ގައިސަރު ނަސީމަށްެ އެންމެ މަގުބޫލް ޖެނެރަލް މެނޭޖަރުގެ އެވޯޑް ލިބިވަޑައިގަތުމުން އޭނާއަށް އޭރުގެ ޕެރެޑައިސް އައިލެންޑް ރިސޯޓްގެ މުވައްޒަފުން މަރުހަބާ ކިޔަނީ
ގައިސަރުގެ ތަޖުރިބާއިން ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގު
މުހިންމު ނުކުތާތައް
ރާއްޖޭގެ ޓޫރިޒަމް ދެން ބައްޓަން ކުރަން ޖެހޭނީ ރިސޯޓް އާއި ގެސްޓްހައުސްތައް ވަކި ދެ ބައެއްގެ ގޮތުގައި ކަމަށް އޭނާ ގަބޫލުކުރައްވާ
ރިސޯޓްތަކުގެ އޮކިއުޕެންސީ ދަށްވުމާ ގެސްޓްހައުސްތަކާ ގުޅުވުމަށް ވުރެ ރިސޯޓްތަކުގެ މާކެޓިންގެ މައްސަލަ މާ ބޮޑު
ގެސްޓްހައުސްތަކުގެ މާކެޓްތައް ވެސް އަންނާނީ ފުޅާވަމުން، ދެން އެކަމެއް ނުހުއްޓުވޭނެ
މީގެ ހަ އަހަރު ކުރިން އިންޓަވިއުއެއްގެ ތެރެއިން ގައިސަރު ނަސީމްއާ އަޅުގަނޑު ބައްދަލުވި އިރު އޭނާ ހުންނެވީ އޭރު ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް ސަން އައިލެންޑް، މިހާރުގެ ނަމުން ނަމަ ވިލާ ޕާކްގެ ޖެނެރަލް މެނޭޖަރަށެވެ. މިދިއަ ހަފުތާގައި އޭނާ އަޅުގަނޑަށް އިންޓަވިއު ދެއްވީ ބޮޑު ރިސޯޓެއް ހިންގެވުމާ ބެހޭ ގޮތަކުންނެއް ނޫނެވެ؛ ގެސްޓްހައުސް ވިޔަފާރި އާއި ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގުގެ މައުލޫއުގަ އެވެ.
ރިސޯޓެއްގެ ރިސެޕްޝަނިސްޓެއްގެ މަގާމުން ޓޫރިޒަމް ދާއިރާގައި ފެއްޓެވި ހިދުމަތް، ވިލާ ކުންފުނީގެ ގްރޫޕް ޖެނެރަލް މެނޭޖަރުކަމާ ހަމައަށް ގެންދެވުނީ ގިނަ ތަޖުރިބާތަކަކާ އެކު އެވެ. އޭރު އޭނާގެ ޒިންމާއަަކީ ވިލާގެ ބޮޑެތި ރިސޯޓްތައް މެނޭޖްކުރެއްވުމެވެ. ނަމަވެސް އެ ބޮޑު ޒިންމާއިން ދުރުވެ، އޭނާ ދެން މިސްރާބު ޖެއްސެވީ ގެސްޓްހައުސްގެ ވިޔަފާރިއަށެވެ. ކ. ދިއްފުށީގައި، ނޮވެމްބަރު 2021ގައި، ހުޅުވި ސްކައި ބީޗް ހިންގަވަމުން ގެންދަވަނީ ގައިސަރެވެ.
ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕަންސީ ދަށްވެ، އޭގެ އެއް ސަބަބަކީ ގެސްޓްހައުސްތައް ގިނަވުން ކަމަށް އެއް ބަޔަކު ބުނާ އިރު އެއަށް ފުރިހަމައަށް ޖަވާބު ދެއްވޭނެ އެއް ތަޖުރިބާކާރަކީ ޓޫރިޒަމް ދާއިރާގައި އުޅުއްވާތާ މިހާރު 27 އަހަރު ވެފައިވާ ގައިސަރެވެ.
"އެ ވާހަކަ އަހަރެން ގަބޫލެއްނުކުރަން،" އެ ސުވާލުކުރުމުން ގައިސަރު ފުރަތަމަ ވެސް ދެއްވި ޖަވާބަކީ މި އެވެ.
ދުނިޔެއަށް ރާއްޖޭގެ ޓޫރިޒަމް މަޝްހޫރުވެފައި މި އޮތް 'ވަން އައިލެންޑް، ވަން ރިސޯޓް'ގެ ހާއްސަ ނަމަށް، ގެސްޓްހައުސްތަކުގެ ސަބަބުން އަސަރުކުރާނެ ހެއްޔެވެ؟
"ނުކުރާނެ،" ގައިސަރު ވިދާޅުވި އެވެ.
މިއީ އޭނާގެ ކުރު ޖަވާބުތަކެވެ. އެއިން ކޮންމެ ކަމަކަށް ވަރަށް ތަފުސީލުކޮށް ވެސް ވާހަކަދެއްކެވި އެވެ.
ގައިސަރު ވިދާޅުވި ގޮތުގައި ގެސްޓްހައުސްތަކަށް އަންނަނީ ރާއްޖޭގެ ރިސޯޓްތަކަށް ދެވޭވަރުގެ ބަޖެޓެއް ނެތް މީހުންނެވެ. ރާއްޖޭގެ ރީތިކަން ދެކިލަން ކުޑަ އަގެއްގައި އައިސް ތިން ހަތަރު ރޭ ހޭދަކޮށްލެވޭ ވަރުގެ ޓޫރިސްޓުންނެވެ. ރާއްޖޭގެ ރިސޯޓްތަކުގެ އެނދުތައް ވިއްކާ އަގުގައި ގެސްޓްހައުސްތަކުގެ އެނދުތައް ގަންނާނެ ބަޔަކު ނުވާނެކަން އޭނާ ގަބޫލުކުރައްވަ އެވެ. އެހެންކަމުން ރާއްޖޭގެ ރިސޯޓަކަށް އަންނަން ބޭނުންވާ މީހާ ގެސްޓްހައުސްއަަށް ނާންނާނެކަން އޭނާއަށް ޔަގީނެވެ.
ދުނިޔޭގެ ޓޫރިޒަމް މާކެޓްގެ އަގު މިދިއަ އަހަރު 1.4 ޓްރިލިއަން ޑޮލަރަށް އެރިއިރު އެންމެ ގިނަ ބަޔަކު ހޭދަކޮށްފައި ހުންނާނީ އަގުހެޔޮ ޗުއްޓީ އެވެ. އޭގެ މިސާލެއް ދައްކަވަމުން ގައިސަރު ވިދާޅުވި ގޮތުގައި އިންޑޮނީޝިއާގެ ބާލީ އާއި ތައިލެންޑްގެ ޕުކެޓް ފަދަ މަންޒިލްތަކުގައި ވެސް ގިނައީ ގެސްޓްހައުސް ފެންވަރުގެ ތަންތަނެވެ. ނަމަވެސް އެ މަންޒިލްތަކުގައި ވެސް ރާއްޖޭގެ ރިސޯޓްގެ ބަޔަަށް ފެތޭނެ ކަހަލަ މަތީ ފެންވަރުގެ ހޮޓާތައް ހުރެ އެވެ.
"ބަލަމާ ހިނގާ 150 ޑޮލަރު ނުވަތަ 100 ޑޮލަރުން ދަށުގެ ތަންތަން ގިނަވާނީ ދުނިޔޭގެ ޓްރެވާލާސްއަށް ބަލާއިރު ވެސް،" ގައިސަރު ވިދާޅުވި އެވެ.
"ގެސްޓްހައުސްތައް [ސީޒަންގައި] 150 ޑޮލަރަށް ވުރެ ބޮޑުކޮށެއް ނުވިއްކޭނެ. އެކަމަކު ރާއްޖޭގައި ރިސޯޓެއް އެބަ އޮތްތަ [ސީޒަންގައި] 150 ޑޮލަރަށް ލިބޭ."
އެހެންކަމުން ރިސޯޓްތަކުގެ އޮކިއުޕެންސީ ދަށްވެގެން އުޅެން ޖެހެނީ، ގެސްޓްހައުސްތަކުގެ ސަބަބުން ނޫންކަން އޭނާއަށް ޔަގީނެވެ. އެހެންކަމަށް ވާ ނަމަ މީގެ އަސްލު މައްސަލައަކީ ކޮބައި ހެއްޔެވެ؟
މާކެޓިން ދަށްވުމާއި އިންޑިއާއަށް ކުރި މަލާމާތް
"އިންޑަސްޓްރީއަށް އެންމެ ބޮޑަށް ދިމާވެފައި އޮންނަނީ މާކެޓިންގެ މައްސަލަ އަބަދުވެސް،" ގައިސަރު ވިދާޅުވި އެވެ.
އޭނާގެ ރިސޯޓް ހަޔާތާއި މިހާރު ކުރައްވަމުން ގެންދަވާ ތަޖުރިބާއިން ވެސް އެކަން އެނގިވަޑައިގަނެ އެވެ. މާކެޓް ނުކުރެވޭ ތަނަކަށް މި ޒަމާނުގައި މީހުންނެއް ނާންނާނެ އެވެ. ބޮޑު އިންވެސްޓްމެންޓެއް ހަދާފައި އެތަނަށް މީހުން ގެންނާނެ ގޮތް ނޭނގޭ ނަމަ، އޭނާ ވިދާޅުވީ، ތަން ހުސްކޮށް އޮތުމުން ހައިރާންވާން ނުޖެހޭ ކަމަށެވެ.
މާކެޓިންގެ ފަޅިއަށް ބަލާ ނަމަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ އެމްއެމްޕިއާރުސީއަކީ ވެސް، ގައިސަރުގެ ނަޒަރުގައި، ގާބިލް ތަނެއް ނޫނެވެ. ދުނިޔޭގެ ޓޫރިޒަމް ބަދަލުވަމުން ދާ ގޮތްތަކަށާއި ރާއްޖޭގެ ޓޫރިޒަމަށް އަންނަ ބަދަލުތަކަށް ބޭނުންވާ މާކެޓިން ނުޖެއްސޭކަމުގެ ޝަކުވާ އޭނާގެ ވެސް އެބަ އޮތެވެ.
ރިސޯޓްތަކުން އަމިއްލައަށް ވެސް އެ ރިސޯޓެއް އިސްތިހާރުކުރަން އެބަ މަސައްކަތްކުރަން ޖެހެ އެވެ. އެކަމަކު ރާއްޖޭގެ ބައެއް ގެސްޓްހައުސްތަކުން ކުރާ ވަރަށް ވެސް، ބައެއް ރިސޯޓްތަކުން އެ ހަރަކާތް ކުރިއަކަށް ނުގެންދެ އެވެ.
"ރިސޯޓްތައް ރަނގަޅަށް މާކެޓްކުރާ ނަމަ އެ މައްސަލައެއް ނާންނާނެ. ބާލީ އާއި ޕުކެޓް އެތަންތަން ވެސް އެދަނީތާ ދުވަހުން ދުވަހަށް ކުރިއަށް،" ގައިސަރު ވިދާޅުވި އެވެ.
ރާއްޖޭގައި 200އާ ކައިރިކުރާ ވަރަށް ރިސޯޓްތައް އޮތް އިރު އެ ބޮޑު މާކެޓްގެ އެނދުތައް އަހަރުގެ މިހާ ހިސާބުން ހުސްކޮށް ހުންނަ ނަމަ، ގެސްޓްހައުސްތަކަށް އޭގެ ފޫޅުކެނޑުން، ގައިސަރު ކަހަލަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، ހައްގެއް ނޫނެވެ. ހުޅުވާލާފައި އޮތް ވިޔަފާރިއެއްގައި ކޮންމެ ބަޔަކު ވެސް މަސައްކަތްކުރަން ޖެހޭނީ އެ ބަޔަކު ސަލާމަތްވާށެވެ.
ޓޫރިޒަމަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ހާލަތަށް ވެސް ބިނާވާ އިންޑަސްޓްރީއެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު ގުޅުން އޮތީ ޔޫރަޕަށެވެ. އެކަމަކު ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ވިލާގަނޑުން އެ ސަރަހައްދުގެ މުޅި އިގުތިސާދަށް ވެސް ބަނަކަން ގެނުވަ އެވެ. ދަތުރުކުރަން ހުރި އާންމު މީހާ އޭނާގެ ފައިސާއާ މެދު ކުރިން ނުވިސްނާ ވަރަށް ވިސްނަމުން އެބަ ދެ އެވެ. އެހެންކަމުން ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުމަށް ވުރެ ގޮތް ނޭނގޭ ކުރިމަގަކަށް ފައިސާކޮޅު ރައްކާކުރުން އޭނާއަށް މުހިންމުވެ އެވެ.
ދެން ރާއްޖެއިން ބަލަން މި ޖެހެނީ އެހެން ގައުމުތަކަށެވެ. މިދިއަ ފަސް އަހަރު ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އެނދުތައް ފުރަން އިންޑިއާގެ ޓޫރިސްޓުންގެ ދައުރު ބޮޑުވި އެވެ. ނަމަވެސް ޕީޕީއެމްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި އެތައް ދިވެހިންނެއް އިންޑިއާއަށާއި އިންޑިއާ މީހުންނަށް ކުރަން ފެށި މަލާމާތުން އިގުތިސާދަށް ލިބުނު ގެއްލުމުގެ އަގު މިހާރު މި އޮތީ، ދާއިރާގެ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި، 100 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފަ އެވެ. އިންޑިއާއިން އަންނަ ޓޫރިސްޓުންގެ ނިސްބަތް %50އަށް ވެއްޓުމުގެ މައިގަނޑު ސަބަބަކީ، އެ ޒުވާބުގެ ތެރޭގައި، ގައުމުގެ އިގުތިސާދީ ކުރިމަގަށް ވުރެ އެ އެކްޓިވިސްޓުންގެ ހިމާޔަތް މުހިންމުވެ ސަރުކާރުން ދެއްކި ހިމޭންކަމެވެ.
ރިހޭ ފައިމައްޗަށް އަނެއްކާވެސް ވެއްޓުނީ ފޮޔެވެ. ރާއްޖޭގެ މުޅި ޓޫރިޒަމަށް މިހާރު މި އޮތީ އޭގެ ތަދު ފެތުރިފަ އެވެ.
ރިސޯޓްތަކުގެ ވެރިންގެ ކަންބޮޑުވުން އޮވޭ
ގެސްޓްހައުސްގެ ވިޔަފާރި 2010ގައި ފެށިއިރު ވެސް ރިސޯޓްތަކުގެ ވެރިންގެ ކަންބޮޑުވުން އޮތެވެ. އެ ކަންބޮޑުވުން އަދިވެސް ނުފިލާކަން، ގައިސަރު ގަބޫލުކުރައްވަ އެވެ. އެކަމަކު އޭނާ ވިދާޅުވީ 'ވަން އައިލެންޑް، ވަން ރިސޯޓް'ގެ ނަން ހިމާޔަތްކުރާށޭ ކިޔާފައި، ގެސްޓްހައުސްތަކަށް ހުރަސް ދިމާވެގެން ނުވާނެ ކަމަށެވެ.
ރިސޯޓްތަކުގެ ބައެއް ވެރިންނަށް ޓޫރިޒަމްގެ މި ދެ ޕްރޮޑަކްޓް ވަކިނުވާކަމަށް އޭނާއަށް ލަފާކުރެއްވެ އެވެ.
"އެމީހުންނަށް ރަނގަޅަށް މި ދެ ޕްރޮޑަކްޓް އައިޑެންޓިފައި ނުވަނީ. އެމީހުން ހީކުރަނީ ތިމަންނަމެންގެ މާކެޓް ގެއްލިގެން ދާނެ ކަމަށް. އެކަމަކު ގެސްޓްހައުސްތައް މި ތަނުގައި ނުވިއްކައޭ 300 ޑޮލަރަކަށް،" ގައިސަރު ވިދާޅުވި އެވެ.
ރިސޯޓަކީ ޓޫރިސްޓުންނަށް މުޅިން މިނިވަންކަން ލިބޭ މާހައުލެކެވެ. ގެސްޓްހައުސްތައް މި ހުންނަނީ މީހުން އުޅޭ ރަށްރަށުގަ އެވެ. އެހެންކަމުން މި ދެ ބައި އަޅާބެލުން ރަނގަޅު ނޫން ކަމަށް ގައިސަރު ދެކެވަޑައިގަނެ އެވެ.
ގެސްޓްހައުސްތައް ފެށުމާ އެކު، އޭނާ ވިދާޅުވި ގޮތުގައި، ސީދާ ރައްޔިތުންގެ އަތަށް ޑޮލަރު ލިބެ އެވެ. ގެސްޓްހައުސްތައް ހަދަނީ އާންމު މީހާގެ ގޭގޭގައި ކަމަށް ވާތީ، ރަށެއްގައި ހުންނަ އެންމެ އާދައިގެ މީހާއަށް އޭގެ ފައިދާ ހޯދެ އެވެ.
"ގެސްޓްހައުސް ވިއްޔާ އަދި 10 ކޮޓަރި އަޅައިގެން ވެސް، އަމިއްލަގެ ހަދައިގެެން ވިޔަސް ލާރިކޮޅު ވަންނަނީ ގޭގެ ވެރިމީހާއަށް، ނޫނީ ދިވެހި [އާދައިގެ މީހާގެ] އެކޮނޮމީއަށް. އެހެންވީމާ ގައުމަކަށް ބަލާއިރު އަސްލު ހަގީގަތުގައި ގެސްޓްހައުސް މާކެޓް ވަރަށް މުހިންމު،" ގައިސަރު ވިދާޅުވި އެވެ.
"ބޭނުންވަނީ ލާރި ޖީބަށް އަޅަން. އެކަމަށްޓަކައިތާ މި ހުރިހާ ކަމެއް މިކުރަނީ. އެ ހުރިހާ ކަމަކަށް ބަލާއިރު އަސްލު ހަގީގަތުގައި ގެސްޓްހައުސް މާކެޓް ދާނީ ވެސް ކުރިއަށް. އެކަން ކުރިއަށް ގެންދަން ވެސް ޖެހޭނެ."
ރިސޯޓްތަކުގެ އޮކިއުޕެންސީ، އެތަންތަން ހިންގާނެ ހަރަދު ނުލިބޭ ވަރަށް ދަށަށް ދާ ނަމަ، އެއީ ގައުމީ މައްސަލައެކެވެ. އެކަމަކު އެ މައްސަލާގައި ހަމައެކަނި ގެސްޓްހައުސްތަކަށް އިނގިލި ދިއްކޮށްގެން މިހާރު ވާކަށް ނެތެވެ. މިހާރު މި އޮތީ ރާއްޖޭގެ މި ދެ އުފެއްދުން އެކުއެކުގައި ކުރިއަށް ގެންދަން ޖެހިފަ އެވެ. މި ޒަމާނުގައި އެކަން ކުރާނެ ގޮތާއި، މާކެޓިން އާއި އިސްތިހާރުކުރުމުގައި ގެންގުޅޭނެ އާ ވިސްނުންތައް އަންނަން ޖެހޭނީ ވެސް، ދެ ބައި އެކުވެގެންނެވެ.
"މި ދެ ޕްރޮޑަކްޓް އެއް ބާސްކެޓަކަށް އަޅައިގެން ނުވިއްކޭނެ. މިއީ ދޭއްޗެއް. މި ދޭތި ވަކިކޮށް، ދުނިޔެއަށް ރާއްޖެ ދައްކަންވީ،" ގައިސަރު ވިދާޅުވި އެވެ.
ކޮމެންޓް (3)
އެހެންތަ؟
މުހަންމަދު
މެކޭ