އާ ރައްޔިތުންގެ މަޖިލިހުގެ ރައީސް ލ. ފޮނދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށް ވަންނަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަބްދުއްރަހީމް ސާބިތުކޮށްދެއްވަނީ ސިޔާސީ ތޫނުފިލިކަން

ސިޔާސީ ތަޖުރިބާ އާއި ކުރިމަގު ލަފާކުރަން އެނގުމަކީ އާދައިގެ ކަމެއް ނޫން. ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތަށް އަބްދުއްރަހީމަށް ވަޑައިގެންނެވުނީ އެ ސިފަތައް ފުރިހަމަވެގެން

މިއަދު އާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހުވާކުރުމަށް ފަހު، މަޖިލިހުގެ އާ ރައީސަކަށް ބޭފުޅަކު ހަމަޖައްސަން ނެގި ވޯޓާ އެކު، ރިޔާސަތަށް ވަޑައިގަތީ، ލ. ފޮނަދޫ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، މަޝްހޫރު ވަނަމުން ނަމަ، 'އަދުރޭ' އެވެ. ލ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ އަދި ވަރަށް އާދައިގެ ބޭފުޅަކު އެ ލިއުއްވީ ރާއްޖޭގެ ސިޔާސީ ތާރީހުގެ އާ ސަފުހާއެކެވެ.

އަބްދުއްރަހީމްއާ އެކު ސިޔާސީ މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ހައިރާންވެވަޑައެއްނުގަންނަވަ އެވެ. އެމަނިކުފާނުގެ ޒަމާނީ ތައުލީމު ނެތްކަމަށް ބުނެ، ބައެއް މީހުން މަލާމަތްކުރި ނަމަވެސް، އަބްދުއްރަހީމް ދެެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ރާއްޖޭގައި ސިޔާސީ އެހާ ވަރުގަދަ ތަޖުރިބާކާރުން މަދުވާނެ އެވެ. ސިޔާސީ ހަޔާތުގައި ތައުލީމަކީ، ދުނިޔޭގެ ތާރީހު ދައްކާ ގޮތުން ވެސް، މީހަކު މީހަކަށް ވާން އެންމެ މުހިންމު ޝަރުތެއް ނޫނެވެ. އެއަށް ވުރެ މުހިންމީ އެމީހެއްގެ ސިޔާސީ ވިސްނުމެވެ.

އަބްދުއްރަހީމްއާ އެކު ދެ ދައުރު ރައްޔިތުންގެ މަޖިލިހުގައި ހޭދަކުރެއްވި އަދި 2008ގެ ރިޔާސީ އިންތިހާބުން ފެށިގެން ސިޔާސީ އެކުވެރިންގެ ގޮތުގައި އުޅުއްވި އަހުމަދު ނިހާން މިސާލު ނަންގަވަނީ ސިޔާސީ ގޮތުން އަބްދުއްރަހީމްގެ ހުރި މޮޅުކަމުގެ ތެރެއިންނެވެ.

"އެއީ ހަގީގަތުގައި ވަރަށް ތޫނުފިލި ބޭފުޅެއް. އިލްމު ހުއްޓަސް ނެތަސް ތޫނުފިލިކަން މިއީ އަދި އެހެން ހުނަރެއް،" ނިހާން ވިދާޅުވި އެވެ.

"އަބްދުއްރަހީމަކީ ސިޔާސީ ތޫނުފިލިކަން ވަރަށް ބޮޑު ބޭފުޅެއް."

އަބްދުއްރަހީމްގެ މުޅި ހަޔާތަށް ބަލާއިރު ވެސް ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތާ ހަމައަށް ވަޑައިގަތުމަކީ ކުޑަ ކާމިޔާބީއެއް ނޫނެވެ. އެ ޝަރަފުވެރި ނުވަތަ ބާރުގަދަ ގޮނޑީގައި އިށީންނެވުމުގެ ފުރުސަތު ހޯއްދެވުމުގައި އާދައިގެ ވިސްނުމަކަށް ވުރެ، ނިހާން އެ ސިފަކުރެއްވި ގޮތަށް، ސިޔާސީ ތޫނުފިލިކަން ފިޔަވައި އެހެން އެއްޗެއް ނެތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިހުގެ މެޖޯރިޓީ އޮތް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން (ކ) އާއި އަބްދުއްރަހީމް: ދެ ބޭފުޅުން އެކުގައި ދެ ދައުރުގައި މަޖިލިހުގައި މަސައްކަތްކުރެއްވި

އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު ފުރަތަމަ ރައްޔިތުންގެ މަޖިލިސް 2009ގައި އުފަންވި އިރު އަބްދުއްރަހީމް އިންނެވީ ފޮނަދޫ ގޮނޑީގަ އެވެ. އޭރު އެއީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޑީއާރުޕީގެ ކޯލިޝަންގައި ހިމެނޭ ޕީއޭގެ މެމްބަރެކެވެ. ޕީއޭގެ އިސް ލީޑަރަކީ ފަހުން ރައީސްކަން ކުރެއްވި އަބްދުﷲ ޔާމީނެވެ. އެހެންކަމުން އަބްދުއްރަހީމަކީ ޔާމީންގެ ފަހަތްޕުޅުން ސިޔާސީ މަސައްކަތަށް ނުކުންނަވައި، ތަރުބިއްޔަތުވި 'ދަރިވަރެކެ'ވެ.

އެ ހޫނު މަޖިލިހުގައި އަބްދުއްރަހީމްގެ އަޑު ގަދަ އެވެ. ކިޔާކަށް ނުކިޔާކަށް ވެސް ވަކި އެއްޗެއް ނޯވެ އެވެ. ސިޔާސީ އެ ކެރުމުގެ ތެރެއިން ދެވަނަ ދައުރެއް 2014ގައި ހޯއްދަވައި، ޔާމީންގެ ވެރިކަމުގައި، ޔާމީންގެ ސަރުކާރު ދިފާއުކުރައްވަން އެންމެ ކުރީ ސަފުގައި ވެސް ހުންނެވީ އެމަނިކުފާނެވެ. ވެރިކަން ގެއްލުމާއި މަނީ ލޯންޑަރިންގެ ހުކުމްތަކުގައި ޔާމީން ޖަލުގައި އޮންނެވި އިރު، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމުގެ ވަގުތީ ލީޑަރަކަށް އަބްދުއްރަހީމް ހަމަޖެއްސެވީ، ތެދުވެރިކަމާ އެކު އެކަން ކުރައްވާނެ އެހެން ބޭފުޅަކު ޔާމީނަށް ފެނިވަޑައިނުގަތުމުންނެވެ.

ނިހާންގެ އިތުރުން މި ރިޕޯޓަށް ވާހަކަ ދެއްކެވި އެހެން ބައެއް ބޭފުޅުން ނެންގެވި މުހިންމު މިސާލެއް އޮތެވެ. އެއީ އަބްދުއްރަހީމް ކަހަލަ ސިޔާސީ ގުޅުން ބޮޑު ބޭފުޅަކު ނެތުމެވެ.

"ހެނދުނު އެ އަންނަ ގޮތަށް ޕީޕީއެމް އޮފީހުގައި އެންމެ އާންމު މީހާ ވެސް ގޮވައިގެން އަބްދުއްރަހީމް އިނދެފާނެ ރޭގަނޑު ދަންވަންދެން ވެސް،" ޔާމީން ޖަލުގައި ހުންނެވި އިރު ކޯލިޝަން ރޫޅުނަނުދީ ހިފަހައްޓަވަން އަބްދުއްރަހީމް ކުރެއްވި މަސައްކަތާ ބެހޭ ގޮތުން ހއ. ދިއްދޫ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވި އެވެ.

ހއ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް (ވ) ރައީސް މުހައްމަދު މުއިއްޒާ އެކު ޕީއެންސީ މެމްބަރުން ބޭއްވި ބައްދަލުވުމަށް ފަހު މުލިއާގެއިން ނުކުމެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"އެންމެ އާދައިގެ މީހާ ވެސް އަބްދުއްރަހީމަށް މުހިންމުވާނެ. އޭނާ ގުޅުން ބާއްވާނެ އެންމެންނާ. އޭނާއަށް އެނގޭނެ ޕާޓީގެ ހަރަކާތްތެރިން."

ނިހާން ވެސް އެ ވާހަކައަށް އެއްބަހެވެ. އޭނާ ވިދާޅުވި ގޮތުގައި މިވެނި ރަށެއްގެ މިވެނި މީހަކީ ޕީޕީއެމް/ޕީއެންސީގެ ކާކުކަން އަބްދުއްރަހީމަށް އެނގިވަޑައިގަންނަވާނެ އެވެ. އެވަރުގެ އެހެން ބޭފުޅުން ޕާޓީތަކުގައި ނޫޅުއްވަ އެވެ. އެހެންކަމުން އަބްދުއްރަހީމްގެ ސިޔާސީ ގުޅުން ފެށިގެން އެ އަންނަނީ ވެސް އެންމެ އާދައިގެ މީހާއާ ހިސާބުންނެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައި ޕާޓީގައި އެންމެ އިސްކޮށް އުޅޭ މީހުންގެ ނަމާއި އެއީ ކާކުކަން އަބްދުއްރަހީމަށް އެނގޭނެ، ހަނދާން ހުންނާނެ،" ނިހާން ވިދާޅުވި އެވެ.

"އެއީ އާދަޔާ ހިލާފު ތަޖުރިބާއެއް. އެއީ ޔާމީން ޖަލުގައި ހުންނެވި އިރު ޕާޓީ ހިންގަން އިސްކޮށް ބަހައްޓަން ޖެހުނު ސަބަބު. ސިޔާސީ ގުޅުން ބޮޑުވީމާ."

ދިފާއުކުރަން ޖެހޭ ކަމެއްގައި ފަސްޖެހުމެއް ނެތް

އަބްދުއްރަހީމްގެ ސިޔާސީ މާޒީގައި ފެންނަނީ އެމަނިކުފާނު ދިފާއުކުރަން ޖެހޭ ކަމެއްގައި ފަސްޖެހުމެއް ނެތި ހުންނެވި ތަނެވެ. އެއީ ވެސް އެހެން ގިނަ މީހުންނަށް ވުރެ ބޮޑު ހިތްވަރެއް ނެރުއްވައިގެންނެވެ. މިސާލަކަށް ޔާމީންގެ ވެރިކަމުގައި 1 ފެބްރުއަރީ 2018ގައި ނެރުނު ސުޕްރީމް ކޯޓުގެ އަމުރާ އެކު ދެން ކުރިމަތިވި ސިޔާސީ ހަލަބޮލިކަމެވެ. އެ އަމުރާ ގުޅިގެން ޔާމީން އަޅުއްވަމުން ގެންދެވި ފިޔަވަޅުތައް ދިފާއުކުރަން، ޕީޕީއެމްގެ ތެރެއިން ވެސް ފެނުނީ ޖެހިލުންވެފައި ތިބި ބައިގަނޑެކެވެ. ނަމަވެސް އަބްދުއްރަހީމް ތަފާތެވެ.

"ޔާމީންގެ ދިފާއުގައި ޓީވީއަށް އަރަން ފަހަތު ފަޔަަށް ބަރުވެފައި ތިބީ. އޭރު އަޅުގަނޑު ހުރީ ސްރީ ލަންކާގައި،" ނިހާން ވިދާޅުވި އެވެ.

"އެކަމަކު އަބްދުއްރަހީމް އޭނާގެ ވާޖިބު އަދާކުރި. ވެރިންނަށް، ޕާޓީއަށް ދިމާވާ ކަންތައްތައް ކޮނޑު އަޅައިގެން ނުކުންނެވުމުގެ ޖޯޝް ވެސް ހުންނާނެ."

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުގައި ލަސްވަމުންދާތީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕުން ހައި ކޯޓަށް ގޮސް އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

އެ ކެރުން ދައްކަވާއިރު ޕާޓީގެ ކުރިމަގާ މެދު ވެސް ސިޔާސީ ނަޒަރުން ވިސްނަވާކަމުގެ ހެއްކަކީ މިދިއަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަނުން ވާދަކުރަން ޖެހޭނެކަމަށް އޭނާ ގަބޫލުކުރެއްވި ގަބޫލުކުރެއްވުމެވެ. ޔާމީން ހުންނެވީ ޖަލުގަ އެވެ. ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭ ހާލަތުގައި އެމަނިކުފާނުގެ ނިންމެވުމަކީ ޕީޕީއެމް ކޯލިޝަނުން ވެސް ކެންޑިޑޭޓަކު ނުނެރުމެވެ. ނަމަވެސް އެ ބޮޑު ކޯލިޝަން ބައިވެރިނުވާ ރިޔާސީ އިންތިހާބެއް އޮންނަން ވާނެ ކަމަކަށް އަބްދުއްރަހީމް ގަބޫލެއްނުކުރެއްވި އެވެ.

ރައީސް މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުނީ ޔާމީންގެ އެ ވިސްނުންފުޅާ ދެކޮޅަށް އަބްދުއްރަހީމް ނިންމެވި ނިންމެވުމުގެ ސަބަބުންނެވެ. ޕީއެންސީން ނުކުންނާނެ ކެންޑިޑޭޓެއް ހޮވަން އެ ޕާޓީގެ ސެެނެޓްގައި ނެގި ވޯޓު، ރޭގަނޑުގެ ބަދަލުގައި ހަވީރު ބާއްވަން ނިންމެވީ ވެސް އަބްދުއްރަހީމެވެ. މުއިއްޒަށް އެ ވޯޓު ކާމިޔާބުކުރެއްވުނީ އެހެންވެ އެވެ. ރޭގަނޑަށް ފަސްކޮށްލި ނަމަ ވޯޓު ކާމިޔާބުކުރެއްވުމުގެ ފުރުސަތު އޮތީ ދެން ވާދަކުރެއްވި އާދަމް ޝަރީފު އުމަރަށް ކަމަށް، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އޭރުވެސް ވިދާޅުވި އެވެ.

މުއިއްޒުގެ ކެންޑިޑެސީ ފޯމް ހިއްޕަވައިގެން ހެނދުނު ހެނދުނާ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވި އިރު ވެސް ޔާމީންގެ ރުހުމެއް ނެތެވެ. އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި ޔާމީން ގޮތް ދޫކުރެއްވިކަން އެންގެވީ މުއިއްޒާ އެކު ފޯމު ހިއްޕަވައިގެން ވަޑައިގެން ދަރުބާރުގޭގައި އިންނަވަނިކޮށެވެ.

ރައީސް މުއިއްޒުގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހަޅުއްވާއިރު އަރިހުގައި އަބްދުއްރަހީމް (ދައުރު ފޮޓޯ/ހުސެއިން ސުނެއިމް)

އަބްދުއްރަހީމްގެ ސިޔާސީ އެ ނިންމެވުން ކިހާ މުހިންމުކަން ރައީސް މުއިއްޒަށް އެނގިވަޑައިގަނެ އެވެ. އާ ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތަށް އަބްދުއްރަހީމަށް ވަޑައިގެންނެވުނީ ރައީސްގެ ނިންމެވުމާ އެކުގަ އެވެ. އެއީ އަގުވަޒަންކުރުން ކަމަށް ވިޔަސް، ނުވަތަ މިވަގުތު ސިޔާސީ ގޮތުން އޮތް ހަމަޖެހުން ކުރިއަށް ނެރުއްވުމުގެ ވިސްނުންފުޅު ކަމަށް ވިޔަސް ތާރީހުގައި ލިއަން މި ޖެހެނީ ލ. ފޮނުދޫ އަބްދުއްރަހީމް، ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ވެވަޑައިގެންނެވި ވާހަކަ އެވެ.

"އޭނާ ކަހަލަ އާދައިގެ މީހަކަށް [ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތާ ހަމައަށް ދެވޭނީ] އާދަޔާ ހިލާފު ތޫނުފިލިކަމަކާއި ހިތްވަރަކުން،" ނިހާން ވިދާޅުވި އެވެ.

"އަބްދުއްރަހީމް ފަސޭހަކަމާ އެކު ރިޔާސަތުގައި އިންނަވައިގެން މަސައްކަތްކުރައްވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް. މަޖިލިހުގެ ރިޔާސަތު ފުރިހަމައަށް، ސާފުކޮށް ގެންދާނެ އެހެން މީހަކު ވަކި ނުހުންނާނެ."

ކޮމެންޓް (5)

ކޮސް

1 ޖޫން 2024
ތެދެއްވާނީ ތެދަކަށް. އަދުރޭއަކީ ވިސްނުންތޫނު މީހެއް. އަދި ހިތްވަރުގަދަ މީހެއްވެސްމެ. ޔާމީނަށް އަދުރޭ ނޭންގުނީ. އެކަމަކު އަދުރޭއަށް އަދުރޭ އިނގޭ. ހަޤީޤަތުގައި ޔާމީނު މިނިވަންވާކަށް އަދުރޭ ބޭނުމެެއްނޫން. އެބުނީނު ތިމަންނަގެ އަގުވަޒަންކުރި ހަމަ އެކަނި މީހަކީ މުއިއްޒޭ. މާނައަކީ ޔާމީނު ހޮވިގެން މިމަޤާމޭ ނުލިބޭނޭ. ދަރިފުޅަށް ޓޫރިޒަމް މިނިސްޓަރު ކަމެއްވެސް ނުލިބޭނޭ.
0 0

ހުވަދޫ އަހައްމަދޭ

29 މޭ 2024
ކޯޓެއް ތުރުކުރައްވައިގެން ތާޖެއް އަޅުއްވައިގެން ހުށާމަަދުގެ ޕީއާރު ރިޕޯޓްތައް ދުވާލަކު ސަތޭކަފަހަރު ނެރުނަސް ތިޔަ ކަންވާރުގެ އެތެރޭގަ ހުރީ ކޯއްޗެއްކަން މާޒީގަ އޮތީ ދައްކުވައިދީފަ.
0 2

ހިމާރުލްގައުމު

29 މޭ 2024
އެހާމެ ބަސްމަގުވެސް ރީތި ބޭފުޅެއް. ފައިސާއާ މާއްދިއްޔަތަށް ހުސްވެފަ އޮތް ގައުމެއްގަ ކޮންމެފަދަ މީހަކު ކޮންމެފަދަ މަގާމަކަށްވެސް އައިސްދާނެ. ހާޖަރާގެ ލުތުފީ މާދަން ވެރިކަމަށް ކުރިމަތިލިޔަސް އޭނައަށް ވޯޓުދީ ވެރިކަމުގަ ބައިންދަފާނެ ދިވެހިން.، ދެންހަމަ ކަލޭ އޭނަ މޮޅުކޮށްފަ މިނޫހުގަ ރިޕޯޓެއް ލިޔުނަސް އަހަރުމެން ހައިރާންވާންޖެހޭތަ؟ ޔާމީނުއާ ދުޝްމަން ކޮންމެ މީހަކީ ކަލޭގެ އަޙެއް.
3 2

އެކުއްޖާ

29 މޭ 2024
މި ބޭފުޅާ ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ރައީސްކަންވެސް ކުރާނެ.
2 0

އޯކޭ

28 މޭ 2024
ސެލިއުޓް ޓު ހިސާބު ސާރ!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް