ރިސޯޓްތަކަށް އިރުއޮއްސުނަ ދީގެން ނުވާނެ
މުހިންމު ނުކުތާތައް
ކުރިއަށް އޮތް ޖުލައިމަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ވެއްޓޭނެ ކަމަށް ބެލެވޭ މިންވަރަށް އެންމެ ފަހުން ދަށަށް ދިޔައީ 2008ގައި
ގެސްޓްހައުސްތައް ހިންގުމާ ރިސޯޓް ވިޔަފާރިވެރިން ދެކޮޅެއް ނޫން. އެ މީހުން ބުނަނީ މިހާރަށް ވުރެ ހަރުދަނާ ގަވާއިދުތަކެއް އޮންނަން ވާނެ ކަމަށް
ތިމާވެށީގެ ބަދަލުތަކުގެ ސަބަބުން ވެސް ރާއްޖޭގެ ރިސޯޓްތަކަށް އޮތީ ނުރައްކާ. ހިމާޔަތްކުރުމުގެ ހަރަދު އެހާ ބޮޑު
ދެކުނު އޭޝިޔާ ސަރަހައްދުގެ އިގްތިސާދާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން މިދިޔަ މަހު ނެރުނު ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައި ރާއްޖެއާ މެދު ލިޔެފައިވެ އެވެ؛ "ލަގްޒަރީ ރިސޯޓްތަކަށް އޮންނަ ޑިމާންޑް ދަށްވެ ޓޫރިސްޓުންގެ ޑިމާންޑް ވަނީ ގެސްޓްހައުސްތަކަށް އިތުރުވެފަ އެވެ،" ވޯލްޑް ބޭންކުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.
މިހާރު އުފެދޭ ސުވާލަކީ، ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މަރުކާއަށް ދެން ބަދަލުވާނީ ގެސްޓްހައުސްތައް ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ ޓޫރިޒަމްގެ ސިނާއަތަށް އަންނާނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟
ރަށެއްގައި ރިސޯޓެއް: މި ފެށުން ދަމަހައްޓަން ޖެހޭ
ޓޫރިޒަމް މިނިސްޓްރީ އާއި ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ނޫނީ އެނދުތައް ފުރުނު ނިސްބަތްހުރީ %21.7 ޕޮއިންޓް އިތުރުވެފަ އެވެ. އެހެން ނަމަވެސް އެ މުއްދަތުގައި ރިސޯޓްތަކުގެ އޮކިއުޕަންސީ އިތުރުވެފައި ވަނީ %16.85 ޕޮއިންޓްގަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މުޅިން ވެސް މި ފެންނަނީ ގެސްޓްހައުސްތައް އަރައިގެން އައިސް އަގު ބޮޑު ރިސޯޓްގެ ނަމްބަރުތައް ވައްޓާލާތަނެވެ. ގެސްޓްހައުސްތަކުގެ ދުވެލި ހުރީ ރިސޯޓްތަކާ އަޅާބަލާއިރު މާކުރީގަ އެވެ.
ރިސޯޓްތަކުގެ ވެރިންގެ ޔޫނިއަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް ނަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުވީއިރު މިހާރު މި އަންނަނީ ރާއްޖޭގެ ރިސޯޓް މާކެޓަށް ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިވަމުންނެވެ. ރިސޯޓްތަކުގެ އޮކިއުޕަންސީ ދަށްވުމެވެ. އަދި ހަމަ އެއާ އެކު ރިސޯޓްތައް ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް ދަނީ މައްޗަށެވެ. އެހެން ނަމަވެސް ރިސޯޓްތަކުގެ ކޮޓަރި ވިއްކޭ އަގުތައް އަންނަނީ ދަށްވަމުންނެވެ. ހިތި ނަތީޖާއަކީ ރިސޯޓްތަކުގެ ވިކުރާއަށް އަސަރުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީރުގެ އެ ވާހަކަތަކަށް ތަފާސްހިސާބުތަކުން ވެސް ބާރުލިބެ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޓޫރިޒަމުން ލިބުނު އާމްދަނީ ވަނީ އަހަރުން އަހަރަށް ބަލާއިރު %6.8ގެ ދަށްވުމެއް އައިސްފަ އެވެ. މިދިޔަ އަހަރު ރާއްޖެ އައި 2 މިލިއަނާ ކައިރި ކުރާ ޓޫރިސްޓުންގެ ރެކޯޑް ނަމްބަރާ އެކު ވެސް އެގޮތަށް ދިމާވީ ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އަގު ބޮޑެތި ރިސޯޓްތަކަށް ވުރެ ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑް ބޮޑުވުމެވެ. އެހެން ދިމާވާ މައިގަނޑު ސަބަބަކީ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު މަދުވުމެވެ. އަދި ނިސްބަތުން ވެސް އެ މީހުން ކުރާ ހޭދަ ވެސް ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންނާ އަޅާބަލާއިރު މަދީ އެވެ.
މިދިޔަ އަހަރު ޓޫރިސްޓުން ރާއްޖޭގައި އެވްރެޖްކޮށް ހޭދަކުރި ދުވަހުގެ އަދަދު ވަނީ 8 ދުވަހުން 7.5 އަށް ވެއްޓިފަ އެވެ.
"ރާއްޖެއަށް މަތީ އިނާމުތައް ލިބި ވަރުގަދަ ޕްރޮޑަކްޓަކަށް ރާއްޖެ ވެފައި މި އޮތީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ވިއްކައިގެން މިދިޔަ 50 އަހަރުގެ ތެރޭގައި. ކުރުބާ ތަންތަން އެންމެ ފުރަތަމަ ފެށީ 100 ޑޮލަރަށް ވުރެ ދަށުން. 2022ގައި 5 ބިލިއަން ޑޮލަރު ޓޫރިޒަމުން ލިބި 470 މިލިއަން ޑޮލަރު ވަރު ދައުލަތުގެ އާމްދަނީއަށް ސީދާ ޓޫރިޒަމުން މި ލިބުނީ. އޭގެ ބޮޑު އިންސައްތައަކީ ރިސޯޓްތައް،" ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ދެމެހެއްޓުން މުހިންމުކަން ފާހަގަ ކުރައްވައި ނަޒީރު ވިދާޅުވި އެވެ.
"ރިސޯޓް އިންޑަސްޓްރީ ދެމެހެއްޓިގެން ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލު މިއޮތީ. މި ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ދަމަހައްޓައިގެން. ރާއްޖެ ކުރިއަރާނީ އެގޮތުގައި. ވަރަށް މުހިންމު ކަމެއް އެއީ."
އޭނާ ވިދާޅުވީ ފަޅު ރަށެއްގައި ރިސޯޓް ހަދައިގެން ހިންގުމުން އޭގެ ފައިދާ ކުރަނީ ވަކި ބަޔަކަށް ކަމަށް ހީވެފައި އޮންނަ އޮތުމަކީ ކުށް ހީއެއް ކަމަށެވެ. އަދި އެއީ އިގްތިސާދީ ހަގީގަތް ނޫން ކަމަށް ނަޒީރު ވިދާޅުވެ އެވެ.
ހެކި ދައްކަވަމުން އޭނާ ވިދާޅުވީ ރިސޯޓްތަކުގައި ވަޒީރާ އަދާކުރާ މުވައްޒަފުން އެ މީހުން އަމިއްލަ ގެދޮރު ބިނާކޮށް، ގެ ހަދައި ވިޔަފާރިތައް ފަށައި ދަރިންނަށް ރާއްޖެއިން ބޭރުން ކިޔަވައިދީފައި ހުރީ ރިސޯޓުގައި ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ކަމަށެވެ.
"އެހެންވީމާ ރިސޯޓްތަކަކީ އޭގެ ޒާތުގައި ޑިސްޓިރިބިއުޝަން އޮފް ވެލްތަށް ބަލާއިރު ވެސް އެ މަގުސަދު ހާސިލްވެފައި އޮތް ކޮންސެޕްޓެއް،" ނަޒީރު ވިދާޅުވި އެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓްގައި ވެސް ފާހަގަ ކުރި ގޮތުގައި ރިސޯޓްތަކުގެ ސޭލްސް ދަށްވާ މިންވަރަކަށް އިގްތިސާދުގެ ކުރިއެރުމަށް ވެސް މަޑުޖެހެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން ނުވަތަ ޖީޑީޕީ %12 އިން %4އަށް ވެއްޓުމުގެ މައިގަނޑު ސަބަބަކީ އެއީ އެވެ.
"ރާއްޖޭގެ ޓޫރިޒަމްގެ އަސްލު ޕްރޮޑަކްޓް ދެމެހެއްޓިގެން އަޅުގަނޑުމެންގެ އިގްތިސާދީ ކަންކަން ވެސް އެހެން ކަންކަން ވެސް ދެމެހެއްޓޭނީ،" ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިއަށް އެންމެ ކުރިން ވެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ނަޒީރު ވިދާޅުވި އެވެ.
ރިސޯޓްތަކަށް ހަނަފަސް ދުވަސްތަކެއް
ނަޒީރު ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މީގެ 16 އަހަރު ކުރީގެ ގޮތަށް ރާއްޖޭގެ ރިސޯޓްތަކަށް ދިގު އޮފް ސީޒަނަކާ އަނެއްކާ ވެސް ކުރިމަތިވާން ފެށުމެވެ. އޭނާ ވިދާޅުވީ ގިނަ ރިސޯޓްތަކުގެ އޮކިއުޕަންސީ މިހާރު އުޅެނީ އެވްރެޖްކޮށް %40ވަރުގަ އެވެ. އަދި ޔޫރަޕްގެ ފިނި މޫސުމާއެކު ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ފަޅުކަން ފިލުވައިދެމުން އައީ އިންޑިއާ ޓޫރިސްޓުންނެވެ. އެކަމަކު އިންޑިއާ ޓޫރިސްޓުން ރާއްޖެ އަންނަވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %41 ދަށަށް ގޮސްފަ އެވެ.
އެގޮތަށް މެދުވެރިވަނީ ކޮވިޑަށް ފަހު ރާއްޖެ ފަދަ ޓޫރިސްޓު މަންޒިލްތައް ހުޅުވި އެ ތަންތަނަށް ގިނަ ޓޫރިސްޓުން ގެންދަން ކުރާ މަސައްކަތުގައި އެ މަންޒިލްތަކުގެ އަގުތައް ކުޑަކުރުން ކަމަށް ނަޒީރު ވިދާޅުވި އެވެ. އަދި އެ މީހުންގެ ޑެސްޓިނޭޝަން މާކެޓިން ވެސް ރަނގަޅުކުރުމަކީ އަނެއް ސަބަބެވެ.
"މި ރިސޯޓްތަކުގެ އޮކިއުޕަންސީ ހިފަހައްޓަން އަޅުގަނޑުމެން އިތުރަށް މަސައްކަތް ކުރަން ޖެހިފައި މި ވަނީ. މިހާރަށް ވުރެ މާބޮޑަށް ރާއްޖެ އިޝްތިހާރު ކުރުން ރަނގަޅު ކުރަން އެބަ ޖެހޭ،" ނަޒީރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް މާކެޓިންގައި ތަފާތެއް ނުދެއްކެ އެވެ. އެކަމަށް އެކަށީގެންވާ ބަޖެޓެއް ވެސް ނޯވެ އެވެ. ނަތީޖާއަކީ އޭޝިޔާ، މެދުއިރުމަތި ފަދަ މާކެޓްތަކުން ޓޫރިސްޓުން ގެންނަން ކުރެވޭ ހަރަކާތްތައް މަދުވުމެވެ. ތިޔާގި އަހަރުތަކަކަށް ފަހު ރިސޯޓްތަކުގެ ހަނަފަސްކަމުގެ އެއް އަސްލަކީ ވެސް މިއީ އެވެ.
މޫސުމީ ބަދަލުތައް ރިސޯޓް ވިޔަފާރި ސުންނާފަތި ކުރަނީ
ރިސޯޓްތަކަށް މިވަގުތު ކުރިމަތިވާން ޖެހިފައި އޮތް އަނެއް ކަންބޮޑުވުމަކީ އާދަޔާ ހިލާފަށް މޫސުން ގޯސްވުމުން އެ ރިސޯޓްތަކުގެ ވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކެވެ. ނަޒީރު ވިދާޅުވީ މޫސުމީ ބަދަލުތަކަކީ މަޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ރިސޯޓެއްގެ ގޮނޑުދޮށް މިހާރު ހިމާޔަތް ކުރެވެނީ ވަށައިގެން ތޮށިލައިގެންނެވެ. އަދި ގޮނޑުދޮށް ގިރާތީ އަބަދުހެންމެ ޖެހެނީ ވެލިއަޅާލަ އަޅާލަ ތިބޭށެވެ.
"ސޭންޑް ޕަމްޕް ބަހައްޓައިގެން ވެލިއަޅަން މިޖެހެނީ. ވަށައިގެން ތޮށިލާން ޖެހެނީ. މޫސުމީ ބަދަލުތަކުން ރިސޯޓެއް ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް އަހަރުން އަހަރަށް އެބަ ބޮޑުވޭ. މިއީ ސީރިއަސްކޮށް ވިސްނާ ފިޔަވަޅު އަޅަން ޖެހޭ ކަމެއް،" ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަޅުތަކާއި ގިރިތައް ހިއްކައިގެން ހައްދެއްނެތް މިންވަރަށް ރިސޯޓްތައް ހެދުމަށް ތާއީދެއް ނުކުރެވެ އެވެ. އެކަމަށް ހިފެހެއްޓުންތަކެއް އަންނަން ޖެހެ އެވެ. އެއީ ޓޫރިޒަމްގެ ދެމެހެއްޓެނިވި ކަމަށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ގަބޫލު ކުރައްވަ އެވެ.
"ޓޫރިޒަމްގެ ދެމި އޮތުން އޮތީ މި ވެށި ހިމާޔަތް ކުރެވިގެން. ވަރަށް ކޮންސާނިން މިހާރު މިދާ ލެވަލް. މިފަހަރު މިއައި ގަދަ ވިއްސާރައާ އެކު އެރައިވަލް ވެސް ދަށްވޭ. އަނެއްކާ ރިސޯޓްތަކުގެ މެއިންޓަނެންސް ހަރަދު އެބަ ބޮޑުވޭ،" ނަޒީރު ވިދާޅުވި އެވެ.
މި ހުރިހާ ޗެލެންޖުތަކަކުން އަރައިގަނެ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ހިމާޔަތް ކުރުމުގެ މުހިންމުކަން ނަޒީރު ފާހަގަ ކުރައްވާ އެހެން މައިގަނޑު ސަބަބެއް ވެސް އެބަ އޮތެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް އިންވެސްޓާ ކޮންފިޑެންސް ނުވަތަ އިތުބާރު ހޯދޭނީ އަދިވެސް ރިސޯޓްތަކުގެ ފައިދާވާ ނިސްބަތް އެގޮތުގައި ހިފެހެއްޓިގެންނެވެ. ބޭރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ވެއްދެން އޮތް ފަސޭހަ މަގަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެެވެ.
"މިއަހަރު ވެސް ރާއްޖޭގައި އާ 8 ރިސޯޓް މި ހުޅުވަނީ. 2025 ނިމޭއިރު ރާއްޖޭގެ ރިސޯޓުގެ އަދަދު 200އަށް އަރާނެ. މިގެއިން ކޮންމެ ތަނަކަށް 100 އެތައް މިލިއަން ޑޮލަރެއް މީހުން އިންވެސްޓް ނުކުރާނެ އެ ރިޓާން ނުލިބެންޏާ. އެހެންވެ، އެ ކޮންފިޑެންސް ދަމަހައްޓަން ވެސް ރިސޯޓް މާކެޓް އެބަ ޖެހޭ ޕްރިޒާވް ކުރަން،" ނަޒީރު ވިދާޅުވި އެވެ.
ގެސްޓްހައުސް ފުޅާވުމަކީ ރިސޯޓްތައް މަރާލުމެއް ނޫން
ގެސްޓްހައުސް ވިޔަފާރި އޭގެ ޒާތުގައި ފުޅާވުމަކީ ނަޒީރު ވިދާޅުވި ގޮތުގައި މަޓީގެ ކަންބޮޑުވުމެއް ނޫނެވެ. އޭނާ ގަބޫލުކުރައްވަނީ ޒަމާނަށް އަންނަ ބަދަލުތަކާ އެކު ހޯމްސްޓޭ އާއި ގެސްޓްހައުސް ފަދަ ޓޫރިޒަމްގެ އާ ބާވަތްތައް އުފަންވެ ފުޅާވުން ނުހުއްޓުވޭނެ އެވެ. އެ ހަގީގަތް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު، ގެސްޓްހައުސް ހިންގުމަކީ ވެސް ވިޔަފާރިއަކަށް ވާތީ އެ ވިޔަފާރި ކުރެވެން ވާނީވެސް ވަކި ގަވައިދުތަކަކަށް ފެތިގެން ހުދޫތަކެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރެގިއުލޭޝަނެއްގެ ތެރެއިން އަޅުގަނޑުމެން ރިސޯޓް ވިޔަފާރި މި ކުރަނީ. ހަމައެގޮތަށް ގެސްޓްހައުސްތައް ވެސް އެބަ ޖެހޭ ރެގިއުލޭޝަނެއްގެ ތެރެއަށް ފެތެން. މިސާލަކަށް އިންޝްއަރެންސް ކުރުން ކަހަލަ ކަންކަން އެބަ ޖެހޭ މަޖުބޫރު ކުރެވެން. އެހެން ނޫނީ ދިމާވާ ކަމަކުން މުޅި ރާއްޖޭގެ ޓޫރިޒަމަށް ހިޔަނި އެޅިދާނެ ކަމެއް އެއީ. އެހެން ވީމާ މުޅި ސިނާއަތުގެ ރައްކަލަކަށް ގެސްޓްހައުސް ހިންގުން ވެސް ރެގިއުލޭޓް ވާން ޖެހޭ،" ނަޒީރު ވިދާޅުވި އެވެ.
ގެސްޓްހައުސް ވިޔަފާރި ފުޅާވުމަކީ ރިސޯޓް ވިޔަފާރި މަރުވުމެއް ނޫނެވެ. ރިސޯޓްތަކާއި ގެސްްޓްހައުސްތައް އެކު އެކީ ކުރިއަށް ދެވޭނެ އެވެ. އެއީ ނަޒީރު އެ ދެއްވާ މެސެޖެވެ. އެކަމަކު އެކަން ކުރެވެން އޮތީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަށް ކުރިމަތިވާ ގޮންޖެހުންތައް އަރައިގަންނަން މިހާރަށް ވުރެ ބޮޑަށް މަސައްކަތްކޮށްގެންނެވެ. ރިސޯޓްތަކުގެ އޮކިއުޕަންސީއަށް ކުރިމަތިވާ ގޮންޖެހުން ހައްލުކުރަން ރާއްޖެ މާކެޓްކުރާ ގޮތް ބަދަލުކޮށްގެންނެވެ.
ކޮމެންޓް (7)
123456789
ދެރަކަމެއް
ރިސޯޓުބޯއީ
ޖީލެއްގެފެށުން
ޖަޑިބު
ގާބިރު
އަލަމް