ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ފުލުހުން މަސްތުވާތަކެތި ނައްތާލަނީ. އެ ދުވަހު 314 ކިލޯގެ މަސްތުވާތަކެތި އަންދާލި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ގާނޫނުއަސާސީއަކީ ވެސް 'އޮޅުވާލުމެއް'، ވެރިން ވީ 'މަކަރުވެރިންނަށް'

މީގެ 20 އަހަރު ކުރިން 'ހަވީރު'ގައި ޖެހި މަސްތުވާތަކެއްޗާ ބެހޭ ހާއްސަ ރިޕޯޓްތައް ފެނިފައި ހިތަށްއަރަނީ މިދިއަ 20 އަހަރު ސަރުކާރުތަކަށް މި ކުރެވުނީ ކީއްހޭ؟ ރާއްޖޭގެ ސީނިއަ އެއް ނޫސްވެރިޔާ އިސްމާއިލް ރަޝީދުގެ ޖަވާބުތަކާ މެދު ވިސްނާލުން ރަނގަޅު

މީގެ 20 އަހަރު ކުރިން، ހަމަ ޔަގީނުން ވެސް މަސްތުވާތަކެއްޗަށް އޯވަޑޯޒްވެގެން ނުވަތަ ގޮތް ނޭނގޭ މަރުތަކުގައި މިވަރަކަށް ދިވެހި ޒުވާނުން މަރެއް ނުވެ އެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގެ ފަޅު ދެ ގެއަކުން ނެރެން ޖެހުނީ، އެންމެ 30 އަހަރުގެ ދެ ޒުވާނެއްގެ ހަށިގަނޑެވެ. ދެ މީހުންގެ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮވެ އެވެ.

މިހާ ހަގު އުމުރެއްގައި މިހާ ކުއްލި އަދި ގޮތް ނޭނގޭ މަރުތަކުގައި ދިވެހި ޒުވާނުން ދުނިޔެ ދޫކުރުމަކީ އޮތް ވަރަށް ބޮޑު ހިތާމައެކެވެ. އެހާ ހިސާބަށް މި ޒުވާނުން ދިއުމުގެ މައިގަނޑު ސަބަބަކީ، ރާއްޖޭގައި ހައްލެއް ނުފެނުނު، ދުވަހުން ދުވަހަށް ފުޅާވަމުން ދާކަމަށް ބެލެވޭ މަސްތުވާތަކެތީގެ މައްސަލަ އެވެ.

އަޅުގަނޑުގެ ނޫސްވެރިކަމުގެ މާޒީން މީގެ 20 އަހަރު ކުރީގެ ސަފުހާތަކެއް ހުޅުވާލާ ނަމަ މި ފަހަރު ގޮސް މި ޖެހުނީ، ހަމަ އެ މައްސަލައިގެ ސުރުހީތަކެއްގަ އެވެ. 'ހަވީރު' ނޫހުން އޭރު ތައްޔާރުކުރި ހަފުތާ ނަންބަރުގެ 10-11 ޖޫން 2004ގެ ބައި ހާއްސަކުރީ މަސްތުވާތަކެތީގެ މައްސަލައަށެވެ. އެ ހާއްސަ ރިޕޯޓްތަކުގެ މައިގަނޑު ސުރުހީ އޮތީ 'މަސްތުކަމުން މުޖުތަމައު ސަލާމަތްކުރުން' މިހެންނެވެ.

މަސްތުވާތަކެތީގެ މައްސަލަ ބޮޑުކަމުން މީގެ 20 އަހަރު ކުރިން 10-11 ޖޫން 2004ގައި 'ހަވީރު'ގައި ޖެހި ހާއްސަ ރިޕޯޓްތަކެއް

ތިން ރިޕޯޓް ލިއުނީ 'ބޮޑު ބިރެއް، ބޮޑު ނުރައްކަަލެއް، 'މަސްތުވާތަކެއްޗާ ދެކޮޅަށް ދާއިމީ ކެމްޕޭނެއް ބޭނުން'، އަދި 'މަސްތުވާތަކެތީގެ މާކެޓް ބަންދުކޮށްލުން'، މި މައުލޫއުތަކަށެވެ.

އޭރު ވެސް އެއީ ގައުމީ ބޮޑު ނުރައްކަލެކެވެ. މިދިއަ 20 އަހަރުގެ ތެރޭގައި ރާއްޖޭގައި ފަސް ސަރުކާރެއް ވެރިކަން ކުރި އެވެ. އާ ގާނޫނުއަސާސީއެއް އުފަންވެ، ދައުލަތުގެ ތިން ބާރު 'މިނިވަންކަމާ' އެކު ހިންގަން ފެށި އެވެ. ރައްޔިތުންނަށް އޭގެ ކުރިން ނުލިބޭ އަސާސީ އެތައް ހައްގަކުން ގާނޫނުއަސާސީގެ ފުރަތަމަ ބާބު ފުރާލި އެވެ.

އެކަމަކު މި ހުރިހާ ބަދަލެއް ގެނެސް އަދި ފަސް ރައީސެއްގެ ވެރިކަން ނިމުނު އިރު ވެސް، މަސްތުވާތަކެތީގެ މައްސަލާގައި މިހާރު ވެސް ލިއަން މި ޖެހެނީ 20 އަހަރު ކުރީގެ ސުރުހީތަކެވެ. ގެނެވުނު ހެޔޮ ބަދަލެއް ނެތެވެ. ފެނުނު ބަދަލަކީ އެ އަނދިރީގެ ތެރެއަށް ވަންނަ ޒުވާނުން ގިނަވެ، މަސްތުގައި ނުޖެހޭ މީހަކު ނެތް އާއިލާއެއް ރާއްޖޭގައި ނިސްބަތުން މަދުވެ، މުޅި ދައުލަތުގެ ތެރެއަށް އެ ވިޔަފާރީގެ ފައިސާ ވަނުމެވެ. އޭގެ ދަހިވެތިކަމުގައި ދައުލަތުގެ ތިން ބާރުގެ ވެރިން ވެސް، ކޮންމެވެސް ހައިސިއްޔަތަކުން، ނުވަތަ ކޮންމެެވެސް މިންވަރަކަށް އަވަދިވުމެވެ.

21 މޭ 2024 - މަސްތުވާތަކެތީގެ މައްސަލައާ ބެހޭ ގޮތުން 10-11 ޖޫން 2004ގައި 'ހަވީރު'ގައި ޖެހި ހާއްސަ ރިޕޯޓްތައް
މަސްތުވާތަކެތީގެ މައްސަލައާ ބެހޭ ގޮތުން 10-11 ޖޫން 2004ގައި 'ހަވީރު'ގައި ޖެހި ހާއްސަ ރިޕޯޓްތައް

އިސްމާއިލް ރަޝީދަކީ އޭރުގެ ޒުވާން އެއް ނޫސްވެރިޔާ އެވެ. އެ ރިޕޯޓްތަކުގެ ތެރެއިން 'މަސްތުވާތަކެތީގެ މާކެޓް ބަންދުކޮށްލުން،' ލިއުއްވީ، މިހާރު އޮންލައިން ނޫހެއް ކަމަށްވާ ސީއެންއެމްގެ އެޑިޓާ އިން ޗީފްގެ މަގާމުގައި ހުންނެވި، ތަޖުރިބާކާރު ނޫސްވެރިޔާ އަދި މުޅި ހަޔާތް ނޫސްވެރިކަމުގައި ހޭދަކުރައްވަމުން ގެންދަވާ އިސްމާއިލް އެވެ.

މިއަދު އަޅުގަނޑުމެން ދެ މީހުން ބައްދަލުކޮށް، އޭރުގެ ސުރުހީތަކާ މެދު ހިޔާލު ބަދަލުކުރީމެވެ. އަަޅުގަނޑުގެ ފުރަތަމަ ސުވާލަކީ މީގެ 20 އަހަރު ކުރިން ވެސް 'އަހަރެމެން ދައްކަމުން މި އަންނަނީ މި ވާހަކަ އެވެ. ސަރުކާރުތައް ބަދަލުވީއިރު މި ފެނުނީ ކޮން ބަދަލެއް ހެއްޔެވެ؟'

އިސްމާއިލަކީ މިކަހަލަ ހައްލު ނުލިބޭ ނުވަތަ 'ގަސްދުގައި' ހައްލު ނުހޯދާ ހުންނަ ގައުމީ މައްސަލަތަކުގައި، ގިނަ ފަހަރަށް ވަރަށް ރުޅިގަދަވާ ނޫސްވެރިއެކެވެ. އޭނާ އަޅުގަނޑާ ދިމާއަށް އެ ރުޅިވެރިކަމުގައި ވިދާޅުވީ "މިހާރުގެ ގާނޫނުއަސާސީއަކީ ވެސް ބޮޑު އޮޅުވާލުމެއް" ކަމަށެވެ. 

ސިޔާސީ ހަމަނުޖެހުންތަކެއް ކޮންޓްރޯލްކުރަން ދިވެހި ސިފައިން ރަބަރު އުންޑަ ޖަހަނީ: އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު މިދިއަ 20 އަހަރު ބޮޑެތި ކުރިމަތިލުންތައް ހިނގި (ފޮޓޯ/ހުސައިން ސިނާން)

"އެ ގާނޫނުއަސާސީ ހެދީ އެންމެ ކަމަކަށް. މައުމޫން ވެރިކަމުން ބާލަން. އެކަމަކު މައުމޫން ވެރިކަމުން ބާލާފައި ދެން އައި މީހުން ވެސް މިކުރީ އެއް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ 'ބޮޑު އޮޅުވާލުމަކަށް' ވަނީ، އިސްމާއިލްގެ ނަޒަރުގައި، އެ ގާނޫނުއަސާސީ ތަސައްވުރުކުރި "ދިވެހި މީހާ' މި ގައުމުގައި ނެތުމެވެ. ސުބުހާނަﷲ އެވެ. އެހެން ވިއްޔާ މި ވީ ކިހިނެއް ހެއްޔެވެ؟

މަގުމައްޗަށް ރައްޔިތުން ނުކުމެ، ސިފައިންނާއި ފުލުހުންނާ ދިމާކޮށް، އަލިފާން ބޯޅަތައް އުކައި، ކަރުނަ ގޭހުގެ ދުންގަނޑުން މަގުތައް ފުރި، މޫނާއި ލޯ ޕެޕާ ސްޕްރޭގެ ދިލައިން ރަތްކޮށްގެން މި ގެނައި އިސްލާހާއި ދިފާއުކުރި ސަރުކާރުތައް މިވީ، އެހެން ކަމަށް ވާ ނަމަ، ބޭކާރު ގުރުބާނީއަކަށެވެ. އިސްމާއިލްގެ ތަޖުރިބާއަކީ ވެސް އެ އެވެ. އެ ގުރުބާނީ ބޭކާރު ކަމެއްގެ ގޮތުގައި ބަލަން ޖެހެނީ، ގައުމުގެ އެތައް ހާސް ޒުވާނުންނެއްގެ ކުރިމަގު އަނދިރިކޮށްލި މަސްތުވާތަކެތީގެ މައްސަލައަށް އެއްވެސް ހައްލެއް ނުލިބުން ފަދަ ކަންކަމުންނެވެ. ގައުމީ އެ މައްސަލަ ހަމަޔަކަށް ނޭޅުވޭ ސަރުކާރެއްގެ ބޭނުމަކީ، އާންމު ދިވެހި މީހާގެ ސުވާލުން ނަމަ، ކޮބައި ހެއްޔެވެ؟

"ގާނޫނުއަސާސީ ތަސައްވުރު ކުރި ދިވެހި މީހާ އަސްލު ނެތޭ. އެމީހާ ނެތީމާ ގާނޫނުއަސާސީ ހިންގާނީ ކިހިނެއް؟ އޭތި ދެން ވާނީ އޮޅުވާލުމަކަށްނު! ވެރިން ވީ މަކަރުވެރިންނަކަށް ނޫންތަ؟" އިސްމާއިލް ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް: މިނިވަން ބާރެއް ނަމަވެސް ރައްޔިތުންގެ އިތުބާރު ކުޑަ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އޭނާގެ އެ ވާހަކަތަކާ ގުޅިގެން ދެން އަޅުގަނޑުމެން ދެ މީހުން އޭގެ އަސްލު 'ތަރުޖަމާ'އަށް ޖެހިލީމެވެ. އިސްމާއިލް އެ ސިފަކުރެއްވި 'ދިވެހި މީހާ'އަކީ ގައުމަށް ތެދުވެރި، ވަޒީފާއަށް ތެދުވެރި، ގާނޫނަށް ބޯލަނބައި، ގާނޫނު ހިންގަން ފަސްނުޖެހޭ މީހާ އެވެ. އެކަމަކު އެންމެ މަތީ ވެރިން ފެށިގެން، ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުން އެ 'ދިވެހި މީހާއެއް' ނުފެނެ އެވެ. އެ 'ދިވެހި މީހާ' ތައްޔާރެއް ނުކުރެވުނެވެ.

ނަތީޖާ ވަރަށް ހިއްޗެވެ. ކޮންމެ ސަރުކާރެއްގައި ވެސް ހިޔާނާތެވެ. ސަރުކާރު ދިފާއު ކުރުން ނޫން އެހެން ނިޔަތެއް ނެތެވެ. ރައްޔިތުންގެ މަޖިލިސް ވެސް ވީ ހިޔާނާތުގެ ތަނަކަށެވެ. ޝަރުއީ ނިޒާމުގައި 'ކަތުރުފަނި އަޅާ ނިމިފަ' އެވެ. ފަނޑިޔާރުންނާ މެދު އިތުބާރު ގެއްލޭ މިންވަރަށް ބޮޑެތި ގިނަ މައްސަލަތައް ނިންމަނީ، ރައްޔިތުންނަށް ގެއްލުން ހުރި ގޮތަށެވެ.

މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ އިސްމާއިލް ގަބޫލުކުރައްވާ ގޮތުގައި މުޅި ދައުލަތުގެ ތެރެއަށް ފައިސާގެ ނުފޫޒު ވަނުމެވެ.

"މިހާރު ރައްޔިތުންނެއް ނާހާ ލާރި ހޯދީ ހަލާލުކޮށްތޯ ނޫންތޯ، މިހާރު ލާރި ލިބެންޏާ ވަރިހަމަ ކޮންމެ ގޮތަކުން ނަމަވެސް،" އިސްމާއިލް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ އަގު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. ރާއްޖޭގައި އެއްފަހަރާ އަތުލައި ގަންނަ މަސްތުވާތަކެތީގެ މިންވަރު 200 ކިލޯއިން، 100 ކިލޯއިން ގުނާލެވެ އެވެ. މި ހުންނަނީ އެ ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދޭނެ 'އަގުހުރި މުދަލެ'ވެ. އެ ވިޔަފާރީގެ ފައިސާ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ވެސް ބެހިގެން ދެ އެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލިހާއި ކޯޓުތަކާއި ފުލުހުންނާއި ސިފައިން ވެސް އެ ނުފޫޒުން ސަލާމަތެއް ނުވެ އެވެ.

މައިންބަފައިންނަށް ވަރިހަމަ އެވެ. ހަޔާތުގެ ބައިވެރިޔާއަށް ވަރިހަމަ އެވެ. ދަރިންނަށް ވަރިހަމަ އެވެ. ރައްޓެހިންނަށް ވަރިހަމަ އެވެ. އަތްމަތި ތިޔާގި ވީމާ އެ ނިމުނީ އެވެ. ސީރިއަސް އެއްވެސް ވަޒީފާއެއް އަދާނުކޮށް، ބޮޑެތި އާއިލާތައް މަތީ ފެންވަރުގައި ގެންގުޅެނީ އެވެ. އަގުބޮޑު ފްލެޓްތައް ގަންނަނީ އެވެ. އަގުބޮޑު ކާރުތަކުން ދިރިއުޅުން 'ފުރިހަމަކުރަނީ' އެވެ.

އަޅުގަނޑުމެން ތިބި ބޮޑު ކެފޭގައި އޭރު އެތައް ބަޔަކު ވެސް ތިބީ ހެނދުނު ސައިގައި ބިޒީވެފަ އެވެ. އަޅުގަނޑު ބުނީމެވެ. މި ތަނުގައި ވެސް މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުން ހުރި ބަޔަކު ނުތިބެ ނުދާނެދޯ އެވެ.

"ޔަގީން. އެހާ ވަރަށް މި ގައުމުގައި އެ ވިޔަފާރި ފުޅާވެއްޖެ. ކީއްކުރަން ދާ އޮހޮރުވަންވީ؟ ކީއްކުރަން ބަރާބަރަށް ގަޑިއަށް އޮފީހަށް ގޮސް މަސައްކަތްކުރަންވީ؟" އިސްމާއިލް ވިދާޅުވި އެވެ.

ގާނޫނުއަސާސީ ތަސައްވުރު ކުރި 'ދިވެހި މީހާ' ނެތުމުން ގައުމު ހަގީގަތުގައި މިސްރާބު ޖަހާފައި މިވަނީ ހަލާކެއްގެ ތެރެއަށެވެ. ކިތައްމެ ރީތިކޮށް އަޅުގަނޑުމެން ތިއްބަސް، ކިތައްމެ މޮޅު ވާހަކަތަކެއް ވެރިން ދެއްކެވިޔަސް، ގައުމީ ބޮޑެތި މައްސަލަތައް ގޯހުން ގޯހަށް ދާ ނަމަ، ހެޔޮވެރިކަމުގެ ގައުމަކަށް ވުރެ، ނުބައި މީހުން ގިނަ ގައުމަކަށް އޮންނާނީ ވެފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ އޭގެ އެއް ހެއްކެވެ. އަޅުގަނޑުމެންގެ ނޫސްވެރިކަމުގައި އެ މައްސަލައާ މެދު ދައްކަން މި ޖެހެނީ ހަމަ އެއް ވާހަކަ އެވެ. 'ދޮރު ބަންދުކުރަންވީ' އެވެ. 'ބޮޑު ނުރައްކަލަކަށް ވެއްޖެ' އެވެ. 'ދާއިމީ ކެމްޕޭނެއް ހިންގަންވީ' އެވެ.

މީގެ 20 އަހަރު ކުރިން ވެސް ދެއްކި ވާހަކަ އެވެ. މި މުއްދަތުގައި ޒުވާން ޖީލެއް އުފެދި، މުޖުތަމައުއަށް ނުކުމެއްޖެ އެވެ. އެކަމަކު ހިތާމައަކީ މަސްތުވާތަކެތީގެ ވަބާގައި ނުޖެހި ހުރި ޒުވާނަކަށް ނިސްބަތްނުވާ އާއިލާއެއް ގައުމުގައި މަދުކަމެވެ. 'ގޮތް ނޭނގޭ' މަރުތައް ގިނަވެއްޖެ ކަމެވެ. އޭގެ އެއް ސަބަބަކަށް މަސްތުވާތަކެތި ނުވެ ނުދާނެކަމެވެ.

ކޮމެންޓް (3)

އަބްދޫލް

21 މޭ 2024
މިގައުމުގަ ޑްރަގާ ގޭންގު ހައްލު ކުރެވޭނީ އުމަރު ނަސީރަށް. އޭނަ ވެރިކަމަށް ކުރިމަތިލީމަ ވޯޓުދިންތަ؟ ދެން؟ ރުފިޔާ ފައިސާ މާއްދިއްޔަތަށް ހުސްވެފަ އޮތް ރައްޔިތެއް މިތާ ތިބީ.
7 0

ދިވެހި މީހާ

21 މޭ 2024
ގޯހީ ހަމަ ރައްޔިތުން، ރައްޔިތުން އެލާރީގަ ހިފަނިވެސް، ހޮވަނީ ވެސް. ޥެރިން ފަހަތުން އަތްޖަހަމުން ދުވަނީވެސް. މީ ހަމަ ރައްޔިތުން ބޭނުންވާގޮތް.
10 0

ޢަލީ

21 މޭ 2024
ޤަބޫލުކުރެވެނީ ޑރ. މުޢިއްޒު އަށް ތިކަން. ވާނެކަމަށް. ސަބަބަކީ ވަކި ނުފޫޒެއް ނެތި އަމިއްލަ އިޚްތިޔާރުގައި ވެރިކަން ކުރަން ލިބުނު ވެރިއެއް މިދައުރު ނޫނީ ނެތް. މަސްތުވާތަކެއްޗާމެދު ކުރީގެ ހޯމް މިނިސްޓަރު އެ ދައުރުގައި ދެއްކި ވާހަކަ ނޫސްތަކުގައި ހުންނާނެ. އެވަރުން އެނގޭނެ އެއީ ކިހިނެއް ވާ ކަމެއްކަން. އަނެއްގޮތަކީ ޙައްލަކީ އުމަރު ކަމުގައި ހަދާ އުމަރު ވެރިކަމަށް ގެނައުން
6 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް