ވަށައިގެން

ރުއްގަސް ކަނޑަމުން ގެސްޓުހައުސްތައް ރާއްޖެ ހިފަނީ؛ ރަނގަޅެއް ނޫނީ ގޯހެއްތަ؟

ރަށްރަށުގެ ވެޖިޓޭޝަނަށް ވުރެ އުސްކޮށް ގެސްޓުހައުސްގެ ނަމުގައި ބޮޑެތި 10 ބުރީގެ އިމާރާތް ނެގުން އަންނަނީ ފުޅާވަމުން. ރަށުން ބޭރު ބޮޑެތި ވިޔަފާރިވެރިން މިކަން ކުރަމުން އަންނައިރު މިއީ ގެސްޓުހައުސް ޓޫރިޒަމްގެ އަސްލު ކޮންސެޕްޓް ގެއްލުވައިލުން

މުހިންމު ނުކުތާތައް

ބައެއް ރަށްރަށުން މިހާރު ނަމޫނާއަކަށް ނަގަނީ ކޮންކްރީޓަށް ވެފައި އޮތް މާފުށި. އެކަމަކު އެއީ ގެސްޓްހައުސްގެ ވިޔަފާރީގެ އަސްލު ވިސްނުމެއް ނޫން

ރަށްރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ގެސްޓްހައުސްތައް އިމާރާތްކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދު ހަދަން ޖެހޭ

ދިގުރަށުގެ ކައުންސިލުން އަމިއްލައަށް ވަނީ އެފަދަ އުސޫލެއް ހަމަޖައްސައި، އެއަށް އަމަލްކުރަން ފަށާފައި

ރަށްރަށުގެ މަލަމައްޗަކީ ގުދުރަތީ ރީތިކަމުގެ ފުރިހަމަ މިސާލެކެވެ. ކޮންކްރީޓުގެ ފޫހި އަޅި ކުލައަށް ނޫނެކޭ ބުނަނީ ބިމުން ފޯދިފައި ހުންނަ ފެހިކަން ގަދަ، ދިގު ރުއްތަކާއި ބޮޑެތި ބިޔަ ގަސްތަކުންނެވެ. ނަމަވެސް ރަށްރަށުގެ އެ ރީތި މަލަމަތި އަންނަނީ ބަދަލުވަމުންނެވެ. އެ ގަސްތަކުގެ ބިޔަކަމާއި ރުއްތަކުގެ ދިގުކަން ގެއްލިއްޖެ އެވެ. ރުއްގަސް ކަނޑައި ތިރިކުރަމުން، ރަށު ފަތުރުވެރިކަން އެހެރަ އަރައިގެން ދަނީ އާ ހަރުފަތްތަކަކަށެވެ. ރަށު ފަތުރުވެރިކަމުގެ އަސްލު މަގްސަދު ވެސް އޮޅޭ ހިސާބަށެވެ.

ގެސްޓުހައުސް ވިޔަފާރީގެ އަސްލަކީ ޓޫރިޒަމް ސިނާއަތުގެ މަންފާ ރަށްރަށުގައި ދިރިއުޅޭ އާންމުންނަށް ވެސް ލިބޭނެ ގޮތެއް ހޯދައިދިނުމެވެ. ރަށުގައި ހުންނަ މީހާގެ ޖީބު ވެސް ޑޮލަރުން 'ފުރައިދިނުމެ'ވެ. އެއާ އެކީގައި ފަތުރުވެރިންނަށް ވެސް ދިވެހިންނާއި ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ. މީގެ 14 އަހަރު ކުރިން ވަރަށް ސާދާކޮށް ފެށި މި ވިޔަފާރި އެތައް ގުނައަކުން ފުޅާވެއްޖެ އެވެ.

ގެސްޓުހައުސްގެ ނަމުގައި ކުދި ރިސޯޓު

ގެސްޓުހައުސް ވިޔަފާރި މިއަދު އޮތް ހާލަތަށް ބަލާއިރު، ބައެއް ތަންތަން ފެތެނީ އަސްލު ވެސް ގެސްޓުހައުސް ވިޔަފާރިއަށްތޯ ސުވާލު އުފެދެ އެވެ.

"ފައިސާވެރިންނާއި ބިންވެރިން ރަށްރަށުގައި އިންވެސްޓުކޮށް މާކެޓު ހަލާކުކޮށްލީ،" މިކަމުގެ ކަންބޮޑުވުން ހިއްސާކޮށް، ނަން ނުޖަހާ ގޮތަށް، 'ދައުރު'އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

"އަސްލު ގެސްޓުހައުސްއަކީ [އަހަރެން ދެކޭ ގޮތުގައި] ތަންކޮޅެއް ކުޑަ ސްކޭލްއެއްގައި ހިންގާ ވިޔަފާރިއެއް. އާދައިގެ ނޫނަސް، ގަވާއިދަށް ފެތޭ ފެންވަރަށް ރީތިކޮށް ހަދާފައި ހުންނަންވާނީ. އެކަމަކު މިހާރު ގެސްޓުހައުސްއޭ ކިޔާފައި މި ނަގަނީ 10-12 ބުރީގެ ބޮޑެތި އިމާރާތްތައް. އެ ތަންތަނަކަށް ނުކިޔޭނެ ގެސްޓްހައުސްއެކޭ."

ގެސްޓްހައުސްގެ ކޮންސެޕްޓް ގެއްލުނަ ނުދީ ދެމެހެއްޓުން މުހިންމު (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

މިސާލަކަށް ބުނާނަމަ، 10 ބުރި 12 ބުރީގެ ހޮޓަލެއް ހަދާއިރު، ފަސް ތަރީގެ ރެސްޓޯރަންޓަކާއި އަމިއްލަ ވޯޓަ ސްޕޯޓްސް ސެންޓަރެއް ވެސް ހުރެ އެވެ. ކުރިމައްޗަށް އޮންނަ ބީޗު ވެސް އޮންނަނީ އަމިއްލަ މުދާގަނޑެއްގެ ގޮތުގަ އެވެ. ކުރުކޮށް ބުނާ ނަމަ ރިސޯޓަކުން ލިބޭ ހުރިހާ ހިދުމަތެއް ތަނަވަސްކޮށްދެ އެވެ. ތަފާތު ވަނީ އަގުތަކެވެ. އެކަމަކު މިހާރު އަގުގައި ހުރި ފަރަގު ވެސް، ބައެއް ފަހަރަށް ކުޑަވެ އެވެ.

މިއީ ހަމަ ހަގީގީ ރަށު ފަތުރުވެރިކަން ނުވަތަ ގެސްޓްހައުސްގެ ވިޔަފާރި ހެއްޔެވެ؟ ނޫނީ ރަށްފުށުގެ ދިވެހިވަންތަ ދިރިއުޅުން އެތަންތަނުން ފަތުރުވެރިންނަށް ތަޖުރިބާ ކޮށްލެވޭނެ ހެއްޔެވެ؟ މިއީ އޭނާ އުފެއްދި ސުވާލުތަކެވެ.

ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސްއަކާ ވީ ދިމާލު އަތިރިމަތި: ގެސްޓްހައުސްތަކުގެ ވިޔަފާރި އަންނަނީ ފުޅާވަމުން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ރާއްޖޭގައި ރިސޯޓު ކިޔަނީ ވަކިން އޮންނަ ރަށްތަކުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ތަރައްގީކުރާ ތަންތަނަށެވެ. ރާއްޖެއިން އަމިއްލައަށް ފައްކާކޮށްފައިވާ 'ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓަކީ ވެސް އެއީ އެވެ. ނަމަވެސް ފަހަކަށް އައިސް ތަރައްގީކުރާ  ގެސްޓުހައުސްތަކާއި ހޮޓެލްތަކަކީ ބޭރު ގައުމުތަކުގައި ނަމަ ރިސޯޓުގެ ގޮތުގައި ގިންތި ކުރެވޭ ފެންވަރުގެ ތަންތަނެވެ. ރާއްޖޭގައި އެހެން ނުކިޔުމަކީ އަދި އެހެން ކަމެކެވެ.

މި ފަހަކަށް އައިސް ގެސްޓުހައުސްތައް އިމާރާތް ކުރަނީ ވަރަށް މަތީ ފެންވަރުގަ އެވެ. ހިދުމަތްތައް ކިތަންމެ ގިނަ ކަމުގައި ވިޔަސް، އަދިވެސް ރިސޯޓުތަކާ ތަފާތުވާ ކަންކަން އެބަ ހުއްޓެވެ.

"މިސާލަކަށް، ރިސޯޓުތަކުން ލިބޭ ޕްރައިވެސީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓުހައުސްތަކުން ނުލިބޭނެ. އެންމެ ހައި އެންޑް ރިސޯޓުތަކުން ބަލާނެ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މީހުން އުޅޭ ރަށްރަށަށް ޓޫރިސްޓުން ނުގެންގޮސް ވޭތޯ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ޓޫރިޒަމްގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"ގެސްޓުހައުސްތަކަށް ދާ މީހުންނަށް އަސްލު ރާއްޖޭގެ ސަގާފަތް ފެންނާނީ... އޭގެ އިތުރަށް، މިސާލަކަށް ގެސްޓްހައުސްތަކުން އަލްކޮހޯލް ސާވް ނުކުރާނ.، ޑިސްކޯ ނުބޭއްވޭނެ [ޕްރޮޕަޓީގެ އެތެރޭގައި ބޭއްވިޔަސް]. މިކަހަލަ ލިމިޓޭޝަންތަކެއް ހުންނާނެ ގެސްޓުހައުސްތަކުގައި."

'ބަދަލުތައް ގަބޫލުކުރަން ވާނެ؛ އެއްގޮތަކަށް ނުތިބެވޭނެ'

މި މައުލޫގައި 'ދައުރު'އާ ވާހަކަދައްކަވަމުން އިނަ މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިގްތިސާދީ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ފޯރަމުން އަންނަ ކަމަށެވެ.

"މީހުންގެ ސްޕެންޑިން ޕެޓާންސް ވަރަށް ބޮޑަށް ބަދަލުވެއްޖެ. ބަޖެޓު ނުވަތަ މިޑް ރޭންޖުގެ ޓޫރިސްޓުން އަސްލު ގެސްޓުހައުސްތަކަށް މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

މިކަމަށް ބާރު ދޭ އިތުރު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރާއްޖެ އައުމަށް ފަހު ދުރު ރިސޯޓުތަކަށް ދާން ބޮޑު ހޭދައެއް ކުރަން ޖެހުމެވެ.

"މާލެއަށް (ވީއައިއޭއަށް) އަންނަ ފަތުރުވެރިޔަކު ދުރު ރިސޯޓަކަށް ދާ ނަމަ ޓްރާންސްފާ އާއި ޓެކްސްތަކާ ހުރިހާ އެއްޗެއް ލާފައި އެބަ ދައްކަން ޖެހޭ މުޅި ހޮލިޑޭ ޕެކޭޖުގެ %50.  މިސާލަކަށް، ސިޔާމް ވޯލްޑަށް ދާ މީހުންގެ އަތުން ހުރިހާ ޗާޖެއް ލާފައި ދާނެ 850 ވަރަކަށް ޑޮލަރު،" އޭނާ ވިދާޅުވި އެވެ.

މާފުށީގެ މަގެއް: މިއީ މިހާރު ރާއްޖޭގެ އެންމެ ގިނަ ގެސްޓްހައުސް ހިންގާ ރަށް (ދައުރު ފޮޓޯ/އަހްމަދު ލައުހު މުހައްމަދު)

ފިރާގު ވިދާޅުވީ ބޮޑު އަގު ދީފައި އަންނަ އެއްވެސް ފަތުރުވެރިޔަކު އަދި ވަކިން ހާއްސަކޮށް މިޑް ރޭންޖާއި ބަޖެޓު ފަތުރުވެރިން އެ ވަރުގެ ބޮޑު ހަރަދެއް ހަމައެކަނި ދަތުރަށް ކުރަން ބޭނުންނުވާނެ ކަމަށެވެ. މިކަން ހައްލުކުރަން ކުރެވޭނެ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނަށް އިންޓަނޭޝަލް ފްލައިޓްތައް ގުޅާލެވޭނެ މަގު ހޯދައިދިނުމެވެ.

އަނެއް ކަމަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވުމެވެ. އެއް އިރެއްގައި ހަމައެކަނި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައި އޮތް ނަމަވެސް މިހާރު އަގުހެޔޮ، މެދު ރޭންޖް އަދި ލަގްޒަރީ ކެޓަގަރީތައް ވެސް އިޝްތިހާރު ކުރެ އެވެ.

ފިރާގު ވިދާޅުވީ ގެސްޓުހައުސްތަކުގެ މާކެޓިން މިދިޔަ ތިން އަހަރެއްހާ ދުވަހު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. ގެސްޓުހައުސްތައް މިހާރު އުޅެނީ މާކެޓިންގައި ގިނަ ރިސޯޓުތަކަށް ވުރެ މާ ކުރީގަ އެވެ.

އޭގެ މިސާލަކީ ބޭރުގެ ޓޫރިޒަމް ފެއާތަކާއި ބުކިން ވެބްސައިޓުތަކުން ވެސް ގެސްޓުހައުސްތައް ފެނުމާއި ބުކިން ވެބްސައިޓުތަކުން ބޭރުގެ ޓޫރިޒަމް ފެއާތަކުގައި ވެސް ގެސްޓުހައުސްތައް ފެނުމެވެ.

ގެސްޓުހައުސް ޓޫރިޒަމް ފުޅާވުމަކީ، އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ލަގްޒަރީ ބްރޭންޑް ނިކަމެތިވުމެވެ. ޓޫރިޒަމްގެ ލުއި ވިޓޯންގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމެކެވެ. ނުވަތަ ގެއްލުންވާނެ ކަމެކެވެ. އެ މީހުން ދެކޭ ގޮތުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވާ ނިސްބަތަށް ބަލާއިރު ރާއްޖެއަކީ ތަންކޮޅެއް 'ޗީޕު' މަންޒިލެއްގެ ގޮތުގައި މަޝްހޫރުވާން ފަށައިފި އެވެ.

އދ. ދިގުރަށް: ނަމޫނާ ރަށެއް

އދ. ދިގުރަށުގައި އެމީހަކު ބޭނުން އުސްމިނަކަށް ގެސްޓުހައުސްތައް އިމާރާތްކުރުން މަނަ އެވެ. އެއީ އެ ރަށު ކައުންސިލްގެ މިދިޔަ ދައުރުގައި ފާސްކުރި ނިންމުމެކެވެ.

މި މައުލޫގައި 'ދައުރު'އާ ވާހަކަދައްކަވަމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ ކައުންސިލްގެ އެ ނިންމުން ވިޔަފާރިވެރިންނާއި ބައެއް މީހުން ބަލައިނުގަންނަ ކަމަށެވެ.

"ބައެއް މީހުން މައްސަލަ ޖެއްސި އުސްކޮށް ނުނެގޭތީ. އެއީ ކައުންސިލްގެ ގަރާރަކުން ނިންމާފައި އޮތް ކަމަކަށް ވީމަ [ކައުންސިލްގެ މި ދައުރުގައި] ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވެސް ބުނީ އެގޮތަކަށް ނުނިންމޭނޭ،" އުސްމާން ވިދާޅުވި އެވެ.

ދިގުރަށުގެ ގެސްޓްހައުސްއެއް: ވަކި އުސްމިނަކަށް އިމާރާތްކުރެވޭ ގޮތް ހެދީ ކައުންސިލުން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ދިގުރަށުން ބޭނުންވަނީ ރަށުގެ މަލަމަތީގެ ސިފަ ގެއްލުނަނުދީ ހިފަހައްޓަން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެލްޖީއޭއިން އެ ގޮތަށް ބުނި ނަމަވެސް ކައުންސިލުން އެ އުސޫލު ކަނޑައެޅީ ރައްޔިތުންގެ ތެރެއިން ގިނަ މީހުން ވެސް ބޭނުންވެގެންނެވެ.

"ރައްޔިތުންގެ މެޖޯރިޓީން ނިންމީ، ގަވާއިދެއް ހެދެންދެން 15 މީޓަރު (4 ފަންގިފިލާ)ައަށް ވުރެ އުސްކޮށް އިމާރާތްތައް ނުނެގޭ ގޮތަށް. އެ ގަވާއިދުގެ މަސައްކަތް މިހާރު ވެސް ކުރަމުންދަނީ،" އުސްމާން ވިދާޅުވި އެވެ.

ކައުންސިލާއި އާންމު ރައްޔިތުން އެގޮތަށް ނިންމި ސަބަބަކީ، ރަށުގެ ފެހި މަލަމައްޗަށް ވުރެ އުސްކޮށް އިމާރާތް ނެގުމުގެ ސަބަބުން ރަށުވަންތަކަން ގެއްލިގެން ނުދާނެ ގޮތެއް ހެދުމެވެ. 

"ބޮޑެތި ވިޔަފާރިވެރިންނަށް ކޮޓަރި ގިނަވީމާ ފައިދާ ވާނެ. އެކަމަކު މުޅި ރަށަށް ބަލާފައި ޓްރީލައިންއާ ހަމައަށް ހިފަހައްޓާފައި، ފެންވަރު މަތިކޮށް ވެސް ކޮޓަރި ހެދޭނެ. ދެމެހެއްޓެނިވި ޓޫރިޒަމަކީ ވެސް އެއީ،" އުސްމާން ވިދާޅުވި އެވެ.

އެހެން ރަށްރަށުން ސަމާލުވާން އެބަ ޖެހޭ

ގެސްޓުހައުސް ޓޫރިޒަމްގެ ބޮންތީގައި އޮންނަ މާފުށިން ދިގުރަށާ މުޅިން ހިލާފު މަންޒަރެކެވެ. މާފުށީގެ ގެސްޓުހައުސްތައް ހުންނަ ފަޅީގައި އޮތީ އިމާރާތް ކުރުމުގެ ވާދަވެރިކަމެވެ. މާލެއާ ހުރި ތަފާތަކީ މަގުތަކުގައި ގަލާއި ތާރު އަޅާފައި ނެތުމެވެ.

އެކަމަކު މާފުށި ނަމޫނާއަކަށް ބަލާ ރަށްތައް ވެސް މަދެއް ނޫނެވެ. މާލެ ކައިރި އެހެން ބައެއް ރަށްރަށުން ވެސް ގެސްޓުހައުސް އާއި ހޮޓަލުގެ ނަމުގައި 10 ބުރީގެ އިމާރާތްތައް ވަނީ ފެންނަން ފަށައިފަ އެވެ. އޭގެ ގިނަ ތަންތަނަކީ އެ ރަށެއްގެ މީހަކަށް ނިސްބަތް ވެސް ނުވާ، އެހެން ހިސާބުތަކުގެ ބޮޑެތި ވިޔަފާރިންގެ އިންވެސްޓްމަންޓުތަކެވެ. އެ ރަށުގައި ޒަމާނުއްސުރެ ގެސްޓުހައުސް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އައި މީހުންނަށް، އެ ސްކޭލްގެ ވިޔަފާރިވެރިންނާ ވާދަކޮށްލެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ.

މާފުށީގެ ކުރީގެ ފޮޓޯއެއް: ގެސްޓްހައުސްތަކާ އެކު މިރަށް މިހާރު ވަނީ މުޅިން ބަދަލުވެފައި (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

"އަސްލު އެއީ މައްސަލައެއް ނޫން. އަހަރެމެންނަށް ވެސް ކޮންމެވެސް އެއްޗެއް ލިބޭނެއެއްނު؟" މުޅިން އަލަށް 10 ބުރީގެ ހޮޓަލެއް އަޅާ ރަށެއްގައި ގެސްޓުހައުސްއެއް ހިންގާ މީހަކު ބުންޏެވެ.

ނަމަވެސް އޭނާގެ ވާހަކަތަކުން ދޭހަވަނީ، ކުދި ވިޔަފާރިވެރިންނަށް ދެން މައިގަނޑު ގޮތެއްގައި ލިބޭނީ، ބޮޑެތި ވިޔަފާރިވެރިންގެ އަތުން ދޫވާ ބައި ކަމެވެ. ހޮޓަލުގެ ކޮޓަރިތައް ފުރިގެން ދެން ބާކީ އަންނަން ތިބި ފަތުރުވެރިންނެވެ. ނޫނީ ތަންކޮޅެއް ބަޖެޓުކޮށް އުޅޭ ފަތުރުވެރިންނެވެ.

ގާނޫނު ބުނަނީ ކީކޭ؟

މިކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު، ގެސްޓުހައުސްތަކާއި ހޮޓާތަކުގެ ބޮޑުމިން ކަނޑައަޅަނީ ފުޅާމިން ނުވަތަ ހޮރިޒޯންޓަލް ކޮށެވެ. އުސްމިނަށް ނުވަތަ ވާޓިކަލްކޮށް ވަކި ޝަރުތުތަކެއް ބަޔާންކޮށްފައެއް ނުވެ އެވެ. ހަމަ ބޭނުން ވަރަކަށް ވެސް ނަގަންވީ އެވެ.

ނަމަވެސް ރިސޯޓު ތަރައްގީކުރުމުގައި މިކަން އޮންނަނީ ތަފާތުކޮށެވެ. ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީ ކުރުމާ ބެހޭ ގޮތުން 20 އޭޕްރީލް 2023ގައި ޝާއިއުކުރި ހޭންޑްބުކްގައިވާ ގޮތުގައި:

  • ކޮޓަރި އާއި ފްރަންޓް އޮފް ދަ ހައުސްގެ އުސްމިން 12 މީޓަރަށް ވުރެ އުސްވެގެން ނުވާނެ؛ ގިނަވެގެން ނެގޭނީ ތިން ފަންގިފިލާއަށް

  • ސްޓާފުންނަށް އެކަނި ވަދެވޭ ބައި - 15 މީޓަރަށް ވުރެ އުސްވެގެން ނުވާނެ؛ އެ ލިމިޓުގައި ބޭނުން އަދަދަކަށް ފަންގިފިލާ ނަގަން ހުށަހެޅިދާނެ

ހިއްކާ ރަށްރަށުގައި ވެސް އެންމެ އުސްކޮށް އިމާރާތް ކުރެވެނީ 12 މީޓަރާ ހަމައަށެވެ. ޓޫރިޒަމް މިނިސްޓްރީން އެކަން ކަށަވަރު ވެސް ކުރެ އެވެ.

އައްޑޫގައި ރިސޯޓް ހަދަން ހިއްކާފައިވާ ރަށެއް. (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

ރިސޯޓް ހަދަން ކުއްޔަށް ދޭ ރަށްތައް ތަރައްގީ ކުރުމުގައި ގެންގުޅެން ޖެހޭ އުސޫލަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު އިސްލާހާ އެކު ރަށެއްގައި ރިސޯޓު ތަރައްގީ ކުރެވޭ ސަރަހައްދުގެ ބޮޑު ބިން %30އިން %50އަށް ބޮޑުވި އެވެ. އެކަމާ އޭރު ކަންބޮޑުވުން ފާޅުކުރި ތިމާވެށި އެކްޓިވިސްޓުންގެ ޝަކުވާއަކީ މޫސުމީ ބަދަލުތަކުގެ ގޮންޖެހުން ރާއްޖެެއަށް ބޮޑުވެފައި އޮއްވާ އެކަން އިތުރު ބުރައަކަށް ވުމެވެ. އެ ކަންބޮޑުވުންތައް، އެއްވެސް ހައްދެއް ނެތި ގެސްޓުހައުސްތައް އުސްކުރާ މައްސަލައަށް ވެސް އެޕްލައި ކުރެވިދާނެ އެވެ.

"މިހާރު މި ރިސޯޓް މި ހަދަނީ އެއްކޮށް ވެށި ފަނާކުރާ މޮޑެލްއެއްގައި. ދެން އޭގެ މައްޗަށް މި އަންނަނީ އިމާރާތް ކުރެވޭ ވަރު އިތުރުކުރުމާ މައްޗަށް ހެދުމާ މިކަހަލަ ކަންކަން،" ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ ހުމޭދާ އަބްދުލް ގަފޫރު (ހުމޭ) އޭރު ވިދާޅުވި އެވެ.

"މި މީހުންގެ ވިޔަފާރި ވިސްނުމަކީ އޮންނަ އެއްޗެއް ބޮޑޭކުރަން ޖެހޭނީ. އެ ރަނގަޅަށް ބަލަހައްޓައިގެން ފައިދާ ހޯދުމެއް ނޫނޭ."

އޭނާގެ އެންމެ ބޮޑު ބިރަކީ ރާއްޖޭގެ ޓޫރިޒަމްގެ މިސްރާބު ދުވަހެއް ދުވަހަކަށް ރާއްޖޭގެ ގުދުރަތީ ވެއްޓާ އިދިކީލަ ގޮތަކަށް ދާތީ އެވެ. ހުމޭދާ ވިދާޅުވި ގޮތުގައި، އަބަދުވެސް ފަައިދާ އިތުރު ކުރުމުގެ ވިސްނުމުގެ ތެރެއިން، ރަށްރަށުގައި ވެސް ބޮޑެތި ސިޓީ ހޮޓާ ހަދައި ރާއްޖޭގެ ޓޫރިޒަމް ތޮއްޖެއްސުމަކީ އަންނަން އޮތް ޖީލުތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

"މަތިންދާބޯޓެއް މައްޗަށް ދާ ގޮތަށް ގޮސް ނުފައިބާ އޮންނަ ގޮތަށް ހައްދެއް ނެތި ވިޔަފާރި ފުޅާކުރުމުގެ ވިސްނުމެއް މި އޮންނަނީ. އޮތް ވިޔަފާރީގެ ވެލިއުއެއް ނުއެއް ފެނޭ. ވިސްނުމާއި ފިކުރު މި އޮންނަނީ ހައްތަހާ ފައިދާ ބޮޑުކުރަން. ސިޓީ ހޮޓާ މޮޑެލްއަށް އަޅުގަނޑުމެންގެ ޓޫރިޒަމް ދާ ތަން މި ފެންނަނީ. ގިނަ ލާރި ހޯދަން ތޮއްޖެއްސުން މި ފެންނަނީ،" ހުމޭދާ ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

ރަށްރަށުގައި ގެސްޓުހައުސްގެ ނަމުގައި ބޮޑެތި އިމާރާތްތައް ހެދުމަކީ ފިރާގު ވެސް ދެކޮޅު ހައްދަވާ ކަމެކެވެ. މިކަމަށް ގާނޫނީ ގޮތުން ކޮންމެވެސް ހައްލެއް ގެނެސްގެން ނަމަވެސް ރަށްރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެ ފަދަ ގޮތަކަށް އެކަން ކުރަން ޖެހޭނެ ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

"މިހާރު ދުރުން ބަލައިލާއިރު ބައެއް ރަށްރަށުން ހުސް އިމާރާތްތައް މި ފެންނަނީ. މިސާލަކަށް މާފުށި،" އޭނާ ވިދާޅުވި އެވެ.

އެހެން ބޭފުޅަކު ވިދާޅުވީ ގަވާއިދު ވަރަށް ބޮޑަށް އިސްލާހުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރިސޯޓުތަކުގެ އަގާއި ރީތިކަން ހިފެހެއްޓިފައި އޮތީ ޓްރީލައިންއަށް ވުރެ އުސްކޮށް އިމާރާތް ނުކުރެވޭ ގޮތަށް ވަރަށް ކުރީއްސުރެ ގަވާއިދުގައި ބަޔާންކޮށް، އެ ގަވާއިދު ތަންފީޒުކުރާތީ އެވެ.

"އަދިވެސް ފުރުސަތު އެބަ އޮތް، މާފުއްޓަކަށް ނޫން، އެހެން ރަށްރަށަށް. މާފުއްޓާއި ދިއްފުށި ކަހަލަ ރަށްރަށުގައި ކޮންސެޕްޓް އެއްކޮށް ހަލާކުކޮށްލާފައި އެ އޮތީ. އެ ވަރަށް އުސްނުކުރެވޭ ގޮތް ހަދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ކޮންމެވެސް ކަހަލަ ހިފެހެއްޓުންތަކެއް އަންނަން ޖެހޭ. މިސާލަކަށް ރަށު މީހެއްގެ ހިއްސާ ނެތި އެ ރަށެއްގައި ގެސްޓުހައުސް ވިޔަފާރި ނުކުރެވޭ ގޮތް ހެދުން."

މި މައްސަލައިގައި މީހުންގެ ވިސްނުން ހުރީ ދެ ގޮތަކަށެވެ. އެއް ބަޔަކު ގެސްޓުހައުސް ވިޔަފާރީގައި މޮޑެލްއަކަށް ބަލަނީ މާފުއްޓެވެ. އެ ކޮންސެޕްޓް އެމީހުންނަށް ބަރާބަރެވެ. ރުއްގަހާއި ފެހިކަން ގެއްލުނަސް، ގެސްޓުހައުސްތައް ހަމަ އުސްކުރަންވީ އެވެ. ގުދުރަތީ ރީތިކަމަށް ވުރެ ފައިސާ މުހިންމެވެ.

ދެކޮޅުހަދާ މީހުން އެދެނީ ފައިސާގެ ބޭނުމަށް ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ފަގީރުކޮށް ނުލުމަށެވެ. ރާއްޖޭގެ ލަގްޒަރީ މަރުކާ ގެއްލުވާލައި، ލުއި ވިޓޯނުން ޝީންއަށް ބަދަލު ނުކުރުމަށެވެ.

ކޮމެންޓް (3)

ބަގަރ

24 ޖޫން 2024
ރިސޯޓު ހަދަން ވެގެން ރަށްރަށް އެކީ ސާފު ކޮށްލާއިރު މި ވާހަކަ ނުދައްކާފައި، ހަމަ އެކަނި ގެސްޓް ހައުސްތަކުން ކުރާ ކަމެއް ކަމަށް ހަދައިގެން މި ވާހަކަ މިހާރު ދައްކަނީ ކީއްކުރަން؟
0 0

ދުރުސިލް

6 ޖޫން 2024
ގެސްޓުހައުސް ކޮންސެޕްޓް ހަލާކު ކުރީ މާފުށީގަ މުއްސަނދި ދެވިޔަފާރިޔަކު. އެމީހުން ތިބެނީ މަޓީ ހިންގުމުގަވެސް. ދެން ގަވައިދާ ގާނޫނު ބަދަލު ކުރަންތިބޭ މަޖިލިސް މެމްބަރުނަށް މި މަހުޖަނުން ލާރި އަޅާލީމަ ގަވައިދެއް ބަދަލުކުރެވޭކަމަކަށް ނުވޭ. އެންމެންވެސް ދުވަނީ ފައިސާފަހަތުން.
8 0

ހަސަނު

6 ޖޫން 2024
ވަރަށް ވެސް ބޮޑު ގޯހެއް
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް