ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ހޮވަން ޕީއެންސީގެ މަޝްވަރާ މަޖިލީހުގައި ނެގި ސިއްރު ވޯޓު ކާމިޔާބުކުރެއްވުމަށް ފަހު ޑރ. މުހައްމަދު މުއިއްޒު (ވ) އާއި ދެން ވާދަކުރެއްވި އާދަމް ޝަރީފް އުމަރު 3 އޮގަސްޓް 2023 ގައި (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ސިޔާސީ

ޔާމީން ދެއްވީކީ ނޫން، ރައީސް މުއިއްޒު އަތުލެއްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ދައްކަވާ ބައެއް ވާހަކަފުޅުތަކާ އެކު ރިޔާސީ އިންތިހާބުގެ ދުވަސްވަރުގެ ހަނދާންތައް ވަނީ އާވަން ފަށާފައި
1 އޭޕްރީލު 2024
2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅުތައް މިހާރު ވަރަށް ގިނަވެއްޖެ އެވެ. ހާއްސަކޮށް ޕީޕީއެމް/ޕީއެންސީއާ ބެހޭ ގޮތުންނާއި ރައީސް ކަމަށް މުހައްމަދު މުއިއްޒު ވަޑައިގެންނެވި ގޮތާ މެދުގަ އެވެ.

އެކަމަކު އެންމެ ބޮޑު ހަގީގަތް މި އޮތީ އޮޅިފަ އެވެ؛ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ފުރުސަތު މުއިއްޒުއަށް ޔާމީން ދެއްވީކީ ނޫނެވެ. މުއިއްޒު އެ ފުރުސަތު ހޯއްދެވީ އެވެ. ނުވަތަ ޕީއެންސީގެ ޓިކެޓް 'ދަމައިގެންނެވީ' އެވެ.

ޕީޕީއެމް/ޕީއެންސީ ތެރޭގައި އޮތް ރިޔާސީ ޓިކެޓްގެ ވާދަވެރިކަމާއި ފެކްޝަންތަކުގެ ވާހަކަ އަޅުގަނޑު ވާނީ އެދުވަސްވަރު ވެސް ލިޔެފަ އެވެ. އެއީ އެ މައުލޫމާތު ދެނެހުރި މީހުން އޭރު ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އޭރު ޕީޕީއެމް/ޕީއެންސީގެ ބައެއް ވެރިންނާއި އާންމު މެމްބަރުން އެ ވާހަކަތަކާ މެދު ހިތްހަމަ ވެސް ނުޖެހުނެވެ. އެކަމަކު ހަގީގަތް ވާނީ ހަގީތަކަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ހޮވަން ބޭއްވި ސިއްރު ވޯޓު ގުނަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ރިޔާސީ އިންތިހާބަށް ޔާމީނަށް ކުރިމަތިނުލެއްވޭނެކަން ޔަގީންވި އިރު ޔާމީންގެ ވިސްނުންފުޅު ހުރީ، އެމަނިކުފާނާ ކައިރި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، މުޅި އިންތިހާބު ބޮއިކޮޓްކުރާށެވެ. ޕީއެންސީން ރިޔާސީ ޓިކެޓް މުއިއްޒު ހޯއްދެވިޔަސް، އިންތިހާބަށް ނުކުންނެވުމަކީ، ޔާމީން ގަބޫލު ކަމެއް ނޫނެވެ. ޕީއެންސީގެ މަޝްވަރާ މަޖިލިހުގައި ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބޭއްވި ވޯޓުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ނުކުންނެވީ ޔާމީން ފަޅިންނެވެ. އެއްބަޔަކު އޭރު ބުނި ގޮތުން ނަމަ ޓިކެޓް ލިބިވަޑައިގަތަސް، ޔާމީން ބޭނުންފުޅު ނޫން ނަމަ އިންތިހާބުގައި ވާދަނުކުރައްވާ ގޮޮތަށް އާދަމް ޝަރީފު ހުންނެވީ ގަބޫލު ވެސް ކުރައްވައިގެންނެވެ.

އެ ދުވަހު ހަވީރު ބައްދަލުވުން ބާއްވަން، ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނިންމެވީ ސަބަބެއް އޮވެގެންނެވެ. ޔާމީން ފަޅީގެ ބޭފުޅުން އުޅުއްވީ ރޭގަނޑަށް އެ ވޯޓު ފަސްކުރާށެވެ. އެގޮތަށް ހެއްދެވި ނަމަ މުއިއްޒަށް މެޖޯރިޓީ ގެއްލޭނެކަން އަބްދުއްރަހީމަށް އެނގިވަޑައިގަނެ އެވެ. އެހެންކަމުން އެންމެ ރަނގަޅު ދަނޑިވަޅު އެ ވޯޓު ބާއްވައި، މުއިއްޒު ޓިކެޓް ހޯއްދެވި އެވެ.

"ޔާމީން ބޭނުމެއް ނޫން ކެންޑިޑޭޓަކު ނެރޭކަށް. ކޮން ވާހަކައެއް މިހާރު އެ ދައްކަނީ؟" އޭރު ވެސް ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަ ދެއްކެވި ބޭފުޅަކު މިއަދު އަލުން އެ ވާހަކަ ތަކުރާރުކުރެއްވި އެވެ.

"ޔާމީންގެ ފަޅިން ފަހު ވަގުތު އުޅުނީ ގާސިމަށް [ޖުމްހޫރީ ޕާޓީގެ ލީޑަރު]ގެ ފަހަތަށް އަރަން. އެކަން ވެސް ނުވީ މުއިއްޒުމެން ކުޅުނު ކުޅި ވަރުގަދަ ވީމާ."

ޕީއެންސީގެ ވޯޓުން ބަލިވި އާދަމް ޝަރީފާ، އަބްދުއްރަހީމް އަބްދުﷲ ސަލާންކުރައްވަނީ  (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓުން ވެސް އޭރު ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ރަނގަޅަށް ލަފާކޮށްލެވޭނެ އެވެ.

"ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު (މިހާރުގެ ރައީސުލްޖުމްހޫރިއްޔާ) ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އީސީއަށް ފޯމް ހުށަހެޅުއްވީ 7 އޯގަސްޓް 2023ގައި. ރައީސް ޔާމީން ސޮއިކުރައްވާ، އެމަނިކުފާނުގެ ގާނޫނީ ޓީމު ފޮނުއްވައިގެން އިސް ވަކީލު 2 ޕާޓީގެ ސެނެޓަށް އިއްވެވި ނޯޓަކުން އިންތިޚާބް ބޮއިކަޓް ކުރަން އެންގެވީ 6 އޯގަސްޓް 2023 ގައި. ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރީ ވެސް 6 އޯގަސްޓް 2023ގައި،" އަބްދުއްރަހީމް ލިއުއްވި އެވެ.

"ޕީއެންސީ އިން ރިޔާސީ ކެންޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިޚްލާޞްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސުޕްރީމް ކޯޓްގެ ޙުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީއިން ރިޔާސީ އިންތިޚާބް ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ؟"

ބޭނުމަކީ، އަބްދުއްރަހީމް ވިދާޅުނުވިޔަސް، ޔާމީނަށް ޕީޕީއެމް ގެއްލިގެން ދިޔަ ނުދިނުމެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ނުކުންނެވިޔަސް، އެ ކެންޑިޑޭޓާ އެކު ތިބޭނީ ޕީޕީއެމްގެ ސަޕޯޓަރުންނެވެ. އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު، ޔާމީންގެ ބާރާއި އާރު، އެ ހިސާބުން އެ ނިމުނީ އެވެ.

އެކަން ވީ އެހެންނެވެ. ޔާމީންގެ ފޮޓޯފުޅު ބޮޑުކޮށް ޖަހައިގެން ކުރި ކެމްޕޭނަށް ފަހު މުއިއްޒު އެ ބާރު ހޯއްދެވި އެވެ. ދެން މިހާރު މި ފެންނަނީ ސިޔާސީ ކުޅިވަރެވެ. ޔަމީންގެ ޝަރީއަތް ލަސްވުމާއި ޔަމީނާ އެކު އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމާއި އަބްދުއްރަހީމްގެ ޓުވީޓް ގޮތަށް ސަރުކާރުގެ އިސް ހުރިހާ ބޭފުޅުން ސީދަލަށް ޔާމީނަށް ރައްދު ދެއްވުމެވެ. 

"ޕީޕީއެމްއަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވާ ޕީޕީއެމްއިން ރިޔާސީ ކެންޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯ؟" އަބްދުއްރަހީމްގެ ޓްވީޓްގައި ސުވާލުކުރެއްވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް (ފޭސްބުކް ފޮޓޯ/މަލީހު ޖަމާލު)

މިހާ ސީދަލަށް މި ޒުވާބެއްގެ ތެރެއަށް މި ހުރިހާ ބޭފުޅުން ވެއްޓިގެން މި އުޅެނީ ވެސް، ރިޔާސީ އިންތިހާބާ ބެހޭ ފެށުން، ޕީޕީއެމް/ޕީއެންސީ ތެރޭގައި މުޅިން ގޯސްކޮށް އޮތުމުންނެވެ. ޔާމީނަށް ކުރިމަތިނުލެއްވޭނެކަން ޔަގީނާ ގާތަށް އެނގިވަޑައިގަންނަވާ އިރު ވެސް ޕާޓީގެ އެއްވެސް ބާރެއް އެހެން ބަޔަކަށް ދޫކޮށްނުލެއްވުމެވެ. އެކަމަކު ޔާމީންގެ ވިސްނުންފުޅު އެނގޭ އެތައް ބަޔަކު ޕީޕީއެމް ކޯލިޝަންގައި ތިއްބެވެ. ދާ މިސްރާބު ބަލަމުން ދިޔަ އެތައް ބަޔަކު، ޕާޓީގެ އިސް ސަފުގައި ތިބީ، ގުޅިލާމެހިގެންނެވެ. ޔާމީނަށް ކުރިމަތިނުލެއްވުނަސް ޕީޕީއެމް/ޕީއެންސީން އިންތިހާބުގައި ވާދަކުރަން ޖެހޭނެކަމަށް ނިންމައިގެންނެވެ.

އެކަން ގަބޫލުފުޅުނުކުރެއްވީ ޔާމީން އެވެ. އެހެންކަމުން ރައީސް މުއިއްޒަށް ރައީސްކަމަށް ވަޑައިގެންނެވުނީ ޔާމީން ޓިކެޓް ދެއްވައިގެންނޭ ބުނެވޭނެ ޖާގައެއް ނެތެވެ. ތެދެކެވެ. ކެމްޕޭން ހިންގީ ޔާމީނަށް ރަމްޒީ ހުސް ގޮނޑިއެއް ވެސް ބަހައްޓައިގެންނެވެ. މުއިއްޒުގެ ފޮޓޯފުޅަށް ވުރެ ބޮޑަށް ޔާމީންގެ ސޫރަ މާ ފުރިހަމައަށް ދައްކައިގެންނެވެ.

ސިޔާސީ ހަރަކާތަކީ މިކަހަލަ ބޮޑު ސަކަރާތްގަނޑެއް ކަމަށް ވެސް ބަލަން ވާނެ އެވެ. އެކަމަކު އޭގައި ހުރި ހަގީގަތްތަކުގެ މައްޗަށް ދެބަސްވެވޭކަށް ނޯންނާނެ އެވެ.

ހަގީގަތް ވަރަށް ސާފެވެ. ރިޔާސީ އިންތިހާބަކީ ރައީސް މުއިއްޒު ހޯއްދެވި ވަރަށް ތަދު ފުރުސަތެކެވެ. ޔާމީން ދެއްވަން ބޭނުންފުޅު ނުވި އެކަމަކު މުއިއްޒު އާއި އަބްދުއްރަހީމް ކަހަލަ ބޭފުޅުންގެ އެކުވެފައި އޮތް ވިސްނުންތަކެއްގެ ނަތީޖާ އެވެ.

ކޮމެންޓް (2)

ސިކުނޑި

3 އޭޕްރީލު 2024
އަބްދުއްރަހީމާއި މުއިއްޒުގެ ވިސްނުންފުޅަކީ ހަރާމްކޯރުވުމެވެ. ވައުދުތަކާއި ހުސްގޮނޑިއާއި ފޮޓޯއަކީ ސިޔާސީ ކުޅިޔެއްކަމަށް ލިޔުންތެރިޔާ މިހާރު ސިފަ ކުރިޔަސްއެއީ އެއީއެއިރު އެތައް ރައްޔިތުންނެއްގެ އިހުސާސްތަކާއި ކުޅެލި ގޮނޑިއެކެވެ. އެތައް ބައެއްގެ އުންމީދު އެގޮނޑިއާއި ފޮޓޯގައި ހިމެނޭއެއްޗެއް! އެއީ ނުހައްގުން ޖަލަށްލާފައިވާ ރައީސްޔާމީނު މިނިވަން ކުރުމުގެ އުންމީދެވެ. ކޮންމެފަދަ ކަމެއްވެސް ކޮށް ނިންމާފައި މީސިޔާސީ ކަމެކޭ ބުންޏަސް ބަސްތަކާއި އަމަލުތަކުގެ ހިސާބު ބެއްލެވޭނެ ދުވަހެއް އޮންނާނެއެވެ. ސިޔާސީގޮތުން އޮރިޔާންވާއިރުވެސް ތަންދޮރު ނޭނގޭ ބައެއް މިނޫނީ މިރާއްޖޭގެ ސިޔާސީ މަސްރަހުން ނުދެކެވެ. މިހާރު ފުއްޕާފައި މިއުޅެނީ ސިޔާސީ ރަންޑިންނެވެ. ސިޔާސީ ބާރަކީ އަވާމެންދުރެކެވެ. މީހަކަށް އަނިޔާއެއް ދީފައިވާނެ މޮޅެއް ނޯންނާނެއެވެ. ރައީސޭކިޔާފައި މީހުން ސަޖިދަވެސް ކޮށްފާނެ! އެކަމަކު އެއީ ދެއްކުންތެރިކަމެކެވެ.
5 5

ކޮސް

1 އޭޕްރީލު 2024
މާކުރިން މުއިއްޒު މިކަލްކިއުލޭޝަން ހައްދަވައިފިނޫންތޯ ،މޫސަ!. މޭޔަރުކަމަކީ ދުރުރާސްތާ ޕުލޭން. އެތަނުގެ ބޭފުޅަކު މުއިއްޒަށް ކެންޕޭން ކުރައްވައިގެން ސީދާ ޖަލުން " ނޯޓެއް" ފޮނުއްވި ވާހަކަ ގިނަ ބަޔަކު އަދި ހަނދާނެއްނުނެތޭ.
12 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް