނަން ފެށުމުން ސިފައިން ބަޑިޖަހާ ތިން މީހަކު މަރާލި އެވެ. މި ބޮޑު ލޭއޮހޮރުވުމާ ގުޅިގެން މާލޭގައި، އޭގެ ކުރިން ނުދެކޭ ވަރުގެ ހަމަނުޖެހުމެއް ހިނގައި، ތަންތަނުގައި ރޯކުރި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 9 ޖޫން 2004ގައި އިއުލާންކުރެއްވި އިސްލާހީ އެޖެންޑާއާ އެކު ފެށި 'މިނިވަން ބަހުސް'ގައި އިބްރާހިމް ވަހީދު ސުވާލެއްކުރައްވަނީ: އިބްރާހިމް ވަހީދު ފަހުން ވަނީ އެމްޑީޕީ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައި
މިނިވަން ބަހުސްގެ ބައްދަލުވުމެއް. މިއީ ސިޔާސީ ގޮތުން ކުރިއަށް ވުރެ ބޮޑު މިނިވަންކަމެއްގައި ދިވެހި ވާހަކަ ދައްކަން ފެށުމުގެ ހަރަކާތް

ރިޔާސީ އިންތިހާބުގައި މައުމޫނަށް ރައްޔިތުން އާއެނކޭ ބުނި ނަމަވެސް އަދި ވެރިކަމުގައި 25 އަހަރު ހޭދަކުރެއްވިޔަސް، ރާއްޖެ އޭރު އޮތީ މުޅިން އެހެން ހާލަތެއްގަ އެވެ. ރައީސްކަމުގެ ހުވާ 11 ނޮވެމްބަރު 2003ގައި ކުރެއްވި އިރު، ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި، މައުމޫނާ އިދިކޮޅު ބޭފުޅުންކޮޅެއް އެމްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި، އެކަން ދުނިޔޭގެ މީޑިއާއަށް އިއުލާންކުރެއްވި އެވެ.

މި ހުރިހާ ބަދަލުތަކަކާ އެކު މައުމޫނަށް ވެސް ފެނިވަޑައިގަތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި އާންމު މިނިވަންކަމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 9 ޖޫން 2004ގައި އިސްލާހީ އެޖެންޑާ އިއުލާންކުރެއްވުމާ އެކު އޭރުގެ 'ހަވީރު'ގެ ބޭރު ގަނޑު

އޭރު ރައީސް އޮފީހުގެ ތަރުޖަމާން ޑރ. އަހުމަދު ޝަހީދު މިހާރު ވެސް ގަބޫލުކުރައްވަނީ އިސްލާހީ އެޖެންޑާ އިއުލާންކުރެއްވީ ރަނގަޅު މަގުސަދެއް އޮވެ، އަދި އެ ބަދަލުތައް ގެންނަވަން މައުމޫން ބޭނުންފުޅުވެގެން ކަމަށެވެ. ނަމަވެސް އޭރުގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދަށް އެކަން ފެނިވަޑައިގަންނަވާ ގޮތް، ތަންކޮޅެއް ތަފާތެވެ.

"އެއްވެސް މީހަކަށް އެއް މަންޒަރު ފެންނާނީ އެއްގޮތަކަށް ނޫންކަން ހަނދާންކޮށްލަން ޖެހޭ. އެއީ އެ މަންޒަރު ބަލާ ވަގުތުގެ ގޮތުންނާއި ބަލާ އެންގަލްގެ ގޮތުން ތަފާތު ހުރެދާނެ،" ލަންޑަންގައި ދިރިއުޅުއްވާ އަދި މިހާރު ޕްރޮފެސަރެއްގެ މަގާމުގައި ހުންނެވި ޝަހީދު، ފޯނުން އަޅުގަނޑާ ވާހަކަ ދައްކަވަމުން ފުރަތަމަ ވެސް ވިދާޅުވި އެވެ.

އޭގެ މާނައަކީ އޭރު ކެބިނެޓްގައި ތިއްބެވި އެކި ބޭފުޅުންނަށް، މައުމޫންގެ ވިސްނުންފުޅު އެކި ގޮތަށް މާނަކުރެއްވިދާނެ ކަމެވެ. އެގޮތުން ޝަހީދު ވިދާޅުވީ މައުމޫން ވެރިކަމަށް ވަޑައިގެން އޭރުގެ ގާނޫނުއަސާސީ އިސްލާހުކުރަން ފެއްޓެވި މަސައްކަތް 17 އަހަރަށް ދިގު ދެމިގެން ދިއުމާ އެކު، 9 ޖޫންގެ އިސްލާހީ އެޖެންޑާއާ މެދު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދުނު ކަމަށެވެ. ނަމަވެސް އިސްލާހުތައް އަވަހަށް ގެންނަވާނެ ކަމާ މެދު އޭނާއަށް ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ބަޔަކާ ވާހަކަ ދައްކަވަނީ: ކުރީގެ ރައީސް މައުމޫން 9 ޖޫން 2004ގައި އިއުލާންކުރެއްވި އިސްލާހީ އެޖެންޑާއާ އެކު މިނިވަން ބަހުސް ބާއްވަން ފެށުމުގައި އިބްރާހިމް އިސްމާއިލްގެ އިސްނެންގެވުން ބޮޑު

ޝަހީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް އިސްލާހުތަކެއް ގެންނަން ޖެހޭނެކަމަށް މައުމޫނަށް ވިސްނިވަޑައިގަތީ ކޮންމެހެން ޖަލުގައި ހަމަނުޖެހުންތަކެއް ހިނގި ހިސާބަކުންނެއް ނޫނެވެ. އެއަށް ވުރެ ކުރިން ޖުލައި 2003ގައި އެމްނެސްޓީން ރާއްޖެއާ ބެހޭ ގޮތުން ނެރުނު ރިޕޯޓަކީ ކުރިން ހަދަމުން ދިޔަ ގޮތަށް ސަރުކާރަށް އަޅާނުލާ ނޯވެވޭނެކަމުގެ އެއްޗެއް ކަމަށެވެ.

އެ ރިޕޯޓާ މެދު ސަރުކާރުގެ ބަހެއް ހޯދަން ބީބީސީން އެދުނެވެ. މައުމޫން ނިންމެވީ އެކަން ޝަހީދާ ހަވާލުކުރައްވާށެވެ. ދެން ދިވެއްސަކު ވެސް ސަރުކާރުގެ އަނިޔާވެރިކަމާ ބެހޭ ގޮތުން ބީބީސީއަށް އެ ދުވަސްވަރު އިންޓަވިއުއެއް ދިނެވެ. އެކަމަށް ރައްދުދޭން ވެސް ޖެހިވަޑައިގަތީ ޝަހީދަށެވެ. އޭގެ ފަހުން ޝަހީދު ވިދާޅުވި ގޮތުގައި އޭނާ މައުމޫނަށް ދެންނެވީ މިހާރު މި ދިމާވާ ކަންކަމަށް ރާއްޖެއިން ޖަވާބުދާރީވާން ބޭނުން ނަމަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ހިޔާލު ދެއްވީ ޓޯޗާ މަނާކުރާ މުއާހަދާގައި ސޮއިކުރުމާއި މިނިވަން ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދުމާއި މަދަނީ ޖަމިއްޔާތަކަށް ކުރިއަށް ވުރެ ބޮޑު ރޯލެއް އަދާކުރެވޭނެ ގޮތް ހަމަޖެއްސުމަށެވެ.

20 ސެޕްޓެމްބަރު 2003ގައި މާފުށީ ޖަލުގައި ސިފައިން ބަޑި ޖެހުމުން ޒަހަމްވި މީހުން ޖަލުގެ ގޯތި ތެރޭގައި: މިއީ ރާއްޖެ ބަދަލުވާން ޖެހޭކަން އެންގި ހާދިސާއެއް

އެ "ހުށައެޅި ހުށެޅުން ބަލައިގަންނަވާ ވިދާޅުވީ ތިމަންނަ މިކަންތައް ކުރައްވާނަމޭ،" ޝަހީދު ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އުފައްދަވަން އުޅުއްވީ، އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އާ ދައުރަށް ހުވާކުރެއްވުމަށް ފަހު އެވެ. 

"އެ ހުރިހާ ކަމެއް ހިނގީ ހަފުތާއެއްގެ ތެރޭގައި، އޮގަސްޓް މަހުގެ ކުރީކޮޅު،" ޝަހީދު ވިދާޅުވި އެވެ.

ޖަލުގެ ލޭ އޮހޮރުވުން އައީ، އެއިން ކަމަކަށް އަމަލީ ސިފައެއް އައުމުގެ ކުރިން ސެޕްޓެމްބަރު މަހު އެވެ. އެހާ ހިސާބުން ހަގީގަތުގައި، ޝަހީދު އެ ވިދާޅުވި ތިން ކަމަށް ވުރެ މާ ބޮޑެތި ބަދަލުތަކެއް ރާއްޖެއަށް ބޭނުންވާކަން މައުމޫނަށް ވިސްނިވަޑައިގަތެވެ. އެހާ ވަރަށް އެތެރެ އާއި ބޭރުގެ ޕްރެޝަރު ވެސް ބޮޑުވީ އެވެ.

އެޓާނީ ޖެނެރަލްގެ މަގާމަށް ހަސަން ގެންނެވީ އާ ދައުރަށް ހުވާކުރެއްވުމަށް ފަހު 11 ނޮވެމްބަރު 2003 ގަ އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ހަސަނަކީ، އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން، މައުމޫނުގެ އިސްލާހީ އެޖެންޑާގައި ވެސް އަދި ސިޔާސީ ޕާޓީ އުފެއްދުމާއި މިނިވަން ހިޔާލަށް ހުޅުވާލުމުގައި ވެސް، އެންމެ މުހިންމު އެއް ދައުރު، ސަރުކާރުގެ ތެރެއިން އަދާކުރެއްވި އެއް ބޭފުޅެވެ. 

ހަސަން ވިދާޅުވި ގޮތުގައި އިސްލާހީ އެޖެންޑާއާ ފުށުއަރާ އެތައް ކަމެއް ވެސް ސަރުކާރުގެ ތެރެއިން ހިންގަން އުޅުނެވެ. އެހެންކަމުން މައުމޫންގެ ހަމައެކަނި މަގުސަދަކީ އިސްލާހު ގެންނެވުން ނޫންކަމާއި އަމިއްލަ ވެރިކަން ދިފާއުކުރެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިކަން ދެމެހެއްޓުމަށާއި ވެރިކަމަށް މަގުބޫލިއްޔަތުކަން ހޯދުމަށާއި ވެރިކަން އިތުރަށް ކުރެއްވުމަށް ހަގީގަތުގައި ކުރެއްވުނު ކަމެއް ކަމަކީ،" ހަސަން ވިދާޅުވި އެވެ.

މަގުމަތީގައި އެމްޑީޕީ، ކެބިނެޓްގައި 'ނިއު މޯލްޑިވްސް'

އިސްލާހި އެޖެންޑާއާ އެކު ރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓްރީކޮށް ހިންގަން ހުޅުވާލި ފުރުސަތަކީ މައުމޫންގެ ވަރަށް ބޮޑު ނިންމެވުމެއް ކަމާ މެދު ޝައްކެއް ނެތެވެ. އޭރު އޮތް ގާނޫނުއަސާސީގެ ދަށުން ވެސް ސިޔާސީ ޕާޓީ އުފެއްދޭނެކަމުގެ ގާނޫނީ ލަފާ ދެއްވައި، އެކަމަށް ބޭނުންވާ ގަވާއިދު ހެއްދެވީ ހަސަން އެވެ. އެހާ ހިސާބުން ވެސް މައުމޫނަކީ އިސްލާހީ އެޖެންޑާގައި ކުރިއަށް ވަޑައިގަންނަވާނެ ބޭފުޅެއްކަން، ގިނަ މީހުންނަށް ގަބޫލުކުރެވުނެވެ.

ޑރ. ހަސަން ސައީދު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެކަމަކު ހަސަންއަށް ފެނިވަޑައިގަތީ މިނިވަން ބަހުސްއަށް ފުރުސަތު ދީފައި، ސަރުކާރުގެ ތެރެއިން އެނޫން ގޮތް ގޮތަށް މަސައްކަތްކުރަން ބޭނުންވި ތަނެވެ. މިނިވަން ބަހުސްގެ އަސްލު ބައިވެރިންނަކީ އެމްޑީޕީގެ ފިކުރުގެ ހަަރަކާތްތެރިންނެވެ. ޕާޓީ ރަޖިސްޓްރީވުމަކީ، ސްކޫލްތަކުގެ ހޯލުން 'މިނިވަން ބަހުސް' ނުކުމެ، މަގުތަކަށް ފަތުރާލުމެވެ.

"އިސްލާހީ އެޖެންޑާ އިއުލާންކުރެއްވުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ކާމިޔާބީއެއް، މައުމޫނަށް އޭގެ ހައްގު ޝަރަފު ވެސް ލިބެން ޖެހޭ ކަމެއް،" ހަސަން ވިދާޅުވި އެވެ.

"އެޖެންޑާ އިއުލާންކުރެއްވުމާ ގުޅިގެން ދެން އަނބުރާ ނުގެންދެވޭ ވަރަށް ގިނަ ކަންކަމަށް މގުފަހިވެގެން ދިޔަ. މިސާލަކަށް މިނިވަން ބަހުސްތައް. އެއީ އިިސްލާހީ އެެޖެންޑާގެ ދަށުން މައުމޫން ދައުވަތު ދެއްވި އެންމެންނަށް އޭގައި ބައިވެރިވާން. އެހެންނަމަވެސް ސަރުކާރުގެ ތެރެއިން ފުލުހުންނާއި ސިފައިން ވިސްނުން ހުރީ އެންމެންގެ މައްޗަށް ދައުވާކުރަންވިއްޔޭ."

މީގެ ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު

މައުމޫންގެ ނިޔަތް، ބައެއް ހާލަތްތަކުގައި ގޯސްކަން ހަސަން ގަބޫލުކުރައްވާ އެއް ސަބަބަކީ ސިޔާސީ ހަރަކާތުގައި އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅަން އޭނާއަށް އައި ޕްރެޝަރުތަކެވެ.  އޭނާ ވިދާޅުވި ގޮތުގައި އެ ފިޔަވަޅު ނޭޅުނީ ކޮންމެހެން އިސްލާހީ އެޖެންޑާގެ ސަބަބަކުންނެއް ނޫނެވެ. އޭނާގެ ބަހުން ނަމަ އެކަން ކުރަން 'ސަރުކާރުގެ ވިސްނުން ނެތިގެންނެއް ވެސް ނޫނެ'ވެ.

"އެ ފިޔަވަޅު ނޭޅުނީ އަޅުގަނޑު ބަންޑާރަ ނައިބަކަށް ހުރެގެން އަޅުގަނޑު ދެކޮޅުހެދީ އެކަން ވިޔަނުދޭން. އަޅުގަނޑު ބުނިން އެކަމެއް ނުކުރެވޭނެއޭ. އަޅުގަނޑު ނުކުރާނަމޭ. އެހެންވީމާ އެ ދުވަހު އަޅުގަނޑު ނޫން އެހެން މީހަކު އެ މަގާމުގައި ހުރި ނަމަ ވަރަށް އެކަށީގެންވޭ އިސްލާހީ އެޖެންޑާ އޮއްވާ އެއްކަލަ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުން ގާނޫނީ ގޮތުން."

މައުމޫނަށް ޕްރެޝަރު އައީ ހަމައެކަނި އިދިކޮޅު ހަރަކާތްތަކުން އެކަންޏެއް ނޫނެވެ. ކެބިނެޓަކީ ވެސް އޭރުއ ދެ ފިކުރެއްގެ މައްޗަށް ބެހިފައި އޮތް ތަނެކެވެ. މައުމޫންގެ ދިގު ވެރިކަމުގައި 20 ،25 އަހަރު ވަންދެން ވަޒީރުކަން ކުރެއްވި ބޭފުޅުން ވެސް، އިސްލާހީ އެޖެންޑާގެ ފުރަތަމަކޮޅު ހިމެނުނެވެ. ހަސަން ވިދާޅުވި ގޮތުގައި އެ ހުރިހާ ބޭފުޅުން ލައްވައިގެން އިސްލާހީ މަސައްކަތްކުރަން އުނދަގޫތައް ހުންނާނެ ކަމަށް މައުމޫނަށް ލަފާދެއްވުމުން، އެކަމަށް އިޖާބަދެއްވި އެވެ. ގިނަ ދުވަސްވީ ގިނަ މިނިސްޓަރުން ކެބިނެޓުން ވަކިކޮށް، 2005ގެ މެދު ތެރޭގައި ޒުވާން އެތައް ބޭފުޅުންނެއް ގެންނެވި އެވެ. އޭގެ ތެރޭގައި ޑރ. މުހައްމަދު ޖަމީލާއި މުހައްމަދު ނަޝީދު ހިމެނިވަޑައިގަނެ އެވެ.

މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ކުރީގެ ރައީސް ސޯލިހު، ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ޝަހީދު ވިދާޅުވީ ހަސަނާއި ޖަމީލް އަދި ނަޝީދަކީ ގާނޫނީ ބޭފުޅުންކަމަށް ވާތީ ކެބިނެޓްގައި މަޝްވަރާކުރާ ވަރަށް ގިނަ ކަންކަމުގައި އެ ބޭފުޅުން ނަންގަވާ ކޮޅަކަށް ނިމޭ ކަމަށެވެ. އެހާ ހިސާބުން 'ނިއު މޯލްޑިވްސް'ގެ ނަމުން މަޝްހޫރުވި 'ފެކްޝަނެއް' ކެބިނެޓްގައި އުފެދުނެވެ. އޭގެ މައިގަނޑު ބޭފުޅުންނަކީ ޝަހީދާއި ހަސަނާއި ޖަމީލެވެ.

ގާނޫނުއަސާސީ އައީ ހަދަމުންނެވެ. އެމްޑީޕީގެ ހަަރަކާތްތައް ވެސް ކުޑައެއް ނޫނެވެ. އެ ހާލަތުގައި ކެބިނެޓްގައި ދެ ފެކްޝަނެއް އޮތުމަކީ ރައީސް މައުމޫނަށް ކުރިމަތިވާނެ އުނދަގުލެއް ކަމާ މެދު ޝައްކެއް ނެތެވެ. އެކަމަކު މައުމޫނާ މެދު ހަސަނުގެ ތަސައްވުރު ގޯސްވާން ފެށި ސަބަބަކަށް ނިއު މޯލްޑިވްސް ހަރަކާތާ މެދު މައުމޫނު ދެކެވަޑައިގެންނެވި ގޮތް ހިމެނެ އެވެ. ނިއު މޯލްޑިވްސްއަށް ނިސްބަތްވާ ބޭފުޅުންގެ މައިގަނޑު ވިސްނުމަކީ އާ އިންތިހާބުގައި މައުމޫން ވާދަނުކުރެއްވުމެވެ. 

ހަސަނާއި ޝަހީދު ވެސް ވިދާޅުވަނީ ޒުވާން ވަޒީރުންގެ މަސައްކަތުން މައުމޫންގެ ވެރިކަމާ މެދު ބޭރު ދުނިޔޭގައި އޮތް ތަސައްވުރު ބަދަލުކޮށް، ރާއްޖޭގެ އެތެރޭގެ ސިޔާސީ ހަރަކާތް ވެސް މައުމޫނަށް މާ ބޮޑު މައްސަލައަކަށް ނުވާ ވަރަށް ކޮންޓްރޯލްކުރެވުނު ކަމަށެވެ.

އިސްލާމީ މަރުކަޒު ހުޅުވަން 11 ނޮވެމްބަރު 1984 ގައި ބޭއްވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (މ). ޒަމާނީ ޑިމޮކްރަސީއަކަށް ރާއްޖެ ފުރޮޅާލެއްވީ 25 އަހަރު ވެރިކަން ކުރައްވާފައި

ހަސަންގެ ނަޒަރުގައި އެހާ ހިސާބުން މައުމޫނާއި އެމަނިކުފާނުގެ އެންމެ އަރިސް އެކަމަކު 'ޒަމާނަށް ނުފެތޭ ހިޔާލު'ގެ ބޭފުޅުންނަށް ވިސްނިވަޑައިގަތީ ހަރުކަށިކޮށްލައިގެން އަނެއްކާވެސް ކަންކަން ކުރެއްވިދާނެ ކަމަށެވެ. 

"ރައީސް މައުމޫންގެ ޕޮސިިޝަން ވަރުގަދަވާ ހިސާބަށް ދިއުމުން ހިމޭނުން ތިއްބެވި އިހުގެ ބޭފުޅުން ފެންމަތިވެ، ޕްރެޝަރު ކުރަން ފެށީ އިސްލާހަށް މަސައްކަތްކުރަމުން އައި ޒުވާން ވަޒީރުންނަށް. އެ ހިސާބުން ފެށިގެން ދެން އިސްލާހަށް މަސައްކަތްކުރެއްވި  ބޭފުޅުން ރައީސް މައުމޫން ގެންދެވީ ދުރުކުރައްވަމުން. އިހުގެ ބޭފުޅުން މައްޗަށް އަރުއްވަމުން، އަރިސްކުރަމުން،" ހަސަން ވިދާޅުވި އެވެ.

"އޭރު ނިއު މޯލްޑިވްސްގެ ނަމުގައި އާ ވަޒީރުން މަސައްކަތްކުރަމުން ދިޔައީ. ރައީސް މައުމޫން ކަނޑައެޅިގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެންގެވި ނިއު މޯލްޑިވްސް އުވާލާށޭ. ނިއު މޯލްޑިވްސްއަކީ ރަޖިސްޓްރީކުރެވިފައި އޮތް އެއްޗެއް ނޫން. އެއީ ފިކުރެއް. އެހެންވީމާ އެ ފިިކުރު ދުއްވާލާށޭ ރައީސް މައުމޫން ތަކުރާރުކޮށް އެންގެވި. ވަކި ހިސާބަކުން ގޮސް ރައީސް މައުމޫން އަޅުގަނޑާ ބައްދަލެއް ވެސް ނުކުރޭ. އެއީ އިހުގެ ބޭފުޅުން ދެބަސްވާތީވެ."

އާ ދައުރަކަށް ނުކުންނެވުމުގެ ވިސްނުންފުޅު މައުމޫންގެ ހުރުމުން ނިއު މޯލްޑިވްސް ފިކުރުގެ އިސް ބޭފުޅުންނަށް ދެން އިތުރަށް ސަރުކާރުގައި ތިއްބެވެން ނެތްކަން ގަބޫލުކުރެއްވުނު ހިސާބަށް ދިޔަ އެވެ. ހަސަން އާއި ޖަމީލް، 2007ގައި ކުއްލިއަކަށް އެއް ދުވަހެއްގައި އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން ޝަހީދު ވެސް، އޭރު އޭނާ ހުންނެވި ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އެވެ.

އެކަމަކު އޭރު ހަގީގަތުގައި މައުމޫންގެ އިސްލާހީ އެޖެންޑާ އޮތީ ވަރަށް ބޮޑަށް ހިނގައިފަ އެވެ. ޒުވާން ވަޒީރުންގެ މަސައްކަތުން މައުމޫންގެ މޫނުމަތި ރާއްޖެ އާއި ބޭރު ދުނިޔޭގައި ވެސް ރީތިކޮށްދީފަ އެވެ.

މައުމޫނަށް ހައްގު ކްރެޑިޓް

ހަސަން އާއި ޝަހީދު ވެސް އެއް ކަމަކަށް އެއްބަހެވެ. އިސްލާހީ އެޖެންޑާއަކީ އޭގެ ޒާތުގައި ތާރީހީ، އެހާމެ ބޮޑު، އަދި މުޅި ގައުމު ބަދަލުކޮށްލި ސިޔާސަތެއް ކަމެވެ. އެހެންކަމުން މައުމޫނަށް އޭގެ ހައްގު ކްރެޑިޓް ދޭން ޖެހޭ ކަމެވެ.

އެހާ ހިސާބާ ޖެހެންދެން މައުމޫންގެ ވެރިކަމުގައި އާންމު ރައްޔިތުންނަށް އަސާސީ ގިނަ ހައްގުތަކެއް ނެތެވެ. ޖަލުގައި އަނިޔާވެރިކަން ބޮޑެވެ. ސިޔާސީ ހަަރަކާތެއް ނުހިންގެ އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ މައުމޫން ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ކުރަން ބޭނުންފުޅުވެގެން ކުރެއްވި ކަމެކޭ. އޭގެ އަޑީގައި ވަނީ މައުމޫންގެ ލެގަސީއެއް ގާއިމްކުރެއްވުން. މާނައަކީ ވެރިކަން ނިމޭ ދުވަހަކުން ނިމިގެން، އަޅުގަނޑުމެންނަށް ފަހުން ވިސްނުނީ ނިންމަވަން ބޭނުންފުޅުނުވާކަން ވެސް،" ޝަހީދު ވިދާޅުވި އެވެ.

"[އެކަމަކު] ކޮންމެވެސް ދުވަހަކުން ވެރިކަން ނިމޭނެ، އެގޮތަށް ވެރިކަން ނިމޭއިރުގައި މައުމޫންގެ ލެގަސީއެއް އޮންނަން ޖެހޭނެކަމަށް ބޭނުންފުޅުވީ ރަނގަޅު ކަމެއް، ހެޔޮ ގޮތެއް."

މައުމޫން މި ފަހުން ބޭއްވި ޖަލްސާއެއްގައި: ފަހު ދައުރުގައި ފެނުނީ ވަރަށް ބޮޑު ބަދަލަކަށް ނުކުންނެވި ތަން (ފޮޓޯ/ އެމްއާރުއެމް)

ހަސަން ގަބޫލުކުރައްވަނީ ސިޔާސީ ގޮތުން މައުމޫންގެ ފިޔަވަޅު ވަރަށް މޮޅު ކަމަށެވެ. 

"ސިޔާސީ ގޮތުން މައުމޫންގެ ހަވަނަ ދައުރު ނިމުމަކާ ހަމައަށް ގެންދެވީ ވަރަށް މޮޅަށް. އެއީ ކޮންމެހެން ނުޖެހޭ އިސްލާހީ ގޮތުން ރަނގަޅުވާކަށް، ކޮންމެހެން ގާނޫނީ ގޮތުން ރަނގަޅުވާކަށެއް، އެ ނުޖެހޭ ކޮންމެހެން ގައުމަށް ރަނގަޅު ވާކަށެއް،" ހަސަން ވިދާޅުވި އެވެ.

"އެއީ މުޅިން އެހެން ޖީލެއްގެ ޒުވާން ވަޒީރުންތަކެއް ގެނެސްގެން، ސަރުކާރަށް ފަޑުކިޔަމުން ދިޔަ ބަޔަކާ ކޮންފްރޮންޓްކޮށް، އެ ބަޔަކު ހިމޭންކުރުވާ، އެ ބަޔަކަށް ވުރެ ސަރުކާރު ޕޮޕިއުލާކޮށްދީ އެކަން އެހެން ޖީީލެއްގެ، މާ ކުރީ ޒަމާނެއްގެ ބޭފުޅަކު ކުރެއްވި ކުރެއްވުމަކީ ސިޔާސީ ގޮތުން ވަރަށް މޮޅު ކަމެއް. އެކަން ކުރެއްވުމުގައި އެ ވަޒީރުންގެ ވާހަކަ އަޑުއަހައި، އިހުގެ ބޭފުޅުން ކެބިނެޓުން އެކަހެރިކުރެއްވުމަކީ ވެސް ވަރަށް މޮޅު ކަމެއް ސިޔާސީ ގޮތުން. އެހެންވީމާ ސިޔާސީ ގޮތުން މައުމޫނަށް ކްރެޑިޓް ލިބޭ. އެހެންނަމަވެސް އެ ކްރެޑިޓް ލިބެނީ ކޮންމެހެން އިސްލާހީ އެޖެންޑާއެއްގެ ދަށުން ނުވަތަ ގައުމު އިސްލާހުކުރުމުގެ ގޮތުން ނުވަތަ ގައުމަށް ފަހިމަގު ލިބުމުގެ ސިފައެއް ނޫން. ސިޔާސީ ގޮތުން މޮޅު ހިކުމަތްތެރިކަމެއް އެއީ." 

ކޮންމެ ގޮތެއް ވިޔަސް، މައުމޫންގެ އިސްލާހީ އެޖެންޑާއަކީ މިހާރު މި އޮތް ޒަމާނީ ޑިމޮކްރަސީއަށް ރާއްޖެ ގެންދިއުމުގެ ރަސްމީ ފެށުމެވެ. އެ ދުވަސްވަރު އެމަނިކުފާނުގެ ކެތްތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. އެއީ މަޖުބޫރުވެގެންނޭ ބައެއް މީހުން ބުނެފާނެ އެވެ. ނަމަވެސް އޭގެ ކުރިން 25 އަހަރު ވަންދެން ފެނުނު މައުމޫން އާއި އިސްލާހީ އެޖެންޑާގެ ތެރޭގައި ފެނުނު މައުމޫންއާ މުޅިން ތަފާތެވެ. ޒުވާނުންނެކޭ އެއްގޮތަށް އެމަނިކުފާނު ވެސް ޑިމޮކްރަސީގެ ހަމަތައް ގަބޫލުކުރެއްވީ އެވެ. 

10 ނޮވެމްބަރު 2008: ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މުހައްމަދު ނަޝީދާ އޭރުގެ ރައީސް މައުމޫން ސަލާންކުރައްވަނީ.

ޝަހީދު ވިދާޅުވި ގޮތަށް އެއް މަންޒަރު ދެ މީހަކަށް ފެންނަ ގޮތް ތަފާތުވާނެ އެވެ. އެކަމަކު ރާއްޖޭގެ މި ޑިމޮކްރަސީގެ ހަޔާތުގައި މައުމޫންގެ ދައުރާ މެދު އެއްވެސް ޝައްކެއް ނެތެވެ. މި ހުރިހާ ބަދަލެއް ފެނުނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމެވެ. މަޖުބޫރުތަކެއް އޮތަސް ދެއްވި ދޫތަކުގައި ކަމެވެ. އަރިސް ބޭފުޅުންގެ ލަފާ އަޑުއައްސަވައިގެން ވަރަށް ކެތްތެރިކަމާ އެކު އިސްލާހީ އެޖެންޑާގެ ނިމުން ކަމަށްވާ، އާ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ހަމައަށް ރާއްޖެ ގެންގޮސްދެއްވި ކަމެވެ.

އިންތިހާބުން ބަލިވެވަޑައިގަތުމާ އެކު، އާ ރައީސް މުހައްމަދު ނަޝީދާ، ރައީސް އޮފީހުގައި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވި އެވެ. ހުދުމުހުތާރުކަމާ އެކު ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ ފަރާތުން އެފަދަ ރީތި މިސާލެއް ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނާނެ އެވެ.

ކޮމެންޓް (3)

މޭބީ

9 ޖޫން 2024
އެއިރު ދިވެހިން ގައުމު މިހާރަށް ވުރެ ފަގީރަސް ޖަލުތަކުގެ އަނިޔާވެރިިކަން ނެތް ނަމަ ހީވަނީ މިހާރަށް ވުރެ ގިނަ މީހުން މާ ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅޭނެހެން. އޭރުވެސް ފައެއް ބިނދިއްޖެއްޔާ އަންނަނީ މާލެއަށް މިހާރުވެސް އަންނަނީ މާލެއަށް. އެކަމަކު އޭރު އޮތް މަޑުމައިތިރިކަމާ ހިމޭންކަން މާ ރަނގަޅު.
6 1

މޮޑަފް

9 ޖޫން 2024
މިހާރު ބައެއް މީހުންގެ ހިތަށްއަރާނެކަންނޭގެ އާގާނޫނުއަސާސީގެ ދަށުން އަޖުމަބަލަން އެއްދައުރު މައުމޫނަށް ދެވުނުނަމައޭ. އެހެން ބުނަންޖެހެނީ 2007 އަދި2008ގަ ގައުމު ހިންގީ މިނިވަންކަންދީގެން. ދައުލަތުގެ މީޑިޔާވެސް ވަރަށް މިނިވަން. އޭގެ ފަހުން އައި ހުރިހާ ސަރުކާރަކުންވެސް އައީ އެމީޑިޔާ ކޮންޓްރޯލް ކުރަމުން. ޚާއްސަކޮށް ޕީޕީއެމް ފިކުރުން ސަރުކާރު ހިންގާއިރު އެކަން ބޮޑު.
7 2

އާސަން

9 ޖޫން 2024
@މޮޑަފް ޕީޕީއެމަށް ވުރެ ފަހުން އެމްޑީޕީ އައިސް މާ ބޮޑަށް ގޯސް. އެމްޑީޕީ ފިލާވަޅު ނަގަނީ އެމެރިކާޔާ ހުޅަގުން. ބޭރުން ވަރަށް ރީތި އެކަމަކު ނިޒާމު އޮންނަނީ މުޅިން ކިލަބުކޮށް.
3 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް