އަހްމަދު އަފްސަލް: އެންމެ ފަހު ވަގުތު ވެސް ދެއްކީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ މަތިވެރި ރޫހު

ކުއްލި މަރު

އަފްސަލްއަކީ ފަތުރުވެރިންނަށް ބެސްޓް: ގުރުބާންވީ ވެސް ހިދުމަތުގައި

ދުނިޔޭގެ އެންމެ ބޮޑެތި ބުކިން ވެބްސައިޓުތަކުގައި އޭނާއަށް އޮތީ ތައުރީފު. އޭނާ ހިދުމަތްދިން ފަތުރުވެރިން ޝުކުރުން ފުރިގެން ލިއުނު މެސެޖްތައް. އަހްމަދު އަފްސަލްއަކީ އެ މީހުންނަށް އެންމެ ބެސްޓް

މުހިންމު ނުކުތާތައް

އަފްސަލް މަރުވީ ގެނބެމުންދިޔަ ފަތުރުވެރިޔަކު ސަލާމަތް ކުރުމުގެ ތެރޭގައި

އޭނާއާ އެކު މަސައްކަތްކުރި ކޮންމެ މީހަކަށް ވެސް އެއީ ނަމޫނާއެއް، ބައެއް މީހުން ބުނާ ގޮތުން ލީޑަރެއް

މީގެ ކުރިން ވެސް ދެތިން ފަހަރަކު ޓޫރިސްޓުން ސަލާމަތްކޮށްފައިވޭ

ދުނިޔޭގެ އެންމެ ބޮޑެތި ބުކިން ވެބްސައިޓުތަކުގައި އޭނާއަށް އޮތީ ތައުރީފެވެ. އޭނާ ހިދުމަތްދިން ފަތުރުވެރިން ޝުކުރުން ފުރިގެން ލިޔެފައިވާ މެސެޖުތަކެވެ. ސެންޓާރާ ގްރޭންޑްގެ ހައުސްކީޕިންގައި މަސައްކަތްކުރި ސ. ހިތަދުއަށް އުފަން އަހްމަދު އަފްސަލް، 39، އެ މީހުންނަށް އެއް ވަނަ އެވެ. އެންމެ 'ބެސްޓް' އެވެ.

"ކޮންމެ ދުވަހަކު ދިން ސަޕްރައިޒްއަށް (ތަފާތު ބެޑް ޑެކަރޭޝަންތަކަށް) އަފްސަލްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔައީ 'ކިންގް އޮފް ޝީޓްސް'،" ޓްރިޕްއެޑްވައިޒާގައި 'އަފްސަލް އިޒް ދަ ބެސްޓް' ސުރުހީގެ ދަށުން ފަތުރުވެރިއަކު ލިއުނު ރިވިއުއެއްގައިވެ އެވެ.

އަފްސަލް އާއި އޭނާގެ ހުނަރުވެރިކަން ފެންނަ ބައެއް ފޮޓޯތައް ވެސް ފަތުރުވެރިން ހިއްސާކުރި އެވެ. ފަތާއި ފަންވަތް އެކި ގޮތްގޮތަށް އަތުރައިގެން ވެލައަކާއި 'މަރުހަބާ' އެކެވެ. ބިންމަތީގައި ވެލިން ކުރަހާފައިވާ އެކި ފާޑުފާޑުގެ މަސްމަހާމެއްސެވެ.

  • އަފްސަލްގެ ބައެއް ޑެކަރޭޝަންތައް.
  • އަފްސަލްގެ ބައެއް ޑެކަރޭޝަންތައް.
  • އަފްސަލްގެ ބައެއް ޑެކަރޭޝަންތައް.
  • އަފްސަލްގެ ބައެއް ޑެކަރޭޝަންތައް.

އެހެން ފަތުރުވެރިޔަކު އެކްސްޕީޑިއާގައި ކުރި ކޮމެންޓެއްގައި ވެސް ހަމަ އެ ސަޕްރައިޒްތަކުގެ ވާހަކަ އެވެ.

"އޭނާއަކީ ވަރަށް އެހީތެރި މީހެއް. ކަމެއް ނުވަތަ އެއްޗެއް ބޭނުންވާ ކޮންމެ ވަގުތަކު ވެސް އޭނާގެ އެހީ ލިބޭ،" ލޫކް ނަމަކަށް ކިޔާ ފަތުރުވެރިޔަކު، 31 އޮކްޓޫބަރު 2023ގައި ލިޔުނު އެ ރިވިއުގައިވެ އެވެ.

  • ސެންޓާރާގެ ބައެއް ރިވިއުތަކުގައި ފަތުރުވެރިން އަފްސަލްއަށް ތައުރީފުކޮށްފައި.
  • ސެންޓާރާގެ ބައެއް ރިވިއުތަކުގައި ފަތުރުވެރިން އަފްސަލްއަށް ތައުރީފުކޮށްފައި.
  • ސެންޓާރާގެ ބައެއް ރިވިއުތަކުގައި ފަތުރުވެރިން އަފްސަލްއަށް ތައުރީފުކޮށްފައި.
  • ސެންޓާރާގެ ބައެއް ރިވިއުތަކުގައި ފަތުރުވެރިން އަފްސަލްއަށް ތައުރީފުކޮށްފައި.

އެހެން މީހަކު ލިޔުނު ރިވިއުއެއްގައި މުޅި ރިސޯޓަށް ޝުކުރު އަދާކުރުމަށް ފަހު ވަކިން ހާއްސަކޮށް އޮތީ އަފްސަލްގެ ވާހަކަ އެވެ. އެންމެ ކުދިކުދި ކަންކަމަށް ވެސް އޭނާ ބަހައްޓާ ފަރުވާތެރިކަމާއި ރޫމްގެ ސާފުތާހިރުކަން ފާހަގަކޮށް އެ ރިވިއުގައި އޮތީ "ހީ އިޒް މާވެލަސް" ކަމަށެވެ.

ހޯދަމުން ހޯދަމުން ގޮސް އެންމެ ފަހުން ލިޔުނު ރިވިއުއަކަށް ފެނުނީ، މީގެ ހަފްތާއެއް ކުރިން މީހަކު ލިޔުނު ރިވިއުއެކެވެ.

"އަހަރެމެންގެ ހައުސްކީޕަރު އަފްސަލް ވަރަށް ބަރާބަރު... އަހަރެމެން ތިބި ވިލާ އަބަދުވެސް އޮންނަނީ 'ސްޕޮޓްލެސް'ކޮށް،' ޓޮމް ނަމަކަށް ކިޔާ ފަތުރުވެރިޔަކު ލިޔެފައިވެ އެވެ.

ޓޮމްގެ ރިވިއުގައި ވެސް، އެންމެ ކުދިކުދި ކަންކަމަށް އަފްސަލް ދޭ ސަމާލުކަން ފާހަގަކުރި އެވެ.

ސެންޓާރާގެ ބައެއް ރިވިއުތަކުގައި ފަތުރުވެރިން އަފްސަލްއަށް ތައުރީފުކޮށްފައި.

އަފްސަލްގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ ފަތުރުވެރިކަމުގެ ސިނާއަތުގަ އެވެ. މީގެ ކުރިން އަދާރަން ކުލަބް ރަންނާޅި އާއި ކުލަބް މެޑް ފަދަ ތަންތަނުގަ އެވެ. އެންމެ ފަހުން ސެންޓާރާ ގްރޭންޑުގަ އެވެ.

ކުއްލި މަރު ވެސް ހިދުމަތުގައި

މިދިޔަ ބުރާސްފަތި ދުވަހު އަފްސަލް ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވެގެން ދިޔައީ ވެސް ފަތުރުވެރިޔަކަށް ހިދުމަތް ކޮށްދިނުމުގައި އުޅެނިކޮށެވެ.


މި ދުނިޔޭގައި އޭނާގެ އެންމެ ފަހު ހިދުމަތަކަށް ވީ ގެނބެމުންދިޔަ ފަތުރުވެރިއެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމެވެ. އެއީ ކޮން ފަދަ ހިދުމަތެއް ހެއްޔެވެ؟

އަފްސަލްގެ ހަޔާތުގެ ފަހު ދުވަހު އޭނާގެ ފުރާނައިން ގުރުބާންވީ ފަތުރުވެރިއެއްގެ ހައްގުގަ އެވެ. ފަތުރުވެރިޔާގެ ފުރާނަ ސަލާމަތްވި އެވެ. ނަމަވެސް އދ. ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އަފްސަލްގެ ފުރާނައެއް ނެތެވެ.

ސީ އެމްބިއުލާންސެއްގައި އަފްސަލްގެ ހަށިގަނޑު އައްޑުއަށް ގެންގޮސް، އިއްޔެ ހުކުރު ނަމާދަށް ފަހު ވަޅުލީ ހިތަދޫގަ އެވެ.

ފުރާނަ ސަލާމަތްކޮށްދިނުން؛ އަފްސަލްއަށް އާ ކަމެއް ނޫން

"އެއީ ވަރަށް ހިތްހެޔޮ، މީހުންނާ ގުޅޭ މީހެއް،" އަފްސަލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އަބްދުﷲ އަންސަރު ބުންޏެވެ.

ފޯ ސީޒަންސް ކުޑަ ހުރާގައި މަސައްކަތްކުރާ އަންސަރު އޭރު ހުރީ ބޭބެގެ ހަށިގަނޑު ވަޅުލަން އައްޑޫގަ އެވެ.

ކަން ދިމާކުރި ގޮތުން، ފޯނުން ގުޅި ގަޑީގައި އޭނާ ހުރީ އަފްސަލް ރިސޯޓުގައި ގެންގުޅު ތަކެއްޗާ ހަވާލުވެ، އެ ތަކެތި ތަރުތީބު ކުރުމުގަ އެވެ.

"މީގައި މި ހުރީ ގެސްޓުން ލިޔެފައި ހުރި ކޮމެންޓުތަކާ އެ މީހުން ދިން އެއްޗެހި، އަފްސަލް ކަލެކްޓު ކޮށްފައި. ޔޫ އާ ދަ ބެސްޓު. 'ދިސް ކެރިއޯކީ މައިކްރޮފޯން އިޒް ޕްރެޒެންޓަޑް ޓު ޔޫ،" އަންސަރު ބައެއް ތަކެތި ބަލަމުން، ކިޔައިދެމުންދިޔަ އެވެ.

އަފްސަލް އޭނާ ވެލިން ކުރެހި ޑެކަރޭޝަނެއްގެ ކައިރީގައި ހުއްޓިގެން.

އަންސަރުގެ ވާހަކައިން ދޭހަވީ އޭނާގެ ބޭބެއަކީ ހިތްވަރުގަދަ، ކެރޭ މީހެއް ކަމެވެ. އަދި މީހުންނަށް އެހީތެރިވުމުގައި ފަސްނުޖެހޭ މީހެއް ކަމެވެ.

"މީގެ ކުރިން ވެސް ދެ ތިން ފަހަރަކު ފަތުރުވެރިންގެ ފުރާނަ ސަލާމަތް ކޮށްދީފައި އެބަހުރި. ހަމަ މި ގޮތަށް. އަފްސަލް އަމިއްލައަށް ވެސް އޭރު އަހަންނަށް ގުޅާފައި ބުނި،" އަންސަރު ކިޔައިދިނެވެ.

އެހެންވެ އަންސަރަށް ހުރީ އެންމެ ފަހުން ކަން ހިނގައިދިޔަ ގޮތް ގަބޫލުކުރަން ދަތިވެފަ އެވެ. މަރުގެ ސެޓްފިކެޓުގައި އޮތީ ގެނބިގެން ކަމަށެވެ. އެކަމަކު އޭނާއަށް ހީވާ ގޮތް ބުންޏެވެ:

"ބްރެއިން ނޫނީ ހާޓް އެރެސްޓެއް ހެން، އަހަންނަށް ހީވަނީ. މަންޒަރު ފެނުނު މީހުންނަށް ދޯ ކަން ހިނގި ގޮތް އެނގޭނީ؟ މިއީ އަހަންނަށް ހީވާ ގޮތް،" އޭނާ ބުންޏެވެ.

ކަން ހިނގި ގޮތް ހަމަ ލޮލަށް ނުފެންނާތީ އާއި ދައްކަން އުނދަގޫ ވާހަކައަށް ވާތީ އަންސަރު ވެސް އެ ވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއް ނުވި އެވެ. 

އަފްސަލްއަކީ ރޯލް މޮޑެލްއެއް، ލީޑަރެއް

އުމުރުގެ ގޮތުން އެއް އަހަރު ދޮށީ އަފްސަލްއަކީ، އަންސަރުގެ ރޯލް މޮޑެލް އެވެ. އަދި މަސައްކަތުގެ މާހައުލުގައި ވެސް އަފްސަލްއަކީ، އެކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ނަމޫނާއެކެވެ.

"އަހަރެން ވަރަށް ރެސްޕެކްޓުކުރަން. މީހުންނަށް ކަމޭހިތާ، އޯގާތެރި މީހެއް. އޭނާ ކުރިން މަސައްކަތް ކުރި ރިސޯޓުތަކުގެ މީހުންނާ ދިމާވީމާ ވެސް ބުނޭ އެއީ ލީޑަރެކޭ. އެންމެ ބެސްޓޭ އެއީ،" އަންސަރު ބުންޏެވެ.

"ބޭބެގެ ހަށިގަނޑު މިކޮޅަށް ގެނައިއިރު ސެންޓާރާގެ ހައުސްކީޕަރެއް ވެސް އައި. އޭނާ ބުނާ ގޮތުގައި އަފްސަލްއަކީ ހެނދުނު ޑިއުޓީ ފަށާ ގޮތަށް، އެނާޖެޓިކްކޮށް، ވަރަށް އެކްޓިވްކޮށް އުޅޭ މީހެއް. ގެސްޓުންގެ ކޮމެންޓު ވެސް އަންނަނީ އެގޮތަށޭ."

އަންސަރުގެ ވާހަކައިގައި މި ހާދިސާގައި ސެންޓާރާގެ ފަރާތުން ބެހެއްޓި އޯގާތެރިކަން ފާހަގަކުރި އެވެ. ހާދިސާ ހިނގުމާ އެކު ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގުޅި ކަމަށާއި ބަރާބަރަށް މައުލޫމާތު ދެމުންދިޔަ ކަމަށް ބުންޏެވެ.

ބޭބެގެ ވަކިވެދިޔުމާ އެކު މި ދުވަސްވަރު އަނބުރާ ރިސޯޓަށް ދާނެ ވިސްނުމެއް އަދި ހިތްވަރެއް ވެސް އަންސަރުގެ ނެތެވެ.

"ކުޑަ ބްރޭކެއް މި ދުވަސްކޮޅު ނަގާނީ. އަސްލު އެހާ ފިޓެއް ނޫން،" އޭނާ ބުންޏެވެ.

"އެކަމަކު ވެސް ލައިފްގައި ގިވްއަޕްއެއް ނުކުރެވޭނެ. ވެއްޓުނީމަ ތެދުވެގެން ކުރިއަށްދާ ގޮތަށް މި ހުރީ."

އަފްސަލް ދުނިޔެއާ ވަކިވެގެން ދިޔަ ނަމަވެސް، އޭނާ އެ ކުރީ ތައުރީފު ހައްގު ކަމެކެވެ. ރާއްޖޭގައި މާ ބޮޑު ކަމަކަށް ނުވި ނަމަވެސް، ބޭރުގެ ބައެއް ގައުމުތަކުގައި އެއީ މެޑަލް ހައްގު އަމަލެކެވެ. ރާއްޖޭގައި މިފަދަ ކަންކަމުގެ އަގުވަޒަންކޮށްލުން މާ ބޮޑަކަށް ނޯވެ އެވެ.

އެހެން ވިޔަސް، އަފްސަލް ހިދުމަތުގައި ދެއްކި ނަމޫނާ އާއި ފަތުރުވެރިން އޭނާއަށް ދީފައިވާ 'ޔޫ އާ ދަ ބެސްޓު' އަދި 'ކިންގް އޮފް ޝީޓްސް' ފަދަ ލަގަބުތައް އެ މީހުންގެ ހަނދާނުގައި ދެމިހުންނާނެ އެވެ. އެކަން އޭނާގެ އެއް ވަނައިގެ ހިދުމަތުން ޔަގީންކޮށްދިނެވެ.

ކޮމެންޓް (7)

ސަހުސު

25 މޭ 2024
މިފަދަ ގުރުބާނީވާ މީހުންގެ އަގުވަޒަން ކުރަން ފަތުރުވެރިކަމާބެހޭ ވުޒާރާއިންވެސް ޖެހޭނެ. ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނަ ގެ ފަރާތުން ސަރުކާރަށްވެސް ފައިދާތަކެއްވެފަވާނެ. ހިދުމަތުގަ ހުރެ މިގޮތަށް ގުރުބާނީވާ މީހުންގެ އަގުވަޒަން ކުރަން ޖެހޭނެ. މައްޔިތާގެ ފުރާނައަށް ސުވަރުގެލެހެއްޓެވުން އެދެން އަދި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެން.
26 1

އާދަންބެ

25 މޭ 2024
ވިލާ އެއަރ ފްލައިޓެއް ޗާޓަރ ކޮށް ހަށިގަނޑު މާމިގިލިން ގަމަށް ގެންދިޔައީ، ސީއެންބިއުލާންސެއްގަ އެއް ނޫން، ހަބަރު ރަނގަޅު ކޮށްލާ
12 0

ކިޔާ މީހާ

25 މޭ 2024
ފަހުން ލިޔެފައިވާ ބައި އެއީ ހަމަ ހަގީގަތް. މިރާއްޖޭގައި މިފަދަ ކަންކަން ފާހަގައެއް ނުކުރޭ. ނުވަތަ ވަކި ދަރަޖައެއްގެ މީހަކަށް ކަމެއް ވީމަ ފާހަގަކުރާނީ. ދިވެހިން ބަދަލުވެއްޖެ.
18 0

އަބްދޫލް

25 މޭ 2024
އަފްސަލްވީ ގުރުބާނީގެ އަގުވަޒަންކޮށް ސެންޓާރާއިން ދާއިމީގޮތެއްގެ އޭނަގެ އާއިލާއަށް އެހީވާނެކަމަށް އުއްމީދުކުރަން
57 2

ހަސަބާ

25 މޭ 2024
@އަބްދޫލް ނުވާނޭ. ރިޕްލޭސްމަންޓް ހޯދަން އިންނާނީ މިހާރު ޖަހާފަ. މީ ދުނިޔެ.
10 2

އަލީ

25 މޭ 2024
@އަބްދޫލް ތިޔަކަމެއް ނުވާނެ. ދައުލަތުގެ ވަޒީފާ އަދި ދައުލަތުގެ ކުންފުންޏެއްގެ ވަޒީފާގައި ހުއްޓާ ދިމާވާ ކަމަކުން ނިޔާވި ތިޔަކަހަލަ ކަމެއް ނޯވޭ ވިއްޔަ. ތިމާ މަރުވުމުން އެންމެ ފުރަތަމަ ގެއްލޭނީ ތިމާގެ އައިޑެންޓިޓީއެވެ. ތިމާގެ ގެއާ މުދަލާ އަނބިދަރިންނާ އަދި ވަޒީފާ ވެސް ފުރާނީ އެހެން މީހެކެވެ.
10 0

އައްސަދު އަލީ

27 މޭ 2024
@އަބްދޫލް އަހަރެން ވެސް އުޅުނިން ރިސޯޓް އޯނަރެއްގެ ސެކްރެޓަރީއަކަށް. މިގޮތަށް ނިޔާވެފަ ތިބި މީހުންގެ އާއިލާތަކަށް އެ ނިޔާވި މީހާގެ ކުދިން ތިބިނަމަ އެ ކުދިން 18 އަހަރު ވަންދެން އެ މީހާގެ މުސާރަ ދެމުން ގެންދިޔަ. އަދި ކުދިން ނެތްނަމަ ވެސް ވަކި އަހަރެއް ވަންދެން އާއިލާއަށް ނުވަތަ އަނބިމީހާއަށް މުސާރަ ދެމުން ގެންދިޔަ. އަހަރެން އުޅުނީ ދިވެހި މެނޭޖްމަންޓެއް އޮންނަ ކުންފުންޏެއްގައި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް