ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭގައި. ފަތުރުވެރިންގެ އަަދަދު އިތުރުވި ނަމަވެސް އެ ދާއިރާ އިން ލިބޭ އާމްދަނީ ކުރިއެއް ނާރާ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް

ފަތުރުވެރިން އަންނަ އަދަދު އިތުރު، އާމްދަނީ ދަށަށް: ކަންބޮޑުވުމެއް

ރިސޯޓް ޓޫރިޒަމަށް ވުރެ ބޮޑަށް އަގުހެޔޮ ޓޫރިޒަމް ފުޅާވެ ކުރިއަރަމުންދާ ވަރު މާ އަވަސްވުމުގެ މައްސަލަ މިހާރު މި އޮތީ ކުރިމަތިވެފައި

ރާއްޖޭގެ ފަތުރުވެރިކަމުގެ ޖަވާހިރަކީ 'ވަން އައިލެންޑް ވަން ރިސޯޓު' ކޮންސެޕްޓެވެ. ފަތުރުވެރިކަން ރާއްޖެއަށް ތައާރަފުވީ މި ކޮންސެޕްޓާ އެކު އެވެ. ލަގްޒަރީ ޓޫރިޒަމްގައި ރާއްޖެ ދުނިޔޭގައި ނަން ހިނގާ ބްރޭންޑަކަށްވެ، ފަތުރުވެރިކަމުގައި އެންމެ މަގުބޫލު މަންޒިލަކަށް ވުމުގައި ވެސް އެންމެ ބޮޑު ރޯލެއް އަދާކުރީ ރިސޯޓު ޓޫރިޒަމް އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ރިސޯޓު އަދި ހޮޓެލް ބްރޭންޑުތަކުން ރާއްޖޭގައި މަތީ ފަންތީގެ ރިސޯޓުތައް ހިންގަމުން އަންނައިރު ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ބޭނުންވާ 'ޕްރައިވެސީ' ވެސް ލިބެނީ ރިސޯޓުތަކުންނެވެ.

ލަގްޒަރީ ޓޫރިޒަމަށް އެކަނި ރާއްޖޭގެ ފަތުރުވެރިކަން ހާއްސަވެފައި އޮތްއޮތުން ނިމުމަކަށް އައީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތްދޭން ހޮޓާތަކާއި ގެސްޓްހައުސްތައް އަޅާ، ހިންގަން ހުއްދަ ދިނުމާ އެކު އެވެ. ކުޑަ ބަޖެޓެއްގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި އެތައް ހާސް ބަޔަކަށް މިއީ ރަނުގެ ފުރުސަތަކަށް ވި އެވެ. މިއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ރާސްލާފައި ވަނީ މައްޗަށް ޖެހެން ފަށައިފަ އެވެ.

ގެސްޓްހައުސް ޓޫރިޒަމާ އެކު ފަތުރުވެރިން އަންނަ އަދަދު އިތުރުވި ނަމަވެސް، ކަންބޮޑުވާންވީ ސަބަބުތަކެއް އެބަ ފެނެ އެވެ. ބަޖެޓު ޓޫރިޒަމާ އެކު ރިސޯޓްތަކުގެ އާމްދަނީ ވަނީ ދަށްވާން ފަށައިފަ އެވެ. އޭގެ މާނައަކީ ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ ވެސް ދަށަށް ދިއުމެވެ.

ޓޫރިޒަމް ދާއިރާގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ޓޫރިޒަމްގެ ތަފާސްހިސާބުތަކާ އެކު ފެންނަ މަންޒަރުތަކުން ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށް ބުނެފަ އެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު 'ދައުރު' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ 2022ގައި ރާއްޖޭގެ ޓޫރިޒަމުން 5.4 ބިލިއަން ޑޮލަރު (77 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރި ކަމަށާއި ނަމަވެސް އެ އަދަދު 2023ގައި 5 ބިލިއަން ޑޮލަރަށް ދަށްވި ކަމަށެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގައި މަޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ނަޒީރު (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

"ޓީޖީއެސްޓީގެ ގޮތުގައި %16 ނަގާތީ އާމްދަނީއަށް އޭގެ އަސަރެއް ނުކުރި. މުޅި [ޓޫރިޒަމް] އިންޑަސްޓްރީއިން ލިބުނު އާމްދަނީ ދިޔައީ ދަށަށް،" ނަޒީރު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބޮޑު ކޮންސާންއެއް. އަޅުގަނޑުމެންގެ ޔީލްޑް ޕާ ރޫމް އިޒް ގޮއިން ޑައުން."

ނަޒީރު ފާހަގަކުރެއްވި ގޮތުގައި އާމްދަނީ ދަށަށް ދާން ފެށި އެއް ސަބަބަކީ، ލަގްޒަރީ ޓޫރިޒަމަށް ވުރެ ބޮޑަށް ރާއްޖޭގައި އަގުހެޔޮ ޓޫރިޒަމް ފުޅާވެ ކުރިއަރަމުންދާ ވަރު މާ އަވަސްވުމެވެ.

"އަޅުގަނޑަށް ދެންނެވޭނީ ގެސްޓްހައުސް ސެކްޓާ ބޮޑުވީމައޭ އެއީ. އަގުހެޔޮ ވީމާ އެ ދާއިރާ ފުޅާވޭ. އަގުބޮޑު ރިސޯޓު ސެކްޓާގެ ކުރިއެރުން މި ހުންނަނީ ހިފެހެއްޓިފައި،" ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވެސް ތަޖުރިބާކާރެއް ކަމަށްވާ ނަޒީރު ވިދާޅުވި އެވެ.

ފުލިދޫގައި ހިންގާ ގެސްޓްހައުސްއެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ރާއްޖެއަށް ޓޫރިޒަމުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ވަންނަނީ ލަގްޒަރީ ރިސޯޓު ޓޫރިޒަމުން ކަމަށް ނަޒީރު ވިދާޅުވި އެވެ.

"އެ ދާއިރާ، ގެސްޓުހައުސް ސެކްޓަރާ އެއްވަރަށް ފުޅާ ނުވާ ނަމަ، ކުރި ނާރާ ނަމަ [އާމްދަނީން] އޭގެ އަސަރު ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް 2022ގައި 1.7 މިލިއަން ފަތުރުވެރިން އަދި މިދިޔަ 2023ގައި 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި އިރު ޓޫރިޒަމުން ލިބުނު އާމްދަނީ 2022އާ އަޅާބަލާއިރު 2023ގައި ދަށްވުމަކީ، ނަޒީރު ފާހަގަކުރެއްވި ގޮތުގައި، ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ދިގުރަށުގެ ބައެއް ގެސްޓްހައުސްތައް: (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"ގާތްގަނޑަށް %12 ގެ އިތުރުވުމެއް އައި އަހަރުން އަހަރަށް ޒިޔާރަތްކުރި ފަތުރުވެރިން. އެކަމަކު އެވަރަކަށް އާމްދަނީ އިތުރެއް ނުވޭ. އެއީ ކޮންސާނެއް. އަސްލު އާމްދަނީ ވެސް ޖެހޭނީ މައްޗަށް ނޫންތޯ ދާން؟ ރާއްޖެ އަންނަ ފަތުރުވެރިންގެ އަަދަދު ރަނގަޅު. އެހެން ނަމަވެސް ލޯވާ އެންޑަށް މާ ގިނައިން އެރައިވަލްސް ދަނީ،" ނަޒީރު ވިދާޅުވި އެވެ.

ސަރުކާރުގެ އިދާރާތަކުން އާންމުކޮށްފައިވާ މައުލޫމާތުތަކާ އެކު މަޓީން އެކުލަވާލި ތަފާސްހިސާބުގެ ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ ޓީޖީއެސްޓީގެ އެވްރެޖުކޮށް %85-%84 ހިއްސާކުރަނީ ރިސޯޓުތަކުން ލިބޭ އާމްދަނީ އެވެ. ގްރީންޓެކްސްގެ ބޮޑު ހިއްސާ އަކީ ވެސް ރިސޯޓުތަކުން ލިބޭ އާމްދަނީ އެވެ.

ސަންލޭންޑްގެ ރިސޯޓް ބްރޭންޑް ކަމަށްވާ ކޮކޯ ކަލެކްޝަންގެ ކޮކޯ ޕާމް ދުނި ކޮޅު: މިއީ ރާއްޖޭގެ ރިސޯޓް ޑިޒައިނަށް އިންގިލާބީ ބަދަލެެއް ގެނައި ރިސޯޓެއް. މި ރިސޯޓަށް މި އަހަރު ވަނީ 25 އަހަރު ފުރިފައި --ފޮޓޯ/ސަންލޭންޑް

ޓޫރިޒަމް ދާއިރާ އިން ދައުލަތަށް ލިބުނު އާމްދަނީ

2022 

  • މަޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 2022ގައި ޓޫރިޒަމް ދާއިރާއިން ދައުލަތަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ އާއި 729 މިލިއަން ޑޮލަރު ލިބުނު

  • މިއީ އެ އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ %50.82

2023

  • 2023ގައި ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީގެ ގޮތުގައި ދައުލަތަށް 13.5 ބިލިއަން ރުފިޔާ އަދި 881 މިލިއަން ޑޮލަރު ލިބުނު

  • މިއީ އެ އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ %54.90

ރ. އަތޮޅުގައި ހިންގާ ޖޯލި ރިސޯޓް. (ފޮޓޯ/ބުކިން.ކޮމް)

ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން (ޓީޖީއެސްޓީ) ދައުލަތަށް ލިބުނު އާމްދަނީ

  • 2019 - ޖުމްލަ 330 މިލިއަން ޑޮލަރު. މީގެ ތެރެއިން ރިސޯޓު ވިޔަފާރިތަކުން ލިބުނީ 278.8 މިލިއަން ޑޮލަރު. އެ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީގައި ރިސޯޓުތަކުން ލިބުނު އާމްދަނީގެ ހިއްސާއަކީ %84.23

  • 2020 - ޖުމްލަ 154 މިލިއަން ޑޮލަރު، މީގެ ތެރެއިން ރިސޯޓު ވިޔަފާރިތަކުން ލިބުނީ 131 މިލިއަން ޑޮލަރު. އެ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީގައި ރިސޯޓުތަކުން ލިބުނު އާމްދަނީގެ ހިއްސާ އަކީ %85.19

  • 2021 - ޖުމްލަ 364 މިލިއަން ޑޮލަރު، މީގެ ތެރެއިން ރިސޯޓު ވިޔަފާރިތަކުން ލިބުނީ 315 މިލިއަން ޑޮލަރު. އެ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީގައި ރިސޯޓުތަކުން ލިބުނު އާމްދަނީގެ ހިއްސާ އަކީ %86.64

  • 2022 - ޖުމްލަ 487 މިލިއަން ޑޮލަރު، މީގެ ތެރެއިން ރިސޯޓު ވިޔަފާރިތަކުން ލިބުނީ 426 މިލިއަން ޑޮލަރު. އެ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީގައި ރިސޯޓުތަކުން ލިބުނު އާމްދަނީގެ ހިއްސާ އަކީ %87.53

  • 2023 - ޖުމްލަ 566 މިލިއަން ޑޮލަރު، މީގެ ތެރެއިން ރިސޯޓު ވިޔަފާރިތަކުން ލިބުނީ 481 މިލިއަން ޑޮލަރު. އެ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީގައި ރިސޯޓުތަކުން ލިބުނު އާމްދަނީގެ ހިއްސާ އަކީ %84.94

13 ޖެނުއަރީ 2023: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފަތުރުވެރިން ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) 

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ

  • 2021 - ޖުމްލަ 54.6 މިލިއަން ޑޮލަރު ލިބުނު އިރު 50.9 މިލިއަން ޑޮލަރު ދެއްކީ ރިސޯޓުތަކުން؛ އެއީ ޖުމްލަ އާމްދަނީގެ %92.80

  • 2022 - ޖުމްލަ 64.5 މިލިއަން ޑޮލަރު ލިބުނު އިރު 59.9 މިލިއަން ޑޮލަރު ދެއްކީ ރިސޯޓުތަކުން؛ އެއީ ޖުމްލަ އާމްދަނީގެ %92.80

  • 2023 - ޖުމްލަ 67 މިލިއަން ޑޮލަރު ލިބުނު އިރު 61 މިލިއަން ޑޮލަރު ދެއްކީ ރިސޯޓުތަކުން؛ އެއީ ޖުމްލަ އާމްދަނީގެ %90.80

ބެޑް ކެޕޭސިޓީ އަދި އޮކިޔުޕެންސީ

ރާއްޖޭގައި 2022 ވަނަ އަހަރު 59،745 ޓޫރިސްޓު އެނދު ހުއްޓެވެ. އެ އަދަދު 2023ގައި ވަނީ 61،706 އަށް އިތުރުވެފަ އެވެ. މިއީ %3.3 ގެ އިތުރުވުމެކެވެ.

އޮކިޔުޕެންސީ އަށް ބަލާއިރު؛

  • 2022 ވަނަ އަހަރުގެ ޖުމްލަ އެވްރެޖު އޮކިޔުޕެންސީ އަކީ 58.9؛ ހަމައެކަނި ރިސޯޓުތަކުގެ އެވްރެޖު އޮކިޔުޕެންސީ އަކީ 71.4

  • 2023 ވަނަ އަހަރުގެ ޖުމްލަ އެވްރެޖު އޮކިޔުޕެންސީ އަކީ 57.6؛ހަމައެކަނި ރިސޯޓުތަކުގެ އެވްރެޖު އޮކިޔުޕެންސީ އަކީ 66.3

މި ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރުން 2023 ވަނަ އަހަރަށް ޖުމްލަ އެވްރެޖު އޮކިޔުޕެންސީ ވަނީ %2.2 ދަށަށް ގޮސްފަ އެވެ. ރިސޯޓުތަކުގެ އެވްރެޖު އޮކިޔުޕެންސީ ވަނީ %7.1 ދަށްވެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރިސޯޓު މުވައްޒަފުން ފަތުރުވެރިންގެ ލަގެޖް ލޯންޗަށް އަރުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) 

ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވި ނަމަވެސް ޓޫރިޒަމުން ލިބޭ އާމްދަނީ އަހަރުން އަހަރަށް ދަށަށް ދާތީ ރާއްޖޭގެ އުފެއްދުންތެރިކަން މަޑުޖެހޭނެ ކަމުގެ އިންޒާރު ވޯލްޑު ބޭންކުން ވެސް ވަނީ ދީފަ އެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން އާންމުކުރި ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓު ރިޕޯޓުގައި ވާ ގޮތުން، މި އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ %4.7 ގަ އެވެ. މިއީ ކުރިން ވޯލްޑް ބޭންކުން ލަފާކުރި ވަރަށް ވުރެ %0.5 ދަށް މިންވަރެކެވެ.

ރާއްޖޭގެ ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި ކުރުން ދަށްކުރީ، ޓޫރިޒަމް ސިނާއަތް ބަދަލުވަމުން އަންނަ ގޮތުން ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ. އެގޮތުން، އަގުބޮޑު ރިސޯޓުތަކުގެ ބަދަލުގައި ގިނަ ފަތުރުވެރިން މިހާރު އަންނަނީ އަގުހެޔޮ ގެސްޓުހައުސްތަކަށް ކަމަށް ރިޕޯޓްގައި ބުނެ އެވެ.

އއ. އުކުޅަހުގައި ފަތުރުވެރިންތަކެއް ހިނގާފައި ދަނީ.  (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެ ރިޕޯޓުގައިވާ ގޮތުގައި:

  • 2022ގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރީ %2 އިން

  • މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހަރަކާތްތަކަށް %5ގެ ހީނަރުކަމެއް އައި؛ މިއީ މިފަދަ ހީނަރުކަމެއް ޖެހިޖެހިގެން އައި ދެ ވަނަ ކުއާޓަރު

  • އެ ހީނަރުކަން އަންނަ ސަބަބަކީ ވެސް ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓުހައުސްތަކަށް ދާ ފަތުރުވެރިންގެ އަދަދު އިތުރުވުން

މިއަހަރު ރާއްޖެއަށް 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ގެންނަން އަމާޒު ހިފާފައިވާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާ އެއްވަރަށް ދައުލަތަށް ލިބޭ އާމްދަނީ ނިސްބަތުން މައްޗަށް ނުދިއުން އެކަށީގެންވެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ އަގުބޮޑު ރައުސުލްމާލު، ލަގްޒަރީ ޓޫރިޒަމް ޕްރޮމޯޓުކޮށް، އެ ކޮމްޕޯނެންޓް މިހާރަށް ވުރެ ބޮޑަށް ކުރިނާރުވާ، ރާއްޖޭގެ ޓޫރިޒަމްގެ އަސްލު ފައިދާ ނުފެންނާނެ އެވެ. 

ކޮމެންޓް (7)

profile-image-placeholder

ހިތަދު 2

8 އޭޕްރީލު 2024
ދުނިޔޭގެ އެންމެ އަގުބޮޑު ޖަވާހިރާ ރަނާ ތެޔޮ އެފްރިކާއިން ނެގިނަމަވެސް އެ ގައުމު ވަރަށްވެސް ފަގީރު، ރާއްޖެވެސް ހަމަ އެހެން މިވަނީ

ޙިޕް

6 އޭޕްރީލު 2024
މިހާ ތަފްސީލުކޮގް މިޙަބަރު ލިޔުނީ ދައުރުން އެކަނި.

އައިޖޭ

6 އޭޕްރީލު 2024
ތައިލޭންޑް ފަދަ ގައުމުތަކުގައި ހަދާފަ ހުންނަ ސިސްޓަރ ކުންފުނި ތަކުން ކުދަ އަގެއްގައިރާއްޖޭގެ ބެޑް ގަނެފައި، ބޮޑު އަގުގައި ގެސްޓުމީހާ އަށް ވިއްކަނީ،،،، ދެން ޓެކްސް ދައްކނަީ އެއްކަލ ސިސްޓަރ ކުނފުނިން ނެގި ކުޑަ ރޭޓް ގައި ... މިއީ ޓެކްސް ފްރައުޑް

ޓެކްސް

5 އޭޕްރީލު 2024
މިހާރު މިއޮތީ ގިރީން ޓެކްސް ގެސްޓްއަހުސް ތަކުން ނަގަޖެއިފައެވެ. އަދި ޓެކްސް ނިޒާމް ރަނގަޅު ކުރަންވެފައެވެ.

ގްރީންޓެކްސް

5 އޭޕްރީލު 2024
@ޓެކްސް މިހާރުވެސް ގެސްޓުހައުސްތަކުން ގްރީން ޓެކްސް ދައްކާ

ާއަހްމަދު

5 އޭޕްރީލު 2024
އާމްދަނީ ދަށްވަނީ ރިސޯޓްތަކުން އަގުބޮޑުކޮށް ބޭރުގެ އެޖެންޓުންނަށް ރޫމް ވިއްކާފައި އެ ވިއްކާ ރޫމް އަގަކީ ރެއަކަށް 500$ ކަމަށްހަދާފައި 500$ ޑޮލަރުގެ ރޭޓުން ޓީޖީއެސްޓީ ދައްކާނީ މައި ހުރިހާ ރިސޯރޓް އޯނަރުން އެއްބަސްވެގެން ކުރާކަމެއް...

މުހައްމާ

10 އޭޕްރީލު 2024
@ާއަހްމަދު އާމްދަނީ ދަށްވަނީ ގެސްޓްހައުސް ތަކުން މީރާއަށް އޮޅުވާލާތީ. ގެސްޓްހައުސް ތަކުގަތިބޭ އަސްލު އަދަދު އޮޅުވާލާ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް