ކުޑަކުދިންތަކެއް ފުރާޅެއްގެ މަތީގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކުޑަކުދިން

ކުށްކުރާ ކުޑަކުއްޖާއަށް ލިބޭނެ ހަމަ އެއްވެސް އަދަބެއް ނެތީތަ؟

ކުށްކުރާ ކުޑަކުދިން އެކަހެރިކޮށްގެން ފަރުވާ ދެވެން އޮތްއިރު، އެކަމާ މެދު ބައެއް މީހުން ދެކޭގޮތް ވެސް ތަފާތު

ދާދި ފަހުން ހިނގި ހާދިސާ އެކެވެ؛ އާއިލާގެ އުމުރުން 18 އަހަރު ނުވާ ކުއްޖެއްގެ ގައިގާ، އެ އުމުރުގެ އެހެން ކުއްޖަކު ތަޅައިގަނެގެން ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ. އެ ދުވަހު ފުލުހުން ބުނީ، ކުށްވެރިވާ ކުއްޖާއަކީ ވެސް ކުޑަކުއްޖެއް ކަމުން އެ މައްސަލައިގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. އޭގެ ދުވަސްގަނޑެއް ފަހުން ހަމަ އެ ކުއްޖާ، އަނެއް ކުއްޖާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އެވެ. 

ފުލުހުސް އޮފީހަށް އެ މައްސަލަ ހުށަހެޅި ނަމަވެސް، ދެވޭނެ އަދަބެއް ނެތް ކަމަށް ބުނެ އެ ފަހަރު ވެސް މައްސަލަ ބޭރުކޮށްލި އެވެ. އެ ދުވަހު އާއިލާ މީހާ ޝަކުވާ ކުރީ، 18 އަހަރު ނުވާތީ އެ ކުދިން ކުރާ ކުށަށް ޒިންމާވާނެ ހަމަ އެކަކު ވެސް ނެތީތޯ ބުނަމުންނެވެ.

މިދިޔަ ހަފުތާގައި އއ. ރަސްދޫ މިސްކިތުގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އަނިޔާކުރި މައްސަލަ ފެންމަތިވީ، އޭނާގެ އެ ސުވާލަށް ޖަވާބު ނުލިބި އުޅެނިކޮށެވެ. އެކަމަކު ތަރާވީހު ނަމާދަށް ހުއްޓައި ގަދަކަމުން މިސްކިތު ފާހާނާއަށް ގެންގޮސް، 12 އަހަރުގެ ކުޑަކުއްޖާއަށް، އެއަށް ވުރެ އަހަރެއް އަދި ދެ އަހަރު ދޮށީ ދެ ކުދިން އަނިޔާކުރި މައްސަލަވީ، ކަމާ ގުޅޭ މުއައްސަސާތަކުން، އެކަމާ ގުޅޭ ގާނޫނުތަކާއި އިޖްރާއަތްތައް އަލުން މުރާޖައާކޮށް ނުވަތަ ދެ ވަނަ ވިސްނުމަކަށް ދާން ޖެހުނު ސަބަބަކަށެވެ.

 އެ މައްސަލައާ ގުޅިގެން، ގުޅުން ހުރި މުއައްސަސާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަށް ދަށްކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން، ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކުރުމަށް ވެސް ނިންމި އެވެ. އެކަމަކު ސަރުކާރުގެ މި ނިންމުންތަކާ ގުޅޭގޮތުން މަދަނީ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމާ މެދު ހޭލުންތެރި ކުރުމަށް ސްކޫލުގެ ދަރިވަރުންތަކެއް ހެދި ވީޑިއޯގެ މަންޒަރެއް

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް)، ފެމިލީ ލީގަލް ކުލިނިކް، ހޯޕް ފޮ ވިމެން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އުތެމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި:

  •  ކުޑަކުދިން ކުރާ މި ފަދަ ކުށްތަކަށް ހައްލު ނުވަތަ އިންސާފު ހޯދުމަކީ މުޖުތަމައު ގުޅިގެން، މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަމާ އެކު ކުރަން ޖެހޭ ކަންކަން

  • ކުށަށް އަރައި ގަންނަ ކުދިން އެކަހެރިކޮށް، މަރުކަޒު ކުރުމަކީ އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަނބުރާ މުޖުތަމައުއަށް ބާރުވެރި ޒުވާނުންގެ ގޮތުގައި ނުކުތުމަށް ހުރަސް އެޅޭނެ ކަމެއް

  • އަދި ކުށަށް ހުށަހެޅިފައިވާ ކުދިންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރު ކުރެވޭނެ ފަދަ ސިޔާސަތެއް ނޫން

  • ކުއްޖާ އިސްލާހުކުރަން އެންމެ ރަނގަޅީ މުޖުތަމައުގައި ބަހައްޓައިގެންކަން ދިރާސާތަކުން ދައްކާ؛ އަދި މަރުކަޒު ކުރުމުން އިއާދަނުކުރެވޭ ބޮޑެތި ނަފްސާނީ ގެއްލުން ކުދިންނަށް ލިބި، މުޖުތަމައުއިން ބާކީވުމުގެ ފުރުސަތު ބޮޑުވޭ

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮންނަ ގޮތުން، 18 އަހަރު ނުފުރުނު ކަމުގައި ވިޔަސް، ކުޑަކުދިން ކުރާ ކުށްތަކަށް އެ ކުދިންނަށް އަދަބު ދެވެން އޮވެ އެވެ. އެކަމަކު ކުށް ކުރާ ބޮޑެތި މީހުންނާ ހިލާފަށް، ކުޑަކުދިންގެ މައްޗަށް އެކަން ސާބިތުކުރުމާއި ފިޔަވަޅު އެޅުމުގައި ގިނަ މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހެ އެވެ. އެ ފަދަ ބޮޑު ކުށަކަށް އެ ކުއްޖާ އަރައިގަންނަން ޖެހުނީ، އޭނާގެ ވަށައިގެން އުޅޭ މީހުންނާއި އާއިލާގެ ތެރެއިން، ކުއްޖާއަށް ކޮންކަހަލަ ނޭދެވޭ އަސަރުތަކެއްކޮށްގެންތޯ ބަލަ އެވެ. އެކަހެރިކޮށްގެން އެ ކުއްޖާ ބެލެހެއްޓުމަށް ކޯޓުން އަމުރު ކުރަނީ، އެ ހުރިހާ ގޮތަކުން ބަލައި، މުޖުތަމައުގެ ތެރެއަށް އެ ކުއްޖާ ދޫކޮށްލާފައި ބެހެއްޓުން ރަނގަޅު ނޫން ކަމަށް ފެންނަ ނަމަ އެވެ.

ދެން އުފެދޭ ސުވާލަކީ، ކުށް ކުރާ ކުއްޖާ ބަންދު ކުރަނީ ކިހާ ހިސާބަކުން ހެއްޔެވެ؟

މިސާލަކަށް ބަލާ ނަމަ، އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލީ އެވެ. އެއީ ކުޑަކުއްޖަކަށް ވާތީ ކުށުގެ ޒިންމާ ނަގާކަށް ނުޖެހެ އެވެ. އެކަމަކު ހާލަތްތަކަށް ރިއާޔަތްކޮށް، ކަމާ ގުޅޭ މުއައްސަސާތަކަށް އޭނާ އެކަހެރި ކުރެވިދާނެ އެވެ. އެއީ އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކާ އޮތުމާއި އެ ކުއްޖާ ދޫކޮށްލާފައި ބަހައްޓައިފި ނަމަ، އެހެން ބައެއްގެ ފަރާތުން އެ ކުއްޖާއަށް ގެއްލުމެއް ވުމުގެ ފުރުސަތު އޮތުމެވެ. ނޫނީ ދޫކޮށްލާފައި ބަހައްޓައިފި ނަމަ، އަނެއްކާ ވެސް އެ ކުއްޖާ ކުށަށް އަރައިގަތުމުގެ ބިރު އޮތުމެވެ.

އެކަމަކު މިކަންކަން އެނގެނީ ކަމާ ގުޅޭ މުއައްސަސާތަކުން އެކުއްޖާގެ ސައިކޯސޯޝަލް އެސެސްމެންޓެއް ހެދީމަ އެވެ. އެކަމަށް އެބަ ދުވަސްކޮޅެއް ވެސް ނަގަ އެވެ. އެކަމަކު އެ އެސެސްމެންޓުން، ކުއްޖާ މުޖުތަމައަށް ދޫކޮށްލާފައި ބެހެއްޓުމަށް ވުރެ އެންމެ ރަނގަޅީ ބަންދުކޮށްފައި ބެހެއްޓުން ކަމަށް ކަނޑައަޅައިފި ނަމަ، ގާނޫނުގެ ތެރެއިން އެ ކުއްޖާ އެކަމާ ގުޅޭ ހާއްސަ ތަނަކަށް ގެންދެ އެވެ.

"ކުޑަކުއްޖަކު ކުށެއް ކުރީމާ އެ ކުށް ނުކުރާ ކަމަށް ވަނީކީ ނޫން. ބޮޑެތި މީހުންނާ ދޭތެރޭ އަމަލު ނުކުރާ ގޮތަށް މި އަމަލު ކުރަން ޖެހެނީ. އެ ކުޑަކުއްޖާ ކުރި ކުށުގެ ބާވަތަށް ބަލައި ގާނޫނުގެ ތެރެއިން އަދަބު ދެވެން ވެސް ހުންނާނެ،" ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ހާމިދު ޔޫސުފް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުށް ކުރި ކުއްޖާގެ އުމުރަށް ބަލައި އޭނާ މުޖުތަމައަށް ދޫކޮށްލައިފި ނަމަ، އިތުރަށް އެ ކުއްޖާ ގޯސްވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ދެން އެ ކުއްޖާ އިތުރު ކުށްތަކަށް އަރައިގަނެ، އަމާންކަން ވެސް ގެއްލިގެން ހިނގައިދާނެ އެވެ. އެހެންވެ، އިތުރަށް އެ ކުއްޖާ ފަސާދަވެ، އޭނާއަށް އިތުރު ގެއްލުމެއް ލިބުމުގެ ކުރިން އޭނާ އެކަހެރިކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ކުށް ކުރީ ކުޑަކުއްޖެކެވެ. އެހެންވެ، އެ ކުއްޖާއަށް ގާނޫނުގެ ތެރެއިން ގިނަ ހިމާޔަތްތަކެއް ވެސް ލިބިދެ އެވެ. އުމުރު ހަމަ ނުވާ ކުއްޖެއް ކަމުން އެ ކުއްޖާގެ ކަރާމާތް ވެސް ހިފަހައްޓަން ޖެހެ އެވެ. އެންމެ ބޮޑު ކަމަކަށް އެ ކުރި ކުށަކަށް ކުއްޖާގެ ކިބައިން ބަދަލު ހިފުމަށް ވުރެ، ހާމިދު ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ އެ ކުއްޖާ އިސްލާހުކޮށް، އަލުން މުޖުތަމައުގެ ތެރެއަށް ނުކުތުމުގެ ފުރުސަތު ދިނުމެވެ.

ކުށް ކުރާ ކުދިން އެކަހެރިކޮށް، މަރުކަޒު ކުރުމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ އެއް ބަހުސްއަކީ، އެ ފިޔަވަޅުގެ ސަބަބުން އެ ކުދިންނަށް ނަފްސާނީ ގޮތުން ގެއްލުން ލިބި، ބާރުވެރި ޒުވާނުންގެ ގޮތުގައި މުޖުތަމައަށް ނުކުންނަން ހުރަސް އެޅުމެވެ.

އެކަމަކު މިއީ ހާމިދަށް މުޅިން ގަބޫލުކުރެވޭ ވާހަކައަކަށް ނުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެ ކުއްޖާ ކުރި ކުށުގެ ބޮޑުމިނަށް ބަލައި، ދޭންވާ އަދަބު އެންމެ ބޮޑަށް ކަނޑައެޅިގެންދާނީ ވަށައިގެންވާ މާހައުލާއި އާއިލާގެ ތެރެއިން އެ ކުއްޖާ އިސްލާހުވުމަށް އޮތް ފުރުސަތުތަކަށް ބަލާފަ އެވެ. އެ ކުއްޖާގެ ވަށައިގެންވާ މުޖުތަމައުއާއި އާއިލާއަކީ އޭނާއަށް ރައްކާތެރި އަދި އިސްލާހުވުމަށް ޖާގަ އޮތްތަނެއް ނަމަ، އެންމެ އިސްކަމެއް ދޭން ޖެހޭނީ މުޖުތަމައުގެ ތެރޭގައި ބަހައްޓައިގެން އެ ކުއްޖާ އިސްލާހު ކުރުމަށެވެ. އެ ފުރުސަތު ނެތް ނަމަ، ވީއެންމެ އަވަހަކަށް އެ ކުއްޖާ އެކަހެރި ކުރަން ޖެހޭނެ އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ހާމިދުމެން ވަނީ، ބޮޑެތިކުށް ކުރާ ކުދިން އެކަހެރިކޮށްގެން އިސްލާހު ކުރުމަށް މަސައްކަތް ކުރައްވައިފަ އެވެ. އެއީ، 2009ގައި ސަރުކާރުން ހިންގި، ކުށްކުރާ ކުޑަކުދިން ފޭދޫ ފިނޮޅަށް ގެންގޮސް ރިހިބިލިޓޭޓް ކުރުމުގެ ޕްރޮގްރާމާއި އޭގެ ފަހުން ބޮޑެތި ކުށްކުރާ ކުޑަކުދިން އިސްލާހު ކުރުމަށް، ދ. ވާނީއަށް ގެންގޮސް ވެސް ހިންގި ޕްރޮގްރާމެވެ.

އޭގެ ނަތީޖާ ވެސް ގޯހެއް ނޫނެވެ. އެ ޕްރޮގްރާމްގައި ބައިވެރިވި ކުދިން، ދެ ވަނަ ފަހަރަށް ކުށަށް އަރައި ނުގަނެ ވެސް ތިއްބެވެ. އެކަމަކު އެކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިކުރަން އޮންނަ މަރުހަލާތައް ދިގުވުމެވެ. އެ މުއްދަތުގެ ތެރޭގައި އެ ކުދިން އަނެއްކާ ވެސް އިތުރު ކުށްތަކެއް އެބަ ކުރެ އެވެ. ދެން އޮތް އަނެއް ގޮންޖެހުމަކީ، އިސްލާހުވުމަށް ފަހު ވެސް އަނެއްކާ ވެސް ހަމަ އެ ކުށުގެ ވެއްޓަށް ހުށަހެޅުމެވެ.

ރަސްދޫގައި ހިނގި މައްސަލައާ ގުޅިގެން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނިގޮތުގައި ކުށުގެ ވެށީގައި 200އެއްހާ ކުދިން އެބަތިއްބެވެ. ކުށްކުރާ ކުޑަކުދިން މަރުކަޒުކޮށް، އިސްލާހު ކުރުމަށް ސަރުކާރުން މުއައްސަސާތަކެއް ހުޅުވާފައި ހުރި ނަމަވެސް މިހާތަނަށް އައިއިރު އެތަންތަނުގެ ބޭނުން ނުހިފިފައިވަނީ، ސަރުކާރުން ބުނާގޮތުގައި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ނެތުމުގެ ސަބަބުންނެވެ. އަދި ބައެއް ތަންތަން ހުރީ ހިދުމަތް ދެވޭ ފަދަ ހާލަތެއްގައެއް ވެސް ނޫނެވެ. ނަމަވެސް އަލުން އެކަމަށް މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކުށްކުރާ ކުޑަކުއްޖާއަށް ވެސް އަދަބު ލިބި އޭގެ ބަރު އުފުލަން ޖެހެ އެވެ. ގާނޫނުގެ ތެރެއިން އެކަމަށް ތަންދޭ ވެސް މެ އެވެ. އެކަމަކު އެ ކުދިން އިސްލާހުކޮށް، އަލުން މުޖުތަމައަށް ނުކުތުމަށް އާއްމުންގެ އެހީތެރިކަން ވެސް އިންތިހާއަށް ބޭނުންވެ އެވެ.

ކޮމެންޓް (1)

ހައިމާ

11 އޭޕްރީލު 2024
ކުށް މަދުވާނެ އެއް ގޮތަކީ، ޢާންމުން ކުރާ އެންމެ ކުދި އަދި ގިނަ ކުށްތައް ބަލައި، އެކަންކަން އިސްލާހުކުރަން ފެށުމެވެ. އެންމެ ގިނަ ކުށަކީ ޓްރެފިކް ޤާނޫނާ ޚިލާފުވުމެވެ. މީހުންގެ ފުރާރަ އަދި ފުރާނަ ނުދިޔަ ކަމަށްވިޔަސް، ވަރަށް ގިނަ މީހުން ނުކުޅެދޭ މީހުންނަށް ނުވަތަ އުނދަގޫ ތަހައްމަލު ކުރަންޖެހޭ މީހުންނަން އެކަމުގެ ސަބަބުން ވެއްޖެ. އަދިވެސް ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ނުކުރޭ. ބުނާތީ އަހަނީ ވޯޓު ގެއްލިދާނެތީއޭ. އޮޕޮޒިޝަނަށްވެސް އެކަން ޒިންމާ ދާރު ނުކުރެވެނީ ވޯޓު ގެއްލިދާނެތީއޭ. މި ގައުމުގައި މިހާރު ގިނަ ކަންކަން ކުރުމުގައި ސްޓޭޑަކީ ވޯޓު. ސުވާލަކީ ވޯޓު ގެއްލޭނެ ކަމެއްތޯ؟ ވޯޓު ލިބޭނެ ކަމެއްތޯ ބެލުން. މިހެން މިކަން އޮވެ، މިތަނުގެ މަސްލަހަތު ގެއްލި، މީހުންގެ ފުރާނަ ގެއްލި، ބޮޑެތި އަނިޔާލިބެނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް