މަންދު ކޮލެޖުގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާގައި އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވާހަކަދައްކަވަނީ.

އިބްރާހިމް އިސްމާއިލް ފަލަސްތީނަށްޓަކައި: އަޅުގަނޑަށް ކޮށްދެވެން އޮތް ކަމަކީ މިއީ

މި އަހަރު ފަލަސްތީނުގެ ގާޒާއިން އެއްވެސް ދަރިވަރަކަށް ދަސްވެނިވުމުގެ ފުރުސަތެއް ނެތެވެ. ޔުނިވާސިޓީތައް ވަނީ ބިމާހަމަކޮށްފަ އެވެ. މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް، ރޭ ބޭއްވި އެ ކޮލެޖުގެ ދަސްވެނިވުމުގެ ޖަލްސާގެ އުފާވެރި މާހައުލު ބަދަލުކޮށްލެއްވީ މި ހަގީގަތުންނެވެ.

މަންދު ކޮލެޖުން މި އަހަރު ދަސްވެނިވި ދަރިވަރުންނަށް ރެއަކީ އުފާވެރި ރެއެކެވެ. އެކަން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ އުފާވެރި މާހައުލު، އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ބަދަލުކޮށްލެއްވީ ވަރަށް މުހިންމު ވާހަކައަކުންނެވެ. އިނގިރޭސި ބަހުން ބުނާނަމަ އެއީ 'އަގްލީ ޓްރުތު' އެކެވެ.

"ސިޔާސީ ވާހަކައެއް ނޫން، މިއީ އިލްމީ ވާހަކައެއް" ކަމަށް ވިދާޅުވެ އިބްރާހިމް އިސްމާއިލް ދެއްކެވީ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ވާހަކަ އެވެ. އިޒްރޭލަށް ވާގިވެރިވާ ފަރާތްތަކާ މެދު ރާއްޖެއިން ގާތް ގުޅުން ބާއްވާ ވާހަކަ އެވެ. އަދި އެކަމާ ދެކޮޅަށް އޭނާއަށް ކުރެވެން އޮތީ ކޮން ކަމެއް ކަމެވެ.

"އަޅުގަނޑު ކަންބޮޑުވޭ، އެމެރިކާއިން ހަތިޔާރު ދީގެން އިޒްރޭލް މީހުން ފަލަސްތީނުގައި މިވަރުގެ ގަތުލުއާންމެއް ހިންގާއިރު ދިވެހި ދައުލަތުގެ ސިފައިން އެމެރިކާ ސިފައިންނާ އެކު މި ތިބެނީ ޕްރެކްޓިސް ކުރަން. މިއީ މަންދު ކޮލެޖުން ބަލައިގަންނާނެ ކަމެއް ނޫން،" މިއީ އެއްގޮތަކަށް ވެސް ގަބޫލުނުކުރެވޭނެ ކަމެއް ކަން ފާހަގަކުރައްވައި އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ އަމަލުތަކަކީ ދިވެހިން ގަބޫލުކުރާ ކަމެއް ނޫންކަން ދިވެހި ދައުލަތުން، އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް އެމެރިކާއަށް އަންގަން ޖެހޭ ކަމަށެވެ.

މަންދު ކޮލެޖުގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާގައި އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވާހަކަދައްކަވަނީ.

"އިއްޔެ އެމެރިކާއާ ދެކޮޅަށް އެންމެ ފަހުން ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި އެ ފާސްކުރީ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން. އެމެރިކާއަކުން، އިޒްރޭލަކުން ވޯޓެއް ނުދޭ. ރާއްޖެއިން ވެސް އެ ރިޒޮލިއުޝަންގައި ބައިވެރިވި. އެކަމަކު އެއަކުން އަދި ނުނިމޭ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް އިސްމާއިލް ވިދާޅުވީ ފަލަސްތީނު މައްސަލަ ފެށުނީއްސުރެ ދިވެހިންނަކީ އެ ގައުމުގެ ރައްޔިތުންނާ އެކު ތިބި ބައެއް ކަމަށެވެ. އެހެންކަމުން އެކަން ދިވެހި ދައުލަތުން ވެސް ފެންނަން ޖެހޭނެ ކަމަށެވެ.

"އެ އަނިޔާ ދިނުމާއި އެ ހަތިޔާރު ދިނުމާއި އެ ހުރިހާ ކަމެއް ކޮށްދޭ މީހުންނާ އެކީ އެއް ތަށި މަތިން ސައިބޯކަށް އަޅުގަނޑުމެންނަށް މިއަދު ނުތިބެވޭނެ. ތިބެގެންނުވާނެ،" ފަލަސްތީނުގެ ހައްގުގައި މަންދު ކޮލެޖުގެ ދަރިވަރުން އަޑުއުފުލުމަށް ގޮވާލައްވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ މަގެއްގެ މަތީގައި ވެސް މި ވާހަކަ ދައްކާލަން ނުކުންނާނެ މީހެއް. މި މާލޭގެ ފަސްގަނޑުގައި މި ރާއްޖޭގެ ސަރަހައްދުގައި އެބަ ހިންގާ ވިޔަފާރިތައް، އެ ވިޔަފާރިތަކުގެ ފައިދާއިން އިޒްރޭލަށް ފައިސާ ދެނީ، ހަތިޔާރު ގަންނަން. އެކަހަލަ ވިޔަފާރި މި ރާއްޖޭގައި އެބަ ހިންގާ. ކީއްވެގެންތޯ އެކަންކަމަށް ފުރުސަތު ދެވެންވީ؟ ދެވިގެން ނުވާނެ."

'ގާޒާގެ ދަރިވަރުންނަށް މި އަހަރު ގްރެޖުއޭޝަނެއް ނެތް'

ރޭ މަންދު ކޮލެޖުން ގިނަ އަދަދެއްގެ ދަރިވަރުން ދަސްވެނިވެގެން ދިޔަ ނަމަވެސް، އިބްރާހިމް އިސްމާއިލް ވިދާޅުވީ އެއީ ފަލަސްތީނުގެ ގާޒާގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް މިއަދު ނެތް ފުރުސަތެއް ކަމަށެވެ.

"މިރޭ މަތީ ތައުލީމު ދޭ މަރުކަޒެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މިތަނުގައި ގްރެޖުއޭޝަން ސެލެބްރޭޓްކޮށް، މިކަން ކުރަމުންދާއިރު، 211،000 މަތީ ތައުލީމު ދަރިވަރުން ފަލަސްތީނުގެ ގާޒާގައި ތިބީ މަގުމަތީގައި. ވަށައިގެން ބޮން އަޅަނީ،" އޭނާ ވިދާޅުވި އެވެ. 

"ފަލަސްތީނުގެ ގާޒާގައި ހުރި 12 ޔުނިވާސިޓީ ބޮން އަޅައި ބިމާ ހަމަކޮށްފައި، އެ ތަނުގައި މިހާރު ޔުނިވާސިޓީއެއް ނެތް. ފަލަސްތީނުގެ ދަރިވަރުންނަށް 2024 ވަނަ އަހަރު ގްރެޖުއޭޝަނެއް ނާދޭ."

އިސްރާ ޔުނިވާސިޓީ

މިއީ ފަލަސްތީނުން ގާޒާގައި ހިންގަމުންދިޔަ 12 ޔުނިވާސިޓީތަކުގެ ތެރެއިން އެންމެ ފަހު ޔުނިވާސިޓީ. 17 ޖެނުއަރީގައި އިޒްރޭލުން މި ތަނަށް ހަމަލާ ދީ ގޮއްވާލީ، އަސްކަރީ މަރުކަޒަކާއި ހައްޔަރުކުރާ މީހުންނަށް އަދަބު ދޭ ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި އެތައް މަސް ވަންދެން ބޭނުންކުރުމަށްފަހު

ގާޒާގައި ހުންނަ އަލް-އަޒުހަރު ޔުނިވާސިޓީ ކުރިން ހުރި ގޮތް (މަތީގައި) އަދި އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައި (ތިރީގައި).

ދަސްވެނިވެ، މަތީ ތައުލީމުގެ ތޮފި އަޅައިގެން ތިބި ދަރިވަރުން އިބްރާހިމް އިސްމާއިލްގެ އެ ވާހަކަތައް ކަނުލައި އަޑުއަހަމުން ދިޔައިރު މޫނުމަތިން އުފާވެރިކަމުގެ އެއްވެސް އިހުސާސެއް ނުފެނެ އެވެ.

އެ އުފާވެރި ޖަލްސާގައި އެ ވާހަކަ ހިއްސާކުރެއްވި ސަބަބު އޮޅުންފިލުވައިދެއްވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި މަތީ ތައުލީމު ހާސިލުކުރާ މީހުންނަށް އެއީ ލިބޭ ނިއުމަތެކެވެ.

"ތިޔަ ކުދިންގެ ވާޖިބަކީ ހަމައެކަނި ކިޔެވި އެއްޗެއް ނޫނޭ، އަދާކުރާ ވަޒީފާއެއް ނޫނޭ. ދުނިޔެއާ ދޭތެރޭ ވިސްނުން. ދުނިޔެއަށް އަންނަ ބަދަލުތަކާއި ދުނިޔޭގައި ހިނގާ ކަންކަމާ ބެހޭ ގޮތުން ވިސްނުން.  މިކަންކަމަށް ލޯ ހުޅުވަން ޖެހޭ އަހަރެމެން،" އޭނާ ވިދާޅުވި އެވެ.

މަންދު ކޮލެޖުގެ 2024ގެ ދަސްވެނިވުމުގެ ޖަލްސާ.

'މިއީ ދިވެހި މަތީ ތައުލީމު ދޭ މުއައްސަސާތަކުން ނުދައްކާ ވާހަކަ'

އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި ގައްޒާގެ މަތީ ތައުލީމު ދަރިވަރުން މިއަދު އެ ތިބި ހާލާ މެދު ވިސްނަން ޖެހެ އެވެ. އިލްމުގެ ތެރޭގައި ތިބި ބައެއްގެ ގޮތުން 'ހިތާހިތުން' ވިޔަސް އެ މީހުންނަށް އަތްފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ފަލަސްތީނުގައި މަރާލީ 100 ޕްރޮފެސަރުން މިހާރު. 100 ޕްރޮފެސަރުން މަރާލައިފި. ކިހާ އިލްމެއްތޯ އެ ދިޔައީ. ފަލަސްތީނުގެ ސަގާފަތުގެ ކިހާ ބައެއްތޯ ގެއްލިގެން އެ ދިޔައީ؟" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނީވޭ މި ރާއްޖޭގައި މި ވާހަކަ ދައްކާ އަޑެއް. އަޅުގަނޑަށް، މަތީ ތައުލީމު ދޭ މުއައްސަސާއެއްގެ މީހަކު ވެސް މި ވާހަކަ ބުނާ އަޑެއް ނީވޭ. އެއީ އިވެން ޖެހޭ އަޑެއް، ދައްކަން ޖެހޭ ވާހަކައެއް."

ރާއްޖެއިން މި ވާހަކަތަކުގެ އަޑު ނީވޭ ނަމަވެސް، އިބްރާހިމް އިސްމާއިލް ވިދާޅުވީ އެމެރިކާގެ ގާތްގަނޑަކަށް އެންމެ މަތީ ފެންވަރުގެ ހުރިހާ ޔުނިވާސިޓީތަކުގެ ދަރިވަރުން ތިބީ ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލަން ކޭމްޕު ޖަހައިގެން ކަމަށެވެ. އެގޮތަށް، އަމަލުކުރުމުން އެ ކުދިން ޔުނިވާސިޓީތަކުން ވަކިކޮށް، އަނިޔާކޮށްގެން ގެންގޮސް ހައްޔަރުކުރި ނަމަވެސް "އެ ކުދިން އެ ބުނަނީ ތިމަންނަމެންގެ ކެރިއާ އާއި ޕީއެޗުޑީ އާއި ވަޒީފާ މުހިންމެއް ނޫނޭ" ކަމަށެވެ.

"ތިމަންނަމެންނަށް މާ މުހިންމޭ ތިމަންނަމެން ކަހަލަ އެހެން އިންސާނުންނަށް އެ ކުރިމަތިވާ އަނިޔާއިން އެ މީހުން ސަލާމަތް ކުރަން. އެއަށްޓަކައި ތިމަންނަމެންގެ ކިޔެވުން ވެސް ގުރުބާން ކުރާށޭ މި ތިބީ. %100 މުސްލިމް ގައުމެއްގައި މިހެން ބުނާނެ ދަރިވަރަކު ނެތް،" އޭނާ ވިދާޅުވި އެވެ.

"އެއީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އަބަދުއަބަދު އެއްޗެހި ކިޔާ ނަސާރާއިން."

އެމެރިކާ ފުލުހުން ފަލަސްތީނަށް ތާއީދުކުރި ޔުނިވާސިޓީ ކޭމްޕެއް ރޫލާލައިފި

ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާ (ޔޫއެސްސީ)ގައި ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލަމުން ދިޔަ ކޭމްޕެއް އެމެރިކާގެ ލޮސް އެންޖެލީސްގެ ފުލުހުން ގޮސް ރޫޅާލީ މިދިޔަ އާދީއްތަ ދުވަހު އެވެ.


ކުރިއަށް ހުރި ޔުނިވާސިޓީ ގްރެޖުއޭޝަންތަކުގައި މިފަދަ ހަރަކާތްތަކެއް ހިންގަފާނެކަމަށް އެމެރިކާގެ ޔުނިވާސިޓީތަކުން އަންނަނީ ތައްޔާރުވަމުންނެެވެ.

ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާގައި ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލަމުން ދިޔަ ކޭމްޕު ފުލުހުން ވަށާލާފައި.

'އެ އަނިޔާވެރިކަން އަހަރެމެންނާ ހަމައަށް ނާންނާނެ ކަމަށް ހީނުކުރާތި'

ދަސްވެނިވުމުގެ ޖަލްސާއަށް ވަޑައިގަތުމުގެ ކުރިން ފެނިވަޑައިގަތް ފަލަސްތީނުގެ ހަބަރެއްގެ ހުލާސާއެއް ވެސް އިބްރާހިމް އެ ޖަލްސާގައި ހިއްސާކުރެއްވި އެވެ.

"ހަތް އަހަރުގެ ތުއްތު އަންހެން ކުއްޖަކު، މުޅި ހަޑިގަނޑު ގޮއްވާލާފައި، ފާރެއްގައި އެލުވާފައި، އޭނާގެ ދެ ފައެއް ނެތް، އެތެރެހަށީގެ ހުރިހާ ގުނަވަންތަކެއް ހުރީ ބޭރުގައި. ކައިރީގައި ނަށަން ތިބީ ސަހުޔޫނީ އިޒްރޭލުގެ ސޯލްޖަރުން،" އޭނާ ވިދާޅުވި އެވެ.

"މިއީ ދުނިޔޭގެ ހާލަތު. އަޅުގަނޑުމެން ހީކޮށްގެން ނުވާނެ އަޅުގަނޑުމެންނާ ހަމައަށް އެކަން ނާންނާނޭ. އެވަރުގެ އަނިޔާވެރިކަމަށް ދެން ތިބި ބަޔަކު ލޯމަރާލައިފިއްޔާ އެ އަނިޔާ ނުފެތުރިއެއް ނުދާނެ."

އޭގެ ހެއްކެއްގެ ގޮތުގައި އިބްރާހިމް އިސްމާއިލް އިޝާރާތްކުރެއްވީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުން 6 މިލިއަން ޔަހޫދީން މަރާލި ގަތުލުއާންމަށެވެ. އެކަން ކުރެވުނީ، އޭނާ ވިދާޅުވި ގޮތުގައި، ދެން ތިބި މީހުން އަޅާނުލައި ތިބުމުން ކަމަށާއި އެކަމުން ސަލާމަތްވި މީހުން މިއަދު އެހެން ބަޔަކާ މެދު ހަމަ އެފަދައިން އަމަލުކުރަމުންދާއިރު ބާކީ ތިބި މީހުން މިތިބީ ލޯ މަރާލައިގެންނެވެ.

"އެހެންވީމަ އަޅުގަނޑަށް ކުރެވޭނެ މިންވަރަކީ މިއީ. ކޮލެޖުގެ ޗެއާމަންގެ ހައިސިއްޔަތުން  މަންދު ކޮލެޖުގެ 2024ގެ ގްރެޖުއޭޝަން އަޅުގަނޑު ތަހުސީސްކުރަން (ހާއްސަކުރަން) ބޭނުމީ ފަލަސްތީނުގައި މި އަހަރު ގްރެޖުއޭޓް ނުވާނެ ދަރިވަރުންނަށް. މި ގްރެޖުއޭޝަނަކީ އެ ދަރިވަރުންގެ ހައްގުގައި ބޭއްވޭ ގްރެޖުއޭޝަންއެއް. މިއީ ސިމްބޮލިކޮށް ނަމަވެސް އަޅުގަނޑުމެންނަށް ކުރެވޭ މިންވަރު ކަންތައް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ކޮލެޖުން ގްރެޖުއޭޓްވާ ދަރިވަރުންނަށް އިލްތިމާސް ކުރަނީ، ތިޔަ ކުދިންގެ ރަށާއި ތިޔަ ކުދިންގެ ފަޅުގެ [ބަނދަރުގެ] ކަނޑިންމައާ ހަމައަށް ދުނިޔެ ނިންމާ ނުލާށޭ. އޭގެ ބޭރުގައި ދުނިޔެއެއް އެބަ އޮތޭ... އެހެން މީހުން ދުނިޔޭގައި އެބަ އުޅޭ އެކި ގޮތްގޮތަށް، އެކި ހާލުގައި. އެއީ ތިބި ބައެއްކަން، އޮތް ތަނެއްކަން އަޅުގަނޑުމެން އެބަ ޖެހޭ ދަންނަން. 'ވަޅުގައި އޮތް ބޮކަށް' ވެގެން ނުވާނޭ."

ކޮމެންޓް (10)

މަންހަޖް

12 މޭ 2024
ތީ އިބްރާ ވެސް އަމިއްލަ ފައިދާއެއްް ހޯދަން ދައްކާ ވާހަކަ. ހީވާ ގޮތުން 28 ގައި ކުރިމަތި ލަނީ. އެހެންނާ ތިވަރުގެ ބޮޑު ޢިލްމުވެރިޔަކަށް އެގޭނެ ދޯ އިސްލާމީ ހަރުކަށި ފިކުރުގެ މީހުން ޔަހޫދީން އެެއްކޮށް ނައްތާލަން ބޭނުން ވާކަން. އެ މީހުން އިޒްރޭލަށް ހަމަލާ ދިން ކަން. ހަރުކަށި ފިކުރުގައި އެ ކިޔަވައިދެނީ ރާއްޖޭ ސްކޫލްތަކުގައި ވެސް ޔަހޫދީނަށް ރުޅިއަރަން.
2 17

ޖަހަލް

12 މޭ 2024
ޢިލްމު ވެރިޔަކަށް ނޭންގުނު ދޯ ހަމާސްއިން އިޒްރޭލަށް ހަމަލާދީ އެތައް ހާސް މީހުން މެރި ކަމާއި ރަހީނުން ގެންގޮސް ދޫނުކޮށް އުޅޭ ކަން. ޢިމްލުވެރިޔަކަށް ނޭންގުނު ދޯ ހަނގުރާމަ ފެށީ ހަމާސްއިން ކަމެއް. އޭގެ ކުރިން ތި ޔުނިވސިޓީތައް ގާޒާގައި ހުރި ކަމެއް
1 25

ވާނުވާ

12 މޭ 2024
@ޖަހަލް ނޭނގޭ ވާހަކަ ނުދައްކަމާ؟ ހަމާސްއިން ކުރަނީ ދިފާއުގަ ކުރާ ހަނގުރާމައެއް. ފެށީ އިޒްރޭލުން 1948 ގައި. ރިޕީޓުކޮށްލާނަން، މިދިޔަ އަހަރުއެއް އޭގެ ކުރީ އަހަރެއްގައެއް ނޫން މިކަމެއް ފެށީ. 1948 ގައި
19 0

ޙަބޯ

12 މޭ 2024
@ޖަހަލް ހަމާސް އިން ހަމަލާ ދިނިއްޔާ ސުންނާފަތި ކުރަން ޖެހެނީ ފަލަސްތިނުތަ؟ ހަމާސްގެ ބަލަދު އަރަނީ ފަލަސްތީނުގެ ރައްޔިތުންނަށްތަ؟
5 1

ވާނުވާ.

12 މޭ 2024
މިހުރިހައި ދުވަހު ތިމާމެންނަށް ބާރު އޮތްއިރު މިވާހަކަ ނުދެއްކީ ކީއްވެ؟ މިހާރު ދެން ކޮލެޖު މަޝްހޫރުކުރަން މޮޅު ވާހަކައެއް ދައްކަނީ؟
2 8

ސަންތި މަރީ

12 މޭ 2024
މިފަދަ ދީނީ ސަރުކާރަށް 7 މަސް ވާންދާއިރު އިޒްރޭލުގެ ޕާސްޕޯޓު މި ގައުމުގައި ބޭން ކުރުމާއިމެދު ގޮތެއް ނިންމަން ނުކެރިގެން މިއުޅޭ އުޅުމާއިމެދު އަންތަރީސްނުވޭތޯ؟
9 1

ޝެނީ

12 މޭ 2024
ކޮބާ އަލީ ރަމީޒް. އަރާމް ވާހަކަ ކޮޅެއްނޫންތަ މީ
6 2

އަހްމަދ

12 މޭ 2024
އިބުރާ ނޫނީ ނުދެކެން ފެށުނީއްސުރެ ފަލަސްތީނާ ދެކޮޅަށް އަޑުއުފުލާ ބަހާ އަމަލުން އެކަން ކުރަމުންދާ މީހެއް.
9 1

އަހަންމާ

12 މޭ 2024
@އަހްމަދ ފަލަސްތީނާ ދެކޮޅަށް ތަ؟ ނޫނީ އިޒުރޭލާ ދެކޮޅަށްތަ؟
1 0

އަހްމަދ

12 މޭ 2024
@އަހަންމާ ސޮރީ، ޔަހޫދީންނާ ދެކޮޅު. ފަލަސްތީނުގެ ދިފާއުގަ...
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް